އަތޮޅު ފުޓްބޯޅައިގެ އީދު، މި ފަހަރު ބަދަލުތަކާ އެކު

މިނިވަން 50 ޗެމްޕިއަންޝިޕުގެ ނަމުގައި އެފްއޭއެމުން މިދިޔަ އަހަރު ތައާރަފްކުރި އަތޮޅު ފުޓްބޯޅަ މުބާރާތަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ހަދިޔާއެކެވެ. ކުޅުންތެރިން އުފެއްދެ އެވެ. ފޯރި ގަދަ އެވެ. އަދި ފުޓްބޯޅާ މުޅި ރާއްޖެ އަށް ފަތުރާލެވެ އެވެ. ފުޓްބޯޅައިގެ ބޮޑު އީދެކެވެ. ނޯމަލައިޒޭޝަން ކޮމިޓީން ފެށި އެ މުބާރާތް، އެފްއޭއެމްގެ އާ މެނޭޖްމަންޓުން ވެސް ކުރިއަށް ގެންދަން ނިންމުމަކީ އޭގެ ހެއްކެކެވެ. އެފްއޭއެމްގެ ރައީސްކަމާ ހަވާލުވުމަށް ފަހު އަހުމަދު ތޯރިގް (ޓޮމް) ވެސް ވިދާޅުވި އެންމެ ފުރަތަމަ އެއް ވާހަކައަކީ "ފުޓްބޯޅަ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ވިސްނުމަށް ފަހު، ބަދަލުތަކަކާ އެކު މުބާރާތް ބާއްވާނެ" ކަމަށެވެ.


ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރު ތައާރަފްކުރި މުބާރާތް މި އަހަރު ފަށާނީ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގަ އެވެ. މިނިވަން 50 ޗެމްޕިއަންޝިޕުގެ ނަމުގައި ފެށި މުބާރާތުގެ މިހާރުގެ ނަމަކީ "މިނިވަން ފުޓްބޯޅަ މުބާރާތް" އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ރ. އަތޮޅު މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މިނިވަން 50 ޗެމްޕިއަންޝިޕް

އަތޮޅު މުބާރާތުގައި މެޗުތައް ކުޅޭނީ އެއް ރަށެއްގައި

މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ބޭއްވިއިރު އަތޮޅު ބުރު ވެސް ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެއީ ވަރަށް ބޮޑު ހަރަދެއް ހިނގި ކަމެކެވެ. ކޮންމެ ރަށެއްގެ ޓީމަކުން އެއް ރަށުން އަނެއް ރަށަށް ދާން ޖެހެނީ އަމިއްލަ ހަރަދުގައި ކަމަށް ވެފައި، އޭގެ ސަބަބުން މާލީ ގޮތުން ބޮޑު ބުރައެއް އުފުލަން ޖެހުނެވެ.

"އަސްލު ވަރަށް އުނދަގޫވޭ. އެއީ ކޮންމެ ފަހަރަކު މި ޖެހެނީ ލޯންޗެއް ހިފައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާން. ދެން ގޮސް ޕްރެކްޓިހެއް ކޮށްލާފައި މެޗު ކުޅެވެނީ އެންމެ ރަނގަޅަކަށް ނޫން. ހަރަދަށް ބަލާއިރު ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ،" މިިދިޔަ އަހަރު މިނިވަން 50 ޗެމްޕިއަންޝިޕްގައި ބައިވެރިވި ތ.ވަންދޫ ޓީމުގެ އޮފިޝަލަކު ބުންޏެވެ.

އެފްއޭއެމުން ވަނީ މި ފަހަރުގެ މުބާރާތުގައި އެކަމަށް ހައްލެއް ހޯދައިދީފަ އެވެ. އެއީ ކޮންމެ އަތޮޅަކުން ވެސް ދެ ޓީމަށް ވުރެ ގިނަ ޓީމު ބައިވެރިވެއްޖެނަމަ އެ އަތޮޅެއްގެ މުބާރާތް ކޮންމެވެސް އެއް ރަށެއްގައި ކުޅޭ ގޮތަށް ބަދަލުކުރުމެވެ. މެޗުތައް ކުޅޭ ރަށެއް ކަނޑައަޅާނީ އެ ރަށަކުން އެ މުބާރާތް ބޭއްވުމަށް ހުށަހަޅާ ޕްރޮޕޯސަލަށް ބެލުމަށް ފަހު އެވެ.

އެއް ރަށެއްގައި މުބާރާތް ބޭއްވުމަކީ ސަލާމަތީ ކަންތައްތަކަށް ބެލިނަމަވެސް ރަނގަޅު ނިންމުމެކެވެ. އެއީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅުނުއިރު ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާތީ އެވެ.

އަތޮޅު މުބާރާތް އެއް ރަށެއްގައި ކުޅުމަށް ފަހު، ޒޯން މުބާރާތް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެ އަށް ފަހު ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ބުރު ކުޅޭނެ ވަކި ތަނެއް އެފްއޭއެމުން އަދި ނުނިންމަ އެވެ.

ސަބްސިޑީ އާއި އެފަދަ އެހީތެރިކަމެއް މި ފަހަރު ނެތް

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި 78 ރަށުގެ ތެރެއިން އެފްއޭއެމުން ވަނީ 58 ރަށެއްގެ ފުޓްބޯޅަަ ދަނޑުގައި ޗޭންޖިން ރޫމް އަޅައިދީފަ އެވެ. އެއީ މުބާރާތް ސްޕޮންސާކުރި އެސްޓީއޯއާ ގުޅިގެންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ ޓީމުތަކަށް ފައިސާގެ އެހީ ގޮތުގައި ސަބްސިޑީ ދޭނެ ކަމަށް އެފްއޭއެމުން އިއުލާންކުރި އެވެ. ނަމަވެސް އެ ނުލިބޭ ކަމަށް ބުނެ ބައެއް ޓީމުތަކުން ވަނީ ޝަކުވާ ކޮށްފަ އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގައި ނޮޅިވަރަމް އާއި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން

"ފައިނަލް ބުރުގައި ވަރަށް ދުރަން ކުޅެން ދާން ޖެހުނީ. ކުރިން އަންގާފައި އޮތް ސަބްސިޑީއެއް ދޭނެކަމަށް. އެހެންވެ އޭގެ އަށް ވެސް ބަރޯސާ ވެގެން އަޅުގަނޑުމެން މުބާރާތުގެ ފަހު ބުރަށް ތައްޔާރުވީ. އެކަމަކު ފަހު ބުރުގައި ސަބްސިޑީއެއް ލިބޭގޮތެއްނުވި،" ފައިނަލް ރައުންޑުގައި ވާދަކުރި ހދ. ނޮޅިވަރަމް ޓީމުގެ އޮފިޝަލަކު ކިޔައިދިނެވެ.

ހާލަތު ހުރި ގޮތުން އެފްއޭއެމަށް މި އަހަރު ވެސް އެފަދަ އެހީއެއް ދެވޭކަށް ނެތެވެ. އެފްއޭއެމްގެ މި އަހަރުގެ ބަޖެޓް އަދި ފާސްކުރެވިފައި ނުވާތީއާ އެކު، އެ އެސޯސިއޭޝަނުން ބުނީ މި ފަހަރުގެ އަތޮޅު މުބާރާތުގައި ވާދަކުރާ ޓީމުތަކުން ކުރަން ޖެހޭ ހަރަދުތައް ކުރަން ޖެހޭނީ އެ ޓީމަކުން އަމިއްލަ އަށް ކަމަށެވެ.

ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް

މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގައި ބައިވެރިވާ ކޮންމެ ޓީމެއްގެ ލިސްޓުގައި 21 އަހަރުން ދަށުގެ މަދުވެގެން ފަސް ކުޅުންތެރިއެއްގެ ނަން ހިމަނަން ޖެހެ އެވެ. މި ފަހަރުގެ މުބާރާތުގެ ގަވައިދުގައި އެ އަދަދު ވަނީ ހަތަކަށް އިތުރުކޮށްފަ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) "މިހާރު" އަށް ބުނީ އެއީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް މި މުބާރާތުގެ ތެރެއިން ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ރަށްރަށުގައި ޒުވާން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން އެބަތިބިކަން. އެބަޖެހޭ އެ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭން. އެގޮތުން ގެނައި ބަދަލެއް މިއީ. 30 ކުޅުންތެރިންގެ ތެރޭގައި މަޖުބޫރުވާނެ 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިއަކު ހިމަނަން،" މޯހަން ބުންޏެވެ.

މުބާރާތުގެ ޝެޑިއުލަށް ފަސޭހަތަކެއް

ކުޅުންތެރިންނާއި ޓީމުތަކަށް ފަސޭހަ ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅޭ ގޮތަށެވެ. އެގޮތަށް ޝެޑިއުލް ރޭވުމުން މުބާރާތް ދިގުލައިގެން ގޮސް ގިނަ ޓީމުތަކަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. ޓީމުތަކަށް ކުޅުވަން ގެނައި ކުޅުންތެރިންނާއި ކޯޗުން ގިނަ ދުވަހު ބެހެއްޓުމަކީ ޓީމުތަކަށް ފަސޭހަކަމަކަށް ނުވި އެވެ. ބޮޑު ހަރަދެއް ހިނގާތީ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު ފެށި މުބާރާތް ނިމުނީ މި އަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު އެވެ.

ސ.ފޭދޫ ޓީމުގެ ކުޅުންތެރިން މިނިވަން 50 ޗެމްޕިއަންޝިޕްގެ ޓްރޮފީ އުފުލާލަނީ.-- ފޮޓޯ: މިނިވަން 50 ޗެމްޕިއަންޝިޕް

އެފްއޭއެމުން ބުނީ މި ފަހަރުގެ މުބާރާތް ފަށާ ދުވަހުން ފެށިގެން އެ އަތޮޅެއްގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެއީ މުބާރާތް ދިގުލައި ގޮސްފިނަމަ ޓީމުތަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭނެތީ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު!

މިިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި 78 ރަށުން ގިނަ ކުޅުންތެރިންތަކެއް ވަނީ ވިދާލައިފަ އެވެ. އަދި އެ ޓީމުތަކަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ މި އަހަރު ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ބަދަލުވެފަ އެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން މި އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާ ކުޅުންތެރިން ހޯދުމަށް ބޭއްވި ޓްރަޔަލްތަކުގައި ވެސް އެ މުބާރާތުން ފާހަގަކުރެވުނު ކުޅުންތެރިން ބައިވެރިވި އެވެ.

މިިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް މިއަހަރުގެ ގައުމީ މުބާރާތުން ޖާގަދޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. މިިދިޔަ އަހަރު މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ސ.ފޭދޫ ޓީމުން ހޯދީ ފައިނަލުގައި ގދ. ފަރެސްމާތޮޑާ ބަލިކުރުމަށް ފަހު އެވެ. އެހެންކަމުން އަތޮޅަކަށް ނިސްބަތްވާ ޓީމެެއް މި އަހަރުގެ ގައުމީ މުބާރާތުން ފެނި މުބާރާތް ފޯރިގަދަވާނެ އެވެ.

އާ ބަދަލުތަކަކާ އެކު މުބާރާތް ކުރިއަށް ގެންދަން އެފްއޭއެމް އޮތީ ތައްޔާރަށެވެ. ރަށްރަށުގެ ޓީމުތަކުން މުބާރާތަށް ތައްޔާރުވުމަށް ކޯޗުންނާއި ކުޅުންތެރިން ހޯދަމުން އަންނައިރު ސަޕޯޓަރުންގެ ފޯރި ވެސް އެހާ ގަދަ އެވެ. ރަށު ވާދަވެރިކަމާ އެކު މުބާރާތުގެ ތެރޭގައި ކުޅިބަލާ މީހުންގެ ތެރޭގައި ވެސް އޮންނަނީ ވަރުގަދަ ފޯރިއެކެވެ. މި ހުރިހާ ކަމަކާ އެކު، މޮޅު ކުޅުންތެރިން މުބާރާތުން ނެރެވިއްޖެ ނަމަ މުބާރާތުގެ އެންމެ ބޮޑު މަގުސަދު ހާސިލްވީ އެވެ.