ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 7، 2020، ބުރާސްފަތިދުވަހުގެ ބަޔާ ގުޅޭ)


ތިން މީހުން ވެގެން ހައްވަ މޮހެލި އެވެ. ޒުވާން ދެ މީހުން ހައްވަ ނަގައި، ކޮނޑަށް ލި އެވެ. ދުވަސް ވީ މީހާ އަށި ދަށަށް ގުދުވި އެވެ. ދެން އޭނާ އެތަނުން އެއްޗެއް ނެގި އެވެ. ދެ ފިރިހެނުންގެ ކޮނޑުމަތީ އޮވެގެން ބަލައިލި އެވެ. އެއީ އޭނާގެ ފޮއްޓެވެ. އޭނާގެ ކަނޑި ވެސް ލާފައި އޮތް ފޮއްޓެވެ.

އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ވަލުތެރޭގައި ކޮށާފައި އޮތް ހަނިހަނި މަގަކުން ކުރިއަށް ހިނގައިގަތެވެ.

ހައްވަގެ ވަރުބަލިވެފައި އޮތް ހަށިގަނޑަށް މަޑުމަޑުން ނިދީގެ އަސަރުތައް ވެރިވާން ފެށި އެވެ. އާންމު ހާލަތުން ބޭރުގައި އޭނާއަށް ދިމާވި ހާދިސާތަކުން ދުރުވެ، ހަމަ ނޭވާއެއް ލެވުނީ އަދި ކިރިޔާ އެވެ. ބާރުގަދަ ދެ ފިރިހެނެއްގެ ކޮނޑު މަތީގައި އޮވެގެން، ވަލުތެރޭގައި ކުރިއަށް ދިޔަ ވަރަކަށް ހައްވަގެ އެސްފިޔަތަކުގެ މައްޗަށް ބުރަ ބޮޑުވެ، ތިރިވި އެވެ.

އޭނާގެ ދެ ލޯ މެރުނެވެ.

--

ފަތިސް ނަމާދުކޮށްގެން، ގުރުއާން ކިޔަވާ ނިމުނު އިރު، 5:30 ވަނީ އެވެ. ހެނދުނުގެ ފުރަތަމަ އަލިކަން، ކުޑަދޮރުގެ ދަގަނޑު ތޭރިތަކުގެ ތެރެއިން ފެނެ އެވެ. އޭނާ މަޑުމަޑުން ކުޑަދޮރު ކައިރިއަށް ޖެހިލައި، ބޭރު ބަލައިލި އެވެ. ގޯތިތެރެ ފުރިފައި ވަނީ ގަސްތަކުންނެވެ. އަނބުގަހާއި ބަނބުކެޔޮގަހާއި ކުންނާރު ގަސްތަކެވެ. އުސް ފެންފޯއް ރުއްތަކެވެ.

ޖެހިޖެހިގެން ހުރި ކޮންމެ ގެއެއް ވަށައިގެން ވެސް އޮތީ ބޮޑު ހުސް ބިމެވެ. އެއިން ކޮންމެ ބިމެއްގައި ހިޔާދޭ ބޮޑެތި ގަސްތަކެވެ. ބައެއް ގޭގޭގައި ރީތިކޮށް ބަގީޗާ ހައްދާފައި ވެސް ހުއްޓެވެ.

ހެނދުނު ހެނދުނާ އެކި ހިސާބުތަކަށް ދާ މީހުންގެ ސައިކަލާއި ކުރޮޅި އާއި ކާރާއި ލޮރީތަކުގެ އަޑު އިވިއިވި ހުއްޓެވެ. ހިމޭން ރޭގަނޑަކަށް ފަހު އާންމު ދުވަހެއްގެ ފުރަތަމަ އަޑުތައް ދެން ދާނީ ގަދަވަމުން، ހަލަބޮލިވަމުންނެވެ.

ރެއަކީ އޭނާއަށް ކުރިމަތިވި އެންމެ ހަލަބޮލި އެއް ރެ އެވެ. އެކަމަކު އެ ހުރިހާ އުދާސްތަކުން ސަލާމަތްވެ، ފަތިސް ވުމުގެ ކުރިން ގެއަށް ވަދެވުނެވެ. ފެންވަރާ ނިމުނު އިރު އޭނާ ބަލަހައްޓަމުން އަންނަ 80 އަހަރުގެ ކަރީމްބެގެ ދެމަފިރިން އަދި ހެއެއް ނުލަ އެވެ. އާދައިގެ މަތިން އެމީހުންނަށް ގޮވައި، ފާހާނާކުރުވައި، ނަމާދަށް އަރުވަނީ، އޭނާ ކައިރީގައި ހުރެގެންނެވެ.

ކަރީމްބެގެ ދެމަފިރިންގެ ދަރިއެއް ނެތެވެ. އުމުރުގެ ފަހުކޮޅު އެ ފަޅުކަމަށް ލިބުނު އެހީއަކީ، އެމީހުން ބުނާ ގޮތުން، އޭނާ އެވެ. އެކަމަކު އޭނާގެ އުފަން ރަށް މަލިކު ދޫކޮށް މި ގޭގައި ވަޒަންވެރިވެވުނީ އިއްތިފާގަކުންނެވެ. އެއީ އޭނާ ދުވަހަކު ވެސް ހީކުރި އަދި އުއްމީދުކުރި ވެސް ކަމެއް ނޫނެވެ. ދުނިޔޭގެ މި ހަޔާތުގައި ކަންކަން ދިމާވުމުގައި ތިމާގެ އަމިއްލަ ބާރެއް ނޯވެ އެވެ. ކިތައްމެ ފޮނި އުއްމީދުތަކެއް ކުރިޔަސް، ހަޔާތުގެ ޗާޓު ކިތައްމެ ރީތިކޮށް ކުރެހިޔަސް، އިސާހިތަކު އެ ގެއްލި ދެ އެވެ. ސާފު ލޯބި ކިލަނބުކޮށްލަ އެވެ. ބޭވަފާތެރިކަން ވަށާލަ އެވެ. އޮޅުވާލުމާއި މަކަރުވެރިކަން ފަޅާއަރަ އެވެ.

އެ ހުރިހާ ކަމެއް ވެސް އޭނާއަށް ކުރިމަތިވި އެވެ. އޭނާ ކުރިމަތި ވެސް ލި އެވެ. އެކަމަކު އޭނާގެ ހަޔާތް ވޭތުކުރަން ޖެހޭނީ، އިންޑިއާގެ ކޮޗިންއާ ގާތްގަނޑަކަށް 45 ކިލޯމީޓަރު ދުރުގައި އޮތް ކޮޑުންގަލޫރު ސަރަހައްދުގައި ހުރި، މި ގޭގައި ކަން، ދުވަހަކު ވެސް ހިތަކަށްނާރަ އެވެ. ކޮޑުންގަލޫރަކީ މަލިކު މީހުންނަށް އާ ތަނެއް ނޫނެވެ. މަލިކު މީހުން އާންމުކޮށް ކޮޗިންއަށް ދަތުރުކުރެ އެވެ. އަދި ކޮޑުންގަލޫރުގައި ހުންނަ އިންޑިއާގެ ފުރަތަމަ މިސްކިތަށް ޒިޔާރަތްކޮށް ނަމާދު ވެސް ކުރެ އެވެ.

މީގެ ފަނަރަ އަހަރު ކުރިން އޭނާ ކޮޗިންއަށް އައީ މަންމަ ބަލިވެގެން ބޭހަކަށެވެ. އެކަމަކު މަންމަ ކުއްލިއަކަށް ބަލިވި ދުވަސްވަރާއި އޭނާގެ އުފާވެރި ހަޔާތް ފުނޑުފުނޑުވެ، އޭނާ ލޯބިވި އަނބިމީހާ ދޫކޮށްލުމާ ދިމާވީ ގާތްގަނޑަކަށް އެއް ވަގުތަކާ އެވެ. އޭނާ ބެލީ، ދުވަސްކޮޅަކަށް، އަދި ވީހާވެސް އަވަހަކަށް މަލިކުން ބޭރުވެވޭތޯ އެވެ. އެހެންކަމުން މަންމަ ގޮވައިގެން، ފެރީގައި ބާރަ ގަޑިއިރުގެ ދަތުރެއް ކޮށް، ކޮޗިންއަށް އަ އެވެ.

ޑޮކްޓަރަށް ދެއްކުމާ އެކު މަޖުބޫރުވީ ވަގުތުން މަންމަ އެޑިމިޓްކުރާށެވެ. ދުނިޔޭގައި އޭނާގެ ހުރި ހަމައެކަނި މީހަކީ މަންމަ އެވެ. އޭނާގެ އުމުރުން ފަނަރަ އަހަރުގައި ބައްޕަ މަރުވެއްޖެ އެވެ. އޭނާ ނޫނީ އެހެން ދަރިއެއް މަންމަމެންގެ ނެތެވެ.

އޭނާގެ އަމިއްލަ ދެ މަސް ދޯނި ދުއްވި އެވެ. ރަށުގައި ހުރެގެން އޭނާއަށް ލާރި ލިބުނެވެ. މަސް ހިއްކައިގެން، ނުވަތަ ލޮނު އަޅައިގެން، ސްރީ ލަންކާއަށް އެކްސްޕޯޓްކުރި އެވެ. އޭރު އޭނާ އުޅުނީ ވަރަށް ފަސޭހަ އަދި ތިޔާގި ދިރިއުޅުމެއްގަ އެވެ. އެކަމަކު އެވަގުތު އޭނާގެ ބަދުނަސީބަކަށް ވީ، އޭނާގެ ނަސީބުކަމަށް ބަލައި ކުރި ކައިވެންޏެވެ.

އެއީ އޭނާ ލޯބިވި ހައްވަ އެވެ. އޭނާއަށް އޮޅުވާލި ހައްވަ އެވެ. އޭނާއަށް ނޭނގި މުޅިން އެހެން ދުނިޔެއެއްގައި އުޅުނު ހައްވަ އެވެ. އޭނާ ނިދާފައި އޮންނަ އިރު، ބޭރަށް ނުކުމެ، ބިޔަ ހިޔަނިތަކާ އެކު ހަނގުރާމަކުރި ހައްވަ އެވެ. އެއިން އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަމަށް ހަދާފައި، ފަތިސްވުމުގެ ކުރިން ކޮޓަރިއަށް ވަދެ، އޭނާ ކައިރީގައި ނިދަން އޮންނަ ހައްވަ އެވެ.

ހައްވައަކީ އޭނާއާ ދިމާވި އެންމެ ރީތި އަންހެނާ އެވެ. އެއް ދުވަހެއްގެ ހަވީރު ހައްވަ ގޮނޑުދޮށުގައި ހުރިތަން ފެނުމާ އެކު، އޭނާ ގޮސް އޮއްސާލީ ހިތުގައި ހުރި އިހުސާސްތަކެވެ. އޭގެ ފަހުން ދެ މީހުން ބައްދަލުކޮށް، ހަމަ އެ ގޮނޑުދޮށުގައި، ރޭގަނޑު ހިނގި އެވެ. ގަޑި ހުއްޓޭނެ ނަމައޭ ހިތަށް އެރި އެތައް ރެއެކެވެ. ހައްވަ ކައިރީގައި އޭނާ ކޮންމެ ވާހަކައެއް ވެސް ދެއްކީ ސާފު ހިތަކާ އެކު އެވެ. ކުރިމަތީގައި އޮތް ކަނޑުގައި ދެ މީހުން އެކަނިމާއެކަނި ދަތުރުކުރަން ޖެހުނަސް، ހައްވަ ދޫނުކޮށް، ފޫހިނުވެ، ހިތްވަރު އެލުވާނުލައި، އުއްމީދު ކަނޑާނުލެއް ނެތި، ހައްވަ ބަލަހައްޓަން އޭނާއަށް ކެރޭނެ އެވެ. އޭނާ ބޭނުންވި އެވެ.

ކައިވެންޏަށް ފަހު ދެން އައި ރޭތައް ވެސް އެހާމެ އުފާވެރި އެވެ. އޭނާ ބާރުއެޅީ އޭނާގެ ގެއަށް ހައްވަ ގެންދާށެވެ. އެކަމަކު ބޭބެ އާއި ބައްޕަ ދޫކޮށްލާފައި ނުދެވޭނެ ވާހަކަ ބުނުމުން، އެކަން އޭނާ ގަބޫލުކުރި އެވެ. އޭނާގެ މަންމަ ވެސް، އެ އުޒުރު ބަލައިގަތެވެ.

އޭނާ ބޭނުންވީ އަވަހަށް ކުދިން ހޯދާށެވެ. ހައްވަ ވެސް ބުނީ ކުދިން ބޭނުންވާ ވާހަކަ އެވެ. އެކަމަކު އެ ނަސީބެއް ނުލިބުނެވެ.

ބަދަލުނުވާނެ ކަމަށް ގަބޫލުކުރި ލޯތްބާއި ތެދުވެރިވާނެ ކަމަށް ދިން އިތުބާރު ނެތި ދިޔައީ، އެއް ރޭ ދަންވަރު އޭނާއަށް ހޭލެވުނު އިރު ކައިރީގައި ހައްވަ ނެތީމަ އެވެ. އެއީ އެ ކައިވެނީގައި، އެ ގަޑީގައި އޭނާއަށް ހޭލެވުނު ފުރަތަމަ ފަހަރެވެ.

ހައްވައަށް ގޮވާލާފައި އޭނާ ފުރަތަމަ ދިޔައީ ގިފިލިތެރެ ބަލައިލާށެވެ. އޭނާ ދޮރު ހުޅުވާލި އެވެ. އަނދިރި ރެއެކެވެ. އެކަމަކު މަތިން ވަރަށް ބޮޑަށް އަލިވަމުން ދާތީ ބަލައިލި އެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ. ހުދު ގަމީހުގައި ތިބި ދެ މީހަކާއި ރަތް ހެދުމެއްގައި ހުރި އަންހެނަކު، ވައިގެ ތެރޭގައި، ކަޅު ހިޔަނިތަކަކާ ކަނޑި ހަނގުރާމަކުރަނީ އެވެ. ހިޔަނިތަކުގެ ރަތް ދެ ލޯ ހުރީ ދިއްލިފަ އެވެ. ކަނޑިތަކުގެ އަލި މުޅި ހިސާބަށް ފެތުރިފަ އެވެ. ކަނޑިތައް ޖެހުމުން ބުރައިގެން ދާ އަލިފާނުގެ ކަނިތަކުން މުޅި ހިސާބުގަނޑު ފުރިފައި ކަހަލަ އެވެ.

އޭނާއަކަށް ނޯޅެ އެވެ. ރަތް ހެދުމުގައި އެ ހުރީ، އޭނާގެ އަންހެނުންނެވެ. އޭނާގެ ލޯބިވެރިޔާ އެވެ. ދެން އެ ތިބީ ބަފާބެ އާއި ޅިޔަނުކަން ވެސް ޔަގީންވި އެވެ.

އޭނާއަކީ ބިރުގަންނަ މީހެއް ނޫނެވެ. އޭގެ އަސްލު ސަބަބެއް އޭރަކު ނޭނގެ އެވެ. ވަލުތެރޭގައި އެކަނިމާއެކަނި އޭނާ ކިތައްމެ ރެއަކު ހިނގި އެވެ. ހައްވައާ ބައްދަލުވެ، ލޯބީގެ ދުވަސްތައް ފެށުމުގެ ކުރިން، އޭނާގެ ހިތުގައި އޮތް ނުފެންނަ ލޯބީގެ ހުވަފެންތައް ދުށީ، އެ އެކަނިވެރިކަމުގަ އެވެ. ޖިންނި އާއި ހަންޑި އާއި ފުރޭތައިގެ ވާހަކަތަކުން އޭނާގެ ހިތަށް ވަން ބިރެއް ނެތެވެ. އޭނާއަށް އެއިން އެއްވެސް އެއްޗެއް ނުފެނެ އެވެ.

އެކަމަކު އެރޭ އެ ފެނުނީ ހުވަފެނެއް ނޫނެވެ. އެއީ ހަގީގީ މަންޒަރުތަކެކެވެ. އެފަދަ ހަނގުރާމައެއް، އިންސާނުންނާއި ހިޔަނިތަކަކާ ދެމެދު ހިނގައިފާނެއޭ އާންމު މީހެއްގެ ހިތަށް ވެސް ނާރާނެ އެވެ.

ހިޔަނިތައް ޖައްވު ތެރެއަށް ގޮސް ގެއްލުނެވެ. ހައްވަ އާއި ބައްޕަ އާއި ބޭބެ ބިމަށް ތިރިވެ، ގިފިލީގެ ފާރުގެ ފަހަތުން އޭނާގެ ލޯމަތިން ފޮރުވުނެވެ.

އޭނާ ގޮސް އެނދުގައި އޮށޯވެ ލޯ މަރާލި އެވެ.

ހައްވަ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ރަތް ކުލައިގެ ހެދުން ބާލާފައި، އަލަމާރީގައި އަޅުވާލި އެވެ. އަލަމާރި ތެރޭގައި ހުރި ކުޑަކުޑަ ފޮށި ހުޅުވާލައިފައި، ކުޑަ ވަޅިއެއް ވަރުގެ އެއްޗެއް އޭގެ ތެރެއަށް ލި އެވެ. އެއީ އޭނާއަށް ފެނުނު ދިގު ކަނޑި ނޫންކަން ޔަގީނެވެ.

ނިދާ ހެދުން ލައިގެން އައިސް މަޑުމަޑުން އެނދުގައި އޮށޯތެވެ. އޭނާގެ ނިތްކުރިއަށް ދޮނެއް ދިނެވެ. ދެން އަނެއް ފަރާތަށް އެނބުރުނެވެ.

އޭނާއަކީ ކެތްތެރިއެކެވެ. އޭނާއަކީ ވިސްނުންތެރިއެކެވެ. ކަންކަމާ އަވަސްއަރުވާލައިގެންނެއް ނޫޅެ އެވެ. އެހެންކަމުން އޭނާ ނިންމީ އަދި އެއް ރޭ އެ މަންޒަރު ދެކިލާށެވެ. ފާރަލައިގެން ހުރެ، ފެށުނީއްސުރެ ނިމެންދެން އެކަން ބަލާށެވެ. ސުވާލުކުރާނީ އޭގެ ފަހުންނެވެ.

އަނެއް ރޭ އިރާކޮޅު ވިސްނަމުން، ހައްވައާ މެދު ހިޔާލުކުރަމުން ގޮސް ނުކުމެވުނީ، ގޭ ކުރިމަތިން ވަލުތެރޭގައި ހައްވަމެން ސާފުކޮށްފައި އޮންނަ ހުސް ބިމަށެވެ. އެތަނުގައި ހުރި ބޮޑު ނިކަގަސް ދޮށުގައި، ޖޯލީގައި، އޭނާ އިށީނެވެ. މިރޭ އޭނާ ނުނިދާނެ އެވެ. ހައްވައަކީ އަސްލު ކާކުކަން، އެ އާއިލާއަކީ އަސްލު ކޮން ބައެއްކަން މިރޭ އޭނާ އޮޅުންފިލުވާނެ އެވެ.

އެކަމަކު އެހާ ހިސާބުން އޭނާއަށް ވިސްނުނީ ހައްވަ އޭނާއަށް އޮޅުވާލި ކަމެވެ. މީހާގެ އަސްލު ބުނެނުދެވެންޏާ އެއީ އޮޅުވާލުމެވެ. ހަޔާތުގައި ބޮޑެތި ސިއްރުތައް ހުރި ކަމަށް ވަންޏާ އެއީ ވެސް އޮޅުވާލުމެވެ. އޭނާ އަބަދުވެސް އެދުނީ އެއްވެސް ކަހަލަ ފޮރުވުމެއް، ދެ މީހުންގެ މެދުގައި ނުބޭއްވުމަށެވެ. "ކިތައްމެ ކުޑަ އެއްޗެއް ނަމަވެސް އަހަންނަށް ސިއްރުނުކުރާތި"އޭ، ކިތައްމެ ފަހަރަކު، އެކި ވާހަކަތަކުގައި އޭނާ ބުންޏެވެ. ސީދަލަށް، ސާފުކޮށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހައްވަ ބުނީ "އަހަރެންގެ މި ދެ ލޮލަށް ބަލާލަބަލަ!" މިހެންނެވެ. ދެން އޭނާ ބަލައިލަ އެވެ.

"ކޮން އެއްޗެއް ފެންނަނީ؟" ހައްވަ އަހަ އެވެ.

"ސާފުކަން، ރީތިކަން،" އޭނާ ބުންޏެވެ.

"އަހަރެންގެ ނެތް އެއްވެސް ސިއްރެއް. އެއްވެސް އޮޅުވާލުމެއް،" ހައްވަ ބުނެ އެވެ.

ގެއަށް ދާންވެގެން ޖޯލިން އޭނާ ތެދުވި އެވެ. އެކަމަކު އޭގެ ކުރިން އޭނާގެ ކުރިމަތިން، ޖައްވު ތެރެއިން ހިޔަންޏެއް ފޭބި އެވެ. އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. ދެން އޭނާގެ ވަށައިގެން އެތައް ހިޔަންޏެކެވެ. އެއީ ރޭ އޭނާއަށް ފެނުނު ހިޔަނިތައް ފަދަ ބައެކެވެ. ރަތް ލޯތަކެވެ.

"ކަލޭ ޖެހޭނީ އޭނާ ވަރިކުރަން. ހަމަ މިރޭ. އެއީ އިންސާނެއް ނޫން. އެއީ އަހަރެމެންގެ ތެރެއިން މީހެއް. އަހަރެމެން މި އުޅެނީ އޭނާ ގެންދަން. އޭނާ އަތުލަން،" ކުރިމަތީގައި ހުރި ބިޔަ، ބޮޑު ހިޔަނި، އޭނާއާ ދިމާއަށް ގުދުވެ، ވައި އަޑަކުން، ހަމައެކަނި އޭނާއަށް އިވޭ ވަރަށް، ބުނެލި އެވެ.

ދެން އިވުނީ އެހެން ހުރިހާ ހިޔަންޏެއް ހޭން ފެށި އަޑެވެ.

"ކަލޭގެ އަމަޔަށް ވެސް ސަލާމަތްކަން އޮންނާނީ އޭނާ ވަރިކޮށްފިއްޔާ. އެހެން ނޫނީ ކަލޭގެ އަމަޔަށް އުނދަގޫކޮށް، ނުވިއްޔާ މަރާ ވެސް ލާނަން،" ބިޔަ ހިޔަނި ބުންޏެވެ.

އޭނާ ބާރަށް ހިނގައިގަތެވެ. ދެން އިވުނު އަޑުތަކަށް، ހުނުންތަކަށް އޭނާ ފަރުވާލެއް ނުބަހައްޓަ އެވެ. އޭނާއާ އެކު އެ ހިޔަނިތައް ދިޔައީ، ވަލުގެ ވަކި ހިސާބަކަށެވެ. ދެން މައްޗަށް ގޮސް ގެއްލުނެވެ.

ހައްވަ ކައިރީގައި އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބޮލުގައި ރިއްސަނިއްޔޭ ކިޔާފައި، އޭނާ އަވަހަށް އޮށޯތީ އެވެ. އެކަމަކު އެރޭ، އޭނާ ހީކުރި ގޮތާ ހިލާފަށް، ހައްވަ ނުތެދުވެ އެވެ. ގަދަ ނިދީގައި އޮތީ އެވެ. ބައެއް ފަހަރަށް އޭނާގެ ގަޔަށް ދެ ފައި އެއްލައި، އޭނާގެ މޫނުގައި މޫނު ޖައްސާލަ އެވެ. އެއީ ލޯބިވެތި ހަރަކާތެކެވެ. އެކަމަކު އޭނާގެ ހިތް ކިލަނބުވެފައި އޮތްލެއް ބޮޑުކަމުން، އުފަލެއް ނުލިބުނެވެ.

އޭނާ ވިސްނި އެވެ. މަކަރުވެރިންގެ ހަރަކާތްތައް ހުންނާނީ ރީތިކޮށެވެ. އެހެންކަމުން އޭނާ އަހާނެ ސުވާލެއް މިހާރަކު ނެތެވެ. ފެށުން ވެސް ގޯހެވެ. އަދި މިހާރު އޭނާގެ މަންމަގެ ފުރާނައަށް ވެސް ނުރައްކާ ވާވަރަށް އެކަން ގޯސްވެއްޖެ އެވެ.

ނުނިދާ އޮތީ އެވެ. އޭނާގެ ހަޔާތުގައި ވެސް ދުށް އެންމެ ރީތި އަންހެނާ ދޫކޮށް ދާ ވަގުތު އައިސް ޖެހުނީ އެވެ. އެ ރީތި ހައްވައާ މުޅި އުމުރަށް ވެސް ދުރަށް ދާން އޭނާ ނިންމި އެވެ. ފުރަތަމަ ލޯބި ވަޅުލަނީ އެވެ.

ހެނދުނު އެގެއިން އޭނާ ނުކުތެވެ. އޭގެ ފަހުން ހައްވަގެ މޫނު ވެސް އޭނާ ނުދެކެ އެވެ. ފަނަރަ އަހަރެވެ.

މިހާރު މުޅި ހިސާބުގަނޑު އަލިވެއްޖެ އެވެ. ކުޑަދޮރު ކައިރީގައި، ބޭރަށް ބަލަހައްޓައިގެން ޝިހާބު ހުރީ މާޒީގެ ތެރެއަށް ގެއްލިފަ އެވެ.

"ހައްވަ ފިއްލަދުއަށް...." އޭނާއަށް މަޑުމަޑުން ބުނެވުނެވެ.

އެއީ ރޭ އޭނާއަށް ލިބުނު، އޭނާ ހައިރާންވި ހަބަރެވެ. ނުހަނު ހަލަބޮލި ރޭގަނޑެއްގައި މުޅި މާޒީއާ މެދު ވިސްނަން ޖެހުނު ހަބަރެވެ. އޭނާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކުރިމަތީގައި އޮތް އިހުތިޔާރު ކުޑައެއް ނޫނެވެ. އެކަމަކު އޭނާ އެގޮތަށް ނިންމައިފި ނަމަ، އޭނާއަށް އެ ދޫކޮށްލެވެނީ މިދިއަ ފަނަރަ އަހަރު އޭނާ އާރާސްތުކުރި ދުނިޔެ އެވެ. އަނދިރީގައި އޭނާ ހޯދި ހިތްވަރެވެ. އޭނާ ލިބިގަތް އިލްމެވެ. އޭނާ ކަނޑައެޅި އަޒުމެވެ.

"ހައްވަ އޮޅުވައެއް ނުލާ...." އެއީ އޭނާއަށް ރޭ އަޑުއިވުނު ވާހަކަ އެވެ.

"ހައްވަ އަދިވެސް ހުރީ ޝިހާބުގެ އިންތިޒާރުގައި...އޭނާ ގޮވަމުން އެދަނީ ޝިހާބަށް...އޭނާ އެ އެދެނީ މައާފަށް...އޭނާ އެބުނަނީ އަންނާށޭ...އަންނާށޭ...."

ޝިހާބުގެ ކަންފަތުގައި ހަރުލާފައި ހުރީ އަދިވެސް އެ ޖުމްލަތަކެވެ. ސާފު ބަހުން، އޭނާގެ އުސްތާޒު ދެމުންދިޔަ ތަފުސީލުތަކެވެ.

އޭނާ އާއި އުސްތާޒު އޭރު ތިބީ، އިންޑިއާގެ އެންމެ ފުރަތަމަ މިސްކިތް، ޗެރަމަން ޖުމާ މިސްކިތުގެ އެއް ފަރާތު ކަނުގަ އެވެ. އޭރު ގަޑިން މެންދަމު ދޭއް ޖަހަނީ އެވެ. އެއީ އުސްތާޒާއި އޭނާ ބައްދަލުކުރާ ގަޑި އެވެ. އިންސާނުންގެ ހަރަކާތްތައް ހުއްޓި، ހިމޭންވެލާ ގަޑި އެވެ.

---

ފިއްލަދޫގެ ފަސްގަނޑުގައި ފައި ޖެހުމާ އެކު ފާތިރުގެ ހަށިގަނޑު ތެރޭގައި ހިނގައިގަތީ، އެރަށް މަތިން ހިތަށްއަރާ އިރަށް، ދަލޭކަދައިތަގެ ނަން ހަނދާންވާ އިރަށް، އެ ދުއްވައިގަންނަ ގޮތް ނޭނގޭ އިހުސާސްތަކެވެ. އޭނާއަށް ހީވާ ގޮތުގައި އެއީ އޭނާގެ ރަށެވެ. އެރަށުގައި އޭނާއަށް ހުރި އެކަމަކު އަދި ނުލިބޭ އެތައް އެއްޗެއް ވެ އެވެ.

ހެނދުނު ހަނިމާދޫ އެއާޕޯޓުން ފިއްލަދުއަށް އައި ގޮތަށް ފާތިރު، އޭނާ ކުއްޔަށް ހިފައިގެން ހުރި ކޮޓަރިއަކުން ނުނިކުމެ އެވެ. ނަމާދު ކުރީ ވެސް ކޮޓަރީގަ އެވެ. އެކަމަކު އިޝާ ނަމާދަށް ފަހު ބޭރަށް ނުކުމެ، މަޑު ފަސްގަނޑުގައި ފައި ބީއްސާލުމާ އެކު، ރަށުގެ މުހިންމުކަން އޭނާއަށް އިހުސާސްވި އެވެ. ދަލޭކަދައިތަގެ އުމުރުގެ ފަހު ދުވަސްތައް ކައިރިވަނީ އެވެ. އެހާ އިލްމުވެރި، އެހާ ބާރުގަދަ މީހަކު ރާއްޖޭގެ އެއްވެސް ތަނެއްގައި އޮންނާނެ ކަމަކަށް އޭނާ ގަބޫލެއްނުކުރެ އެވެ.

އެކަމަކު ފާތިރުގެ ހިތަށްއަރާ ސުވާލަކީ، ދަލޭކަދައިތަ މަރުވުމުން، އޭނާގެ އެ އިލްމުވެރިކަން ދަމަހައްޓާނީ ކާކު ހެއްޔެވެ؟ އޭނާގެ ލޭ ދަމަހައްޓައިދޭނެ އެހެން މީހަކު ނެތެވެ. އޭނާ ހިމާޔަތްކުރަން ތިބެނީ އިލްމުވެރި ބައެއް ނޫނެވެ. އެއީ ހަމައެކަނި އަމުރަށް ކިޔަމަންވާ ފަހުލަވާނުންތަކެކެވެ.

އޭނާ ހިނގަމުން އެ ދަނީ ދަލޭކަދައިތަގެ ގެއާ ދިމާއަށެވެ. ކުރަން ބޭނުން ވަރަށް ގިނަ ސުވާލުތައް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ސުވާލު ގުޅިފައި އޮތީ އަމިއްލަ ދިރިއުޅުމާ އެވެ. އޭނާގެ އަމިއްލަ ލޭ ދެމިގެންދާނެ ފަދަ ނަސީބެއް، އޭނާގެ ތިން ވަނަ ކައިވެނީގައި ލިބިދާނެތޯ އަހާލަން ބޭނުންވެ އެވެ.

ސުހާނާއަކީ ވަރަށް ތަފާތު އަންބެކެވެ. ދިމާވި ހިތާމަވެރި އެތައް ހާދިސާއަކާ އެކު ވެސް އޭނާގެ ހިތްވަރު ގަދަ އެވެ. އަދި މިހާރު އޭނާގެ ހުރިހާ ވެސް އުފަލަކީ ފާތިރެވެ. އެހެންކަމުން ކުރިން ނުވާނެ ކަމަށް ގަބޫލުކުރި ކަންކަން ވެސް ނަސީބުގައި ހުރެދާނެތާއޭ ފާތިރު ހިތަށްއަރަ އެވެ. ކުރީގެ ދެ ކައިވެނި ރޫޅުނީ އޭނާއަށް ކުދިން ނުލިބޭތީ އެވެ. ސުހާނާއާ ކައިވެނިކުރީ ވެސް އެ ހަގީގަތް ހިތުގައި ބާއްވައިގެންނެވެ.

އެކަމަކު އިންސާނުން ސިއްސައިގެން ދާ ކަހަލަ ކިތައްމެ ކަމެއް ދުނިޔެއިން ފެނެ އެވެ. އެހެންކަމުން އޭނާގެ ހިތުގައި ވެސް ދަރިއަކަށް ކުރާ އުއްމީދުގެ ރާޅުތައް އޮތީ ދެމެން ފަށައިފަ އެވެ. އެކަން ދަލޭކަދައިތަ ކައިރީގައި މިރޭ އޭނާ ބުނާނެ އެވެ.

(ހަ ވަނަ ބައި، މޭ 9، 2020، ހޮނިހިރުދުވަހު)