ޝަކުވާ ނުކުރޭ! ޓްރެފިކް މައްސަލަ އަށް ހައްލެއް ނެތް!

އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭން ބޭރުގައި ހުރި ރައްޓެއްސަކު މާލެ އައުމުން، މާލޭން ފެނުނު އެންމެ ބޮޑު ބަދަލުގެ ވާހަކަ އެހީމެވެ. ހީކުރީ ބުނާނީ އަލަށް ހެދި ގޮނޑުދޮށް، ރަސްފަންނުގެ ވާހަކަ ކަމަށެވެ. އެކަމަކު އޭނާ ބުނީ މާލޭގައި އާދަޔާ ހިލާފަށް ދުއްވާ އެއްޗެހި ގިނަވެއްޖެ ކަމަށެވެ. މީހުން ތޮއްޖެހި ހިނގާލަން ވެސް މިހާރު އުނދަގޫވެފައިވާ ކަމެވެ.


މިއީ މާލޭގެ ރައްޔިތުންގެ ޝަކުވާއެކެވެ. މާލެ އަށް ޒިޔާރަތްކުރާ އެތައް ބައެއްގެ ވެސް ޝަކުވާއެކެވެ.

މާލޭގައި ދުއްވާ އެއްޗެހި ގިނަވެ، ޓްރެފިކްގެ މައްސަލައަށް މި ވަގުތު ހައްލެއް ނެތް ކަމަށް ކަމާ ބެހޭ އިދާރާތަކުން ވެސް އެއްބަސްވެ އެވެ. އެކަމަކު މިއީ މާލޭގައި އުޅޭ ލައްކައަކަށް ވުރެ ގިނަ މީހުންނާ ގުޅިފައިވާ މައްސަލައަކަށް ވުމުން އަނެއްކާވެސް ހަމަ މި ސުވާލު ކުރަން ޖެހުނީ އެވެ. މާލޭގެ ޓްރެފިކް މައްސަލައަށް ހަމަ ހައްލެއް ނެތީ ހެއްޔެވެ؟

މި މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން އެކި ކަހަލަ ގަވައިދުތަކާއި އުސޫލުތައް ވެސް ހަދައިފިން. އެކަމަކު ތަންފީޒު ކުރަން ބަލައިލާ ހިސާބުން ހިޔާލު ތަފާތުވުންތައް މި ދިމާވަނީ-- ނާފިޒު

ގަވައިދުތައް ތަންފީޒު ނުކުރެވުން

މާލޭގައި އާދަޔާހިލާފަށް ދުއްވާ އެއްޗެހި ގިނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ގަބޫލުކުރެ އެވެ. އަދި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެތެރެކުރާ ވެހިކަލްގެ އަދަދު މަދުކުރުމެވެ. އެކަމަކު މައްސަލައަކީ އެކަންކަން ތަންފީޒު ނުކުރެވުމެވެ.

މާލޭގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމުގައި އާއްމުންގެ އެއްބާރުލުން ވެސް ބޭނުންވޭ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"މި މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން އެކި ކަހަލަ ގަވައިދުތަކާއި އުސޫލުތައް ވެސް ހަދައިފިން. އެކަމަކު ތަންފީޒު ކުރަން ބަލައިލާ ހިސާބުން ހިޔާލު ތަފާތުވުންތައް މި ދިމާވަނީ،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި އެވެ.

ވެހިކަލް އެތެރެ ކުރުން އެއް ފަރާތުގައި ބާއްވާފައި އެ އޮތޯރިޓީން ދެން ބޭނުންވީ ގިނަ ދުވަސް ވީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރާށެވެ. އެގޮތުން 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އުޅަނދުތައް އަލުން ރަޖިސްޓްރީ ނުކޮށްދޭ އުސޫލެއް އެކުލަވާލައި އެކަން އާއްމު ކުރުމުން އެކަމަށް ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.

އާއްމުންގެ ހިޔާލަށް ބަލާއިރު، ނާފިޒު ވިދާޅުވި ގޮތުގައި، ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން 15 އަހަރަކީ މާ ކުރު މުއްދަތެކެވެ. ދެން ކަނޑައެޅި 20 އަހަރަކީ މާ ދިގު މުއްދަތެކެވެ. އެހެންވެ، އެކަން ވެސް ތަންފީޒުވާ ގޮތެއް ނުވި އެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އަނެއްކާވެސް ފެށުން

ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިކަމަށް އޮތް އެންމެ އެދެވޭ ހައްލަކީ ރަނގަޅު ޕަބްލިކް ޓްރާންސްޕޮޮޓޭޝަން ސިސްޓަމެކެވެ. ޓެކްސީ އާއި ސައިކަލު މަދުކޮށް، އާއްމު ބަހުގެ ހިދުމަތެވެ. އެކަމަކު މިއީ ވޭތުވެ ދިޔަ އަހަރުތަކުގައި އެކި ފަހަރު މަތިން ސަރުކާރުން އަޖުމަ ބަލާފައިވާ ކަމެކެވެ. ކޮންމެ ފަހަރަކު ވެސް އެކަން ދަނީ ފަނުފުލުންނެވެ.

މަގެއް ތޮއްޖެހިފައި: މާލެ އަށް އެތެރެ ކުރާ ވެހިކަލްގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ފަސް އަހަރު ކުރިން، އެމްވީކޭއާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ބަހުގެ ހިދުމަތް ދިން ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓުނީ އެންމެ ރަނގަޅަށް ހިދުމަތް ފޯރުކޮށް ނުދެވިގެންނެވެ. މާލޭގެ އެކި ހިސާބުތަކުގައި ބަސް ހުއްޓި ހަރުކޮށް، އޭގެ ގަވައިދެއް އެކުލަވާލި ނަމަވެސް އެއަކަށް އަމަލެއް ނުކުރެވުނެވެ. ބޭނުންކުރި ބަސްތަކުގެ ފެންވަރު ދަށެވެ.

އެންމެ ފަހުން ޝެޑިއުލާ އެއްގޮތަށް ބަސް ދަތުރު ނުކުރެވުން ފަދަ ތަފާތު މައްސަލަތައް ދިމާވެ، އެއަށް އަރާނެ މީހުން ވެސް މަދުވި އެވެ.

މާލެ އާއި ރާއްޖޭގެ ބޮޑެތި ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ދޭން، ހުޅުމާލޭގައި ކާމިޔާބު ކަމާ އެކު ބަސް ދުއްވަމުން އަންނަ، އެމްޓީސީސީން މިހާރު ވަނީ ކުރިމަތިލާފަ އެވެ. ރަނގަޅު ފެންވަރެއްގައި ބަހުގެ ޚިދުމަތް މާލޭގައި ފަށައިފި ނަމަ ވެހިކަލްތައް ބޭނުންކުރުން މަދުވުމުގެ ފުރުސަތު އެބަ އޮތެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ސްކޫލު ކުދިންނަށް ހާއްސަކޮށްގެން ބަހުގެ ހިދުމަތް ވެސް ތައާރަފް ކުރަން ނިންމާފަ އެވެ. ކޮންމެ ދުވަހެއްގައި ސްކޫލުގެ ކިޔެވުން ފެށޭ ގަޑި އާއި ނިމޭ ގަޑީގައި ދޭ މި ހިދުމަތުގެ ސަބަބުން ވެސް އެ ވަގުތުތަކުގައި ދުއްވާ އެހެން ވެހިކަލްތައް މަދުވާނެ ކަމަށް ބެލެވެ އެވެ.

ފަރީދީ މަގު: މިއީ ވެސް ތޮއްޖެހުން ބޮޑު މަގެއް - ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ހިދުމަތް މި އަހަރު ފަހުކޮޅު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.

މާލޭގައި ދުއްވާ ވެހިކަލްތައް އިތުރުވީ ހަމަ ކުއްލިއަކަށް ނޫނެވެ. އެކަމަކު ފަހަކަށް އައިސް އެތެރެ ކުރާ އުޅަނދުތަކުގެ އަދަދު ދަނީ މައްޗަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ގޮތުގައި އެހާ ބޮޑަށް މި ފަހުން އެއްޗެހި އިތުރުވީ ސައިކަލް ވިއްކާ ފަރާތްތަކަށް ލިބޭ ފަސޭހަތަކުގެ ސަބަބުންނެވެ. އެގޮތުން އިންސްޓޯލްމެންޓަށާއި ދިގު މުއްދަތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލުމުން ސައިކަލު ފަދަ އުޅަނދު ގަންނަ މީހުން އާދަޔާހިލާފަށް އިތުރުވި އެވެ.

ނިސްބަތުން ބަލާ ނަމަ މިހާރު މާލޭގެ ކޮންމެ ގެއެއްގައި ތިން ސައިކަލަށް ވުރެ މަދެއް ނުވާނެ އެވެ. މިއީ މާލެ ކަހަލަ ކުޑަ ތަނަކާ ބަލާއިރު ވަރަށް މަތީ އަދަދެކެވެ.

ދެ ކިލޯމީޓަރު ވެސް ހަމަނުވާ ރަށެއްގައި ކޮންމެ މީހަކު ވެސް އުޅަނދެއް ބޭނުންކުރުން މުހިންމު ހެއްޔެވެ؟ މިއީ ކުރިން ވެސް އަދި މިހާރު ވެސް އުފެދޭ ސުވާލެކެވެ. އެނގޭ އެއްޗަކީ ވެހިކަލްތައް މަދުނުކޮށް އެކަމަށް ހައްލެއް ނުލިބޭނެ ކަމެވެ. އެކަމަކު އާންމުންގެ ދިރިއުޅުގެ ވައްޓަފާޅި އަަށް ބަލާއިރު އެ މަންޒަރެއް ނުފެނެ އެވެ.