ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 8، 2020، ހުކުރުދުވަހުގެ ބަޔާ ގުޅޭ)


ސުހާނާއަކީ ވަރަށް ތަފާތު އަންބެކެވެ. ދިމާވި ހިތާމަވެރި އެތައް ހާދިސާއަކާ އެކު ވެސް އޭނާގެ ހިތްވަރު ގަދަ އެވެ. އަދި މިހާރު އޭނާގެ ހުރިހާ ވެސް އުފަލަކީ ފާތިރެވެ. އެހެންކަމުން ކުރިން ނުވާނެ ކަމަށް ގަބޫލުކުރި ކަންކަން ވެސް ނަސީބުގައި ހުރެދާނެތާއޭ ފާތިރު ހިތަށްއަރަ އެވެ. ކުރީގެ ދެ ކައިވެނި ރޫޅުނީ އޭނާއަށް ކުދިން ނުލިބޭތީ އެވެ. ސުހާނާއާ ކައިވެނިކުރީ ވެސް އެ ހަގީގަތް ހިތުގައި ބާއްވައިގެންނެވެ.

އެކަމަކު އިންސާނުން ސިއްސައިގެން ދާ ކަހަލަ ކިތައްމެ ކަމެއް ދުނިޔެއިން ފެނެ އެވެ. އެހެންކަމުން އޭނާގެ ހިތުގައި ވެސް ދަރިއަކަށް ކުރާ އުއްމީދުގެ ރާޅުތައް އޮތީ ދެމެން ފަށައިފަ އެވެ. އެކަން ދަލޭކަދައިތަ ކައިރީގައި މިރޭ އޭނާ ބުނާނެ އެވެ.

އެކަމަކު އޭގެ ކުރިން މައުސޫމްގެ މަރާ ބެހޭ ވާހަކަތަކުން އޭނާއަށް އުނދަގޫނުކޮށްފިއްޔާ ކިތައްމެހާވެސް ރަނގަޅެވެ. މައުސޫމުގެ މުޅި އާއިލާ ގަތުލުކުރުމުގެ ޝޮކާއި ހިތާމައިން އޭނާއަށް ވެސް އަދި ސަލާމަތެއް ނުވެވެ އެވެ. ލަންކާ އިން އެނބުރި ރާއްޖެ އައިތާ މިވީ ހަފުތާއެކެވެ. ގާތިލުން ހޯދުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެވެ. ކުށެއް ނެތް ފަސް އިންސާނުންގެ ލޭ، އެހާ އަނިޔާވެރިކޮށް އޮހޮރުވާލި ބަޔަކު، މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތެއް އޭނާ ނުދޭނެ އެވެ. އޭނާ އާއި ނާވިޝް އާއި ޒަވީން މިހާރު ނުކުމެ ތިބީ އެ މަސައްކަތަށެވެ. ދުނިޔޭގައި ނެތަސް، އަނިޔާ ލިބުނު މީހުންނާއި ކުދިންނަށްޓަކައި، ތިން ރަހުމަތްތެރިންގެ ހިތްވަރު ނެރެ، އެކަން ކޮޅެއްގައި ޖައްސާނެ އެވެ.

ފާތިރަށް އެ ގެ ކައިރިއަށް ދެވުނު އިރު، ކުރިއެކޭ ވެސް އެއްގޮތަށް، ހުދު ގަމީހާއި މުންޑުގައި، ހަތަރު ފަހުލަވާނުން ސަފަކަށް އެތުރިގެން، ގޭ ދޮރުމަތީ ތިއްބެވެ. ގެއަށް ވަންނަންވާ ގޮތް އޭނާއަށް މިހާރު އެނގެ އެވެ. އެހެންކަމުން އެމީހުން އޭނާއަށް އެއްވެސް އިރުޝާދެއް ނުދެ އެވެ.

ބިސްމިނުގެ ބަރަކާތާ އެކު ގޭގެ އޮޅިގަނޑުން އެތެރެއަށް އޭނާ ފިޔަވަޅު އެޅި އެވެ. ދެން ދަލޭކަދައިތަ އޮތް އެނދު ކައިރިއަށް ގޮސް، އެ މާތް މުސްކުޅިޔާގެ ސާފު މޫނަށް ނަޒަރު ހުއްޓާލި އެވެ. ލޯ މަރާލައިގެން އަމާންކަމުގަ އެވެ. އަބަދުވެސް ފެންނާނީ ރަނގަޅު، ސީދާ ހުވަފެންތަކެވެ. ދުނިޔޭގެ އުނދަގުލެއް ނެތެވެ. ހިޔާމަތްކުރާނެ ވަރުގަދަ ފިރިހެނުންގެ ބަޔަކު، ބޭރުގައި އެ ތިބީ އެވެ. ކާން ދިނުމާއި ފެންވެރުވުން ފަދަ ކަންކަން ކޮށްދޭނެ ފަސް އަންހެނުން އެ އުޅެނީ ޖެހިގެން ހުރި ގޭގަ އެވެ.

ފާތިރު އެ ވިސްނުމުގައި ހުއްޓާ ދަލޭކަދައިތަ ލޯ ހުޅުވާލި އެވެ. ފާތިރާ ދިމާއަށް ބަލައިލި އެވެ. ހިނިތުންވެލި އެވެ.

"އިށީނދޭ!" ދަލޭކަދައިތަ ބުންޏެވެ.

ފާތިރު އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

"ރޭ ވަރަށް އާދަޔާ ހިލާފު ކަންތައްގަނޑެއް މިރަށުގައި ހިނގައިފި،" ދަލޭކަދައިތަ ބުންޏެވެ.

ފާތިރު އިނީ އަޑުއަހާށެވެ.

"އެހިސާބަށް ދިއުމުގެ ކުރިން އެހެން ވާހަކައެއް ބުނެލާނަން. ފާތިރަށް ފެންނާނެ ބޭރުގައި ތިބި ވީރު މުހައްމަދާއި އޭނާގެ ދަރިން. އިންސާނުންގެ ގޮތުގައި ފެނުނަސް އެއީ އަސްލު އިންސާނުންނެއް ނޫން،" ދަލޭކަދައިތަ އެހެން ބުނުމުން، އޭނާއަށް ލިބުނީ ސިހުމެކެވެ. އެ މީހުންގެ އިސްކޮޅުން ތަންކޮޅެއް ބޮޑުވާއި ކަޅުކަން ފިޔަވައި ތަފާތު އެހެން ސިފައެއް، ބޭރު ފުށުން އޭނާއަކަށް ނުފެނެ އެވެ.

"ދެން ފާތިރުގެ ހިތަށްއަރާފާނެ އަހަންނަކީ ވެސް އިންސާނެއް ނޫނޭ. ނޫން، އަހަންނާއި އަހަރެންގެ އާއިލާގެ އެންމެންނަކީ ވެސް އިންސާނުން. އެކަމަކު ތަފާތަކީ އާންމު މީހާއަށް ނުލިބޭ އިލްމުވެރިކަމާއި ބާރުތަކެއް ލިބުން، އެއީ ވެސް ސަބަބުތަކެއް އޮވެގެން،" ދަލޭކަދައިތަ، އޭނާގެ އެ މުސްކުޅި އުމުރާ އެކު ވެސް، ފަސޭހަކަމާއި ސާފުކަމާ އެކު ވާހަކަ ދައްކަމުން ދިޔަ އެވެ.

އޭގެ ފަހުން އޭނާއަށް ކިޔައިދިނީ އޭގެ ކުރިން ނޭނގޭ ވާހަކަތަކެކެވެ.

ރާއްޖެ އިސްލާމް ވުމާ އެކު ދެ ބާރެއް އުފެދުނެވެ. އޭގެ ތެރެއިން އެއް ބާރަކީ ކަޅު ހިޔަނިތަކެވެ. އެއީ އޭރުގެ ބުދުދީނުގެ ހާމުދުރުންގެ ސަލާމަތަށް ގެންގުޅުނު ޖިންނީންގެ ތެރެއިން ވެސް ނުވާ އަދި އިންސާނީ ދަރިފަސްކޮޅަށް ވެސް ނިސްބަތްނުވާ ބައެކެވެ. ކަޅު ހިޔަނިތަކެއްގެ ގޮތުގައި ފެނުނަސް، އުފެދިފައި ވަނީ މަހާއި ކަށިންނެވެ. ހަށިގަނޑުގައި ހިނގަނީ ހޫނު ލެ އެވެ.

މި ހިޔަނިތައް އާންމުންނަކަށް ނުފެނެ އެވެ. އޭގެ ސަބަބަކީ އެ ހިޔަނިތައް ބަލިކުރާނެ ފަހުލަވާނުންނާއި، އިލްމުވެރިން ވެސް އުޅުމެވެ. އިލްމުވެރިންގެ އެއް ބަޔަކީ، ދަލޭކަދައިތަގެ އާއިލާ އެވެ. ފަހުލަވާނުންގެ އެއްބަޔަކީ ވީރު މުހައްމަދާއި އޭނާގެ ދަރިންނެވެ.

އާންމުންގެ ދިރިއުޅުމަށް ފާވެ، ބައެއް މީހުން ދީނުން ބޭރުކޮށް، އަނެއް ބަޔަކު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭނެ އޮތީ އެންމެ ގޮތެކެވެ: ހިޔަނިތަކާ ދެކޮޅަށް ނުކުންނަ އިލްމުވެރިންނާއި ފަހުލަވާނުން އެއްކޮށް ހުސްކޮށްލުމެވެ. އެކަމަކު ދިވެހިން އިސްލާމްވި ފަހުން ވޭތުވެދިޔަ 860 އަހަރަށް ވުރެ ދިގު މާޒީގައި މިހާތަނަށް އެކަން ކުރެވިފައެއް ނުވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ހިޔަނިތަކަށް އެ ކާމިޔާބީއެއް ނެތެވެ. އޭގެ ބަދަލުގައި، އިލްމުވެރިންގެ މެދުގައި އޮތް ޔަގީންކަމަކީ، ރާއްޖޭގައި އުޅޭ ހިޔަނިތައް ކޮންމެވެސް ހިސާބަކުން ނައްތާލާނެ އިލްމުވެރިންގެ ބަޔަކު އުފެދޭނެ ކަމެވެ.

އެ ދުވަހެއް އަދި ނާދެ އެވެ. އެހެންކަމުން ދެ ބައި މީހުންގެ މެދުގައި ހިނގާ ހަނގުރާމަ އަދި ދަނީ ކުރިއަށެވެ. ފިއްލަދު އާއި މަލިކާއި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގަ އެވެ.

އެ ހަނގުރާމަ އާންމުންނަކަށް ނުފެނެ އެވެ. އެކަމަކު ހަނގުރާމަ ފެނުނު މީހަކު ވާނީ އިލްމުވެރިޔަކަށް ނޫނީ ފަހުލަވާނަކަށެވެ. ހަނގުރާމަ ފެންނާނީ ވިސްނުމުގައި އެ ގާބިލްކަން ހުރި، އަމިއްލަ އެއްވެސް އެދުމެއް ނެތި، ދީނަށާއި އިންސާނިއްޔަތުކަމަށް ގުރުބާންވާން ތައްޔާރަށް ތިބޭ މީހުންގެ ތެރެއިން ވެސް ވަކި ބަޔަކަށެވެ. އެއީ ގުދުރަތީ ނިޔާއެކެވެ. އެއީ ދަލޭކަދައިތައަށް ނުވަތަ އިލްމުވެރިންގެ ތެރެއިން އެހެން މީހަކަށް ވެސް އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ.

ކަޅު ހިޔަނިތައް އަސްލު ހަނގުރާމައަށް އަންނަނީ، އިލްމުވެރިންނާއި އިލްމުވެރިންގެ ތެރެއަށް ވަނުމުގެ ފުރުސަތު އޮތް މީހުން ނެތިކޮށްލާށެވެ. ނުވަތަ ބިރުދައްކައިގެން އެ މީހުން މޮޔަކުރާށެވެ. ވިސްނުމުގައި ގާބިލްކަން ހުއްޓަސް ކުއްލިއަކަށް ފެންނަ ބިރުވެރި މަންޒަރުތަކުން، ބުއްދި ފިލާދާ މީހުން އުޅެ އެވެ.

ފަހުލަވާނުންނަކީ އިންސާނުންގެ ގޮތުގައި ތިބި ޖިންނީންގެ ބައެކެވެ. އެކަމަކު އެ މީހުންނަށް އަސްލު ޖިންނިއެއްގެ ގޮތަށް، އަލިފާނަށް ބަދަލެއް ނުވެވެ އެވެ. އިންސާނުންގެ ސިފަ ލިބުނު ގޮތަށް އެމީހުން ދެމިގެން އެދަނީ އެ ސިފައިގަ އެވެ. އޭގެ އަންހެނުން ވެސް އުޅެ އެވެ. ވީރު މުހައްމަދާއި އޭނާގެ ހުރިހާ ދަރިން ކައިވެނިކުރީ ފިއްލަދޫގެ މީހުންނަކާ ނޫނެވެ. ކައިވެނިކުރަން ވީމާ އެ މީހުން ދަނީ އެހެން ރަށްރަށަށެވެ. އެ ދަރިފަސްކޮޅުގެ މީހުން އުޅޭ ރަށްރަށް، ވީރު މުހައްމަދުމެންނަށް އެނގެ އެވެ.

ފިއްލަދޫގައި ދިރިއުޅެމުން އަންނަ ފަހުލަވާނުންގެ ހަމައެކަނި އާއިލާއަކީ އެ އެވެ. އެކަމަކު ވީރު މުހައްމަދަށާއި އޭނާގެ ހަތަރު ފިރިހެން ދަރިންނަށް މިހާތަނަށް ލިބިފައި ވަނީ ވެސް ހުސް ފިރިހެން ކުދިންނެވެ. އެހެންކަމުން އެހެން ހިސާބެއްގައި އުޅޭ ފިރިހެން ފަހުލަވާނަކު ފިއްލަދުއަށް އައިސް ކައިވެނިކުރާނެ އަންހެނަކު ލިބޭކަށް ނެތެވެ. ހަމަ އެގޮތަށް ވީރު މުހައްމަދުގެ ކާފަ ދަރިން ބޮޑުވެގެން ކައިވަނިކުރަން އަންހެނަކު ހޯދަން ދާން ޖެހޭނީ ވެސް އެހެން ރަށްރަށަށެވެ.

އެ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނު އިރު ފާތިރު އިނީ ހައިރާންވެފަ އެވެ. އެކަމަކު އޭނާގެ ހިތަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނެވެ. އޭނާގެ ހިޔާލުން އެ ހަގީގަތް ނެރެ އެއްލައެއް ނުލެވުނެވެ: ދަލޭކަދައިތަ ކައިރިއަށް ޒިޔާރަތްކުރި ފުރަތަމަ ރޭ އޭނާއަށް، އެ ހަނގުރާމަ ފެނުނެވެ. އަދި އެ ހިޔަނިތައް މިހާރު އެ އުޅެނީ އޭނާގެ ފަހަތުން ކަމަށް، ދަލޭކަދައިތަ އެރޭ ބުންޏެވެ.

"ތި ގޮތަށް ވިސްނުމުގެ ބޭނުމެއް ނެތް،" ފާތިރު އިން ގޮތް ފެނިފައި، ދަލޭކަދައިތަ ބުނި އަޑު އިވުނެވެ. އޭނާ ކުއްލިއަކަށް ސަމާލުކަމަށް އަ އެވެ.

"ދައްތަ ތިބުނީ ކީކޭ؟" ފާތިރަށް އަހާލެވުނެވެ.

"މިވަގުތު ނުވިސްނާށޭ. ފުރަތަމަ އަހަރެން ބުނި ވާހަކަ އަދި މި އުޅެނީ ނުނިމިގެން. ރޭ މި ރަށުގައި ހިނގި އެ ބޮޑު ކަންތައްގަނޑު އެއީ އަހަރެން ހީކުރި ވެސް ކަމެއް ނޫން،" ދަލޭކަދައިތަ ވާހަކަ ފެށި އެވެ.

ރޭ އިރާކޮޅު އޭނާއަށް ފެނުނީ ހުވަފެނެކެވެ. ދައްޕަރުގައި ދޮންއިސްމާއިލްގެ ޒަހަމްވި ހަށިގަނޑު ފުރަތަމަ ބޭއްވި އަށި ހުރި ތަނުގެ ހަމަ ކުރިމަތިން ގޮނޑުދޮށަށް ލައްގާފައި އޮތް ލަކުޑި ކުޑަކުޑަ ދޯންޏެކެވެ. އެތަނުގައި އެ އޮތްތޯ ބަލަން، ވީރު މުހައްމަދު ފޮނުވި އެވެ. އެ ދޯނި އެތަނުގައި އޮތެވެ. ގެއަށް ގެނެސް ބަލައިލި އިރު، އޭގެ ތެރެއިން އޮޅާލާފައި އޮތް ފަތެއް ފެނުނެވެ.

ދަލޭކަދައިތަ އެ ކިޔާ ނިންމާލި އިރު، ލޮލުން ކަރުނަ ފޭބި އެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މަލިކުގައި އޮތްކަން އެނގުނީ އަދި ކިރިޔާ އެވެ. އެދުރު ހުސޭނު ބުނެފައި އޮތީ، އޭނާގެ ހުރި ހަމައެކަނި އަންހެން ދިރިފުޅު ހައްވައަށް މަރުން ސަލާމަތްވެވެން އޮތީ މަލިކުން ބޭރުކޮށްގެން ކަމެވެ. އެހެންކަމުން އޭނާ މިހާތަނަށް ބޭނުންނުކޮށް އޮތް އެކަމަކު އެއް ފަހަރު އިހުތިޔާރުކުރެވޭ، ވަރުގަދަ ތޫފާންގެ ތެރޭގައި ހައްވަ ފުރުވާލި ވާހަކަ އާއި ހަމަ އެރޭ ފިއްލަދުއަށް ކައިރިކުރާނެ ވާހަކަ، އޭގައި އޮތެވެ.

ބޭބެ ދެން ކުރި އާދަޔާހިލާފު އަނެއް ކަމަކީ، ހިޔަނީގެ ނަސްލަށް ނިސްބަތްވާ އަންހެނަކު އިންސާނަކަށް ބަދަލުކޮށް، ކައިވެނިކުރުމެވެ. އެއީ ވަރަށް މަދު އިލްމުވެރިޔަކަށް ނޫނީ މިހާތަނަށް ވެފައި އޮތް ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރެވޭނީ ވެސް، އޭގެ އަންހެނަކު، އިންސާނަކު ދެކެ ލޯބިވެ، އޭނާގެ ބައިގަނޑު ދޫކޮށް އައުމުންނެވެ.

"ކޮއްކޯ އެވެ. ހައްވައަކީ އިންސާނެއް ނަމަވެސް އޭނާގެ އެއް ބައި ގުޅިފައި ވަނީ ހިޔަނިތަކާ އެވެ. އެއީ ބޭބެގެ ލޯބި ހައްވަ އެވެ. ތިން ކައިވެނި ރޫޅި އެކަމަކު ހިތާމައިގައި ކަރުނަ ތިއްކެއް ވެސް ބޭރުކޮށްފައި ނުވާ ހިތްވަރުގަދަ އަންހެނެކެވެ. ދަރިއެއް ލިބުމުގެ ނަސީބު އަދި ނެތް، އެކަމަކު ހިތްހެޔޮ، އަމާނާތްތެރިއެކެވެ. ބޭބެއަށް މިރަށުން ނުފޭބޭނެކަން ކޮއްކޮއަށް އެނގޭނެ އެވެ. ބޭބެ މި އެދެނީ ބޭބެގެ ހައްވަ ހިމާޔަތްކޮށްދިނުމަށެވެ. އޭނާއަށް ރަނގަޅު ފިރިއަކު ހޯދައިދޭށެވެ. އޭނާއަށް ކުއްޖަކު ލިބެން ކުރެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭށެވެ. ބައްޕަ ބުނި ވާހަކަ މިހާރު ވެސް ބޭބެ ހަނދާން އެބަ ހުއްޓެވެ. ހުސޭނަށް ވުރެ މޮޅުވާނީ ދަލޭކަ އެވެ،" ފަތް ނިންމާލާފައި އޮތީ މި ބަސްތަކުންނެވެ.

ދަލޭކަދައިތަ ހިމޭންވެލި އެވެ. އެހާ ދިގުކޮށް ވާހަކަ ދެއްކުމާ އެކު ވަރުބަލިވެ، ކުޑަ ހިނދުކޮޅެއް ބޭނުންވީ އެވެ.

"ފާތިރުގެ ކަނާތް ތިލަ ދީބަލަ!" ދަލޭކަދައިތަ އެދުނެވެ. ފާތިރު އަތް ނަގައި، ދަލޭކަދައިތަގެ އަތްތިލަ މަތީގައި ބޭއްވި އެވެ. ދަލޭކަދައިތަ ބާރަށް ހިފަހައްޓާލި އެވެ.

ފާތިރުގެ ހަށިގަނޑުގައި އުފެދުނީ މަޑު ފިނިކަމެކެވެ. އޭނާގެ އެއްވެސް އިހުތިޔާރެއް ނެތި ލޯ މަރާލެވުނެވެ.

ފެންނަން ފެށީ އިރުއޮއްސޭ މަންޒަރެކެވެ. ރަށެއްގެ ރީތި ގޮނޑުދޮށެވެ. އޭނާ އެކަނިމާއެކަންޏެވެ. އެއް ފަރާތަށް ބަލައިލި އިރު އިސްކޮޅުން ދިގު، ހިމަތޮޅި އަންހެނަކު އޭނާއާ ދިމާއަށް، މަޑުމަޑު ހިނގުމެއްގައި، އާދެ އެވެ. ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެކެވެ.

ޒުވާން އަންހެންމީހާ އައިސް ހުއްޓުނީ އޭނާގެ ހަމަ ކުރިމައްޗަށެވެ. ފާތިރު ހައިރާންވެގެން ބަލައިލި އެވެ. އެއީ އޭނާ ދަންނަ އަންހެނެއް ނޫނެވެ. އެކަމަކު އެހާ ރީތި އަންހެނަކު މީގެ ކުރިއަކުން ފެނިފައެއް ވެސް ނުވެ އެވެ. ހެދުމުގެ އަތުކުރި ހުރީ، އުޅަނބޮއްޓަށް ވުރެ ތަންކޮޅެއް ތިރިއަށެވެ. އެހެންކަމުގެ އަތުގެ އެ ބައި ފެންނަން އޮތެވެ. މޫނާއި ކަނދުރާ އާއި އަތުގެ އޮމާން ހަންގަނޑު ވެސް އަޖައިބެއްހާ ރީއްޗެވެ.

އަންހެންމީހާ ހިނިތުންވެލި އެވެ. ލޮލުގައި އުފާވެރިކަމެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހަމައެކަނި ފާތިރުގެ ލޮލަށް ބަލަހައްޓައިގެން ހުރީ އެވެ. ފާތިރުގެ ނަޒަރު އެހެން ދިމާލަކަށް ބަދަލެއް ނުކުރެވުނެވެ.

ކުއްލިއަކަށް ލޯ ހުޅުވުނެވެ. ދަލޭކަދައިތަ، ފާތިރުގެ އަތުން ދޫކޮށްލީ އެވެ.

"ބޭރަށް ނުކުމެލާ އިރުކޮޅަކަށް!" ދަލޭކަދައިތަ ބުނެލި އެވެ. އެވީ ގޮތް ފާތިރަށް އެނގެ އެވެ. އެހެންކަމުން އޭނާ ގެއިން ބޭރަށް ނުކުތެވެ. އޭރު ވީރު މުހައްމަދުގެ އަންހެނުންނާއި ދަރިންގެ އަނބިން، ބޭރު ދޮރުގެ ދެ ފަރާތުގައި އެތުރިގެން ތިއްބެވެ. ފާތިރުގެ އަތުގައި ބީހިލުމުން ވުލޫއު ގެއްލުމާ އެކު، އެ މީހުން އެ އައީ ދަލޭކަދައިތަ ތާހިރުކުރާށެވެ.

ހަނދުވަރު ނެތް ރެއެކެވެ. އެހެންކަމުން ބޭރު އޮތީ އަނދިރިކޮށެވެ. ދެ ގޭގައި ވެސް ކަރަންޓް ބޭނުންނުކުރާތީ، ގެއިން ބޭރަށް ފެތުރިފައި ވަނީ ގޭ ތެރޭގައި ދިއްލާފައި ހުރި ފުޅިބައްތީގެ މަޑު އަލިކަމެވެ.

މިއީ ފާތިރުގެ ހިތަށް ވެސް ގެނެވުނު ދުވަސްތަކެއް ނޫނެވެ. މިކަހަލަ ރަށަކަށް އައިސް، މިކަހަލަ ކަންތައްގަނޑެއްގެ ތެރެއަށް ވަނުމުގެ ކުޑަ ވެސް އެދުމެއް އޭނާގެ ނެތެވެ. އެކަމަކު މަހުޖަނު ނަލަ އިބްރާހިމް ރަހީނުކޮށް، ގަދަކަމުން ބުނުވި ވާހަކަތަކުން އޭނާއަށް އާދެވުނީ މި ރަށަށެވެ. ޒިޔާރަތްކުރެވުނީ މި ގެއަށެވެ. އެކަމަކު މިއީ އޭނާގެ ހަޔާތުގައި ލިއެފައި އޮތް ސަފުހާތަކެއްކަން، ދަލޭކަދައިތަގެ ފުރަތަމަ ބައްދަލުވުމުން ވެސް އެނގުނެވެ. އަދި މިރޭ ކިޔައިދިން ވާހަކަތަކުން އޭނާގެ ހިތުގައި މިހާރު އޮތް ނުތަނަވަސްކަމަކީ ނުވަތަ ހަގީގަތަކީ، އާންމު މީހަކަށް ވުރެ އޭނާއަށް ލިބިފައިވާ ވިސްނުމުގެ ބާރު ގަދަ ކަމެވެ. އޭނާގެ ފަހަތުން އެ ހިޔަނިތައް އުޅޭ ކަމެވެ.

އަނެއްކާ އޭނާއަކީ ވެސް މި އަޖައިބެއް ކަހަލަ ދިރިއުޅުމެއްގައި އުޅޭ އިލްމުވެރިންގެ ތެރެއިން އެކެއް ހެއްޔެވެ؟ އެއީ މީގެ ކުޑައިރުކޮޅެއް ކުރިން ދަލޭކަދައިތަ ކުރިމަތީގައި އިން އިރު ވެސް އޭނާގެ ހިތަށްއެރި، އެކަމަކު ދުރުވާން އުޅުނު ސުވާލެކެވެ.

"ދެން ވަދޭ!" ބޭރުން ފެންނަން އޮތް އަނދިރިކަމުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެން ހުއްޓާ އޭނާއަށް އިވުނީ ފިރިހެނަކު އެހެން ބުނި އަޑެވެ. ބަލައިލި އިރު، ދަލޭކަދައިތަ ރީތިކޮށްފައި، އަންހެންވެރިން ނުކުމެ ހިނގައިގެންފި އެވެ.

ފާތިރު ގެއަށް ވަދެ، މަޑުމަޑުން ގޮސް ގޮނޑީގައި އިށީނެވެ. ދަލޭކަދައިތަ އޮތީ ހިނިތުންވެފަ އެވެ.

"މުޅި ހަޔާތް ބަދަލުވެދާނެ ހަމަ ކުއްލިއަކަށް ވެސް. ފާތިރު މިގެއަށް އައި ފުރަތަމަ ދުވަހު އަހަރެން މިގޮތަކަށް ހިއެއް ވެސް ނުކުރަން. އެކަމަކު މިހާރު މި ވަނީ ފާތިރުގެ ކިބައިން ވަރަށް ބޮޑު ކަމަކަށް އެދެން ޖެހިފައި،" ދަލޭކަދައިތަ ބުންޏެވެ.

"މިއީ ފާތިރަށް ނުކުރެވޭނެ ވަރުގެ ކަމެއް ވެސް ނޫން. ފާތިރަށް ގެއްލުމެއް ލިބޭނެ ކަމެއް ވެސް ނޫން،" ފާތިރު ހައިރާންވެފައި އިނުމުން، އިތުރަށް ދަލޭކަދައިތަ ބުނެލި އެވެ.

"އަހަންނަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ، ނޫނެކޭ ނުބުނާނަން،" ހިތުގައި ބާރަށް ވިންދު ޖަހަމުން ދިޔަ ނަމަވެސް އޭނާ ބުންޏެވެ.

"ކޮއްކޯ، އާދެ ބަލަ!" ދަލޭކަދައިތަ ބުނި އަޑު އިވުނެވެ. ފާތިރަށް ބޭއިހުތިޔާރުގައި ވެސް ބަލައިލެވުނީ ރަނގަޅު ދިމާއަށެވެ. ފެން ރުނބާ ބަހައްޓާފައި ހުރި ކޮޓަރި އެވެ. ދަލޭކަދައިތަގެ ޒަވާޖީ ހަޔާތުގައި ބޭނުންކުރި ކޮޓަރި އެވެ. ފަޅަށް ހުންނަތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ގޭތެރެއަށް ފެތުރިފައި އޮތް، މަޑު ރަތް ކުލައިގެ އަލިކަމުގެ ތެރެއަށް ނުކުތީ ހައްވަ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ފާތިރަށް ލޯ މެރިފައި އިނދެވުނު ސިކުންތުކޮޅުގެ ތެރޭގައި ފެނުނު ރީތި އަންހެނާ އެވެ.

ލިބުނު ސިހުމާ އެކު ފާތިރަށް ތެދުވެވުނެވެ. ގޮނޑި ނުވެއްޓުނީ ވެސް ކިރިޔާ އެވެ. ހައްވަ އައިސް އޭނާގެ ކައިރިއަށް، އެކަމަކު ދަލޭކަދައިތައާ ދިމާއަށް ކުރިމަތިލައިގެން ހުއްޓުނެވެ. ފާތިރާ ދިމާއަށް ބަލައި ވެސް ނުލަ އެވެ.

"މިއީ ހައްވައަކީ. މިއީ އަހަރެންގެ ކޮއްކޮއަކީ. އަހަރެން ބޭނުންވަނީ ހައްވައާ ފާތިރު ކައިވެނިކުރުވަން. ދައްތަގެ މި އެދުމަށް ނޫނެކޭ ނުބުނާތި،" ހައްވަގެ އަތުގައި ހިފަހައްޓާލަމުން، ހައްވަގެ މޫނަށް ބަލަން އޮވެ، ދަލޭކަދައިތަ ބުންޏެވެ. އެކަމަކު ވާހަކަ އެ ނިންމާލީ އަމުރަކުންނޭ ފާތިރުގެ ހިތަށްއެރި އެވެ.

އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އެތައް އަހަރަކަށް ފަހު، ތިން ވަނަ ކައިވެނީގެ ބިންގާ އެޅިތާ އަދި މަހެއް ނުވެ އެވެ. އެ އޮތް ހުރިހާ ދުވަހު އޭނާ ހުރީ، ހިތްހަމަޖެހޭ، ތެދުވެރި އަންހެނަކު ނުވެގެންނެވެ. އޭނާގެ ހިތުން ސުހާނާ ޖާގަ ހޯދީ ވެސް ހީކުރި ކަހަލަ ގޮތަކަށެއް ނޫނެވެ. ކައިވެންޏަށް ފަހު މިދިއަ ދުވަސްކޮޅުގައި ދެ މީހުން އުޅުނީ ނުހަނު އުފަލުންނެވެ.

"ކީއްވެ ފާތިރު މަޑުން ތިހުރީ؟ ގަބޫލު ނޫނީތަ؟" ދަލޭކަދައިތަ ސުވާލުކުރި އެވެ.

އޭނާއަށް އެހެން ބުނެވޭކަށް ނެތެވެ. އޭނާ އެ ހުރީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ބައެއްގެ މެދުގަ އެވެ. ދަލޭކަދައިތަ ބުނި ވާހަކަތައް ދިމާވާ ނަމަ، އޭނާއަކީ ވެސް އޭގެ ތެރެއިން އެކަކަށް ވުން ކައިރި އެވެ. އެހެންކަމުން އަމިއްލަ ބާރެއް ނެތް މާހައުލެއްގައި އޭނާއަށް ބުނެވޭ އެއްޗަކުން ދެން ދިމާވާނީ ކޮން ކަމެއް ކަމެއް ވެސް ނޭނގެ އެވެ. އެހެންކަމުން ދަލޭކަދައިތަގެ ކުރިމަތީގައި އޭނާއަށް ނޫނެކޭ ބުނެވޭކަށް ނެތެވެ.

"ތިކަން ކޮށްދޭނަން،" ފާތިރަށް ބުނެވުނެވެ.

ދެން ފެނުނީ ވީރު މުހައްމަދާއި އޭނާގެ ތިން ދަރިއަކު، ކުޑަ މޭޒަކާއި ހަތަރު ގޮނޑި ހިފައިގެން ގެއަށް ވަން ތަނެވެ. މޭޒު ބަހައްޓާ، އޭގެ މަތީގައި ހުދު ފޮތިގަނޑެއް އަޅާލި އެވެ. ގޮނޑިތައް ތަރުތީބުކޮށްލި އެވެ.

"ހައްވަގެ އަތުގައި ހިފައިގެން ގޮސް، އަހަންނާ ކުރިމަތިވާ ގޮތަށް ހުރި ދެ ގޮނޑީގައި އިށީނދޭ!" ދަލޭކަދައިތަ ބުންޏެވެ.

ފާތިރަށް ހުރެވުނީ ގަނޑުވެފަ އެވެ. ހުރިހާ ކަމެއް ވަމުން އެދަނީ މީހެއްގެ ހިތަށް ވެސް ނާރާހާ އަވަހަށެވެ. ފާތިރު، އޭނާއާ ޖެހިގެން ހުރި ހައްވަގެ އަތް ތިލާގައި މަޑުމަޑުން ހިފާލި އެވެ. ދަލޭކަދައިތަގެ އަތުގައި އަތް ޖެހުމުން، ހަށިގަނޑަށް އަަރައިގެން ދާ ކަހަލަ ފިނިކަމެއް މިފަހަރު ވެސް އިހުސާސްވި އެވެ. މިއީ ހަމަ އަޖައިބެކެވެ.

ވީރު މުހައްމަދާއި އޭނާގެ އެއް ދަރި، އަނެއް ދެ ގޮނޑީގަ އެވެ. ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނިކޮށް ނިމިއްޖެ އެވެ. ގޮނޑިތަކާއި މޭޒު ހިފައިގެން އެ މީހުން ގެއިން ނުކުތެވެ. ބޭރުން ދޮރު ލެއްޕި އެވެ.

"އާދެ ބަލަ!" ދަލޭކަދައިތަ ގޮވާލި އެވެ. ފާތިރު، އޭނާގެ އާ އަނބިމީހާގެ އަތުގައި ހިފަހައްޓާލައިގެން ގޮސް، ދަލޭކަދައިތަގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ އުފާވެރި ހިނިތުންވުމެވެ. ދެން ފާތިރަށް ފެނުނީ ދަލޭކަދައިތަގެ ލޮލުން ކަރުނަ ފައިބަން ފެށި ތަނެވެ.

"ދައްތައަށް ތި ކޮށްދިނީ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ހެޔޮ ކަމެއް، ފާތިރު. މަރު އެނދުގައި އޮތް އަންހެނަކު ހަމަ ބުނެލާ އިރަށް، ނުވެސް އެނގޭ، ނުވެސް ދަންނަ މީހަކާ ކައިވެނިކުރާކަށް ކޮންމެ ކޮންމެ މީހަކު އާނބަހެއް ނުދޭނެ. އެކަމަކު ފާތިރު އަހަންނަށް ތި ކުރީ ވަރަށް ބޮޑު އިތުބާރެއް،" ކަރުނަތައް ފައިބަމުން ދިޔަ ނަމަވެސް، ހުއްޓުމެއް ނެތި، އެހާމެ ސާފުކޮށް ދަލޭކަދައިތަ ވާހަކަ ދެއްކި އެވެ.

"ކޮއްކޯ! ދައްތަ މި ނިންމުން ނިންމާނީ ސަބަބެއް އޮވެގެން ކަމަށް ގަބޫލުކުރޭ! ކޮއްކޮއަކަށް ނުލިބޭނެ މިކަހަލަ ތެދުވެރިއެއް. ހިތްވަރުގަދަ މީހެއް. މިއީ ކޮއްކޮގެ ބައްޕަ ދައްތަ ކައިރީގައި އެދުނު އެދުމެއް،" ދަލޭކަދައިތަ ބުންޏެވެ.

އޭނާ ލޯ މަރާލި އެވެ. އެއްޗެކޭ ނުބުނެ އެވެ. ހިމޭންކަމުގެ ވަގުތުކޮޅެކެވެ.

"އެހެރީ ކޮޓަރި. ދެ މީހުން ދައްކާނެ ވާހަކައެއް ދައްކާލަށް ދެން ދޭ!" ލޯ ހުޅުވުމެއް ނެތި، އެންމެ ފަހުން ދަލޭކަދައިތަ ބުނެލި އެވެ.

ފުރަތަމަ ހިނގައިގަންނާނީ ކާކު ހެއްޔެވެ؟ ފާތިރަކަށް ނުކެރުނެވެ. ހައްވައަކަށް ނުކެރުނެވެ. ދެ މީހުންނަކީ ވެސް ބީރައްޓެހިންނެވެ. ދެ މީހުން ވެސް މި ވަގުތަށް ތައްޔާރުވެފައެއް ނެތެވެ. ފުރަތަމަ ފަހަރަށް ބައްދަލުވި ވަގުތު، ކައިވެނިކޮށް ވެސް ނިމުނީ އެވެ.

ފުރަތަމަ ހިނގައިގަތީ ފާތިރެވެ. އޭނާ ހުރީ އަދިވެސް ހައްވަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ އަތުން ދޫކޮށްލާނެ ވަގުތެއް ނުލިބެ އެވެ. އެފަދަ ކަމަކަށް ހިޔާލުކޮށްލެވޭ ކަހަލަ ޖާގައެއް ވެސް ނުލިބެ އެވެ.

މުޅި ދަތުރު ބަދަލުވެގެން މިދިއައީ މުޅިން އެހެން މިސްރާބަކަށެވެ. އޭނާގެ ހަޔާތުގެ ސަމުގާގެ ކަށި ވެސް އެ އެނބުރުނީ އެހެން ދިމާއަކަށެވެ.

(ހަތް ވަނަ ބައި، މޭ 12، 2020، އަންގާރަ ދުވަހު)