މި ދިވެހިންގެ ޗުއްޓީ މުޅިން ތަފާތު

ޒަމާނުއްސުރެ ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅެނީ އަވައްޓެރި ސްރީ ލަންކާ އަށާއި އިންޑިއާ އަށެވެ. އެއީ ބޭސްފަރުވާގެ ބޭނުންތައް ވެސް ބޮޑުވީމަ އެވެ. މި ފަހުގެ އަހަރުތަކުގައި މެލޭޝިއާ އާއި ތައިލެންޑަށް ދާ މީހުން އިތުރުވެފައިވާ އިރު މިހާރު އެހެން ޓްރެންޑެއް ވެސް ފާޅުވެއްޖެ އެވެ؛ ދެކުނު އިރުމަތީ އޭޝިއާގެ އެހެން ބައެއް ގައުމުތަކަށް ދާން ފެށުމެވެ.


ޗުއްޓީ ހޭދަކުރަން އިންޑޮނީޝިއާ، ކެމްބޯޑިއާ އަދި ވިއެޓްނާމް ފަދަ ގައުމުތައް އިޚްތިޔާރުކުރާ ދިވެހިން މިހާރު މަދެއް ނޫނެވެ. އާއިލާތަކާއި ރައްޓެހިންގެ ގްރޫޕުތައް އަދި ހަނީމޫނަށް ދާ ޖޯޑުތައް ވެސް އެ ގައުމުތަކަށް ގޮސް އުޅެން ފަށައިފި އެވެ.

ބާލީ: ކޮންމެ ކަހަލަ ޗުއްޓީއަކަށް ވެސް ކަމުދޭ

އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން މާރިޔަތު މުހައްމަދު މި މަހު ދިޔައީ ދުނިޔެ އަށް މަޝްހޫރު މަންޒިލް ބާލީ އަށެވެ. ކުރިން ރައްޓެހިންނާ އެކު ކުރި ދަތުރެއްގައި ލިބުނު ހިތްހަމަޖެހުން، ފިރިމީހާ އާއި ދެ ކުދިންނާ ހިއްސާކޮށްލަން އޭނާ ބޭނުންވީ އެވެ. ރާއްޖެ އިން ފުރައިގެން ގޮސް މެލޭޝިއާގައި މަޑުކޮށްފައި އެ ގައުމުން ފެށި ތިން ގަޑި އިރުގެ ދަތުރަކަށް ފަހު ބާލީގެ ކުޓާގައި ތިން ދުވަސް އަދި އުބުޑުގައި ހަތް ދުވަސް ހޭދަކުރި އެވެ. ބޮޑު ޗުއްޓީގައި ދާން މި އާއިލާ އިން ބާލީ އިޚްތިޔާރުކުރީ އެ ރަށް އަގުހެޔޮވެފައި ރީތިވީމަ އެވެ.

"ޚާއްސަކޮށް އުބުޑު އެއީ ވަރަށް ފެހިކޮށް އޮންނަ ފަރުބަދަމަތީގެ ޓައުންއެއް. ވަރަށް ހިތްގައިމުވެފައި އަޑު މަޑު. ތަން ވަރަށް ރީތި. ކަލްޗަރަލް ބައި ވެސް ވަރަށް ބޮޑު،" މާރިޔަތު ބުންޏެވެ.

"ޕްރައިވެޓް ވިލާތައް ވަރަށް އަގުހެޔޮކޮށް ލިބޭ. އަހަރެމެން ތިބީ ޕްރައިވެޓް ޕޫލްއެއް ލާފައި ހުރި ދެ ކޮޓަރީގެ ވިލާއެއްގައި. އެ ތަން ކުދިންނަށް ވެސް ވަރަށް ކަމުދިޔަ."

ގަސް ގިނަ ހިތްގައިމު މާހައުލެއްގައި އުޅެލައި ފައްޅިތައް ފަދަ ސަގާފީ އަދި ތާރީޚީ ބިނާތައް ބަލައިލުމުގެ ފުރުސަތު ބާލީ އިން ލިބެ އެވެ. އޭގެ އިތުރުން ޚާއްސަ ސައިތަކާއި ކޮފީތަކުގެ ރަހަ ބަލައިލުމަކީ ވެސް މާރިޔަތަށް މި ދަތުރުގެ އުސް އައްޔެކެވެ. އޭގެ ތެރޭގައި، އިންޑޮނީޝިއާގައި އުޅޭ ވަކި ވައްތަރެއްގެ ބުޅަލަކަށް ކޮފީ ބީން ކާންދިނުމަށް ފަހު އޭތި ބޭރުކުރާ ނަޖިސް ބޭނުންކޮށްގެން ތައްޔާރުކުރާ ލުވަކް ކޮފީ ހިމެނެ އެވެ. އެއީ ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީ ކަމަށްވެ އެވެ.

މާރިޔަތުގެ ޗުއްޓީގެ ތެރެއިން: އޭނާގެ އާއިލާ ތިބި ވިލާ (މަތީގައި)، ބާލީގެ ފެހިކަން، އަދި އަގުބޮޑު ލުވަކް ކޮފީ. ފޮޓޯ: މާރިޔަތު މުހައްމަދު

މާރިޔަތުގެ ތަޖުރިބާގައި އުބުޑަކީ އާއިލީ ޗުއްޓީއެއް ހޭދަކޮށްލަން ހަމަ ރަނގަޅު ތަނެކެވެ.

ބާލީ އިން މި ނޫން ފުރުސަތުތައް ވެސް ލިބެ އެވެ. މޫދާއި ގޮނޑުދޮށުގެ ހިތްގައިމުކަން، ރާޅާއެޅުން އަދި އުސް ހިސާބުތަކުގައި ހައިކިން އަށް ވެސް ދެވިދާނެ އެވެ. ބާލީ އަށް ދާ ދިވެހިންގެ އަދަދު އިތުރުވެފައި ވަނީ މި ސަބަބުތަކާ ހެދި ކަމަށް ވެދާނެ އެވެ.

"އަހަރެން ކުރިން 2011ގައި ބާލީ އަށް ދިޔަ ފަހަރު، އެ ތަނުގެ މީހުންނާ ވާހަކަދައްކާ ހެދި އިރު މޯލްޑިވްސްއޭ ބުންޏަސް މީހުންނަކަށް ނޭނގޭ. އެކަމަކު މިހާރު އެ ރަށުގެ ވަރަށް ގިނަ މީހުންނަށް އެނގޭ ރާއްޖެއޭ ބުނެލާ އިރަށް،" މާރިޔަތު ބުންޏެވެ.

ބާލީގެ ވޯޓަފޯލްއެއް (ކ) އަދި މޫދު: އެކި ބަޖެޓުތަކުގައި އެކި ކަހަލަ ޗުއްޓީތައް މި ތަނުގައި ހޭދަކޮށްލެވިދާނެ. ފޮޓޯ: މާރިޔަތު މުހައްމަދު

މީގެ ހަތަރު އަހަރު ކުރިންސުރެ ވިޔަފާރި ދަތުރުތަކުގައި އާއްމުކޮށް އިންޑޮނީޝިއާ އަށް ގޮސް އުޅޭ ޝަފީގު އަލީ ކިޔައިދިން ގޮތުގައި ބާލީ އަށް ދާ ދިވެހިންގެ އަދަދު އިތުރުވިކަން ފާހަގަކުރެވެނީ ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގަ އެވެ.

"މިހާރު ވެސް އަހަރެން ދަންނަ ތިން ބަޔަކު ބާލި އަށް ގޮސް އެބަ އުޅޭ،" ޝަފީގު ބުންޏެވެ.

"ވާ ގޮތަކީ އެ ތަނުގެ ހޯމް ސްޓޭ ލޯކަލް ޓޫރިޒަމް ކޮންސެޕްޓް މީހުންނަށް ކަމުދަނީ. ލަގްޒަރީ ހޮޓެލްތައް ވެސް ހުރޭ. އެކަމަކު މީހުންގެ ގޭގޭގައި ހަދާފައި ހުންނަ ހިތްގައިމު ތަންތަނުގައި ކުޑަ ބަޖެޓަކުން އެބަ ތިބެވޭ،" އޭނާ ކިޔައިދިނެވެ.

"ވަރަށް ހޯމް ފީލްއެއް އެ ތަނުން ލިބެނީ. އެއީ މާލޭގައި ދިރިއުޅޭ ބަޔަކު ރާއްޖޭގެ އެހެން ރަށަކަށް، ތިމާގެ ބައެއްގެ ކައިރި އަށް ދިޔައިމަ ކުރެވޭ ކަހަލަ އިހުސާސެއް. ބޭނުންވެއްޖެއްޔާ ބައިސްކަލެއް ނުވަތަ ސައިކަލެއް ކުއްޔަށް ނަގައިގެން ވެސް އުޅެލަންވީ."

ސިއެމް ރީޕްގެ މުހިއްމު ބިނާތައް

"މިހާރު"ގެ ސްޓައިލް ލިޔުންތެރިޔާ ފާތުމަތު މުނާލް ޝުޖާއު މި މަހު ކެމްބޯޑިއާ އަށް ދިޔައީ ޝައުގުވެރި ބައެއް ތަންތަން ބަލައިލައި ތަފާތު ޗުއްޓީއެއް ހޭދަކޮށްލާށެވެ.

ޓޫރިސްޓުންގެ މެދުގައި މަގްބޫލު ސިއެމް ރީޕް އަށް ދާން މުނާލް ބޭނުންވި މައިގަނޑު އެއް ސަބަބަކީ އެ ސަރަހައްދުގެ ގަދީމީ ބިނާތަކެވެ. އޭގެ ތެރޭގައި "ޓޫމްބް ރެއިޑާ" ފަދަ ހޮލީވުޑްގެ ފިލްމުތައް ކުޅެފައިވާ އިހުގެ ބައެއް ފައްޅިތައް ފާހަގަކޮށްލެވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ދީނީ ބިނާ އަދި ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ތަރިކައެއް ކަމަށްވާ އަންކޯ ވަޓް ވެސް ހުންނަނީ ސިއެމް ރީޕްގަ އެވެ.

ކެމްބޯޑިއާގެ ސިއެމް ރީޕްގެ މުހިއްމު ދެ ބިނާއެއް: މި ސަރަހައްދުގެ މައިގަނޑު ޝައުގުވެރިކަމަކީ މިފަދަ ގަދީމީ ފައްޅިތައް --ފޮޓޯ: ފާތުމަތު މުނާލް ޝުޖާއު

"މުހިއްމު އާކިއޮލޮޖިކަލް ސައިޓްތައް ބަލައިލަން ނުވަތަ ސިޓީ ލައިފުން ބޭރުވެ، ތަފާތު ތަނަކަށް ގޮސް، އެހެން މީހުން ދިރިއުޅޭ ގޮތް ދެކެލަން ޝައުގުވެރިވާ މީހުންނަށް ވެސް ވަރަށް ރަނގަޅު ތަނެއް ކެމްބޯޑިއާއަކީ،" ތައިލެންޑަށް ގޮސްފައި އެއާ އޭޝިއާ އިން ކެމްބޯޑިއާ އަށް ރައްޓެއްސަކާ އެކު ކުރި ދަތުރާ ބެހޭ ގޮތުން މުނާލް ބުންޏެވެ.

"މީހުން ވަރަށް ފްރެންޑްލީ. އެކަމަކު ވަރަށް ފަގީރު ތަނެއް. ސުވެނިއާސް ކަހަލަ އެއްޗެހި ގަންނަން ލިބޭ."

ވިއެޓްނާމްގެ ރީތިކަން 12 ދުވަހުން

މި އަހަރު އެންމެ ސަޅި ޗުއްޓީއެއް ހޭދަކުރި އެކަކަށް ފިޒުނާ ހަސަން* ވާނެ އެވެ. އިނގިރޭސި ރައްޓެއްސަކާ އެކު މޭ މަހު ވިއެޓްނާމްގެ ދެކުނުން އުތުރަށް ހަތަރު ފްލައިޓެއްގައި އަދި ކާރުގައި ކުރި 12 ދުވަހުގެ ދަތުރުގައި ގިނަ ތަޖުރިބާތަކެއް އޭނާ ކުރި އެވެ. އިހުގެ ފައްޅިތަކާއި އެ ނޫން ވެސް ތަފާތު، ރީތި އެތައް ތަނެއް ބަލައިލުމުގެ އިތުރުން ކްރޫޒް ޝިޕެއްގައި ދަތުރުކޮށް މޫދާއި ގޮނޑުދޮށުން ވެސް ހިތްހަމަޖެހުން ހޯދި އެވެ. ފިޒުނާ ބުނިގޮތުގައި އެ ހުރިހާ ކަމެއް ވެސް ކުރީ ވަރަށް ކުޑަ ޚަރަދަކުންނެވެ.

"ވިއެޓްނާމަށް ދަންޏާ، އެ މީހެއްގެ ބަޖެޓަށް ޑިޕެންޑްވާނީ. ބައެއް ތަންތަނުގައި ފައިވް ސްޓާ ޚިދުމަތްތައް ވެސް ލިބޭ. ހޮޓެލްތައް ވެސް ވަރަށް ރަނގަޅު،" ރާއްޖެ އިން ސިންގަޕޫރަށް ގޮސްފައި ވިއެޓްނާމަށް ދިޔަ ފިޒުނާ ބުންޏެވެ.

"ޝޮޕިން ވެސް ވަރަށް އަގުހެޔޮ. މިސާލަކަށް އަތް ދަބަހެއް ތިން ޑޮލަރަށް ވުރެ ހެޔޮކޮށް ލިބޭ. އެކަމަކު އެއީ އެހެން ކަހަލަ ޝޮޕިންއެއް. ވަރަށް ޓޫރިސްޓީކޮށް ހުރިހާ ކަމެއް ވެސް އޮންނަނީ. ސްޓްރީޓް ފުޑް ވިއްކާ ތަންތަން ވެސް ބައިވަރު،" އޭނާ ކިޔައިދިނެވެ.

ފިޒުނާ ޒިޔާރަތްކުރި ތަންތަނުގެ ތެރެއިން ހަލޮންގް ބޭ: މިއީ ދުނިޔޭގެ ހެރިޓޭޖް ސައިޓްތަކުގެ ތެރޭގައި ހިމެނޭ ތަނެއް. ފޮޓޯ: ޖިމީ ޑާއޫ

ދަތުރުގައި ދިމާވި ހަމައެކަނި މައްސަލައަކީ ހޫނު ގަދަވުމެވެ. އެ ދުވަސްކޮޅު ވިއެޓްނާމްގައި ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ. އެހެންވެ، ހަށިގަނޑުން ފެން މަދުވެގެން ފިޒުނާ ޑޮކްޓަރަށް ދައްކަން ވެސް ޖެހުނެވެ.

"މޭ އިން އޮގަސްޓަށް ވަރަށް ހޫނު ގަދަވާނެ. އެހެންވީމާ އެ ނޫން ދުވަސްކޮޅެއްގައި ދާންވާނީ،" އޭނާ ބުންޏެވެ.

ފިޒުނާ ފަދަ މީހުން މި މަންޒިލްތަކަށް ޝައުގުވެރިވުމަކީ ދިވެހިން ޗުއްޓީ ހޭދަކުރަމުން އައި ވައްޓަފާޅި އަށް އައި ބަދަލެކެވެ. އިންޑިއާ، ލަންކާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ތަންތަނަށް ގޮސް ދިވެހިން އާއްމުކޮށް ކުރާ ކަންކަމާ ތަފާތުކޮށް، ބެކްޕެކިން ހޮލިޑޭ އަށް ވެސް ބައެއް މީހުން ދާން ފެށީ އެވެ. ތަފާތު ގައުމުތަކަށް ގޮސް ތަފާތު ތަޖުރިބާތަކުން އުފާ ހޯދަން ބޭނުންވާ މީހުން ދިވެހިންގެ ތެރޭގައި ވެސް މިހާރު އެބަ އުޅެ އެވެ.

*ނަން ބަދަލުކޮށްފައި