ކޮލަމް އެހެން މިހެން: ދިން ކޮންމެ އެއްޗެއްގައި ހިފީ ސުވާލެއް ނެތި

"ބްރޭކިން ބޭޑް" ސިލްސިލާ ބެލި މީހަކަށް ވިއްޔާ އެއް ކަމެއް ޔަގީނުން ވެސް އެނގޭނެ އެވެ. ހައްގު ނޫން ގޮތެއްގައި ހޯދާ ފައިސާ އަށް އާއިލާ ތެރެއިން ވެސް ދެކޮޅުވެރިކަން ދައްކާ މަންޒަރެވެ. މަސްތުވާތަކެތި އުފައްދާ ފިރިމީހާގެ ސަބަބުން އާއިލާ އަށް ކުރިމަތިވި ހަމަނުޖެހުމާއި ލޯބި ނެތިގެން ދިޔަ ގޮތެވެ. އެންމެ ފަހު ވަގުތު ވެސް އެ ފައިސާގެ އެންމެ ޑޮލަރެއް ވެސް ބޭނުން ނޫން ކަމަށް އަންހެނުން ބުނެލި ބުނެލުމެވެ.


ހިޔާލީ ވާހަކައެއް ނަމަވެސް އެފަދަ ފިލްމުތަކުގައި ދައްކައިދެނީ ބައެއް މީހުންގެ ހަޔާތުގައި ކުރިމަތިވެދާނެ ހަގީގަތްތަކެވެ. މުއްސަނދިވުމަކީ އެއް ބައެއްގެ ހުވަފެނެކެވެ. އަނެއް ބަޔަކު އެންމެ ބޮޑަށް އެދޭނީ، އެއްވެސް ފަރާތަކަށް ނުދަރައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުނީމާ ދުނިޔެ އުޅެވުނީ ކަމަށެވެ. ރަނގަޅު މަސައްކަތެއް ކޮށްގެން ހޯދާ އާމްދަނީ އަށް ވުރެ ދުނިޔޭގައި ހައްގު އެއްޗެއް ނެތް ކަން އިންސާނުންނަށް އެނގެ އެވެ. އެކަމަކު އެ އަސާސީ ސިފަ ރާއްޖޭގެ ސިޔާސީ ދާއިރާ އިން މި ވަނީ ފޮހެވިފަ އެވެ.

އެކަން ހިނގިތާ ކިތައްމެ ދުވަހެއް ވިޔަސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އަޅުގަނޑުގެ ސިކުނޑީގައި އޮންނާނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ ރައީސް އަބްދުﷲ ޔާމީނަށް ހުއްޓުވެން އޮތް ޚިޔާނާތެކެވެ. އެކަމަކު އެ ފިޔަވަޅު އެޅުއްވުން ލަސްވަމުން ގޮސް އެންމެ ފަހުން އެކަން މިވީ ސަރުކާރަށް ފޮހެލެވެން ނެތް މައްސަލައަކަށެވެ.

ފައިސާ ހޯއްދެވީ ދިވެހި ރައްޔިތުންގެ މިލްކިއްޔާތު ބޭނުންކުރައްވައިގެންކަން ގިނަ ބަޔަކަށް އޭރު އޮތީ ނޭނގި އެވެ. އަދި "އެންމެންގެ ބްރޯ" އަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެވަޑައިގެންނެވީ އޭނާ ބެއްސެވި ފައިސާގެ އެހީތަކުންނެވެ. މިލިއަނުން މިލިއަނުންނެވެ.

ސުވާލަކީ މި އެވެ: ރާއްޖޭގެ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހެން ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން، އަދީބު ދެއްވި ފައިސާގައި ހިއްޕެވި އިރު ހަމަ އެއްވެސް އެއްޗެއް ހިތަށްނޭރީ ހެއްޔެވެ؟

އޭރު ބައެއް މެމްބަރުން އުޅުއްވި ގޮތް އެނގޭ މީހުން މިހާރު އަހާލަން އެންމެ ރަނގަޅެވެ. އަދީބު ބެއްސެވީ އެމްއެމްޕީއާރުސީން ދިވެހި ރައްޔިތުންގެ މުދާ ނުހައްގުން ވިއްކައި، ވަގަށް ހޯއްދެވި ފައިސާގެ ބައެއްކަން މެމްބަރުންނަށް މިހާރު އެނގިވަޑައިގަންނަވާ އިރު ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާނީ ކޮން އިރަކުންތޯ އެވެ؟

އަޅުގަނޑުމެން މި ދައްކަނީ މަދުވެގެން 1.2 ބިލިއަން ރުފިޔާގެ ވާހަކަ އެވެ.

އަދީބު ބާރުގައި ހުންނެވި އިރު ރައީސް އޮފީހުގައި: އެތައް ބަޔަކަށް އޭރު ފައިސާގެ ބޮޑެތި އަދަދުތަކުން ހޭދަކުރެއްވި

ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން އޭރު އުޅުއްވީ ވަރަށް މަތީގަ އެވެ. މަޖިލިހުގެ މުސާރައާ ނުބައްދަލު ދިރިއުޅުއްވުންތަކެވެ. އެކަމަކު އަދީބުގެ ސިޔާސީ ބާރު ގެއްލި، ހައްޔަރުކުރުމާ އެކު ބައެއް މެމްބަރުން ހަމަ ކުއްލިއަކަށް "ފަގީރުވި" އެވެ. ބައެއް މެމްބަރުން ނުދަރާ ކަމެއް ވެސް ނޭނގެ އެވެ.

ސަރުކާރުގެ އެންމެ މިނިސްޓަރެއްގެ ބާރު އިންތިހާ އަށް ދިޔަ އިރު، އޭނާގެ މުއްސަނދިކަމާ މެދު އާންމު ރައްޔިތުން އެތައް ސުވާލެއް ކުރިއިރު، ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން ހިމޭނުން ތިއްބެވީ ހަގީގަތުގައި ސަބަބެއް އޮވެގެންނެވެ؛ އެ ބޭފުޅުންނަށް ވިދާޅުވެވޭނެ އެއްޗެއް ހަމަ ނެތީ އެވެ. ރައްޔިތުންގެ ހައްގު ކެއީ ސުވާލެއް ވެސް ކުރުމަކާ ނުލަ އެވެ. އަދީބުގެ "ދީލަތިކަމު"ގެ ފަހަތުގައި ހިނގަމުން އައި ކުޅިވަރު ދެނެގަނެ، އެއާ މެދު ސުވާލު އުފައްދައި، ތަހުގީގުކުރުމުގެ ބާރު ވެސް މަޖިލިހުގައި އޮތެވެ. ނަމަވެސް އެކަން ނުކުރެވި ދިޔައީ، ތިމާގެ އަތަށް އޮއްސަމުން ދިޔަ ފައިސާގައި ޖެހުނުލެއް ބޮޑުކަމުންނޭ މިއަދު ރައްޔިތުން އެ ގެންދަނީ ބުނަމުންނެވެ.

ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާ މެދު ސުވާލުތައް އުފެދި، އަދީބުގެ ދިފާއުގައި ސިޔާސީ ބައެއް ފަރާތްތަކުން މިހާރު ނުކުންނެވި ނަމަވެސް، އޭނާ އޭރު އުޅުއްވި ގޮތާއި ރިޝްވަތަށް ބެއްސެވި ފައިސާގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ އެވެ. އެއީ ދިވެހި ރައްޔިތުންގެ ފައިސާ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކުރިމަތީގައި ފިޔަވަޅު އެޅެން އޮތް މައްސަލައެކެވެ. އެކަމަކު ދިވެހި ދައުލަތް ހިންގުމުގެ ބޮޑެތި ބާރުތަކެއް ގާނޫނުއަސާސީން މަތިކޮށްފައިވާ ވަރުގަދަ މަޖިލިސް "ފީކުދާނަކަށް" ވުމުން ދެން ފެންނާނެ ހުރިހާ މަންޒަރެއް ދިވެހިން މިވަނީ ދެކެފަ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މިހާރު މި ފެންނަ ފެންވަރަށް މީގެ ކުރިން ވެއްޓިފައެއް ނުވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ޚިޔާނާތުގެ ކަންކަން ހުއްޓުވަން މިހާރުގެ މަޖިލިހަށް ކުރެވޭނެ ކަމެއް ނެތެވެ. ސަރުކާރުގެ އަމަލްތައް ކޮންމެ ގޮތަކަށް ހުއްޓަސް ސުވާލެއް ކޮށްލެވޭނެ ބާރު ވެސް ގިނަ މެމްބަރުންނަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.

"ބްރޭކިން ބޭޑް" ގައި އުޅޭ ދެ ކުދިންގެ އާދައިގެ މަންމަޔަށް ވުރެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ ހާލު ދެރަ އެވެ. މިއަށް ވުރެ ހިތާމަކުރަން ޖެހޭ ކަމެއް ގައުމަކުން ނުފެންނާނެ އެވެ.