ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟

މާލެ އިން އިއްޔެ ފެނިގެން ދިޔައީ ވަރަށް ކަންބޮޑުވާންޖެހޭ މަންޒަރެކެވެ؛ ހަގީގަތުގައި އެއީ އާންމުން ކަންބޮޑުވި ވަރަށް ވުރެ ބޮޑަށް ސިޔާސަތު ރާވާ ފަރާތްތައް ވިސްނަން ޖެހޭ ސީރިއަސް މަންޒަރެކެވެ. ސަރުކާރަށް ލިބޭނެ ވަރަށް ބޭނުންތެރި މެސެޖްތަކެކެވެ.


ވެރިކަންކުރާ ރަށް، މާލެއިން ތިންގަޑިއިރަށް ކަރަންޓާއި ފެން އަދި މުއާސަލާތީ ހިދުމަތް މެދުކެނޑުމަކީ ކުޑަ ކަމެއް ނޫންކަން އިއްޔެ އެނގިއްޖެ އެވެ. އެ ތިން ހިދުމަތް އެއްފަހަރާ މީގެ ކުރިން ދުވަހަކު ވެސް ކެނޑުނު ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް ކަރަންޓާއި ފެން ދޭތެރެ ދޭތެރެއިން ތަފާތު ޓެކްނިކަލް މައްސަލަތައް ދިމާވެގެން މެދުކެނޑިފައިވެ އެވެ.

އެމްޑަބްލިއުއެސްސީގެ ގޯތިތެރޭގައި ހުރި މާލޭގެ އެންމެ ބޮޑު އެއް ޓްރާންސްފޯމަރެއް ގޮވުމުން އިއްޔެގެ މެންދުރު 1:15 ހާއިރުން ފެށިގެން ތިންގަޑިއިރަށް މުޅި ރަށުން ކަރަންޓް ކެނޑުނުއިރު، އެއީ އެންމެ ބިޒީ އަދި އެހާ ހޫނުގަދަ ވަގުތެކެވެ. ކަރަންޓު ކެނޑުނުތާ މާގިނައިރެއް ނުވެ ފެން ކެނޑި، މުއާސަލާތީ ހުރިހާ ވަސީލަތަކަށް ބުރޫ އެރި އެވެ.

ހައްލު ހޯދޭނީ ކޮންއިރަކު؟

މާލެއިން ފެނުގެ ހިދުމަތް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހަށް މެދުކެނޑުނުއިރު ވެސް ބެކަޕް ޕްލޭނެެއް ނެތްކަން އެނގިގެންދިޔަ އެވެ. އޭގެ ކުރިން އެތައް ފަހަރަކު އިންޖީނުތައް އޯވަލޯޑްވެގެން ސްޓެލްކޯގެ ކަރަންޓް ކެނޑުނުއިރު ވެސް އެކަން ހައްލުކުރެވެނީ ބޮޑެތި ޖަނަރޭޓަރު ސެޓްތައް ގެނެސް ބޭނުންކޮށްގެންނެވެ. މިއީ ހަމަ މިކަން އޮންނަން ޖެހޭ ގޮތްތޯ ވަރަށް ގިނަ ބަޔަކު ސުވާލުކުރެ އެވެ.

"އަޅުގަނޑުމެންގެ ބެކަޕް ޕްލޭނެއް ނެތީއެއް ނޫން. މިއަދު މި ދިމާވި މައްސަލައަކީ ކުރިން ދިމާވާ ކަހަލަ އާދައިގެ މައްސަލައެއް ނޫން. އަދި އަޅުގަނޑުމެންނަށް ވެސް އެކަން އެނގުނީ އެ މައްސަލަ ދިމާވީމަ،" އިއްޔެ ދިމާވި މައްސަލައާ ބެހޭ ގޮތުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ރައޫފް "މިހާރު"އާ ވާހަކަދައްކަވަމުން ރޭ ވިދާޅުވި އެވެ.

ސްޓެލްކޯގެ މައި އިމާރާތް: މުޅި މާލެއިން ކަރަންޓު ކެނޑުމުން ހިދުމަތްތައް މެދުކެނޑި، ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވި. މިހާރު ފޮޓޯ: ނިޝާން އަލީ

މުޅި މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ ތަފުސީލް ދެއްވަމުން އޭނާ ވިދާޅުވީ އެއީ ވަރަށް ކުއްލިއަކަށް ދިމާވި ކަމެއް ކަމަށެވެ. އެ މައްސަލަ ދިމާވީ އެމްޑަބްލިއުއެސްސީގެ ގޯތިތެރޭގައި ހުރި 11،000 ކިލޯވޮޓްގެ ޑިސްޓްރިބިއުޝަން ސްޓޭޝަންގެ ތްރީފޭސް ޝޯޓް ސާކިޓެއް ގޮވައިގެންނެވެ. އެއާއެކު އެތަނުގެ ގްރައުންޑް ސާކިޓެއް ވެސް ހަލާކުވި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ބައެއް ކަހަލަ ފޯލްޓަކީ އަންއެކްސްޕެޓެޑް ފޯލްޓްތައް. އެ ވަގުތުގެ ލޯޑު އައިގޮތަށް ސިސްޓަމަށް ވަނީ. އަޅުގަނޑުމެންގެ ޕްރޮޓެކްޝަންގެ ތެރެއިން ސިސްޓަމަށް ވަނީ. ބްރޭކަރުތައް އޮބިނޯވެގެން ބައެއް ޖަނަރޭޓަރުތައް ނިވުނީ،" ރައޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ރަށުން ކުއްލިއަކަށް ކަރަންޓު ކެނޑުމުން ވަގުތުން ބެކަޕް ސިސްޓަމް ބޭނުންކުރެވޭނެ ގޮތްތަކެއް ނުހުންނާނެ ކަމަށެވެ. އަދި އެފަދަ ވަގުތެއްގައި ކަރަންޓު ދިނުމަށް އަމަލުކުރަން ޖެހޭ އުސޫލްތަކެއް އޮންނަ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަތުގައި ބެކަޕް އިންޖީނުތައް ވެސް އެބަހުރި. އެކަމަކު ބެކަޕް ސިސްޓަމްތައް ބޭނުންކުރަން އުސޫލްތަކެއް އޮވޭ. އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފޯލްޓް ހޯދުން. އެކަން ކުރަން އެންމެ އުނދަގޫވާނީ. އެކަން ހޯދައިގެން ނޫނީ ހިދުމަތް ދެވޭކަށް ނޯންނާނެ. މިއަދު [އިއްޔެ] އެހާ ލަސްވީ އެތަނުގެ ގްރައުންޑް ސާކިޓް ވެސް ހަލާކުވުމުން،" ރައޫފް ވިދާޅުވި އެވެ.

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ނެޓްވޯކް ފަތުރާލާފައި އޮންނަ ގޮތުން ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވޭނީ އެ ސަރަހައްދަށް އިންޖިނިއަރުން ފޮނުވައިގެންނެވެ.

"އެ ނެޓްވޯކް އޮންނަ ގޮތުން ބައެއް ތަންތަނަށް ފޮނުވައިގެން ކަރަންޓް ދެވޭނީ. އެތަނުގައި ބޭނުންކުރާ ސުވިޗް ގިއަރަކީ ވަރަށް ދުވަސްވީ އެއްޗެއް. އެއީ ބަދަލުކުރަން ޖެހިފައި އެއްޗެއް. ދުވަސްވީމަ ކޮންޑިޝަން އެހާ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާލެއިން ކަރަންޓު ކެނޑިގެންދިޔަ ނުދޭން ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރިކަން ސްޓެލްކޯއިން ގަބޫލުކުރެ އެވެ. އަދި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިކަހަލަ ކަމެއް ދިމާވިޔަ ނުދޭން އަޅުގަނޑުމެންގެ ސިސްޓަމްތައް ހަރުދަނާކުރުމާއި ކޭބަލްތައް އެޅުމާއި ޓްރާންސްފޯމަރުތައް އަޕްގްރޭޑްކުރުން ކަހަލަ މަސައްކަތްތައް މިދަނީ ކުރަމުން. މީގެ އެންމެ ބޮޑު ހައްލެއް އަންނާނީ ހުޅުމާލެ އާއި މާލެއާ ގުޅުވާލާ ނިމުނީމަ. އަންނަ އަހަރު އެ ޕްރޮޖެކްޓް ނިމޭނެ. އޭރުން މި މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ،" ޗައިނާގެ ޑޮންފެންއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއަށް އިޝާރާތްކުރައްވައި ރައޫފް ވިދާޅުވި އެވެ.

ކަރަންޓާ ނުލައި އެހެން އެއްވެސް ހިދުމަތެއް ނުދެވެ އެވެ. އެހެންވެ ކަރަންޓު ފެއިލްވެ މާ ގިނައިރުވެއްޖެ ނަމަ އެހެން ހިދުމަތްތައް ބެކަޕް ޕްލޭނެއް ނެތި ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މާލެއިން އިއްޔެ ކަރަންޓް ދިއުމާއެކު އިންޓަނެޓަށް ބުރޫ އަރައި، އަދި އޭގެ އިރުކޮޅެއްފަހުން މޮބައިލް ފޯނުގެ ހިދުމަތް ވެސް މުޅިންހެން ހުއްޓުމަކަށް އައެވެ. ޚާއްސަކޮށް ދިރާގުގެ ގުޅުންތަކަށެވެ.

މާލޭގެ އަމީނީ މަގުގައި ހުންނަ ދިރާގުގެ މައި އޮފީސް: ކަރަންޓު ކެނޑުމުން މުއާސަލާތީ ހިދުމަތްތަކަށް ވެސް ބުރޫއަރާ. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/ މިހާރު

އެ މައްސަލައާ ބެހޭ ގޮތުން ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ އެ ކުންފުނީގެ ބެކަޕް އެކި ދިމާދިމާގައި ހިފަހައްޓާނީ އެކި ވަރަށް ކަމަށެވެ. އަދި މާލޭގެ ބޮޑު ބަޔަކުން މޮބައިލް ފޯނާއި އިންޓަނެޓް ކެނޑިގެންދިޔައީ ކަރަންޓު ނެތި މާގިނައިރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ހުރި ހުރިހާ ސައިޓްތަކަށް ވެސް ޕަވާ ބޭނުންވާނެ. އޭގެފަހުން ބެކަޕުން ބޭނުންކުރާނީ. ވަކި ވަރަކަށް ބެކަޕް ވެސް ހިފަހައްޓާނީ. އެހެންވެ ބޭސްޓޭޝަންތަކުން ޕަވާ ދިއުމުން ހިދުމަތް މެދުކެނޑުނީ. ދިރާގުގައި ހުންނާނެ ބެކަޕް ޖަނަރޭޓަރު ވެސް ސިސްޓަމްތަކަށް ކަރަންޓް ދޭން،" މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް މެދުކެނޑުނީ ސިސްޓަމްތަކަށް ބާރުބޮޑުވެގެން ނޫން ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ހާލަތު ވަކިން ގޯސް

މާލޭގައި ފެނުގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ފެން ޕްލާންޓަކަށް ކަރަންޓް ދޭން ބޭނުންކުރާ ޕެނަލެއްގައި ރޯވެ މުޅިން މާލެއިން ފެނުގެ ހިދުމަތް ހަފުތާއެއްހާ ދުވަހަށް މެދުކެނޑިގެން ރައްޔިތުން އުޅެން ޖެހުނު ހާލު ހަނދާން ނުނެތެނީސް އިއްޔެ ވެސް ސަލާމަތްވީ ހަމަކިރިޔާ އެވެ. މެންދުުރުގެ އެންމެ ހޫނުގަދަ ވަގުތު މުޅި މާލެއިން ކަރަންޓާއި ފެން އެއްކޮށް ކެނޑުނުއިރު އެމްޑަބްލިއުއެސްސީގެ ބެކަޕް ޖަނަރޭޓެއް ބޭނުމެއްނުކުރެ އެވެ. އެކަން އެ ކުންފުނިން ޓުވިޓާ މެދުވެރިކޮށް ދިން މެސެޖުން ވެސް އެނގެ އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "މާލެއިން ކަރަންޓް ކެނޑުމާ ގުޅިގެން ބައެއް ސަރަހައްދުތަކަށް ފެން ނުލިބުމާއި އަދި ޕްރެޝަރުގައި ފެން ނުލިބުމުގެ މައްސަލަ ދިމާވެދާނެ" ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ފެނާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު (މ) އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު.

އެމްޑަބްލިއުއެސްސީން ކުރި ޓުވީޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޓުވިޓާގައި އެ ކުންފުންޏަށް ޝަކުވާ އޮއްސާލި އެވެ. އެއް ބަޔަކު ބުނީ އެއީ އެމްޑަބްލިއުއެސްސީ ލަދުގަންނަން ޖެހޭ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ 2015 ވަނަ އަހަރު ދިމާވި ހާދިސާއާ ގުޅިގެން ހުޅުވި ފަންޑަށް އެކި ފަރާތްތަކުން ޖަމާކުރި އެތައް މިލިއަން ރުފިޔާ އަށް ހެދި ގޮތެއް ނޭނގުމާއި، އެ ފަހަރު ދިމާވި ކަންތައްތަކުން ލިބުނު ފިލާވަޅެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެން ހެޔޮހިތުން ދިން ލާރިކޮޅަށް ވެސް ވީއެއް ނުވީއެއް ނޭނގެ. އަޅުގަނޑުމެން އެ ފައިސާ ދިނީ އޭރު ދިމާވި ކަހަލަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އެހީތެރިވުމުގެ ގޮތުން،" އާއްމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މާލޭގެ ރައްޔިތުން، 2014 ވަނަ އަހަރު ފެނަށް ޖެހުމާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އުފެއްދި މާލޭ ވޯޓާ ކްރައިސިސް ފަންޑަށް ލިބުނު 107 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ވީ ގޮތް ސާފުކޮށްދޭން އަންނަނީ ގޮވާލަމުންނެވެ. ސަރުކާރުން ހުޅުވި އެ ފަންޑަށް ލިބުނު ފައިސާއިން އެމްޑަބްލިއުއެސްސީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރި ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން އެމްޑަބްލިޔުއެސްސީގެ ބަހެއް ނުލިބެ އެވެ. މި ފަންޑުގެ ތަފުސީލު ދޭނެ ބަޔަކު މި ގައުމުގައި ނެތް ފަދަ އެވެ. ފެނުގެ މައްސަލަ ހައްލު ކުރުމަށް އެ ފަންޑުން ހަރަދުކުރި ގޮތް އެނގޭ ބަޔަކު ނެތެވެ.

ކަރަންޓާއި ފެން އަދި މުއާސަލާތީ ހިދުމަތް އެންމެ ހިނދުކޮޅަކަށް މެދުކެނޑިގެންދިއުމަކީ އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެ ހިދުމަތްތައް ދޭ ކުންފުނިތަކުން އެއަށްވުރެ ހުށިޔާވުރެ، ރޭވުންތެރިވާން ޖެހެ އެވެ. އިއްޔެ ގައުމަށް އަނެއްކާ ވެސް ދިން ނަސޭހަތަކީ، ކޮންމެވެސް ވަރެއްގެ ސިސްޓަމްތަކެއް ހުއްޓަސް، އެކަށީގެންވާ ބެކަޕް ނިޒާމެއް އަދިވެސް ނެތް ކަމެވެ. ހަގީގަތަކީ، އަދިވެސް ވެރިރަށް އޮތީ ކަނު އަނދިރީގެ ތެރެއަށް ހިނގައިދާނެ ކަމުގެ ހާލަތެއްގައި ކަމެވެ.