އެމްއާރު ވެކްސިނާއި އޯޓިޒަމްއާ ގުޅުމެއް ނެތް

ވެކްސިނަކީ އޯޓިޒަމަށް މަގުފަހިކުރާ އެއްޗެއް ކަމަށް ބުނާ ލިޔުންތައް އިންޓަނެޓުގައި ގިނަ އެވެ. އެއީ ބައެއް ދިވެހިން ވެސް ގަބޫލުކުރާ ވާހަކައެކެވެ. ރާއްޖެއަކީ ހިމަބިހި ނެތް ގައުމަކަށް ހަދަން މިހާރު ފަށައިގެން އުޅޭ ވެކްސިން ކެމްޕެއިނުގެ ކުރިން ވެސް ބައެއް މީހުންގެ ހިތުގައި އެ ކަންބޮޑުވުން އޮތީ އުފެދިފަ އެވެ. އެ ސަބަބާ ހެދި، ދަރިންނަށް ވެކްސިން ނުދޭ ނުވަތަ ވެކްސިން ޖެހުން ލަސްކުރާ މައިންބަފައިން ވެސް އުޅެ އެވެ.


އެމްއާރު ވެކްސިން ޖެހުމުގެ ކެމްޕެއިނާ އެކު މި ސުވާލު އަނެއްކާވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމަކު ވެކްސިނަކީ އޯޓިޒަމާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަން ސިއްހީ މާހިރުން ފާހަގަކުރައްވަ އެވެ. ދާއިމަށް ދިގުދެމިގެންދާ ފަދަ މައްސަލައެއް މި ވެކްސިންގެ ސަބަބުން ދިމާނުވާނެ ކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ދެ އެވެ.

އެމްއެމްއާރް އާއި އެމްއާރްގެ ތަފާތު

ވެކްސިން ދިނުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ހިލޭ ލިބެން ހުރި "މީސްލްސް، މަމްޕްސް، ރުބެލާ" ނުވަތަ އެމްއެމްއާރު ވެކްސިން ރާއްޖޭގައި އާއްމުކޮށް ޖަހަނީ އުމުރުން 18 މަހުގަ އެވެ. އެއީ މީސްލްސް ވެކްސިންގެ ދެވަނަ ޑޯޒެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން ނުވަ މަހުގަ އެވެ.

ރާއްޖެއަކީ މީސްލްސް ނުވަތަ ހިމަބިހިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމުގެ ކެމްޕޭނުގައި އެމްއާރް ވެކްސިން ދެނީ ހިމަބިހީގެ އިތުރުން ރުބެލާ އަށް ވެސް އަމާޒުކޮށްގެންނެވެ. ރުބެލާ ވެކްސިން ނުޖަހައިފި ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އައިބުތައް ކުރިމަތިވުމާއި ބައިގެން ދިޔުމުގެ ފުރުސަތު ބޮޑުވެ އެވެ.

މި ކެމްޕެއިންގައި އެމްއާރް ވެކްސިން ދެނީ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށާއި އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، މީސްލްސް އަދި އެމްއެމްއާރް ވެކްސިންގެ ދެ ޑޯޒު ހަމަވިކަން ކަށަވަރު ނުވާ ކުދިންނަށެވެ.

"ގައިން ގަޔަށް އަރާ އެކި ބަލިތައް ނައްތާލަން މަސައްކަތް ކުރާ އިރު، އެއްފަހަރާ އަމާޒުކުރެވެން ހުރި ބަލިތަކަށް އެކުއެކީގައި ވެކްސިން މި ދެނީ. މިއީ މީސްލްސް އަށާއި ރުބެލާ އަށް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް. މަގްސަދަކީ މީސްލްސް އެލިމިނޭޝަންގެ އިތުރުން ރުބެލާ ކޮންޓްރޯލްކުރުން. މި ވަގުތު ކަނޑައަޅާފައި އޮތް ސަރަހައްދީ ޓާގެޓަކީ މީސްލްސް ނައްތާލުން،" އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. މަރިޔަމް ޖެނިފާ ވިދާޅުވި އެވެ.

"މިހާތަނަށް ހެދިފައި ހުރި ސައިންޓިފިކް އެއްވެސް ދިރާސާއަކުން ނުދައްކާ، އޯޓިޒަމް އާއި ވެކްސިނާ ގުޅުމެއް ހުރި ކަމަކަށް."

އޯޓިޒަމްއާ ގުޅުމެއް ނެތް

އޯޓިޒަމް އާއި ވެކްސިން ދެ ގޮތަކަށް ގުޅުވަ އެވެ. އެއް ގޮތަކީ އެމްއެމްއާރް ވެކްސިން އެވެ. އޭގެ އިތުރުން، ކުޑަކުދިންގެ އެހެން ވެކްސިންތަކުގައި ޕްރިޒާވެޓިވްއެއްގެ ގޮތުގައި ބޭނުންކުރާ ތައޯމާސަލްގެ ސަބަބުން ވެސް އޯޓިޒަމް އަށް މަގުފަހިވާ ކަމަށް ބުނެވެ އެވެ. އެކަމަކު މި ދެ ގޮތުން ކުރެ އެއްވެސް ގޮތަކުން އޯޓިޒަމާއި ވެކްސިންގެ ގުޅުމެއް އޮތްތޯ ބަލަން ހަދާފައިވާ ދިރާސާތަކުން އެފަދަ ގުޅުމެއް ފެނިފައެއް ނުވެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މަދު ބަޔަކު ފިޔަވައި އެންމެންނަށް ވެސް އެމްއާރް ވެކްސިން ޖެހޭނެ އެވެ. އެއީ މާބަނޑު މީހުންނާއި ވެކްސިންގައި ހިމެނޭ ބާވަތަކަށް އެލާޖިކްވެދާނެ މީހުންނާއި ދިފާއީ ނިޒާމަށް އަސަރުކުރާ ފަދަ ބޭހެއް ބޭނުންކުރާ މީހުންނެވެ. ވެކްސިން ޖަހާ ތަން ދުޅަވެ، ތަދުވުން، ކުޑަކޮށް ހުން އައުން ނުވަތަ ބިހިނެގުން ފަދަ ކަންކަން ބައެއް މީހުންނަށް ކުރިމަތިވުމުގެ ފުރުސަތު އޮވެ އެވެ. އަދި ވަރަށް މަދު ހާލަތްތަކުގައި ވެކްސިނަށް އެލާޖިކް ވެދާނެ އެވެ. އެކަމަކު އޯޓިޒަމް ކަހަލަ ދާއިމީ މައްސަލަތަކެއް މި ވެކްސިންގެ ސަބަބުން ދިމާނުވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ފާހަގަކުރެއްވި ގޮތުގައި ވެކްސިން އާއި އޯޓިޒަމްއާ ގުޅުމެއް ހުރި ނަމަ "އެންމެ ފުރަތަމަ ވެސް ކަންބޮޑުވާނީ ސިއްހީ ޕްރޮފެޝަނަލުން"ނެވެ. އެކަމަކު މިހާތަނަށް ހެދި އެތަކެއް ބައިވަރު ދިރާސާތަކުން ވެސް އެފަދަ ހެއްކެއް ފެނިފައި ނުވާ އިރު، މި ކަމާ ބެހޭ އިތުރު ދިރާސާއެއް ހަދަން ނުޖެހޭ ވަރަށް އެކަން ކަށަވަރުކުރެވިފައިވާ ކަން ގިނަ ގައުމުތަކުން ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގިނަ ގައުމުތަކެއްގެ މައިގަނޑު ސްޓޭންޑަކީ މި ކަމަށް އިތުރު ދިރާސާތަކެއް ބޭނުން ވެސް ނުވާ ކަމަށާއި އެފަދަ ދިރާސާތަކަކަށް ފައިސާ ހޭދަކުރުމުގެ ބަދަލުގައި މިހާރު ބޭނުންވަނީ އޯޓިޒަމް ކުދިންނަށް ބޭނުންވާ ކަންތައްތަކަށް ހޭދަކުރުން ކަމަށް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ފައިސަލް އައިޖީއެމްއެޗުގައި ކުއްޖަކު ބައްލަވަނީ --ފޮޓޯ: އައިޖީއެމްއެޗު

އެމްއެމްއާރް ވެކްސިނުން އޯޓިޒަމަށް މަގުފަހިވާ ކަމަށް ބުނި ފުރަތަމަ ދިރާސާ ހެދީ އިނގިރޭސި ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑް އިސްކޮށް ހުރެގެންނެވެ. "ދަ ލެންސެޓް" ޖާނަލްގައި 1998ގައި ޝާއިއުކުރި ދިރާސާއާ ގުޅިގެން އެމްއެމްއާރް ވެކްސިނާ މެދު ދުނިޔޭގައި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދި، ވެކްސިން ޖެހުން ވަރަށް ބޮޑަށް މަދުވި އެވެ. އަދި އިނގިރޭސިވިލާތާއި ޔޫރަޕްގެ އެ ނޫން ވެސް ބައެއް ގައުމުތަކުގައި ހިމަބިހި އަނެއްކާވެސް އާއްމުވެ، ރޯގާއެއްގެ ގޮތުގައި އެ ބަލި ފެތުރިގެން ދިޔަ އެވެ.

އޯޓިޒަމް ހުރި 12 ކުއްޖަކު ބޭނުންކޮށްގެން ހެދި އެ ދިރާސާގައި ވޭކްފީލްޑާ އެއްކޮށް އުޅުނު 10 މީހަކު ފަހުން ވަނީ އެ މީހުންގެ ބަސް އަނބުރާ ގެންގޮސްފަ އެވެ. އަދި 2010ގައި ލެންސެޓުން އެ އާޓިކަލް ނަގާފައިވާ އިރު ވޭކްފީލްޑާއި އޭނާ އަށް ލަފާދިނުމުގައި އިސްކޮށް އުޅުނު މީހާގެ މެޑިކަލް ލައިސަންސް ވަނީ އަތުލައިފަ އެވެ.

ވޭކްފީލްޑްގެ ދިރާސާއަކީ ހަމައެކަނި ނުބައި މައުލޫމާތެއް ނޫން ކަމަށާއި އެއީ ބޮޑު އޮޅުވާލުމެއް ކަމަށް އިނގިރޭސިވިލާތުގެ ނޫސްވެރިޔަކު ލިޔުނު ތަހުގީގީ ރިޕޯޓެއް ބުނެ އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމާ މެދު ޚިޔާލުތަފާތުވި ބަޔަކު ވޭކްފީލްޑް ލައްވައި ހެދި ދިރާސާ އޮތީ އެ އަތަށް ބުރަވެފަ އެވެ. އަދި އޭގެ ފަހުން ހެދި އެތަކެއް ދިރާސާތަކަކުން އޭނާގެ ރައުޔު ނަފީކުރެވިފައިވާކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

"އެމްއެމްއާރް ޖަހަން އަދި ނުފަށާ ބައެއް ގައުމުތަކުގެ އާބާދީ އާއި އެމްއެމްއާރް ޖަހާފައިވާ އާބާދީ އަޅާކިޔައި، އޯޓިޒަމް ގިނައީ ކޮން ބައެއްގެ ތެރޭގައިތޯ ބަލައިލާ އިރު ތަފާތެއް ނެތް، ނުވަތަ ބައެއް ފަހަރު، އެމްއެމްއާރް ނުޖަހާ އާބާދީގައި އޯޓިސްޓިކް ކުދިން މާ ގިނަ ވެސް ވޭ. ދެ ޑޯޒް ހަމަކުރުމާއި އެއް ޑޯޒް ޖެހުމާއި ޑޯޒެއް ނުދިނުމާ ވެސް ތަފާތެއް ނުހުރޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

"ޖަޕާނުގައި މީގެ އަހަރުތަކެއް ކުރީގައި އެމްއެމްއާރް ޖެހުން ދަށަށް ދިޔަ އިރު ވެސް އޯޓިޒަމް ދަށެއް ނުވޭ. އެހެންވީމާ މިހާރުގެ މޭޖާ ސްޓޭންޑަކީ މި ދިރާސާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ވެސް ނެތޭ."

އޯޓިޒަމް އާއި އެމްއެމްއާރް ވެކްސިން ގުޅުވަން ފެށި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ އޯޓިޒަމްގެ އަލާމާތްތައް ފެންނަން ފަށަނީ އެ ވެކްސިން ޖަހާ އުމުރުގައި ކަމަށް ވުމެވެ. ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ގިނަ ގައުމުތަކުގައި އެމްއެމްއާރް ވެކްސިން ޖަހަނީ އުމުރުން 12-18 މަހުގައި ކަމަށްވާ އިރު، މުއާމަލާތުކުރުމުގެ ގާބިލްކަން ފަދަ ކަންކަން ވަޒަންކުރާ އުމުރުފުރައަކީ ވެސް އެއީ އެވެ.

"ވާހަކަ ދެއްކުން ލަސްވުން ކަހަލަ މައްސަލަތައް ދެނެގަނެވޭނީ އެ ދުވަސްވަރު. އެފަދަ ކަންކަމަކީ ކޮންމެ ޕޭރެންޓެއް ވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނީ. އެހެންވީމާ ކޮންމެ މީހަކު ވެސް ވިސްނާނީ އެ ދުވަސްވަރު ތަފާތުކޮށް ކުރެވުނީ ކޮން ކަމެއްތޯ. ބަލާ އިރު އެ ކަމަކީ ވެކްސިން ޖެހުން. އެހެން ހުރިހާ ކަމެއް ދާނީ ރޫޓިންކޮށް. އެހެންވީމާ އޯޓިޒަމް އާއި މި ވެކްސިން ގުޅުވާ ސަބަބެއް ކަމަށް މި ބެލެވެނީ މި ކަން،" ޑރ. ފައިސަލް ވިދާޅުވި އެވެ.

"އެކަމަކު އެއް ވަގުތެއްގައި ދެ ކަމެއް ހިނގީ އަނެއް ކަމަކާ ގުޅުމެއް ހުރެގެން ނޫން ކަމަށް ވެސް ވެދާނެ. މިސާލަކަށް އިރުއަރާ އިރުގައި ހާ ގޮވާ. އެކަމަކު ހާ ނުގޮވިޔަސް އިރު އަރާނެ."

އޯޓިސްޓިކް ވަނީ ސީދާ ކީއްވެގެން ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އެމްއާރް ވެކްސިން ޖަހަން ޖެހެނީ ކީއްވެ؟

ނޭވާލާ ނިޒާމުގެ ޒަރީއާ އިން ފެތުރޭ ހިމަބިއްސަކީ ވަރަށް ފަސޭހަ އިން ގައިން ގަޔަށް އަރާ، ނުރައްކާތެރި ބައްޔެކެވެ. އެ ބަލީގެ ނުރައްކާތަކުގެ ތެރޭގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ ނުވަތަ ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑި އަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުން އަދި މަރުވުން ހިމެނެ އެވެ. ވެކްސިން ނުޖަހައިފި ނަމަ 10 އަހަރުން ދަށުގެ 90 ޕަސެންޓް ކުދިން ބަލި ޖެހެ އެވެ. އަދި އޭގެ ތެރެއިން 10 ޕަސެންޓް ކުދިން ބަލީގައި މަރުވެ އެވެ.

"ހިމަބިހީގެ ވައިރަސްއަކީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ދާ އެއްޗެއް ވީމާ އެއިން ރައްކާތެރިވާން ވެކްސިން ޖެހުން މުހިއްމު،" ޑރ. ޖެނިފާ ވިދާޅުވި އެވެ.

މީސްލްސް ވެކްސިން، އެމްއެމްއާރް ވެކްސިން، ނުވަތަ އެމްއާރް ވެކްސިން ކުރިން ޖަހާފައި ހުއްޓަސް، އަދި ދެ ޑޯޒް ހަމަވެފައި ހުއްޓަސް، 15-25 އުމުރުފުރާގެ ޒުވާނުންނަށް މި ވެކްސިން ދޭނެ އެވެ. އެޗްޕީއޭ އިން ބުނީ އިތުރު ޑޯޒެއް ޖެހުމަކުން ނުރައްކަލެއް ނެތް ކަމަށެވެ.

އެމްއާރް ވެކްސިން ކެމްޕެއިންގައި ބައިވެރިވާން ލަވަކިޔުންތެރިޔާ ލައިޝާ ޖުނައިދު (ކ) ހިތްވަރުދެނީ. ފޮޓޯ: އެޗްޕީއޭ

ހިމަބިހި ޖެހިފައިވާ މީހަކު 2010ގެ ފަހުން ރާއްޖެ އިން ފެނިފައެއް ނުވެ އެވެ. މި ސަރަހައްދުން 2020ގެ ކުރިން ހިމަބިހި ނައްތާލަން ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރާ ފުރަތަމަ ގައުމަށް ވުމުގެ ފުރުސަތު ރާއްޖެ އަށް އެބަ އޮތެވެ.

"ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވީމަ ނަތީޖާއަކަށް ވެގެންދާނީ، ދިވެހިންނަކީ މި ބަލީގެ ވައިރަހުން ދިފާއުވުމުގެ ބާރު ލިބިގެންވާ ބަޔަކަށް ވުން. އަދި މި ބަލި ޖެހިފައިވާ މީހަކު ރާއްޖެ އައި ކަމުގައިވީ ނަމަވެސް ދިވެހިން މެދުގައި ބަލި ނުފެތުރުން،" ޑރ. ޖެނިފާ ފާހަގަކުރެއްވި އެވެ.