މަންމަގެ އާދޭސް: ޒާހިލަށް ހެޔޮ ދުއާކޮށްދީ!

އައިޖީއެމްއެޗުގެ އައިސީޔޫގެ ކުރިމަތީގައި ރަމްޒިއްޔާ ހާރޫން މަޑުކޮށްލައިގެން ހުރި އިރު، އޭނާގެ މޫނުމަތިން ކަންބޮޑުވުމާއި ހިތާމަ އިންތިހާއަށް ފެނެ އެވެ. ކަރުދާސްތަކެއް އަޅާފައި ހުރި ފައިލެއް ހިފައިގެން، ފިރިމީހާއާ އެކު އެތަނުގައި މަޑުކޮށްލައިގެން ހުރި އިރު، އޭނާގެ ހުރިހާ ވެސް އުއްމީދެއް ގުޅިފައިވަނީ އައިސީޔޫގައި އޮތް އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު، އިބްރާހިމް ޒާހިލާ އެވެ.


"އެންމެން ކައިރީ ވެސް ބުނެދީ ޒާހިލަށް ހެޔޮ ދުއާކޮށްދޭން. އޭނާ ރަނގަޅުވުމަށް އެދި ދުއާކޮށްދީ،" ހޮސްޕިޓަލަށް ގޮސް ބައްދަލުކުރުމުން، ރޮވިފައި ހުރި ރަމްޒިއްޔާ ބުންޏެވެ.

ޒާހިލަށް އޭނާގެ އާއިލާއިންނާއި ގިނަ ދިވެހިންތަކެއްގެ އެހީތެރިކަން ވަނީ ލިބިފަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްވެ މިހާރު އޮތީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ.

ޒާހިލް އައިޖީއެމްއެޗުގެ އައިސީޔޫއަށް ގެންދަނީ

ހދ. ނެއްލައިދުއަށް ނިސްބަތްވާ އެ އާއިލާ މި ހަނގުރާމަ ކުރާތާ 18 އަހަރު ވީ އެވެ. އުފަންވީއްސުރެ ޒާހިލުގެ ސިއްހަތަށް އެކި މައްސަލަތައް ދިމާވަމުން އައިސް، އޭނާއަށް އެއްޗެއް ނުކެވޭތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އުމުރުން 18 އަހަރުގެ މި ޒުވާނާގެ ބަރުދަނަކީ އެންމެ 16 ކިލޯ އެވެ.

އިންފެކްޝަނެއްގެ ސަބަބުން ކާއެއްޗެއް ނުކެވި، ހިކިއަނަރޫފަ ވެފައިވާ ޒާހިލްގެ ވާހަކަ މީޑިއާއިން ގެނެސްދިނުމާއެކު، އެކި ފަރާތްތަކުގެ ދީލަތިކަން އޭނާއަށް ލިބުނެވެ. އެ ފައިސާއިން މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން އޭނާ އަންނަނީ ބެންކޮކް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އެކަމަކު އޭނާގެ ހާލަތަށް އިތުރު ބަދަލެއް ނާންނާތީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލެ ގެންނަން އުޅެނިކޮށް، ފްލައިޓް މަތީގައި ޒާހިލްގެ ހާލު ވަނީ ގޯސްވެފަ އެވެ.

އޭރުއްސުރެ އޭނާ އޮތީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.

ޒާހިލަށް އެންމެ ފުރަތަމަ ދިމާވީ ހަމުގެ މައްސަލައެކެވެ. ބަލި ގޯސްވެ، ފަހުން އޭނާއަށް ނުކެވެން ފެށީ އެވެ. ގޮހޮރުގެ ވަކި ހިސާބަކުން ހިމަވެފައިވާތީ، ކެޔަސް، އޭގެ އަސަރެއް އޭނާއަކަށް ނުކުރެ އެވެ. އެހެންވެ، މި ހުރިހާ ދުވަހު އޭނާއަށް ދިނީ، ބޭރުން ބަނޑަށް ހޮޅިއެއް ގުޅައިގެން، ދިޔާ އެއްޗެއްސެވެ.

ޒާހިލް ބެންކޮކްގެ ހޮސްޕިޓަލުގައި: އޮޕަރޭޝަން ކުރުމަށް އޭނާގެ ބަރުދަން އިތުރު ކުރަން ޖެހޭ

ރަމްޒިއްޔާ ބުނިގޮތުގައި އޭނާގެ ދަރިފުޅު ބަނޑުފުރާ ކެއީ، ދިހަ އަހަރަށް ފަހު މިދިޔަ އަހަރު އެވެ. އެއީ އިންޑިއާއަށް ގެންގޮސް، ކަރުތެރެއަށް ހޮޅިއެއް ލައްވައިގެންނެވެ. އެކަމަކު އޭގެ ފަހުން، އަނެއްކާ ވެސް އޭނާގެ ބަލިހާލު ބޮޑުވީ އެވެ.

ކެވޭނެ ގޮތް ހެދުމަށް ޒާހިލްގެ ގޮހޮރު ވަކި ހިސާބަކުން ބުރިކޮށްލަން ޖެހެ އެވެ. އެކަމަކު އެ އޮޕަރޭޝަނަކީ ވަރަށް ރިސްކީ، އަދި އޭނާގެ ފުރާނައާ ގުޅިފައިވާ ކަމެކެވެ. ބެންކޮކަށް ގެންދިޔައީ މި އޮޕަރޭޝަން ކުރުމަށް ނަމަވެސް، ޒާހިލް އަނަރޫފަކަމުން، ހޮސްޕިޓަލުން ބޭނުންވީ ބަރުދަން އިތުރުވަންދެން އޭނާ ހޮސްޕިޓަލްގައި ބޭއްވުމަށެވެ.

ބެންކޮކަށް ގެންދިޔަ ފަހުން ޒާހިލްގެ ބަރުދަން 16 ކިލޯއިން 22 ކިލޯއަށް އިތުރުވި އެވެ. އެކަމަކު ދުވަސްކޮޅަކު އެ ބަރުދަނުގައި ހިފަހައްޓާލާފައި، އަނެއްކާ ވެސް ދަށަށް ދިޔައީ އެވެ.

"ބެންކޮކް ހޮސްޕިޓަލަކުން ނުބުނޭ އޮޕަރޭޝަން ނުކުރާނަމެކޭ. އެ މީހުން ބޭނުންވޭ ކުރަން ވެސް. އެކަމަކު ޒާހިލް މާބޮޑަށް ހިކީމައި އަދި މަޑުކުރަން އެ މީހުން އެންގީ،" ރަމްޒިއްޔާ ބުންޏެވެ.

ދަރިފުޅުގެ ބަރުދަން ދުވަހުން ދުވަހަށް ލުއި ވަމުން ދާތަން ބަލާކަށް އާއިލާއަކަށް ކެތެއްނުވި އެވެ. އޭނާ މާލެ ގެނައީ، އިންޑިއާގެ ހައިދަރުއާބާދުުގައި ހުންނަ ގޮހޮރުގެ ހާއްސަ ހޮސްޕިޓަލަކަށް ގެންގޮސް، އޮޕަރޭޝަން ކުރުމަށެވެ. ޒާހިލްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރިހާ ކަމެއް ކުރަން އެ މީހުން ތިބީ ތައްޔާރަށެވެ.

ޒާހިލް އޭނާ އާއިލާއާ އެކު ބެންކޮކަށް ދިޔަ މަގުމަތީގައި

އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ރަމްޒިއްޔާ ބުނިގޮތުގައި މި ފަހަރު ޒާހިލްގެ ހާލު އެހާ ގޯސްވީ، ފްލައިޓަށް އެރުމުން ނޭވާލާން އުނދަގޫވުމުންނެވެ. އޭނާ މާލެ ގެނައީ ބެންކޮކު ހޮސްޕިޓަލުން އެކަމަށް ހުއްދަ ދިނުމުން ކަމަށް ވިޔަސް، އަމިއްލައަށް ނޭވާލެވޭނެހާ ހަކަތައެއް މިހާރު ޒާހިލްގެ ހަށިގަނޑަކު ނެތެވެ. ވެންޓިލޭޓަރުގައި ބާއްވައިގެން، މެޝިނުގެ އެހީގައި ނޭވާ ލައްވަމުން އަންނަނީ އެހެންވެ އެވެ.

ރަމްޒިއްޔާގެ ހަޔާތަށް ވެސް ބޮޑު ބަދަލެއް

ޒާހިލްގެ ދޮއްޓަށް އަދި ހަގަށް ވެސް ރަމްޒިއްޔާގެ ދެމަފިރިންގެ ކުދިން ތިބެ އެވެ. އެކަމަކު މަންްމަގެ ފުރިހަމަ ސަމާލުކަން މި ވަގުތު ލިބިފައިވަނީ ޒާހިލަށް އެކަންޏެވެ.

އުމުރުން ހަތް އަހަރުގައި ޒާހިލް ގޮވައިގެން އިންޑިއާއަށް ގޮސް، ހުރި ގެއިން ބޭރުކޮށްލުމުން މަގުމައްޗަށް ނިކުމެ ދަރިފުޅު ކޮނޑުމައްޗަށް ލައިގެން ސަލާން ޖެހި ދުވަސް މިއަދު ވެސް ރަމްޒިއްޔާ ހަނދާން ކުރެ އެވެ.

އޭރުއްސުރެ އޭނާ އަންނަނީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަށް ޝިފާއެއް ލިބޭތޯ ހޮސްޕިޓަލުތަކަށް ދުވަމުންނެވެ. އުމުރުން 10 އަހަރުއްސުރެ ރަނގަޅަށް ކާއެއްޗެއް ނުކެވުމުގެ ސަބަބުން، ހޮޅި ގުޅައިގެން ދެ ގަޑިން ދެ ގަޑިން ޒާހިލަށް ކާންދޭން ޖެހުނެވެ. ރޭގަނޑު ދަންވަރުގެ ވަގުތުގައި ވެސް އެހެން ވަގުތުތަކުގައި ވެސް އޭނާ އެކަން ކުރީ ކެއްތެރިކަމާއި މައިވަންތަ ކަމުގެ ލޯތްބާއެކު އެވެ.

އުފަން ރަށާއި ދެން ތިބި ދަރިން ދޫކޮށްލާފައި، ބެންކޮކުގެ ހޮސްޕިޓަލުގައި ގިނަ ދުވަސްތައް އޭނާ ހޭދަކުރީ އެކަނިމާ އެކަންޏެވެ. އާމްދަނީ ހޯދުމަށް ފިރިމީހާ މަސައްކަތް ކުރާއިރު، ހަގަށް ތިބި ދަރިންގެ ޒިންމާއާ ހަވާލުވީ ދޮއްޓަށް ތިބި ކުދިންނެވެ. އެހެންވެ، އާއިލާގެ ހުރިހާ ވެސް މިހާރު އުއްމީދެއް ގުޅިފައިވަނީ ޒާހިލާ އެވެ.

ބެންކޮކްގެ ހޮސްޕިޓަލުގައި ރަމްޒިއްޔާ އޭނާގެ ދަރިފުޅަށް އެހީވަނީ: ޒާހިލަށް ހެޔޮ ދުއާކޮށްދިނުމަށް އޭނާ އެދޭ

"ޒާހިލްގެ ހަގަށް ވެސް ތިބޭނެ އަންހެން ކުދިން. ކުރިން އެ ކުދިން ވެސް ފޯނުން ވާހަކަ ދައްކާނެ. އެކަމަކު މިހާރު ވަރަށް ނުދައްކާ، ނޫޅޭ މިހާރަކު އެހާ ވަރަކުން،" އަސަރާއެކު ރަމްޒިއްޔާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އަމިއްލަ ރަށާއި ދެން ތިބި ދަރިންނާއި އާއިލާ ދޫކޮށްލާފައި ދުވަސްތައް ހޮސްޕިޓަލުގައި ހޭދަކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ދަރިފުޅަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން އޭނާ ހުރީ ތައްޔާރަށެވެ.

"އެ ދަރިފުޅު ގޮވައިގެން، އޭނާއަށް ފަރުވާ ދެވޭނެ ކޮންމެ ތަނަކަށް ދާން ވެސް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" ރަމްޒިއްޔާ ބުންޏެވެ.

ޒާހިލާ މެދު ޑޮކްޓަރުން ވެސް އަދި އޭނާގެ އާއިލާ ވެސް އުއްމީދު ކަނޑައެއް ނުލަ އެވެ. ޒާހިލްގެ އޮޕަރޭޝަން ކޮށް، އެއްޗެއް ކެވޭނެ ކަމުގެ އުއްމީދު އަދިވެސް އޭނާގެ މަންމަ ކުރެ އެވެ. ފައިސާއަށް އެންމެ ބޭނުންވި ވަގުތު، ގިނަ ދިވެހިންތަކެއް ވަނީ އެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެ މަންމަ މިއަދު ވެސް އެދެނީ އެހީ އަށެވެ. އެކަމަކު ފައިސާގެ ބަދަލުގައި ހެޔޮ ދުއާއަށެވެ.