ވަކީލުންގެ ސަސްޕެންޝަނާ އެކު ބޮޑު ގޮންޖެހުމެއް

ވަކީލުންތަކެއް ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރުމާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ ކޮންމެހެން ވަކީލުންތަކެއް ސަސްޕެންޑް ކުރުމަކުން އެކަންޏެއް ނޫނެވެ. އެކަމަކު ކޯޓުތަކުގައި ހިނގަމުންދާ އެތައް މައްސަލައަކަށް އެ ސަސްޕެންޝަނާ އެކު ދެން ވާނެ ގޮތެއް ނޭނގޭތީ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ވަކީލުން އެއްފަހަރާ ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.


ވަކީލުން ސަސްޕެންޑްކޮށް، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނުގައިވާ ގޮތުން އެ ފިޔަވަޅު އެޅީ ކޯޓުތަކާއި ފަނޑިޔާރުންގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް އެއްވުމާއި ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިިރު ގާނޫނީ ލިޔުމެއްގައި ސޮއިކުރުމާއި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ބަލަމުންދާތީ އެވެ. އެއީ އެ މައްސަލަ ބަލައި ނިމެންދެން އެޅި ވަގުތީ ފިޔަވަޅެކެވެ.

ޑީޖޭއޭގެ އެ ނިންމުމާ މެދު ސަސްޕެންޑްކުރި ވަކީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ވަކީލުން ބުނާ ގޮތުން ޕެޓިޝަން ހުށަހެޅުމުގައި ގާނޫނާ ޚިލާފް ކަމެއް ނުކުރެ އެވެ. އެކަމަކު މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ވަކީލުން ހަވާލުވެފައިވާ މައްސަލަތަކަށް ވާނެ ގޮތަކާ މެދު އެވެ. ވަކީލުންނަށް ލިބެމުން އައި އާމްދަނީ ވަގުތީ ގޮތުން ހުއްޓިގެން ދިއުމަށް ވުރެ ގިނަ ބައެއްގެ ކަންބޮޑުވުން މިވަގުތު އޮތީ އެ މައްސަލަތަކުގައި ހިމެނޭ މުވައްކިލުންނަށާއި މިހާރު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކަށް ވެގެންދާނެ ގޮތަކާ މެދު އެވެ.

ރާއްޖޭގައި ވަކީލުންގެ ދަފްތަރުގައި ހާހަކަށް ވުރެ ގިނަ ވަކީލުން ރަޖިސްޓްރީވެފައި ތިއްބަސް އެ މަސައްކަތުގައި އާންމު ގޮތެއްގައި ހަރަކާތްތެރިވަނީ ނިސްބަތުން މަދު ވަކީލުންތަކެކެވެ. ސަސްޕެންޑްކުރި ގިނަ ވަކީލުންނަކީ އަބަދުވެސް ކޮންމެވެސް މައްސަލަތަކެއްގައި ވަކާލާތު ކުރާ ވަކީލުންނެވެ. އޭގެ ތެރެއިން ބައެއް ވަކީލުން ތިބީ އެއްފަހަރާ، އެތައް މައްސަލައެއްގައި ވަކާލާތު ކުރަން ހަވާލުވެ އެވެ. އެކަމަކު ސަސްޕެންޝަނާ އެކު ވަކީލުންނަށް އެކަން ވަގުތީ ގޮތުން މަނާވީ އެވެ.

ވަކީލުންގެ ޚިދުމަތް އާންމުން ހޯދަނީ ކަނޑައެޅޭ ވަކި ފީތަކެއް ވަކީލުންނަށް ދެއްކުމަށް ފަހު އެވެ. އެކަމަކު ވަކީލުންގެ ސަސްޕެންޝަނާ އެކު މުވައްކިލުންނަށް މިވަނީ ހުރަސް އެޅިފަ އެވެ. ކުރުކޮށް ބުނާ ނަމަ މުވައްކިލުންގެ ސީދާ ދައުރެއް ނެތި، ވަކީލުން އަމިއްލަ އަށް ކުރި ކަމަކުން އޭގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން މިޖެހުނީ މުވައްކިލުންނަށެވެ.

ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ ހުސްނުއްސުއޫދު:--ފޮޓޯ/މިހާރު

މަދަނީ މައްސަލައެއްގައި ނަމަ ވަކީލެއްގެ ހައިސިއްޔަތުން ދޫކޮށްލުމަށް ފަހު، ދައުވާކުރާ ނުވަތަ ދައުވާ ލިބޭ މީހާ ތަމްސީލު ކުރުމުގެ ގޮތުން ޕަވާ އޮފް އެޓާނީ ދަށުން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޮވެދާނެ އެވެ. އެކަމަކު ޖިނާއީ މައްސަލައެއްގައި ނަމަ، އެ ފުރުސަތެއް ނޯވެ އެވެ. ޖިނާއީ މައްސަލައެއްގައި ވަކީލަކު އައްޔަންކޮށްފައިވާ ނަމަ ޖެހޭނީ ސީދާ އެ ވަކީލަކު ދާށެވެ. ވަކީލުކަމުން ސަސްޕެންޑް ކޮށްފައިވާ ނަމަ އެ ވަކީލަކަށް ފުރުސަތެއް ނޯންނާނެ އެވެ. އެހެންވެ، ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭ މީހުންނަށް ވަކިން ބޮޑަށް ސަސްޕެންޝަނުގެ ސަބަބުން ދަތިތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ވެސް ޖިނާއީ މައްސަލަތަކުގައި ވަކީލުންގެ ދަތިކަން ބޮޑެވެ. އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ ގިނަ ބަޔަކު ތިބި ނަމަ އެ އެންމެންނަށް އެއް ވަކީލަކު ބޭނުން ކުރުން ޖިނާއީ އިޖްރާއަތުގެ ގާނޫނު މަނާކުރެ އެވެ. މާނައަކީ އެއް މައްސަލައެއްގައި ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ ކިތަންމެ ގިނަ ބަޔަކު ތިއްބަސް އެއިން ކޮންމެ މީހަކު ޖެހޭނީ ވަކި ވަކީލަކު ބޭނުން ކުރާށެވެ.

ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކީލުން ބަދަލުކުރަން ފުރުސަތު ދޭ ނަމަ އެއީ ވެސް ހޭދަވާ އިތުރު ވަގުތެކެވެ. ޝަރީއަތްތައް ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ.

އެނގިފައިވާ ގޮތުގައި ސަސްޕެންޝަނާ ގުޅިގެން ބައެއް ލޯ ފާމްތައް އެކީގައިހެން ވަނީ ހުއްޓިފަ އެވެ. އެ ލޯ ފާމްތަކުގައި މަސައްކަތްކުރާ ހުރިހާ ވަކީލުން ސަސްޕެންޑްވުމެވެ. އެކަމަށް ހައްލެއް ގެންނަން އެ ލޯފާމްތަކުގެ މުވައްކިލުންނަށް އެހެން ވަކީލުން ހޯދުމުގެ މަސައްކަތް ލޯ ފާމްތަކުން ކުރަމުން އަންނަ ކަމަށްވެ އެވެ.

"ލޯ ފާމެއް ވިޔަސް ބައެއް ކްލަޔަންޓުން އެބަ ބޭނުންވޭ އެތަނުގެ ސީދާ ވަކި ވަކީލަކު އެ މީހެއްގެ މައްސަލައެއްގައި ކޯޓަށް ދާން. އެކަމަކު އެ ވަކީލަކު ސަސްޕެންޑް ކޮށްފައި ހުރިއްޔާ ދެވޭނެ ގޮތެއް ނޯންނާނެ. އެކަހަލަ ކަންތައްތަކެއް އެބަހުރި. އެކަމަކު ކޮންމެވެސް ކަހަލަ އިންތިޒާމްތަކެއް ލޯ ފާމްތަކުން ހަމަޖައްސަމުންދާ ކަމަށް ވަނީ،" ސަސްޕެންޝަންގައި ހުރި ވަކީލަކު ވިދާޅުވި އެވެ.

ވަކީލުން ބުނާ ގޮތުން އެ މީހުން ޕެޝިޓަން ހުށަހެޅީ މުވައްކިލުންނާއި އަދުލު އިންސާފުގެ ނިޒާމުގެ ހައްގުގަ އެވެ. އެ ޕެޓިޝަން ބަލައިނުގަނެ އޮތުމަށް ފަހު، ވަކީލުން ސަސްޕެންޑް ކުރުމަކީ ކަންބޮޑުވުމެކެވެ.

"ޖިނާއީ މައްސަލަތަކުގައި ވަކާލާތުކުރަން މި ވަޑައިގަންނަވާ ވަކީލުންގެ މުވައްކިލުންގެ ހައްގުތަކާއި ސިވިލް ކޯޓާއި މަތީ މަރުހަލާގެ ކޯޓުުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ވެސް މީގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާނެ،" ސަސްޕެންޑްކުރި ވަކީލުންގެ ތެރޭގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކީލުންނަށް މީގެ ސަބަބުން ވަރަށް ބޮޑު އިމްޕެކްޓެއް އެބަ އާދޭ. އެކަމަކު އެއާ އެއްކޮށް ނިގުޅައިގަނެވިގެން މިދަނީ އާންމު ރައްޔިތުން، ކޯޓުތަކަށް މައްސަލަތަކައިގެން މިދާ ރައްޔިތުންގެ ހައްގުތައް ކަން ވެސް އަޅުގަނޑުމެން ފާހަގަކުރަން."

އެ ޕެޓިޝަންގެ މައްސަލާގައި ޖަވާބުދާރީވާން ފުރުސަަތު ދިނުމެއް ނެތި، ސަސްޕެންޑް ކުރުމަކީ ވެސް ވަކީލުންގެ ކަންބޮޑުވުމެކެވެ. ވަކީލުންނާ މެދު ފިޔަވަޅު އަޅާ ނަމަ އެ ފިޔަވަޅެއް އެޅެންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވަކީލުން ދެކެ އެވެ.

"ފިޔަވަޅެއް އަޅާ ނަމަ އެއީ ބެލެވިގެން، ޑިއު ޕްރޮސެސްގެ ތެރެއިން އެޅޭ ފިޔަވަޅަކަށް ވުން. އަޅުގަނޑުމެންނަށް ޖަވާބުދާރީވާން ފުރުސަތު ލިބި، އިންސާފުވެރިކަމާ އެކު އަޅާ ފިޔަވަޅެއް ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން ބަލައިގަންނާނަން. އަޅުގަނޑުމެން އިހްތިރާމް ވެސް ކުރާނަން،" ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސަސްޕެންޑްކުރި ވަކީލުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލާގައި އަވަހަށް ގޮތެއް ނިންމުން މުހިންމެވެ. އެހެން ނޫން ނަމަ ކޯޓުތަކުގައި ހުރި އެތައް މައްސަލައަކަށް އޭގެ އަސަރުކޮށް، އެ ވަކީލުންގެ މުވައްކިލުންގެ ހައްގުތަކަށް ހުރަސްއެޅޭނެ އެވެ.