ކޮލަމް 27: ބިރުގަންނާނެ ކަމެއް ނެތް، ހައްގު އެބައޮތް

މި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ؛ މާ ބޮޑު ކަމެއް ނެތި އުޅެން ޖެހުމުން ދިމާވި މީހުންނާއި ފެނުނު މަންޒަރުތައް ވެސް ވަރަށް ތަފާތެވެ؛ އޭގެ ތެރެއިން އެއް ކަމަކީ ވޭތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި، ދުވަހަކު ވެސް އެ ވަރުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު ގޭގައި އިންނަން ނުޖެހުނު ވަރުގެ ބޮޑު ހާދިސާއެކެވެ. ވަގުތީ ގޮތުން ވިޔަސް ނޫސްވެރިކަމުގެ ގަލަން މޭޒުމަތީގައި ބާއްވަން މަޖުބޫރުވުމާ އެކު އެ ދުވަހު އިންނަން ޖެހުނީ ގޭގައި އެ މަންޒަރު ޓީވީން ބަލާށެވެ! އެހެން ނޫނީ އެ ދުވަހު އަޅުގަނޑު ހުންނާނީ އެތަނުގަ އެވެ--. މި ދެންނެވީ ކޯސްޓް ލައިންގެ ގުދަނުގައި ރޯވި ހާދިސާގެ ވާހަކަ އެވެ.


ޓީވީއެމުން ވެސް އެ ދުވަހު އެ މަންޒަރު ލައިވް ކުރަމުން ދިޔަ އެވެ. އެ މަންޒަރުތައް ލައިވް ކުރަމުން ދިޔަ އިރު ސްޓޫޑިއޯގައި، ގައުމީ ޓީވީގެ ބައެއް މުވައްޒަފުން މަންޒަރު ސިފަކޮށްދެމުން އައެވެ. އެންމެ ގަދައަށް ރޯވަމުން ދިޔަ ވަގުތު އެކަކު ބުނި އަޑު އިވުނެވެ؛ "އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ސިފައިން ދަނީ ކުރަމުންނެވެ. އަލިފާންގަނޑު ދަނީ ކޮންޓްރޯލް ވަމުންނެވެ."

އެކަމަކު އެއީ ކަނޑައެޅިގެން ދޮގެކެވެ؛ އަލިފާންގަނޑު އޭރު ދިޔައީ އިތުރަށް ފެތުރެމުންނެވެ. ސިފައިންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނުވެސް ނެތެވެ. އެއީ ނާޒުކު ހާލަތެކެވެ. ގެނައި ލޮރީތަކުން ހުރީ ފެން ހުސްވެފަ އެވެ. ހަގީގަތަކީ ދެއްކި ވާހަކަތަކާއި ވަމުން ދިޔަ ގޮތް މުޅިންް ތަފާތު ކަމެކެވެ. އެކަމަކު ޓީވީއެމްގެ ބައެއް މުވައްޒަފުންނަށް ހީވެފައި އޮތީ އަލިފާންގަނޑު އިތުރަށް ފެތުރޭ ވާހަކަ ދެއްކުމަކީ ވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އޮޮތް ވާހަކައެއް ކަމަކަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ނޫސްވެރިން އަޑުއުފުލަނީ: އަޑުއުފުލުމުގައި ހިތްވަރު ހުންނަން ޖެހޭނެ

ހަމައެކަނި މި ވާހަކަ މި ދަންނަވާލީ ސަބަބުތަކެއް އޮވެގެންނެވެ. ސަރުކާރު ދިފާއުކުރުމުގައި ފޫގަޅައިގެން އޮތް މީޑިއާގައި އޮތް ސިޔާސަތަކީ ހުރިހާ ކަމެއް ޕޮޒިޓިވް ކޮށް ވިސްނުމުގެ ސިޔާސަތު ކަމަށް ވާތީ، އަލިފާންގަނޑު ބޮޑުވުމަކީ ވެސް ސަރުކާރުގެ ނުކުޅެދުމެއް ކަމެއް ކަމަށް ބެލެވެނީ އެވެ. ނުވަތަ މޫސުން ގޯސްވުމާއި ވައިގަދަވުން ކަހަލަ ގުދުރަތީ ކަންތައްތައް ވެސް މިއީ މިހާރު އެތާނގެ ބައެއް މުވައްޒަފުންގެ ނަޒަރުގައި ރައީސަށް ނުވަތަ ސަރުކާރުގެ ބަލިކަށިކަން ކަމަށް ގަބޫލު ކުރެވެނީ އެވެ. މިއީ، އެތަނުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ނަފުސާނީ ވަރަށް ބޮޑު ބަލިމަޑު ކަމެކެވެ. މި ބަލިމަޑުކަން އޮތީ ހަމައެކަނި އެތަނަކު އެކަންޏެއް ވެސް ނޫނެވެ.

ކޮފީތަކުގައި ވެސް ސިޔާސީ ވާހަކަ ދެއްކުން އެއީ ބައެއް މީހުންނަށް މިހާރު "ހަރާން" ކަމެކޭ އެއްފަދަ އެވެ. ޚުދު ސިޔާސީ ވާހަކަ ދައްކަން އިންތިޚާބު ކޮށްފައި ތިބި މީސްމީހުންގެ ތެރޭގައި ވެސް އަނގަ ބަންދުކޮށްލައިގެން ތިބުމުގެ މި ނާތަހުޒީބު ސިފަ އަށަގެންފައިވާލެއް ބޮޑެވެ.

މި ބަލިމަޑުކަން މުޅި ރާއްޖެ އަށް ފެތުރެމުން އެބަދެ އެވެ. ޚިޔާލުފާޅު ކުރުމުގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުވަމުންދާ ކަން އިހުސާސް ކުރެވެން ފަށައިފި އެވެ. ސަރުކާރާއި ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި، ފުލުހުންނާއި ސިފައިންގެ ތެރޭގައި ވެސް އެކަން މިހާރު އެބައޮތެވެ. ވަރަށް ފުޅާކޮށް ދަންނަވާ ނަމަ މުޅި ރާއްޖޭގައި ވެސް އެބައޮތެވެ. ބުނަން ޖެހިލުންވާ ވަރަށް އާދައިގެ ވާހަކަތައް ނުބުނެ ހިންދިރުވާލައިގެން ތިބޭތަން އެބަ ފެނެ އެވެ. ކޮފީތަކުގައި ވެސް ސިޔާސީ ވާހަކަ ދެއްކުން އެއީ ބައެއް މީހުންނަށް މިހާރު "ހަރާން" ކަމެކޭ އެއްފަދަ އެވެ. ޚުދު ސިޔާސީ ވާހަކަ ދައްކަން އިންތިޚާބު ކޮށްފައި ތިބި މީސްމީހުންގެ ތެރޭގައި ވެސް އަނގަ ބަންދުކޮށްލައިގެން ތިބުމުގެ މި ނާތަހުޒީބު ސިފަ އަށަގެންފައިވާލެއް ބޮޑެވެ.

މަންޒަރު ބަދަލުވީ މިހެންނެވެ؛ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި ފަދައިން "ޝުކުރިއްޔާ ޔާމީން" އޭ ކޮންމެހެން ވެސް ބުނަން އެބަ ޖެހެ އެވެ. އެއީ ރައީސާ ގުޅުން ނެތަސް އަދި އެއީ ރައީސްގެ ބައިވެރިވުމެއް ނެތް ކަމެއް ކަމަށް ވިޔަސް ހެވެވެ. އެކަން ކުރުމަކީ ލާޒިމް ކަމެކެވެ. ނުވަތަ ލާޒިމް ކޮށްފައިވާ ކަމެކެވެ. ނުވަތަ އެކަކު އެހެން ވިދާޅުވުމުން އެއީ ކިޔަން މަޖުބޫރު ކަމެއް ކަމަށް ހީވެގެން، ހިތްބިރުގަނެގެން ގޮސް ވެސް ބުނެވެނީ އެވެ. އެހެންވެ، ޚުޝާމަދު ކުރުމާއި ތައުރީފު އޮއްސުމަކީ މިހާރު ކޮންމެ ޖަލްސާއަކުން ފެންނަ މަންޒަރެކެވެ. އެކަން މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް އެބަ ކުރައްވަ އެވެ. ހަގީގަތް ބާއްވާފައި ވަޒީފާގެ ބިރުގައި ވެސް އެކަން ކުރަން އެބަ މަޖުބޫރު ވެ އެވެ. މި ބަދަލު މި އައީ ވަޒީފާގެ ބިރަށް ކަމާ ދޭތެރޭ ޝައްކެއް ނެތެވެ. ހުރިހާ ވެސް ކަމަކީ ވަޒީފާ އެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާ

ރާއްޖޭގެ އިގްތިސާދީ ތަޖުރިބާކާރަކު އަޅުގަނޑު ކައިރީގަައި ވިދާޅުވި އެވެ؛ "އިސްމާއިލް ނިކަން ރަނގަޅަށް ބައްލަވާށެވެ! އެއްވެސް މުއައްސަސާއެއްގައި، އަދި އެއްވެސް ކުންފުންޏެއްގެ ވެރިއަކަށް ހުރި މީހަކު، އޭނާ ވަޒީފާއިން ވަކިކޮށްފިއްޔާ އެހެން ގޮތެއް އޮތް މީހަކު އެބަ ހުރި ހެއްޔެވެ؟"

ޖަވާބު ދެއްވާނީ ތިޔަ ބޭފުޅުންނެވެ. އެ ވިދާޅުވީ، ވަޒީފާގެ ބިރު ނެތް މީހަކު ނެތް ވާހަކަ އެވެ. އެންމެ މަދުން ވެސް މަހަކު ބައި ލައްކަ ރުފިޔާ އާއި ކާރާއި ފްލެޓާއި އެހެނިހެން އިނާޔާތްތައް ގުރުބާން ކޮށްލަން ނުކެރޭ ވަރުގެ މީހުން ގައުމުގެ މަތީފަޑީގައި ތިބި ވާހަކަ އެކެވެ. އެ މީހުންގެ ތެރެއިން ޔަގީނުން ވެސް ބައެއް މީހުންނަކީ ވަޒީފާ އަށް ޓަކައި ގައުމު ގުރުބާންކޮށްލައިފާނެ މީހުންނެވެ. އަދި އަމިއްލަ ނަފުސާއި އަމިއްލަ ގަބޫލުކުރުންތައް ވެސް ވިއްކާލައިފާނެ މީހުންނެވެ. ރިޝްވަތުގައި ހިފަން މަތިންް އަންގައިފިއްޔާ އެކަން ވެސް ކުރާނެ މީހުން ކަމާ ދޭތެރޭ އެއްވެސް ޝައްކެއް އަޅުގަނޑުގެ ނެތެވެ.

މި ދެންނެވި ވާހަކައިގެ ހަގީގަތް މި އޮތީ ފެންނާށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ މި ދައުރު ދެބައިވި އިރު، ލޯމަރާލައިފައި ވިސްނާލީމަ ހިތަށް އަންނަނީ މުޅިން އެހެން ކަމެކެވެ. އެމަނިކުފާނުގެ ވެރިކަން ދާ މިސްްރާބާއި އެމަނިކުފާނުގެ ސިފަތައް ޔަގީނުން މިހާރު ދެނެގަނެވޭނެ އެވެ. އަޅުގަނޑަށް ވިސްނުނު އެންމެ ބޮޑު އެކަތި ދަންްނަވާލާނަމެވެ. ތަރައްގީގެ ދިގު ބްރިޖަކާ އެކު، ނިމޭނެ ކޮޅެއް ނޭނގޭ ވަރުގެ "ބިރުވެރިކަމުގެ ބްރިޖެއް" ވެސް ތަރައްގީ ވަމުން ދާ ކަމެވެ. އެއީ އެމަނިކުފާނު ގަސްތުގައި ކުރައްވާ ކަމެއް ނުވަތަ ނޫން ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ. އެމަނިކުފާނަށް އެނގިވަޑައިގެން ވިޔަސް ނޫން ވިޔަސް އާންމުން ޚިޔާލު ފާޅުކުރުމުގައި ބިރުން ތިބިކަން އެއީ ޔަގީން ކަމެކެވެ.

މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގައި ފުލުހުން: ޚިޔާލުފާޅު ކުރުމަށް ހުރަހެއް ނޭޅޭނެ -- ފޮޓޯ: ފޭސްބުކް

ޚިޔާލުފާޅު ކުރުމަކީ އާ ގާނޫނުއަސާސީއާ އެކު ކަށަވަރު ވެގެން ދިޔަ ވަރަށް މުހިންމު އިންސާނީ ހައްގެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ ޔަގީންކޮށްދޭ މި މިނިވަން ކަމަކީ ސަމާސާއެއް ނޫން ކަން އެންމެން ވެސް ގަބޫލުކުރަން ޖެހެ އެވެ. އެ މިނިވަންކަން ރައްޔިތުންނަށް ދީފައި ވަނީ ހަމައެކަނި އާންމު ބޭނުންތަކުގައި ޚިޔާލުފާޅުކުރަން އެކަންޏެއް ނޫނެވެ. އެއީ ވެރިކަމަށް ބަސް ކިޔުމުގެ ވެސް މިނިވަން ކަމެވެ. ނޫނެކޭ ނުވަތަ އާއެކޭ ބުނުމާއި ހިތްހަމަނުޖެހޭ ކަންކަން ފާޅު ކުރުމާއި ކަންކަމަށް ފާޑު ކިޔުމުގެ ހައްގު ވެސް ލިބިފައި އޮތް އެންމެ ބޮޑު ދެ މާއްދާއަކީ އެއީ އެވެ. ގާނޫނުއަސާސީގެ ކޮންމެ މާއްދާއަކީ ވެސް ގައުމުގެ ހެވާއި ލާބަ އަށް އޮތް މާއްދާއެއް ކަމަށް ވާއިރު، މި ދެންނެވި ދެ މާއްދާގެ ވެސް ބޭނުމަކީ ގައުމަށް ހެޔޮ އެދުމެވެ. މާނައަކީ، ލިބިފައިވާ އެވާ މިނިވަން ބޭނުން ކުރަން ޖެހޭނެ ކަމެވެ. ބަސް ބުނަން ޖެހޭނެ ކަމެވެ. ވަޒީފާގެ ބިރު ކަނޑާލައިފައި ވިޔަސް ބަސް ބުނެވެން ޖެހޭ ކަމެވެ. ހިތްހަމަނުޖެހޭ ކަންކަން ހުރި ނަމަ އެކަން ފާޅުކުރެވެން ޖެހޭނެ ކަމެވެ. ލިޔުމުގެ ހައްގު އޮންނަން ޖެހޭނެ ކަމެވެ. ސަރުކާރަށް ވެސް ފާޑު ކިޔެން ޖެހޭނެ ކަމެވެ. އަދި މަޖުބޫރުކޮށްގެންނާއި ވަޒީފާގެ ބިރު ދައްކައިގެން ކަންކަން ކުރުވާ ނަމަ އެކަމާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމެވެ.

ސަރުކާރުގެ މުށުތެރެއަށް ދައުލަތުގެ ދެން ހުރި ބާރުތައް ޖަމާވާ ނަމަ އޭގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ ޚިޔާލުފާޅުކުރުމަށެވެ. މިހާރު މި ފެންނަނީ އެ މަންޒަރެވެ. ޚުދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ވެސް ވިދާޅުވާ ގޮތުގައި އެ ބޭފުޅުންގެ ބާރެއް މި ސަރުކާރަކު ނެތެވެ؛ ބައެއް ރަށު ކައުންސިލްތަކުގެ ވެރިން ބިރުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައި އެބަތިބެ އެވެ. ދައުލަތުގެ މުއައްސަސާތައް އޮތީ އަދި މާ ހާލުގަ އެވެ. ޖުޑިޝަރީގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ ނަމަ އޭގެ މާނައަކީ ކޮންމެވެސް ގޯސް ކަންތައްތަކެއް ދިރިގެން އަންނާނެ ކަމެވެ. ސަރުކާރަށް ފާޑު ނުކިޔާނަމަ ސަރުކާރުގެ ތެރޭގައި ޚިޔާނާތް އިތުރު ނުވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

ޓީވީއެމްގެ މުވައްޒަފުންނަށް ވެސް އަދި އެހެން ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް ދިމާވެފައި މިވަނީ މިކަހަލަ ކަމެކެވެ. އެކަމަކު އާޚިރުގައި ނަތީޖާ އަކީ ކޮބައިހެއްޔެވެ؟ އޭގެ ސަބަބުން މި ވަނީ ކީއް ހެއްޔެވެ؟ ވަޒީފާ އަށް ޓަކައި ތިމާގެ އަމިއްލަ ނަފުސު ގުރުބާން ކޮށްލައި، އަނގަމަތީގައި ޓޭޕް އަޅައިގެން ހުންނައިރު އޭގެ ނާޒާއިޒު ފައިދާ އެހެން ބަޔަކު އެބަ ނަގާކަން ގަބޫލު ކުރަން ޖެހެ އެވެ. ވަޒީފާގެ ބިރު ދައްކައި ޚިޔާލުފާޅުކުރުން މުށުތެރެއަށް ލާއިރު އަނެއްކޮޅުން ދައުލަތުގެ ކޮރަޕްޝަން އިންތިހާ އަށް މައްޗަށް އެބަ ދެ އެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާ

އަސްލު ކުރަން އުޅޭ ކަމެއް ސާފުވެ ނިމޭއިރު ނަތީޖާ އަކީ މި އެވެ؛ ކޮންމެ މިނިވަންކަމެއް ހިފަހައްޓާއިރު، އޭގެ އަނެއްކޮޅުން އެހެން ބިރުވެރިކަމެއް އުފެދޭ ކަމެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓާ ނަމަ އޭގެ މާނައަކީ ކޮންމެވެސް ގޯސް ކަންތައްތަކެއް ދިރިގެން އަންނާނެ ކަމެވެ. ސަރުކާރަށް ފާޑު ނުކިޔާނަމަ ސަރުކާރުގެ ތެރޭގައި ޚިޔާނާތާއި ފަސާދަ އިތުރު ނުވާނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ތިމާ ކުރިމަތީގައި އެއް ރުފިޔާ ވަގަށް ނެގި ތަން ފެނުނު ވާހަކަ ދައްކަން ނުކުރޭ ނަމަ މާދަމާ އެ މީހާ އެއް ބިލިއަން ރުފިޔާ ފޭރިގެން ދާއިރު ވެސް ހަމަ ހިމޭނުން ހުންނާނީ ހެއްޔެވެ؟

ބިރު ކަނޑާލާށެވެ! ލިބިފައިވާ މިނިވަން ކަމުގެ ބޭނުން ކުރާށެވެ. ޚިޔާލު ފާޅު ކުރާށެވެ. ހިތްހަމަނުޖެހޭ ނަމަ އެކަން ހާމަކުރާށެވެ! އެކަކު ދެކެ ވެސް ބިރު ގަންނާނެ ކަމެއް ނެތެވެ. އެއީ ސިފައިންގެ މީހަކަސް، ފުލުހަކަސް، ރައީސަކަސް، މިނިސްޓަރަކަސް، ކޮމިޝަނަރަކަސް، ފަނޑިޔާރަކަސް މަސައްކަތު މީހަކަސް އެ ހައްގު އެންމެންނަށް އެބައޮތެވެ. އެއީ ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ދީފައިވާ ވަރަށް ބޮޑު ހަދިޔާއެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ އަސާސީ، އިންސާނީ ހައްގެކެވެ. އެ ހައްގު އެއްވެސް އެހެން ގޮތަކަށް މަޖުބޫރުކޮށްގެނެއް ނުހުއްޓުވޭނެ އެވެ.

އިދިކޮޅު ފަރާތްތަކާ ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރައީސް ވާހަކަފުޅު ދައްކަވާ ނަމަ، އެއީ ރަނގަޅު ނިންމުވުމެވެ. އެމަނިކުފާނު އެ ވާހަކަފުޅު ދައްކަވަނީ ހަމަ އެ ގާނޫނުއަސާސީގެ 27 އާއި 28 ވަނަ މާއްދާގެ ދަށުން ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. ވިދާޅުވާން ބޭނުންފުޅު ކޮންމެ އެއްޗެއް އެއްވެސް ބިރުފުޅު ނުގަނެ ވިދާޅުވެ އެވެ.

ސުވާލަކީ މި އެވެ؛ އެމަނިކުފާނުހެން، އަޅުގަނޑުމެން އެ މިނިވަން ކަން ބޭނުން ނުކުރަންވީ ކީއްވެ ހެއްޔެވެ؟