ހެރިންސް ހަންނާނު އެންމެ ފަހުން ދިގު އިސްތަށިގަނޑާ ވަކިވެއްޖެ!

ކަކުލަށް ވުރެ ތިރިއަށް ފައިބާފައި އޮންނަ ދިގު އިސްތަށިގަނޑާ ނުލައި، އޭނާ ފެނިފައި ހުންނާނީ ވަރަށް މަދު މީހަކަށެވެ. އުމުރުގެ ވަރަށް ބޮޑު ބައެއް އޭނާ ހޭދަކުރީ އިސްތަށިގަނޑަކީ އޭނާގެ ވަރަށް މުހިންމު އެއްޗެއް ކަމަށް ދެކިގެންނެވެ. އެއީ އަބްދުލްހަންނާން އަބޫބަކުރު (ހެރިންސް ހަންނާނު)ގެ ސިގްނޭޗާ އެވެ. އިސްތަށިގަނޑު ނެތިއްޔާ ހަންނާނު ވަކިކުރަން ވެސް އުނދަގުލެވެ.


މިހާރު މިއޮތީ އެ ދުވަސް އައިސްފަ އެވެ. އަށާރަ އަހަރަށް ފަހު އޭނާ ވަނީ އެ ދިގު އިސްތަށިގަނޑާ އަލްވަދާއު ކިޔައިފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު، އޭނާގެ އުމުރުން 53 އަހަރު ވީ ދުވަހު، އޭނާގެ ސިގްނޭޗާ ވަނީ ސުމަކަށް ކަނޑާލައިފަ އެވެ. މިހާރު ހަންނާނު ފެންނާނީ ޑްރެޑްލޮކް ހެއާސްޓައިލް ނިމުމަކަށް ގެނެސް، ބޯ ބާލައިފައި ހުއްޓަ އެވެ. އެތައް ބަޔަކަށް ހައިރާންކަމާއި އަންތަރީސް ކަމެވެ.

މަޝްހޫރު ބޮބް މާލީ ގޮތަށް، ޖެމައިކާ އަދި އެފްރިކާގެ ގައުމުތަކުގައި މި ޒާތުގެ އިސްތަށިގަނޑު އާންމު ނަމަވެސް ހަންނާނުގެ މި އިސްތަށިގަނޑަކީ ރާއްޖެ އަށް އޭރު އާންމު އެއްޗެއް ނޫނެވެ. އެހެންވެ، އޭނާގެ އިސްތަށިގަނޑު ވެގެން ދިޔައީ މުޅި މާލެ އަށް ވެސް މަޝްހޫރު ހެއާ ސްޓައިލަކަށެވެ. އެހެންވެ، އެ އިސްތަށިގަނޑާ އަލްވަދާއު ކިޔުމަކީ ޚުދު އޭނާ ވެސް ބޭނުންވި ގޮތެއް ނޫނެވެ.

އެކަމަށް އެދުނީ އޭނާގެ މަަންމަ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބްމާލީ އަދި ހެރިންސް ހަންނާން.

"މިހާރު މަންމަ ވެސް ބަލިވެ އުޅޭތީވެ ބޯކޮށާލީމައޭ ރަނގަޅީ މަންމަ ބުނީ. އެހެންވީމަ ރަނގަޅު ތާރީހަކާ ދިމާކުރީ މިކަން ކުރަން،" ތަފާތު ވައްތަރުގެ ނަން ބޯޑު ހެދުމުގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރި އަދި އެތައް ބައެއްގެ ތެރޭގައި މަޝްހޫރު، ސަކަމިޒާޖެއްގެ ހަންނާނު ބުންޏެވެ.

ރުޑް ހުލިޓް އިސްތަށިގަނޑު މާ ކަމުދިޔަ

މިއީ އޭނާގެ ބޯ ބޭލި ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު މިއީ ކުރިއަށް އޮތް ތަނުގައި އިސްތަށިގަނޑު ދިގު ނުކުރާނެ ކަމަށް ވައުދުވި ފުރަތަމަ ފަހަރެވެ. މީގެ އަހަރުތަކެއް ކުރިން، އުމުރުން 35 އަހަރު ފުރުނު ދުވަހު ބޯ ބޭލުމުގެ ކުރިން ވެސް އޭނާގެ އިސްތަށިގަނޑު ހުރީ ދާދި އިހަކަށް ދުވަހާ ހަމައަށް ހުރި ގޮތަށެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރުޑް ހުލިޓް.

ހަންނާނު ބުނި ގޮތުގައި އިސްތަށިގަނޑު ދިގުކުރުމުގެ ހިޔާލު އައީ 1986 ގައި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ބައެއް ކުޅުންތެރިންގެ އިސްތަށިގަނޑު ފެނިފަ އެވެ. ރޯލް މޮޑެލެއްގެ ގޮތުގައި އޭނާ ނެގީ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ހޮލެންޑުގެ ޓީމުގެ ކެޕްޓަން ރުޑް ހުލިޓްގެ އިސްތަށިގަނޑެވެ. ހޮލެންޑް ކެޕްޓަންގެ އިސްތަށިގަނޑު އޭނާ އަށް މާ ކަމުދިޔައީ އެވެ.

"ވަރަށް މަދު މީހެއްގެ މިގޮތަށް އިސްތަށިގަނޑު ހުންނާނީ. މިއީ ހަމަ ނެޗުރަލް އިސްތަށިގަނޑެއް. އަނެއްކާ އާއިލީ ކަމެއް މިއީ،" -ހަންނާނު

"ރުޑް ހުލިޓްގެ ހުންނާނީ ޑްރެޑް ހެއާއެއް. އޭނާގެ އިސްތަށިގަނޑު ހުންނާނީ ވަރަށް ބޮޑަށް ދިގުކޮށްފައި. އެހެންވެ އެ އިސްތަށިގަނޑު ފެނިފައި އެ ހަމަ ބޭނުންވީ،" ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ، އެމްޑީޕީ ވުޖޫދަށް ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރި ހަންނާނު ބުންޏެވެ.

ހެރިންސް ހަންނާނު ބޯ ބާލާފައި.

ހަންނާނުގެ ޑްރެޑްލުކް ހެއާ ސްޓައިލެއް ހުންނަ ކަން އެނގުނީ އުމުރުން 21 އަހަރުގަ އެވެ. އިސްތަށިގަނޑުގެ ވަކި ހިސާބެއްގައި ގޮށެއް ޖެހިފައި ހުރި ކަން ފާހަގަވުމުން ބޮލުގައި ފުނާ އެޅުން އޭނާ ހުއްޓާލި އެވެ. މިއީ ޑްރެޑްލުކް ހެއާ ސްޓައިލަކަށް ބަދަލުކުރުމަށް އަޒުމް ކަނޑައެޅި ދުވަހެވެ.

"އަހަރެން ވަރަށް ބޮޑަށް އުމުރުން ދުވަސްވެއްޖެ. ބޮލުގައި އިސްތަށި ވެސް މާ ބޮޑަކަށް ނެތް. އެވެސް ދިޔައީ. އެހެންވީމަ ދިގު ކުރުމުގެ ހިޔާލެއް ނެތް، މިކަން މި ނިމުނީ ހަމަ."

"އެއް ދުވަހު ލޯގަނޑު ކައިރިއަށް ހުއްޓި ހުރެ، ރަނގަޅަށް ބަލާލި ތަނާ ފާހަގަވީ ބޮލުގައި ފުނާ ނާޅާތީ ގޮށް ޖެހިފައި ހުރި އިސްތަށިކޮޅެއް. އެއީ ފުނާ ނާޅާތީ ވާ ގޮތެކޭ ހިތަށްއެރީ. ބޮލުގައި އެއްގޮތަކަށް ވެސް ފުނާ ނާޅަން ފެށީމަ ޑްރެޑްލުކް ހެއާސްޓައިލަށް އިސްތަށިގަނޑު ދިގުވާން ފެށީ،" ހަންނާނު ބުންޏެވެ.

ހަންނާނުގެ އިސްތަށިގަނޑު ވަކި ގޮތަކަށް ބައްޓަން ކުރުމަކަށް މަސައްކަތެއް ނުކުރެ އެވެ. ބޮލުގައި ލަނީ މީހުން އާންމުކޮށް އުނގުޅާ އާދައިގެ ތެލެވެ. ބޮލުގައި ވަކި ވައްތަރެއްގެ ޝޭމްޕޫއެއް ވެސް ލައެއް ނުހަދަ އެވެ. އޭރަކު ހިތަށްއެރި ތެލަކާއި ޝޭމްޕޫއެއް ބޮލުގައި އުނގުޅައި ހަދަނީ އެވެ. އިސްތަށިގަނޑު ދިގުކޮށްގެން ގެންގުޅުނުއިރު، އެއްވެސް ކަހަލަ މައްސަލައެއް ދިމައެއް ނުވެ އެވެ.

ހެރިންސް ހަންނާނުގެ ފޮޓޯގަނޑެއް މަންޑޭ ޓައިމްސް މަޖައްލާގެ ބޭރުގަނޑުގައި.

ހަންނާނުގެ އެއްބަނޑު އެއްބަފާ 11 ކުދިން ތިބޭއިރު ކޮންމެ މީހެއްގެ ހެން އިސްތަށިގަނޑު ހުންނަނީ ޑްރެޑްލުކް ހެއާ ސްޓައިލަށެވެ. ދުނިޔޭގައި މަޝްހޫރުވި ލަވަ ކިޔުންތެރިޔާ ބޮބް މާލީގެ އިސްތަށިގަނޑު ހުންނަ ގޮތާއި ހަންނާނުގެ އާއިލާގެ އިސްތަށިގަނޑާ އެއްވެސް ތަފާތެއް ނެތެވެ.

"ވަރަށް މަދު މީހެއްގެ މިގޮތަށް އިސްތަށިގަނޑު ހުންނާނީ. މިއީ ހަމަ ނެޗުރަލް އިސްތަށިގަނޑެއް. އަނެއްކާ އާއިލީ ކަމެއް މިއީ،" ހަންނާނު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިސްތަށިގަނޑު ކޮށާލުމަށް ފަހު، އާންމުންގެ ތެރެއަށް ނިކުތުމުން އެންމެންނަށް ވެސް ލިބެނީ ހައިރާން ކަމެކެވެ. ބޯ ބާލާފައި ހުރުމުން އެންމެން ވެސް އަޖައިބުވި ކަމަށް އޭނާ ބުންޏެވެ. އަދި މަގުމަތިން ހިނގާފައި ދާއިރު، ގިނަ ރައްޓެހިންނަށް އަޅައިނުގަނެވޭ ކަން އޭނާ ފާހަގަކުރެ އެވެ.

"ގިނަ މީހުންނަށް ބޮޑު ހައިރާންކަމެއް ލިބެނީ. ބޯ ތަލަކޮށްލި ފަހުން ބޭރަށް ނިކުމެ މިހެން އުޅޭއިރު، ގިނަ މީހުންނަށް ނޭނގި އެބަ ދޭ. ގިނަ މީހުން ތިބެނީ ހަމަ އަޖައިބުވެފައި،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމާ ދެކޮޅަށް 1990 ގައި ނުކުތް ޒުވާނުންގެ ތެރޭގައި ހިމެނި އަދި ޖަލުގައި ބަންދުކުރި ހަންނާނު ބުންޏެވެ.

ވަރަށް ބޮޑު ފަސޭހައެއް، ލުޔެއް

ބޯ ތަލަކޮށްލީމަ ހަންނާނަށް ވީ ވަރަށް ބޮޑު ފަސޭހައަކަށެވެ. ބޮލަށް ބޮޑު ލުޔެއް ލިބި، ވަރަށް އަރާމެވެ. އަލުން ދިގުކުރުމުގެ އެއްވެސް ހިޔާލެއް އޭނާގެ ނެތެވެ. މިހާރު އޭނާގެ ބޮލުން ވެސް ވަރަށް ބޮޑަށް އިސްތަށި ފައިބަ އެވެ. އަދި އުމުރުގެ ވަކި ހިސާބަކުން މީހާ އަށް ބަދަލެއް ގެނައުން ރަނގަޅު ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.

ހެރިންސް ހަންނާނުގެ އިސްތަށިގަނޑު ކުރިން ހުންނަ ގޮތް (ކ) އަދި މިހާރު ތަލަކޮށްލާފައި.

"އެންމެ ބޮޑު ސަބަބަކީ ދުވަސް ވީ ވަރަކަށް އިސްތަށި ފޭބުން އިތުރުވުން. ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ހުރިއިރު، ވަރަށް ބޮޑަށް އިސްތަށި ފައިބާފައި ދޯ ހުރީ؟ އަނެއްކާ ހައްޖަށް ތަންތަނަށް ވެސް ދާން ޖެހޭ އެބަ،" ހިނިގަނޑެއް ޖަހާލުމަށް ފަހު ހަންނާނު ކިޔައިދިނެވެ.

"އަހަރެން ވަރަށް ބޮޑަށް އުމުރުން ދުވަސް ވެއްޖެ. ބޮލުގައި އިސްތަށި ވެސް މާ ބޮޑަކަށް ނެތް. އެވެސް ދިޔައީ. އެހެންވީމަ ދިގު ކުރުމުގެ ހިޔާލެއް ނެތް، މިކަން މި ނިމުނީ ހަމަ."

ޑްރެޑްލޮކް ހެއާސްޓައިލް ރާއްޖޭގެ ބައެއް ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި ވެސް މަޝްހޫރުވި އެވެ. އެގޮތުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭނާއި އޭނާގެ ކޮއްކޮ އަދި ކުރީގެ މިޑްފީލްޑަރު މުހައްމަދު ނަޒީހާއި މުހައްމަދު އާރިފް (ބަކާ) އާއި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ފްލައިބޯޑިންގައި މަޝްހޫރު އިބްރާހިމް ހުސެއިން (އިއްބަޑޭ) އަކީ ވެސް އެގޮތަށް ހެއާސްޓައިލް ބެހެއްޓި ކުޅުންތެރިންނެވެ. އެކަމަކު މީގެ ތެރެއިން ނަޒީހާއި ބަކާ މިހާރު ވަނީ ހެއާސްޓައިލް ބަދަލުކޮށްފަ އެވެ.

ހަންނާނުގެ އިސްތަށިގަނޑު ދިގުކުރަން ނިންމީ ވެސް އާއިލާގެ ހުއްދައާ އެކުގަ އެވެ. ބޯ ބޭލީ ވެސް އާއިލާގެ އެދުމުގެ މަތިންނެވެ. ގިނަ ބަޔަކު ހިތުގައި އުފެދޭނެ ސުވާލަކީ ބުރިކޮށްލި ހަންނާނުގެ އިސްތަށިގަނޑު މިހާރު ކޮބައިބާ އެވެ؟ ހަންނާނުގެ އޮތީ ކުރު ޖަވާބެކެވެ.

"އިސްތަށިގަނޑު އެއްލައިލީ. ނިޔަފައްޗާއި އިސްތަށިގަނޑު ފޮރުވައިގެން ގެންގުޅޭކަށް ބޭނުމެއް ނެތް. ތާރީހަށްޓަކައި ވެސް އެކަހަލަ ކަމެއް ކުރާކަށް ބޭނުމެއް ނޫން. އެހެން ނަމަ އިސްތަށިގަނޑުގެ ދިގުމިން ވެސް ބަލައިލާނެތާ. އެކަމަކު ދިގުމިނެއް ވެސް ނޭނގެ."