ތަހުގީގުތަކުގައި ޕީޖީގެ ދައުރު ފުޅާކުރަން ޖެހިފައި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަކި ފަރާތަކަށް ބުރަ ނުވާ، މިނިވަން މަގާމެއްގެ ގޮތުގައި ގާނޫނު އަސާސީގައި ހަމަޖައްސާފައި އޮންނަނީ މުހިންމު ސަބަބުތަކަށްޓަކަ އެވެ. އެއީ ޖިިނާއީ ތަހުގީގުތަކާއި ދައުވާތަކާ ގުޅޭ ކަންކަމަކީ އިންސާފުވެރިކޮށް، ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއް ކަން ކަށަވަރު ކުރުމާ އެކު އަސާސީ ހައްގުތައް ދެމެހެއްޓުމަށް ބާރު އެޅުމެވެ. ޕީޖީއަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބެލެނިވެރި އެއް ފަރާތެވެ.


ޕީޖީއަކީ ޖިނާއީ ދައުވާތައް އުފުލުމުގެ އިތުރުން އެހެން ޒިންމާތަކެއް ވެސް ހަވާލު ކުރެވިފައިވާ ފަރާތެކެވެ. ތަހުގީގުތައް ހިނގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން މީހުން ބަންދުކޮށް، ހައްޔަރު ކުރުމަށް އޮންނަ އިޖްރާއަތުތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަކީ ވެސް ޕީޖީގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޕީޖީއަކީ ޖިނާއީ ތަހުގީގުތައް ހިންގާ ގޮތާ މެދު ފާރަވެރިވާ ފަރާތެވެ. އެކަމަކު އެ ކަންކަން އެންމެ ރަނގަޅަށް ބެލެމުން ދޭތޯ މިއީ އުފެދޭ ސުވާލެކެވެ.

ބައެއް މައްސަލަތަކުގައި މީހުން ހައްޔަރުކޮށް، ޝަރީއަތަކާ ނުލައި އެތައް ދުވަހެއް ވަންދެން ބަންދުގައި އެބަ ތިބެ އެވެ. ބައެއް މީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް ފަހު، ހެކި ނެތިގެން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ދައުވާ ކުރެވެން ނެތް ކަމަށް ޕީޖީ އެބަ ނިންމަ އެވެ. މިހާލަތުގައި، ބަންދު ކުރެވުނު މީހާ އަށް އެ ލިބެނީ އިއާދަ ނުކުރެވޭނެ ގެއްލުންތަކެކެވެ. މިކަން މިގޮތަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ޕީޖީގެ ދައުރު ތަހުގީގު މަރުހަލާގައި ފުޅާ ދާއިރާއެއްގައި ނެތުމެވެ. ޚާއްސަކޮށް ބަންދު ކުރުމާއި ހައްޔަރު ކުރުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލައިގައި މެމްބަރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް މިދިޔަ މެއި މަހު ޕީޖީން ނިންމީ އެ މައްސަލައިގައި ގާސިމް ހައްޔަރުކޮށް، ގާސިމްގެ ބަންދުގެ މުއްދަތު ދެ ފަހަރަށް އިތުރުކުރި ފަހުންނެވެ. މާނައަކީ އެ މައްސަލައިގައި ގާސިމް ބަންދުގައި ހުންނަން ޖެހުނީ ދައުވާއެއް ކުރެވެން ނެތް ކަމަކާ ގުޅިގެންނެވެ.

އޭގެ ކުރިން ގާސިމްގެ މައްޗަށް ތުހުމަތުކުރި ފުރަތަމަ މައްސަލައިގައި ފުލުހުން ގާސިމް ހައްޔަރުކުރީ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގައި ބުނާ އިޖްރާއަތު ފުރިހަމަ ނުކޮށެވެ. ކުށުގެ ވެށިން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕީޖީ މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ގާނޫނުގައި އޮތަސް ގާސިމް އޭރު ހައްޔަރުކުރީ ޕީޖީގެ ދައުރެއް ނެތި ފުލުހުން އަމިއްލަ އަށް ހޯދި ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލައިގައި ގާސިމް ހައްޔަރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން އޭރު ހައި ކޯޓުން އެންގީ އެ ސަބަބާ ހެދި އެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް އަނބުރާ ނުދައްކާ ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފާރިސަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމީ އެ މައްސަލަ ޕީޖީ އަށް ފޮނުވުމުންނެވެ. ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާތީ އެ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމި އިރު، އެ މައްސަލައިގެ ތަހުގީގު ހިނގި އިރު އެ ތަހުގީގުގައި ޕީޖީގެ ބައިވެރިވުން އޮތް ނަމަ އެއީ ކުރެވޭނެ ދައުވާއެއް ނޫންކަން ދުރާލައި ކަނޑައެޅުނީހެވެ. އޭރުން ޕީޖީ އޮފީހާ ހަމަ އަށް އެ މައްސަލަ އަންނަންދެން ކޮންމެހެން މަޑުކުރާކަށް ނުޖެހުނީހެވެ.

މި ފާހަގަކޮށްލީ ދެތިން މައްސަލައެކެވެ. މިނޫނަސް މިފަދަ އެހެން ކިތަންމެ މައްސަލައެއް އެބަހުއްޓެވެ. ކުރިން ވެސް ފާހަގަކުރިހެން ހައްޔަރު ކުރުމާއި ބަންދު ކުރާ މައްސަލަތަކުގައި ދިމާވާ މިފަދަ ކަންކަމުން އިއާދަ ނުކުރެވޭ ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ. ޕީޖީގެ ބައިވެރިވުން ތަހުގީގުތަކުގައި ފުޅާ ދާއިރާއެއްގައި އޮންނަ ނަމަ މިފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

އެހެނީ، ތަހުގީގެއް ހިންގަނީ ދައުވާ ކުރެވޭނެ ވަރުގެ ކަމަކާ ގުޅިގެން ކަން ނުވަތަ ނޫންކަން ޕީޖީ އަށް ދުރާލައި އޭރުން އެނގޭނެ އެވެ. ހަމަ އެގޮތަށް، ތަހުގީގެއްގައި މީހަކު ބަންދު ކުރަނީ ވެސް އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ކަށަވަރު ކުރުމުގެ ފުރުސަތު ވެސް އޭރުން އޮންނާނެ އެވެ. އަދި މައްސަލައެއް ޕީޖީ އޮފީހަށް އަންނަ އިރު ޕީޖީ އޮފީސް އޮންނާނީ ރަނގަޅަށް އެ މައްސަލައަކަށް ތައްޔާރުވެފަ އެވެ

ރާއްޖޭގެ ނިޒާމު އޮންނަ ގޮތުން، ތަހުގީގުގެ މަރުހަލާގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ނުވަތަ ބަންދު ކުރަން އެދުމުގައި ޕީޖީގެ ސީދާ ދައުރެއް ނެތަސް އެކަން ކުރެވެ އެވެ. ތަހުގީގު މަރުހަލާގައި މީހަކު ހައްޔަރު ކުރަން ނުވަތަ ބަންދުގައި ބަހައްޓަން ބޭނުން ނަމަ އެކަމަށް އެދި ކޯޓަށް ހުށަހަޅާނީ ފުލުހުންނެވެ. ފުލުހުން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް، އެ މީހަކު ބަންދުކުރަން ޖެހޭ ކަން ނުވަތަ ނޫންކަން ނިންމަނީ ކޯޓުންނެވެ. ގާނޫނުތަކުން އިސްތިސްނާ ކޮށްފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި އެހެން ކަންކަމުގައި ތަހުގީގު މަރުހަލާގައި ޕީޖީގެ ސީދާ ދައުރެއް ނެތި ހައްޔަރު ކުރުމާއި ބަންދުގައި ބެހެއްޓުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ޕީޖީ ބޭނުން ނަމަ އެ މަރުހަލާތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

ގާނޫނީ ބޭފުޅުންގެ ނަޒަރުގައި ތަހުގީގުތަކާއި މީހުން ހައްޔަރުކޮށް އަދި ބަންދު ކުރުމުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމުގެ ބާރު ޕީޖީ އަށް އޮންނާނެ އެވެ. ތަހުގީގުތައް ހިނގާ ނުހިނގާ ގޮތް ބެލުމަކީ ޕީޖީގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި އޮންނާތީ އާއި ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ ތަހުގީގު މަރުހަލާގެ ތެރެއިން ހިނގާ ކަމެއް ކަމަށްވާތީ އެކަންކަން ޕީޖީ ބަލަންޖެހޭ ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޕީޖީގެ ދައުރު އޮންނަން ޖެހޭނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވާ ހިސާބަކުން ނޫނެވެ. ތަހުގީގު މަރުހަލާގައި ވެސް ޕީޖީގެ ބައިވެރިވުން އޮންނަން ޖެހޭ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ތަހުގީގު ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި ތަހުގީގު މަރުހަލާގައި ބަންދު ކުރާ ނަމަ އެކަން އެ ކުރަނީ ކޮންމެހެން އެކަން ކުރަން ޖެހޭ ފަދަ ހާލަތެއް އޮވެގެންތޯ ބެލުމަކީ ޕީޖީގެ ޒިންމާއެއް ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ޖިނާއީ ތަހުގީގު އެއީ ވަކި މުއައްސަސާއަކުން ކުރާ ކަމަކަށް ވެގެން، އެ އިދާރާ އިން ތަހުގީގު ނިންމައި، ތަހުގީގު ރިޕޯޓް ޕީޖީ އަށް ފޮނުވުމުން ނޫނީ ޕީޖީގެ ދައުރެއް ނެތް ކަމަށް ދުށުމަކީ ގާނޫނު އަސާސީން އެކަން ތަސައްވުރު ކޮށްފައިވާ ގޮތެއް ނޫނެވެ،" މަޝްހޫރު ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ތަހުގީގުތަކުގައި އަދި ޚާއްސަކޮށް މީހުން ބަންދު ކުރުމުގައި ޕީޖީގެ ދައުރު ނެތުމަކީ މީހަކަށް ދެރައެއް ދިނުމުގެ ގޮތުން މީހުން ބަންދުގައި ދުވަސްތަކެއް ވަންދެން ބެހެއްޓުމުގެ ފުރުސަތު ދެވޭ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ތަހުގީގުތަކުގެ ބޭނުމަށް މީހަކު ބަންދުކުރާ ނަމަ އެ މީހަކު ބަންދު ކުރެވެނީ، ބަންދު ނުކޮށް ވާން ނެތިގެންތޯ އާއި ބަންދުކުރަން ޖެހޭ ނިސްބަތަށްތޯ ބަލައި، ކަށަވަރު ކުރުމަކީ ވެސް ޕީޖީގެ ސީދާ މަސްއޫލިއްޔަތެއް.." ނަޝީދު ލިޔުއްވާފައިވެ އެވެ.

އެކަމަކު ޕީޖީ އޮފީހުން ދެކޭ ގޮތުގައި ތަހުގީގު މަރުހަލާގައި މީހުން ބަންދުގައި ބެހެއްޓުން ފަދަ ކަންކަމުގައި ސީދާ ޕީޖީގެ ދައުރު ކޮންމެ ކޮންމެ މައްސަލައެއްގައި ނެތަސް ތުހުމަތު ކުރެވޭ މީހާއަށް ލިބެންޖެހޭ ހައްގުތައް ނިޒާމު އޮތްގޮތުން ލިބިދެވެ އެވެ. ތަހުގީގު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް ފަހު ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމަނީ އެ މައްސަލައެއްގައި ހުންނަ ހެކިތަކަށް ބިނާކޮށްގެން ކަމަށް އެ އޮފީހުން ބުނެ އެވެ.

"މީހަކު ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރެއްޖެ ނަމަ ބަންދުގައި އެބަ ބެހެއްޓޭ. ހައި ކޯޓުން ވެސް އޮންނާނެ އެގޮތަށް ކަނޑައަޅާފައި، އެކަމަކު ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރު ހެކި ހުރުމާ ދައުވާއެއް ކުރެވޭ މިންވަރުގެ ހެކި ހުރުމާއި މިއީ މުޅިން ތަފާތު ދެ ކަމެއް. ތުހުމަތެއް އުފެދޭ ވަރުގެ ހެއްކެއް ހުރެގެން ބަންދު ކުރިޔަސް، ދައުވާ ކުރެވޭނެ ވަރުގެ ހެއްކެއް ނެތިއްޔާ ދައުވާއެއް ނުކުރެވޭނެ،" ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮންމެ މައްސަލައެއްގައި ހައްޔަރު ކުރުމާއި ބަންދު ކުރުމުގެ މަރުހަލާ ހިނގާ ގޮތް ބެލުމުގައި ޕީޖީގެ ސީދާ ދައުރެއް ނެތަސް، ކުށުގެ ތުހުމަތު ކުރެވޭ މީހާ އަށް އޭނާގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވެސް އޮންނަ ކަން އެ އޮފީހުން ފާހަގަކުރެ އެވެ.

"ފުލުހުން އެދޭ އެދުމެއްގެ މައްޗަށް ބިނާކޮށްގެން ވިޔަސް މީހަކު ބަންދުގައި ބަހައްޓަން މި ނިންމަވަނީ ފަނޑިޔާރެއް. މުއްދަތު މަޖިލީހުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް އެބަ ލިބޭ ދިފާއުގައި ވާހަކަ ވެސް ދައްކަން ފުރުސަތު. އަދި ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް ދެކެންޏާ އެ މީހަކަށް އެބައޮތް ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ބަންދުން ދޫކުރުމަށް އެދި ހެބިއަސް ކޯޕަސް އަމުރަކަށް އެދުމުގެ ފުރުސަތު ވެސް،" އޭނާ ވިދާޅުވި އެވެ.

ތަހުގީގުތަކުގައި ޕީޖީގެ ދައުރު ފުޅާ ކުރުމަށްޓަކައި ޑިއުޓީ ޕްރޮސެކިއުޝަންގެ ނިޒާމެއް ޕީޖީ އޮފީހުގައި ގާއިމް ކޮށްފައި އޮވެ އެވެ. ޑިއުޓީ ޕްރޮސެކިއުޝަނަކީ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުގެ ކުރިން އެ މައްސަލައެއްގެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާކުރަން އޮންނަ ނިޒާމެކެވެ. އޭގެ ބޭނުމަކީ އެ މައްސަލައެއްގެ ތަހުގީގު ނިމި، ޕީޖީ އަށް ފޮނުވަން ވާއިރަށް އެ މައްސަލައެއްގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ވެފައި އަދި އެ މައްސަލައަކަށް ޕީޖީ އޮފީސް ތައްޔާރުވެފައި ބޭއްވުމެވެ.

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން ތަހުގީގުތަކުގައި ޕީޖީގެ ދައުރު އޮތީ ކުރިއަށް ވުރެ ފުޅާކޮށެވެ. މިސާލަކަށް ކޮންމެ މައްސަލައެއްގައި ވެސް ވަކި މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހޭ އިރު މައްސަލައެއްގެ ބާވަތުން ތަހުގީގު ނިންމުމަށް އިތުރު މުއްދަތު ބޭނުން ވެއްޖެ ނަމަ އެކަމަށް ޕީޖީގެ ހުއްދައެއް ބޭނުންވެ އެވެ. އެގޮތުން ޕީޖީ އަށް މުއްދަތު އިތުރުކޮށްދެވޭނެ މުއްދަތު ވެސް ގާނޫނުގައި އޮންނަނީ ބަޔާންކޮށްފަ އެވެ. މިއީ ކުރިން މިދެންނެވި މައްސަލައަށް އޮތް ކޮންމެވެސް ވަރެއްގެ ހައްލެއް ކަމަށް ބެލެވިދާނެ އެވެ.

ޕީޖީއަކީ ހަމައެކަނި ދައުވާ ކުރުމާއި އަނބުރާ ގެންދިއުމެއް ނޫނެވެ. ގާނޫނު އަސާސީގައި ޕީޖީ ދައުރު އެއަށް ވުރެ މާ ފުޅަލެވެ. ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމުގައި އަމަލުކުރާ އުސޫލުތައް ގާތުން ބެލުމަކީ ވެސް ޕީޖީގެ ޒިންމާއެކެވެ. ތަހުގީގުތަކުގައި ޕީޖީގެ ދައުރު މިހާރަށް ވުރެ ފުޅާކުރަން އެބަޖެހެ އެވެ.