ރިޕޯޓް / ސީއެޗްއެސްއީ

ސީއެޗްއެސްއީ އުފައްދަން މާ ދުރުން އައި ޕްރިންސިޕަލް

ޑރ. މާލިކު: އުމުރުން 94 ގައި އެމެރިކާ އިން އަނެއްކާވެސް ރާއްޖެ ވަޑައިގެންނެވީ ކުރީގެ ދަރިވަރުންނާ ބައްދަލުކޮށްލައްވައި ރާއްޖޭގެ ތައުލީމުގެ ކަންކަން ބައްލަވައިލެއްވުމަށް --ފޮޓޯ: ހުސެން ވަހީދު/ މިހާރު

އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމާ އެކު އަޅުގަނޑު އެކި ދިމަދިމާލަށް ނަޒަރު ހިންގާލީމެވެ. އެތެރޭގައި ތިބި ހައެއްކަ މީހުންގެ ތެރެއިން ހޯދަން ބޭނުންވީ 94 އަހަރުގެ މީހެކެވެ. އަވަސް އަވަހަށް ސޯފާ އިން ތެދުވެ އިނގިރޭސި ބަހުން މަރުހަބާ ކީ އޭނާކަން ގަބޫލުކުރަން ސިކުނޑި ދެކޮޅުހެދި އެވެ.

އަޅުގަނޑަށް ޑރ. އިބްރާހިމް އަބްދުލް މާލިކު ފެނުނީ އެއަށް ވުރެ މާ ބޮޑަށް ވެސް ޒުވާންކޮށެވެ. އޭނާ ހައިރާންވެވަޑައެއް ނުގަންނަވަ އެވެ. އުނދަގޫ ދިގު ދަތުރެއްގައި ރާއްޖެ ވަޑައިގެން، ލިފްޓެއް ނެތް އިމާރާތެއްގެ ހަތަރު ވަނަ ބުރީގައި އުޅުއްވަމުން ގެންދެވި އެމެރިކާގެ އިލްމުވެރި މުދައްރިސަށް، 94 އަހަރު ވެއްޖެކަން ގަބޫލުކުރަން އަޅުގަނޑު ނޫން ކިތަންމެ ބަޔަކަށް ވެސް ދައްޗެވެ.

އެކަމަކު، ޑރ. މާލިކާ ބައްދަލުވިކަން ހަނދާނުން ނުފިލާނެ ހަމައެކަނި ސަބަބަކީ އެއެއް ނޫނެވެ. ސައިންސް އެޑިއުކޭޝަން ސެންޓަ (އެސްއީސީ) ނުވަތަ މިހާރުގެ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އުފައްދަވައި އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލްގެ މަގާމް ފުރުއްވައި ރާއްޖެ އަށް އޭލެވެލް ތައުލީމް ތައާރަފްކުރެއްވި މުސްލިމް މޭސްތިރިޔާގެ ރާއްޖޭގެ ތަޖުރިބާތަކާއި އޭނާގެ ރަހުމަތްތެރި، ހިތްތިރި، އޯގާތެރި، އެކަމަކު ސަމާސާ މިޒާޖާއި ހިކުމަތްތެރި ވާހަކަތަކަށް ވެސް ހިތް ދޫނުވެއެއް ނުދާނެ އެވެ.

"ތިއީ ނޫސްވެރިއެއްކަން ހަމަ ކަށަވަރު! ނޫސްވެރިއެއް ފާޑު އެބަ ޖަހާ،" ސަލާންކޮށްލަން އަތް ދިއްކޮށްލެއްވުމުގެ ކުރިން މާލިކު އަޅުގަނޑަށް މަރުހަބާ ވިދާޅުވީ ވެސް ސަކަ ވާހަކައަކުންނެވެ.

ޑރ. މާލިކު މިދިޔަ ހަފުތާގައި "މިހާރު"އާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިންޓަވިއު ކުރިއަށް ދާނެ ރާގު އަޅުގަނޑަށް ވަގުތުން ނަގައިގަނެވުނެވެ. އެކަމަކު އެ ލަފާކުރުމާ ދޭތެރޭ އަމިއްލަ އަށް ހައިރާންވާން ޖެހުނީ މާލިކުގެ ތައާރަފުންނެވެ. ދެ ޕީއެޗް.ޑީ ހާސިލްކުރައްވައި މަސައްކަތުގައި އުމުރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ މިޒާޖު އާއްމުކޮށް އެއަށް ވުރެ ސީރިއަސްވާނެއޭ ހިތަށް އެރީމަ އެވެ.

ހާވަޑް ޔުނިވަސިޓީ އިން ސައިންސް އެންޑް އެޑިއުކޭޝަން އަދި ގްރެޖުއޭޓް ތިއޮލޮޖިކަލް ފައުންޑޭޝަނުން އިސްލާމިކް ސްޓަޑީޒް ކިޔަވާވިދާޅުވުމުގެ އިތުރުން ނިއު ޔޯކް ސިޓީގެ ތައުލީމީ ނިޒާމުގައި 25 އަހަރު ޚިދުމަތް ކުރައްވާފައިވާ މާލިކު، އުމުރުން ކިތަންމެ ގިނަ ދުވަހެއް ވިޔަސް، މަސައްކަތް ހުއްޓައެއް ނުލައްވަ އެވެ. އޭނާ މިހާރު ވެސް ގެންދަވަނީ ފެއާލޭ ޑިކިންސަން ޔުނިވާސިޓީގައި ކިޔަވައިދެއްވަމުންނެވެ.

އެކިއުމެނިކަލް ސްޓަޑީޒްގެ ވާހަކަ އަޅުގަނޑު މި އަޑުއެހީ އަލަށެވެ. ނަސޯރާ ދީނާއި ޔަހޫދީ ދީނުގެ ދެ އިލްމުވެރިޔަކާ އެކު މާލިކު އެ ކޯހުގައި ޒުވާން ދަރިވަރުންނަށް އުނގަންނައިދެއްވަނީ ތަފާތު ފިކުރުތަކާ އެކު ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށްގެން ސުލްހަވެރިކަމާ އެކު އެއް މުޖުތަމައެއްގައި ދިރިއުޅޭނެ ގޮތެވެ.

"އެމެރިކާގައި، އަޅުގަނޑުމެންނަށް ވަރަށް މުހިއްމު، ނަސްލީ، ދީނީ އަދި ސަގާފީ ގޮތުން އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި ތަފާތުތައް ބަލައިގަތުން،" މުޅި އިންޓަވިއުގައި ވެސް މާލިކުގެ ރާގު އެންމެ ސީރިއަސްވި މައުލޫއުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއް ބަޔަކު އަނެއް ބަޔަކު މަރައި، އެންމެން އެކުއެކީގައި ފަނާވެދިޔުމުގެ އިޚްތިޔާރު ވެސް އެބަ އޮތް. އަދި ހަމަ، ހަމަޖެހިގެން އެންމެން އެކުގައި ދިރިއުޅުމުގެ އިޚްތިޔާރު ވެސް އެބަ އޮތް. އަޅުގަނޑަކަށް ފުރަތަމަ ގޮތް ކަމަކުނުދޭ. އެހެންވީމާ އަޅުގަނޑު މި މަސައްކަތްކުރަނީ، ދީނީ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް، އެންމެންނަށް ސުލްހަވެރިކަމާ އެކު އުޅެވޭނެ ގޮތް ފަހިކުރަން އަޅުގަނޑަށް ކޮށްދެވެން ހުރި ކަމެއް ކުރަން."

ޑރ. މާލިކު: އޭނާގެ ފަރާތުން ފެންނަނީ ނަމޫނާ ސިފަތަކެއް .---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެއީ، މާލިކުގެ ބަހުން ނަމަ، "އަމިއްލަ އިޚްތިޔާރުގެ މުސްލިމެއް"ގެ ވިސްނުމެވެ. "އެއިން ގައިމު ވެސް ކޮންމެވެސް އެއްޗެއް ބުނެދޭނެ،" ކަމަށް ބާބޭޑޯސްގެ އާއިލާއަކަށް ނިއު ޔޯކްގައި އުފަންވެވަޑައިގެންނެވި މާލިކު ފަޚުރުވެރިކަމާ އެކު ފާހަގަކުރެއްވި އެވެ. އެކަމަކު، އުމުރުން 52 އަހަރުގައި އިސްލާމްވެވަޑައިގެންނެވި ގޮތް ކިޔައިދެއްވާކަށް ގަސްދެއް ނުކުރެއްވި އެވެ.

"އެއީ މާ ދިގު ވާހަކައެއް. އެކަމަށް ވަކި އާޓިކަލްއެއް ބޭނުންވާނެ،" އާދައިގެ މަތިން އަދަބުވެރިކަމާ އެކު އޭނާ ވިދާޅުވީ މިހެންނެވެ.

ތެދެކެވެ؛ ބައްދަލުވުންތަކުން ވަގުތު ހުސްކުރައްވައިގެން މާލިކު އެ އިންނެވީ ސީއެޗްއެސްއީގެ ވާހަކަ ދައްކަވާށެވެ.

އިސްލާމްވެވަޑައިގެންނެވިތާ ހަތަރު އަހަރު ފަހުން 1979 ގައި ރާއްޖެ ވަޑައިގެންނެވީ ޔުނެސްކޯގެ މަސައްކަތަކަށް ކުރިމަތިލައްވައިގެން އުޅުއްވަނިކޮށް ލިބިވަޑައިގެންނެވި ފުރުސަތެއްގަ އެވެ. އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅެއް ކަމަށް ވާ ޑރ. މުހައްމަދު ޒާހިރު ހުސެން ނިއު ޔޯކުގައި އޭނާއާ އިންޓަވިއުކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަން ދެއްވި ދައުވަތަކީ މާލިކުގެ ހަޔާތުގެ އެފަދަ ފުރަތަމަ ތަޖުރިބާ އެވެ.

"މުއައްސަސާއެއް އުފެއްދި ކިތައް މީހުން ދަންނަންތޯ؟" އޭނާ އަޅުގަނޑު ގާތު އެއްސެވި އެވެ.

"އަޅުގަނޑުގެ ކިބައިގައި ކިޔަވައިދިނުމުގެ ތަޖުރިބާ ކިތަންމެ ވަރަކަށް ވެސް ހުރި. އެކަމަކު މިއީ މުޅިން އެހެން ކަމެއް. އެހެންވީމާ އެކަން ވީ ވަރަށް ބޮޑު ގޮންޖެހުމަކަށް."

ހަގީގަތުގައި، ރާއްޖެ ވަޑައިގެންނެވި އިރު މާލިކުގެ ޒިންމާއަކީ ސީދާ އެއެއް ވެސް ނޫނެވެ. އެކަމަށް ހެކިވެވަޑައިގަންނަވަނީ އެސްއީސީގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އެ ދުވަސްވަރު އޭނާ އަރިހު މަސައްކަތްކުރެއްވި މަސްއޫދު އިމާދެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ޕްރެސް ސެކްރެޓަރީކަން ކުރެއްވި މަސްއޫދު ސިފަކުރެއްވި ގޮތުގައި "އަމީނިއްޔާ ސްކޫލުގައި ސައިންސް ލެބޯޓްރީއެއް ހަދަން ފެށި މަސައްކަތެއްގައި ސައިންސް އެޑިއުކޭޝަން ސެންޓަރު ވުޖޫދަށް އައީ" އެވެ.

"ޑރ. މާލިކުގެ އެސައިންމެންޓަކީ ސައިންސް ލެބޯޓްރީއެއް އުފެއްދުން. އެކަމަކު ވަކި ހިސާބަކުން އޭނާއާ ހަވާލުކުރީ ސްކޫލެއް އުފެއްދުމުގެ މަސައްކަތް. އެ ސްކޫލުގައި ފަށަން ޖެހުނީ ސައިންސް ކްލާސްތަކާއި އާޓްސް ކްލާސްތައް،" ގޭގައި މާލިކު ބަހައްޓަވައިގެން މެހްމާންދާރީ އަދާކުރައްވަމުން ގެންދެވި މަސްއޫދު ކިޔައިދެއްވި އެވެ.

ޑރ. މާލިކު "މިހާރު" އަށް އިންޓަވިއު ދެއްވަނީ

މާލިކު ވިދާޅުވި ގޮތުގައި އޭލެވެލް ތައުލީމަށް ޚާއްސަ މަރުކަޒެއްގެ މުހިއްމުކަން އެންމެ ފުރަތަމަ ވެސް އޭނާ އަށް ވިސްނިވަޑައިގަތެވެ. ސަބަބަކީ އޭލެވެލް ހަދަން ރާއްޖެ އިން ބޭރަށް ދިޔުން ނޫން ގޮތެއް އޭރު ދިވެހިންނަށް ނެތުމެވެ. އެކަމަކު އެސްއީސީ އުފެއްދުމުގެ ޚިޔާލަކީ އޭނާގެ އެއްޗެއް ކަމަށް ވިދާޅުވާކަށް ބޭނުންފުޅެއް ނުވި އެވެ. ހަމައެކަނި ވިދާޅުވީ "އަޅުގަނޑު ވެސް އެކަމަށް އެހީތެރިވިން" ކަމަށެވެ.

މާލިކު، އެ ދަނޑިވަޅުގައި އޭލެވެލް ތައުލީމަށް އިންތިޒާރުކޮށްގެން ތިބި ބައެއް ޒުވާނުން އެކަމުގައި ބައިވެރިކުރެއްވި އެވެ. ލެބޯޓްރީތަކަށް ބޭނުންވާ ސާމާނު ހޯއްދަވައި، އެހެނިހެން މަސައްކަތްތައް ވެސް ފުރިހަމަކުރެއްވި އެވެ. ބޭރުގެ ޔުނިވާސިޓީތަކަށް ވަދެވޭ ފެންވަރުގެ ދަރިވަރުންތަކެއް އުފެއްދުމުގެ މަގްސަދުގައި، 47 ދަރިވަރުންނާއި ހަތަރު ޓީޗަރުންނާ އެކު، އެސްއީސީ ފަށައިގަތް އިރު ކިޔަވައިދިނީ ސައިންސް ސްޓްރީމް އެކަންޏެވެ. ހަތަރު އަހަރު ވަންދެން ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހު އޭނާ ފުރާވަޑައިގެންނެވީ އާޓްސްގެ މާއްދާތައް ވެސް ތައާރަފްކުރައްވައިފަ އެވެ. ފަހުން ބިޒްނަސް ސްޓްރީމް ވެސް އައީ އެވެ.

މިހާރު 90 ވަރަކަށް ޓީޗަރުންނާ އެކު ސީއެޗްއެސްސީއަކީ އެއްފަހަރާ 1500 ދަރިވަރުންނަށް ކިޔަވައިދޭ ޝަރަފްވެރި މުއައްސަސާއެކެވެ. ރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެ މައި އެއް ތަނބެވެ. ސަރުކާރުން ދިން ދައުވަތެއްގައި ސީއެޗްއެސްއީގެ 25 ވަނަ އަހަރީ ދުވަހަށް 2004 ގައި މާލިކު ރާއްޖެ ވަޑައިގެންނެވި އިރު ވެސް، އެ ސްކޫލާ މެދު އޭނާ އޭރު ގެންގުޅުއްވި ތަސައްވުރު އޮތީ ފުރިހަމަވެފަ އެވެ. އޭނާ އެޅުއްވި ބިންގަލުގެ މަތީގައި ވޭތުވެދިޔަ 37 އަހަރު ތެރޭ އެތައް ހާސް ދިވެހި ޒުވާނުން ތައުލީމް ހޯދައިފި އެވެ. ރާއްޖޭގެ ތަޖުރިބާތަކުން އެއަށް ވުރެ ވަކިން ބޮޑު އުފަލެއް މާލިކަކަށް ނެތެވެ.

"މީގެ 13 އަހަރު ކުރިން އަޅުގަނޑު އައި އިރު [ސީއެޗްއެސްއީ އިން] އަޅުގަނޑާ ބައްދަލުވީ އަޅުގަނޑުގެ ދަރިވަރުންގެ ދަރިންނާ. އެއީ އެއް ޖީލު. މި ފަހަރު އަޅުގަނޑާ ބައްދަލުވާނީ އަޅުގަނޑުގެ ދަރިވަރުންގެ ކާފަ/މާމަ ދަރިންނާ. މިއީ މުޅިން އާ ޖީލެއް،" މިހާރުގެ ހާލަތު ބައްލަވައިލެއްވުމުގެ ބޭނުމުގައި އަނެއްކާވެސް ރާއްޖެ ވަޑައިގެންނެވި މުދައްރިސް ވިދާޅުވި އެވެ.

އެކަމަކު މާލިކުގެ ވާހަކަ އަޑުއެހީ އެސްއީސީ/ސީއެޗްއެސްއީގެ ކިތައް ދަރިވަރުން ހެއްޔެވެ؟ ގައިމު ވެސް އަޅުގަނޑަކަށް ކުރިއަކުން ނޭނގެ އެވެ. އަޅުގަނޑުމެންނާ މެދު އޭނާ ފަޚުރުވެރިވެވަޑައިގަންނަވާ މިންވަރު އެތައް ވާހަކައަކުން ބަޔާންކޮށްދެއްވި އެވެ.

"ތިޔައީ ވެސް ސީއެޗްއެސްއީގެ އުފެއްދުމެއް. ތިޔަ އިންނެވީ ތިޔަ ބޭފުޅާގެ ނޫސް 'މިހާރު' އަށް އަޅުގަނޑާ އިންޓަވިއުކުރައްވަން. ނިކަން ދެކިބަލަ!" އުފަލާއި ހައިރާންކަން އެކުއެކީގައި ފާޅުކުރައްވަމުން އަޅުގަނޑާ ދިމާއަށް މާލިކު ވިދާޅުވި އެވެ.

މިހާރު އެކި ދާއިރާތަކުގެ އިސް ސަފުން އަޅުގަނޑުމެންނަށް ފެންނަ އެތައް މޫނަކީ ސީދާ އޭނާގެ ދަރިވަރުންނެވެ. ޑޮކްޓަރުންނާއި އިންޖިނިއަރުންނާއި މިނިސްޓަރުންނެވެ. ސަރުކާރުގެ އިސް މަގާމްތަކާއި ތައުލީމީ އަދި ސިޔާސީ ދާއިރާގެ މޭސްތިރިންނެވެ.

ސީއެޗްއެސްއީ އުފެއްދެވި އަދި އެ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ޑރ. މާލިކު، މި ފަހަރުގެ ޒިޔާރަތުގައި، އޭނާގެ ކުރީގެ ބައެއް ދަރިވަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ --ފޭސްބުކް ފޮޓޯ: ޑރ. މަރިޔަމް ޝަކީލާ

"'ފަޚުރު' އެ ލަފްޒުން އެކަންޏެއް އަޅުގަނޑުގެ އިހުސާސްތައް ބުނެއެއް ވެސް ނުދެވޭނެ. ފަޚުރާ އެކު ހިތްތިރިކަން ވެސް އިހުސާސްވޭ. ހިތަށް އަރަނީ 'މާތްކަލާކޯ! މި މީހުންގެ ކުރިއެރުމަށް ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް އެހީވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނޭ.' އެކަމަށްޓަކައި މާތް ރަސްކަލާނގެ އަށް ހަމްދުކުރަން،" މާލިކު ވިދާޅުވި އެވެ.

"އެކަމަކު އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވާ ކަމަކީ، މިހާރު އޭގެ ތެރެއިން ކޮންމެ މީހަކާ ބައްދަލުވިޔަސް، 1979 ވަނަ އަހަރު އަޅުގަނޑު ކިޔަވައިދެމުން ގެންދިޔަ ކްލާހުގައި އިށީނދެ ތިބި އިރު އެ ކުރި ފުރިހަމަ އިހުތިރާމް އަދިވެސް، ހަމަ އެ ގޮތުގައި، އަޅުގަނޑަށް ކުރާ ކަން."

ފުރަތަމަ ޒިޔާރަތަށް ސާޅީހަކަށް އަހަރު ފަހުން މާލިކަށް ރާއްޖެ އިން ބަދަލެއް ފެނިވަޑައިނުގަންނަވާ ހަމައެކަނި ކަމަކީ އެއީ އެވެ. ދިވެހިންގެ ހިތްހެޔޮކަމާއި މެހްމާންދާރީ އަދާކުރުމުގެ ފުރިހަމަ ކަމެވެ. ކޮންމެ ތާކަށް ވަޑައިގެންނެވިޔަސް މަރުހަބާގެ އުފާވެރި އިހުސާސް ކުރެއްވެ އެވެ. ސެލްފީ ނަގާ ހިތްވާ މީހުންގެ "އުނދަގުލުން" ވެސް ސަލާމަތެއް ނުވެ އެވެ.

"މިހާރު މި ވާ ގޮތެއް އެނގޭތޯ؟ ކޮންމެވެސް ގޮތަކުން އަޅުގަނޑުގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ގޮސްގެން އެބަ ފެތުރޭ ކަމަށް ވަނީ. މިއަދު އަޅުގަނޑު ފިހާރައެއް ތެރޭ ހުއްޓާ، އަންހެނަކު އައިސް ހެވި ދިލިފައި އެހެން ކިޔައިފި. ދެން އަޅުގަނޑު ނުވެސް ދެނެ ހުއްޓާ އޭނާ ނެގީ އަޅުގަނޑުމެން ދެ މީހުންގެ ސެލްފީއެއް،" ޖޯޝާ އެކު އެ ވާހަކަ ކިޔައިދެއްވަމުން މާލިކު ވިދާޅުވި އެވެ.

އެކަމަކު މަޝްހޫރުކަމާއި މަގްބޫލުކަން ހޯއްދެވުމަކީ އޭނާ ގެންގުޅުއްވާ ވިސްނުމެއް ނޫނެވެ. މާލިކު ގަޔާވެވަޑައިގަންނަވަނީ ހަމަހިމޭން މާހައުލުތަކުން މީހުންނާ ބައްދަލުވެ، ފަހަރަކު މަދު ބަޔަކާ އެކު ވަގުތު ހޭދަކުރެއްވުމަށެވެ. ސޯޝަލް މީޑިއާގެ ހަލަބޮލި ދުނިޔެއަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ.

"ސޯޝަލް މީޑިއާގެ ބާރު އަޅުގަނޑަށް ވަޒަންކުރެވޭ. އެކަމަކު އަޅުގަނޑަކީ އަބަދު މީހުންގެ ސަމާލުކަން ހޯދައިގެން އުޅޭ ހިތްވާ މީހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އުމުރާ އެއްގޮތަށް މާލިކުގެ ވިސްނުން ވެސް "ބޯދާ"އީއޭ ހީވަންޏާ، އެއީ ހަމައެކަނި ސޯޝަލް މީޑިއާއާ މެދު އޭނާ ދެކެވަޑައިގަންނަވާ ގޮތެވެ. އިހުގެ އެންމެ ގަދީމީ ފޯނު ބޭނުންކުރައްވާފައި ހުންނެވި ބޭފުޅަކު މިހާރު އެ ގެންގުޅުއްވަނީ އައިފޯން 7 އެވެ. ޒުވާނުންނެކޭ އެއްގޮތަށް އޭނާ ވެސް ބަރޯސާވެވަޑައިގަންނަވަނީ ޓެކްސްޓް މެސެޖާއި އީމެއިލް ފަދަ ޚިދުމަތްތަކަށެވެ.

"އަޅުގަނޑުގެ ހަޔާތުގައި މިކަހަލަ ހުރިހާ ކަމެއް ފެނިއްޖެ. މި ކަންކަން ދަސްކުރަން ޖެހުނީމަ އަޅުގަނޑު ދަސްކުރީ. އެއީ އަޅުގަނޑަކަށް އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑު ފަދަ އެހެން ބައެއް މީހުން އެއްވެސް ކަމެއް ދަސްކުރާކަށް ބޭނުމެއް ނުވި. އެކަމަކު އެއީ އަޅުގަނޑު ވިސްނުން ގެންގުޅޭ ގޮތެއް ނޫން،" ދެ ދަރިންނާއި ކާފަ ދަރިފުޅުގެ އިތުރުން "އެހެނިހެން ގޮތްގޮތުން" އިތުރު ނުވަ ކާފަ ކުދިން ވެސް އެބަތިބި ކަމަށް ވިދާޅުވާ މާލިކު ފާހަގަކުރެއްވި އެވެ.

ފަހަރުގައި، އެހާ ދުޅަހެޔޮ ސިއްހަތެއްގައި މިހާ ގިނަ ދުވަހު ދެމިހުންނެވުނީ ވެސް އެފަދަ ވިސްނުމެއްގެ ވެރިއަކަށް ވާތީ އެވެ. އެކަމަކު މާލިކު ވިދާޅުވަނީ އެކަމުގައި "ވަކި ޖާދޫއެއް ނެތް" ކަމަށެވެ. ޒުވާނުންނަށް އޭނާގެ ހަމައެކަނި ނަސޭހަތަކީ އިންސާނާގެ ހަށިގަނޑަކީ ކިހާ ފުރިހަމަ އެއްޗެއްކަން ދެނެގަނެ، ހަށިގަނޑަށް "އިހުތިރާމްކޮށް" އެ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. ދިރިއުޅުމުގެ އާދަތައް ދުޅަހެޔޮކުރުމެވެ. އެކަމާ ބެހޭ ގޮތުން އޭނާ ތަފްސީލްކޮށް ދެއްކެވި ހުރިހާ ވާހަކަތަކެއް ލިޔަންޏާ، އެއީ ވެސް ވަކި އާޓިކަލްއެކެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑާއި އަޅުގަނޑު ފަދަ އެހެން މީހުންގެ ފަރާތުން ތަފާތެއް ފެންނަންޏާ އޭގެ ސަބަބަކީ މި ދެންނެވި ކަންކަން އަޅުގަނޑަށް އެނގިފައި ހުރުން ހެން،" އެ މައުލޫއު ނިންމާލައްވަމުން މާލިކު ވިދާޅުވި އެވެ.

މަސައްކަތުގައި ވިޔަސް، ދިގު ދަތުރެއް ކުރެއްވުން ވިޔަސް، އެއް ދުވަސް ތެރޭ އެތައް ބަޔަކާ ބައްދަލުކުރެއްވުން ކަމަށް ވިޔަސް، އަދި ސިޑިން ހަތަރު ވަނަ ބުރިއަށް އަރާވަޑައިގަތުން ކަމަށް ވިޔަސް، މާލިކަށް މަޑުޖެހުމެއް ނެތެވެ.

އެ ނަމޫނާ އިން ނުފުދެންޏާ، އެހެން މީހުންނާ މެދު އޭނާ ގެންގުޅުއްވާ އަދަބުވެރިކަމާއި އިހުތިރާމެވެ. އެހެން މީހުންގެ ކުރިއެރުމަށް އެދިވަޑައިގަންނަވާ މިންވަރާއި ބަހައްޓަވާ ޝައުގުވެރިކަމެވެ. ނޭނގި ނަމަވެސް، ހިކުމަތްތެރި އެތައް ވާހަކަތަކަކުން ނަންގަވައިދެއްވާ ފިލާވަޅުތަކެވެ.

އިންޓަވިއު ރެކޯޑްކުރުން ހުއްޓާލުމާ އެކު މާލިކު ކުއްލިއަކަށް ޝައުގުވެރިކަން އަނބުރާލެއްވީ އަޅުގަނޑާ ޖެހިގެން އިން މި ނޫހުގެ ފޮޓޯގްރާފަރަށެވެ. އެހާ ތަނަށް އެއްޗެއް ނުބުނެ އިން ހުސެން ވަހީދުގެ ސިކުނޑީގައި ހިނގަމުންދިޔައީ ކޮން ޚިޔާލުތަކެއްތޯ ސުވާލުކުރެއްވި އެވެ. އޭނާގެ ތައުލީމު ކިހާ ހިސާބަކަށް ހިނގައްޖެތޯ އޮޅުންފިލުއްވި އެވެ.

އޭގެ ފަހުން އަޅުގަނޑަށެވެ؛ ސީއެޗްއެސްއީ އަށް ފަހު ތައުލީމު ކުރިއަށް ގެންދިޔައިން ހެއްޔެވެ؟ މާސްޓާސް ހަދަން އެބަ އުޅެން ހެއްޔެވެ؟

އެންމެ ފަހު ބަހަކަށް ވެސް، ނަސޭހަތެކެވެ.

"އުއްމީދަކުން ނުފުދޭނެ. އެކަމަށް މަސައްކަތްކުރަން ޖެހޭނެ. މަސައްކަތް ނުކޮށެއް އުއްމީދު ހާސިލެއް ނުކުރެވޭނެ."

27 ކޮމެންޓް, 203 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 2%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖީދު

07 June 2017

ޑރ.މާލިކު ކިތަންމެ ޚިދުމަތެއް މި ގައުމަށް ކޮށްދެއްވިއެވެ. ނަމަވެސް " ރާއްޖެ އަށް އޭލެވެލް ތައުލީމް ތައާރަފްކުރެއްވި މުސްލިމް މޭސްތިރިޔާ" އޭ ބުނެވޭ ކަށް ނެތެވެ. ލިޔުން ތެރިޔާ އިތުރަށް ހޯއްދަވާށެވެ. އެސް.އީ.ސީ ހުޅުވުމުގެ ކުރިނއ މަޖީދިއްޔާ ، އަމީނިއްޔާގައި ގުރޭޑު 12 އާ ހަމައަށް އޮވެއެވެ، އޭލެބަލް އެދުވަސް ވަރު ނިންމަނީ އެސްކޫލް ތަކުގައެވެ. އަޅުގަޑުގެ ހަދާން ގޯސްނޫން ނަމަ މިހާރުގެ ރަޢީސް ވެސް އެލެވަލް ނިންމެވީ މަޖީދިއްޔާއިންނެވެ.

The name is already taken The name is available. Register?

މުހައްމަދު

07 June 2017

ސީއެޗްއެސް އުފައްދަން މާދުރުން ޕްރިންސިޕަލަކު އައީކީއެއް ނޫނެވެ. މާދުރުން ޕްރިންސިޕަލަކު ގެނައީއެވެ. ރައީސް މައުމޫން މި ޤައުމުގެ ދަރިންގެ މުސްތަޤްބަލަށްޓަކައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ހަރުދަނާ ފިޔަވަޅަކީ މުޅި ރާއްޖެއަށް ތަޢުލީމު އާންމު ކުރުމެވެ. މިކަން ކުރެއްވީ އދ.ގެ ޖަމާޢަތްތަކާވެސް ދެކޮޅަށެވެ. އަދި އޭރުގެ އެޑިޔުކޭޝަނުގައި ތިއްބެވި އެންމެ އިސްވެރިންގެ ޚިޔާލާއި މަޝްވަރާއާވެސް ދެކޮޅަށެވެ. ރާއްޖޭގެ ތަޢުލީމާބެހޭ ދިރާސާކޮށް ލިޔާ ބަޔަކަށް މިލިޔުންތައް އަދި ފެނިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އަމުދުން މިހާރުގެ ޅަ ނޫސްވެރިން މީގެ އެންމެ ލިޔުމެއްވެސް ނުދެކޭނެކަން ކަށަވަރެވެ. އެކަމަކު ދައުލަތުގެ ލިޔެކިޔުންތަކުގެ ތެރޭގައި ކޮންމެވެސް ތަނެއްގައި މިލިޔުންތައް ހުންނާނެކަމީ ޔަގީން ކަމެކެވެ.

The name is already taken The name is available. Register?

އާދަމް ޒާހިރު

03 April 2020

ތިޔަ ވިދާޅުވީ ވަރަށްވެސް ބޮޑު ތެދު ހަގީގަތެކެވެ. މައުމޫނަކީ މި ގައުމުގެ ތައުލީމީ ދަންމަރުގެ ބާނީކަން ޔަގީނެވެ. ނުހަނުގިނަ އަގުހުރި މަސައްކަތް ތަކެއް ކުރެއްވި އެވެ. މިއަދު މިގައުމު މި ހާސިލްކުރާ ކާމިޔާބީތަށް ހާސިލްވުމުގަ އެމަނިކުފާނުގެ ހިއްސާ ބޮޑެވެ.

The name is already taken The name is available. Register?

ކަޅޭ

07 June 2017

ޑރ މާލިކަށް އިނގިލައްވާތޯ އަޅުގަނޑުމެން ދިވެހިން މި ތިބެނީ ޑިމޮކްރަސީ ގިރާގެން ބޮއެގެން ހަޖަމް ނުކުރެވި ނަފްސީ ނަފްސީ ވެފަ،

The name is already taken The name is available. Register?

ޝަހާމް އިބްރާހިމް

07 June 2017

ނޫނޭ އަހަރެން ހީކުރީ އެސްއީސީ އާއި ސީއެޗްއެސްސީ އަކީ ރައީސް މައުމޫން އުފެއްދެވި ތަންތަން ކަމަށް. މިހާރު އަދި ކިރިޔާ މިއިނގުނީ، ވަކި ޕްރޮޖެކްޓެއްގައި އެހެން ކަމެއް ކުރުވަން ގެންނެވި ބޭފުޅަކު، ޢަދި ލެބޯޓްރީއެއް އަމީނިއްޔާގައި އުފައްދަވަން ގެންނެވި ބޭފުލަކު އުފެއްދެވި މަދަރުސާއެއްކަން. ފެނޭ އޭނާގެ ސްކަލްޕްޗަރ އެއް ހަދާފައި ސީއެޗްއެސްސީ ގެ ދޮރުމަތީގައި ބައިންދާން.

The name is already taken The name is available. Register?

މުހައްމަދު

07 June 2017

ތިމާ ނުދެނެހުރި ތިމާއަށް ނޭނގޭ ކަންކަމާ ފާޑުނުކިޔާށެވެ. ދިވެހިރާއްޖެއިން ޔުނިވަރސިޓީ ތަޢުލީމް ހާސިލުކުރަން މީގެ 40 އަހަރުކުރިން 40 ދިވެހިން ފޮނުވީ ރާއްޖޭގައި ޔުނިވަރސިޓީއެއް އުފެއްދުމުގެ މާތް މަގުސަދުގައެވެ. ސަރުކާރުގެ ފަރާތުން މިކަންކަން ވިލަރެސްކުރުމަށް ހަވާލުކުރި އެއްބޭފުޅަކީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީއެވެ. އަދި ތިޔަ ބުނާ ތަނެއް އުފެއްދުމުގެ ޚިޔާލާއި މަޝްވަރާއަކީވެސް މީގެ ތެރެއިން ބަޔެކެވެ.

The name is already taken The name is available. Register?

ސައެންސް

07 June 2017

ޑރ މާލިކަށް އަހަރުމެން ކުރިއަރާފަ ތިބިވަރު އަދި ނޭގެ ކިތަންމެ ކަމަކުން މިތިބީ ކުރިއަރާގޮސް. ދުނިޔެއިން ބަޔަކަށް ނޭގޭ ބާވަތުގެ ކުރިއެރުމެއް އައިސް އެކުވެރިކަމާއި ގާތްކަންކެޑި އާއިލީ ގުޅުންކެޑި، އިކޮނޮމިސްޓުން ގިނަވެ ރާއްޖެމުއްސަދިވީވަރުން ބަނޑުފުރާނަ މުއްތިނުކުރެވި އަތްނުފޯރާފަށަށް އަގުުފުލި އެންމެން މާލޭކިޔާ ކުޑަކުޑަ ފިނޮޅަކަށް އެއްކޮށް ދެފައިދަމާލާ ވަރުގެތަންކޮޅެއްވެސް ނެތި މީހުން މިވަނީ ސައިންސުވެފަ. ރައްޔިތުން ކުރިއަރއިދިޔަވަރުން ދުނިޔޭގައި އުޅެން އުދަގޫވެ މިތިބީ ކޮންމެވެސް އެހެން ޕްލެނެޓަކަށް ދެވޭތޯ އިނތިޒާރުގައި.

The name is already taken The name is available. Register?

ހާމް

07 June 2017

ކިހާ ބޮޑް ކަމެއް. ކަލޭމެންނަކަށް ނޯވޭދޯ ހައްދެެއް. އަބަދު ޝަކުވާ ކުރުން ނޫނީ. ތިހެން ނޫޅެ ފަސްވަގުތު ނަމާދު ކޮށްގެން އަނބިދަރިންނަށް ކަމޭ ހިތައިގެން އަމިއްލަ އަށް މަސައްކަތް ކޮށްގެން ހަމަ ޖެހޭ ދިރި އުޅުމެއް އުޅެވޭތޯ ބަލާބަލަ. ޤައުމުގައި ހުރި ނަމަ ހުރި ހުރިހާ ކަންތަކަށް ބޯބާނަމުން ފެމިލީކަންތަކާ ބޯގާނަމުން ޖޮބްގެ ކަންތަކާ ސްޓްރެސްވެ އެންމެ ފަހުން އަމިއްމަ އަށް މަރު.... މިއީ މިހާރު ދިވެހިންގެ ހާލު.

The name is already taken The name is available. Register?

ސަމާ

07 June 2017

"އަދި ހަމަ، ހަމަޖެހިގެން އެންމެން އެކުގައި ދިރިއުޅުމުގެ އިޚްތިޔާރު ވެސް އެބަ އޮތް." މީކީ މި ރާއްޖެއަށް މިހާރު ފިޓުވާނެ މީހެއް ނޫންތާ.

The name is already taken The name is available. Register?

އަލީ

07 June 2017

ދުނިޔޭގައި އުޅެނީ އެންމެ ދީނެއްގެ އެންމެ މަޒުހަބެއްގެ އެންމެ ނަސްލެއްގެ އެންމެ ކުލައެއްގެ ބައެއް ނޫން. މި ދުނިޔެއަކީ މި އެންމެންގެވެސް ތަނެއް. އެންމެންވެސް އުޅެން އޮތް ތަން. އެވާހަކަ މީހަކު ބުނެގެން އެރިހާ ވަރު ތިޔައީ؟ ސާބަސް އިގޭ. ކީރިތި ރަސޫލާވެސް ޔަހޫދީންނާއި ނަސާރާއިންނާއި ބުދަށް އަޅުކަން ކުރާ މީހުންނާއި އެއްކޮށްވެސް އުޅުއްވި.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

07 June 2017

ބުރޯ ! ސަމާ އެބުނީ ކީކޭކަން ކަލެއަކަށް ގެޓެއް ނުވި ދޯ؟ ދެމީހުން އެކައްޗެކޭ ކިޔައިގެން ވެސް ޖަދަލު ކުރެވޭތޯ ބަލާތި.

The name is already taken The name is available. Register?

ތިންތިކިޕީ

07 June 2017

އަލީ މެންގެ ކިބަިއިގަ ސަމާސާ މިޒާޖުގެ ވިންދެއްވެސް ނުޖަހަނީ

The name is already taken The name is available. Register?

ްުއުމަރު

07 June 2017

އަހަރެން ހީކުރީ ސީއެޗްއެސްސީ އަކީ ރައީސް ޔާމީނު ބިންގާ އެޅުއްވި ތަނެއްކަމަށް

The name is already taken The name is available. Register?

ކައުންސެލަރު

07 June 2017

އެކަމަކު "މައުމޫނު ދިވެހިރާއްޖެއަކަށް ކަމެއްނުކޮށްދެއްވަޔޯ ދިގު30 އަހަރު." ސިޔާސީ މީހުންނަށްވިސްނޭނީ ކައިފާ ހޮޑަށްލީމައެވެ.

The name is already taken The name is available. Register?

ދެނޯ

07 June 2017

ދެންތިބުނަނީ މައުމޫނު 30 އަހަރުވަންދެން ނިދިއްޔޭތަ؟ ކޮންމެވެސްކަމެއްކުރާނެ ދޯ

The name is already taken The name is available. Register?

ސާބަސް

07 June 2017

ޑރ.މާލިކަކީ މިރާއްޖޭގެ ނަމޫނާ ޖީލެއް އުފެއްދުމަށް އިޚުލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި ޙިކުމަތްތެރި ބޭފުޅެއް. މި އާޓިކަލުން ފެންނަ ފޮޓޯގައި ތިއްބެވި ބޭފުޅުންނަކީވެސް ގައުމަށް އަގުހުރި ޚިދުމަތްތެރިންތަކެއް. މިހާރުވެސް، އަބުރުވެރި ޚިދުމަތްތެރިންތަކެއް، އެފަދަ ކަމަކުން އިބުރަތް ހާސިލުކޮށް އަދިވެސް އެފަދަ ޖީލެއް އުފެއްދުމަށް އެބޭފުޅުންގެ އަރިހުން އެދެން. އޭރުން މިގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަަދަލުވާނީ. ޑރ.މާލިކުގެ ނަސޭހަތަކީ، ހަށިގަނޑަށްވެސް ބަލަންވާނެކަމަށް. އެއީ، މިދުނިޔޭގައި ނަމޫނާއަކަށް ބަލަންވީ މީހުންނަކީ، އެފަދަ މީހުން އުފައްދަންވީވެސް. އެކަމަށް މަސައްކަތްކުރަންވީވެސް. މާލިކަށް ފުރިހަމަ ސިއްހަތަކަށާ ބާއްޖަވެރިކަން މިންވަރުކުރައްވާށި! ސާބަހޭ މާލިކު

The name is already taken The name is available. Register?

އަޒީމް

07 June 2017

ސީއެޗްއެސްސީ އުވާލައި އެތަން އަމީނިއްޔާ ސުކޫލަށް ދިނުން އެންމެ ރަނގަޅީ އެއަށް ފަހު އަމީނިއްޔާ މަޖީދިއްޔާ ދަރުމަވަންތަ އަދި ހިރިޔާ ފަދަ ސުކޫލުތަކުގަ އޭލެވެލްއަށް ކިޔަވައިދޭން ފެށިމަ މާގިނަ ކުދިންނަށް ޔާންސްލިބި މައްސަލަތައްވެސް ހައްލުވާނެ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!