ކޮލަމް ށަވިޔަނި: މިކަހަލަ މީހަކު ދުށިންތަ؟

ބައްޕަ މަރުވީމާ އާއިލާ ބެލެހެއްޓުމުގެ ޒިންމާއާ އެކު ހަސަން ހުސެއިން ދީދީ މަސައްކަތަށް ނުކުތީ ވަރަށް ޅަ އުމުރުގަ އެވެ. އެންމެ ދޮށީ ބޭބެ ކޮއްކޮމެން ބަލަމުން ގޮސް އުމުރުން 20 އަހަރުގައި އަމިއްލަ ދިރިއުޅުމެއް ފެށި އެވެ. އެއީ 1940ގެ އަހަރުތަކެވެ؛ ފުވައްމުލަކެވެ. ކައިވެންޏާ އެކު އަންހެނުންގެ ގެއަށް ހަސަން ދީދީ ބަދަލުވީ އޭނާގެ ބައްޕަ ސިލޯނުން ގެންގޮސް ހައްދާފައި ހުރި އަލަނާސި ގަސްކޮޅެއް ހިފައިގެންނެވެ. އޭގެ 70 އަހަރު ފަހުން އުމުރުން 88 އަހަރުގައި މިދިޔަ މަހު އޭނާ މަރުވީ 100 ވަރަކަށް ގަސް ހުރި އަލަނާސި ދަނޑެއް ހައްދައި ބަލަހައްޓަމުން ގެންދަނިކޮށެވެ. ހަސަން ދީދީގެ އާދަޔާހިލާފު ދިރިއުޅުމަށް މަރުހަބާ އެވެ!


މިއީ އަޅުގަނޑު ބޭނުންވި ގޮތެއް ނޫނެވެ. ކާފަގެ ވާހަކަ ލިޔަން ހިތުލައިގެން ހުރީ ކާފަ ދުނިޔޭގައި ހުއްޓަ އެވެ. އެކަމަކު އެ ހިޔާލު މުޅިން ދޫކޮށްލަން ބޭނުން ނުވީ އެވެ. އަޅުގަނޑުމެން އެންމެން ވެސް ނަމޫނާއެއްގެ ގޮތުގައި ބަލަން އެ ވަރުގެ މީހަކު އަޅުގަނޑަށް ފެނިފައި ނެތީމަ އެވެ. އެންމެ ބޮޑަށް، މުރާލިކަމުގެ ގޮތުންނެވެ. އަޅުގަނޑުގެ މަންމަގެ ބަހުން ނަމަ، އެހާ ގިނަ ތަފާތު މަސައްކަތްތައް ކުރި މީހަކު "މި ރާއްޖެ ކީއްކުރަން، މި ދުނިޔޭގައި ވެސް ނުހުންނާނެ" އެވެ.

ކާފަގެ އަލަނާސި ދަނޑުގައި އަލަނާސި އަޅާފައި

އަޅުގަނޑު ކުޑައިރުގެ އެންމެ ފާހަގަކުރެވޭ ހަނދާނަކީ ކާފަ ހައްދާ އަލަނާސީގެ ފޮޓޯ ނަގަން މީހުން ކުރާ ޒިޔާރަތްތަކެވެ. އެއީ މިހާރު ވެސް ހިނގާ ކަމެކެވެ. ފުވައްމުލަކަށް ދަތުރުކުރާ ޓޫރިސްޓުންނާއި ދިވެހިން ވެސް ދިލްކުސާގޭ އަލަނާސި ގަސްތައް ބަލައިލަން ބޭނުންވެ އެވެ. އަލަނާސިއަކީ ރާއްޖޭގައި އާއްމުކޮށް ހައްދާ އެއްޗަކަށް ނުވާތީ އެއީ އާ ކަމަކަށް ވަނީ އެވެ. އެކަމަކު އަލަނާސި ގަސްތަކަކީ ކާފަގެ ޝައުގުވެރި ދިރިއުޅުމުގެ ކުޑަކުޑަ ބައެކެވެ.

"އަލަނާސި ދަނޑު މަޝްހޫރަސް ކާފައަކީ މަޝްހޫރު މީހެއް ނޫނެވެ. އެކަމަކު އަލަނާސި ދަނޑު ވަރަށް ގިނަ ގޮތްގޮތުން ކާފަގެ ދިރިއުޅުމާއި ޝަހުސިއްޔަތު ރަމްޒުކޮށްދެ އެވެ. ތަފާތުކަމެވެ. އެއްގޮތެއްގައި ދެމިހުރުމެވެ. އަވަސް ފައިދާއަށް ވުރެ ބޮޑަށް ކަމުގެ ލޯތްބާއި ޝައުގުވެރިކަން އިސްކުރުމެވެ. ދުޅަހެޔޮ ސިއްހަތާއި ދިގު އުމުރެވެ.

ކުޑައިރު އަޅުގަނޑުގެ ގެ ހުރީ ކާފަ އާއި މާމަގެ ގެއާ ޖެހިގެން ކަމަށް ވާތީ އެ މީހުންގެ ދަނޑުވެރިކަން ކޮންމެ ދުވަހަކު ވެސް ގާތުން ފެނުނެވެ. ގޭގެ ގޯއްޗާއި ބިތްދޮށުގައި އޮންނަ ޗަސްބިން ފުރާ އެތައް ބާވަތެއް ހައްދާފައި އަބަދުވެސް ހުރެ އެވެ. އެ އެއްޗެހި ވިއްކައިގެން ކާފަ މަރުވުމާ ހަމައަށް ވެސް އާމްދަނީ ހޯދި އެވެ. އަލަ، ކައްޓަލަ، ދަނޑިއަލުވި، ބަރަބޯ، ފުފޫ، ދޮންކެޔޮ، އަނބު، ލުނބޯ، މިރުސް، ކަޅުހުއްތު މޭވާ، ޕެޝަން ފްރުޓް، ހިކަނދި ފަތް އަދި ނާރިނގު ފަދަ އާއްމު ބާވަތްތައް އެކަންޏެއް ނޫނެވެ. ގޭގެ ބިތްދޮށުގައި ކުރިން ބޮޑު ކަފަ ގަހެއް ވެސް ހުއްޓެވެ. އެ ގަހުން ލިބޭ ކަފަ ގޯނިގޯންޏަށް އަޅައިގެން ވިއްކާ ވާހަކަ މަންމަ ކިޔައިދެ އެވެ. އުއްދަނޑި އާއި ހެލެނބެއްޔާއި ކަރަންފޫ ގަސް ވެސް އަޅުގަނޑު ކުޑަ އިރު މާމަ އާއި ކާފަގެ ގޭގައި ހުއްޓެވެ. ދަނޑުވެރިކަމުގައި ކާފަ އުފުލި އެންމެ ބޮޑު ބުރައަކަށް ވާނީ އިތުރު މީހަކާ ގުޅިގެން ހާހެއްހާ ރުއް ބެލެހެއްޓުމެވެ. ވަރަށް ފަހަކާ ޖެހެންދެން 10 ވަރަކަށް އަލަ އޮޅު ވެސް ގެންގުޅުނެވެ.

އެކަމަކު ކާފައަކީ ހަމައެކަނި ދަނޑުވެރިއެއް ނޫނެވެ. މަސައްކަތުގައި ކާފަ ނުކޮށާ ވަލެއް، ނުފޮރުޅާ ގަލެއް، ނުއެއްލާ ނަނެއް ނެތެވެ. ނަވާރަ ސަތޭކަ އަށާވީހުގައި ދިވެހިރާއްޖެ އަށް އުފަންވި މީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި އެވެ.

ހުނިގޮނޑި މަތީގައި އުޑުފައިން އިނދެގެން ކާފަ ހުނި ގާނާ މަންޒަރު މިހާރު ވެސް އަޅުގަނޑަށް ސިފަވެ އެވެ. ހަވާދު ފުނޑުމާއި ރޮށި ދެމުމަކީ ވެސް ކާފަ ކުރި ކަންކަމެވެ. ބައެއް ދަރިންނަށް ކައްކަން ދަސްކޮށްދިނީ ވެސް ކާފަ އެވެ. އަޅުގަނޑުގެ މަންމަ މިހާރު ވެސް ބަތް ކައްކަން ފެން އަޅަނީ ކާފަ ކިޔައިދިން ގޮތަށް ވަޒަންކޮށްގެންނެވެ.

ކާފައަކީ މަސްވެރިއެކެވެ. ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރި އެވެ. ފުވައްމުލަކަށް ހާއްސަ، ބާނަން އުނދަގޫ މަހެއްގެ ގޮތުގައި މަޝްހޫރު ކައްޓެޅީގެ މަސްވެރިކަމުގައި ސާޅީހަކަށް އަހަރު ވަންދެން އުޅުނެވެ. ފަސް ދޯންޏެއްގެ ކެޔޮޅުކަން ކުރި އެވެ. ހަތް އޮޑިއެއްގެ ނިޔަމިކަން ކުރި އެވެ. ރާއްޖޭގައި ދަތުރުކުރުމުގެ އިތުރުން ރިޔަލުގައި ސިލޯނަށް ވެސް ދަތުރުކުރި އެވެ. އެފަދަ ދަތުރެއްގައި ކާފަ ބެހިގެން ގޮސް އެހެން ގައުމަކަށް ލެއްގި ހާދިސާއެއްގައި އެނބުރި ރާއްޖެ އަންނަން އެއް އަހަރު ނެގި ވާހަކައެއް މާމަ މިހާރު ވެސް ކިޔައިދެ އެވެ.

ކާފަ އާއި މާމަ އެ މީހުންގެ ގޭގައި

ފަންގި ވިނުމާއި ބޮނބި ތަޅައިގެން ރޯނު ވެށުމާއި ކާށިން ތެޔޮ ހާނައިގެން ވިއްކުމަކީ ވެސް ކާފަ އާއި މާމަ ކުރި މަސައްކަތްތަކެވެ. ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ތައްޔާރުކޮށް ރަށުން ބޭރަށް ގެންގޮސްގެން ވިއްކާ ވެސް އުޅުނެވެ. ދަމާކަނޑަން އައްޑު އަށާއި ހުވަދު އަށާއި މާލެ އަށް ކާފަ ދަތުރުކުރި އެވެ. އަކިރި އަންދައިގެން އުވަ ހަދައި ވިއްކި އެވެ. ބިޔާދޫ ރިސޯޓް ހެދި އިރު އެ ތަނުގެ ވަޒީފާގައި ތަފާތު މަސައްކަތްތައް ކުރި އެވެ. އޮޑިދޯނިފަހަރުގައި ފުޓުނި އެޅުމަކީ ވެސް އެތައް އަހަރެއް ވަންދެން ކާފަ ކުރި ވަރަށް ބުރަ ކަމެކެވެ.

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކާފަ ދިރިއުޅުނީ އަމިއްލަ ދެ އަތުން މަސައްކަތްކޮށްގެންނެވެ. ދަރިންގެ އެދުމުގެ މަތިންނާއި ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ބުރަ މަސައްކަތްތައް ހުއްޓާލީ ވެސް ދާދި ފަހުންނެވެ.

ކާފައަކީ ތަފާތު މީހެއްކަން ކުޑައިރު ވެސް އަޅުގަނޑަށް މޭރުންވެ އެވެ. އޭރު އަޅުގަނޑު އެންމެ އަޖައިބުވަނީ ކާފަ އޮޅަށް އެރި އަލަ ކަނޑާތީ އެވެ. އެއީ އޭރު އާއްމުކޮށް ފިރިހެނުން ކޮށް އުޅުނު ކަމެއް ނޫނެވެ. މިހާރު އަޅުގަނޑަށް ވިސްނޭ ގޮތުގައި ކާފަ އުޅުނީ ކާފަގެ ޒަމާނަށް ވުރެ މާ ކުރީގަ އެވެ. އަންހެނުންނަށް "ހާއްސަކޮށްފައި" ހުންނަ ކަންކަން ވެސް ކޮށް އުޅުނީމަ އެވެ. ވަރަށް ޝައުގުވެރިކަމާ އެކު ކައްކާ ވެސް ހެދި އެވެ. ހުނިގޮނޑި މަތީގައި އުޑުފައިން އިނދެގެން ކާފަ ހުނި ގާނާ މަންޒަރު މިހާރު ވެސް އަޅުގަނޑަށް ސިފަވެ އެވެ. ހަވާދު ފުނޑުމާއި ރޮށި ދެމުމަކީ ވެސް ކާފަ ކުރި ކަންކަމެވެ. ބައެއް ދަރިންނަށް ކައްކަން ދަސްކޮށްދިނީ ވެސް ކާފަ އެވެ. އަޅުގަނޑުގެ މަންމަ މިހާރު ވެސް ބަތް ކައްކަން ފެން އަޅަނީ ކާފަ ކިޔައިދިން ގޮތަށް ވަޒަންކޮށްގެންނެވެ.

އަޅުގަނޑުގެ މަންމަގެ ބަހުން ނަމަ، އެހާ ގިނަ ތަފާތު މަސައްކަތްތަކެއް ކުރި މީހަކު "މި ރާއްޖެ ކީއްކުރަން، މި ދުނިޔޭގައި ވެސް ނުހުންނާނެ" އެވެ.

އާއިލީ ދިރިއުޅުމުގައި ވެސް ކާފައަކީ ނަމޫނާއެކެވެ. މަރުވީ، ކުރި ހަމައެކަނި ކައިވެނީގައި މާމައާ އެކު 68 އަހަރު ހޭދަކޮށްފަ އެވެ. ބާރަ ދަރިންނާއި 55 ކާފަ ދަރިންނާއި 54 މުނި ކާފަ ދަރިން ތިބި އިރު އަބަދުވެސް އެ މީހުންނާ ގުޅުން ބޭއްވި އެވެ. ދަރިން ކާފަ ކައިރިއަށް ދަންދެން މަޑެއް ނުކުރާނެ އެވެ. ބިން ބޮޑު ރަށުގެ ދުރު އަވަށްތަކުގައި ދިރިއުޅޭ ކުދިންނަށް ޒިޔާރަތްކުރަން ވެސް އެއް ގެ އިން އަނެއް ގެ އަށް ދާނީ ހިނގާފަ އެވެ. މާލެ އަޔަސް ހަމަ އެ ގޮތެވެ. ސިޑިން ކިތަންމެ މައްޗަކަށް އަރަން ޖެހުނަސް ކުދިންނާ ބައްދަލުކޮށްފައި ނޫނީ ފުރައިގެނެއް ނުދާނެ އެވެ.

ކާފަ ދަރިފުޅު، ކުރީގެ އެކްޓްރެސް ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) އާއި ހައްޖަގެ ދަރިފުޅާ އެކު ކާފަ ސެލްފީއަކަށް ހުއްޓިގެން: މިއީ ކާފަ މަރުވުމުގެ ދެ މަސް ކުރިން މާލެ އައި އިރު ނެގި ފޮޓޯއެއް.

އަޅުގަނޑަށް ވިސްނޭ ގޮތުގައި ކާފަގެ ދިގު އުމުރުގެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މާ ބޮޑު ބައްޔަކާ ކުރިމަތިނުވެ ހުރީ އަދި ތަންމަތީގައި އޮންނަން ނުޖެހުނީ އެހާ ހަރަކާތްތެރިކޮށް އުޅުނީމަ އެވެ. މަސައްކަތުގަ އާއި އެ ނޫން ގޮތްގޮތުން ވެސް މެ އެވެ.

ކާފަގެ މުޅި ދިރިއުޅުމުން އަޅުގަނޑަށް ނެގޭ އެންމެ ވަރުގަދަ މިސާލަކީ އެހެން މީހުންނަށް ބަރޯސާވިލެއް ކުޑަކަމެވެ. އެކަން ހާސިލްކުރީ ހީވާގިކަމާއި މުރާލިކަމުގެ ތެރެއިންނެވެ. ޑޮކްޓަރަށް ދެއްކުން ފިޔަވައި އެހެން ކަމެއްގައި ދަރިންގެ މާ ބޮޑު އެހީތެރިކަމެއް ބޭނުމެއް ނުވާނެ އެވެ. އެއާ ހިލާފަށް، މަރުވުމާ ހަމައަށް ވެސް، ކުދިންނަށް އެހީތެރިވެދީ ބައްޕައެއްގެ ޒިންމާ އުފުލުމަކީ އުފަލެއް ކަމަށް ބެލި އެވެ. ބައެއް ކާފަ ދަރިންގެ ދިރިއުޅުމުގައި އަމިއްލަ ބައްޕައިންގެ ދައުރެއް ނެތް ތަން ފޫބައްދައިދިނީ ވެސް ކާފަ އެވެ. ކުދިންނާ އެކު މަޖާ ވާހަކަތައް ދައްކައި ސަމާސާ ކުރުމަކީ ކާފަގެ އާދައެކެވެ.

އަޅުގަނޑުގެ މަންމަގެ ބަހުން ނަމަ، ކާފައަކީ އެހާ ބުރަކޮށް އުޅުނު އިރު ވެސް "ހުރިހާ އަޅުކަމެއް ފުރިހަމަ އަށް އަދާކުރި، ކެތްތެރި މަޑުމައިތިރި ބައްޕައެކެވެ. ހުރިހާ އެންމެންނާ ގުޅޭ، އެއްވެސް ޝަކުވާއެއް ނެތް ބައްޕައެ"ކެވެ. ކުރުކޮށް ބުނަންޏާ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކާފަ ތަޖުރިބާކުރި އެވެ. އަދި އެ ކަންކަމުން އެންމެ ފުރިހަމައަށް އުފާވެރިކަން ލިބިގަތެވެ.

ކާފަ މަރުވުމުގެ ދެ މަސް ކުރިން މާލެ އަށް ކުރި ދަތުރުގައި ރަސްފަންނުގައި އިށީނދެލައިގެން.

އަލަނާސި ދަނޑު މަޝްހޫރަސް ކާފައަކީ މަޝްހޫރު މީހެއް ނޫނެވެ. އެކަމަކު އަލަނާސި ދަނޑު ވަރަށް ގިނަ ގޮތްގޮތުން ކާފަގެ ދިރިއުޅުމާއި ޝަހުސިއްޔަތު ރަމްޒުކޮށްދެ އެވެ. ތަފާތުކަމެވެ. އެއްގޮތެއްގައި ދެމިހުރުމެވެ. އަވަސް ފައިދާއަށް ވުރެ ބޮޑަށް ކަމުގެ ލޯތްބާއި ޝައުގުވެރިކަން އިސްކުރުމެވެ. ދުޅަހެޔޮ ސިއްހަތާއި ދިގު އުމުރެވެ.

އަޅުގަނޑަށް، ކާފަ ކަހަލަ ދެވަނަ މީހަކު ނެތެވެ. މި ވާހަކަ މި ލިޔުނީ ވަރަށް ބޮޑު އުއްމީދެއްގަ އެވެ. ކާފަގެ ދިރިއުޅުމުން އަޅުގަނޑަށާއި އެހެން މީހުންނަށް ވެސް ހިތްވަރެއް ލިބޭތޯ އެވެ.