ސުމަކުން ބިލިއަނަކަށް: އެސްއޯއެފްގެ ފިތްްކަނޑައިގެންދާ ވަރުގެ މުއާމަލާތްތައް!

އެއް ދުވަހެއްގެ ދެ ގަޑިއެއްގައި ހިންގާފައިވާ ދެ މުއާމަލާތެވެ. ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ؛ 324،000 ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ. އެކައުންޓަށް ފައިސާ ވަންނަނީ ޗެކަކުންނެވެ. އެ ޗެކު އެކައުންޓަށް ކްރެޑިޓް ވެސް ވި އެވެ. އެކަމަކު، ބޭންކުން ނިންމީ އެއީ "އޮޅިގެން" ޖަމާވި ޗެކެއް ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން ދެން ފެންނަނީ ހަމަ އެ އަދަދު ޗެކަކުން އެ އެކައުންޓުން ދޫ ކުރި ތަނެވެ. ފަހުން ދޫކުރި ޗެކުގައި ޖަހާފައި ވަނީ ވެސް އެއްކަލަ "އޮޅިގެން" ޖަމާވި ޗެކުގެ ނަމްބަރެވެ.

މިއީ ބެެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ހިންގާފައިވާ މުއާމަލާތެކެވެ. ބޭނުންކޮށްފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓެކެވެ. ފެންނަ ފެނުމަށް މަނީ ލޯންޑްރިން ނުވަތަ ކަޅު ފައިސާ ސާފުކުރަން ގެންގުޅޭ އުކުޅުތަކުން މިކަން ވަނީ ތެމި ފޯވެފަ އެވެ.

މަޖިލީހުގެ މެމްބަރެއް ކަމަށް ބެލެވޭ ބޭފުޅަކު ހިންގާފައިވާ މުއާމަލާތް.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ފަޅާއަރާފައި ވާއިރު، އެ ކަމުގެ މުގުލުގައި އޮތީ އެސްއޯއެފް ކިޔާ ކުންފުންޏެވެ. ރަށްރަށާއި ފަޅުތައް ވިއްކައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އަށް ލިބުނު ފައިސާގެ ތެރެއިން ވަގަށް ނެގި 79 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ބޮޑު ބައި ވަދެފައި ވަނީ، ރަސްމީ އޮޑިޓުން އެނގޭ ގޮތުގައި، މި އެސްއޯއެފްގެ އެކައުންޓްތަކަށެވެ. އެ އަދަދު 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

ބޮޑެތި ވިޔަފާރިތަކަށް ވުރެ މުއްސަނދި

އެސްއޯއެފް އުފެއްދީ ޒުވާން މިއުޒިކް ބޭންޑް ސްކޯޒް އޮފް ފްލެއާގެ ލަވަކިޔުންތެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ އެކުވެރިންތަކެއް ގުޅިގެންނެވެ. ބޭންޑުގެ ބައެއް މެމްބަރުންނަކީ ވެސް ކުންފުނީގެ ހިއްސާދާރުންނެވެ. މި ކަމުގައި އުޅުނު ބައެއް މީހުން ބުނާ ގޮތުން އެ ހިޔާލު އައީ އައްލާމްއާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ދިމާވެ، އުފެދުނު ގާތް ކަމެއްގެ ތެރެއިންނެވެ. ފަހުން ނައިބު ރައީސް ކަމަށް ވަޑއިގެންނެވި އަދީބު ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނުން ލިބުނު ފައިސާ އެކި ދިމަދިމާ އަށް ފޮނުވަައިދޭ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކަމަށް އައްލާމްގެ އިތުރުން އެސްއޯއެފް އިން ވެސް ވަނީ އިއުތިރާފް ވެފަ އެވެ.

އެސްއޯއެފް އިން ކުރާ މާ ގިނަ ވިޔަފާރިތަކެއް އޭރު ވެސް، މިހާރު ވެސް ފެންނާކަށް ނެތެވެ. ތެޔޮ ވިއްކުން އެއީ، އެނގިފައިވާ ގޮތުގައި، އެ ކުންފުނިން ކުރާ މައިގަނޑު މަސައްކަތެވެ. ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނިން މާފަންނުކޮޅުގައި ކުރިން ހިންގި ޕެޓްރޯލް ޝެޑު ގަނެ، އެ ތަން ހިންގަނީ އެސްއޯއެފް އިން ކަމަށް ވެ އެވެ. އެ ކުންފުނިން ރާއްޖެ އަންނަ ޔޮޓުފަހަރަށް ވެސް ތެޔޮ އަޅައިދޭ ކަމަށް ބުނެ އެވެ. ބައެއް ރަށްރަށަށް ތެޔޮ ހޯލްސޭލް ކުރާ އެޖެންޓެއްގެ ގޮތުގައި ވެސް، އެނގިފައިވާ ގޮތުގައި، އެސްއޯއެފް އިން ހަރަކާތްތެރިވެ އެވެ.

މެރީޑިއަމް ކުންފުނިން ކުރިން ހިންގި ޕެޓްރޯލް ޝެޑު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްއޯއެފް އާއި އެ ކުންފުނީގެ ހިއްސާދާރުންގެ ދިރިއުޅުމުން އެކަނި ވެސް ފެނުނީ އާދަޔާހިލާފު މުއްސަނދިކަމެއް، ހަމަ ކުއްލި ގޮތަކަށް ލިބުނު ތަނެވެ. އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން އެކަން ހާމަވެ އެވެ. "މިހާރު" އަށް ކޮޕީ ލިބިފައިވާ އެސްއޯއެފްގެ އެއް އެކައުންޓުގެ ސްޓޭޓްމަންޓް ދިރާސާ ކުރުމުން ފެންނަނީ ހައިރާން ވާހާ މުއްސަނދި ކަމެއް އެ ކުންފުންޏަށް ލިބިފައިވާ ތަނެވެ. އެސްއޯއެފްގެ ރަން ޒަމާނުގައި އެ ކުންފުނީގެ މިލްކިއްޔާތު ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ގޮންޖަހާލާ ވަރު ވެ އެވެ. އެ ފައިސާގެ ބޮޑު ބައި ހޯދި ގޮތް އޮޑިޓުން އެ އޮތީ ފެންނާށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ އެކަން ބަލަމުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާ އެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި "އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި މި ޑޮލަރު އެކައުންޓް ހުޅުވުމުގެ މަސައްކަތް ފެށީ މޭ 12، 2014 ވަނަ ދުވަހު އެވެ. އެކައުންޓް ހުޅުވަން ބޭންކުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އެ އެކައުންޓަށް ފުރަތަމަ ފަހަރަށް ފައިސާ ޖަމާކުރީ އޭގެ ދެ މަސްދުވަސް ފަހުންނެވެ. ދެ ހާސް ޑޮލަރުގެ އެ ޓްރާންސާފާ ހެދީ އައްލާމްގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި އިން އެކައުންޓަކުން އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ.

އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ، އެ އެކައުންޓަށް އެކި ގޮތްގޮތުން ފައިސާ އޮހެން ފެށި އެވެ. ދެ ލައްކަ ޑޮލަރުން ފެށިގެން، އެކި އަދަދުތަކުން ގޮސް ތިން މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ވެސް އެއް ފަހަރާ ޖަމާކުރި އެވެ. އެއީ މި އެކައުންޓަށް މަސްދުވަސް ވެސް ނުވަނީހެވެ. އެއް ފަހަރާ އެންމެ ބޮޑު އަދަދަކަށް ވަނީ ފަސް މިލިއަން ޑޮލަރެވެ. އެއީ ޗެކަކުންނެވެ. "މިހާރު" އަށް ލިބިފައި ވަނީ މި އެކައުންޓް ހުޅުވި ތާރީހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނަގާފައިވާ ސްޓޭޓްމަންޓެއް ކަމަށް ވާއިރު، އެ މުއްދަތުގެ ތެރޭގައި މި އެކައުންޓުން ޖުމްލަ 84 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) އަށް ވުރެ ގިނަ ފައިސާ ރޯލްކުރި އެެވެ.

އެ ފައިސާ މި އެކައުންޓަށް ވަންނަ ވަރަކަށް އެކި އަދަދުތަކުން، އެކި މީހުންނަށާއި ކުންފުނިތަކަށް، އެކި ގޮތްގޮތަށް "ބަހަމުން" ގެންދިޔަ އެވެ.

މަދު ބަޔަކަށް، މިނިޓެއް ތެރޭ ލައްކައިން

މި އެކައުންޓުން ގިނައިން ޑޮލަރުގެ މުއާމަލާތް ކުރީ، ސްޓޭޓްމަންޓުން އެނގޭ ގޮތުގައި، ވަކިވަކި މީހުންނާ އެވެ. އެކަމަކު، ކޮންމެ ކޮންމެ މީހަކާ ނޫނެވެ. ހިސާބު ޖެހުމުން އެނގުނީ އެ ފައިސާ ދިޔައީ ޖުމްލަ ސާޅީހަކަށް މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ވެސް ބޮޑު ބައެއްގެ މުއާމަލާތުގައި އުޅެނީ އަށެއްކަ މީހުންނެވެ.

އެ މީހުންނާ އެއް ދުވަސް ތެރޭ އެތައް މުއާމަލާތްތަކެއް ކުރި އެވެ. ގިނަ ފަހަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އެ ގޮތަށް މުއާމަލާތް ކުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރާ ޑޮލަރުގެ ކޮންމެ މުއާމަލާތަކަށް ބޭންކުން ކަނޑައަޅާފައިވާ 200،000ރ.ގެ ލިމިޓް ފަހަނައަޅާ ނުދެވޭނެތީ އެވެ. އެހެންވެ، ކޮންމެ ފަހަރަކު ދޫކުރަަނީ 15،000 ޑޮލަރު (231،300 ރުފިޔާ) ނޫނީ 10،000 ޑޮލަރު (154،200 ރުފިޔާ) އެވެ. އެ ގޮތަށް ގޮސް ދެތިން މިނިޓުގެ ތެރޭގައި ލައްކައިން އެކި މީހުންގެ އެކައުންޓަށް ޑޮލަރު ޖަމާކުރި އެވެ.

ދެތިން މިނިޓުގެ ތެރޭގައި އެކަކަށް ހަދާފައިވާ ޓްރާންސްފާތަކެއް.

ސްޓޭންޓްމަންޓުގައި ހުރި ޑޮލަރުގެ މުއާމަލާތް ކުރި މީހުންގެ ނަންތައް، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމަށް ފަހު ސިޔާސީ މަގާމުތަކުން ވަކިކުރި ބައެއް މީހުން އަދި ސަރުކާރު ކުންފުނިތަކުގައި އޭރު ތިއްބެވި އަދީބާ ގުޅުން އޮތް ކަމަށް ބުނާ ބައެއް މީހުންނާ ގުޅެ އެވެ. އައްލާމްގެ ގާތް މީހުންގެ ނަމާ އެއްގޮތް ނަންތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޑޮލަރު ލިބުނު އަބްދުﷲ ރަޝީދު ކިޔާ މީހާ، އެކި ފަހަރު، އެކި އަދަދުތަކުން ޖުމްލަ ތިން މިލިއަން ޑޮލަރު (59 މިލިއަން ރުފިޔާ)ގެ މުއާމަލާތް ހިންގި އެވެ. ބާކީ ތިބި ހަތް މީހުންގެ ތެރެއިން އަބްދުއްރަޝީދު ހަސަނަކާއި ޒަރީރު އިބްރާހީމަކާއި އަލީ މުޖާހް ކިޔާ މީހެއް އަދި އަހުމަދު ޖަމީލަށް އެކި ފަހަރު މަތިން ޖުމްލަ މިލިއަނަކަށް ވުރެ ގިނައިން ދިނެވެ. ދެން ތިބި ހާލިދު އަލީ އާއި މުހައްމަދު ފަޔާޒް އަދި އައްލާމަށް ވަކިވަކިން ލިބުނު ޖުމްލަ އަދަދު ވެސް މިލިއަނަކާ ގާތް ކުރެ އެވެ.

އެސްއޯއެފްގެ އެކައުންޓުން އެކި މީހުންނަށް ދޫކުރި ފައިސާ.-- ގްރެފިކްސް: މިހުސާން އަބްދުލްޣަނީ/ މިހާރު

އެ ނެޓްވޯކުގައި ނުހިމެނޭ، އެކަމަކު ވެސް އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތް ހިންގި މީހުން އެކަން ކުރީ ނިސްބަތުން މަދުންނެވެ.

ދެން އޮތީ ކުންފުނިތަކެވެ. އެސްއޯއެފްގެ މި އެކައުންޓުން މުއާމަލާތް ކުރީ މައިގަނޑު ގޮތެއްގައި ހަތަރު ވަރަކަށް ކުންފުންޏާ އެވެ. އެންމެ ގިނަ އަދަދަކަށް ދޫކޮށްފައި ވަނީ ރާއްޖޭގެ ވަރަށް މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏަކަށެވެ. އެއީ އެކި ފަހަރު މަތިން ޖުމްލަ 1.9 މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) އެވެ.

އެސްއޯއެފްގެ އެކައުންޓުން ކުންފުނިތަކަށް ދޫކުރި ފައިސާ.-- ގްރެފިކްސް: މިހުސާން އަބްދުލްޣަނީ/ މިހާރު

އެ ކުންފުނިތަކުން އެސްއޯއެފްއާ އެކު ކުރީ ކޮން ކަހަލަ މުއާމަލާތްތަކެއް ކަމެއް ނޭނގެ އެވެ. އެންމެ ބޮޑަށް ބެލެވެނީ ޑޮލަރު ގަތުމަށް ހިންގި މުއާމަލާތްތަކެއް ކަމަށެވެ. އޮޑިޓް ރިޕޯޓް އާއްމު ކުރި ދުވަސްވަރު އޭގެ ތެރެއިން އެއް ކުންފުނި ކަމަށްވާ، ވިލާ އިން ވަނީ އެގޮތަށް ބުނެފަ އެވެ.

ބޮޑެތި އަދަދުތައް ޗެކުން

ފައިސާ ދިން މީހުންގެ ނަންތައް އެނގެނީ އިންޓަނެޓް ބޭންކިން ނުވަތަ އެހެން ވެސް ގޮތްގޮތުން ސީދާ އެކައުންޓާ ދިމާވާ ގޮތަށް މުއާމަލާތް ކުރުމުންނެވެ. ވަގަށް ކުރާ ކަންކަން އާއްމުކޮށް ބޭންކިން ނިޒާމުގެ ތެރެއިން ނުކުރަނީ އެހެންވެ އެވެ.

އެސްއޯއެފްގެ މި އެކައުންޓުން ވެސް އެންމެ ބޮޑެތި އަދަދުތައް ދޫކުރީ ޗެކުންނެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމުން، އެއްގޮތަކަށް އެންމެ ގިނަ އަދަދެއްގެ މުއާމަލާތް ކުރި ކަމަށް ދައްކަނީ ވެސް ޗެކުންނެވެ. އެ ގޮތަށް ޗެކުން ކުރި މުއާމަލާތްތަކުގެ ޖުމްލަ އަދަދު 43 މިލިއަން ޑޮލަރު (667 މިލިއަން ރުފިޔާ) އަށް ވުރެ މައްޗަށް އަރަ އެވެ.

އެސްއޯއެފްގެ އެކައުންޓުން ޗެކުގެ ގޮތުގައި އަދި އެހެނިހެން ގޮތްގޮތުން ދޫކުރި ފައިސާގެ ޖުމްލަ އަދަދު.-- ގްރެފިކްސް: މިހުސާން އަބްދުލްޣަނީ/ މިހާރު

ބީއެމްއެލް ނޫން އެހެން ބޭންކުތަކުގައި ހުރި އެކައުންޓުތަކަކަށް ވެސް ޗެކުން ފައިސާ ޖަމާކުރި އެވެ. އެކަމަކު، އެ މުއާމަލާތްތަކުގެ ފުރިހަމަ މައުލޫމާތެއް ނޭނގެ އެވެ. ހަމައެކަނި އެނގެނީ ޗެކުގެ ނަމްބަަރާއި ފޮނުވި އަދަދު އަދި އެއީ ކޮން ބޭންކެއް ކަމެވެ. އެ ގޮތަށް ޗެކުން މުއާމަލާތް ކުރި އެކައުންޓުތައް ހުރީ، ސްޓޭޓްމަންޓުން އެނގޭ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ)، ހަބީބް ބޭންކް ލިމިޓެޑް (އެޗުބީއެލް) އަދި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގަ އެވެ. އެކަމަކު، އެ އެކައުންޓުތަކަށް އެ ފައިސާ ވަނުމަށް ފަހު ދެން ދަތުރު ކުރި މަގެއް މި ސްޓޭޓްމަންޓަކުން ނޭނގެ އެވެ.

ރައީސަށް ވެސް ބައެއް؟!

އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ޑައިވާޓްކުރީ ރައީސް އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނަށް ކަމަށް އެސްއޯއެފް އިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން އަމިއްލަ އަށް ސިފަކުރީ އެއީ ކަޅު ފައިސާ ދޮންނަން ބޭނުންކުރި ވެހިކަލެއްގެ ގޮތުގަ އެވެ.

އެސްއޯއެފްގެ މި އެކައުންޓުން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ޖަމާކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ އިދިކޮޅު އެމްޑީޕީން ފުލުހުންނަށް ވެސް ހުށަހެޅި އެވެ. އެ ޕާޓީން ބުނީ އެ މުއާމަލާތް ހިންގީ ދެ ފަހަރެއްގެ މަތިން ކަމަށެވެ. ކޮންމެ ފަހަރަކު ޖަމާކުރީ، އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި، 500،000 ޑޮލަރު (7.7 މިލިއަން ރުފިޔާ)ގެ ޗެކެކެވެ. އެކަން ސާބިތު ކުރަން އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ގެންގުޅުއްވާ އެ އެކައުންޓަށް ޖަމާކުރި އެއް ޗެކުގެ ސްލިޕް ވެސް ފުލުހުންނަށް ހުށަހެޅި އެވެ.

ރައީސް ޔާމީންގެ އެކައުންޓެއް ކަމަށް ބުނާ އެކައުންޓަށް އެސްއޯއެފްގެ ޗެކު ޖަމާކުރި ސްލިޕް.

މި ސްލިޕުން ދައްކާ ގޮތުގައި 247 ނަމްބަރުގެ އެ ޗެކު އިސްލާމިކް ބޭންކުގައިވާ "ޔާމީން އަބްދުލް ގައްޔޫމް"ގެ އެކައުންޓަށް ޖަމާކުރީ މިދިޔަ އޮކްޓޯބަރު 12ގަ އެވެ. ބޭންކުން އެ ޗެކު ޕްރޮސެސްވެ، އެސްއޯއެފްގެ އެކައުންޓުގެ ސްޓޭޓްމަންޓަށް އެރީ ޖެހިގެން އައި ދުވަހު އެވެ. ޖަމާކުރި ސްލިޕާއި އެސްއޯއެފްގެ ސްޓޭޓްމަންޓުގައިވާ މައުލޫމާތު ދިމާވެ އެވެ. އެ ޗެކު ޖަމާކުރި "އަނޫސާ" އަކީ އިސްލާމިކް ބޭންކުގައި އުޅޭ މީހެއްކަން ވެސް "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ.

ރައީސް ޔާމީންގެ ނަންފުޅުގައި އޮތް އެކައުންޓަށް އެ ޗެކް ޖަމާކުރީ އެމަނިކުފާނުގެ ރަސްމީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުންނެވެ. އޭރު އަދީބާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުމަށް އޮތީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. އަދި އޮކްޓޯބަރު 24 ގައި އަދީބު ހައްޔަރުކުރި އެވެ.

ރައީސް ޔާމީންގެ އެމްއައިބީ އެކައުންޓަށް ޖަމާކުރި ޗެކު އެސްއޯއެފްގެ އެކައުންޓުން ޕްރޮސެސްވެފައި.

އެމްއެމްޕީއާރުސީން ނެގި ފައިސާ އިން ރައީސް ޔާމީންގެ ދެކަނބަލުންނަށް ފައިދާކުރި ކަމަށް ދެކެވޭ ވާހަކަ އެ މަނިކުފާނު ވަނީ އެތައް ފަހަރަކު ދޮގުކުރައްވާފަ އެވެ. ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނަށް ވަގު ފައިސާ ލިބުނު ކަމަށް ކުރާ ތުހުމަތު ވެސް އެ ޕާޓީން ދޮގު ކުރެ އެވެ. އަދީބާ ހަމައިން އެ ކޮރަޕްޝަން ނިމޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

"އެސްއޯއެފްތަކެއް"

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅެނީ "އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް" އެވެ. އެކަމަކު އެ ކުންފުނިން ހިންގި މުއާމަލާތްތަކުގެ އަޑި އަށް ފީނުމުން އެނގެނީ އެސްއޯއެފް މިއީ އެންމެ ކުންފުންޏެއް ނޫން ކަމެވެ. ސްޓޭޓްމަންޓުން އެނގޭ ގޮތުގައި އެސްއޯއެފްގެ ގިނަ ސަބްސިޑަރީ ކުންފުނިތަކެއް ނުވަތަ ވިޔަފާރިތަކެއް އެބަ ހުއްޓެވެ. "އެސްއޯއެފް ޑިވެލޮޕްމަންޓް"، "އެސްއޯއެފް ސާވިސަސް" އަދި "އެސްއޯއެފް ސްޓޫޑިއޯ" އެއީ "އެސްއޯއެފް"ގެ ނަމާ ގުޅުވައިގެން ހަދާފައިވާ ތަންތަނެވެ.

އެސްއޯއެފްގެ ދެ ކުންފުންޏަކުން ކުރި ވަޒީފާގެ އިއުލާންތަކެއް.

އެސްއޯއެފްގެ މައި ކުންފުންޏާ ގުޅިފައިވާ ތަންތަނުގެ ވެސް ރަޖިސްޓްރީ އޮތީ އައްލާމްގެ އަމިއްލަ ގެ، މ. ސެސްނާގަ އެވެ. ހުރިހާ ކުންފުންޏެއްގެ ފޯނު ނަމްބަރަކަށް ވެސް ޖަހާފައި ވަނީ އެކަައްޗެކެވެ. ބައެއް ތަންތަނުގެ ވެބްސައިޓު ތަފާތު ވިޔަސް، އެއިން އެއްވެސް ސައިޓަކަށް މިހާރަކު ނުވަދެވެ އެވެ. އެންމެ ގިނަ މައުލޫމާތު ލިބެން ހުރީ "އެސްއޯއެފް ސްޓޫޑިއޯ"އާ ގުޅޭ ގޮތުންނެވެ. އެއީ، އެ ތަނުގެ ފޭސްބުކް ޕޭޖުން އެނގޭ ގޮތުގައި، ވަރަށް ފުޅާ ދާއިރާއެއްގައި ފަންނީ އެކިއެކި މަސައްކަތްތައް ކޮށްދޭ ތަނެކެވެ. ގޭގޭގެ ޑިޒައިން ހަދައި ދިނުމުން ފެށިގެން ފޮޓޯ/ވީޑިއޯ ނަގައި ދިނުމާއި ވެބްސައިޓް ފަރުމާ ކުރުމުގެ ހިދުމަތް އެ ތަނުން ދެ އެވެ.

އެކަމަކު މައި ކުންފުނި ފިޔަވައި އެހެން ތަނަކުން މާ ބޮޑު ވިޔަފާރިއެއް ކުރި ނުވަތަ ކުރާ ކަމެއް އެނގޭކަށެއް ނެތެވެ. "އެސްއޯއެފް ސްޓޫޑިއޯ"ގެ ފޭސްބުކް ޕޭޖާއި ޓުވިޓާ އެންމެ ފަހުން އަޕްޑޭޓް ކޮށްފައި ވަނީ ނޮވެމްބަރު 2014ގަ އެވެ. އެއިން އެއްވެސް އެއްޗެއްގައި އެ ތަނުން ކުރި މާ ބޮޑު މަސައްކަތެއް ވެސް ހިމަނާފައެއް ނެތެވެ. ހަމައެކަނި ފެންނަނީ އައްލާމްމެން ކިޔާފައިވާ ހިތްގައިމު ވީޑިއޯ ލަވައެކެވެ. އެ ކުންފުނީގެ ވެބްސައިޓުގެ ޑޮމެއިން އަށް ފައިސާ ނުދައްކާތީ މިހާރު އެ ސައިޓު ވެސް ވަނީ އަތުލާފަ އެވެ.

އެސްއޯއެފް ސްޓޫޑިއޯގެ ވެބްސައިޓަށް ވަނުމުން މިހާރު ފެންނަ ޕޭޖު.

ދެން ހުރީ އެސްއޯއެފްގެ މައި ކުންފުނިން ހަވާސާގައި ހިންގާ ވިޔަފާރިތައް ނުވަތަ އެ ތަނުގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ވިޔަފާރިތަކެއް ކަމަށް ބެލެވޭ ތަންތަނެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓަކާއި މުދާ ރާއްޖެ އެތެރެކޮށް ބޭލުމުގެ ހިދުމަތް ދޭ ވިޔަފާރިއެއް ފާހަގަކޮށްލެވެ އެވެ. އެ ވިޔަފާރިތައް ސީދާ އެސްއޯއެފްއާ ގުޅިފައި ނެތަސް، އިތުރަށް ބެލި ބެލުމުން އެނގުނު ގޮތުގައި އެއީ ވެސް މި ނެޓްވޯކުގެ ބައެކެވެ. އެސްއޯއެފްގެ މި އޮޕަރޭޝަން ކުރިލާފައިވާ ދިމަދިމާ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުގެ ނަން ކިޔާލުމުން އެއީ ބޭރުގެ ތަންތަން ހެން ވެސް ހީވެ އެވެ. އެކަމަކު ރަނގަޅަށް ބެލުމުން އެނގުނީ އެއީ ވެސް ރާއްޖޭގައި ހިންގާ ކުންފުނިތައް ކަމެވެ.

މި ހުރިހާ ތަނެއްގެ އެކައުންޓްތަކަށް ވެސް ވަނީ ވަރުވަރުން ފައިސާ ވަދެ، ބޭރު ވެފަ އެވެ. އެއް ކުންފުނީގެ އެކައުންޓުން އަނެއް ވިޔަފާރީގެ އެކައުންޓަށް ފައިސާ އާއި ޗެކު ބަދަލުކުރި އެވެ. މިއީ ވެސް ކަޅު ފައިސާ ސާފުކުރަން އާއްމުކޮށް ބޭނުންކޮށް އުޅޭ އުކުޅެކެވެ. އެކަމަކު އެސްއޯއެފުން އެކަން ކުރި ބޭނުން އެނގޭ ގޮތެއް ނުވި އެވެ.

ބިލިއަނުން ސުމަކަށް!

މި އެކައުންޓުގެ އެއް އަހަަރާއި ބައިގެ ސްޓޭޓްމަންޓުން ފެންނަ އެންމެ ފާހަގަކުރެވޭ ޓްރެންޑަކީ ކޮންމެ ފަހަރަކު ވެސް އެކައުންޓް ބެލެންސް އަޑިއަޅާލާ އަތަށް އެޅުމުން ކޮންމެވެސް ގޮތަކުން އެކައުންޓަށް ފައިސާ ވަންނަ ތަނެވެ. އެކި ފަހަރު ފަހަރު ބެލެންސް ބެންޗުމާކެއްގެ ގޮތުގައި ބަލާ އަދަދެއް ގެންގުޅޭހެން ވެސް ހީވެ އެވެ. ހަމަ 500،000 ޑޮލަރު (7 މިލިއަން ރުފިޔާ) އަށް ވުރެ ކިރިޔާ ތަންކޮޅެއް ތިރި އަށް ބެލެންސް ޖެހިލިޔަސް އެންމެ ކުޑަކޮށް ވެސް މިލިއަނެއްހާ ޑޮލަރު ޖަމާކުރެ އެވެ.

ފެންނަ ފެނުމަށް މި ޓްރެންޑް ކުރިއަށް ދިޔައީ މިދިޔަ އަހަރުގެ މެދަކާ ޖެހެންދެނެވެ. އޭގެ ފަހުން އެކައުންޓަށް ވަންނަ ވަރު މަދުވާން ފެށި އެވެ. ފުރަތަަމަ ކަމެއް ފާހަގަވާ ވަރަކަށް ވެސް ނޫނެވެ. އެކަމަކު އެކަން ދިގުލައިގެން ދިޔަ އެވެ. އެއާ އެއް ވަރަށް، ދޭތެރެ ވެސް ދުރުވި އެވެ. ދެން ފެންނަން ފެށީ އެކައުންޓް ހީނަރު ވާ ތަން ފޫބައްދަން އެސްއޯއެފްގެ އެހެން ކުންފުނިތަކުން މި އެކައުންޓަށް ފައިސާ ބަދަލުކުރި ތަނެވެ. މިދިޔަ ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ފަހުން އެކަން ކުރުން އިތުރު ވިކަން އަދި ބޮޑަށް ފާހަަގަކުރެވެ އެވެ.

ނަމަވެސް، އެއީ ވެސް ދުވަސްކޮޅެއްގެ ކަމެކެވެ. ފެންނަ ފެނުމަށް އެ ގޮތަށް ހަދައިގެން ވެސް އެކައުންޓް ފޫބެއްދޭ ވަރު ނުވީ އެވެ. ނޫނީ ފޮރުވިފައިވާ އެހެން ކޮންމެވެސް ކަމެއް އޮތީ އެވެ. ސްޓޭޓްމަންޓުގެ އެންމެ ފަހު ދުވަސްކޮޅު ފެންނަން އޮތީ މުޅިން ވެސް އެކައުންޓުން ފައިސާ ބޭރުކުރި ތަނެވެ. އެންމެ ފުރަތަމަ ބޭރު ކުރީ ޑޮލަރުގެ ވިޔަފާރީގެ މި ނެޓްވޯކުގައި ހިމެނޭ މީހުންނަށް އަނެއްކާވެސް ޑޮލަރު ވިއްކައިގެންނެވެ. އެއީ ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ ފަހަރަކު ވެސް 10،000 އިން 15،000ގެ އަދަދުތަކެވެ.

އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް އައިއިރު އެކައުންޓުގައި ހުރީ ގާތްގަނޑަކަށް 200،000 ޑޮލަރު (3.1 މިލިއަން ރުފިޔާ) އެވެ. އެ ހިސާބުން އެކި އަދަދުތަކުން ޗެކު ދޫކޮށްގެން އެކައުންޓް ފޫކަހާލީ އެވެ. ކަޅު ފައިސާ ދޮވުމާއި އެ ނޫން ވެސް ވައްކަންތަކުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު އާދަޔާހިލާފު ބޮޑު މުއްސަނދިކަން ނެތިގެން ދިޔައިރު އެކައުންޓުގައި ހުރީ އެންމެ 297 ޑޮލަރު (4،579 ރުފިޔާ) އެވެ. ސުމަކުން ފެށި ވައްކަން އާހިރުގައި ނިމުނީ ފެށި ގޮތަށެވެ؛ ސުމަކުންނެވެ.