މެންބަރުކަމާ މެދު ޚިލާފެއް އުފެދޭ ސަބަބެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން އެ މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމި ގޮތް އެކި ފަރާތްތަކުން އެކި ގޮތަށް މާނަކުރަމުން ދިޔަ ނަމަވެސް ކޯޓުގެ ނިންމުމުގައި ބުނަނީ މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.


ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވި މައްސަލައިގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައި ވަނީ އެއިން އެއްވެސް ބޭފުޅެއްގެ މަޖިލިސް މެންބަރުކަމާ މެދު ޚިލާފެއް އުފެދޭނެ ސަބަބެއް ނެތް ކަމަށާއި އެހެންވެ މިއީ ސުޕްރީމް ކޯޓުން ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން މެންބަރުކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭނީ މެންބަރުކަމުގެ ޝަރުތު ހަމަވާ ކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ޖުލައި 13 ގައި ކުރި ހުކުމާއި އޭގެ ފަހުން ނެރުނު އަމުރަށް ހަވާލާދީ، މިއަދުގެ ނިންމުމުގައި ބުނެފައި ވަނީ އެ ހުކުމް ކުރުމުގެ ކުރިން ހިނގާފައިވާ ކަމެއްގެ މައްޗަށް، ހުކުމުގައި ކަނޑައަޅާފައިވާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި ކުރީގެ އަމުރަކުން އެކަން ސާފުކޮށްދީފައި ވާނެ ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ބޭފުޅުންގެ މެންބަރުކަން ގެއްލުނު ކަމަށް އީސީން ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ޕާޓީގެ ދަފްތަރުން ނަން އުނިކުރުމުންނެވެ. މިގޮތަށް އަމަލުކޮށްފައި، ޕާޓީން ވަކިކޮށްދިނުމަށް އެދި ހުކުމުގެ ކުރިން ހުށަހަޅާފައި ވަނިކޮށް އެކަން އެގޮތަށް ނުކޮށް ހަމަޔާއި އުސޫލުގެ ބޭރުން ކަމަށް ވިދާޅުވެ މެންބަރުން ސުޕްރީމް ކޯޓުގައި ދެއްކެވި ވާހަކަތަކަށް ކޯޓުގެ ނިންމުމުގައި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު ބުނަނީ މައްސަލަޔާ މެދު ކުރިން ގޮތެއް ނިންމާފައިވާ ކަމަށާއި ޚިލާފެއް ނެތް ކަމަށެވެ.

"... އެ ތާރީޚާ ހަމަޔަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ހުކުމާއި ކޯޓު އަމުރުން އެނގެން އޮންނަ ..." ކަމަށް މައްސަލައިގެ ނިންމުމުގައި ވަނީ ބުނެފަ އެވެ.

އެ އިޝާރާތް ކުރާ އަމުރުގައި ބުނާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބީ މަގާމަކަށް ހޮވޭ މީހަކު ޕާޓީން ވަކިކުރި ކަމުގައި ވިޔަސް އެ މީހެއްގެ އިންތިހާބީ މަގާމު ދެމި އޮންނާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ މާއްދާ ވެސް ދެމި އޮންނާނެ އެވެ. އަދި އެހެން ގާނޫނުތަކާއި ގަވައިދުތަކަށް ވެސް އަމަލުކުރަން ޖެހޭނެ އެވެ. މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު ބަންޑާރަ ނައިބު އަނިލް ވަނީ ޕާޓީން ވަކިވުމުން އިންތިހާބީ މަގާމު ނުގެއްލޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ ބާތިލްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ، ނަމަވެސް ކޯޓުން އެކަން ކޮށްފައެއް ނުވެ އެވެ. އެހެންވެ ބާރު ލިބެނީ ކޯޓަށް މައްސަލަ ހުށަހެޅުއްވި ބޭފުޅުންގެ ވާހަކަޔަށެވެ.

އީސީން ހުކުމް މާނަކޮށް ބުނަނީ މެންބަރުކަން ގެއްލުނު ކަމަށް އެ ކޮމިޝަނުން ނިންމި ނިންމުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ނެތް ކަމަށާއި އެހެންވެ ބައި އިލެކްޝަން ބާއްވަން ނިންމީ ކަމަށެވެ. އަނެއްކޮޅުން ބަލާ ނަމަ އީސީގެ ނިންމުން ރަނގަޅު ކަމަކަށް ވެސް ކޯޓުގެ ނިންމުގައި ބުނެފައެއް ނުވެ އެވެ. އީސީން އަމަލުކުރި ގޮތާ ބެހޭ ގޮތުން ކޯޓުން އެއްވެސް އެއްޗެއް ނުބުނެ އެވެ.