ވާހަކަ ސިލްސިލާ: ދިހައެއް: ގޭންގް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 19، 2020، އަންގާރަ ދުވަހުގެ ބަޔާ ގުޅޭ)


"އޭނާ ދޫކޮށްލާ!...އޭނާ ދޫކޮށްލާ...." ގިސްލަމުން ފިރިހެންމީހާއަށް މަޑުމަޑުން ކުރެވެމުން ދިޔައީ ހަމަ އެއް އާދޭހެކެވެ.

އެހާ ހިސާބުން ގުރޯގެ އަތަށް ގެންނަން އުޅުނު ހަރަކާތަކުން، ކަންތައް ގޯސްވަނީކަން، ފިރިހެންމީހާއަށް ވިސްނުނެވެ. އަންހެންމީހާ ގޮނޑީގައި އޮވެގެން، ރޮމުން، ގަދަދައްކަމުންދިޔަ އެވެ.

"ދެން ހުއްޓާލާ، ކަލޭމެން ބުނާ ގޮތެއް އަހަރެން ހަދާނަން،" ފިރިހެންމީހާއަށް އެންމެ ފަހުން ބުނެވުނެވެ.

އަންހެންމީހާގެ ހެދުމުން ގުރޯ ދޫކޮށްލި އެވެ. ދެން އޭނާގެ ކުރިމައްޗަށް އައިސް، އަންހެންމީހާއާ ދިމާއަށް ހަތަރު ކަޅި ހަމަކޮށްގެން ހުރެ، ހެދުން ފަޔާ ހަމައަށް ތިރިކޮށްލި އެވެ. ދެން އޭނާގެ އަރިމަތިން ގޮނޑީގައި އިށީނެވެ.

ފޯނުން މިހާރު ފެންނަނީ މޫނު ނިވާކޮށްގެން ހުރި މުޖޭ އެވެ. އޭނާ ބޭނުންވަނީ އަންހެންމީހާއާ ވާހަކަ ދައްކާށެވެ.

"ކަލޭގެ ފިރިމީހާ މި އޮތީ އަހަރެމެންގެ އަތް ދަށުގައި. އެހެންވީމާ ހަނދާންކުރާތި، އަހަރެމެންގެ ދެ މީހުން ކަލޭގެ އަނގަ މަތިން ފޮތިގަނޑު ނައްޓާލިޔަސް ހަޅޭއްނުލަވާތި، އެއްޗެކޭ ނުބުނާތި، އެއްވެސް މީހަކަށް ފޯނު ނުކުރާތި. އެ މީހުން ނުކުތީމާ ކަލޭގެ ފިރިމީހާ ކަލެއަށް ގުޅާނެ. އެނގިއްޖެ!" މުޖޭ ބުންޏެވެ.

ގިސްލަމުން، ކަރުނަ ބާލަމުން ދިޔަ އަންހެންމީހާ ބޯ ޖަހާލި އެވެ. އެހާ ހިސާބުން ގުރޯ، އޭނާގެ އަނގަ މަތިން ފޮތިގަނޑު ނައްޓާލި އެވެ. އަދި ދެ އަތް ވެސް މޮހެލި އެވެ.

ގިސްލެވެން އުޅޭލެއް ބޮޑުކަމުން، އެކަމަކު އަޑު ނުކުމެދާނެތީ، އަންހެންމީހާއަށް އަނގަމަތީގައި ބާރަށް އަތް އަޅާލެވުނެވެ. އޭނާއަށް މާނޭވާ ލެވެން ފެށުނެވެ. އޭނާއަށް ބިރުދެއްކި ދެ މީހުން ނުކުމެގެން ދިޔަ އިރު ވެސް ގުޑާލަން ނޭނގިފައި އިނދެވުނެވެ. ދޮރު ލެއްޕި އަޑު އިވުނެވެ. އޭނާއަށް އަވަސް އަވަހަށް ހޯދާލެވުނީ ފޯނެވެ. ފޯނު އޮތީ ޓީވީ ރެކް މަތީގަ އެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެ ނެގި އެވެ. ދެން ފިރިމީހާގެ ކޯލެއް އަންނާނެ އިރަކަށް ބަލަން އިނެވެ.

އެ ކޯލް އައީ ދިހަ މިނިޓް ފަހުންނެވެ. ދެ މީހުން ވެސް ފެށީ ރޯށެވެ. އެތައް އިރެއް ވަންދެން ރުއިމުގައި ތިއްބެވެ.

"މާދަމާ ރިސޯޓުން ކެނޑިގެން އަހަރެން މާލެ ދާނަން،" އެންމެ ފަހުން ފިރިހެންމީހާ ބުންޏެވެ.

"އަވަހަށް އާދޭ. ދެން ނުވާނެ ރިސޯޓަކަށް ގޮސްގެންނެއް. އަހަރެން ކައިރީގައި ހުންނަން ޖެހޭނީ،" އަންހެންމީހާ އަދި ވެސް ދިޔައީ ގިސްލަމުންނެވެ. އޭރު ވެސް އޭނާގެ އަތް ތުރުތުރުއަޅަ އެވެ.

އެ ބިރުދެއްކުމުގެ އަގަކީ ބައި މިލިއަން ރުފިޔާ އެވެ. މީހަކަށް އެއް ލައްކަ ރުފިޔާ އެވެ.

އަނެއް ދުވަހު އެ ފިރިހެންމީހާ ރިސޯޓުން، އަމިއްލަށް ކެނޑުނެވެ. މުވައްޒަފުންގެ ހައްގުތައް ހޯދަން، އޭގެ ދެ ހަފުތާ ކުރިން ފެށިގެން ކުރިއަށް ދިޔަ ހަޅުތާލު ރޭވީ ވެސް އޭނާ އެވެ. އޭގެ މުގުލުގައި ހުރީ ވެސް އޭނާ އެވެ. އެކަމަކު ކުއްލިއަކަށް ރިސޯޓުން ކެނޑިގެން ދިއަ ސަބަބެއް، ރިސޯޓްގައި އޭނާއާ އެންމެ ކައިރީގައި އުޅުނު މީހުން ކައިރިއަކު ވެސް ނުބުނެ އެވެ. އޭނާ ހެނދުނު ހެނދުނާ ފުރައިގެން ދިޔައީ އެވެ.

ހަޅުތާލު ނިމުމަކަށް އަ އެވެ.

އެއީ މުޖޭގެ ގޭންގްގެ ހާއްސަ "ކްލަޔަންޓުން"ނެވެ. މުއްސަނދިންނެވެ. އެ މީހުން އެ ގޭންގް ބޭނުންކުރަނީ، ދަރަނި އަދާނުކުރާ މީހުން އަތުން ބިރު ދައްކައިގެން ފައިސާ އަތުލާށާއި އެ މީހުންގެ ވިޔަފާރިއަށް ގެއްލުން ލިބޭ ގޮތަށް ކަންކަން ކުރާ މީހުން ހުއްޓުވާށެވެ.

އެކަމަކު މިހާތަނަށް ހިންގި ބޮޑެތި އޮޕަރޭޝަންތައް ނިމިގެން ދިޔައީ، އެ ދެމަފިރިންނަށް ހެދި ގޮތަށް، ހަމައެކަނި ބިރުދައްކާލައިގެންނެއް ނޫނެވެ. މަދުވެގެން ހަތް މީހުންގެ ލޭ އޭނާގެ އަތުގައި ވެސް ވަނީ ހޭކިފަ އެވެ. އޭނާ ބައިވެރިވާ ގަތުލުތަކަށް ފަހު، ނުނިދިގެން އެތައް ދުވަހެއް ވަންދެން އޭނާއަށް އުޅެން ޖެހެ އެވެ. އެ ދުވަސްތަކުގައި، ލޯބިވެރިޔާ ނަދާއަކާ ވެސް ބައްދަލެއް ނުކުރެ އެވެ. މުޖޭ ހިފާފައި ހުންނަ އެޕާޓްމަންޓްގެ ކޮޓަރީގައި އޮވެވެނީ އެވެ.

ފުރަތަމަ ގަތުލު ހިންގީ މާލޭގެ ފަސް ބުރިއަށް ހުރި ގެއެއްގެ އެންމެ މަތީ ބުރީގަ އެވެ. ދެ ކޮޓަރީގެ އެ އެޕާޓްމަންޓްގައި އުޅެމުން ދިޔައީ ތިރީސް ފަސް އަހަރުގެ ޒުވާނެކެވެ. އެކަނިމާއެކަނި އުޅޭ ޒުވާނެކެވެ. ވިސްނުންތެރިއެކެވެ. ބައެއް މީހުންނާ ގުޅިގެން ވިޔަފާރިތަކަށް އިންވެސްޓްކުރެ އެވެ. އޭނާގެ ބައްޕަ މަރުވުމުން ލިބުނު ފައިސާ ހޭދަކުރީ، ކުރިމަގަށް ފައިދާވާނެ ކަމަށް ބެލެވުނު ވިޔަފާރިތަކަށެވެ. މީހަކާ ނީނދެ އަދި ލޯބިވެރިޔަކު ވެސް ނެތި ދިރިއުޅެމުން ދިޔައީ އުފެދުމުގައި ހުރި މައްސަލައެއްގެ ސަބަބުންނެވެ.

އެ ޒުވާނާ ބެލީ އެކަނިމާއެކަނި އުޅުނަސް، މާލީ ތަނަވަސްކަން ހުރެއްޖެ ނަމަ، ގެއްލުމެއް ނެތް ކަމަށެވެ. އެއްވެސް ވިޔަފާރިއެއްގައި އަމަލީ ގޮތުން ނޫޅެ، އެކަމަކު ކޮންމެ މަހަކު ވެސް ދެ ލައްކައެއްހާ ރުފިޔާ އޭނާގެ އެކައުންޓަށް ހުންނަނީ ވަދެވަދެ އެވެ.

ކޮންމެ މީހަކާ އެކު ވެސް އޭނާގެ މައިގަނޑު އެއް ޝަރުތެއް އޮވެ އެވެ: މަކަރުނުހެދުމެވެ. ގެއްލުން ވިޔަސް ތެދަށް ބުނީމާ ނިމުނީ އެވެ. އޭނާ ދޭ ފައިސާ އަނބުރާ ނުދެއްކުނަސް، ވާހަކަ ދައްކައިގެން ހަމަޖައްސާލެވެ އެވެ. އެކަމަކު އެންމެން އެހާ ތެދުވެރިއެއް ނޫނެވެ. ބައެއް މީހުންގެ ހިތް އަމިއްލަ އެދުމުން ކަޅުވަމުން ގޮސް، އޭގައި ހަމްދަރުދީގެ ވިންދެއް ވެސް ނުޖަހަ އެވެ. އިންސާނިއްޔަތުކަމުގެ ކުލުނަކީ ކިހާ މާތް، ކިހާ މުހިންމު އެއްޗެއްކަމެއް ނޭނގެ އެވެ.

ޒުވާނާގެ ލެއަށް ދަހިވެތިވީ ސަފާރީ ތިން އުޅަނދަކަށް އޭނާ ލައްވާ އިންވެސްޓްކުރުވި ވިޔަފާރިވެރިއެކެވެ. އެކަމަކު އެ އިންވެސްޓްމަންޓް ކުރިކަން އެއްވެސް ލިއެކިއުމަކުން ފެންނާކަށް ނެތެވެ. އޭގެ ސަބަބަކީ، އެ ވިޔަފާރިވެރިޔަކީ، އޭނާގެ ވަރަށް ގާތް ކްލާސްމޭޓަކަށް ވުމެވެ. އެހެންކަމުން އެހެން އެއްވެސް މީހަކަށް ނުކުރާ އިތުބާރު ކުރި އެވެ.

ދަހިވެތިކަން އޭގެ ހައްދުން ނެއްޓެން ދިމާވީ، ޒުވާނާއަށް ދައްކަން ހުރި ފައިސާގެ އަދަދު މަތިވަމުން ގޮސް ދެ މިލިއަނެއްހާ ރުފިޔާއަށް އެރުމެވެ. އެ ވަރުގެ އަދަދެއް ދެއްކުމަށް ވުރެ، ވިޔަފާރިވެރިޔާއަށް ފެނުނީ، އެކަނިމާއެކަނި އުޅެމުން އަންނަ، އާއިލާއެއް ބިނާކުރުމުގެ ޝައުގުވެރިކަމެއް، ގާބިލްކަމެއް ވެސް ނެތް، ޒުވާނާ މަރާލުން މާ ރަނގަޅު ކަމެވެ.

މުޖޭއާ އެކަން ހަވާލުކުރި އެވެ. އޭނާ ދިޔައީ ގުރޯ ގޮވައިގެންނެވެ. ޒުވާނާ ބޭރަށް ނުކުތް ވަގުތު ބަލާފައި، އެ އެޕާޓްމަންޓަށް ވަދެ، އޭނާ އަންނާނެ އިރަކަށް އިންތިޒާރުކޮށް، ދެ މީހުން ތިބީ އެވެ.

ޒުވާނާ ދޮރު ހުޅުވާލާފައި ވަނީ ރޭގަނޑު އެގާރަ ގަޑި ބައިވަން އުޅެނިކޮށެވެ. ދޮރާ ޖެހިގެން ހުރި ސްވިޗުން އެއް ހޮޅިބުރި ދިއްލުނެވެ. ދެ ވަނަ ސުވިޗަކަށް ފިއްތާލުމުގެ ކުރިން، ބަދިގެ ތެރެއިން ކުއްލިއަކަށް ނުކުމެ ބާރަށް ގޮސް ގުރޯ އޭނާގެ އަނގަ މަތީގައި އަތް އަޅާ، އަނެއް އަތުން، ހިކި ހަށިގަނޑުގެ މޭމަތީގައި ބާރަށް ހިފެހެއްޓި އެވެ.

މުޖޭގެ އަތުގައި އޮތް ވަޅިން ހެދި އެއްޗެއް ހަދާ ނިންމާލީ، ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.

އަގަކީ މިފަހަރު ވެސް ބައި މިލިއަން ރުފިޔާ އެވެ.

އޭގެ ތިން ދުވަސް ފަހުން ގުރޯ ގެއިން ބޭރަށް ނުކުމެ، ސައިކަލްގައި ދިޔައީ ނަދާ ނަގާށެވެ. ނަދާގެ ނާސިން ކޯސް ނުނިމެ އެވެ. ކައިވެނިނުކުރެވިގެން އުޅެނީ އެހެންވެގެންނެވެ. ނަދާގެ އެދުމަކީ، ކޯހުގެ ފަހު ދުވަހަށް ފަހު ދެން އަންނަ ދުވަހު ދެ މީހުން ތިބޭނީ ކައިވެނީގެ ހެދުމުގައި ކަމެވެ.

ނަދާ ގޮވައިގެން ގުރޯ ދިޔައީ ސިންފަނީ ރެސްޓޯރަންޓަށެވެ. ދޮރާ ޖެހިގެން ހުންނަ ފުރަތަމަ މޭޒުގައި ދެ މީހުން ތިއްބެވެ. މަޑު އަލީގައި ވެސް ނަދާއަށް ފާހަގަކުރެވުނީ ގުރޯގެ މާޔޫސް މޫނެވެ.

"ކިހިނެއް ވެފައި ތިއިނީ؟" ނަދާ އެހި އެވެ.

"ކަމެއް ވެފައިތަ؟" އާންމު ހަމަޖެހުމުގެ ތެރެއިން އޭނާ އިނީ އޭރު ވެސް ބޭރުވެފައި ކަން، ގުރޯއަށް އިހުސާސްކުރެވުނެވެ. އެކަމަކު ނޭނގޭ ކަމަށް ހަދާފައި އެ ސުވާލުކުރި އެވެ.

ކުރިމަތީގައި އިނީ ލޯބިވެރިޔާ ކަމަށް ވިޔަސް ސިކުނޑީގައި އޮތީ އޭނާގެ އަތް މައްޗަށް ޒުވާނާ މަރުވަމުން ދިޔަ މަންޒަރެވެ. ކަރުންނާއި މޭ މަތިން ފައިބަމުން ދިޔަ ލޭތަކެވެ. ސިޓިން ރޫމުގައި އަޅާފައި އޮތް ފެހި ކުލައިގެ ދޫލަ މަތީގައި މަޑުމަޑުން ޒުވާނާ ބޭއްވި އިރު، ފަހު ނޭވާ ދޫކޮށްލަނީ އެވެ. ދެ ލޯ ހުއްޓިފައި ހުރީ އޭނާ އާއި މުޖޭއާ ދިމާއަށެވެ. އެކަމަކު އެ ފުން ނަޒަރުގައި ބިރުގަތުމުގެ އަސަރުތަކެއް ނެތެވެ. އޭގެ ބަދަލުގައި އެ ނަޒަރުން ފެނުނުހެން ހީވީ "އަހަންނަށް ތިހެން ތި ހެދީ އަހަރެން ކޮން ކަމެއް ކޮށްގެންހޭ" ޒުވާނާ ކުރާ ސުވާލެވެ.

ކިތައްމެ ހިތްވަރު ގަދަޔަސް ގުރޯއަށް އެ ވަގުތުކޮޅުގެ މަތިން އަދި ހަނދާން ނައްތައެއް ނުލެވެ އެވެ. އެންމެ ތިން ދުވަހެވެ.

"ފިހާރައިގެ ބޮޑު މީހާ އެއްޗެކޭ ބުނީތަ؟" ނަދާ ދެން ވެސް އެހި އެވެ.

"އަސްލު ވެސް ހަމަ އެއްވެސް ކަމެއް ނުވޭ. ބޮލުގައި ރިއްސާތީ، މޫޑު ގޯސްހެން ހީވަނީ ކަންނޭނގެ،" ގުރޯ ބުންޏެވެ.

"ދީ ބަލަ ދެ އަތް!" ނަދާ ވަރަށް ލޯބިން ބުނެލި އެވެ. ގުރޯ އޭނާގެ ދެ އަތްތިލަ މޭޒު މަތީގައި ބޭއްވި އެވެ. ނަދާ މަޑުމަޑުން ހިފާލައި، ބާރުކޮށްލި އެވެ.

"މިހާރު ބޮލުގެ ރިހުން ކެނޑެން ޖެހޭނެ،" ހީނގެންފައި ނަދާ ބުންޏެވެ. ގުރޯ ވެސް މޫނު މައްޗަށް ހިނިތުންވުން ގެނެވޭތޯ މަސައްކަތްކުރި އެވެ.

"އާނ، އެބަ ކެނޑޭ. ތިއީ ހަމަ ޖާދޫގަރެއް،" ގުރޯ ބުންޏެވެ.

ނަދާ ވަރަށް ފުންކޮށް ގުރޯގެ މޫނަށް ބަލައިލި އެވެ. ލޯބިވެރިޔާގެ ގޯސް މޫޑުގެ ވާހަކަ އިތުރަށް ދައްކާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭރުން ބައްދަލުވުން ވެސް ވާނީ ހަރާބެވެ. އެންމެ ފަހުން ދެ މީހުން ދިމާވީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އެހެންކަމުން އޭނާ އުޅުނީ އުފާވެރިކަމުގައި ވަގުތު ހޭދަކޮށްލާށެވެ.

"ހުކުރު ދުވަހު ރަށަށް ޖައްސާލަން ކަމަށް މި އުޅެނީ،" ނަދާ ބުންޏެވެ.

"ޗުއްޓީ ލިބެނީތަ؟" ގުރޯ އެހި އެވެ.

"އާނ، ހަފުތާއަކަށް. ބައްޕަ ބުނީ އަންނާށޭ. ގުރައިޝްއަކަށް ނުދެވޭނެތަ؟" އެހެން މީހުން ކިޔަނީ ގުރޯ ނަމަވެސް ނަދާ އަބަދުވެސް ބޭނުންކުރަނީ ގުރައިޝް އެވެ.

"ނޫން ދެވިދާނެ،" ގުރޯ ބުންޏެވެ.

"މަށާ އެކު ޓިކެޓް ނަގައްޗޭ. މަ ދޭނަން ލާރި،" ނަދާ ބުންޏެވެ.

"މިފަހަރު މަ ނަގައިދީފާނަން. ދެ މީހުން އެކުގައެއްނު ދާނީ ވެސް،" ގުރޯ ބުނެލި އެވެ.

އަސްލު ކެއުމުގެ މޫޑެއް އޭނާގެ ނެތެވެ. ނަދާ ގެނައި ކުކުޅު ފައިގެ ތެރެއަށް ވަޅި ކޮއްޕާލާ ތަން ފެނުމުން ވެސް، ގުރޯގެ ސިކުނޑިއަށް ވެރިވެގަތީ، ޒުވާނާގެ މެއަށް މުޖޭ ދެ ފަހަރަށް ވަޅި ހަރާލި މަންޒަރެވެ.

"އަސްލު އަހަރެން ބޭނުންވަނީ ގުރައިޝްއަށް ލިބޭ ލާރި ސޭވްކުރަން. ވަރަށް ބޮޑު ޕާޓީއެއް ބާއްވަން ޖެހޭނެ. އަވަށުގެ އެންމެންނަށް ކިޔަން އަހަރެން ބޭނުން،" ނަދާ ވާހަކަ ދެއްކި އެވެ.

އެއީ ސުވާލެއް އޮތް ކަމެއް ނޫނެވެ. އޭނާގެ އަތުގައި މިހާރު ވެސް ލާރި އެބަ ހުއްޓެވެ. އޭނާ މިހާރު އެ ލާރި އެ ހޯދަނީ ވެސް ނަދާއަށްޓަކަ އެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟ އެވަރުގެ ޕާޓީއެއް ނުބޭއްވޭނީތަ؟" ގުރޯ މަޑުން އިނުމުން ނަދާ އެހި އެވެ.

"ނޫނޭ، ލާރި އެއްކުރާނަން. ނަދާގެ އުފާ ދޯ އަހަންނަށް މުހިންމުވާނީ،" ގުރޯ ބުންޏެވެ.

"އެކަމަކު މަ ބޭނުމެއް ނޫން ދަރަންޏަށް ލާރި ނަގައިގެން، ޑްރަގް ވިއްކައިގެން، ވައްކަން ކޮށްގެން، އެހެން ހޯދާ ފައިސާއެއް،" ނަދާ ވަގުތުން ބުނެލި އެވެ.

އެއީ ޔަގީނުން ވެސް ނަދާއަށް އެއްޗެއް ރޭކާލައިގެން، އެނގިގެން ބުނި ވާހަކައެއް ނޫނެވެ. އެކަމަކު ގުރޯގެ މޫޑު އިތުރަށް ހަރާބުވި އެވެ. އޭނާ ކުރަމުން އަންނަނީ، ޑްރަގް ވިއްކުމާއި ވައްކަން ކުރުމަށް ވުރެ ވެސް މާ ނުބައި ކަމެކެވެ. ފައިސާއަށްޓަކައި އިންސާނެއްގެ ފުރާނަ ދުއްވާލީ މީގެ ތިން ދުވަސް ކުރިންނެވެ. އޭނާއަށް އެއް ލައްކަ ރުފިޔާ ލިބުނެވެ.

"ގުރައިޝް، ބަލާލަ ބަލަ!" ކުއްލިއަކަށް ގުރޯއަށް އޭނާގެ ބޮލުގައި ދެ އަތުން ހިފަހައްޓާލިތަން ފެނުމުން ނަދާއަށް ބުނެވުނެވެ.

"ބޮލަށް ތަދެއް އަރައިފި. ނަދާ، ޕްލީޒް، އިހަށް މަޑުކޮށްލަފާނަން،" ގުރޯއަށް ބުނެވުނެވެ.

"ޑޮކްޓަރަށް ދައްކަން ދާންވީނު. ކިހާ ބޮޑަކަށް ރިއްސާތީ ތިހެން ވާނީ،" ލޯބިވެރިޔާއަށް އަންނަ ބަދަލުތަކުގެ އެއްވެސް މައުލޫމާތެއް ނެތި، ނަދާ ބުންޏެވެ.

ގުރޯ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އިރުކޮޅެއް ވަންދެން އެގޮތަށް އިނެވެ.

"ހިނގާ ބިލް ދައްކާފައި ދާން. ބުރެއް ޖަހާލީމާ ރަނގަޅު ވެދާނެ،" ގުރޯ ބޭނުންވީ އަވަހަށް ނުކުންނާށެވެ.

އެއީ އޭނާގެ ހަނދާނުން ފޮހެނުލެވުނު ރެއެކެވެ. އެއީ މީހަކު މަރާލުމާ އެކު އޭނާއަށް އަންނަ ބަދަލުތަކުން އަރައިގަނެ، ހަމަޖެހިލުމުގެ ކުރިން، ގެއިން ބޭރަށް ނުކުތުމުން ދިމާވި މައްސަލައެކެވެ. އެ މޫޑުގައި އޭނާ އެއްވެސް މީހަކާ ބައްދަލުނުކުރަން އެރޭ ނިންމި އެވެ. މަރުވަމުންދާ މީހުންގެ ފަހު ބެލުންތަކާއި އާދޭހުގެ އަސަރުތަކުން ސިކުނޑި ފުރިފައި އޮންނަ ހާލަތެއްގައި، ނަދާގެ ކުރިމައްޗަށް، ދެން ދުވަހަކު ވެސް ނާރަން އޭނާ އަޒުމް ކަނޑައެޅި އެވެ.

އޭގެ ފަހުން އެކަހަލަ އަނިޔާވެރި ބޮޑެތި އޮޕަރޭޝަން ނިންމައި، އާންމުންގެ ތެރެއަށް އޭނާ ނުކުންނަނީ ދެ ހަފުތާއެއްހާ ދުވަހު ގޭގައި މަޑުކޮށްފަ އެވެ.

---

ކުރިމަތީގައި އިން މީހާ ބޭނުންވި ހުރިހާ ވާހަކަތަކެއް އޭނާ ކިޔައިދިނެވެ. އެކަމަކު އެއީ ދުވަހަކު ވެސް އޭނާގެ އަނގައިން ބޭރުނުވާނެ ކަމަށް ނިންމައިގެން ހުރި ސިއްރުތަކެވެ. އޭނާ އާއި އޭނާގެ އަނެއް ހަތަރު އެކުވެރިންނާ ހަމައަށް، މި ގޮތަށް މީހަކު، ނުވަތަ ގްރޫޕަކުން އައިސް، މި ހާލަތުގައި ބައިންދައިގެން ގަދަކަމުން އެއްޗެއް ބުނުވަފާނެ ކަމަށް، ކުޑަކޮށް ވެސް ހިއެއް ނުކުރެ އެވެ.

ގުރޯ އަތުން ބޭނުން ހުރިހާ މައުލޫމާތެއް ލިބުމުން ވެސް، އެ މީހާ އިނީ، ކުރިން ވެސް ހަމަ އިން ގޮތަށް، ކުރިމަތީގައި އޮތް ގަސްތަކާއި މޫދަށް ބަލަހައްޓައިގެންނެވެ. އޭނާ ދެއްކި ހުރިހާ ވާހަކައެއް ވެސް، ކަނުލައި އަޑުއެހިކަން ޔަގީނެވެ. އެކަމަކު ގުރޯ ވާހަކަ ދައްކާ ނިމުމުން އިތުރު ސުވާލެއްކުރާކަށް ނޫޅެ އެވެ. ގުރޯއާ ދިމާލަށް އެންމެ ފަހަރަކު ވެސް ބަލައެއް ނުލަ އެވެ. ގުރޯ އިނީ، އެމީހާ ދެން ހަދާނީ ކިހިނެއްކަން ނޭނގި، ކަންބޮޑުވުމެއްގަ އެވެ.

"އޯކޭ، އަހަރެން އެބަ އަންނަން،" އެމީހާ ތެދުވި އެވެ.

"އަހަރެން ދުލެއް ނުކުރާނަންތަ؟" މައްޗަށް އިސް އުފުލައިލަމުން ގުރޯ ސުވާލުކުރި އެވެ.

"މި އަންނަނިއްޔޭ، މާ ގިނަ އިރެއްނުވާނެ،" ފަހަތަށް އެނބުރި ބަލައި ވެސް ނުލައި، އެމީހާ ހިނގައިގަތެވެ.

ގުރޯ އިނީ އެވެ. މިހާރު ލޭ މަނާވެއްޖެ އެވެ. އެކަމަކު ތަދު އެބަ ހުއްޓެވެ. އަތް ހަރަކާތްކޮށްލެވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ބަނދެފައި އިނީ، ސަލާމަތްވެގެން ދެވޭ ވަރަށް ވުރެ މާ ބާރުކޮށެވެ.

ވިއްސަކަށް މިނިޓް ފަހުން، ގުރޯ ސިއްސައިގެން ގޮސް ބަލައިލެވުނީ، ބަޔަކު ހަޅޭއް ފަޅޭއްލަވައި އަޑަށެވެ. ހަޅޭއްލަވަމުން ގެންދަނީ، މުޖޭކަން އޭނާއަށް ޔަގީނެވެ. "ޕްލީޒް... ޕްލީޒް...." އޭ ގޮވަމުން އެދަނީ ހާދީކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ގުރޯގެ ބިރު ބޮޑުވި އެވެ. ވާނުވާއެއް ނޭނގުނެވެ. އަޑުތައް އަންނަ ދިމާއަށް ކަޅި ހުއްޓާލި އެވެ.

ދުވެފައި އަންނަތަން ފެނުނެވެ. ހާދީ އާދޭސް ކުރަމުން އެ ދުވަނީ، މުޖޭއަށް އަތުނުވާށެވެ. އޭނާގެ ފަހަތުން މުޖޭ ހަޅޭއްލަވަމުން އަންނަ އިރު، އޭނާގެ އަތުގައި، ބޮޑު ވަޅިއެއް އޮތް ތަން ގުރޯއަށް ފެނުނެވެ.

"މާތް ރަސްކަލާނކޯ!" ބިރުން ގޮސް ހަދާނެ ނުހަދާނެ ގޮތެއް ނޭނގި، އެންމެ ފަހުން ގުރޯއަށް، މާތްﷲގެ ނަންފުޅު ވެސް ކިޔައިލެވުނެވެ. މި ފެންނަނީ މީހަކު އެ ހުރި ތަނަށް ބިރުން ގޮސް މަރުވެގެން ވެއްޓި ވެސް ދާނެ ފަދަ މަންޒަރުތަކެވެ. މިއަދު އިރުއޮއްސުމާ ހަމައަށް، އަދި އަޖައިބެއް ކަހަލަ އެ މީހާގެ އަތް ދަށުވުމާ ހަމައަށް، އެ އެންމެންނަކީ އެކުވެރިންނެވެ. ތިބީ އެކަކު އަނެކަކުގެ ހިމާޔަތުގަ އެވެ. އެކަމަކު މިހާރު އޭނާއަށް އެ ފެންނަނީ، އޭގެ ތެރެއިން ވެސް އެންމެ ގާތް ދެ މީހުން އެކަކު އަނެކެއްގެ ލޭ އޮހޮރުވާލަން އުޅޭ ތަނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިވަނީ ކިހިނެއް ހެއްޔެވެ؟ އެމީހާގެ ފަހަތުން، މުޖޭ އާއި ހާދީ ނުދުވަނީ ކީއްވެގެން ހެއްޔެވެ؟ އެ މީހާ މިހާރު އަނެއްކާ ކޮބައި ހެއްޔެވެ؟

ސިކުނޑީގައި އޮތީ ފިކުރާއި ސުވާލާއި ބިރެވެ. އޭނާ އަނގަ ހުޅުވުނެވެ. އޭރު ހާދީގެ ފަހަތުން މުޖޭ އެ އައި ގޮތަށް އައިސް ފުންމައިގެން އަރާ ބުރަކަށީގައި ފައިން ޖެހި އެވެ. ދެ މީހުން ވެސް ވެއްޓުނެވެ. އެކަމަކު ހާދީގެ ކުރިން، މުޖޭ ތެދުވެ، އޭނާގެ ބުރަކަށި މަތީގައި އިށީނެވެ. ދެން ދަތްދޮޅީގައި ވާތުން ހިފައި، ހާދީގެ ބޯ މައްޗަށް ނެގި އެވެ. މުޖޭގެ ކަނާތުގައި އޮތް ވަޅީގެ މުއްގަނޑުގައި ބާރަށް ހިފަހައްޓާލިތަން ގުރޯއަށް ފެނުނެވެ.

މިއީ އާދައިގެ ކަމެއް ނޫނެވެ. އޭނާގެ ހިތަށްއެރި އެވެ. މިހާރު މުޖޭ ކަތިލަން އެ އުޅެނީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އެވެ.

(ތިން ވަނަ ބައި މޭ 22، 2020، ހުކުރުދުވަހު)