މީޑިއާގެ ބެލެނިވެރިން ދިވެހި ނޫސްވެރިކަން ރަށްމެދުކޮށްފި

މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ މެއި 3 ވަނަ ދުވަހެވެ. މިއީ ނޫސްވެރިކަމުގެ ދުވަހެއް ނުވަތަ ނޫސްވެރިންގެ ދުވަހެއް ވެސް ނޫނެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.


ނަމަވެސް އެ ބުނާ މިނިވަންކަމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނޫސްވެރިކަން ކުރުމުގެ ހައްގު ކަށަވަރުކޮށްދޭ އިރު، އެ ހައްގާ ގުޅުވައިގެން މިނިވަންކަމުގެ ވާހަކަ އޮންނަނީ ކީއް ކުރަން ހެއްޔެވެ؟ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ކަށަވަރު ކޮށްދެނީ ނޫސްވެރިކަން ކުރުމުގެ ހައްގެއް ނޫނެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ހައްގެވެ.

"ބައެއް މީހުންނަށް ހީވަނީ ނޫސްވެރިކަމުގެ މިނިވަންކަމޭ ބުނީމާ އެއީ ހަމައެކަނި ނޫސްވެރިންނަށް އޮންނަ މިނިވަންކަމެއްގެ ވާހަކައޭ. އާންމު ރައްޔިތުން ވެސް އެބަ ދެނެގަންނަން ޖެހޭ ނޫސްވެރިކަމުގެ މިނިވަންކަމަކީ، އާންމު ރައްޔިތުންނަށް ލިބިގެންވާ، ކަންކަން އެނގުމުގެ ހައްގުކަން،" މީޑިއާ ކައުންސިލްގެ ފުރަތަމަ ދައުރުގެ ރައީސް މުހައްމަދު ނަޒީފް ވިދާޅުވި އެވެ.

"އެ ހައްގު ރައްޔިތުންނަށް ކަށަވަރުވެގެން މިދަނީ މިނިވަން ނޫސްވެރިކަމެއް އޮތީމާ. އެހެންވީމާ އެ މިނިވަންކަން ނެތިއްޔާ އާންމުންނަށް ލިބިގެންވާ އެ ހައްގު ކަށަވަރެއް ނުވާނެ. މުޅި މުޖްތަމައުގެ ހައްގެއްތާ ނޫސްވެރިކަމުގެ މިނިވަންކަން އޮތުމަކީ. މީޑިއާގެ މިނިވަންކަން އޮވެގެންތާ ރައްޔިތުންނަށް ކަންތައް އެނގުމުގެ ހައްގު މި ލިބެނީ. ނޭނގެނީ ކަންނޭނގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ އިރު، ތިމާމެންނަށް މި ކުރެވޭ ކަމަކީ، ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ހޯދައި ލިބިގަތުމާއި ކަންކަން އެނގުމުގެ ހައްގަށް ހުރަސްއެޅުން ކަން."

މީޑިއާ އަށް ހުރި ހުރަސްތައް ނައްތާލަން ގޮވާލައި މިދިޔަ އަހަރު ނޫސްވެރިން އިހުތިޖާޖު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ އެންމެ ފުރަތަމަ މަގްސަދެއްގެ ގޮތުގައި ވެސް ބަޔާންކޮށްފައި އޮތީ، ގާނޫނުއަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކުރުމެވެ. ބްރޯޑްކާސްޓް ކުރުމުގެ މައިދާނުގައި އިންވެސްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި އެ މައިދާނުގައި މާލީ ތަނަވަސްކަން ލިބިގަތުމަށާއި އިންސާފުވެރި، ވާދަވެރިކަމަށް ފުރުސަތު ހުޅުވައިލުމަކީ ވެސް މި ގާނޫނުގެ އެއް މަގްސަދެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގެ ވެސް ފުރަތަމަ މަގްސަދަކީ، މީޑިއާގެ މިނިވަންކަން ރާއްޖޭގައި ދެމެހެއްޓުމާއި އެ މިނިވަންކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުމެވެ. އަދި ކައުންސިލްގެ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެ މަތީން ވީހާ ވެސް ފުޅާ ދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަކީ މިދެންނެވި ދެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދެ އިދާރާއަކަށް ވިޔަސް، ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ދެކޭ ގޮތުގައި އެ ދެ ތަނުން އެ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ނޫސްވެރިކަމުގެ ވަށައިގެން ދާޖަހައި ބައްދަމުންދާ މަންޒަރެވެ.

"ކޮމިޝަނަށް ގާނޫނުން ލާޒިމްކޮށްފައިވާ ދައުރު އެ މީހުން އަމިއްލަ އަށް އަދާއެއް ނުކުރޭ. އޭގެ ބަދަލުގައި އެ މީހުން ކުރާ ކަމަކީ ބްރޯޑްކާސްޓަރުންނަށް ބިރު ދެއްކުމާއި އިންޒާރު ދިނުން. އެއަށް ވުރެ މާ ބޮޑު ޒިންމާއެއް އެބަ އޮތް އެ ކޮމިޝަންގެ ބޮލުގައި އެޅިފައި،" މީޑިއާ ކައުންސިލްގެ ތިން ވަނަ ދައުރުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވި އެވެ.

ނަޒީފް ގަބޫލުކުރައްވާ ގޮތުގައި މީޑިއާގެ ކުރިއެރުމަށް އެ ދެ އިދާރާ އިން މަސައްކަތެއް ނުކޮށް ތިބެ، މީޑިއާތައް ކުށްވެރިކޮށް އަދަބު ދިނުމުގެ ވިސްނުމެއް އިސްކޮށްގެން އުޅުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް އާސިފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ .-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ކައުންސިލް އުފެދުނު އިރު ބޮޑަށް މަސައްކަތް ކުރީ މީޑިއާތައް ނަގަހައްޓައި މީޑިއާ އަށް ފަހި މާހައުލެއް އުފައްދައިދެވޭތޯ. އެކަމަކު މިއަދު މި ފެންނަނީ އެ މާހައުލު ނުއުފެދޭ ތާނގައި އެ މުއައްސަސާ ވަޅުޖެހިގެން ގޮސްފައި ދެން އޮތް މުއައްސަސާ މާ ބޮޑަށް މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާ ތަން. ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާ ކުރާ ތަން. މިއީ ކަންބޮޑުވާން ޖެހޭ ކަމަކީ،" ނަޒީފް ވިދާޅުވި އެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ، އެއް މައްސަލައެއްގައި ރާއްޖެ ޓީވީގެ ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރުމާއި އެ ސްޓޭޝަން 200،000ރ. އިން ޖޫރިމަނާކޮށް އަދި އެހެން މައްސަލައެއްގައި އެއް މިލިއަން ރުފިޔާ އިން އެ ސްޓޭޝަން ޖޫރިމަނާ ކުރުމެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން މިހާރު މި އޮތީ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގައި ވެސް ނުވެއްޓޭހާ ފުން ވަޅުގަނޑެއްގައި ކަމަށެވެ.

"މި އިދާރާތައް މި އުޅެނީ ނޫސްވެރިކަން ހިމާޔަތްކޮށް ނޫސްވެރިންގެ ކުރިއެރުމަށް މަސައްކަތް ކުރާކަށް ނޫން. އޭގެ ބަދަލުގައި އެ ބަލަނީ ނޫސްވެރިން ފަހައި ދުވެ، ހިފައިގަނެގެން ވިޔަސް ބޮނޑިއެއް ދެވޭތޯ. ނޫސްވެރިކަން އިނދަޖައްސާލައި ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ނިގުޅައިގަންނަން. އެ މީހުންނަށް ހީވަނީ އެ މީހުންގެ ގާނޫނުގައި ހަމައެކަނި އޮތީ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ވާހަކަ ކަމަށް،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަން ހިމާޔަތް ކުރުމުގެ ބަދަލުގައި ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތް ކުރަނީ އެ މީހުންގެ ވަޒީފާ ދަމަހައްޓައި މުޅި ގައުމުގެ އެންމެ ފަރުދަކު ހިމާޔަތްކޮށް އެ މީހަކުގެ ރުހުން ހޯދުމަށް ކަމަށެވެ. އެއީ އެ ކޮމިޝަންގެ ޒިންމާއެއް ނޫން ކަމަށާއި އެ ކޮމިޝަނަކީ ނޫސްވެރިންނާ ގުޅުން ބަދަހި އިދާރާއަކަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމީހުންނަށް ވިސްނެނީ އެމީހުންގެ ގާނޫނީ ޒިންމާއަކީ ނޫސްވެރިންނަށް ފިޔަވަޅު އެޅުން އެކަންޏޭ. ގާނޫނުގައި ވަރަށް ފުޅާކޮށް އެބަ އޮތް، ނޫސްވެރިކަން ރެގިއުލޭޓް ކުރުމާއި ނޫސްވެރިން ތަމްރީން ކުރުމާއި މަގުދައްކައިދިނުން. އެއިން އެއްވެސް ކަމަކަށް ނުބަލައި ކޮމިޝަނުން ކުރާ ކަމަކީ ނޫސްވެރިންނަށް ފިޔަވަޅު އެޅުން. ޚާއްސަކޮށް ރާއްޖެ ޓީވީ އަށް،" ފިޔާޒް ވިދާޅުވި އެވެ.

ހިޔާލު ފާޅު ކުރުން ހުއްޓުވުމުގެ ބިލް ފާސް ނުކުރަން އެދި ނޫސްވެރިން މަޖިލިސް އިދާރާ ދޮށުގައި. --ފޮޓޯ: މިހާރު

މީޑިއާ ކައުންސިލާއި ބްރޯޑްކާސްްޓިން ކޮމިޝަން އުފެދިފައި އޮތް ގޮތަކީ ވެސް އޭގެ ޒާތުގައި މައްސަައެއް ކަމަށް ނޫސްވެރިން ދެކެ އެވެ. މީޑިއާ ކައުންސިލްގެ ވެރިންގެ ގޮތުގައި މިހާރު ތިއްބެވީ ހަގީގީ ނޫސްވެރިކަމުގައި އުޅޭ ބަޔަކަށް ނުވާތީ، ނޫސްވެރިންގެ އިހްސާސްތަކާއި ނޫސްވެރިކަން ދިފާއު ކުރުމުގެ ބަދަލުގައި އެބޭފުޅުންނަށް ބޮޑަށް ވިސްނެނީ ސަރުކާރުގެ ވަޒީފާއެއް އަދާކުރަން ކުރާ ކަމެއްގެ ގޮތުގައި ކަމަށް ވެދާނެ އެވެ.

"ބްރޯޑްކާސްޓް ކޮމިޝަނަކީ ރެގިއުލޭޓަރީ ބޮޑީއަކަށް ވެފައި މީޑިއާ ކައުންސިލްގައި މި ތިބެނީ މީޑިއާތަކުން އައިސް ތިބޭ މީހުންނަށް ވާއިރު، ރެގިއުލޭޓަރީ ބޮޑީން ކަމެއް ކުރީމާ އޭގައި ހުރި ކަންކަމަކީ ކޮބައިތޯ ބަލައި ބަހެއް ބުނަން އޮތް ފަރާތަކީ ވެސް މީޑިއާތަކުގެ ތެރެއިން އުފެދިފައި މި އޮންނަ ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް (މީޑިއާ ކައުންސިލް) ތާ. އެކަމަކު މި ފެންނަނީ އެ ބޭފުޅުން އެކަމުގައި ވެސް އެއްޗެއް ނުބުނާތަން،" ނަޒީފް ވިދާޅުވި އެވެ.

އޭނާ އާއި އާސިފް އަދި ފިޔާޒް ވެސް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލާއި ކޮމިޝަންގެ އެންމެ ފުރަތަމަ ޒިންމާއަކީ ނޫސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރަން މަސައްކަތް ކުރުމެވެ. އަދި އެ ދެ އިދާރާ އިން އެ ޒިންމާ އަދާނުކޮށް ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި ފަސް ވަނަ ގިޔަރަށް ލާފައިވާ އިރު، ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާނެ ބަޔަކު ނެތެވެ.

ސަރުކާރުން ބުނާހާ ކަމަކަށް އަތް ހިއްލާފައި އެހެން ކަމެއް ކުރާނެ ވަގުތެއް އަދި ހިތްވަރެއް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ނެތެވެ. އަބުރުގެ ގާނޫނު އެކުލަވައިލި އިރު މަޖިލީހުގެ ކޮމިޓީ އަށް އެކި މީޑިއާތަކުގެ ނޫސްވެރިން ގެންގޮސް މަޖިލީހުގެ މެމްބަރުން ދެއްކި ވާހަކަތަކުން އެނގުނީ، މަޖިލީހުން އޮތީ ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލް ފާސްކުރަން ކަމެވެ.

އަދި ބައެއް މެމްބަރުން ތިބީ އެއަށް ވުރެ ވެސް ބޮޑަށް އެ ގާނޫނު ހަރުކަށި ކުރުމުގެ ވިސްނުމެއްގައި ކަން ވެސް އެނގުނެވެ. ތިމާމެންނަކީ ސަރުކާރަށް ކިހާ ވަފާތެރި ބައެއް ކަން ސާބިތުކޮށްދޭން ލިބޭ ރަނުގެ ފުރުސަތަކަށް ވީތީ އެވެ.

އެ ގާނޫނުގެ ދަށުން މިނިވަން ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅި އެވެ. އަދި އެ ގާނޫނުގެ ނާޖާއިޒު ފައިދާ ނަގައި، ނޫސްވެރިންނާއި މީޑިއާގެ އިދާރާތައް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށައިފަ އެވެ. އަދި އޭގެ އެންމެ މުހިންމު ކަމަކީ، ބަޔަކު މައްސަލައެއް ހުށަހެޅުމަކާ ނުލައި، ބްރޯޑްކާސްޓިން ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ވެސް މީޑިއާތައް ޖޫރިމަނާކުރަން ފަށާފައިވާ ކަމެވެ.

"އެ ހުރިހާ ކަމެއް ކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ އަބުރުގެ ގާނޫނު ފާސްވެގެން ދިޔަ އިރު އެ މީހުން އެއްޗެއް ނުބުނެތާ. މީޑިއާ ކައުންސިލުން ވެސް މާ ބޮޑު އެއްޗެއް ނުބުނޭތާ. އެހެން ތިއްބައިތާ އެ ގާނޫނު ފާސްކޮށް ބޮޑެތި ޖޫރިމަނާތައް މި ކުރީ. މިއަދު މީޑިއާތައް ޖޫރިމަނާކޮށް ހަދާ އިރު، އެކަމުގައި ތެދުވެ މީޑިއާ ކައުންސިލުން އެއްޗެއް ބުނަން ކީއްތޯ ވާނީ!" ނަޒީފް ވިދާޅުވި އެވެ.

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވާ ގޮތަށް ފާސްކުރި އަބުރުގެ ގާނޫނާ ދެކޮޅަށް ނޫސްވެރިން ހިމޭން މުޒާހަރާއެއްގައި. ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި މީޑިއާތައް ފަހައި ދުވުމުގެ ކުރިން އެ ދެ އިދާރާ އިން މީޑިއާގެ ތަރައްގީ އަށް ކަންތައްތަކެއް ކޮށްދޭން ޖެހެ އެވެ. އެ ގޮތުން ނޫސްވެރިން ތަމްރީން ކުރުމާއި ނޫސްވެރިންނަށް ކުރިމަތިވާ އެކި ދާއިރާތަކުގެ ގޮންޖެހުންތައް ނައްތައިލުމަށް މަސައްކަތް ކުރަން ޖެހެ އެވެ.

ފިޔާޒް ވިދާޅުވީ މީޑިއާގެ ކުރިއެރުމާއި ތަރައްގީ އަށް މީޑިއާ ކައުންސިލާއި ކޮމިޝަނުން ވެސް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ. މީގެ ކުރިން މީޑިއާ ކައުންސިލުން ނޫސްވެރިން ތަމްރީން ކުރުމަށް މަސައްކަތް ކުރި ކަމުގައި ވިޔަސް، މިހާރު އެ އިދާރާ ވެސް އޮތީ ފުން ނިންޖެއްގައި ކަމަށް އޭނާ ދެކެ އެވެ.

"އެ ދެ އިދާރާގެ އެންމެ އިސް ވާޖިބު އަދާ ކުރާ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އޭގެ ބަދަލުގައި ވަކި އަތަކަށް ޖެހިގެން ވަކި ގޮތަކަށް ކަންތައް ކުރާ ތަން ފެންނަނީ. ބްރޯޑްކާސްޓަރުންގެ އުދާސްތަކާއި ކަންތައް ދެނެގަނެވޭ ވަރުގެ ބައެއްތޯ ކޮމިޝަންގައި ތިބީ. އެހެން ނަމަ މިހާރު އެ ކުރާ ގޮތަށް އަމަލެއް ނުކުރާނެ. އެއިން ކަމެއް ނުކޮށް އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ވެސް ބްރޯޑްކާސްޓަރުން މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާ ތަން." އާސިފް ވިދާޅުވި އެވެ.

މީޑިއާގެ އިދާރާތަކާއި މީޑިއާގެ ބެލެނިވެރި ދެ އިދާރާއާ ދެމެދު އެއްވެސް ކަހަލަ ގާތް ގުޅުމެއް ނެތެވެ. އަދި އެ ދެ އިދާރާ އިން ނޫސްވެރިންގެ ހައްގުގައި ކުރާ މަސައްކަތެއް ނެތެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މި ދެ މުއައްސަސާ އިން ރާއްޖޭގެ ނޫސްވެރިކަމަށް މިހާރު އެއްވެސް މަންފާއެއް ކުރާ ކަމަކަށް. ސަބަބަކީ ނޫސްވެރިންގެ ތަރައްގީ އަށް މަސައްކަތެއް ނުކުރޭ. ކިޔަވައެއް ނުދޭ. ތަމްރީނެއް ނުދޭ. މިއިން ކަމެއް ނުކޮށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާ ބައެއްގެ ގޮތުގައި ފެންނަމުން މިދަނީ،" އާސިފް ވިދާޅުވި އެވެ.

"މީޑިއާގައި ކުރިމަތިވާ ކަންކަމުގައި ނޫސްވެރިންނާ ބްރޯޑްކާސްޓަރުންނާ ވާހަކަ ދައްކައި ރަނގަޅު ކުރަން މަސައްކަތް ކޮށްފައި އޭގެ ފަހުގައި ފިޔަވަޅު އަޅަން ޖެހޭނީ. ކޮމިޝަންގައި ތިބެން ޖެހޭނީ ނޫސްވެރިންނާ ސީދާސީދާ ކޮށް ބައްދަލުކޮށް ވާހަކަ ދެއްކޭ ވަރުގެ ބައެއް. ސިޔާސީ ވެގެން ގޮސް ނޫސްވެރިންނާ ބްރޯޑްކާސްޓަރުންނާ ބައްދަލުކޮށްލަން ވެސް ނުކެރި ސިޓީ ފޮނުވައިގެން ކަންތައް ކުރާ ވަރުގެ ބައެއް ނޫން ތިބެން ޖެހޭނީ،" އާސިފް ވިދާޅުވި އެވެ.

އެ މައްސަލަ އެ ގޮތަށް މެދުވެރިވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވައިލެވޭ ގޮތުން ކަމަށް ވެސް ވެދާނެ އެވެ. ބްރޯޑްކޮމް އަކީ މީޑިއާ ރެގިއުލޭޓް ކުރަން ސިޔާސީ ވިސްނުމުގައި މަޖިލީހުން އައްޔަންކުރާ ބައެކެވެ. މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުން ވޯޓު ލައިގެން ހޮވާ މީހުން ކަމުގައި ވިޔަސް، "މީޑިއާ" މާނަކުރާ ގޮތުން ހަގީގީ ނޫސްވެރިކަން ކުރާ ފަރާތްތަކުގެ އަޑު އެ ކައުންސިލްގައި ވެސް ވަރަށް ކުޑަ އެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓު ގުނަނީ

މީޑިއާ ކައުންސިލްގައި ނޫސްވެރިންގެ ތެރެއިން އަށް މެންބަރުން ހިމެނެން ޖެހެ އެވެ. ނަމަވެސް ހަމައެކަނި ޅެން ޝާއިއުކުރާ ވެބްސައިޓެއް ނުވަތަ ސަރުކާރު އޮފީހަކުން ނެރޭ މަޖައްލާއެއްގެ މީހަކީ ވެސް ނޫސްވެރިންގެ ގޮތުގައި މާނަކުރެވެ އެވެ. އެހެންކަމުން ވަކި ބަޔަކު ބޭނުންވެއްޖެ ނަމަ، ވިއްސަކަށް ވެބްސައިޓް ގުޅިގެން މީޑިއާ ކައުންސިލަށް ކުރިމަތިލައި ވަކި ބަޔަކަށް ވޯޓު ދޭން އެ މީހުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، މެއިން ސްޓްރީމް މީޑިއާތައް ކައުންސިލަށް ނުހޮވޭ ގޮތް ވެސް މެދުވެރިވެ އެވެ.

"މި ފަހަރު އިންތިޚާބުވެފައި އޮތް ގޮތް ތަފާތީ ކަމަށް ވެސް ވެދާނެ. ގިނަ ފަހަރަށް މި ހުންނަނީ މީޑިއާގައި އުޅުއްވާ ބޭފުޅެއް ކައުންސިލްގެ ރައީސަކަށް ވެސް ނޫނީ ނައިބު ރައީސަކަށް ވެސް. މި ފަހަރު ރައީސަކަށް ވެސް ނައިބު ރައީސަކަށް ވެސް މި ހުންނެވީ މީޑިއާއެއްގެ ބޭފުޅެއް ނޫންތާ. އެހެންވީމާ އެ ބޭފުޅުންގެ ވިސްނުން މީޑިއާގެ ބޭފުޅުންގެ ވިސްނުމާ ތަފާތީ ކަމަށް ބެލެވެނީ،" ނަޒީފް ވިދާޅުވި އެވެ.

ގާނޫނުގައި ކިތަންމެ ރަނގަޅަށް ލިޔެފައި އޮތަސް، ނަހަމަ ގޮތުގައި ގާނޫނުގެ ބޭނުން ހިފަންވެއްޖެ ނަމަ، އަދި ގާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކުން އެކަމަށް ފުރުސަތު ދޭ ނަމަ، ކިތަންމެ ރީއްޗަކަށް ވެސް ގާނޫނުގެ ނާޖާއިޒު ފައިދާ ނެގޭނެ އެވެ. އެކަން މިދަނީ ފެންނަމުންނެވެ.

ގާނޫނުތަކުގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ މަތިކޮށްފައިވާ ހަމައެކަނި ޒިންމާއަކީ ނޫސްވެރިންނާއި މީޑިއާގެ އިދާރާތަކާ ދެކޮޅަށް ފިޔަވަޅު އަޅައި އަދަބު ދިނުމެއް ނޫނެވެ. ގާނޫނުން މަތިކޮށްފައިވާ އެންމެ މަތީ މަސްއޫލިއްޔަތުތައް އަދާ ނުކޮށް، މީޑިއާތައް އިހުމާލު ކޮށްލުމުން ދިވެހި ނޫސްވެރިކަން މިއަދު މިވަނީ ރަށްމެދު ވެފަ އެވެ.