ޝެއަރިން ބްރެޑްގެ ހިތްހެޔޮކަން: ހައިހޫނުކަން ފިލުވައިދިނުން

މިހާރު އެންމެ ހާލުގައި ޖެހުނު އެއް ބަޔަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ލޮކްޑައުން ކުރުމާ އެކު، އެ މީހުންނަށް މަސައްކަތް ނުލިބި، ގޭތެރޭގައި ބަންދުވާން ޖެހި ތަހައްމަލު ކުރަން ފެށީ ހައިހޫނުކަމެވެ. ކާނެ އެއްޗެއް ނެތި، ބައެއް މީހުން މަގުމައްޗަށް ސަލާން ޖަހަން ވެސް ނުކުތެވެ.


މިފަދަ މަންޒަރުތަކުން ހިތަށް ނުކުޅަދާނަ ވެގެން، އަމިއްލަ ބައެއް ޖަމިއްޔާތަކުން އެހީވާން ފެށި އެވެ. އަދި ޒުުވާނުންތަކެއް އެކުވެގެން ފޭސްބުކްގައި ހެދި "ޝެއަރިން ބްރެޑް" ޕޭޖް މެދުވެރިކޮށް އެ ޒުވާނުން މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 200 އަށް ވުރެ ގިނަ ބިދޭސީންނަށް ކާންދީފަ އެވެ.

"އަހަރެމެން އެއްކޮށް އުޅޭ ދެތިން ކުއްޖަކާ މިކަހަލަ ބިދޭސީންނާ ދިމާވީ. އަދި އެމީހުން އެދެނީ ކާއެއްޗިއްސަކަށް ވެސް ނޫން، އަމިއްލައަށް އެވަރު ލިބޭނެ މަސައްކަތެއް ދިނުމަށް،" ޝެއަރިން ބްރެޑްގައި ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ.

މިއީ ސަދަގާތެއްގެ ގޮތުގައި ބަޔަކަށް އެހީވާން އެ މީހުން ކުރާ މަސައްކަތަކަށް އެއީ ކޮން ބައެއްކަން އެނގޭކަށް ބޭނުމެއް ނުވެ އެވެ. އެ މީހުންގެ ބޭނުމަކަށް ވީ، މި ނިކަމެތި ހާލަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމެވެ. ފަރުދީ ލެވަލްއެއްގައި ކޮށްދެވުނު ވަރެއް ކޮށްދޭށެވެ. އެއީ ވެސް އިންސާނުން ކަމަށް ދެކި އެހީތެރިވުމެވެ.

ހާލުގައި ޖެހިފައި ތިބި ބިދޭސީންނަށް "ޝެއާރިން ބްރެޑް އެމްވީ"ގެ ފަރާތުން ދޭ ޕާރުސަލް

މީގެ ހަފުތާއެއް ކުރިން އެންމެ ފުރަތަމަ އެ ޕޭޖް ހެދީ ހަތަރު އެކުވެރިން އެކުވެގެންނެވެ. އެހީ ހޯދަން ފެށި މަސައްކަތުގައި މިހާރު 10 ވަރަކަށް ޒުވާނުން ހަރަކާތްތެރިވެ އެވެ. އަދި އެކި ގޮތްގޮތުން ވަރަށް ގިނަ މީހުން މާލީ އެހީ ވެސް ދެމުން އަންނަކަން ފާހަގަކުރި އެވެ.

ވާހަކަ ދެއްކި ބައިވެރިޔާ ކިޔައިދިން ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އެކި ގޭގެއިން ލިބޭ ތަކެތި އެއްކޮށްލައިގެން ރޯދަ ވީއްލުމެއް ދޭށެވެ. ނަމަވެސް ފަހުން އެ ހިޔާލު ބަދަލުވި އެވެ.

"އަސްލު އެމީހުން ރޯދަ ވީއްލާ އުޅެނީ ކުޑަ މޭވާ ކޮޅެއް ކަހަލަ އެއްޗަކުން. އެވަރުވޭ އެމީހުންނަށް. އެކަމަކު [ރޯދައަށް ތިބޭތީ] އިންސާނަކަށް އެބަ ބޭނުންވޭ ރަނގަޅު މީލްއެއް. އެމީހުން ވެސް އެމީހުން އާންމުކޮށް ކާ އެއްޗިއްސަށްތާ ވަރުހުންނާނީ ވެސް،" އޭނާ ބުންޏެވެ.

ހާލުގައި ޖެހުނު ބިދޭސީންގެ ޒަރޫރީ އެ ބޭނުމަށް ވިސްނައި، ޒުވާން ގްރޫޕުން ދެން މަސައްކަތް ފެށީ އެމީހުން ބޭނުންވާ ކަހަލަ ކާނާ ހިމަނައިގެން ދުވާލަކު ރަނގަޅު އެއް މީލް ދެވޭ ވަރު ކޮށްދޭށެވެ. އެގޮތުން މާލޭގައި ބިދޭސީންނަށް ކާތަކެތި ތައްޔާރު ކުރަން ހާއްސަ ތަނެއް ކަމަށް ވާ 'ކޮއްތު އަށި'އާ އެކު އެއްބަސްވެ އެމީހުންނަށް އަގު ދީގެން އެކި ތަންތަނަށް ޑެލިވާކުރަން ފެށީ އެވެ. ކޮއްތު އަށި މީހުންގެ އިތުރުން ޒުވާނުންގެ މި ޓީމުން ވެސް ޑެލިވަރީގައި ބައިވެރިވެ އެވެ.

މިހާރު ބަހަމުން އަންނަ ޕާރުސަލެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 30ރ އާއި 40ރއާ ދެމެދުގަ އެވެ. މ ކަމަށް ބޭނުންވާ މާލީ އެހީ ހޯދަން އާންމުންނަށް އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން އެކައުންޓް ނަމްބަރު ޝެއާކުރުމުން މިހާރު ވެސް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭކަން އެ ޒުވާނުން ފާހަގަކުރި އެވެ. ފައިސާގެ އެހީގެ އިތުރަށް ބައެއް މީހުން އަންނައުނާއި ހިފާގެންގުޅޭ ސާމާނު ވެސް ހަދިޔާކުރަމުން އާދެ އެވެ.

"ފުރަތަމަ ހިއެއް ނުކުރަން މިވަރަށް ލިބޭނެއެކޭ. އެހެން ކޮއްތު އަށީގެ އެކައުންޓް ނަމްބަރު ފުރަތަމަ ދިނީ ވެސް. އެކަމަކު ވަރަށް ގިނަ މީހުން އެހީވާން ފެށުމުން، އެކަން ރަނގަޅަށް މެނޭޖްކުރަން އަމިއްލަ އެކައުންޓެއް ދީގެން މި އުޅެނީ،" ޒުވާނާ ބުންޏެވެ.

"މިހާރު ވެސް 20،000 އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ."

އޭނާ ބުނި ގޮތުގައި ހާލުގައި ޖެހިފައި ތިބި ބިދޭސީން ހޯދާކަށް އުނދަގުލެއް ނޫނެވެ. އެ ހާލަތުގައި ތިބި މީހުން އުޅޭ ތަންތަން އަނެއް ބަޔަކު ކިޔައިދެ އެވެ.

"ޝެއާރިން ބްރެޑް އެމްވީ"ގެ ބައިވެރިން ބުނާ ގޮތުގައި އެހީއަށް ބޭނުން ދިވެއްސަކު ހުރި ނަމަވެސް އެކަން ކޮށްދޭނެ އެވެ. މިއީ އިންސާނިއްޔަތަށްޓަކައި ފެށި މަސައްކަތަކަށް ވާތީ، މި ހާލަތުގައި އެ މީހުން ތިބީ، އެހީތެރިވުމުގެ އަތް ހުޅުވާލައިގެން ކަމަށް ވެސް ބުންނެވެ.

ކޮންމެ ގައުމެއްގައި ވެސް މި ކަހަލަ އުނދަގޫ އަދި ނިކަމެތި ދުވަސްވަރު ހިތްވަރާ އެކު މިފަދަ ޒުވާނުން ނުކުމެ އެވެ. މިއީ އޭގެ ތެރެއިން އެއް ގްރޫޕެވެ.