އީ ވޯޓިންގައި ވޯޓު ފޮއްޓަށް އަތް ބޭނިދާނެތަ؟

އާ ގާނޫނުއަސާސީ އަށް ފަހު ރާއްޖޭގައި ބޭއްވި އިންތިހާބުތަކާ މެދު ގިނަ ބަޔަކު ހިތްހަމަޖެހުނަސް، އަދި އެ އިންތިހާބުތައް އިންސާފުވެރިކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނި ނަމަވެސް އާންމު ބައެއް މީހުންގެ ހިތުގައި އަބަދުވެސް ޝައްކު އޮވެ އެވެ. މަރުވެފައި ތިބި މީހުންގެ ނަމުގައި ވޯޓުލުމާއި ނެޝަނަލް ރެޖިސްޓްރޭޝަންގައި ހުންނަ މައުލޫމާތުން ވައްކަންކޮށްގެން ވޯޓުލާފައިވެ އެވެ. އިންތިހާބުގެ މުޅި ނަތީޖާ އަށް އަސަރުކުރާ ވަރުގެ މަކަރުހެދުންތަކެއް ނެތް ނަމަވެސް އެފަދަ ޝައްކުތައް ވެސް ނުކުރެވޭ ގޮތަށް އިންތިހާބުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އޮތީ ޖެހިފަ އެވެ.


ސަރުކާރާ ދެކޮޅު އިއްތިހާދުން ދެކޮޅު ހެދި ނަމަވެސް އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން) އާ ދިމާލަށް މިސްރާބު ޖެހީ އެ ނިޔަތުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އަދި އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ބައެއް ހިސާބުތަކުގައި، އެ ނިޒާމް ބޭނުންކުރާނެ އެވެ.

އެކަމަކު އީ ވޯޓިންއާ ދޭތެރޭ މިހާރު އުފައްދާ ސުވާލުތައް ގިނަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން އީ ވޯޓިންގެ ހަމައެކަނި ބޭނުމަކީ ވޯޓަށް މަކަރު ހަދައި އޮޅުވާލުމެވެ. އިލެކްޝަނުން ބުނާ ގޮތުގައި އީ ވޯޓިންއާ އެކު ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އިންސާފުވެރި އިންތިހާބަށް ވާނެ އެވެ.

އިތުބާރެއް ނެތް، ހުސް ޝަކުވާ!

މިހާރު ތިއްބެވި ފަސް މެމްބަރުންނާ އެކު އިލެކްޝަންސް ކޮމިޝަން މިނިވަންވާނެ ކަމަކަށް އިދިކޮޅު ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީ ބައިވެރިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ވިސްނުން ހުރީ މިހާރު ތިއްބެވި މެމްބަރުންނާ އެކު އީ ވޯޓިން ތައާރަފްކުރާ ނަމަ އިންތިހާބުގައި ބައިވެރިނުވާށެވެ. ޕާޓީ ލެވެލްގައި ގޮތެއް ނިންމުން އޮތީ އެމްޑީޕީ އާއި އަދާލަތު ޕާޓީގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.

އެއްވެސް މިނިވަންކަމެއް، އިތުބާރެއް ނެތް. ސަރުކާރުން ބޭނުންވާ ކަންކަން ކުރާ އިލެކްޝަންސް ކޮމިޝަނެއް އޮތީ. އެ ކޮމިޝަނުން ބާއްވާ އިންތިހާބުގައި އީ ވޯޓިން ހަރާބުއަރުވާލާނެ. --އިންތި
އިލެކްޝަންސް ކޮމިޝަންގެ ރައީސް ސުލައިމާން (ކ) އާއި ދެ މެމްބަރަކު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: އެ ކޮމިޝަނަށް އިދިކޮޅު ފަރާތްތަކުގެ އިތުބާރެއް ނެތް. -- ފޮޓޯ: އީސީ

އެ ދެ ޕާޓީގެ ނިންމުން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު ދެ ޕާޓީގެ ވެސް ވިސްނުން ހުރީ، އެނގިފައިވާ ގޮތުގައި، އިންތިހާބުގައި ބައިވެރި ނުވުމަށެވެ.

އީ ވޯޓިންއާ އެކު އެއްވެސް މީހަކަށް އެއްވެސް ފޮއްޓަކަށް އަތް ބާނައި ވޯޓު އޮޅުވާލުމުގެ ފުރުސަތެއް ނޯންނާނެ، އެއީ ޔަގީން ކަމެއް. --އިލެކްޝަންސް

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް އިތުރުބާރު ގެއްލިފައިވާ ކަމަށެވެ. ކޮމިޝަންގެ މެމްބަރުން ގެންދަވަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންތައް ކުރައްވަމުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މި ހާލަތުގައި، އެ ކޮމިޝަނުން ބާއްވާ އީ ވޯޓިންގައި އޮޅުވާލައި މަކަރު ނުހަދައި އިންތިހާބު ކުރިއަށް ގެންދާނެ ކަމަކަށް އިންތި ގަބޫލެއްނުކުރައްވަ އެވެ.

"ޕާޓީން [އެމްޑީޕީން] މިހާރު އަންނަނީ އީ ވޯޓިންއާ އެކު ބާއްވާ އިންތިހާބުގައި ބައިވެރިވާނެތޯ މަޝްވަރާކުރަމުން. ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބެލެވޭ،" އިންތި ވިދާޅުވި އެވެ.

"އެއްވެސް މިނިވަންކަމެއް، އިތުބާރެއް ނެތް. ސަރުކާރުން ބޭނުންވާ ކަންކަން ކުރާ އިލެކްޝަންސް ކޮމިޝަނެއް އޮތީ. އެ ކޮމިޝަނުން ބާއްވާ އިންތިހާބުގައި އީ ވޯޓިން ހަރާބުއަރުވާލާނެ."

އިންތި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. އިންތިހާބުގައި ބައިވެރިވުމާ ގުޅޭ ގޮތުން އެމްޑީޕީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި --ފޮޓޯ: މުހައްމަދު ޝަރުހާން

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނާ މެދު ތުހުމަތުތަކެއް ކުރެވޭއިރު ރާއްޖޭގައި އީ ވޯޓިން ތައާރަފްކުރުމުގެ ބޭނުމެއް ނެތެވެ. ބޮޑެތި ބައެއް ގައުމުތަކުގައި އިންތިހާބު ދެ ހަފުތާ އަށް ވެސް ދިގުލައިގެންދާ ކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ އޭގެ ބޭނުމަކީ ވޯޓުގެ ކަންކަން އިންސާފުން ކުރިއަށް ގެންދިއުން ކަމަށެވެ.

"ރާއްޖޭގައި ވެއްޖިއްޔާ ވޯޓުލާ ދުވަހު އިރުއޮއްސޭއިރު ނަތީޖާ އެބަ ހާމަކޮށްލެވޭ. ދެން ކޮން އީ ވޯޓިންއެއްތޯ؟ މިއީ ސަރުކާރުން ވޯޓު އޮޅުވާލުމުގެ މަގްސަދުގައި ކުރަން އުޅޭ ކަމެއް ގޮތަށް ވަރަށް ބޮޑަށް ބެލެވޭ،" އިންތި ވިދާޅުވި އެވެ.

ވޯޓުލާ ނިޒާމަށް ބަދަލުތަކެއް ގެންނަމުން ދާއިރު، އެކަމުގެ ފުރިހަމަ މައުލޫމާތު އެ ކޮމިޝަނުން ނުދިނުމަކީ ވެސް އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އިންތިހާބު ކުރިއަށް ދާ ގޮތަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެކަން ހާމަވާން ޖެހޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

އިންޑިއާގައި ބޭނުންކުރާ ވޯޓިން މެޝިން: ޖެނުއަރީ 14 ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ރާއްޖެ އަށް ވެސް އީ ވޯޓިން ތައާރަފްކުރަން ވަނީ ނިންމާފައި.

"އޭގެ ބަދަލުގައި ކޮމިޝަނުން މި މަސައްކަތް ކުރަނީ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި ވަކި ފިކުރެއް ދިފާއުކޮށްދޭން. ގާނޫނުން ޕާޓީތަކަށް ދީފައިވާ ހައްގުތައް ހަނިކުރަމުންދާއިރު ވެސް ސަރުކާރުން ބޭނުންވާ ގޮތަށް ކޮމިޝަންގެ އަމަލުތައް ފެންނަނީ،" އިންތި ވިދާޅުވި އެވެ.

މަކަރެއް ނުހެދޭނެ، އިންތިހާބު މިނިވަންވާނެ

އިދިކޮޅު ޕާޓީތަކުގެ ކަންބޮޑުވުންތައް ހުއްޓަސް އީ ވޯޓިން ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތަށް ދޫދިނުމެއް ނެތެވެ. މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖެހުމާ އެކު ވޯޓުގައި ބޭނުންކުރާނެ މެޝިންތައް ރާއްޖެ ގެންނާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ބޭނުންކުރަނީ ތިން ފޮއްޓެއްގަ އެވެ. އެކަމަކު އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ. އެކަން ނިންމާނީ ޕާޓީތަކާ އެކު މަޝްވަރާކޮށްފައި ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.

އީ ވޯޓިން މެޝިނެއް: އީ ވޯޓިން ތައާރަފްކުރިއަސް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަނުން ބުނޭ.

ބައެއް ގައުމުތަކުގައި އީ ވޯޓިން ކުރިއަށް ގެންދާ ގޮތް ބެލުމަށް ފަހު، ކައުންސިލް އިންތިހާބުގައި ބޭނުންކުރަން ރާއްޖެއާ އެންމެ ގުޅޭ ދެ ވައްތަރެއްގެ މެޝިނެއް އެ ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ވޯޓު ފޮއްޓާ އެކުގައި ހުންނަ ގުނާ މެޝިނަކާއި ފޮއްޓާ ވަކިން ހުންނަ މެޝިނެކެވެ. ފޮއްޓާ އެކު ހުންނަ މެޝިނުން ފަސް ސިކުންތުގެ ތެރޭގައި މުޅި ފޮށި ގުނާލެވެ އެވެ. އަނެއް މެޝިނުން މިނެޓަކު 100 ކަރުދާސްކޮޅު ގުނާލެވޭނެ އެވެ. "މެޝިނުން ގުނިއަސް މިހާރު ގުނާ ގޮތަށް މެނުއަލްކޮށް ވެސް ގުނާނެ. ބޭނުމަކީ އިތުބާރު ބޮޑުކުރުން. އީ ވޯޓިންގައި މަކަރުހަދައި އޮޅުވާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ޝައްކުކުރާނެ އެއްވެސް ޖާގައެއް ނޯންނާނެ،" އިލެކްޝަންސް ކޮމިޝަން މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި އެވެ.

"އީ ވޯޓިންއާ އެކު އެއްވެސް މީހަކަށް ފޮއްޓަށް އަތް ބާނައި ވޯޓު އޮޅުވާލުމުގެ ފުރުސަތެއް ނޯންނާނެ، އެއީ ޔަގީން ކަމެއް."

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި އެތަނުގެ ބައެއް ވެރިންނާއި ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމާ އެކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ކުރީގެ އިލެކްޝަންސް ކޮމިޝަނުން ވެސް އީ ވޯޓިން ތައާރަފްކުރަން އުޅެނެވެ. އެފަހަރު އެކަމަށް އެމްޑީޕީން ތާއީދުކުރި އިރު ދެކޮޅުހެދީ ޕީޕީއެމުންނެވެ. އޭރު އީ ވޯޓިން ތައާރަފްކުރަން ބާރުއެޅި އެމްޑީޕީ މިހާރު އެކަމާ ދެކޮޅު ހަދަނީ ކީއްވެގެންތޯ، ކުރިން އެމްޑީޕީގެ އިދާރީ ބައިގައި މަސައްކަތްކުރެއްވި އަކްރަމް ސުވާލު އުފެއްދެވި އެވެ.

"މި ކޮމިޝަނަށް އެއްވެސް ނުފޫޒެއް ނެތް. މަސައްކަތް ކުރަނީ މިނިވަންކަމާ އެކު. ދެން އިތުބާރެއް ނެތޭ އޮތޭ ދަންނަވާނީ ކިހިނެއްތޯ. އަދި އަޅުގަނޑުމެން އިންތިހާބެއް ނުބާއްވަމެއް ނޫންތޯ؟ އަޅުގަނޑުމެންނާ އެކު އިންތިހާބަށް ހިންގަވާ، އިރާދަކުރެއްވިއްޔާ މި ރާއްޖޭގެ ތާރީހުގައި ނުބޭއްވޭ ފަދަ އަމާން އޮމާން ހާމަކަން ބޮޑު، އިންސާފުވެރި އިންތިހާބެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭނަން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ވިސްނުން ހުރީ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކޮށް، 2018 ނުވަތަ 2019 އާ ހަމައަށް ރާއްޖޭގައި ފުރިހަމަ އީ ވޯޓިން ނިޒާމެއް ގާއިމްކުރުން ކަމަށެވެ. ފުރިހަމަ އީ ވޯޓިން ނިޒާމަކަށް ރާއްޖެ ބަދަލުވާއިރު އިންތިހާބުތަކުގެ ސައްހަ ކަމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ކުރާ ހުރިހާ ޝަކުވާތަކަށް ނިމުން އަންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އޭރުން ބައޯމެޓްރިކްސް އައިޑީ ކާޑު ތައާރަފްކޮށް ވޯޓު ކަރުދާސްކޮޅު ލިބޭނީ އެ މީހެއްގެ ފިންގާ ޕްރިންޓް ޖެހުމުންނެވެ. އިތުރަށް ވޯޓު ކަރުދާސް ޗާޕްކުރި ކަމަށް ނުވަތަ މަރުވެފައި ތިބި ބަޔަކު ވޯޓުލީ ކަމުގެ ތުހުމަތުތައް މުޅިން ހުއްޓޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބު ކައިރިވަމުން އަންނައިރު، ކޮމިޝަނާ މެދު ހުރި ޝައްކުތަކަށް ހައްލު ހޯދޭނެ މަގެއް އަދި ނުފެނެ އެވެ. އިންތިހާބަށް އަތް ބާނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، އިލެކްޝަނުން އަންނަނީ އެކަން ދޮގުކުރަމުންނެވެ. އެ ތެޅުން އަދި އޮތީ ކުރިއަށެވެ.