އަސްދަނޑި: މާލޭގައި ބޮޑު މިސްކިތެއް! ކީއްކުރަން؟

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތަށް މަރުހަބާ ކިޔަމެވެ. ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މިފަދަ ބޮޑު، ރީތި އަދި ސައުދީގެ ރަސްގެފާނަށް ނިސްބަތްކޮށް ރާއްޖޭގައި މިސްކިތެއް އަޅާތީ އެކަމާ އުފާކުރަމެވެ. މިއީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ. އެތައް ބަޔަކު އެ މިސްކިތަކަށްޓަކައި ފަހުރުވެރިވާ، މާލޭގެ އިސްލާމީ މަރުކަޒަށް ވުރެ "ކިންގް ސަލްމާން" މިސްކިތް ޗާލުވާނެ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ ކަންބޮޑުވާ އެހެން ކަމެއް އެބައޮތެވެ. އެއީ ފުރިބާރުވެ، ތޮއްޖެހިފައިވާ މި ކުޑަކުޑަ މާލޭގައި އަނެއްކާވެސް މިފަދަ މިސްކިތެއް އިމާރާތް ކުރާތީ އެވެ.


ވެރިރަށް މާލޭގައި މިއުޅެނީ ޖާގަ ނެތިގެން ހަދާނެ ގޮތެއް ނެތިގެންނެވެ. މުޅިއެކު ހަ ބުރިއަށް އިމާރާތްކުރާ "ކިންގް ސަލްމާން" މިސްކިތަށް ޖާގަ ހޯދަނީ ވެސް ގަދަކަމުންނެވެ. ގަދަކަމުންނޭ މި ބުނީ އެއްފަހަރާ 6،000 މީހުންނަށް ނަމާދުކުރެވޭ މިސްކިތް އެޅުމަށްޓަކައި، ކާނިވާ ސަރަހައްދުގެ ބައެއް ކަޑަތައް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ނޯޓިސް ދީފައިވާތީ އެވެ. މިސްކިތުގެ ގޯތިތެރެއަށް ވަންނަ ބައެއް ކަޑަތައް ކުރިއަށް އޮތް 4-6 މަސް ތެރޭގައި ހުސްކުރަންޖެހޭނެ އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ބަލާއިރު މިސްކިތްތައް މަދު ކަމަކަށް ނުބުނެވޭނެ އެވެ. އެއްފަހަރާ 5،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ އިސްލާމީ މަރުކަޒެއް އެބަހުއްޓެވެ. އެ މިސްކިތް އާންމުކޮށް ފުރެނީ ހުކުރުދުވަސް ދުވަހާއި އީދު ދުވަސްތަކުގަ އެވެ. ގިނަ ބަޔަކު އަޅުކަމަށް ސަމާލުކަން ދޭ ރޯދަމަހު ވެސް ނަމާދުގަޑިތަކުގައި އިސްލާމީ މަރުކަޒު ނުފުރޭކަން ފާހަގަކުރެވެ އެވެ. އިސްލާމީ މަރުކަޒު ފުރުނަސް، އެތަނުގެ ބޭރުގައި ނަމާދުކުރެވޭ ގޮތަށް އެންމެ ފަހުން ވަނީ މާބްލް ޖަހައި، ފަސޭހަކޮށްދީފަ އެވެ. އެއީ މާލޭގައި މިވަގުތު ހުރި އެންމެ ހައިބަތު ބޮޑު މިސްކިތެވެ.

މާލޭގެ އިސްލާމީ މަރުކަޒު: މިތަނުގައި އެއްފަހަރާ 5،000 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭއިރު، ސައޫދީ ސަރުކާރުން އިމާރާތްކޮށްދޭ "ކިންގް ސަލްމާން" މިސްކިތުގައި 6،000 މީހުންނަށް ނަމާދުކުރެވޭނެ.---މިހާރު ފޮޓޯ

މާލޭގައި ޖާގަ ނެތިގެން އުޅޭއިރު، މިފަދަ ބޮޑު އިމާރާތްތައް ހަދަން ޖާގަދެނީ ކީއްވެ ހެއްޔެވެ؟ އިތުރަށް މާލެ ތޮއްޖައްސަން ހެއްޔެވެ؟ އެއްކޮޅުން ސަރުކާރުން ދައްކަނީ މާލޭގައި ހުސް ޖާގަތައް އިތުރުކޮށް، ހިތްފަސޭހަ މައިޒާންތަކާއި ޕާކްތައް އިތުރުކުރާ ވާހަކަ އެވެ. އެކަމަކު އެއާ ދިމާ އިދިކޮޅަށް ބައެއް ކަންކަން ކުރާތީ ހައިރާންވެ އެވެ.

އެންމެ ފަހުން މާލޭގައި އިމާރާތްކުރަން ނިންމި ފިނޭންސް މިނިސްޓްރީގެ އާ ބިލްޑިންގަކީ ވެސް ހަމަ މިފަދަ މިސާލެކެވެ. ޖާގަ ނެތިގެން އުޅޭއިރު، މާލޭގައި ބިޔަ އޮފީސް ބިލްޑިންގްތައް އަޅައި ފުރާލަނީ އެވެ. މިއީ ވަކި ސަރުކާރެއްގެ ބޮލަށް ކަނޑާލެވެން ވެސް އޮތް ކަމެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެ ފްލެޓެއް ވަނީ މާލޭގައި އިމާރާތްކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފްލެޓް އިމާރާތްކުރީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީމަގުގަ އެވެ. އެ ވެސް މަޖީދީމަގުން އެންމެ ބާރު ބޮޑު އެއް ސަރަހައްދުގަ އެވެ. މަޖީދީމަގުގައި ފްލެޓްބަރި އަޅަން ނިންމުމުން އޭރު ވެސް އެކަމާ ހިޔާލު ތަފާތު އެތައް ބަޔަކު ތިއްބެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް: މިތަން އިމާރާތް ކޮށްފައި ވަނީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގުގައި.

ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ހިއްކާފައިވާ ހުޅުމާލެ ތަރައްގީ ކުރުމަށް ނުވަތަ އެ ރަށުގައި ފްލެޓްތައް އެޅުމަށް އިސްކަންދިނުމުގެ ބަދަލުގައި އޭރު އިސްކަންދިނީ، ގުޅިފަޅު ހިއްކައިގެން އެތަނުގައި މީހުން އާބާދުކުރުމަށެވެ. ހުޅުމާލެ އޮތީ ފާޑަކަށް "އެކަހެރި"ކޮށްފަ އެވެ.

މި ސަރުކާރުން ކުރިމަގުގައި މާލެ ސަރަހައްދުން އެންމެ ބޮޑަށް ތަރައްގީ ކުރަން ބޭނުންވަނީ ހުޅުމާލެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކި ސަރަހައްދާ އެކު މާލެ އަށް ވުރެ އެތައް ގުނަ ބޮޑު ތަނަކަށް ހުޅުމާލެ ވެފައިވާއިރު، އަދިވެސް ސަރުކާރުން ބޭނުންވާ ބިޔަ އިމާރާތްތައް މާލޭގައި ހެދުމުގެ ބޭނުމެއް ނުފެނެ އެވެ. ކުރިމަގުގައި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނީ ބްރިޖެއްގެ މަތިންނެވެ. ދަތުރުފަތުރުގެ ލުއިފަސޭހަތައް އިންތިހާ އަށް އޮންނާނެ އެވެ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ، އެ ފަސޭހަތަކާ އެކު، ހުޅުމާލޭގައި ވަރުގަދަ އޮފީސް ބިލްޑިންގެއް އަޅައި ބައެއް މިނިސްޓްރީތަކާއި އޮފީސްތައް ހުޅުމާލެ އަށް ބަދަލުކުރުމަކީ ނުކުރެވޭނެ ކަމެއް ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އޭރުގެ ޖެންޑަ މިނިސްޓްރީ ވެސް ހުޅުމާލެ އަށް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅުނެވެ. އެކަމަކު ވަރަށް ގިނަ މުވައްޒަފުންތަކެއްގެ ހިތްހަމަނުޖެހުމާ އެކު އެކަން ކާމިޔާބު ނުވީ ދަތުރުފަތުރަށް އުފުއްލަންޖެހޭ ތަކުލީފު ބޮޑުކަމުންނެވެ. އެހެން ނަމަވެސް ކުރިއަށް އޮތީ އެންމެ ޒަމާނީ ފެންވަރުގެ ބްރިޖަކުން މާލެ-ހުޅުމާލެ ގުޅުވާލެވޭނެ ކަމުގެ ޔަގީންކަމެވެ. މާލެ އަށް ވުރެ ބޮޑަށް ހުޅުމާލެ އަށް ފޯކަސްކޮށްގެން ތަރައްގީ އަދި އިމާރާތްތައް އެޅުން ކުރިއަށް ގެންދެވިއްޖެ ނަމަ އޭގެ ފަސޭހަކަން ފެންނާނެ އެވެ. ގައިމު ވެސް މާލެ އަށް ލުޔެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަށް ފިނިކަން ލިބޭނެ އެވެ.

މާލޭގައި ޖާގަ ނެތިގެން އުޅޭއިރު، މިފަދަ ބޮޑު އިމާރާތްތައް ހަދަން ޖާގަދެނީ ކީއްވެ ހެއްޔެވެ؟ އިތުރަށް މާލެ ތޮއްޖައްސަން ހެއްޔެވެ؟ އެއްކޮޅުން ސަރުކާރުން ދައްކަނީ މާލޭގައި ހުސް ޖާގަތައް އިތުރުކޮށް، ހިތްފަސޭހަ މައިޒާންތަކާއި ޕާކްތައް އިތުރުކުރާ ވާހަކަ އެވެ. އެކަމަކު އެއާ ދިމާ އިދިކޮޅަށް ބައެއް ކަންކަން ކުރާތީ ހައިރާންވެ އެވެ.

މާލޭގައި ޕާކްތަކާއި މައިޒާންތައް ހަދަނީ ފަސޭހައިން ނޭވާލެވޭނެ މަގެއް ފަހިކުރުމަށް ކަމަށް ބުނެ އެވެ. ރަސްފަންނަކީ އޭގެ ރީތި މިސާލެކެވެ. އެކަމަކު މާލެއިން އެއްވެސް ތަނެއް ބޭރުވާން ބޭނުން ނުވާ ކަމަށް ހީވާކަހަލަ ވިސްނުމެއް ސަރުކާރުން ބައެއް ފަހަރު ގެންގުޅޭތީ ހައިރާންވެ އެވެ. ރީތި މިސްކިތެއް ވިޔަސް، ސިއްހީ ހިދުމަތްދޭ ތަނެއް ވިޔަސް އަދި ފްލެޓްތައް ވެސް މާލެ އަށް ހާއްސަ ކުރުމުގެ ވިސްނުމާ ދުރުވާން ވެއްޖެ އެވެ. މާލެ ސަރަހައްދުން ތަރައްގީކުރާ ހުޅުމާލެ އަށް ވަކި ޕްލޭނެއްގެ ދަށުން އިމާރާތްތަކާއި ހިދުމަތްތައް ބަދަލުކުރެވިއްޖެ ނަމަ އެއީ މި ކުޑަކުޑަ މާލެ އަށް ފަސޭހަ އެކެވެ.

ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި ޗާލު މިސްކިތެއް އެޅުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު ކަންބޮޑުވަނީ މާލޭގައި އެވަރުގެ ބޮޑު މިސްކިތެއް ހުއްޓައި އަނެއްކާވެސް ހަމަ މިތަނަށް އަމާޒުކޮށްގެން އެ މިސްކިތް އިމާރާތްކުރާތީ އެވެ. އެމްޓީސީސީގެ ސޯމިލް ކުރިމަތީގައި އޮންނަ ހުސް ބިމުގައި އެ މިސްކިތް އަޅަނީ، މާލޭގެ މަލަމަތިން ރީތި، ދިއްލިފައިވާ ޗާލު ބިނާއެއް ދެއްކުމުގެ ބޭނުމުގައި ކަމަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއާ އެކު މާލޭގެ ޖާގަ އަށް ވެސް ވިސްނާލަންޖެހޭނެ އެވެ. މިއުޅެނީ މާލޭގައި ހުސް ޖާގަތައް ގިނަވެގެނެއް ނޫނެވެ.