ފޮޓޯ ނަގަނީ މަޖަލަކަށް، އެކަމަކު ފަހުން ބްލެކްމެއިލް!

އެޒުވާން އަންހެން ކުއްޖާގެ އުމުރުން 22 އަހަރެވެ. ސޯޝަލް މީޑިއާއާ ވަރަށް ވެސް ގާތެވެ. އެއް ދުވަހު ނުދަންނަ މީހަކު ސުކައިޕުން އެޑްކުރި އެވެ. އެކްސެޕްޓް ކޮށްލުމާ އެކު އެމީހާ ފޮނުވީ އެ އަންހެންމީހާގެ ބަރަހަނާ ފޮޓޯއެކެވެ. ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެކަހަލަ ފޮޓޯއެއް އޭނާ އަމިއްލައަށް ނެގިޔަސް އެއްވެސް މީހަކަށް ފޮނުވާފައި ނުވާއިރު އެނުދަންނަ މީހާއަށް އެލިބުނު ސަބަބެއް ނޭނގުނެވެ.


"ފޮޓޯ ނަގަން މަޖަލަކަށް. އެކަމަކު އެއްވެސް މީހަކަށް ނުފޮނުވަން،" އެ ހާދިސާ ކިޔައިދެމުން އަންހެންމީހާ ބުންޏެވެ.

އޭނާގެ އެ ފޮޓޯ ލިބުނު ގޮތަކާ ބެހޭ ގޮތުން އެމީހާއާ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި އޭނާ ބުނީ "ކަލޭ ތި ގެންގުޅެނީ މިވެނި ވަށްތަރެއްގެ ލެޕެއް ނޫންހޭ." އެވެ.

"އެ ހެކްކޮށްގެން ފޮޓޯ ހޯދިއްޔޭ. ތިމަންނަ މިއީ ރާއްޖޭގައި ހުރި އެންމެ މޮޅު ހެކަރޭ،" އަންހެންމީހާ ކިޔައިދިނެވެ.

ކުރިން އެއީ ކާކުކަން ވެސް ނޭނގޭ، ދުވަހަކު ފެނިފައި ވެސް ނުވާ އެ "ހެކަރު"ގެ ދަލުގައި ޖެހި، އަންހެންމީހާ ތާށިވި އެވެ. ވަކި ކަންތައްތަކެއް ކުރަން މަޖުބޫރުވި އެވެ. ސުކައިޕް މެދުވެރިކޮށް އޭނާ ބުނާ ގުނަވަންތަކެއް ދައްކަން އެދި އިންޒާރުދިނެވެ. އެގޮތަށް ނުހަދައިފި ނަމަ ބަރަހަނާ ފޮޓޯ ލީކްކޮށްލާނެ ކަމުގެ ބިރު ދެއްކި އެވެ.

އެންމެ ފަހުން އޭނާ ބުނި ގޮތަށް ވީޑިއޯކޮށް އެ ފޮނުވި އެވެ.

"އާދޭސްކުރިން. ބުނިން ހުރި ތާކަށް ގޮސްފާނަމޭ ވެސް. ބުނީމަ ބުނީ ތިމަންނަ ރާއްޖެއަކު ނޫނޭ. ދެން އެބުނި ގޮތަށް ހެދީ،،" އަަންހެންމީހާ ކިޔައިދިނެވެ.

އޭގެ ތިން އަހަރު ފަހުން ދެން ފެނުނީ ދިވެހި އެތައް އަންހެނެއްގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ވެބްސައިޓަކަށް އެވީޑިއޯ އަޕްލޯޑްކޮށްފައި ވަނިކޮށެވެ. އެ ވެބްސައިޓަށް ވަދެވެނީ ފައިސާ ދީގެން ސަބްސްކުރައިބް ކޮށްގެންނެވެ. އެތައް އަންހެނެއްގެ އެތައް ބައެއްގެ ކުރިމަތީގައި ބަރަހަނާވީ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށައެޅި އެވެ. އެމީހާ ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އޭރު އެތައް އަންހެނެއް ފަލީހަތްވެއްޖެ އެވެ. ފޯނު ނަމްބަރާއި ޒާތީ އެތައް މައުލޫމާތެއް ވެސް ހާމަވުމުން އޭގެ ނާޖާއިޒު ފައިދާ ނަގަން އެތައް ބަޔަކު މަސައްކަތްކުރި އެވެ.

"މަންމައަށް ވެސް މީހުން އެ ފޮޓޯ ދެއްކި. ވަރަށް މީހުން ގުޅާ. ވަރަށް ގުޅާ. އެވާހަކަ ދައްކަން. ވަރަށް ހުތުރު ކަންކަމަށް ވެސް އެދި ހަދާ،" އޭނާ ބުންޏެވެ.

ވަރަށް އާންމު ކަމެއް

ގިނަ މީހުން ސުމާޓް ފޯން ގެންގުޅޭ މި ޒަމާނުގައި ލޯބިވެރިންނާއި އިތުބާރުކުރާ އެހެން މީހުންނަށް ބަރަހަނާ ފޮޓޯ ފޮނުވުމުގެ "މޮޔަ" އަމަލު މިއަދު ދަނީ އާންމުވަމުންނެވެ. ބަރަހަނާ ފޮޓޯއެއް ފޮނުވުމަކީ މިއަދު، ބައެއް މީހުންނަށް، އެއްވެސް ކަމެއް ނޫނެވެ. ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުންނާއި ކުޑަކުދިން ވެސް އެ މަޅީގައި ވަނީ ޖެހިފަ އެވެ.

އޭގެ ނަތީޖާއަކަށް ވަނީ ވަކި ހިސާބަކުން އެފޮޓޯތައް ލީކްކޮށްލުމެވެ. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓް ފޯމްތަކުގައި ބޭޒާރުކުރުމެވެ.

ފުލުހުންގެ ސައިބާ ކުރައިމް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް ރިލްވާން ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް ސައިބާ ކުރައިމްގެ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރު ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ޒުވާނުންގެ އިތުރުން ދެބައި އުމުރުގެ މީހުންގެ މައްސަލަތައް ވެސް ލިބޭ ކަމަށް ވިދާޅުވި އެވެ.

"ގިނަ ފަހަރަށް މީހާ ބްލެކްމެއިލް ކޮށްފައި ހުންނަނީ ދެ ފަރާތުގެ ދެމެދުގައި އުފެދޭ ގުޅުންތަކެއް ދާން ނުޖެހޭ ހިސާބަށް ގޮސްގެން ހިނގާ ކަންތައްތަކެއްގައި،" ރިލްވާން ވިދާޅުވި އެވެ.

ބުލެކްމެއިލް ކުރަން ފުރުސަތު ނުދީ!

ބަރަހަނާ ފޮޓޯއެއް ލީކްކޮށްލާނެ ކަމުގެ ބިރު ދައްކައިގެން އިތުރު އެފަދަ ފޮޓޯތައް ހޯދުމާއި ޖިންސީ ގޯނާތައް ކުރުމުގެ އިތުރުން ފައިސާ އަތުލުން ފަދަ ޖަރީމާތައް ރާއްޖޭގައި ހިންގަ އެވެ. އެކަމަކު ރިލްވާން ވިދާޅުވީ ބުލެކެމެއިލް ކުރާ ފަރާތް ބުނާހާ ކަމެއް ކުރުމަކީ ހައްލެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ބުނާހާ ކޮންމެ ކަމެއް ކޮށްދޭ ނަމަ އެކަން އަބަދުވެސް ޖެހޭނީ ތަކުރާރުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ސުޓޭޖުން ފެށިގެން އަޅުގަނޑުމެންނަށް އެމައްސަލަ ހުށައެޅުން ވަރަށް މުހިންމު. ހުށަހަޅާ ހުރިހާ މައްސަލަތަކެއްގައި ވެސް އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ރައްކާކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެން ދެން،" ރިލްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުދަންނަ ކޮންމެ މީހަކާ ސޯޝަލް މީޑިއާ ތެރެއިން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމާ މެދު ރައްކާތެރިވާން ޖެހެ އެވެ.

"ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭން ޖެހޭ. ނުދަންނަ މީހުން އެޑްކޮށް ގުޅުން ބަދަހިކުރާ އިރު ވިސްނާލަން ޖެހޭނެ،" ރިލްވާން ވިދާޅވި އެވެ.

"މިފަދަ މީޑިއަމްތައް ބޭނުން ކުރުމުގައި ޒިންމާދާރުކަން އިސްކުރުން ވަރަށް މުހިންމު. މިސާލަކަށް ފޭސްބުކް ފަދަ ސޯޝަލް އެޕްތައް ބޭނުން ކުރުމުގައި ވެސް ކާކުކަން ނޭނގޭ މީހުން އެޑް ނުކުރުން."

އަމިއްލައަށް ބަރަހަނާވެ ފޮޓޯ ނެގުމާއި އެކި މީސްމީހުންނަށް ފޮނުވުމާއި އަދި ނުފޮނުވިޔަސް، އެ މީހަކަށް ނޭނގި، އެހެން ބަޔަކު އެ އެއްޗެހި ހޯދުން ފަދަ ކަންކަން އާންމުވަމުން ދާ އިރު، ކޮންމެ އުމުރެއްގެ މީހަކު ވެސް ވިސްނާލަން ޖެހެ އެވެ. އެ މަޅީގައި ކޮންމެ ވަގުތަކު ވެސް ބެދިދާނެ އެވެ. އެހެންކަމުން އެފަދަ ފޮޓޯޓައް ނެގުމަކީ ކޫލް ކަމެއް ނޫނެވެ.

ލޯބިވެރިންނަށް ފޮނުވަން ކަމަށް ވިޔަސް ބަރަހަނާ ފޮޓޯ ނެގުމަކީ ކުށެކެވެ. އެކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ދާން ވެސް ޖެހިދާނެ އެވެ. އެހެންކަމުން އެނގިގެންނާއި ނޭނގި މި ކުރެވެނީ ގާނޫނީ ގޮތުން ވެސް ކުށެވެ. ދެން އޮތީ ބްލެކްމައިންވެމެވެ. އެފަދަ ހާލަތަކަށް ތިމާ ދިއުމުން ދެން ކުރިމަތިވަނީ އެއަށް ވުރެ މާ ނުރައްކާތެރި ހާލަތަކާ އެވެ. އެހެންކަމުން، ފުލުހުން އެދޭ ގޮތަށް، މިއީ އެންމެން ވެސް ސަމާލުވާން ޖެހޭ ބޮޑު މައްސަލައެކެވެ.