އާދައިގެ ރޯގާ ކުއްލިއަކަށް ނުރައްކާވެ ހުސް ޝަކުވާ

އިއްޔެ ރޭ އިރާކޮޅުން ފެށިގެން ފެތުރެން ފެށީ ރާއްޖޭގައި އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިގެން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަ ވާހަކަ އެވެ. މި އަޑުތަކާ އެކު އާންމުންގެ ކަންބޮޑުވުން އިތުރުވެ ނޫސްވެރިން މަސައްކަތް ފެށީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހޮސްޕިޓަލްތަކަށް ގުޅައިގެން ހަގީގަތް ހޯދާށެވެ؛ މައުލޫމާތެއް ނުލިބުނެވެ. ރަސްމީ އެއްވެސް ފަރާތަކުން މައުލޫމާތު ނުލިބުމުން، ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި މިކަމާ ބެހޭ ގޮތުން އެކި ގޮތްގޮތަށް މައުލޫމާތު ފަތުރާފައި ވަނިކޮށް ދަންވަރުގެ ވަގުތެއްގައި އެޗްޕީއޭއިން އިނގިރޭސި ބަހުން ސޯޝަލް މީޑިއާގައި ބަޔާނެއް އާންމުކޮށް "ޖަވާބުދާރީ" ވި އެވެ. ފެތުރެނީ އާދައިގެ ރޯގާއެއް ކަމަށް ބުންޏެވެ. ބިރު ނުގަންނާށޭ ބުންޏެވެ.


އެކަމަކު ނޫސްތަކަށް އައީ "ބްރޭކިން ނިއުސް" އެކެވެ. ރާއްޖެއިން އެޗް1އެން1 އަލަށް ފެނުނީ އެވެ. އެއީ އަލަކަށް ނޫނެވެ. ވާނީ އެހެންނެވެ. މިއީ ރާއްޖޭގައި ކިހާ އާންމު ވައިރަހެއްކަން އެޗްޕީއޭއަށް އެނގުނަސް އާންމުންނަކަށް ނޭނގެ އެވެ. މީޑިއާއަކަށް ވެސް ނޭނގެ އެވެ. އެއީ ބޮޑު ސިއްރެކެވެ. މުޅި ދުނިޔޭގައި 2009 ވަނަ އަހަރު ފެތުރުނު "ނުރައްކާ" ކަމަށް ބުނި ވައިރަސް ރާއްޖޭގައި އުޅޭކަން އަލަށް އެނގުމުން އެ ވާހަކަ މީޑިއާތަކަށް އައީ ވަރަށް ބޮޑުކޮށެވެ. އެ ހިސާބުން ގޯސްވީ މީޑިއާ އެވެ. ތެޅިގަތީ އާންމުންނެވެ. މިވަރުގެ ކަމެއް އުޅޭއިރު ސިއްރު ކުރުމުގެ ޝަކުވާ އަންނަން ފެށި އެވެ.

އެޗްޕީއޭ އިން މިކަމާ ގުޅިގެން ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި ވެސް މީޑިއާއަށް ބަސްތައް އަމާޒުވި އެވެ. އާންމުން ބިރުގަންނަ ގޮތަށް މައުލޫމާތު ނުފަތުރަން އެދުނެވެ. ޓެކްނިކަލް ފިލާވަޅުތައް ވެސް ނަގައިދިނެވެ. ބިރުގަންނަންވީ ނޫން ކަމަށާއި ރައްކާތެރިވާންވީ ކަމަށް ބުންޏެވެ. އެޗްޕީއޭއިން ދަންވަރު ނެރުނު ބަޔާނުގައި ބުނިހެން، މިއީ އާދައިގެ ރޯގާއެއް ކަމަށާއި ކަންބޮޑުވާން ނުޖެހޭ ކަމަށް ބުންޏެވެ. ސްކޫލްތައް ބަންދުކުރާ ހިސާބަށް ހާލަތު ގޯސް ނުވާ ކަމަށް ވެސް ބުންޏެވެ. އާންމުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅޭ ނަމަ ސްކޫލް ބަންދުކުރުމަކީ ބޭކާރު ކަމެކޭ ވެސް ބުންޏެވެ. އެކަމަކު އޭރުން ފެށިގެން އާންމުންގެ ޝަކުވާތައް އޮތީ ބޮޑުވެފަ އެވެ. އާންމުންނަށް އެނގެން ޖެހޭ މައުލޫމާތެއް ސިއްރުކުރާ ކަމުގެ ތުހުމަތާއި ސީރިއަސް ކަމެއްގައި، މާބޮޑަށް އަޅާނުލައި ތިބި ކަމުގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ.

އާންމުންގެ ޝަކުވާތައް އެޗްޕީއޭ އާއި ޑޮކްޓަރުންނަށް އަމާޒުކުރި ނޫސްވެރިން ފުރަތަމަ ނޫސް ކޮންފަރެންސް ނިންމާފައި އެނބުރި ދިޔައީ ކަމަކަށް ނުވާ ކަމެއް މާބޮޑުކޮށްލެވުނު ކަމުގެ އިހްސާސާ އެކު އިސްދަށަށް ޖަހާލައިގެން ތިބެ، އަހަރެމެން ހާދަ މޮޔައޭ ކިޔަމުންނެވެ. އެކަމަކު ރޭގެ ވަގުތެއްގައި ކުއްލި ނޫސް ކޮންފަރެންސެއް ބާއްވައި، ހެނދުނު ދެއްކި ހުރިހާ ވާހަކައެއް އަނެއްކޮޅަށް ޖެހި އެވެ. އާންމުންގެ ފާޑުކިޔުންތައް އަނެއްކާވެސް ވީ އިތުރެވެ.

"ހެނދުނު އޮތީ ކަންބޮޑުވާންޖެހޭ ހާލަތަކު ނޫން. މިރޭ ކިހިނެއް މި ވީ. ހާދަ ބޮޑު ކަމެކޭ އަހަރެމެންނަށް ނޭނގި މި އޮތީ،" އެޗްޕީއޭގެ ނޫސް ކޮންފަރެންސް ޓީވީން ދެއްކި ވަގުތު ފޯނުކުރި މީހަކު ރުޅިގަނޑު ބޭލި އެވެ.

އެޗްޕީއޭ އިން އިއްޔެ ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑޮކްޓަރު އަބްދުﷲ ނިޔާފް ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެންމެ ފުރަތަމަ ދެއްކި ވާހަކަތައް ބަދަލުކުރަން ޖެހުނު ސަބަބެއް ކަމަށް ބުނީ އާ ސާމްޕަލްތަކުގެ ނަތީޖާ އެވެ. ޕޮޒިޓިވް ކޭސްތައް ފެނުން އިތުރުވެ، ކުރިން މަރުވި މީހެއްގެ ސާމްޕަލް ވެސް ޕޮޒިޓިވް ކަމަށް ދެއްކުމެވެ. މާބަނޑު މީހަކަށް ވެސް ބަލި ޖެހި ހާލު ދެރަވީ އެވެ. މާބަނޑު އެހެން މީހަކު ވެސް ބައްޔަށް ޝައްކުވާތީ ޓެސްޓްކުރަނީ އެވެ. އޭނާގެ ހާލު ވެސް ދެރަ އެވެ.

ޕްރެސް ކޮންފަރެންސްގައި މައުލޫމާތު ދެއްވި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ޕްރެސްއަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލަށް ލިބުނު މައޫލޫމާތަށް ބަލައި ހާލަތު ބަދަލު ނުކޮށް ތިބުމަކީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ. އަދި މިހާރު ކަނޑައަޅާފައިވާ ލެވަލް އަކީ މިހާރުގެ ހާލަތާ އެކަށީގެންވާ ވަރުގެ ލެވަލްއެއް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާފް ވިދާޅުވެފައިވެ އެވެ.

ޑރ. ނިޔާފްގެ ޓްވީޓް

އެހެން ޓްވީޓެއްގައި އޭނާ ވިދާޅުވީ އިއްޔެ ހެނދުނު ނެރުނު ބަޔާން ވެސް އަދި ފަހުގެ ބަޔާން ވެސް ބިނާކޮށްފައި ވާނީ އެ ވަގުތަކަށް ލިބެން ހުރި މައުލޫމާތަށް ބިނާކޮށްފައި ކަމަށާއި އެކަމުގައި އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، އިންފްލުއެންޒާއަށް ޓެސްޓްކުރުމުގެ ނިޒާމު ރާއްޖޭގައި 2015 ވަނަ އަހަރު ގާއިމުކޮށް މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 475 މީހަކު ޓެސްޓްކޮށް، ފެނިފައި ވަނީ އެޗް1އެން1 ހުރި އެންމެ 16 މީހެކެވެ. އިއްޔެ ހެނދުނު ބުނީ 208 މީހަކު ޓެސްޓްކުރި އިރު ވައިރަސް ފެނުނީ 27 މީހެއްގެ ހަށިގަނޑުން ކަމަށެވެ. އެކަމަކު އޭރުވެސް އިތުރު ސާމްޕަލްތައް ދިޔައީ ޓެސްޓް ކުރަމުންނެވެ. އަލަށް ލިބުނު ނަތީޖާތަކާ އެކު މި އަހަރުގެ މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ފަހުން ބުންޏެވެ.

ޓެސްޓްކުރި ސާމްޕަލްތަކުން އެޗް1އެން1 އަށް ޕޮޒިޓިވްވި ނިސްބަތް 3.4 ޕަސެންޓުން 20.3 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

އެންމެ ގިނަ ބައެއްގެ ޝަކުވާއަކަށްވީ، އެޗް1އެން1 ޖެހޭ މީހުންގެ އަދަދު ޖެނުއަރީ މަހުން ފެށިގެން ކުއްލިއަކަށް އިތުރުވާން ފަށާފައިވާކަން އެނގޭއިރު ވެސް އަޅާނުލައި، އެކަން ސިއްރުކޮށްގެން ތިބުމެވެ. ރޯގާއެއް އެބަ އުޅެޔޭ ސަމާލުވާށޭ ބުނެ އެޗްޕީއޭއިން ބަޔާނެއް ނެރުނަސް، އެޗް1އެން1 އުޅޭކަން އާންމުންނަށް އޮތީ ސިއްރުވެފަ އެވެ. މި ޝަކުވާއަށް ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ ޖަވާބު ދެއްވަމުން ވިދާޅުވީ މިއީ އެހެން ގައުމުތަކުން ވެސް އުޅޭ ބައްޔަކަށް ވެފައި ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނާތީ އެހާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދެވި އޮތީ ކަމަށެވެ.

ނަމަވެސް މި އަހަރު ފެށުނީންސުރެ އެޗް1އެން1ގެ ކޭސްތައް ފެނުން އާދަޔާ ހިލާފަށް އިތުރުވަމުން އަންނަކަން އޮތީ އެނގޭށެވެ. އެއީ އަހަންމިއްޔަތު ކަމެއް ދޭ ވަރުގެ ކަމަކަށް ނުވީ ކީއްވެތޯ ސުވާލުކުރާ މީހުން ގިނަ އެވެ.

ސްވައިން ފްލޫގެ ވައިރަސް

"އާންމު ސިއްހަތާ ގުޅުން ހުރި މިކަހަލަ ކަންކަން ސިއްރުކުރީމަ ވާނެ ގޮތް މިއީ. މި ބަލި އުޅޭކަން ކުރިން ވެސް ބުނެ އާންމުން ހޭލުންތެރި ކުރުވި ނަމަ މިއަށް ވުރެ ހާސްކަން ކުޑަވެ ބަލި ކޮންޓްރޯލް ކުރެވުނީސް،" ދެ ކުދިންގެ މަންމަޔަކު ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުން ލިޔެފައިވެ އެވެ.

ރާއްޖޭގައި ކަމެއް ބޮޑުވި ކަމަށް ވާނީ އެކަމެއްގައި ބަޔަކު މަރުވެގެން ދިއުމުން ކަމަށް އޭނާ ލިޔެފައިވެ އެވެ.

ހިތްހަމަނުޖެހުންތައް ސިޔާސީ ވެސް ވީ އެވެ. މިއީ އާދައިގެ ރޯގާއެއް ކަމަށް ބުނަމުން އައީ ސައޫދީ ރަސްގެފާނު ރާއްޖެއަށް ވަޑައިގަތުމާ ދިމާކޮށް ކަންބޮޑުވުމެއް އުފެދިދާނެތީ ކަމަށް އެއްބަޔަކު ކިޔަ އެވެ. އޭގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ރަސްގެފާނުގެ ދަތުރު "ފަނިކޮށްލަން" ސަރުކާރާ ދެކޮޅު މީހުން މި ރޯގާގެ ވާހަކަ މާ ބޮޑުކުރާ ކަމުގެ ތުހުމަތެވެ.

ރޯގާގެ ހާލަތު 12 ގަޑިއިރު ތެރޭގައި އަނެއްކޮޅަށް ޖެހިގެން ދިޔައީ ކަމެއް ސިއްރުކުރަން އުޅެން ހަދައިގެން ހެއްޔެވެ؟ ފަހަރެއްގައި އެހެން ނުވެދާނެ އެވެ. އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ބަލިމަޑުކަމެއްގެ ވާހަކަ ދައްކާއިރު ހަމަ ކޮންމެ ވަގުތެއްގައި ވެސް ހާލަތު ބަދަލުވެދާނެ ކަމުގެ އިންޒާރު އާންމުންނަށް ދޭންޖެހޭނެ އެވެ. ބަލީގެ ހާލަތު ކަމާބެހޭ އިދާރާތަކަށް ވެސް ވަޒަން ނުކުރެވި އުޅެނިކޮށް މިއީ ނުރައްކަލެއް ނެތް، ކޮންޓްރޯލް ކުރެވިފައިވާ ކަމެއްގެ ގޮތުގައި ވިސްނައިދޭން އުޅެނިކޮށް ކަންކަން ކޮންޓްރޯލުން ނެއްޓިއްޖެ ނަމަ މަންޒަރު ބަދަލުވާނީ ބަސް ބުނާ ހިނދުންނެވެ.