ވާހަކަ ސިލްސިލާ: ދިހައެއް: ގޭންގް

ދިވެހި ބަހުގައި ބޭނުންކުރާ މަތީ ދަރަޖަތަކެއް މި ވާހަކާގައި ނުހިމެނޭނެ އެވެ. ވާހަކާގައި ސިފަކުރާ ޝަހުސިއްޔަތުތައް ކިތައްމެ މަތީ މަގާމެއް އަދާކުރިޔަސް ބޭނުންކުރާނީ އެންމެ އާދައިގެ ބަހުރުވަ އެވެ. މި ސިލްސިލާ ދެމިގެންދާނީ ދިވެހި ދިގު ވާހަކަތަކާ ތަފާތުކޮށް، ވަކިވަކި ބައިތަކެއްގެ ގޮތުގަ އެވެ. އެކި ބައިތަކުގެ ދިގުމިން ވެސް ތަފާތުވާނެ އެވެ.

(މޭ 23، 2020، ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)


މުޖޭ ހައިރާންވި އެވެ. މި މީހާ އޭނާގެ އެ މައުލޫމާތުތައް ވެސް ހޯދީ ހެއްޔެވެ؟ ގައިމު އެއިން ކަމެއްގައި އޭނާ ބަންދެއް ނުކުރެ އެވެ. އޭނާގެ ލޯބިވެރިން އެކަން ރިޕޯޓެއް ވެސް ނުކުރެ އެވެ. ހަމައެކަނި އޭނާއަށް ލިބުނު އަދަބަކީ، އޭގެ ކޮންމެ ތަޅާފޮޅުމަކާ އެކު އެމީހުން އޭނާ ދޫކޮށް ދިއުމެވެ. މައާފަށް އެދެން ގުޅާލުމުން އެއިން ކޮންމެ އަންހެނަކު ވެސް ބުނީ "ތިއީ އެކުގައި އުޅެވޭ ވަރަށް ވުރެ މާ އަނިޔާވެރި މީހެއް" ކަމަށެވެ.

އެއީ ދޮގެއް ނޫނެވެ. އިންނާނެ މީހަކު އޭނާއަށް އަދިވެސް ނުލިބެ އެވެ. މިހާރު މި ދިމާވި ގޮތުން ކައިރީ މީހަކާ ނުއިނދެ މަރުވެ ދިއުމެވެ.

"އަނިޔާވެރިން އަބަދުވެސް ވާނީ އަނިޔާވެރިންނަށް،" ކޮޅަށް ތެދުވަމުން، އެމީހާ ބުންޏެވެ. "ކަލޭގެ ބައްޕަގެ މަރާ މެދު ވެސް ސުވާލުތައް އެބަ ހުރި. ކަލޭގެ މަންމައަށް ވެސް އެނގޭ ގޯހެއް ހިނގިކަން. އެކަމަކު އެވާހަކަ ދައްކަން ނުކެރެނީ، ބުނަން ބޭނުންނުވީ."

މުޖޭގެ ހަނދާނުން ދުވަހަކު ވެސް އެކަމެއް ނުފޮހެވޭނެ އެވެ. އަދި ބައްޕަގެ ޖަނާޒާއަށް ފަހު ގެއަށް އައިސް މަންމަ އިން ގޮތް މިހާރު ވެސް އޭނާއަށް ފެންނަ ފަދަ އެވެ. ލޯމައްޗާއި ނޭފަތް މަތީގައި އަޅަމުން ދާ ވޭނުގެ ތެރެއިން ވެސް، މަންމަގެ އެ އަޑު އޭނާގެ ކަންފަތަށް އިވެ އެވެ. "ދަރިފުޅަށް ކަމެއް ކުރެވުނީތަ؟...މަންމަގެ ހިތަށް ހާދަ އުނދަގުލެކޭ މިވަނީ...ހަމަ އެހެން ހަދާފާނަންތަ؟...." އެއީ މަންމައަށް ބުނެވުނު ބައެއް ވާހަކަތަކެވެ.

އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. ކަން އެ އޮތީ ވެ ނިމިފަ އެވެ. ވަޅުލައިފި އެވެ. ގޭތެރެއިން އެ ހަޅޭއްކާއި މަންމަގެ ރުއިމުގެ އަޑެއް ދެނެއް ނީވޭނެ އެވެ.

އެއީ އޭނާއަށް އެވަގުތު ވިސްނުނު މިންވަރެވެ. އެކަމަކު އޭނާގެ ހިތް ދިޔައީ ހަރުވަމުންނެވެ. އަނިޔާވެރި އަމަލްތަކަށް ހިތް ދިޔައީ އެދެމުންނެވެ. މަންމަގެ ގައިގައި ތަޅަން ބައްޕަ ނެތުމުގެ ވަކި ފައިދާއެއް އޭނާއަކަށް ނުފެނުނެވެ. މަޑުމަޑުން މަންމަގެ ސިކުނޑީގެ ބާރު ކެނޑެމުން، މޮޔަވަމުން ދިޔައީ އޭނާގެ ކުރިމަތީގަ އެވެ. ގޭތެރޭގެ އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް މަންމަ ވެއްޓުނެވެ. ދަރިފުޅު ވަކިނުވާ ވަރަށް ސިކުނޑި ގޯސްވި އެވެ.

އެންމެ ފަހުން މަންމަ ލީ ގުރައިދޫގައި ހުންނަ މަރުކަޒަށެވެ. މަންމަ އަދިވެސް ދުނިޔޭގައި އެބަ ހުއްޓެވެ.

އެކަމަކު މިހާރު އޭނާ އެ އިނީ މަރާ މާ ކައިރީގަ އެވެ. ސިކުނޑި ގޯހެއް ނުވެ އެވެ. ހަށިގަނޑުގައި ބާރު އެބަ ހުއްޓެވެ. ރައްކާކޮށްފައި ހުރި ފައިސާ ގިނަ އެވެ. އެކަމަކު އޭނާ ހިޔާރުކުރީ ބައްޕައަށް ވުރެ ވެސް މާ އަނިޔާވެރި ދިރިއުޅުމެކެވެ.

އޭނާގެ ކުރިމަތީގައި ހުރި މީހާ ރުއް ވަށައި މަޑުމަޑުން ހިނގަމުން ދިޔަ އެވެ. އޭނާގެ ކުރިމަތިން ހުރަސްކޮށްލާ އިރު ކަޅި ހުއްޓާލަނީ އޭނާއާ ދިމާއަށެވެ.

"ކަލޭ ކަހަލަ މީހުން ހިތަށްއަރަނީ މުޅި އުމުރުގައި ވެސް ހަމަ ގަދަކޮށޭ އުޅޭނީ. ގޯހެއް ނުހެދޭނޭ. ނުވެސް ހަދާނަމޭ. އެކަމަކު ބަލާބަލަ މިހާރު،" އެ ހިސާބަށް ބުނެވުނު އިރު ހުރީ މުޖޭގެ ކުރިމަތީގަ އެވެ. މުޖޭގެ ދެ ލޮލަށް ބަލައިލި އެވެ.

"އަހަރެން މި ތަނަށް އައުމުގެ ކުރިން އެއްވެސް އަޑެއް އިވުނުތަ؟" އޭނާ ސުވާލުކުރި އެވެ.

މުޖޭއަށް ރޭކައެއް ނުލަ އެވެ. އޭނާއަށް ހޭވެރިކަން ވުމާ އެކު ފުރަތަމަ ވެސް އިވުނީ، އެމީހާ ވާހަކަ ދައްކާ އަޑެވެ.

"ރުސް...އެއީ ކާކު؟" އެމީހާ އެހި އެވެ.

"ރުސްތުމް،" މުޖޭ ޖަވާބު ދިނެވެ.

"ދެން ބޮޑު ޝީނަކުން ފެށެނީ....؟" އެމީހާ އެހެން ބުނެފައި، ހުއްޓާލި އެވެ. ފުރިހަމަކޮށްލަން ދޫކޮށްލީ މުޖޭއަށެވެ. ދެން ކަކޫ ޖައްސާފައި އެމީހާ ތިރިވި އެވެ.

"ޝައުގީ...." އޭނާ ބުންޏެވެ.

"އާނ، ރުސްތުމް އާއި ޝައުގީ. އެމީހުން ހަޅޭއްލެވި އަޑެއް ނީވުނުދޯ. އޯކޭ...ކަލެއަށް ހޭވެރިކަން ތިވީ މާ ފަހުން. ރަށުގެ އެކޮޅުގައި އެ މީހުން މީގެ ކުޑައިރުކޮޅެއް ކުރިން ތަޅާފޮޅި،" އެހިސާބަށް ބުނެފައި ތެދުވި އެވެ. ދެން ރުކުގެ ފަހަތަށް ގޮސް، ގުދުވެފައި، ބިންމަތީގައި އޮތް ވަޅިއެއް ނެގި އެވެ. އެ ހިފައިގެން އައިސް އަނެއްކާވެސް މުޖޭގެ ކުރިމަތީގައި، އެއް ކަކޫ، ބިންމަތީގައި ޖައްސާފައި، އަނެއް ކަކުލުގެ މައްޗަށް، ވަޅި އޮތް އަތް ވައްޓާލި އެވެ. މުޖޭގެ ކަންބޮޑުވުމުގެ ނަޒަރު ހުއްޓުނީ އެއަށެވެ. އޭގައި ހުރީ ލެ އެވެ.

"އަހަރެން ކުރި ހުރިހާ ސުވާލަކަށް ދެ މީހުން ވެސް ޖަވާބުދިން. ދެ މީހުން ވެސް ބިރުން ތުރުތުރުއަޅާ. ކަލެއަށް އަދި ވެފައި ތިއިނީ ކުޑަ ގޮތެއް އެމީހުންގެ ހާލަށް ބަލަންޏާ. ދެ މީހުން ބޭތިއްބީ ޖެހިޖެހިގެން ހުރި ދެ ރުކުގައި އައްސާފައި. އަހަންނަށް އެނގޭ، އެންމެ އަވަހަށް ވާހަކަ ދައްކާނީ އެ ދެ މީހުންކަން،" އެމީހާގެ ވާހަކަތައް މަޑުކޮށްލި އެވެ. އަތުގައި އޮތް ވަޅި، މަޑުމަޑުން ދެކޮޅަށް ތަޅުވަމުން ގެންދިޔަ އެވެ. ހީވަނީ އެއީ މުޖޭއަށް ދޭ އިންޒާރެއް ހެންނެވެ.

އެ ބުނި ވާހަކަ މުޖޭއަށް ގަބޫލުކުރެވުނެވެ. ރުސްތުމް އާއި ޝައުގީއަށް ވަރަށް އަވަހަށް ކޮޅު ބެދޭނެ އެވެ. ކައިރީގައި އޭނާ އާއި ހާދީ ކަހަލަ މީހަކު ނެތް ނަމަ، ހެދޭނީ މުޅިން ވެސް ގޯހެވެ. އެކަމަކު އެއްވެސް ކަމެއް ކުރާކަށް ޖެހިލުމެއް ނުވެ އެވެ. ދިހަ ބުރީގެ އިމާރާތަކުން، ފޮތިގަނޑެއް ބޭނުންކޮށްގެން ފައިބަން ޖެހުނަސް، ބެލުމެއް ނެތި ފައިބާނެ އެވެ.

"ރުސްތުމް، އެސޮރު އަބަދު އުޅުނީ އަންހެނުންނާ މައްސަލަ ޖެހިގެން. އޭގެ ސަބަބު ކަލެއަށް ވެސް އެނގޭނެ. އޭނާ ބޭނުމެއްނުވޭ ދަރިއެއް. އަންހެނުން ބޭނުންވޭ ކުއްޖެއް. ތިން ފަހަރަށް ބަލިވެއިން. ކޮންމެ ފަހަރަކު ވެސް ބިރުދައްކައިގެން ބޭރަށް ގެންގޮސް، ކުއްޖާ ވައްޓާލަނީ. އޭނާ ބޭނުންވަނީ ގެއަށް އަންނަ ކޮންމެ ފަހަރަކު އޭނާއަށް ހުސްވެގެން އަންހެނުން ހުންނަން. ދޮގެއްތަ؟" މުޖޭއަށް ދޫކޮށްލި ސުވާލާ އެކު އަނެއްކާވެސް ވާހަކަ ހުއްޓާލި އެވެ.

"ނޫން، ތެދެއް...." މުޖޭއަށް ބުނެވުނެވެ. ރުސްތުމްގެ އަންހެނުންނަކީ އޭނާއަށް ވެސް ޖެހިފައި އޮތް އުނދަގުލެކެވެ. ކުއްޖަކު ހޯދަން ރުސްތުމްއަށް ވިސްނައިދޭން އެދި ގުޅާ ފޯނު ކޯލު ނުބާއްވައިގެން، އެތައް ދުވަހަކު އޭނާ ވެސް ރުޅިއަ އެވެ. ރުސްތުމްއާ ދިމާއަށް ބަވަން ވެސް ޖެހުނެވެ. އެއިން ކޮންމެ ބެވުމަކީ، ގެއަށް ގޮސް އަންހެނުންނާ ކުރަން ޖެހޭ ޒުވާބެކެވެ.

"އެއީ ދިރިއުޅުމެއް ނޫން. އެއީ ވެސް މީހަކަށް ދިން އަނިޔާއެއް. އެއީ ލޯތްބެއް ވެސް ނޫން. އެއީ އަމިއްލަ އެދުން. ރުސްތުމް ވެސް އެއްބަސްވި މަ މިބުނި ގޮތަށް. އޭނާ ބުނީ 'އާއެނކޭ...އެއީ އަނިޔާއެކޭ...އަމިއްލަ އެދުމޭ.' އެއްވެސް މަޖުބޫރެއް، ބިރެއް ދައްކައިގެންނެއް ވެސް ނޫން އެހެން ބުނީ. ކަލެއަކީ އަންހެނުން ބަލިވެއިންނަ އިރަށް ބޭރަށް ގެންގޮސް ދަރިވައްޓާ މީހެއް ނޫންހޭ، ހަމަ އަހާއިރަށް އޭނާ ބުނެފި، އާނއެކޭ،" އަނެއްކާވެސް އެމީހާ ވާހަކަ ދެއްކުން މަޑުޖައްސާލި އެވެ. ކުޑަ ހިމޭންކަމެކެވެ.

"އޯކޭ، އެއީ އެ ސޮރުގެ ހާލަތު. އޭރު ކައިރީގައި އިނދެ އަނެއް ސޮރު ދިޔައީ ރޮމުން. އަހަރެން ހަމަ އެއްވެސް ކަމެއް ނުކުރަން. ރުސްތުމް ލައްވާ ވާހަކަ ދައްކުވަން އުޅުނުކަން...."

"މޫނުމައްޗަކު ނުޖަހަން؟" އެމީހާގެ ވާހަކަ މެދުކަނޑާލާފައި، މުޖޭ މަޑުމަޑުން އެހި އެވެ. އެމީހާގެ މޫނަށް ހިނިތުންވުމެއް ވެރިވި އެވެ.

"ނޫން، ރުސްތުމްގެ ނޭފަތް މަތީގައި ޖެހިން. އެއީ ކަލޭމެން ފަސް މީހުން ލައްވާ ވާހަކަ ދައްކުވަން އަހަރެން ފުރަތަމަ ހަދަން ނިންމި ގޮތް...." އެމީހާ ބުންޏެވެ.

"އެވަރުން ވެސް ވާހަކަ ނުދައްކައިފިއްޔާ...." މުޖޭ ބޭނުންވީ އެމީހާ ރާވާފައި ހުރި ކަންކަމުން ކުޑަ މިންވަރެއް ނަމަވެސް އެނގޭތޯ އެވެ. އޭނާއަށް އިހުސާސްކުރެވެނީ އަނިޔާކުރުން ކުރިއަށް އަދި އޮތީ ކަމެވެ.

"ދެތިން ފަހަރު ދެ ފަރާތުގެ ލޯ މަތީގައި ޖަހާ، ދެތިން ފަހަރު ނޭފަތް މަތީގައި ޖަހައިފިއްޔާ، ގިނަ މީހުން ވާހަކަ ދައްކާނެ. ނުދައްކައިފިއްޔާ...." އެހެން ބުނެފައި، އޭނާގެ އަތުގައި އޮތް ވަޅީގެ ކޮޅު، މުޖޭގެ ދެ ތުން ފަތުގައި މަޑުމަޑުން ޖައްސާލި އެވެ.

"ކަންފަތް ކަނޑާލީމާ ވާނީ ކިހިނެއް؟ އެވަރުން ވެސް ހިތްވަރުގަދަ ނަމަ އަނެއް ކަންފަތް. ދެން އަތުގެ އިނގިލިތަކުން ފަށާނީ، އެއީ ފަހަރަކު އިނގިއްޔެއް، އެހެން ގޮސް ދިހަ އިނގިލި،" އޭނާ ބުންޏެވެ. އޭރު މޫނުމަތީގައި ހުރީ މަލާމާތުގެ ހިނިތުންވުމެކެވެ. މުޖޭގެ ތުންފަތުން ވަޅި ދުރުކޮށްލި އެވެ.

އެވަރުން ޔަގީނުން ވެސް ކެތެއްނުވާނެ އެވެ. މުޖޭގެ ހިތަށްއެރި އެވެ. އެހެންކަމުން މީގައި ދެން އޮންނާނީ އެމީހާގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ. އެކަމަކު ދެން ވެސް ސަލާމާތްވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ރުސްތުމް އާއި ޝައުގީއަށް ދިމާވުން ކައިރީ އެފަދަ ގޮތެކެވެ.

"އެ ދެ މީހުން ކޮބާ؟" މުޖޭ ސުވާލުކުރި އެވެ.

"މަރުވެއްޖެ! އެކަކު އަނެކަކަށް ހަމަލާދިނީ. މި އޮތީ ބޭނުންކުރި ވަޅި،" އަތުގައި އޮތް ވަޅިއަށް ނަޒަރެއް ދޫކޮށްލަމުން އެމީހާ ބުންޏެވެ.

"ދެ މީހުން ވެސް ބޭނުންކުރީ ތި ވަޅިތަ؟" މުޖޭ އެ ކަންބޮޑުވުމުގައި އިނދެ އަހާލެވުނެވެ.

"އާނ. ރުސްތުމް ވާހަކަ ދައްކާ ނިމުނީމާ އަހަރެން، ޝައުގީ ކައިރިއަށް ޖެހުމުން އޭނާ އަޑުން އަޑު ނަގާފައި ރޮއިގަތީ. ދެން ބުނީ 'ޕްލީޒް، ހެޔޮނުވާނެ...ދެ ފައިގައި ހިފާފައި މި ބުނީ ދޫކޮށްލާށޭ...ބުނި ކޮންމެ ކަމެއް ކޮށްދޭނަމޭ....' އަހަރެން ބުނީ އެއްވެސް ކަމެއް ކަލޭމެން ލައްވާ ނުކުރުވާނަމޭ. ހަމައެކަނި މިވެނި ސުވާލަކަށް ޖަވާބު ދޭށޭ. ހަމައެކަނި އެ ސުވާލަށް ޖަވާބު ދިނީމާ ނިމުނިއްޔޭ،" އެމީހާ ބުންޏެވެ.

"ކޮން ސުވާލެއް؟" މުޖޭއަށް ކުއްލިއަކަށް އަހާލެވުނެވެ.

"އަދި މަޑުކޮށްލާ. ކަލެއާ ވެސް އެ ސުވާލުކުރާނަން،" އެމީހާ ބުންޏެވެ. ދެން ބިންމަތީގައި ދެ ފައި ވައްކޮށްލައިގެން އިށީނެވެ. އަސްލު ސުވާލުތައް އަންނަނީކަން މުޖޭއަށް އިހުސާސްކުރެވުނެވެ.

"ކަލޭގެ ވިސްނުން އަސްލު ގޯހެއް ނޫން. ގޭންގްގެ އެންމެން ތިބެނީ ރީތިކޮށް، ބޭރު ފުށުން އެކަހަލަ ކަމަކަށް ޝައްކެއް ވެސް ނުވާހާ ރީތިކޮށް،" އެމީހާ ވާހަކަ ދައްކަން ފެށި އެވެ.

"ގޭންގް ހެދީ ވެސް، މީހުން ހޯދީ ވެސް ކަލޭ. ޝައުގީއަކީ ކަލޭގެ ނަމުގައި ހިންގާ ފިހާރައަށް ވަޒީފާއަކަށް ވަން މީހެއް. އެކަމަކު ފިހާރަ ތެރެއަށް ފޭރެން ވަން ދެ ކުއްޖަކަށް ހެދި ގޮތް އެނގުމުން ކަލޭ އޭނާއާ ގާތްވީ،" އެމީހާ ބުންޏެވެ.

އެއީ ވެސް ތެދެކެވެ. ރޭގަނޑު ފިހާރަ ބަންދުކޮށް ހިސާބު ނިންމަން އުޅުނު ވަގުތު، ޑްރަގަށް ގޮސް ހުސްވެފައި ހުރި ދެ ޒުވާނަކު ވަޅި ހިފައިގެން ވަނެވެ. ސޭޓު ކައިރިއަށް ގޮސް ވަޅި ދައްކާފައި، އަމުރުކުރީ ހުރި ފައިސާއެއް ނަމަ އެއްކޮށް ދިނުމަށެވެ. އޭރު ޝައުގީ ހުރީ ފިހާރައިގެ އެއްކޮޅުގައި، ގަމީސްތަކެއް ކޮނޑުގައި އަޅުވާށެވެ. ވަޅި ހިފައިގެން ތިބި ދެ ޒުވާނުން ފެނުމުން، އޭނާ އެ އެއްޗެހި ބަހައްޓާފައި، ކަނުގައި ހުރި ފަސް ފޫޓުގެ ހަރުގަނޑުގައި ހިފި އެވެ. ދެ ޒުވާނުންނަށް ނުފެންނާނެހެން، ހެދުންތަކުގެ ފަހަތުން ގޮސް، ނުކުތީ ކައުންޓަރުގެ ކުރިމައްޗަށެވެ. އޭނާ ހަޅޭއްލަވައިގަތުމުން ސިއްސައިގެން ގޮސް ދެ ޒުވާނުން އެނބުރުނެވެ. އެކެއްގެ މޫނުމަތީގައި ޖެހިފައި ގޮސް، ހަރުގަނޑު މަތަވީ ވަޅި ހިފައިގެން ހުރި ޒުވާނާގެ ބޮލަށް ވެސް އަރައިފަ އެވެ. އޭނާ ކައުންޓަރު މައްޗަށް ވެއްޓުނެވެ.

ދެ ވަނަ ފަހަރަށް ޝައުގީ ހަރުގަނޑު މައްޗަށް އުފުލާފައި ޖަހަން އުޅުމުން، އަތުން ވަޅި ވެއްޓި، ދިފާއުގައި އަތް ދިއްކޮށްލެވުނެވެ. އެކަމަކު ބާރު ހަމަލާ މަތަނުވެ ގޮސް އެރީ އެ އަތުގެ ކުޑަ ހުޅާ ދިމާލަށެވެ. ކަށިގަނޑު ބިނދުނު އަޑު އިވުނެވެ.

ދެ މީހުން ވެސް ފެށީ ރޯށެވެ. އެކަކަށް ވެސް ގުޑައެއް ނުލެވުނެވެ.

ފުރަތަމަ ހަމަލާ އެރި ޒުވާނާ އޮތީ މޫނުގައި އަތް އަޅައިގެން، ޓައިލްސްތަކުގެ މަތީގަ އެވެ. އޭރު ލޭތައް ފައިބަމުން ދިޔަ އެވެ. ޝައުގީ ގުދުވެފައި ބަލައިލި އިރު، މޫނުގެ ވާތު ކޮލުގެ މަސްގަނޑު އޮތީ ބޭރަށް އެލިފަ އެވެ. ހަރުގަނޑުގެ ކުރީ ކޮޅުގައި ނުކުމެފައި އިންނަ ބައިން ޖެހި، އެހާ ފުނަށް ކަނޑައިގެން ދިޔައީ އެވެ.

ފިހާރަ ހަވާލުކޮށްފައި ހުރި މީހާ މުޖޭ ގާތު އެވާހަކަ ބުނުމުން، ޝައުގީއާ ބައްދަލުކުރި އެވެ. އަދި އޭނާގެ ގޭންގްގެ މެމްބަރަކަށް ހެދި އެވެ.

"ކަލެއަށް އެނގޭނެ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ވެސް،" އެމީހާ ބުނި އަޑު އިވުނެވެ. އެކަމަކު މުޖޭ ދީފާނެ ވަކި ޖަވާބަކަށް ނުބަލައި، ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ޝައުގީ ބެހެނީ ކުޑަ ފިރިހެން ކުދިންނާ. އޭނާގެ އެޕާޓްމަންޓަށް މުޅިން ވެސް ގެންދަނީ ސަތާރަ އަހަރު ފުރި އަށާރަ އަހަރު ނުފުރޭ ކުދިން. ކަލޭ ކިތައްމެ ފަހަރަކު އެކަން ހުއްޓާލަން ވެސް އެންގި. އެކަމަކު ކަލެއަކީ ވެސް އަނިޔާވެރިއަކަށް ވާތީ، އެކަމުގައި މާ ބޮޑު މަޖުބޫރެއް ނުކުރެވޭނެތާ. އެހެން ނޫނަސް މީހެއްގެ ކިބާގައި ހުންނަ އެކަހަލަ ނުބައި ސިފަޔަކީ އަދި އެހެން ނެތިދާ އެއްޗެއް ވެސް ނޫން."

އެމީހާ އަނެއްކާވެސް މަޑުކޮށްލި އެވެ. ވަޅީގެ ކޮޅުން ބިންމަތީގައި، ވަކި މަގުސަދެއް ނެތި، ކުރަހަން ފެށި އެވެ. ހިމޭންކަމުގެ ވަގުތުކޮޅެކެވެ. މުޖޭ އިނީ ކަޅި ވެސް ޖަހާނުލައި ބަލާށެވެ. މިހާރު އޭނާގެ ނޭފަތުން ލޭ ފޭބުން ހުއްޓިއްޖެ އެވެ. އެކަމަކު ދަތްދޮޅި ކައިރީގައި ލޭތައް ތަތްލަމުން ދާތީ، ވަރަށް ބޮޑަށް ހިރުވައި، އުނދަގޫ އިހުސާސްވަމުން ދިޔަ އެވެ.

"އޭނާ އެ ވާހަކަ ވެސް ދެއްކީތަ؟" މުޖޭ ސުވާލުކުރި އެވެ. އެމީހާ ކުރެހުން ހުއްޓާލައިފައި ބަލައިލި އެވެ.

"ނޫން، އަހަރެން ހޯދި މައުލޫމާތު. ކަލޭ ކިޔައިދިނީމާތަ މަންމަގެ ކަންބޮޑުވުން އަހަންނަށް އެނގުނީ؟ އެ ރުސްތުމް އޭނާގެ އަންހެނުންނަށް ހަދާހާ ގޮތެއް އެނގުނީ؟" އެހެން ބުނެފައި، އޭނާ ވަޅި ނަގައި، މުޖޭގެ މޫނާ ދިމާއަށް ދިއްކޮށްލި އެވެ.

"ކަލޭގެ ގޭންގްގައި މުޅިން ވެސް ތިބީ ދުނިޔޭގެ ވެސް އެންމެ ބޮޑެތި ކުށްވެރިން. ޝައުގީ ކައިރީގައި ކުޑަފިރިހެން ކުދިން ގެންގުޅެނީ ކީއްވެގެންހޭ އެހީމާ، އިވުނީ އަދި މާ ބޮޑަށް ރޮއިގަތް އަޑު. އޭނާއަކަށް ވާހަކަ ވެސް ނުދެއްކުނު. އެކަމަކު އެއަށް ވުރެ މާ ބޮޑެތި ފާފަތައް ވެސް ކޮށްފިއޭ، ކުޑަކުދިން ވެސް މަރާފިއޭ. ހުރިހާ ކަމެއް ފަޅާއެރިޔަސް، އެކަން ފަޅާއަރާކަށް ބޭނުމެއް ނުވޭ. އެއީ އިންސާނުންގެ ހުންނަ އުނި ސިފަ. މީހުން މެރުމަށް ވުރެ، އޭނާގެ ކޮޓަރި ތެރޭގައި ކުރާ އަމިއްލަ ފާފައިގެ ލަދު އޭނާއަށް މާ ބޮޑު،" އެހާ ހިސާބަށް ވާހަކަ ދައްކާފައި، ތެދުވި އެވެ. ރުކުގެ ފަހަތަށް ދިޔަ އެވެ. ދެން މުޖޭ އައްސާފައި އޮތް ވާގަނޑު މޮހާލި އެވެ.

"ހިނގާ މަށާ އެކު،" އެމީހާ މުޖޭއާ ދިމާއަށް ބުންޏެވެ. އޭނާ ތެދުވި އެވެ. ފަހަތުން ދެ އަތް ބާރަށް ބަނެވެ.

"ބޮކި ދިއްލާފައި ހުރި ދިމާލުން ހުރި ގޮތަށް ކުރިއަށް ދޭ!" އެމީހާ އަމުރުކުރި އެވެ.

ރަށުގެ އެއްކޮޅަށް ދަންދެން، ރުކުގައި އެގޮތަށް ބޮކި ހަރުކޮށްފައި ހުއްޓެވެ. އެއީ ރޭގަނޑު، ރަށު ތެރޭގެ މަންޒަރު ރީތިކޮށްލަން، މުޖޭގެ ހިޔާލާ އެއްގޮތަށް ކޮށްފައި ހުރި ކަމެކެވެ. އެކަމަކު މިރޭ އެފަދަ ހިތްގައިމުކަމަކަށް ވުރެ އެ މަގަށް އެޅެމުން ދާނީ އިންސާނުންގެ ލޭކަން އޭނާއަށް އެނގެ އެވެ.

މަގު އޮތީ ވަކި ހިސާބަކުން އެއްގަމަށް ވުރެ ގޮނޑުދޮށަށް ތަންކޮޅެއް ބޮޑަށް ލަނބާލައިފަ އެވެ. އެ ލެނބުން ނިމި އަނެއްކާވެސް، މަގު ސީދާވެ އެވެ.

"ތި ހުރި ދިމާލުން ބީޗާ ދިމާއަށް އަނބުރާލައި،" މަގު ސީދާވާ ހިސާބަށް ދިއުމުގެ ކުރިން، އެމީހާ ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތަށް މިސްރާބު ބަދަލުކޮށްލި އެވެ. ތަންކޮޅަކަށް ދެވުނު ތަނުން، ގޮނޑުދޮށުގެ ދޮން ވެލިގަނޑަށް ފޭބުނެވެ. އެ ހިސާބަށް އަލިވެފައި އޮތީ، ބީޗާއި ރަށުގެ ކަޅު ފަސް ގުޅޭ ދިމާލުގައި ދަގަނޑު ހޮޅިއަކަށް ނަގާފައި ހުރި ބޮތްކަކުންނެވެ.

"ފެނިއްޖެތަ؟" ބީޗަށް ނުކުމެފައި، އެމީހާ އެހި އެވެ. މުޖޭ ދެ ފަރާތަށް ބަލައިލި އެވެ. އާއެނކެވެ. އޭނާއަށް ފެނިއްޖެ އެވެ. ރުސްތުމް އާއި ޝައުގީގެ ހަށިގަނޑު ކައިރި ކައިރީގައި އޮތެވެ. ވެއްޔާއި ލެއިން ތަތްތެޅިފަ އެވެ.

"ރަނގަޅަށް ބަލާލަ ބަލަ!" ދެ ގަބުރު ކައިރިއަށް ޖެހިލާފައި، މުޖޭއަށް އެމީހާ ބުންޏެވެ.

ރަނގަޅަށް ބެއްޔަސް ނުބެއްޔަސް ތަފާތަކީ ވަކި ކޮބައި ހެއްޔެވެ؟ އޭނާގެ ދެ އެކުވެރިން އެ އޮތީ މަރުވެފަ އެވެ. ދެން އިތުރަށް ބެލުމުގެ ބޭނުމެއް ނުވިސްނުނެވެ. އެކަމަކު މިއީ އޭނާ ވަކި ގޮތެއް ނިންމަން ޖެހޭ ވަގުތެއް ނޫނެވެ. އޭނާއަކީ ވެސް މިހިރަ ނުބައި ނުލަފާ މީހާގެ އަތްދަށުގައި ހުރި ރަހީނެކެވެ. އެހެންކަމުން ދެ އެކުވެރިންގެ ހަށިގަނޑަށް ބަލަން ފެށުނެވެ. ޝައުގީގެ މޫނު އޮތީ ފަސްގަނޑު ތެރޭގަ އެވެ. ރުސްތުމް އޮތީ މައްޗަށް މޫނު ލައިގެންނެވެ. އެކަމަކު ވެއްޔާއި ލެއިން މޫނުގެ ސިފަ އޮތީ ވަންހަނާވެފަ އެވެ.

"މަގުގެ އެކޮޅު ކޮޅުން ދޫކޮށްލީމާ ދެ މީހުން އެކި ހިސާބުތަކަށް ވެއްޓި، އެކެއްގެ އަތުން އަނެކަކު ވަޅި އަތުލައި، މިހެން އުޅުނީ. ދެ މީހުން ހިތަށްއެރީ އަނެކަކު މަރާލެވިއްޖެއްޔާ ސަލާމަތްވާނޭ،" އެމީހާ ބުންޏެވެ.

މިކަހަލަ މަޖުބޫރު ކަމެއް ނެތް ނަމަ، އެމީހާގެ ދެ ލޯ އޮންނާނީ މިހާރު މުޖޭގެ އަތުގަ އެވެ. އޭނާގެ ހަށިގަނޑު ތެރޭގައި ރުޅިވެރިކަން އަނދަމުން ދިޔަ އެވެ. އެ ވަޅި އަތުލައި، ކަރަށް ހަރާލަން ބޭނުންވި އެވެ. އެކަމަކު މިރޭ އޭނާގެ ރުޅިއަކީ ބާރެއް ނޫނެވެ. އޭނާގެ މިނިވަންކަމެއް ވެސް ނެތެވެ. އޭނާއަށް އޮތީ ބުނާ ކަމެއް ކުރުމެވެ.

"ރުސްތުމް ގޮވި، މިހިރަ ކުޑަކުދިންނާ ބެހޭ ނުލަފާ މީހާއޭ، ޝައުގީ ގޮވި ކަލެއަކީ ކުޑަކުދިން ބަނޑަށް މަރާ މީހެކޭ،" ދެ ގަބުރާ ދިމާއަށް ބަލަން ހުރެ އެމީހާ ވާހަކަ ދެއްކި އެވެ. އެ ބުނީ ތެދެއް ކަމެއް ނުވަތަ ދޮގެއް ކަމެއް ވެސް، މުޖޭއަކަށް ނޭނގެ އެވެ.

"ހިނގާ ދާން،" ހިމޭންކަމުގެ ކުޑަކުޑަ ވަގުތުކޮޅަކަށް ފަހު، އެމީހާ ބުންޏެވެ.

މަގަށް ނުކުމެފައި، އެމީހާ އިޝާރަތްކުރީ މަގުގެ ނިމޭ ކޮޅަށެވެ. އެކަމަކު ރަށުގެ އެންމެ ކޮޅަށް ދެވުމުގެ ކުރިން ހާދީ އައްސާފައި ހުރި ރުއް ފެނުނެވެ. އޭނާގެ ކައިރިއަށް ގޮސް މުޖޭ އާއި އެމީހާ މަޑުކޮށްލިކަން، ފުރަތަމަ ނޭނގުނެވެ. އޭނާއަށް އެއްޗެއް ރޭކާލީ އެމީހާ ކަރުކެހިލުމުންނެވެ.

ނޭފަތް ހުރީ ފަޅާލައިފަ އެވެ. މޫނުމަތީގައި ލެ އެވެ. މުޖޭއެކޭ އެއްގޮތަށް، ވާތު ލޮލުގެ ތިރީ ކަށިގަނޑު ދުޅަވެފަ އެވެ. އޭނާ ދިޔައީ ވެސް ކުޑަކޮށް ކުކުރަމުންނެވެ.

މުޖޭ ފެނުމުން ހާދީއަށް އަސަރުކުރި އެވެ. ލޮލުން ކަރުނަ ފައިބަން ވެސް ފެށި އެވެ. ކިރިޔާ ވެސް އެހީއެއް ވެވޭނީ މުޖޭއަށެވެ. އެކަމަކު މުޖޭ ވެސް ހުރީ އެމީހާގެ އަތްދަށުގަ އެވެ. އެކަން ނުވިސްނެނީކީ ނޫނެވެ. އެކަމަކު އެންމެ ގާތް ރަހުމަތްތެރިޔާ، އެވަގުތު ފެނުމުން ހިތަށް އަސަރުކުރީ އެވެ.

"މި ތަނުގައި އިށީނދޭ!" ހާދީގެ ކުރިމަތިން ތިން ފޫޓެއްހާ ދުރުގައި، ފައިން ފަސްގަނޑުގައި ރޮނގެއް އަޅާލަމުން، އެމީހާ މުޖޭއަށް ބުންޏެވެ. އޭނާ އެތަނުގައި އިށީނެވެ. ދެން ދެ މީހުންގެ މެދަށް ވާ ގޮތަށް އެއްފަރާތަށް ޖެހި ކަކޫ މައްޗަށް ތިރިވި އެވެ.

"ދެން މާ ގިނަ ވާހަކައެއް ނެތް. ކަލޭ ޖަވާބު ދޭންވީ އަހަރެން މިކުރާ ސުވާލަށް،" މުޖޭއަށް އިޝާރަތްކޮށްފައި އެމީހާ ބުންޏެވެ. އެވަގުތު ހާދީއަށް ރޮއިގަނެވުނެވެ.

"ސޮރީ މުޖޭ...އަހަންނަށް އަނިޔާކޮށްފައި އެ ހުރިހާ ވާހަކައެއް...."

(ހަ ވަނަ ބައި، މޭ 28، 2020، ބުރާސްފަތި ދުވަހު)