85 އަހަރުގެ ދުވުންތެރިޔާ، ސައިންސްވެރިންނަށް ރަންގަނޑަކަށް

އޭނާގެ ފައިގެ ބާރާއި ފުއްޕާމޭގެ ވަރުގަދަކަމުން ސައިންސްވެރިން ތިބީ ހައިރާންވެފަ އެވެ. އުމުރުން 85 އަހަރުގެ މީހަކާ އަޅާބަލާ އިރު އެޑް ވައިޓްލޮކްގެ ދުވުން ހިމަނަން ޖެހެނީ އާދަޔާ ޚިލާފު ކަމެއްގެ ގޮތުގަ އެވެ. މިދިއަ އޮކްޓޯބަރު މަހު 85 އަހަރު ފުނުއިރު ޓޮރޮންޓޯ ވޯޓާފްރޮންޓް މެރެތަން ރޭސް ތިން ގަޑިއިރާއި 56 މިނިޓް، 34 ސިކުންތުން ނިންމުމަކީ އެ އުމުރުގެ ދުނިޔޭގެ ރެކޯޑެވެ. އޭނާއަކީ 26.2 މޭލުގެ ރޭސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމި އެންމެ މުސްކުޅި ދުވުންތެރިޔާ އެވެ.


މުސްކުޅި އެކި އުމުރުތަކުގައި ވައިޓްލޮކް ހެދި ރެކޯޑްތަކާއި އޭނާގެ ދުވުމުގެ ވާހަކަތަކުން އޭނާ ވެފައި ވަނީ އުމުރުން ދުވަސްވީ އެތުލީޓުންގެ އެންމެ އިސް ދުވުންތެރިޔާ އަށެވެ. އަދި އުމުރުން ދުވަސްވުމާއި އެފެންވަރުގައި ދުވުމާ ހުރި ގުޅުމުގެ ސިއްރުތައް ދެނެގަންނަން ސައިންސްވެރިންނަށް އޭނާ އަކީ ރަންގަނޑެކެވެ.

ހުރިހާ ކަމެއް ވެސް ތަފާތު

ވައިޓްލޮކްގެ ދުވުމުގެ އާދަޔަށް ބަލާއިރު ވެސް ގެނެސްދެނީ ހައިރާންކަމެވެ. އޭނާ ތަމްރީން ހަދަނީ ގޭ ކައިރީގައި އޮންނަ ގަބުރުސްތާނެއްގައި އެކަނިމާއެކަންޏެވެ. ކޮންމެ ތަމްރީނެއްގައި ތިން ގަޑިއިރު ނުވަތަ ތިން ގަޑިއިރާއި ބައި ވަންދެން ދުވެ އެވެ. ދުއްވާ އެއްޗިއްސަކަށް، ވަށައިގެންވާ މަހާނަތަކަށް، ތަމްރީން ހެދުމުގައި ގެންގުޅޭ ޒަމާނީ އުކުޅުތަކާއި ސާމާނަކަށް އޭނާގެ ވިސްނުމެއް ދުލެއް ނުކުރެ އެވެ.

ޓޮރޮންޓޯ މެރެތަންގައި އޭނާ ދުވީ 15 އަހަރު ވެފައި އޮތް ބޫޓެއްގަ އެވެ. ލީ 20 ނުވަތަ 30 އަހަރު ވީ ކޮނޑުކެނޑިއެކެވެ. އޭނާގެ ކޯޗެއް ނެތެވެ. ޚާއްސަ ކެއުމެއް ނުގެންގުޅެ އެވެ. ތަމްރީނުތަކުގައި އޭނާ އަށް ދުވެވުނު މޭލްގެ އަދަދެއް ނޯޓެއް ނުކުރެ އެވެ. ހިތުގެ ވިންދު ބަލާ މޮނިޓަރެއް ބޭނުމެއް ނުކުރެ އެވެ. އެތުލީޓުން ނަގާ ކަހަލަ "އައިސް ބާތެއް" ނުނަގަ އެވެ. މަސާޖެއް ނުކުރެ އެވެ. ޖިމްއަކަށް ގޮސް ބަރެއް ނުއުފުލަ އެވެ. ސިޓްއަޕްސް އާއި ޕުޝް-އަޕްސްް ހެދުމެއް ނޯވެ އެވެ. ރޭހަކަށް އެރުމުގެ ކުރިން ނޫން ގޮތަކަށް ސްޓްރެޗިންއެއް ނުހަދަ އެވެ. އެއްވެސް ކަހަލަ ބޭހެއް ބޭނުމެއް ނުކުރެ އެވެ. ހަމައެކަނި ކަކުލަށް އެހީވެދާނެ ނުވަތަ ނުވިޔަސް ހެޔޮކަމަށް ސަޕްލިމަންޓެއް ނަގަ އެވެ.

ވައިޓްލޮކަށް ލިބިފައި ވަނީ، ފަސް ފޫޓް ހަތް އިންޗީގެ، ހެޔޮވަރުގެ ހަށިގަނޑެކެވެ. ބަރުދަނުގައި ހުންނަނީ 49-50 ކިލޯ އެވެ. އޭނާގެ ތަފާތަކީ އޮކްސިޖަން ހިފެހެއްޓޭ އާދަޔާ ޚިލާފު މިންވަރާއި އޭނާގެ އުމުރަށް ބަލާއިރު މަސްތަކުގެ ވަރުގަދަކަމެވެ. ފިޔަވަޅު އެޅުމުގެ ފަސޭހަކަމެވެ. ވަރުގަދަ ހިތްވަރާއި ދޫނުކުރުމެވެ.

ގޭ ކައިރީގައި އޮންނަ ގަބުރުސްތާނުގައި އެޑް ވައިޓްލޮކް ދުވަނީ: ތަމްރީންތަކުގައި އޭނާ މަދުވެގެން ތިން ގަޑިއިރު ދުވޭ

"އަހަރެން ބުނާނީ ކޮންމެ މީހަކަށް ވެސް އެ މީހަކަށް އަސްލު ހީކުރެވޭ ވަރަށް ވުރެ މާ ބޮޑަށް ކަންކަން ކުރެވިދާނެހެން،" މައިނިން އިންޖީނިއަރެއްގެ ގޮތުގައި މުޅި އުމުރު ހޭދަކުރި އެކަމަކު މިހާރު ރިޓަޔަކޮށްފައިވާ ވައިޓްލޮކް ބުންޏެވެ.

ނަމަވެސް "އެވަރަށް އެކަން ކުރަން އެމީހަކު ޖެހޭނެ މޮޔަވާން."

ޓެސްޓްތަކުން ފެނުނީ އާދަޔާ ޚިލާފު ބާރުތަކެއް

މީގެ ހަތަރު އަހަރު ކުރިން، އުމުރުން 81 އަހަރުގައި، ވައިޓްލޮކްގެ ހަށިގަނޑުގެ ދިރާސާތަކެއް ސައިންސްވެރިން ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ޓެސްޓްގައި ބެލީ ދުވާއިރު އޭނާގެ މަސްތަކުން އޮކްސިޖަން ބޭނުންކުރާ އެންމެ މަތީ މިންވަރެވެ. އެ ކަން ބަލަނީ މިނިޓެއްގެ ތެރޭގައި ކޮންމެ ކިލޯއަކަށް އޮކްސިޖަން ބޭނުންކުރާ މިންވަރު މިލިލީޓަރުންނެވެ. އެ މިންވަރު މަތިވާ ވަރަކަށް އޭނާގެ ކަސްރަތުގެ ފިޓްނަސް ވަރުގަދަ ވާނެ އެވެ.

އޮލިމްޕިކްސްގެ އެންމެ މަތީ ފެންވަރުގެ ސްކީކުރާ މީހެއްގެ މަސްތަކުން އޮކްސިޖަން ބޭނުންކުރާ މިންވަރު އުޅެނީ 90 ގަ އެވެ. އުމުރުން 80ގެ އަހަރުތަކުގެ މީހުންގެ އެ ނިސްބަތަކީ އެންމެ 20 އެވެ. ވައިޓްލޮކްގެ އެ ބާރު އުޅުނީ، އެ އުމުރުގައި، އާދަޔާ ޚިލާފު މިންވަރެއް ކަމަށްވާ، 54 ގަ އެވެ.

އޭނާގެ ޓެސްޓް ހެދި މެގީލް ޔުނިވަސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ރަސަލް ހެޕްލް ވިދާޅުވި ގޮތުގައި 54ގެ ނަތީޖާއަކީ، ބުންވަރު ރަނގަޅު، ޒުވާން އެތުލީޓަކާ ގާތްގަނޑަކަށް އެއްވަރުގެ މިންވަރެކެވެ.

ވައިޓްލޮކްގެ ދެން ހެދީ މަސްތައް ހަރަކާތްތެރިވާ ގޮތުގެ ޓެސްޓެކެވެ. އިންސާނެއްގެ ހަށިގަނޑުގައި ހިމެނޭ ހަރަކާތްތެރި އެންމެ ކުޑަ މަސްކޮޅަށް ކިޔަނީ މޮޓޯ ޔުނިޓެވެ. މިސާލަކަށް ސިއްހަތު ރަނގަޅު ޒުވާނެއްގެ ކަށިމަތީގެ މަސްގަނޑުގައި ހަރަކާތްތެރި 160 މޮޓޯ ޔުނިޓް ހިމެނެ އެވެ، އިނގިލިތައް ހަރަކާތްކުރަން އެހީތެރިވަނީ އެ މަސްތަކެވެ. އުމުރުން 80ގެ އަހަރުތަކަށް އެޅީމާ އެ މަސްތައް މަދުވަމުން ގޮސް 60 އަށް ވެއްޓެ އެވެ. އެކަމަކު ވައިޓްލޮކްގެ އެ ބައިގައި 100 މޮޓޯ ޔުނިޓް ހިމެނެ އެވެ.

އުމުރުން 85 އަހަރުގައި ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމި އެޑް ވައިޓްލޮކްގެ އެކި ދުވަސްވަރު ނަގާފައިވާ ފޮޓޯތައް

އޭނާގެ މަސްތަކުގައި އެ ބާރު ދެމިގެންދަނީ އެ އުމުރުގެ މީހުންނާ ބަލާއިރު، ނިއުރޮޓްރޮފިންސްގެ މިންވަރު މަތިކަމުންނެވެ. މިއީ ހަށިގަނޑުގެ އެކަހަލަ ބައިތައް ހިމާޔަތްކޮށްދީ، ހިފަހައްޓައިދޭން އެހީތެރިވާ ކެމިކަލްތަކެކެވެ.

"އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް،" މިހާރު ޔުނިވަސިޓީ އޮފް ކެލިފޯނިޔާގައި މަސައްކަތްކުރައްވަމުން ގެންދަވާ ހެޕްލް ވިދާޅުވި އެވެ.

"އުމުރަށް ބަލާއިރު، މޮޓޯ ޔުނިޓްތައް ގިނަ ނަމަ، މަސްތަކުގެ ބަރުދަނާއި ބާރު ހިފަހައްޓައިދޭނެ، އޭގެ މާނަ އަކީ ވަރުގަދަވުން."

އުމުރުން 20 އަހަރުގައި ވައިޓްލޮކް ދުވި އިރުގެ ފޮޓޯތަކަށް ބަލާއިރު، އޭނާގެ އިސްތަށިގަނޑު މިހާރު މުޅިން ނުރަޔަށް ވިޔަސް، ހަށިގަނޑުގެ ބައްޓަން ދާދި އެއްގޮތް ކަމަށް، އޭނާ ތަހުލީލުކުރަމުން އަންނަ ސައިންސްވެރިން ބުނެ އެވެ. އުމުރުން 85 އަހަރު ވާ އިރު އާންމުކޮށް މަސްތަކުގެ ބާރުމިނުން 40 ޕަސެންޓް ގެއްލެ އެވެ. އެކަމަކު ވައިޓްލޮކްގެ މަސްތައް އޭނާގެ 20ގެ އަހަރުތަކެކޭ ދާދި އެއް ގޮތް ކަމަށް ހެޕްލް ވިދާޅުވި އެވެ.

އެކަމަކު ވައިޓްލޮކަށް ވެސް ބަދަލުތަކާ ކުރިމަތިވެ އެވެ. އެ ގޮތުން ޓޮރޮންޓޯ މެރެތަންގެ ކުރިން ބަރުދަން 47 އަށް ވެއްޓުމުން އޭނާ އަށް ވިސްނުނީ މަސްތަކުގެ ބާރު ދަނީ ކަމަށެވެ.

އެފަހަރު އޭނާ ނިންމި 3:56:34 ވަގުތަކީ މިހާތަނަށް ވައިޓްލޮކް ދުވި އެންމެ ބާރު މެރެތަން އަށް ވުރެ ގާތްގަނޑަކަށް އެއް ގަޑިއިރު ލަސް މިންވަރެކެވެ. އުމުރުން 73 އަހަރުގައި އޭނާ ވަނީ 2:54:48 އިން ޓޮރޮންޓޯ މެރެތަން ނިންމައިފަ އެވެ. މިއީ ދުވުންތެރިޔަކު އެންމެ މަތީ ފެންވަރުގައި ހުންނަ އިރު 2:04:48 އިން މެރެތަންއެއް ޖެހޭނެ ބާރުމިނެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ މިހާރުގެ މެރެތަން ރެކޯޑް ކަމަށްވާ 2:02:57 އަށް ވުރެ އެންމެ ދެ މިނިޓް ލަސް މިންވަރެކެވެ.

"އަހަރެން ބުނާނީ ކޮންމެ މީހަކަށް ވެސް އެ މީހަކަށް އަސްލު ހީކުރެވޭ ވަރަށް ވުރެ މާ ބޮޑަށް ކަންކަން ކުރެވިދާނެހެން. [ނަމަވެސް] އެވަރަށް އެކަން ކުރަން އެމީހަކު ޖެހޭނެ މޮޔަވާން."

ޒުވާން އިރު ވެސް ވައިޓްލޮކަކީ ރަނގަޅަށް އަދި ސްޕީޑްގައި ދުވި ދުވުންތެރިއެކެވެ. އެކަމަކު ކެނެޑާ އަށް ދިރިއުޅުން ބަދަލުކުރި ފަހުން 20 އަހަރު ވަންދެން އެއްގޮތަކަށް ނުދުވެ ހުއްޓެވެ. އޭގެ ބަދަލުގައި އޭނާ ކުރި ކަމަކީ ފުޓްބޯޅަ ރެފްރީކަމާއި ބައިސްކަލް ދުއްވުމާއި ހިނގުމެވެ. އަލުން އޭނާ ދުވަން ފެށީ އުމުރުން 41 އަހަރުގަ އެވެ. އާންމުކޮށް ނުދުވެ 20 އަހަރު ހޭދަކުރުމަކީ، ބައެއް ސައިންސްވެރިން ބުނާ ގޮތުގައި، އޭނާގެ ހުޅުތަކަށް ބޮޑެތި ގެއްލުންތަކެއް ނުލިބުމުގެ ސަބަބެވެ.

އެކަމަކު ވައިޓްލޮކް އޭނާގެ އަމިއްލަ ހަށިގަނޑަށް ވެސް ވަރަށް ބަލަ އެވެ. އެގޮތުން ކަކުލު ހުޅުގައި ރިއްސާތީ ތިން ފަހަރެއްގެ މަތިން އެއް އަހަރު ދުވަހުގެ ބްރޭކެއް ނެގި އެވެ.

"އޭނާ އަށް އެނގޭ ރެސްޓެއް ނަގަންވީމަ ނަގަންވާ ވަގުތު،" އެސޯސިއޭޝަން އޮފް ރޯޑް ރޭސިން ސްޓެޓިސްޓިޝަންގެ އެއް ބާނީ، ކެން ޔަންގް ވިދާޅުވި އެވެ.

މި އުމުރުގައި އެވަރަށް ދުވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ވައިޓްލޮކް ބުނީ ރެކޯޑް މުގުރުމާއި އެހެން މީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ.

"އެންމެ އުފާވަނީ، އެއްވެސް މައްސަލައެއް ދިމާނުވެ، ނިންމާ ރޮނގު ހުރަސްކޮށްލެވުނީމާ،" ވައިޓްލޮކް ބުންޏެވެ.

ނޯޓު: މިއީ ނިއު ޔޯކް ޓައިމްސްގައި ޖީރޭ ލޯންގްމެން ލިއުނު ރިޕޯޓްގެ ޚުލާސާ ތަރުޖަމާއެކެވެ.