ފަތިސް · 05:02

ރޯދަ މަހާ ދިމާކޮށް ފަލަސްތީނު މީހުންނަށް އިޒްރޭލުން ބައެއް ލުއިތައް ދީފި

ގުދުސް (ޖޫން 5) - ކުރިއަށް އޮތް ރޯދަމަހާ ދިކޮށް، ހުޅަނގު އައްސޭރި އާއި ގާޒާ ސްޓްރިޕްގައި އުޅޭ ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ބައެއް ލުއިތައް ދީފި އެވެ.


އިޒްރޭލުން ދިން ލުއިތަކުގެ ދަށުން ރޯދަ މަހުގެ ކޮންމެ ހުކުރެއްގައި ވެސް ގާޒާ އިން 500 މީހުންނަށް ގުދުސްގެ އަލް އަގްސާ މިސްކިތަށް ހުކުރަށް ދިއުމުގެ ހުއްދަ ދޭނެ އެވެ. މީގެ އިތުރުން ގާޒާގެ 200 މީހަކަށް ހުޅަނގު އައްސޭރި އަށް ގޮސް އެ މީހުންގެ އާއިލާތަކުގެ މީހުންނާ ބައްދަލު ކުރެވޭނެ އެވެ. އަަދި ހުޅަނގު އައްސޭރީގެ 500 މީހުން ގާޒާ އަށް ގޮސް އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރުމުގެ ހުއްދަ ދޭނެ އެވެ.

ގާޒާ އިން 500 މީހުންނަށް އަލް އަގްސާ މިސްކިތަށް ހުކުރަށް ދެވޭނެ

ގާޒާގެ 200 މީހަކަށް ހުޅަނގު އައްސޭރި އަށް ގޮސް އާއިލާތަކާ ބައްދަލު ކުރެވޭނެ

ހުޅަނގު އައްސޭރީގެ 500 މީހުންނަށް ގާޒާ އަށް ގޮސް އާއިލާތަކާ ބައްދަލު ކުރެވޭނެ

މީގެ އިތުރުން ގައުމުން ބޭރުގައި ދިރިއުޅޭ ފަލަސްތީނުގެ 300 މީހުންނަށް ގާޒާގައި ދިިރިއުޅޭ އެ މީހުންގެ އާއިލާތަކުގެ މީހުންނާ ބައްދަލު ކުރުމުގެ ހުއްދަ އިޒްރޭލުން ދޭނެ އެވެ. އަދި ގައުމުން ބޭރުގައި އުޅޭ 500 މީހުންނަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރެވޭނެ އެވެ. ރޯދަ މަސް ނިމުމާ ގުޅިގެން މުސްލިމުންނަށް ދޭ ޗުއްޓީ ދުވަސްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.

މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް މިސްކިތުގެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މިދިޔަ އޮކްޓޯބަރުން ފެށިގެން އިޒްރޭލާއި ފަލަސްތީން މީހުންނާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. --އޭއެފްޕީ