ދިވެހި ބަހުގެ ލޯބީގައި ޑިޒައިނަރަކު ދައްކާ ތަފާތު

ކުޑަކުދިންނާ ގުޅޭ ކަހަލަ ދިވެހި ފޮތްތަކާއި އަދަބީ ސާމަނު ވަރަށް މަދެވެ. މިހާރުގެ ކުދިން ދިވެހި ބަހަށް ދޭ ސަމާލުކަން ކުޑަވާ އެއް ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. އާމިނަތު ޝަރީހާން އިބްރާހީމް ބޭނުންވަނީ އެކަން ބަދަލުކުރާށެވެ.


އޭނާ އަތުން ކުރަހައިގެން ހަދާ "ތަކެތި"ން ކުދިންނަށް ޝައުގުވެރިކަމާ އެކު ދިވެހި ބަހުގެ އަކުރުތަކާއި ލަފްޒުތަކާއި އެއްޗެހީގެ ނަންތައް ދަސްކޮށްލެވޭނެ އެވެ.

"އަޅުގަނޑު ކުޑައިރު ވެސް ދިވެހި ވާހަކަ ވަރަށް އަޑުއަހާ ހިތްވޭ. އެކަމަކު ފޮތް ކިޔާކަށް ބޭނުމެއް ނުވޭ. ޝައުގުވެރިކަން ހުންނަނީ އިނގިރޭސި ފޮތްތަކަށް. މިހާރު ކޮއްކޮމެން ވެސް އިނގިރޭސި އެއްޗެހި ކިޔާފައި ދިވެހި އެއްޗެހި ނުކިޔާ ތަން ފެންނަނީ. އެހެންވީމަ ހިތަށްއެރީ އިނގިރޭސި އެއްޗެހި އެ ހުންނަ ފެންވަރަށް ދިވެހި އެއްޗެހި ވެސް ހުންނަން ޖެހޭނެއޭ،" ޝަރީހާން، 27، ބުންޏެވެ.

ޒުވާނަކަސް، ދިވެހިވަންތަކަމަށް އޭނާގެ ހިތުގައި އޮތް ލޯބި ވަރަށް ބޮޑެވެ. މެލޭޝިއާގައި ހެދި ވިޝުއަލް ކޮމިއުނިކޭޝަންސް ކޯހުގެ ފައިނަލް ޕްރޮޖެކްޓް ވެސް ޝަރީހާން ޚާއްސަކުރީ ދިވެހި ސަގާފަތަށެވެ. ދައްކައިދިނީ ކުރިން ކިޔައި އުޅުނު ބޮޑު މާލޫދެވެ. އޭގެ ފަހުން މިދިޔަ އަހަރު "ތަކެތި"ގެ ނަމުގައި ފެށި ވިޔަފާރީގައި ތަފާތު އެކި ވައްތަރުތަކުގެ އުފެއްދުންތައް އޭނާ ވަނީ ބާޒާރަށް ނެރެފަ އެވެ.

"ތަކެތި" ބްރޭންޑުގެ ދަށުން ޝަރީހާން އުފައްދާފައިވާ ބައެއް އެއްޗެހި. ފޮޓޯ: ހުސެން ވަހީދު/ މިހާރު

ޝަރީހާންގެ ފަރުމާތަކުގެ ތެރޭގައި "ހ، ށ" ފޮތަކާއި ދިވެހި ބަހުން ގުނަން ދަސްކޮށްދޭ ފޮތެއްގެ އިތުރުން، "ތާނަ ވޮށުފިލާ" އަދި ތާނަ އަކުރުތައް ކުރަހާފައިވާ ސޮފްޓް ބްލޮކްސް ނުވަތަ "ތާނަ ކޮޑި" އާއި ޝައުގުވެރި ދިވެހި ލަފްޒުތައް ދައްކައިދޭ ޕިން އަދި ތަޅުދަނޑީގައި ލާ އެއްޗެހި ވެސް ހިމެނެ އެވެ. ދަބަހާއި ނޯޓް ފޮތް ވެސް ހަދައިގެން ކުރިން ވިއްކި އެވެ.

"ބޭނުންވަނީ ކުޑަކުދިން ޝައުގުވެރިވާ ގޮތަށް މި އެއްޗެހި ހަދަން. މިހާރު ހުންނަ ގިނަ ފޮތްތަކަކީ ކަޅާއި ހުދުން ބައިވަރު ލިޔެފައި ކުރެހުން ވަރަށް މަދުކޮށް ހުންނަ، މާ ގިނަ ކުލަތަކެއް ނެތް ފޮތްތަކެއް،" ޝަރީހާން ބުންޏެވެ.

ދިވެހި ލަފްޒުތައް ހިމަނައިގެން ޝަރީހާން ފަރުމާކޮށްފައިވާ ޕިންތަކެއް. ފޮޓޯ: ހުސެން ވަހީދު/ މިހާރު

އޭނާ އެންމެ ފުރަތަމަ ބައެއް އެއްޗެހި ހެދީ މުޅިން ވެސް އަތުންނެވެ. އެކަމަކު މަސައްކަތް ބުރަކަމުންނާއި ކަމާ އެއްވަރުގެ އަގެއް ހަދައިފިއްޔާ މީހުންގެ އަތްފޯރާ ފަށަށް ނާންނާނެތީ މިހާރު އެއްޗެހި ތައްޔާރުކުރަނީ ޑިޒައިންތައް ފެކްޓްރީ އަށް ފޮނުވައިގެންނެވެ. އެ އެއްޗެހި ރާއްޖޭގެ ބައެއް ބުކްޝޮޕްތަކާއި ފިހާރަތަކުން ލިބެން އެބަ ހުއްޓެވެ.

"އަތުން ފުރަތަމަ ކުރަހަނީ. ކުރަހާފައި ސްކޭންކޮށްފައި ޕްރިންޓަށް ފޮނުވަނީ،" މެލޭޝިއާގައި ވަޒީފާ އަދާކުރާ ފިރިމީހާއާ އެކު އެ ގައުމުގައި ދިރިއުޅޭ ގްރެފިކް ޑިޒައިނަރު، ޗުއްޓީގައި މާލެ އައިސް ހުރެ، ނޫހަށް ކިޔައިދިނެވެ.

ޝަރީހާން އޭނާގެ "ހ ށ ދަސްކުރަމާ" ފޮތް ދައްކާލަނީ. ފޮޓޯ: ހުސެން ވަހީދު/ މިހާރު

ފްރީލާންސްކޮށް އެހެން މީހުންނަށް ވެސް ޑިޒައިން މަސައްކަތްތައް ކޮށްދޭ ޝަރީހާން މިހާރު ތައްޔާރުވަމުން އަންނަނީ "ށަވިޔަނި"ގެ މުހިއްމުކަން އަންގައިދޭ ފޮތެއް ނެރޭށެވެ. އޭނާގެ އަޒުމަކީ އިތުރު މީހުންނަށް ވެސް "ތަކެތި" ބްރޭންޑްގެ ދަށުން ފުރުސަތުތައް ދީ، ދިވެހި އަދަބިއްޔާތަށް ކުޑަކުދިން ހިތްޖައްސުވަން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމެވެ.

"ކުރިއަށް އޮތް ތާނގައި ރާއްޖޭގެ އާޓިސްޓުންނާއި ލިޔުންތެރިންނާ ގުޅިގެން ފޮތްތަކެއް ނެރެން ގަސްދުކުރަނީ،" ޝަރީހާން ބުންޏެވެ.