ހައްޔަރުކުރާ ނަމަ ޔުނިފޯމް މަޖުބޫރު: ފުލުހުންނަށް ގާނޫނީ ބޮޑު ހުރަހެއް

ޔުނިފޯމް ނާޅާ ތިބި ފުލުހުންތަކެއް ދެ މީހަކު ހައްޔަރު ކުރުމުން އެ މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ދޫކޮށްލަން ޖެހުނު ދެ މީހުންގެ ތެރޭގައި މަރުގެ ތުހުމަތެއްގައި ހައްޔަރުކުރި އެކަކު ހިމެނޭއިރު އެ މީހުން ދޫކޮށްލި ސަބަބު ގިނަ ބަޔަކު ހައިރާންކޮށްލި އެވެ.


އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި މީހުން ހައްޔަރު ކުރާއިރު ފުލުހުން ޔުނިފޯމްގައި ތިބެން ޖެހޭނެ ކަމަށް ބުނެފައި އޮތުމުންނެވެ. ޔުނިފޯމް ނާޅާ ތިބި ފުލުހުންގެ ބަޔަކު އެ ދެ މީހުން ހައްޔަރުކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. މަރުގެ މައްސަލައެއްގައި އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެކަމަކު މިއީ އެ ދެ މީހުންނާ ހަމައިން ނިމޭ ކަމެއް ނޫނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ވަނީ" މި މާއްދާގެ ދަށުން މީހަކު ހައްޔަރު ކުރަންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެކެވެ،" މިހެންނެވެ.

އެ ދެ މީހުން ދޫކޮށްލަން ޖެހުނު ސަބަބަކީ އެއީ އެވެ. އެކަމަކު ގާނޫނުގެ އެ އަކުރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ފުލުހުންނަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

އެއްވެސް އިސްތިސްނާއެއް ނެތި، ހުރިހާ ހާލަތެއްގައި ވެސް މީހުން ހައްޔަރުކުރާއިރު ޔުނިފޯމްގައި ފުލުހުން ތިބެން ޖެހޭ ނަމަ ފުލުހުން ހިންގާ ބައެއް ބޮޑެތި އޮޕަރޭޝަންތަކަށް އޭގެ ސަބަބުން ހުރަސް އެޅިގެންދާނެ އެވެ. ޚާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރި އާއި އެތަކެތި އެތެރެ ކުރުމުގެ މައްސަލަތަކުގަ އެވެ. އެއީ ސިއްރުވެރި ގޮތެއްގައި މަދު ބައެއްގެ މެދުގައި ރޭވިގެން ހިންގާ ކުށުގެ އަމަލުތަކެއް ކަމަށްވާތީ އެފަދަ މައްސަލަތަކުގައި މީހުން އަތުލައިގަތުމަށް އޮޕަރޭޝަންތައް ހިންގަން ޖެހެނީ ވަރަށް ސިއްރުވެރި ގޮތެއްގަ އެވެ.

މިސާލެއް ފާހަގަކޮށްލާނަމެވެ. މަސްތުވާތަކެތި އެތެރެކުރަނިކޮށް ފެންނަ ހާލަތްތަކުގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން ކަސްޓަމްސް އާއި ފުލުހުން ހިންގާ އޮޕަރޭޝަނެއް އޮވެ އެވެ. އެއަށް މި ކިޔަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެވެ.

އެފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ގެންދާ މީހާ ހައްޔަރުކުރާނީ އެ ތަކެތި ދާން އޮތް މަންޒިލާ ހަމައަށް ގެންދިއުމުން ނުވަތަ އެ އެއްޗަކާ ހަވާލުވާން އަންނަ މީހަކު ހަވާލުވުމުން އެ މީހަކާ އެއްކޮށް، ވަގުތުންނެވެ. އޭގެ ބޭނުމަކީ އެ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ އަޑީގައި ހުރި މީހަކު ހޯދުމާއި ކުށް ސާބިތު ކުރެވޭނެ ފުރިހަމަ ހެއްކާ އެކު އެ މީހަކު އަތުލައިގަތުމެވެ. އެފަދަ ބައެއް އޮޕަރޭޝަންތަކުގައި ކުށް ކުރަނިކޮށް ރެޑް ހޭންޑްކޮށް މީހުން އަތުލައިގަނެވޭތީ ބައެއް ހާލަތްތަކުގައި މީހުން ހައްޔަރުކުރަނީ ކޯޓު އަމުރެއް ވެސް ނެތި އެވެ.

އެފަދަ އޮޕަރޭޝަނެއްގައި ފުލުހުން ޔުނިފޯމްގައި ތިބެއްޖެ ނަމަ މަސްތުވާއެއްޗެއް ގެންދާ މީހަކު ނުވަތަ އެއާ ހަވާލުވާ މީހަކަށް ރެކެވޭނެ ގޮތްތައް އޮންނާނެ އެވެ. އަދި ޔުނިފޯމް އެޅި ފުލުހަކު ކުރިމަތީގައި ހުއްޓައި، މަސްތުވާތަކެތީގެ ވިޔަފާރިއެއް ނުކުރާނެ އެވެ. އެ ހިސާބުން އޮޕަރޭޝަން ފެއިލްވެ، ހައްޔަރުކުރަން ޖެހޭ މީހާ ހެއްކާ އެކު އަތުލައިގަތުގެ ފުރުސަތު ވެސް ހަނިވެ އެވެ. މިއީ އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެ ކަންކަމެވެ.

ހަމަ އެހެންމެ، އެފަދަ އޮޕަރޭޝަނެއްގައި ޔުނިފޯމް ނުލައި ތިބޭ ފުލުހުން މީހަކު ހައްޔަރުކޮށްފި ނަމަ އެ މީހާ އަތުން އަތުލައިގަނެވޭ ހެކިތަކަކީ ގާނޫނާ ޚިލާފް ހެކިތަކެއް ކަމަށް ބެލެވި، އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެހެންކަމުން އިޖުރާއާތުގެ ގާނޫނުން މި ފެނުނީ ކަންބޮޑުވާން ޖެހޭ ފަދަ ލޫޕް ހޯލެކެވެ.

ސިޔާސީ ހަރަކާތެއް ހުއްޓުވަން ފުލުހުން: ބައެއް އޮޕަރޭޝަންތަކުގައި ޔުނިފޯމް ނާޅާ ވެސް ފުލުހުން ހަރަކާތްތެރިވާން ޖެހޭ --ފޮޮޓޯ/މިހާރު

ގާނޫނުގެ އެ މައްސަލަ ފުލުހުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެ މާއްދާ އޮތީ ފުލުހުން މިހާތަނަށް އަމަލުކުރަމުން އައި ބައެއް އުސޫލުތަކާ ފުށުއަރާ ގޮތަށް މާނަ ކުރެވިދާނެ ގޮތަކަށް ކަމަށްވާތީ އެކަމުގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ގާނޫނީ ގޮތުން އެކަން ސާފުކުރެވިފައިވާ ކަމެއްގެ ތެރެއިން އެކަން ބޭއްވުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އަޅުގަނޑުމެންނަށް މަތިކޮށްފައިވާ ނިޒާމުގެ ތެރެއިން އެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވެ އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި މީހުން ހައްޔަރު ކުރަން ޖެހޭނީ "ޔުނިފޯމް އެޅި ފުލުހެއް" ކަމަށް ގާނޫނުގައި އެ ބުނަނީ ކޮންމެހެން ހައްޔަރުކުރާ އިރު ޔުނިފޯމް އަޅައިގެން ތިބެން ޖެހޭ ވާހަކައެއް ނޫނެވެ. "ޔުނިފޯމް އެޅި ފުލުހެއް" ކަމަށް ގާނޫނުގައި އޮންނަ އިބާރާތަކީ އެއީ ހުވާކޮށްގެން ހުރި ފުލުހަކަށް ވާން ޖެހޭނެ ކަމަށް އޮންނަ އޮތުމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ޔުނިފޯމް އަޅައިގެން ހުއްޓަސް އަދި ނެތަސް ފުލުހެއް ވާނީ ފުލުހަކަށް. އެހެންވީމަ ގާނޫނުގައި އަސްލު އެ ބުނަނީ ސްވޯން އޮފިސަރެކޭ (ހުވާކޮށްގެން ހުރި ފުލުހެއް) މީހަކު ހައްޔަރު ކުރަން ޖެހޭނީ. ކޮންމެހެން ޔުނިފޯމް އަޅައިގެން ހުންނާށެކޭއެއް ނޫން ކަމަށް އަޅުގަނޑަށް މާނަކުރެވެނީ ގާނޫނުގައި އެ އޮތީ. އެހެން ލިޔެފައި އޮތް ސަބަބެއް ކަމަށް ބެލެވެނީ ފުލުހުންގެ ތެރޭގައި އެބަ ތިބޭ ހުވާ ނުކޮށް ތިބޭ މުވައްޒަފުންތަކެއް ވެސް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އިސްތިސްނާއެއް ނެތި ހުރިހާ ހާލަތެއްގައި މީހުން ހައްޔަރު ކުރާއިރު ޔުނިފޯމްގައި ތިބެން ޖެހޭ ނަމަ އެއީ ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކަށް ހުރަސް އެޅޭނެ ކަމެކެވެ. ނަމަވެސް ގާނޫނު އޮތީ އެ ހުރަސް ފުލުހުންނަށް ކުރިމަތިކުރާ ގޮތަށް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެގޮތަށް މާނަކުރަންޏާ މިސާލަކަށް ކިހިނެއް ޔުނިފޯމް އަޅައިގެން ތިބެ ބޮޑެތި ޑްރަގް އޮޕަރޭޝަންތައް ހިންގާނީ؟. އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނުގައި އެ އޮތީ ކުރިން މި ދެންނެވިހެން. އެކަމަކު އެގޮތަކަށް ނޫން މިހާރު މި މާނަކުރެވިގެން މި އުޅެނީ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނު އެގޮތަށް ލިޔެފައި އޮތުމުގެ މަގްސަދަކީ މީހަކު ހައްޔަރު ކުރަނީ ފުލުހެއް ކަން، ހައްޔަރު ކުރެވޭ މީހާ އަށް އެނގޭނެ ފަދަ ގޮތެއް ހެދުމަށް ކަމަށް ބެލެވިދާނެ އެވެ. ނަމަވެސް، ޔުނިފޯމް ނުލާ، ކުލަ ހެދުމުގައި ތިބެގެން ވެސް އެކަން ކުރެވޭނެ ގޮތްތައް އެބަ ހުއްޓެވެ. މިސާލަކަށް ހައްޔަރުކުރާއިރު އެ މީހަކީ ފުލުހެއް ކަން އަންގައިދޭ ކާޑު ފަދަ ރަސްމީ ލިޔުމެއް ދައްކަން ގާނޫނުގައި ލާޒިމް ކުރެވިދާނެ އެވެ. ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ވެސް އެކަން އޮންނަނީ އެގޮތަށެވެ.

އެނގިފައިވާ ގޮތުގައި، ޔުނިފޯމް ނާޅަ ތިބެ ހައްޔަރު ކުރުމުން ދޫކޮށްލަން ޖެހުނު ދެ މީހުންގެ ތެރެއިން އެކަކުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ހައި ކޯޓުން ނިމޭއިރު މިހާރަށް ވުރެ ބޮޑަށް ގާނޫނީ ގޮތުން ކަންކަން ސާފުވާނެ ކަމަށް ބެލެވެ އެވެ.

މިކަމުގައި ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. އެއީ ޔުނިފޯމް އަޅައިގެން ހައްޔަރު ކުރަން ޖެހެނީ ކޯޓު އަމުރު ނެތި މީހުން ހައްޔަރުކުރާ ހާލަތްތަކުގައި އެކަނިތޯ ނުވަތަ ކޯޓު އަމުރު އޮންނަ ހާލަތުގައި ވެސް ޔުނިފޯމް އަޅަން ޖެހޭނެތޯ އުފެދޭ ސުވާލެވެ.

މިދެންނެވި 40 ވަނަ މާއްދާގެ ރ. އަށް ބަލާއިރު އެ އަކުރުގައި ހަވާލާދީފައި އޮތީ އެ ގާނޫނުގެ 40 ވަނަ މާއްދާއަށް ޖުމްލަކޮށެވެ. މާނައަކީ 40 ވަނަ މާއްދާގެ ރ. އެ ބުނަނީ 40 ވަނަ މާއްދާގެ ދަށުން ހައްޔަރުކުރާ ކޮންމެ މީހަކު ވެސް ހައްޔަރުކުރަން ޖެހޭނީ ޔުނިފޯމް އެޅި ފުލުހެއް ކަމަށް އެ މާއްދާ ގަބޫލުކުރާ ކަމެވެ. ދެން ބަލަންވީ މުޅި 40 ވަނަ މާއްދާގައި އޮތް އެއްޗަކަށެވެ.

މައިގަނޑު ގޮތެއްގައި އެ މާއްދާގައި އޮތީ ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ. އެކަމަކު އެ ހާލަތްތައް ބަޔާން ކުރުމަށް އިތުރަށް، އެ ނޫން ހާލަތްތަކުގައި މީހުން ހައްޔަރު ކުރަން ޖެހޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އެ މާއްދާގެ ށ. ގައި ލިޔެފައި އެބަ އޮތެވެ. އެހެންވެ މި މާއްދާ ދެ ގޮތަކަށް މާނަ ކުރުމުގެ ފުރުސަތު ލިބެނީ އެވެ.

ގާނޫނީ ބައެއް ބޭފުޅުންގެ ނަޒަރުގައި އެ މާއްދާ އޮތް ގޮތުން ޔުނިފޯމް އަޅައިގެން ތިބެ ހައްޔަރު ކުރަން ޖެހޭނީ ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކުރާ ހާލަތްތަކުގައި އެކަންޏެވެ. އަނެއް ބައި ބޭފުޅުން މާނަކުރައްވާ ގޮތުގައި ކޯޓު އަމުރެއް އޮވެގެން ހައްޔަރު ކުރާ ހާލަތްތަކާއި ކޯޓު އަމުރެއް ނެތި ހައްޔަރުކުރާ ހާލަތްތަކުގައި ވެސް ޔުނިފޯމް އަޅައިގެން ފުލުހުން ތިބެން އެ މާއްދާ ލާޒިމްކުރެ އެވެ.

"ސާޅީސް ވަނަ މާއްދާގެ ށ. އާއި ރ. އެއްކޮށް ކިޔާލީމަ ދޭހަވަނީ ޔުނިފޯމް އެޅި ފުލުހުންނޭ ދެ ހާލަތުގައި ވެސް މީހުން ހައްޔަރު ކުރަން ޖެހޭނީ،" އެއް ވަކީލަކު ވިދާޅުވި އެވެ.

ހުރިހާ ހާލަތެއްގައި ވެސް މީހުން ހައްޔަރު ކުރުމުގައި ޔުނިފޯމް އަޅަން ލާޒިމްވާ ނަމަ ދެން ފުލުހުންނަށް ޖެހޭނީ ގާނޫނީ އެހެން މަގެއް އިހްތިޔާރު ކުރާށެވެ. އެއީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ހައްޔަރު ކުރުމަކަށް ނުވާ ގޮތުން އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން ނުވަތަ އެ ގާނޫނުގެ 38 ވަނަ މާއްދާގެ ރ. ގެ ދަށުން ކޯޓު އަމުރަކާ ނުލައި، އެފަދަ މީހަކު ހުއްޓުވައި، ބަލައި ފާސްކުރުމެވެ. އެކަމަކު އެއީ މި މައްސަލައަށް އޮތް ދާއިމީ ހައްލަކަށް ނުވާނެ އެވެ.

ގާނޫނީ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވިޔަސް މިކަމުގައި ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ އެއްވެސް އިސްތިސްނާއެއް ނެތި، ހުރިހާ ހާލަތެއްގައި މީހުން ހައްޔަރުކުރާއިރު ވެސް ޔުނިފޯމްގައި ތިބެން ޖެހޭ ނަމަ ބޮޑެތި ކުށްކުރާ މީހުންނަށް ނުވަތަ ރޭވިގެން ހިންގާ ޖަރީމާތައް ހިންގާ މީހުންނަށް ސަލާމްތާވާނެ އާ ދޮރެއް ހުޅުވުނީ އެވެ. އެހެންކަމުން މި މައްސަލަ އަށް އަވަސް ހައްލެއް ގެންނަން އެބަ ޖެހެ އެވެ.