ރިޕޯޓް / ރައްޔިތުންގެ މަޖިލިސް

ތައުލީމާ ބެހޭ ބިލަށް މެމްބަރުންގެ ރުހުމާއި ނުރުހުން

ހިރިޔާ ސްކޫލުގެ ޓީޗަރުންތަކެއް ޓީޗަރުންގެ ދުވަހުގެ ހަފުލާއެއް: ތައުލީމާ ބެހޭ ބިލުގައި ޓީޗަރުންނާ ބެހޭ މުހިންމު މާއްދާތަކެއް ހިމެނޭ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ތައުލީމާ ބެހޭ ބިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުން ބޮޑު "މަޅިއެއްގައި" ޖައްސުވައި، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ސްކޫލްތައް ގެންނަން ރާވާ ސިޔާސީ ރޭވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެކަމަކު ސަރުކާރުގެ މެމްބަރުންގެ ރައުޔު ތަފާތެވެ. އެ މެމްބަރުންގެ ނަޒަރުގައި ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ގެންދަން އެވަރުގެ ބިލެއް ނެތެވެ.

އެމްޑީޕީ އާއި ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެއްބަސްވާ ގޮތުގައި ތައުލީމާ ބެހޭ ބިލެއް އޮތުން މުހިންމެވެ. އެކަމަކު ބިލުގައި ނުރައްކާތެރި މާއްދާތަކެއް ހިމަނައިގެން ސަރުކާރުން ނާޖައިޒު ފައިދާ ނެގުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައިވާ ކަމަށް އިދިކޮޅު މެމްބަރުން ގަބޫލުކުރައްވަ އެވެ.

ސްކޫލް ބޯޑުތައް ސަރުކާރުގެ ބާރުގެ ދަށަށް!

ބިލުގައި ބުނެފައިވާ ގޮތުން ސްކޫލްގެ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގަން ކޮންމެ ސްކޫލެއްގައި ބޯޑެއް އޮންނަން ޖެހެ އެވެ. ސްކޫލް ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ ހުރިހާ ބާރެއް އޮތީ ބޯޑަށެވެ. ސްކޫލް ބޯޑުގައި މެނޭޖްމަންޓާއި ޕޭރަންޓް ޓީޗާ އެސޯސިއޭޝަނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުންގެ ތެރެއިން އިންތިހާބު ކުރެވޭ ބަޔަކު ތިބޭއިރު، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ މަންދޫބެއް ވެސް ހުންނަން ޖެހެ އެވެ.

މި ބިލުގައި ނުރައްކާތެރި މާއްދާއެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން ފާހަގަކުރަނީ އެޑިއުކޭޝަން މިނިސްޓަރަށް ފެނިއްޖެ ނަމަ، ސްކޫލް ބޯޑު އުވާލެވޭ މާއްދާ އެވެ. އެ މާއްދާގައި ވަނީ ސްކޫލެއްގެ ބޯޑުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް މިނިސްޓަރަށް ފެނިއްޖެ ހިނދެއްގައި، ބޯޑުގެ ޗެއާޕާސަނަށް ލިޔުމުން އެކަން އެންގުމަށް ފަހު ބޯޑު އުވާލެވިދާނެ ކަމަށެވެ.

ސްކޫލް ބޯޑެއްގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް މިނިސްޓަރު ކަނޑައަޅަންވާނީ ބޯޑުގެ މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށާއި ސްކޫލް ބޯޑެއް އުވާލާތާ 45 ދުވަހުގެ ތެރޭގައި އާ ބޯޑެއް އިންތިހާބު ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން މިސްރާބު ޖަހާފައި ވަނީ މުޅި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ތައުލީމީ ނިޒާމު ގެންދިއުމަށެވެ. މި ބިލުގެ ބޭނުމަކީ ފޮތް ކިޔުމުގެ އުސޫލުތައް ދޫކޮށްލައި، ސަރުކާރުން ބުނާ އެއްޗެއް އެކަނި އަޑުއިވޭނެ ގޮތަށް ތައުލީމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ބޭރުގެ ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަން މަސައްކަތް މި ކުރަނީ. ކިތަންމެ ރަނގަޅަށް އެކަން ކުރަން އުޅުނަސް އެ ބޭފުޅުންނަށް (އިދިކޮޅު މެމްބަރުންނަށް) ރަނގަޅެއް ނުވާނެ،"

"ސްކޫލް ބޯޑުގައި ތިބޭ މީހުން ވަކިކުރުމުގެ ފުރުސަތު ބިލުން އެބަ ދޭ، އެއީ މި ސަރުކާރު ފަރިތަ ގޮތް، އެއީ މި ސަރުކާރުން އަމަލުކުރާ ހުދުމުހުތާރު ގޮތެއް،" ޝާހިދު ވިދާޅުވި އެވެ.

މަޝްހޫރު ސްކޫލެއްގެ ބޯޑު މެމްބަރެއްގެ މަގާމުގައި ހުރި މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނީ ސްކޫލް ބޯޑުތަކަކީ ވަކި ފަރާތެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާ އެކު ހިންގާ ބޯޑުތަކެއް ކަމަށެވެ. ސްކޫލްގެ "މައި ނާރަށް" ނުފޫޒު ފޯރުވައި، މިނިސްޓްރީން "އަތް ބޭނުމަކީ" ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"ދަރިވަރުންނާއި ޓީޗަރުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ބައެއް ބޯޑުގައި ތިބެނީ. މިނިސްޓްރީން ނުރުހޭ ކޮންމެ ފަހަރަކު ބޯޑު އުވާލުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން. ބޯޑު އުވާލުމުގެ ބާރު އޮންނަން ވާނީ އެ ބަޔަކު އިންތިހާބު ކުރާ މީހުންނަށް،" އޭނާ ބުންޏެވެ.

ރަޖިސްޓަރީ ނުވެ ޓީޗަރުކަން ނުކުރެވޭ!

ސްކޫލެއްގައި ނުވަތަ ކިޔަވައިދޭ އެހެން ތަނެއްގައި ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެވޭނީ ސަރުކާރުގެ "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގައި ރަޖިސްޓްރީ ވެގެން ކަމަށް ބިލުގައި ބުނެ އެވެ. އަދި އެ ކައުންސިލްގައި ރަޖިސްޓްރީ ނުވާ މީހުން ވަޒީފާގައި ގެންގުޅެގެން ނުވާނެ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. ބިލު ފާސްވާތާ އެއް މަސް ތެރޭ ކައުންސިލް އުފައްދަން ޖެހޭއިރު، ލައިސަންސް ދޭ އުސޫލު އާންމު ކުރަން ވެސް ޖެހެނީ އެ މުއްދަތުގަ އެވެ. އޭގެ އިތުރުން ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ތެރޭގައި ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ވަނީ މަޖުބޫރުކޮށްފަ އެވެ.

ކައުންސިލްގެ މަސްއޫލިއްޔަތުތައް

- ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ހިމާޔަތްކުރުން

- ޓީޗަރުން މޮނިޓާ ކުރެވޭނެ އިންތިޒާމެއް އެކުލަވާލައި ތަންފީޒުކުރުން

- ކިޔަވައިދިނުމުގެ ފަންނުގެ ފެންވަރު މަތިކޮށް ހިފެހެއްޓުން

- ޓީޗަރުންގެ ތައުލީމީ، ފަންނީ ސެޓްފިކެޓްތަކުގެ މައުލޫމާތު ބެލެހެއްޓުން

- ޓީޗަރުންނަށް ފަންނީ ގޮތުން ތަރައްގީ ލިބޭކަން ކަށަވަރުކުރުން

- ޓީޗަރުންނަކީ ހުނަރު ލިބިފައި ތިބި ބައެއްކަން ކަށަވަރުކުރުން

އިދިކޮޅު މެމްބަރުންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް އެކުލެވިގެން ވަނީ މިނިސްޓްރީން އައްޔަން ކުރާ ބައެއްގެ މައްޗަށް ކަމަށް ވުމެވެ. ކައުންސިލަށް މެމްބަރުން އައްޔަން ކުރާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މިނިސްޓަރެވެ. އެގޮތަށް އެކަން އޮވެއްޖެ ނަމަ ތައުލީމީ ގާބިލް މީހުންގެ ބަދަލުގައި "ސިޔާސީ ބަޔަކު" ކައުންސިލަށް އައްޔަން ކުރުމުން ނުކުންނަ ނަތީޖާ މާ ގޯސް ވާނެ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

ކައުންސިލް އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ކޮލިފިކޭޝަން އޮތޯރިޓީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެޑިއުކޭޝަން މިނިސްްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓް، ހިއުމަން ރިސޯސް ޑިވިޝަން، ޓީޗަރުން ތަމްރީންކުރާ މުއައްސަސާއެއް، ސިވިލް ސާވިސް ކޮމިޝަން، އުނގަންނައިދިނުމުގެ ފަންނީ މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާ އިން ކަނޑައަޅާ މެމްބަރެކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޓީޗަރުންގެ ރަޖިސްޓްރީއެއް ހަދާފައި ރާއްޖޭގައި ކިޔަވައިދިނުމުގެ ހުއްދަ ދޫކުރުން ސަރުކާރުގެ ބާރު އޮންނަ ކައުންސިލަކަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ޕީޕީއެމްގެ އެކްޓިވިސްޓުން ކައުންސިލަށް އައްޔަންކުރުމުގެ ފުރުސަތު އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުންގެ އަތްމައްޗަށް އަޅުގަނޑުމެން މި ދޫކޮށްލަނީ ރާއްޖޭގެ ހުރިހާ ޓީޗަރުން ކިޔަވައިދެވޭނެތޯ ނޫންތޯ ނިންމުމަށް. އެކަން ނިމިގެން ދާއިރު ޕީޕީއެމަށް ސޮއިކުރާ މީހަކަށް ނޫނީ ކިޔަވައިދިނުމުގެ ފުރުސަތު ނުދޭނެ،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި ޓީޗަރުންނަކީ އެންމެ ބުރަކޮށް މަސައްކަތް ކުރާ، ހިތްވަރުގަދަ ބަތަލުންތަކެކެވެ. ކުޑަކުދިންގެ ސިކުނޑިތައް ހުޅުވާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޓީޗަރުން، މަޅިއެއްގައި ނުޖެއްސުމަށް އެ މެމްބަރުން ގޮވާލައްވަ އެވެ. އެގޮތުން އިދިކޮޅު މެމްބަރުންގެ އެދިވަޑައިގަތުމަކީ މި ބިލަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސް، ސިޔާސީ މީހުންގެ އަތް މައްޗަށް ތައުލީމީ ދާއިރާ ނުގެންދެވޭނެ ގޮތަކަށް ބިލް ހެދުމެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

ބިލު ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރު އަދި ކުރިން ތައުލީމީ ދާއިރާގައި އިސްކޮށް މަސައްކަތްކުރެއްވި އަލީ ސަލީމް ވިދާޅުވީ މިއީ ތައުލީމީ އޮނިގަނޑު އެކުލަވާލައި، ތަންފީޒު ކުރުމަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ. ހާއްސަކޮށް ކިޔަވާ ކުދިންނާއި ޓީޗަރުންގެ ވާޖިބުތަކާއި ދައުލަތާއި ބެލެނިވެރިންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ފެންވަރު ބެލޭނެ އިންތިޒާމެއް މިހާރަކު ނެތެވެ. އަލަށް އެކުލަވާލި ބިލުން ޓީޗަރުންނަށް ވެވޭނީ ވަކި ފެންވަރެއްގެ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބިލުގައި އެކަމުގެ ތަފްސީލަކަށް ގޮސްފައެއް ނުވެ އެވެ.

"ބޭރުގެ ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް، ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަން މަސައްކަތް މި ކުރަނީ. ކިތަންމެ ރަނގަޅަށް އެކަން ކުރަން އުޅުނަސް އެ ބޭފުޅުންނަށް (އިދިކޮޅު މެމްބަރުންނަށް) ރަނގަޅެއް ނުވާނެ،" ކޮމެޓީ މަރުހަލާގައި އޮތް ބިލާ ބެހޭ ގޮތުން ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތައުލީމާއި ތަރުބިއްޔަތު ދޭ ތަނެއްގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ބޯޑުތައް ނުހިނގާ ނަމަ، އެ ބޯޑުތައް އުވާލުމުގެ ބާރު މިނިސްޓަރަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި ޓީޗަރުންގެ ކަންކަން ބެލޭނެ ކައުންސިލެއް އޮތުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ތައުލީމީ ދާއިރާ މުޅިން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނަން އުޅޭ ކަމަށް އިދިކޮޅު މެމްބަރުން ދައްކަވާ ވާހަކަތައް ސަލީމް ދޮގުކުރެއްވި އެވެ. ނަމަވެސް ކައުންސިލަށް ސިޔާސީ ނުފޫޒު އޮތްތޯ ނުވަތަ ނެތްތޯ އެނގޭނީ ކައުންސިލް ހިނގަން ފެށީމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮފެޝަނަލް މީހުން އެކި ތަންތަނަށް ހަމަޖައްސަނީ. ކްލާހަށް ވަންނަ ޓީޗަރަކީ އަހުލާގީ މައްސަލައެއް ނޯންނަ މީހެއްކަން ކަށަވަރު ކުރަން ޖެހޭ. މިހާރު އެކަހަލަ ކަންކަމެއް ނުބަލާ. އެފަދަ ކަންކަން ބެލުމަށް އުފައްދާ ކައުންސިލެއް އެއީ،" ސަލީމް ވިދާޅުވި އެވެ.

ހަގީގަތުގައި ތައުލީމީ ބިލެއްގެ މުހިންމުކަން ކުޑައެއް ނޫނެވެ. އެހެންކަމުން މިހާރު އޮތް ބިލަށް އިސްލާހުތަކެއް ގެނެސްގެން، މިހާރަށް ވުރެ ރަނގަޅުކުރެވޭނެ އެވެ. މިކަހަލަ ބިލްތައް ގާނޫނަކަށް ހަދަން ޖެހޭނީ ހުރިހާ ކޮޅަކުން ސިޔާސީ ސިފަ ނުޖައްސަ އެވެ.

25 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 2%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރީދު

18 February 2017

މިހާރު ޤާނޫނުތަށް ގިނަވެ ގަވައިދުތަށް ގިނަވެ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިހެން މުޅި ޤައުމުގެ އިޤްތިސާދު މިއޮތީ ހުއްޓުމެއްގެ ތެރޭގައި، ހުއްދައެއްނަގަން އެތަކެއް މިލިއަން ރުފިޔާއެއް ހޭދަކޮށްލަ ކޮށްލައި އެންމެ ފަހުވަގުތު ރިޖެކްޓް ކުރުމުން އެތަކެއް ގެއްލުމެއް ވިޔަފާރިތަކަށްވެސް ގެއްލުންވެގެންދޭ، ގަވައިދުތަކާއި ގާނޫނުތަށް ހަދަންޖެހެނީ މީހުންނަށް ފަސޭހައަކަށް، މިހާރު ގާނޫނަކުން ގަވައިދަކުން ގިނަފަހަރު ބޭކާރު ވަޒީފާތަކެއް ދީގެން އެކި ކަންކަމަށް ހުރަސްއެޅުންނޫންކަމެއް ނުހިނގާ، ގާނޫނުތަކާއި ގަވައިދުތަށް ހަދާފައި ކައުންސިލްތަކާއި ބޯޑުތަށް ހެދިވަރަކަށް ނުފޫޒްތަކާއި ބާރުތަށް ގިނަވެ ގިނަފަހަރު ހުއްދައެއް ދިނުން މިއޮންނަނީ ކޮންމެވެސް މީހެއްގެ އަތްމަތީގައި، ދެން އޭނައަށް ސައިދީ ކޮފީދީ އޭނައަށް ރިޝްވަތުދީގެންނޫނީ ކަމެއް ނުކުރެވޭނެ، މިޤައުމަކަށް ތިޔަހާ ގިނަ ގާނޫނުތަކާއި ގަވައިދުތަކެއް އަދި ކައުންސިލްތަކެއް ބޭނުމެއްނުވޭ

The name is already taken The name is available. Register?

ރާމިޒު

18 February 2017

ސްކޫލް ބޯޑަކީ މިގައުމުގެ ސަޖޫލަތަކަށް އެއްގޮތަކަށްޗެސް ބޭނުން އެއއޗެއްނޫން. ޢެއީ ސްކޫލްތައް ހިންގުމަށް ހުރި ހުރަހެއް.

The name is already taken The name is available. Register?

ދައްތާ

17 February 2017

ތިހުރިހާ ވާހަކައަކުންވެސް ތި ބޯޑުތަކުންވާނެ ފައިދާއެއް އިއްޒަތްތެރި މެންބަރުންނަށް ކިޔައެއް ނުދެވުނު... އަޖައިބުޙީވެދާނެ މިހާރުވެސް ކުށުގެ ރެކޯޑް ބަލައޭ...ދެން ހުރިހާ ޓީޗަރުން ސްކޫލަށް ދަނީ ފެންވަރައިގެންތޯ މިނިސްޓަރު ބައްލަވާކަށް ނުޖެހޭ....އެއަށްވުރެ ރަނގަޅުވާނެ އަދިވެސް ރާއްޖެއިން މުދައްރިސުން ތަމްރީނު ކުރަން ހިންގާ ކޯސްތަކުގެ ފެންވަރު ރަނގަޅުކޮށް....ނަމެއްގަ އެކިވައްތަރުގެ ޓީޒަރުންނަށް އެމީހުން ނަހަދާ އަހަރުމެންގެ ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރެވޭނެ ފަދަ ޤާބިލްބަޔަކަށް އެމީހުން ހަދަން އެކޯސްތަކުން ދެވޭ މައުލޫމާތާއި ހުނަރު އިތުރުކުރިއްޔާ....ބޯޑު ހެދީމަ ވަނީކީއްތަ ވަކި؟

The name is already taken The name is available. Register?

މައްސަލަނެތީ

17 February 2017

ތައްލީމާއި ބެހޭ ބިލްގައި ސްކޫލް ބޯރޑް ތައް ސަރުކާރުގެ ބާރުގެ ދަށުގައި ތިބުމަކީ އެއީ ސަރުކާރުން ބޭނުންވާ ރަނގަޅު ނަތީޖާ ނެރުމަށް ޓަކައި ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ. މީ ލަކީ ބިލެކޭ ހުރިހާ ފަރާތް ތަކަށް ވެސް. މިބިލް ގައި ވާ މި މާއްދާ އަކީ އެއީ ކޮންމެހެން އޮންނަން ޖެހޭނެ މާއްދާ އެކެވެ. އެއީ އެއްގޮތަކަށް ވެސް ސިޔާސީ ވުމެއް ނޫނެވެ. އެއީ ސަރުކާރުގެ ފުލް ކޮންޓްރޯލް ސްކޫލް ތަކަށް އޮތުމުން އިހަށް ދުވަހު ރަށް ފުށު ސްކޫލެއްގައި މޫނު ބުރުގާ މައްސަލަ ޖެހުނު ގޮތަށް އެފަދަ މައްސަލަ ތައް ޖެހުމުގެ ކުރިން އެފަދަ ކަންކަން ހައްލު ކުރަން މިނިސްޓަރަށް ސްކޫލް ބޯރޑް ތަކަށް އިންސްޓްރަކްޝަން ދެވޭނެ ތީއެވެ.

The name is already taken The name is available. Register?

އަހްމަދު

17 February 2017

އިދިކޮޅު ފަރާތްތަކުން މިކަމާ ކަންބޮޑުވާންވީކަމެއް ނޭގުނު. އިދިކޮޅުފަރާތް ތަކުން އެބުނަނީ ރިޔާސީ އިންތިޚާބުގައި ކިހިލިޖަހާލާގެން ޔާމީން ބަލިކުރާނަމޭ. އެހެންވީމާ ދެން ސަރުކާރަ ހަވާލުވާނީ އެގޮތަށް ވިއްޔާ އިދިކޮޅު ފަރާތްތަކުން. އެހެންކަމުން ސަރުކާރަށްލިބޭ ކޮންމެފައިދާއެއް އޮތީ އިދިކޮޅު މީހުންނަށް. އެހެންކަމުން ފާޑު ކިޔުމުގެ ބޭނުމެއް މަށަކަށް ނޭގުނު.

The name is already taken The name is available. Register?

ދެމާ

17 February 2017

ޓީޗަރުންތއް ބޭރުކޮށްފައި ޕޕމ ގެ އެކްޓިވިސްޓުންނާ ސްކޫލްތައް ހިންގަން ހަވާލްކުރަން ފެންނަނީ، އޭރުން ތައުލީމީ ނިޒާމް "ހެއްވާލެވޭނީ"

The name is already taken The name is available. Register?

ބަލާވެރި ފަށާ

17 February 2017

ހުސް ހަކުރު

The name is already taken The name is available. Register?

ޕާޓީމީހާ

17 February 2017

ހުރިހާދިމާލަކުން ރައްޔިތުންނަށް ހުރި ފުރުސަތުތައް ވަކިބައެއްގެ މުށުތެރެއަށް ލެވޭގޮތައް ފާސްކުރެވޭ ބިލަކަށް ގާނޫނެއްގެ ދަރަޖަ ދެވިދާނެބާ؟

The name is already taken The name is available. Register?

ބަދަލުކުރަންވީ

17 February 2017

ތައްލީމާއި ބެހޭ ބިލަށް މެމްބަރުންގެ ޚިޔާލު ހޯދއިގެން އެބިލް ސަރުކާރުން ހުށައެޅި ގޮތަށް ފާސް ވެއްޖެނަމަ ދެން ރާއްޖެ ބެޓަރ ކަންޓްރީ އަށް ހެދޭނެއެވެ. ރާއްޖެ އެއިރުން ބެޓަރ ކަންޓްރީ އަށް ބަަދަލުވެ ރާއްޖޭން ބޭރަށް ލަންކާ އަދި މެލޭޝިއާ އަށް ކިޔަވަން ދާ ދިވެހިންނަށް މަޑު ޖެހުމެއް މިކަމުން އަންނާނެއެވެ.

The name is already taken The name is available. Register?

ނޫނެކޭ

17 February 2017

ސިވިލް ސާވިސް ގާނޫގެ ބާރު ކަނޑުވާލާ ، އެޑިއުކޭޝަން ދާއިރާގެ މުއައްޒިފުން ސަރުކާރުގެ ފުލް ކޮންޓްރޯގެ ދަށައް ގެނަސް ، ވަޒީފާގަ ބިރާ ، ވަޒީފާގަ ކުރި އެރުމުގެ ބިރާ ، އިނާޔަށްތައް ދިނުމުގެ ބިރު ދައްކާ ، ޓީޗަރުންނަކީ ޕީ.ޕީ.އެމް ޖަގަހަކަށް ބަދަލުކޮށް ، ސަރުކާރަށް ކެމްޕޭން ކުރަން މަޖުބޫރު ވާފަދަ ބަޔަކަށް ހެދުމައް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ބެލެވޭ. އެކި ފާޑު ފާޑު ގާނޫނު ތަށް ފާސް ކޮށްގެން ރައްޔިތުންގެ ހައްގަށާ މިނިވަން ކަމައް އަރާއިގަނެ ، ރައްޔިތުންގެ ހިއްތަކުގާ ބިރުވެރިކަން އުފަދޭފަދަ ، ފިތުނަ ފަސާދަޔަށް މަގު ފަހިވާފަދަ ކަންކަން ކޮށް، އިންސާފުން އެއްކިބާވެ ގާނޫނު އަސާސީގެ ބާރު ކެނޑޭ ގޮތަށް (ތަކުރާރު ކޮށް ލާމަރުކަޒީ ނިޒާމުގެ ބާރު ކަންޑުވާލާ ރައްޔިތުން ހޮވާފާ ތިބި ކައުންސިލަރުންގެ ބާރު ކަނޑުވާލި ފަދަ އިން ) ގައުމުގެ ޑިމޮގުރެސީގެ އުސޫލު ތަކާ ، ދުސްތޫރީ ނިޒާމު ހަލާކު ވާފަދައިން ކުރެވޭ މަސައް ކަތަކީ ބޮޑު އަނިޔާ އެއް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454