ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުން: ކޮރަޕްޝަން ހުއްޓުވުމުގެ ކުރު މަގު

ދައުލަތުގެ މަގާމުތައް ނުވަތަ ވަޒީފާތައް އަދާކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލު ވެގެންދަނީ "މިލިއަނަރަކަ"ށެވެ. މިލްކިއްޔާތުގައި އެއްވެސް އެއްޗެއް ނެތް އެތައް ބަޔަކު ބޮޑެތި ވިޔަފާރިތައް ފަށައި، މުއްސަނދިންނަށް ބަދަލުވެގެން އެދަނީ އެވެ. އެއީ ކިހިނެއް، ކޮން ތަނަކުން ލިބުނު އެއްޗެއް ކަމާ މެދު ހިތާހިތާ ސުވާލުކޮށްލަ ކޮށްލާ ތިބެން ޖެހުން ފިޔަވައި ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އެ މީހުން ޖަވާބުދާރީ ކުރުވަން ކުރެވޭނެ ކަމެއް ވެސް ނެތެވެ.


ރާއްޖޭގައި ވެސް ކޮރަޕްޝަންގެ ކުށްތައް ހިމެނެނީ ޖިނާއީ ކުށްތަކުގެ ތެރޭގަ އެވެ. އެކަމަކު ކޮރަޕްޝަން ހިންގާ މީހުން އެ އަމަލު ހިންގަނީ އެއްވެސް ޖެހިލުމެއް ނެތި އެވެ. ރާއްޖޭގައި ކޮރަޕްޝަން ބޮޑުވަމުން ދިޔަޔަސް ދައުވާ ކުރަނީ ނިސްބަތުން މަދު ބައެއްގެ މައްޗަށެވެ. އަދި ދައުވާ އުފުލާ މީހުންގެ ތެރެއިން ވެސް ސާބިތުވެ، އަދަބު ލިބެނީ ވަރަށް މަދު ބަޔަކަށެވެ. އެކަން އެގޮތަށް ދިމާވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ހޯދަން، މިހާރު އޮންނަ ގޮތުން، އުނދަގޫވުމެވެ.

މިއީ ރާއްޖެ ނޫނަސް ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ބޮޑު ވަބާއެކެވެ. މީގެ ސަބަބުން ތަރައްގީއަށާއި ގައުމުގެ ކުރިއެރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، އެތައް ބައެއްގެ ހައްގު ގެއްލިގެންދެ އެވެ. މިކަން ހުއްޓުވައި، ކޮރަޕްޝަން އަމަލުތައް ހިންގާ މީހުން ޖަވާބުދާރީ ކުރުވަން ތަރަައްގީ ގައުމުތަކުގައި ބޭނުންކުރާ ނިޒާމެއް އޮވެ އެވެ. އެއީ ދައުލަތުގެ މަގާމުތައް އަދާކުރާ މީހުންނާއި ދައުލަތުގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާ މީހުން، ޖަވާބުދާރީ ނުވެވޭ ފަދަ ގޮތުގައި ހޯދާ މުދާވެރިކަމާއި މުއްސަނދިކަން ނުވަތަ ނުހައްގު މުއްސަނދިކަން އެއީ ކުށެއް ކަމަށް ކަނޑައެޅުމެވެ.

ނުހައްގު މުއްސަނދިކަން ނުވަތަ (އިލިސިޓް އެންރިޗްމަންޓް) އަކީ ކުށެއް ކަމަށް ހެދުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އދ. ގެ ބައިނަލްއަގްވާމީ މުއާހަދާ ކަމަށްވާ "ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން" އިން ވެސް ބާރުއަޅާ ކަމެކެވެ. ރާއްޖެއިން ވެސް ބައިވެރިވެފައިވާ އެ މުއާހަދާގައި ނުހައްގު މުއްސަނދިކަން މާނަކޮށްފައިވަނީ "ދައުލަތުގެ މުވައްޒަފުންނަށް އެ ފަރާތްތަކުގެ ގާނޫނީ އާމްދަނީއާ އަޅާބަލާއިރު، ޖަވާބުދާރީ ނުވެވޭ ފަދަ ގޮތަކަށް ލިބިފައިވާ މުއްސަނދިކަމާއި މުދާވެރިކަމެވެ،" މިހެންނެވެ.

ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި އޮންނަ ގައުމުތަކުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މި ކުށް އޮންނަނީ ވަކި ކުށެއްގެ ގޮތުގައި އަދި ތަފާތު އުސޫލަކުން ސާބިތުކުރެވޭ ގޮތަށެވެ. މިއީ މި ކުށުގެ އެންމެ ޚާއްސަ ސިފަ އެވެ. އާންމު އުސޫލުން ޖިނާއީ ދައުވާތައް ސާބިތުކޮށް ދިނުމުގެ ބުރަ (ބާޑަން އޮފް ޕްރޫފް) އުފުލުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވިޔަސް، ކުރިން މި ފާހަގަކުރި ގައުމުތަކުގައި ސާބިތުކޮށް ދިނުމުގެ އެ ބުރަ އޮންނަނީ ދައުވާ ލިބޭ ނުވަތަ ތުހުމަތުކުރެވޭ ފަރާތުން އުފުލަން ޖެހޭ ގޮތަށެވެ.

މާނައަކީ ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވި، ދައުވާ އުފުލައިފި ނަމަ ދައުލަތުން ކޯޓުގައި ސާބިތުކޮށް ދޭން ޖެހޭނީ އެ މީހާ އަދާކުރާ ވަޒީފާ އާއި ލިބޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް އޭނާއަށް ލިބިފައިވާ ކަން އެކަނި ކަމެވެ. އެ މުއްސަނދި ކަމަކީ ކޮރަޕްޝަންގެ އަމަލަކުން ހޯދި ނުވަތަ ލިބުނު އެއްޗެއް ކަން ދައުލަތުން ސާބިތު ކޮށްދޭކަށް ނުޖެހޭނެ އެވެ.

އާމްދަނީއާ ނުބައްދަލު މުއްސަނދި ކަމެއް އެ މީހަކަށް ލިބިފައިވާ ކަން ދައުލަތުން ސާބިތުކޮށް ދިނުމުން، އެ މުދަލާއި ފައިސާއަކީ ރަނގަޅު ނުވަތަ ހަލާލު ގޮތުގައި ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހެނީ ތުހުމަތު ކުރެވޭ ފަރާތުންނެވެ. އެކަން އެ މީހަކަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މީހާ ކުށްވެރިވީ އެވެ. އޭރުން އެ މުދަލެއް ނުވަތަ ފައިސާއަކީ ނުހައްގު ގޮތެއްގައި ހޯދާފައިވާ އެއްޗެހި ކަމަށް ކަނޑައަޅައި، އެ ތަކެތި ދައުލަތަށް ނަގާނެ އެވެ. ނުވަތަ ކުށްވެރިވި މީހާ ޖަލަށް ލައި، ޖޫރިމަނާތައް ކުރާނެ އެވެ.

ޕާކިސްތާނާއި ހޮންކޮންގާއި އާޖެންޓީނާ އާއި ފްރާންސާއި ގްރީސް އާއި ކޮލަމްބިއާ އާއި ޗިލީ އާއި ކޮސްޓަރިކާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި ނުހައްގު މުއްސަނދިކަން ސާބިތުކޮށްދޭން މިދެންނެވި އުސޫލު ބޭނުންކުރެ އެވެ. ކޮރަޕްޝަނާ ދެކޮޅު ހަނގުރާމާގައި އެންމެ ކާމިޔާބީ މި ނިޒާމު ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޕާކިސްތާނުގައި ނުހައްގު މުއްސަނދިކަން ހޯދި ކަމަށް ތުހުމަތު ކުރެވިގެން 280 މައްސަލައެއްގައި ދައުވާކޮށް، އޭގެ ތެރެއިން 127 މައްސަލަ ކާމިޔާބުވި އެވެ. ގްރީސްގެ ކުރީގެ ޑިފެންސް މިނިސްޓަރަކު އޭނާގެ އާމްދަނީއާ ނުބައްދަލު، އަގުބޮޑު ގެއެއް ބައްލައިގަތް މައްސަލާގައި އޭނާއާ ދެކޮޅަށް ދައުވާ ކުރުމުން އެ މައްސަލަ ކާމިޔާބުވި އެވެ.

މި ނޫނަސް އެހެން ބައެއް ގައުމުތަކުގައި ވެސް ނުހައްގު މުއްސަނދިކަމަކީ ކުށެކެވެ. އެހެނަސް އެ ގައުމުތަކުގައި އެ ކުށް އޮންނަނީ ޖިނާއީ ދައުވާތައް ސާބިތުކުރާ އާންމު އުސޫލުން ސާބިތުކުރާ ގޮތަށެވެ. އެހެންވެ، އެންމެ ފުރިހަމަ ގޮތުގައި އޭގެ ނަތީޖާ ނުފެނެ އެވެ.

ޖިނާއީ އިޖްރާއަތުގެ އާންމު އުސޫލުތަކާ ތަފާތުކޮށް، ނުހައްގު މުއްސަނދިކަމުގެ ކުށް ސާބިތުކުރުން މި އޮންނަނީ ވެސް މުހިންމު ސަބަބުތަކަށްޓަކަ އެވެ. ކުރިން ވެސް ފާހަގަކުރިހެން، އާންމު އުސޫލުން ޖިނާއީ ކޮންމެ ދައުވާއަކީ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް (ބިއޯންޑް އަ ރީޒަނަބްލް ޑައުޓް) ދައުލަތުން ސާބިތު ކޮށްދޭން ޖެހޭ ކުށެކެވެ. އެހާ ބުރަ ނުވަތަ ވަރުގަދަ މިންގަނޑަކުން ކުށް ސާބިތުކޮށް ދޭން ޖެހޭއިރު، ނުހައްގު މުއްސަނދިކަން ސާބިތުކޮށް ދިނުމުގެ އެ ބުރަ ދައުލަތުން އުފުލަން ޖެހޭ ނަމަ އެ ކުށް ސާބިތު ކުރުމަކީ ޔަގީނުން ވެސް ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ އެއީ މުސްތަޙީލް (އިމްޕޮސިބްލް) ކަމެކެވެ. އެހެނީ، ކޮރަޕްޝަން ފަދަ ކުށްތަކަކީ މަދު ބައެއްގެ މެދުގައި ރޭވިގެން، ސިއްރުވެރި ގޮތެއްގައި ހިންގާ ކުށުގެ އަމަލުތަކަކަށް ވުމެވެ. އަދި އެފަދަ މައްސަލައެއް ހެކިންގެ ގޮތުގައި އާންމު ގޮތެއްގައި ތިބޭނީ އެ ކުށުގެ އަމަލުގައި ކޮންމެވެސް ގޮތަކަށް ބައިވެރިވެފައި ތިބޭ ބަޔަކަށް ވުމުން އެފަދަ ބައެއްގެ ހެކިބަހަށް ބިނާކޮށް "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް" ކުށް ސާބިތުކޮށް ދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

މި ދެންނެވިހެން ޖިނާއީ އިޖްރާއަތުގެ އުސޫލާ ތަފާތުކޮށް، ނުހައްގު މުއްސަނދިކަމުގެ ކުށް ސާބިތުކުރެވޭ ގޮތަށް އޮންނަނީ ކޮރަޕްޝަން ކުށްތައް ހިންގާ ގޮތުން، އެ ކުށުގެ ހުރިހާ ރުކުނެއް ދައުލަތުން ސާބިތުކޮށްދޭން އުނދަގޫ ވާނެތީ އާއި އެ ކުށުގެ ތުހުމަތުކުރެވޭ މީހާ ޖަވާބުދާރީ ކުރުވޭނެ ފަދަ ގޮތެއް ހެދުމަށެވެ.

އެކަމަކު މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. އެގޮތުން ބައެއް ގައުމުތަކުން ގަބޫލުކުރަނީ އެ އުސޫލު އިންސާނީ ހައްގުތަކާ ފުށުއަރާ ކަމަށެވެ. އެހެންކަމުން އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި އުޅޭ ބައެއް މީހުންގެ މެދުގައި ކަންބޮޑުވުން އެބަ އުޅެ އެވެ.

އޭސީސީގެ މެމްބަރުން: ކޮރަޕްޝަންގެ މައްސަލަތަކުގައި އެންމެ އުނދަގޫ ކަމަކީ ހެކި ހޯދުން ކަމަށް އެ ކޮމިޝަނުން ބުނޭ --ފޮޓޯ/މިހާރު

މީހަކު ކުށެއް ކުރިކަން ދައުލަތުން ސާބިތުކޮށް ނުދޭހާ ހިނދަކު ކޮންމެ މީހަކީ ވެސް މައުސޫމް މީހެއް ކަމަށް ބެލުމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގެކެވެ. ނުހައްގު މުއްސަނދިކަމުގެ ކުށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަކީ މި ހައްގާ ކޮންމެވެސް މިންވަރަކަށް ފުށުއަރާ އުސޫލެއް ކަމަށް ދެކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ. ސަބަބަކީ ދައުވާ ސާބިތުކޮށް ދިނުމުގައި ދައުލަތުން އުފުލަން ޖެހޭ ބުރަ ވަކި ހިސާބަކުން، ތުހުމަތުކުރެވޭ ފަރާތުން އުފުލަން ޖެހޭ ގޮތަށް އޮތުމުންނެވެ. ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހަދަން ބައެއް ގައުމުތަކުން އަދިވެސް ދެކޮޅު ހަދާ އެއް ސަބަބަކީ އެއީ އެވެ.

ކޮރަޕްޝަނާ ދެކޮޅު އދ.ގެ މުއާހަދާގައި ނުހައްގު މުއްސަނދި ކަމަކީ ކުށެއް ކަމަށް ހިމެނިއިރު ވެސް ގައުމުތަކުގައި މެދުގައި ވަރަށް ބޮޑަށް ބަހުސް ހިނގި އެވެ. މިކަމަށް ތާއީދުކުރާ، ކޮރަޕްޝަނާ ދެކޮޅު ޖަމާއަތްތަކުން ބުނާ ގޮތުން ކޮރަޕްޝަންގެ ސަބަބުން ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ލިބެމުންދާ ގެއްލުންތަކަށް ބަލާއިރު، މުޖްތަމައުގެ ހައްގުގައި އެކަން އެގޮތަށް އޮތުން މުހިންމެވެ.

ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޮޅަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދެކޭ ގޮތުގައި ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުމަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އެޅޭ ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނެ އެވެ. އެކަން ކުށެއްގެ ގޮތުގައި ހިމެނުމާ އެކު، ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ ބަޔާންތައް އާންމު ކުރަން ޖެހޭ ގޮތަށް ނުވަތަ ފަސޭހައިން ލިބޭ ގޮތަށް ހަމަޖައްސަން ޖެހޭ ކަމަށް އެ ޖަމްއިއްޔާއިން ދެކެ އެވެ. ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ބޭއްވުމުގެ އަސްލު ނަތީޖާ ފެންނާނީ އޭރުންނެވެ.

"މިހާރު މަޖިލީހުގެ މެމްބަރުން ވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭ. އެކަމަކު މެމްބަރުން އެ ބަޔާން ހުށަހަޅަން މި ޖެހެނީ މަޖިލީހުގެ އަމީންއާންމަށް. އެ ހިސާބުން ފައިލްކޮށްފައި އެ ބަޔާންތައް މި ބަހައްޓަނީ. އެ ބަޔާން ބަލަން ބޭނުންވިޔަސް އެކަން ކުރަން އެހާ ފަސޭހައެއް ނޫން،" ޓްރާންސްޕޭރެންސީ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓާ އާހިދު ރަޝީދު ވިދާޅުވި އެވެ.

ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުމުން އިންސާނީ ހައްގެއް ގެއްލިގެންދާ ކަމަށް ހިއުމަން ރައިޓްސް އެކްޓިވިސްޓުން ދުށް ކަމަށް ވިޔަސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކަމާ އެއްބަހެއް ނުވެ އެވެ. ނުހައްގު މުއްސަނދިކަން ސާބިތުކުރާ އުސޫލަކީ އިންސާނީ ހައްގުތަކާ ޚިލާފް ކަމެއް ނޫން ކަމަށް ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ މަތީ ކޯޓުން ނިންމާފައިވާތީ އެކަމުގައި އިންސާނީ ހައްގުތަކާ ޚިލާފް ކަމެއް ނެތް ކަމަށް އެ ޖަމްއިއްޔާއިން ގަބޫލުކުރެ އެވެ.

"އަސްލު ނުބައި ގޮތަކަށް މާނަކުރެވެނީ ގިނަ މީހުންނަށް އެކަން. އިލިސިޓް އެންރިޗްމަންޓްގައި ވެސް ބާޑަން އޮފް ޕްރޫފް ބަދަލުވެގެނެއް ނުދޭ ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަކަށް. އެއީ ދައުލަތުން އެބަ ސާބިތުކޮށް ދޭން ޖެހޭ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް އޭނާއަށް ލިބުނު ކަން. އެ ހިސާބުން ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ސާބިތުކޮށް ދިނުމުގެ ބުރަ މި އަންނަނީ. އަދި ތުހުމަތުކުރެވޭ ފަރާތުން އެކަން ސާބިތުކޮށްދޭން މިޖެހެނީ ވެސް މަދަނީ މައްސަލަތަކުގައި މި އޮންނަ ބޮޑަށް ބުރަވެވޭ މިންގަނޑު ފަދަ ލުއި މިންގަނޑަކުން،" އާހިދު ވިދާޅުވި އެވެ.

އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތަށް ބަލާއިރު ވެސް ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާކަށް އެއްވެސް ހުރަހެއް ނެތެވެ.

"ބައެއް ގައުމުތަކުން އެގޮތަށް ދެކޭތީ އދ. ގެ މުއާހަދާގައި ވެސް މިކަން ގައުމުތަކަށް ލާޒިމްކޮށްފައި ނުވަނީ. އެއީ އެކި ގައުމުތަކުގެ ގާނޫނު އަސާސީތަކުގައި ހުންނަ ބައެއް ތަފާތުތައް ވެސް ހުރުމާ އެކު. ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އިލިސިޓް އެންރިޗްމަންޓަކީ ޖިނާއީ ކުށަކަށް ހެދުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފް ކަމަކަށް ނުވަތަ ހިއުމަން ރައިޓްސް ވައިލޭޝަނަކަށް ވާނެ ކަމަކަށް،" އާހިދު ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ދައުލަތުގެ މުއައްސަސާ ކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަޒަރުގައި ވެސް ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވަން ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ހިމެނުމަކީ ވަރަށް މުހިންމު ކަމަކެވެ. އެކަން ކުށެއްގެ ގޮތުގައި ބޭއްވުމުން ކޮރަޕްޝަން މަދުވެ، ކޮރަޕްޝަންގެ ފައިދާ ހޯދަމުންދާ ފަރާތްތައް ޖެހިލުންވާނެ ކަމަށް އެ ކޮމިޝަނުން ދެކެ އެވެ.

"ވައިޓް ކޮލާ ކްރައިމްސްއަކީ ހެކި ހޯދަން ވަރަށް އުނދަގޫ މައްސަލަތަކެއް. ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ހިމަނައިފި ނަމަ އެ ކުށް ސާބިތުކުރަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކުރާ ކަމެއް މިއީ. ވަރަށް ބޮޑު ޕްރިވެންޝަން މަސައްކަތެއް އެއީ. ކުށެއްގެ ގޮތުގައި ހަދައިފި ނަމަ އެކަން ކުރާ މީހުން ވެސް ވިސްނާނެ އެކަންކަން ނުކުރުމަށް،" އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި އެވެ.

އޭސީސީން އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. ގާނޫނުލް އުގޫބާތު ދިރާސާ ކުރިއިރު، އެކަން ކުށެއްގެ ގޮތުގައި ހިމަނަން އޭސީސީ އިން 2014 ގައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ގާނޫނުލް އުގޫބާތު މަޖިލީހަށް ހުށަހަޅައި، ފާސްކުރިއިރު އެއީ ކުށެއް ކަމަށް ހިމަނާފައެއް ނުވެ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް އޭސީސީން ވަނީ އެ ކުށް ގާނޫނުލް އުގޫބާތުގައި ހިމަނަން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފަ އެވެ.

ރާއްޖޭގައި، ނުހައްގު މުއްސަނދިކަމުގެ ކުށާ ކިރިޔާ ވެސް އެއްގޮތް އުސޫލެއް އޮންނަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަނެވޭ މުދަލާއި ފައިސާގެ މައްސަލަތަކުގަ އެވެ. އެފަދަ މައްސަލައެއްގައި ތަހުގީގަށް ފާހަގަކުރެވޭ މުދަލާއި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ، އެ މުދަލާއި ފައިސާއަކީ ކިހިނެއް، ކޮން ގޮތަކުން ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމަކީ އޭގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް 2011 ގައި އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 155 ވަނަ މާއްދާގެ ހ. ގައި ބުނެފައިވެ އެވެ.

އެއީ ކިހިނެއް، ކޮން ގޮތަކުން ލިބުނު އެއްޗެއް ކަން އޭގެ ވެރިފަރާތަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ މުދަލެއް ނުވަތަ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މުދަލާއި ފައިސާ ކަމަށް ބަލައި، އެ އެއްޗެހި ދައުލަތަށް ނަގަން ކޯޓުން އަމުރު ކުރާނެ އެވެ. މަސްތުވާތަކެތީގެެ ބައެއް މައްސަލަތަކުގައި ރާއްޖޭގައި މި އުސޫލުގެ ދަށުން، ދައުލަތަށް މިލިއަނުން ފައިސާ ނަގާފައި އެބަ ހުއްޓެވެ. އެކަމަކު ކޮރަޕްޝަންގެ މައްސަލަތަކުގައި މި އުސޫލެއް ނޯވެ އެވެ. ކޮރަޕްޝަންގެ އަމަލުތަކުން މުއްސަނދި ވަމުންދާ މީހުންނަށް ހުޅުވިފައި އޮތް އެންމެ ބޮޑު ދޮރަކީ އެ އެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުން ކިޔަން މިޖެހެނީ ބިލިއަނުންނެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކާ ބަލާއިރު ބޮޑު އަދަދެކެވެ. އެކަން ކުރާ ބަޔަކަށް މަދު ފަހަރެއްގައި އަދަބެއް ލިބުނަސް ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ އަނބުރާ ހޯދިފައެއް ނެތެވެ. މިހާރު ގާނޫނުތައް ހުރި ގޮތުން އެއީ ކުރަން ވެސް އެހާމެ އުނދަގޫ ކަމެކެވެ. މިކަމަށް ހައްލެއް ގެނެސް، ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ފޫބައްދަން އޮތް އެންމެ ކުރު މަގަކީ ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ކަނޑައެޅުމެވެ.