ބާރެއް ނެތީސް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިގެން ކަމެއް ކުރެވޭނެތަ؟

އެތައް ފަހަރަކު ފަސްވުމަށް ފަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައ އިދިކޮޅު އެމްޑީޕީން މިވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެ ޕާޓީން މިވަނީ ހޯދައިފަ އެވެ. ދަތި އުނދަގޫތަކާ އެކު ވެސް އެމްޑީޕީ އަށް ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީން ދެކެ އެވެ.


ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީން އެންމެ ބޮޑަށް ދެއްކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ވާހަކަ އެވެ. އެ ބައެއްގެ ކަންކަން އެ ބަޔަކު އަމިއްލަ އަށް ނިންމުމުގެ ބާރު ކައުންސިލްތަކަށް އަނބުރާ ހޯދައިދޭ ވާހަކަ އެވެ. މުޅި އިންތިޚާބުގައި އެ ޕާޓީން މޮޓޯއަކަށް ބޭނުންކުރީ އެ ވާހަކަ އެވެ. ކޮންމެއަކަސް އެ މޮޓޯއާ އެކު ނިކުމެ، އެމްޑީޕީން މިވަނީ ބޭނުންވި ވަރުގެ ކާމިޔާބީއެއް ހޯދައިފަ އެވެ.

އެކަމަކު ކަންކަން ހިނގަމުންދާ މަގުން ބަލާއިރު ކައުންސިލްތަކުގެ އަޣުލަބިއްޔަތު ލިބުނަސް އަމިއްލަ ދެ ފައި މައްޗަށް ކޮޅަށް ތެދުވުމުގެ ބާރު ކައުންސިލްތަކަށް އެބަ އޮތްތޯ މިއީ ސުވާލެކެވެ. ވަކިން ޚާއްސަކޮށް އެމްޑީޕީން މެޖޯރިޓީ ނެގި ކައުންސިލްތަކަށް އެ މީހުން ބޭނުންވާ ކަންކަން ހާސިލް ވެދާނެ ހެއްޔެވެ؟. އެ ދާއިރާތަކުގެ ރައްޔިތުން ބޭނުންވާ ކަންކަން އެ ކައުންސިލްތަކަށް ފޯރުކޮށް ދެވޭނެ ހެއްޔެވެ؟. މިއީ ހައްތަހާ ވެސް ސުވާލެވެ.

މި ސުވާލު މިގޮތަށް އުފައްދަން ޖެހޭ ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ސަބަބަކީ ކައުންސިލްތަކުގެ ބާރެއް ނެތުމުވެ. ޚާއްސަކޮށް، އެމްޑީޕީން ބޮޑު އަޣުލަބިޔަތެއް މިހާރު ނަގާފައިވާ ސިޓީ ކައުންސިލްތައް ކަމަށްވާ މާލެ އާއި އައްޑޫ އަދި ފުވައްމުލައް ސިޓީ އެވެ. އެވެ. ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ އުފެދުނުއިރު ކައުންސިލްތައް އޮތީ އަމިއްލަ ނިންމުންތައް ނިންމޭ ފަދަ ބާރުވެރިކަމުގަ އެވެ. ކައުންސިލް ނިސްބަތްވާ ދާއިރާގައި މަޝްރޫއުތައް ހިންގުމާއި ބިން ދޫކުރުމާއި ކަރަންޓާއި ފެނުގެ ޚިދުމަތްތަކާއި މިނޫނަސް މުހިންމު އެތައް ޚިދުމަތްތަކެއް ފޯރުކޮށް ދިނުމާއި ކަންކަން އަމިއްލަ އަށް ނިންމުމުގެ ބާރު ކައުންސިލްތަކަށް އޮތީ ދީފަ އެވެ.

އެކަމަކު 2012 ގައި ވެރިކަން ބަދަލުވުމާ އެކު، އޭރު ވެސް ބޮޑެތި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީ އާއި އޭރުގެ ސަރުކާރާ ދެމެދު އޮތް މައްސަލަތަކުގައި ކައުންސިލްތަކުގެ ބާރުތައް މަޑުމަޑުން ސަރުކާރުން އަތުލަން ފެށި އެވެ. ފުރަތަމަ އަތުލަން ފެށީ ހަވާލުކޮށްފައި ހުރި ބިންތަކެވެ. ދެން އަތުލީ ހަވާލުކޮށްފައި ހުރި ޒިންމާތަކެވެ. އޭގެ ފަހުން ލާމަރުކަޒީ ގާނޫނަށް 2015 ގައި ގެނައި އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކަށް އަދާކުރެވޭނެ ޒިންމާތަކާއި ފޯރުކޮށްދެވޭނެ ޚިދުމަތްތައް ކެބިނެޓްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތަށް ހަމަޖެއްސި އެވެ. ރައީސް ކަނޑައަޅުއްވާ ކަންކަން ފިޔަވައި އެހެން ކަންކަން ކުރާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގެ ދަށުން ސިޓީ ކައުންސިލްތަކުގެ ޒިންމާތަކާއި ބާރުތައް ރައީސް ކަނޑައެޅުއްވިއިރު މުހިންމު ހުރިހާ ކަންތައްތައް ސިޓީ ކައުންސިލްތަކުގެ އަތުން އޮތީ ނަގައިފަ އެވެ. ސިޓީ ކައުންސިލްތަކަށް މިހާރު އޮތީ ވިހާ މަރުވާ ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވުމާއި މުހިންމު މުނާސަބަތުތައް ފާހަގަކުރުމާއި ދައުލަތުގެ އިދާރާތަކަށް އެހީތެރިވުމާއި ސަރުކާރުގެ އިދާރާތަކުން ދޫކުރާ ހުއްދަތައް ދޫކުރުމާއި ބާތިލް ކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން ފަދަ މަދު ޒިންމާތަކެކެވެ. އެހެން ހުރިހާ ކަންތައްތައް އޮތީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ދަށުން ކުރާ ގޮތަށް ކަނޑައަޅައިފަ އެވެ. އެހެންވެ މިއީ އެމްޑީޕީން އަޣުލަބިއްޔަތުން ހޯދި ސިޓީ ކައުންސިލްތަކަށް އޮތް ބޮޑު ހުރަހެކެވެ.

މިކަމުގައި ސަރުކާރުން ބުނަމުންދަނީ ސިިޓީ ކައުންސިލްތަކުން ޒިންމާތައް އަތުލަން ޖެހުނީ ކައުންސިލްތަކަށް ޒިންމާ އަދާނުކުރެވޭތީ ކަމަށެވެ. ބައެއް ކައުންސިލްތަކުން ސަރުކާރަށް ޖެއްސުންކޮށް، ތަރައްގީ އަށް ހުރަސް އަޅަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ތުހުމަތުކުރެ އެވެ. އެކަމަކު ކައުންސިލްތަކުން ބުނަނީ ޒިންމާ އަދާނުކުރެވެނީ ބަޖެޓް ނުދޭތީ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ: އެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ނެގީ އެމްޑީޕީން --ފޮޓޯ/މިހާރު

ދެވަނަ ސަބަބަކީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ކައުންސިލްތަކުގެ ބައިވެރިވުން ނެތުމެވެ. ކުރިން ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެލްޖީއޭގެ ބޯޑުގައި މާލޭ ސިޓީ ކައުންސިލުން ހޮވާ އެ ކައުންސިލްގެ މެމްބަރަކާއި އަލަށް އުފެދޭ ސިޓީ ކައުންސިލްތަކުން ހޮވާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ހޮވާ ހަތަރު މެމްބަރު ތިބޭނެ އެވެ. އެކަމަކު އެކަން ވެސް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެލްޖީއޭގެ ބޯޑުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުންތަކެއް ކަމަށް ކަނޑައަޅައި، ގާނޫނަށް މިދިޔަ މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ އިސްލާހާ އެކު އެ ބޯޑުގައި ދެން ތިބޭނީ އެލްޖީއޭ ހިންގުމަށް ރައީސް ކަނޑައަޅުއްވާ ވަޒީރާއި އެލްޖީއޭގެ ސީއީއޯ އާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރެއް އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ބޭފުޅުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ ބޭފުޅެކެވެ. އެހެންވެ، އެލްޖީއޭގެ ސިޔާސަތުތައް ކަނޑައަޅައި، ނިންމުންތައް ނިންމުމުގައި އެއްވެސް ކައުންސިލެއްގެ ދައުރެއް ދެނެއް ނޯންނާނެ އެވެ.

މި ދެ ސަބަބަށް ބަލާއިރު ވެސް އެނގެނީ ކައުންސިލްތަކަކީ މިހާރު ވެސް މަރުވެފައި އޮތް ތަންތަން ކަމެވެ. ސަރުކާރުން އެ އޮތީ ހުރިހާ ބާރުތަކެއް ނަގައި، ކައުންސިލްތަކުގެ "ފިޔަތައް ކޮށާލައިފަ" އެވެ. މިހާރު ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓާ ތަންތަން ފަދަ އެވެ. ކައުންސިލްތަކަށް ބާރާއި ޒިންމާ ލިބެން އޮތީ ސަރުކާރުން ދީފި ނަމަ އެވެ. ގާނޫނު އޮތް ގޮތުން އެއީ ކައުންސިލްތަކަށް މިހާރު އަމިއްލަ އަށް ހޯދެން އޮތް އެއްޗެއް ނޫނެވެ. އެހެންވެ، ކޮންމެ ޕާޓީއަކުން އަޣުލަބިއްޔަތު ނެގިޔަސް ސަރުކާރުން ބާރުތައް ނުދޭހާ ހިނދަކު ކައުންސިލްތަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

އެކަމަކު އެމްޑީޕީގެ ނަޒަރުގައި ކައުންސިލްތައް ބާރުވެރި ކުރުވެން އޮތީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ. އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވި ގޮތުގައި ކައުންސިލްތައް ބާރުވެރި ކުރުވޭނީ ކައުންސިލްތައް ބާރުވެރި ކުރުވަން ވަކާލާތު ކުރާ ކައުންސިލަރުންތަކެއް އިންތިޚާބުވެގެންނެވެ. އެކަން މިހާރު ހާސިލްވެފައިވާ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ދެން އޮތީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކައުންސިލްތަކަށް ބާރު ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ވަކާލާތު ކުރާނެ ބަޔަކު ކައުންސިލްތަކަށް އެބަ އަންނަން ޖެހޭ، އެކަން މި ހާސިލް ކުރެވުނީ. ދެން މަޖިލިސް ތެރެއިން އަޅުގަނޑުމެން މަސައްކަތް ފަށާނަން ކައުންސިލްތަކަށް ބާރުވެރިކަން ހޯދައިދޭން. އެ މަސައްކަތް ދެން އޮތީ،" ޝިފާޒް ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބާރު ލިބެން އޮންނާނެ ހަމައެކަނި ގޮތަކީ މަޖިލިސް ތެރެއިން ކަމަށް ވާއިރު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރު ކޯލިޝަންގަ އެވެ. އެހެންވެ، ކައުންސިލްތަކަށް ބާރު ހޯދުމަށް ދެން އޮތީ ވަރަށް އުނދަގޫ މަރުހަލާއެއް ކަމަށް ބެލެވެ އެވެ. އެންމެ ބޮޑެތި ސަބަބަކީ ގިނަ ކައުންސިލްތަކުގެ އަދި ޚާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީން ނަގާފައިވާތީ އެވެ. އެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީގައި އޮތުމުން ބާރުތައް ދޭން ސަރުކާރު ކޯލިޝަނުން ދެކޮޅު ހަދާނެ ކަމަށް ބެލެވެ އެވެ. ކުރިން ބާރުތައް ހަނިކުރިއިރު ވެސް އެކަން ކުރީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކާއި ސަރުކާރާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ.

އެކަމަކު އެމްޑީޕީން ދެކޭ ގޮތުގައި މި އިންތިޚާބުގެ ނަތީޖާއާ އެކު މަޖިލިސް މެމްބަރުންގެ ވިސްނުން އެކަމުގައި ބަދަލުވާނެ އެވެ. ކައުންސިލްގެ އިންތިޚާބުގެ ނަތީޖާ އިން މެމްބަރުންނަށް އެ ލިބުނީ ވަރަށް ބޮޑު މެސެޖެއް ކަމަށް އެމްޑީޕީން ދެކެ އެވެ. ކައުންސިލްތަކަށް ބާރުތައް މަޖިލިސް ތެރެއިން އަނބުރާ ލިބޭނެކަމުގެ އުއްމީދު އެމްޑީޕީ އަށް ބޮޑެވެ.

"މި އިންތިޚާބުގައި ރައްޔިތުން ވަރަށް ސާފުކޮށް އެ ދެއްކީ ލާ މަރުކަޒީ ނިޒާމު ތިމަންނަމެން ބޭނުންވާ ކަން. ކައުންސިލްތައް ބާރުވެރި ކުރުވަން ތިމަންނަމެން ބޭނުންވާ ކަން. އެހެންވީމަ މަޖިލީހުގެ މެމްބަރުން ވެސް ބޭނުމެއް ނުވާނެ އެ ބޭފުޅުންގެ ދާއިރާގެ ރައްޔިތުންގެ ނިންމުމަށް ފުރަގަސް ދެއްވާކަށް. އެގޮތަށް ގަބޫލުކުރެއްވޭނެ ބޭފުޅުން މަޖިލީހުގައި މިހާރު ތިއްބަވާނީ. ސިޔާސީ ދާއިރާގައި އުޅޭ ބޭފުޅެއް ނަމަ އެގޮތަށް ވިސްނުން ހުންނަންވާނީ،" ޝިފާޒް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ނަޒަރުގައި ކައުންސިލްތަކާ މެދު ރައްޔިތުން އޮތީ އުއްމީދު ކަނޑާލައިފަ އެވެ. ކުރީގެ ކައުންސިލްތަކުން އަމަލުކުރި ގޮތުން އެ ނިޒާމު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމަށާއި މި އިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ނުލީ ވެސް އެހެންވެގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. މި އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީ އަށް އެ ޕާޓީން ދައްކާ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

އެކަމަކު އެމްޑީޕީން ދެކޭ ގޮތުގައި އިންތިޚާބުގެ ނަތީޖާ ދެއްކީ އޭގެ އިދިކޮޅަށެވެ. ރައްޔިތުން އަދިވެސް ބޭނުންވަނީ ލާމަރުކަޒީ ނިޒާމު ކަން ނަތީޖާއިން ދައްކާފައިވާ ކަމަށް އެ ޕާޓީން ގަބޫލުކުރެ އެވެ. އެ ޕާޓީގެ ނަޒަރުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅީ ސަރުކާރެވެ. މި އިންތިޚާބު ބޭއްވީ ވެސް އިތުރު ގޮތެއް ނެތިގެން ކަމަށް އެ ޕާޓީން ދެކެ އެވެ.

"ގާނޫނު އަސާސީގައި ލާމަރުކަޒީ ނިޒާމުގެ ވާހަކަ ބަޔާންކޮށްފައި އޮތީމަ އިތުރު ގޮތެއް ނެތިގެން އިންތިޚާބު ބޭއްވީ. މި ނިޒާމު ދެކެ ރައްޔިތުން ފޫހިކުރުވަން މަސައްކަތް ކުރީ މަޖިލިސް ތެރެއިން ސަރުކާރުން. ކައުންސިލްތަކުގެ ބާރުތައް އަތުލައި، ނިޒާމު ދެކެ ފޫހިކުރުވަން އުޅުނީ. އެކަމަކު ރައްޔިތުން ވޯޓުން އެ ސާބިތުކޮށް ދިނީ އަދިވެސް ލާމަރުކަޒީ ނިޒާމު ދެކެ ފޫހިނުވާ ކަން. އެ ނިޒާމު ކަން އަދިވެސް ބޭނުންވަނީ،" ޝިފާޒް ވިދާޅުވި އެވެ.

ލާ މަރުކަޒީ ނިޒާމު ތައާރަފްވި ފަހުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކައުންސިލްތަކަށް މެމްބަރުން ހޮވައިފި އެވެ. އެކަމަކު އޭރު ނިކުތް ނަތީޖާ އެހާ ފޮންޏެއް ނޫނެވެ. ރައްޔިތުން ބޭނުންވާ ކަންތައްތައް ކައުންސިލްތަކަށް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާ އޭރު އޮވެ އެވެ. ކައުންސިލްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ސަރުކާރަށެވެ. ސަރުކާރުގެ ޖަވާބަކީ ކައުންސިލްތަކުން އެއްބާރުލުން ނުދެނީ ކަމަށެވެ. ދެ ބައި މީހުންގެ ތަޅާފޮޅުމުގެ ދެމެދުގައި ފިތި ބާރުވެފައި ތިބެން މިޖެހެނީ ރައްޔިތުންނެވެ.

މިފަހަރު އެކަން އަލުން ތަކުރާރު ނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. ސަރުކާރުން ކައުންސިލްތަކަށް ބާރުތައް އަނބުރާ ދޭން އެބަ ޖެހެ އެވެ. ހަމައެގޮތަށް ކައުންސިލްތަކުން ވެސް ޒިންމާ ރަނގަޅަށް އަދާކުރަން އެބަ ޖެހެ އެވެ. ޒިންމާ އަދާނުކުރެވޭ ނަމަ ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގައި އެލްޖީއޭ އިސް ނަގަން ވެސް އެބަ ޖެހެ އެވެ. ކައުންސިލްތަކާއި ސަރުކާރުގެ ތަޅާފޮޅުމުގައި ރައްޔިތުން ތާށިވެގެން ނުވާނެ އެވެ.