މާލެ-ރާއްޖެތެރެ އިން ލިޔުންތެރިއަކު ކިޔައިދޭ ހަގީގަތް

މިހާރު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މާލެ އަށް ތޮއްޖެހިފައި އޮތަސް މީގެ 90 ވަރަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅުނީ ރާއްޖޭގެ އެންމެ ނުވަ ޕަސެންޓެވެ. މިއީ ބައެއް މީހުންނަށް މާ މުހިއްމު މައުލޫމާތަކަށް ނުވެދާނެ އެވެ. އެކަމަކު މި ހަގީގަތް އެނގުނު ވަގުތަކީ މުނާ މުހައްމަދުގެ "ހަޔާތުގެ ވަރަށް މުހިއްމު ސިކުންތުކޮޅެ"ކެވެ. ދެން އޭނާ ފެށީ ފޮތެއް ލިޔާށެވެ.


ތާރީޚާއި ތަފާސްހިސާބުގެ ބޮޑެތި ދިރާސާތަކަކަށް ބިނާކޮށްފައިވާ "ފަޅު އަލި ރަންމުތް" ކިޔައިދެނީ ވަރަށް ހިތި، އެކަމަކު މުހިއްމު ހަގީގަތެކެވެ. އެއީ، މުނާގެ އަމިއްލަ ބަހުން ނަމަ، "އަމިއްލަ ގައުމުގައި އަމިއްލަ ވަޒަން ދޫކޮށް މާލޭގައި އިންތިހާއީ ދަތި ހާލުގައި އުޅެން ޖެހިފައިވާ މަޖުބޫރީ ހިޖުރަވެރިން"ނަށް އެ ހާލަތު ކުރިމަތިވި ގޮތާއި އެ ހާލަތުން އަރައިގަންނާނެ ގޮތެވެ.

ފޮތެއް ލިޔެގެން މާލީ މާ ބޮޑު މަންފާއެއް ނުލިބޭ ގައުމެއްގައި، ހަމައެކަނި އަމިއްލަ ޝައުގުވެރިކަމުގައި، މިހާ ބޮޑު މަސައްކަތެއް މުނާ ކުރީ އެންމެ ސަބަބަކާ ހެދި އެވެ؛ ރަންމުތްތަކެއް ފަދަ ޗާލު ރަށްތަކެއްގެ ރަށްވެހިން ހިދުމަތްތަކާއި ފުރުސަތުތަކާއި އާމްދަނީ ހޯދަން "ސްލަމް"އެއް ފަދަ މާލެ އަށް އަންނަން ޖެހުމަކީ، އޭނާ ދެކޭ ގޮތުގައި، ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، އެންމެ ބޮޑު ބޭއިންސާފެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި "އަހަރެމެން ހިޖުރަކުރަން މަޖުބޫރުވާ ސަބަބުތައް ކުރިމަތިކުރީ ދައުލަތުންނެވެ."

ބޭސްފަރުވާގެ ބޭނުމަށް ވަރަށް ކުޑަ އިރު ހއ. ދިއްދޫން މާލެ އަށް ބަދަލުވި "ސިއްހީ ހިޖުރަވެރިއެއް"ގެ ގޮތުގައި، މުނާގެ ޝުއޫރުތައް ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ވެސް ގުޅިލާމެހިފަ އެވެ. އެކަމަކު މީގެ 10 ވަރަކަށް އަހަރު ކުރިންސުރެ އަމިއްލަ ބްލޮގެއްގައި އަދި އެހެނިހެން ގޮތްގޮތުން މި މައުލޫއު އަށް މުނާގެ ގަލަން ހިންގައިދެނީ އޭނާގެ ތައުލީމާއި މަސައްކަތުގެ ތަޖުރިބާތަކެވެ. އޭގެ ފެށުމަކީ އޭނާގެ ފުރަތަމަ ވަޒީފާގައި އެނގުނު އެއްޗެހި ކަމަށް މުނާ ދެކެ އެވެ.

"އޭރު ރަށްރަށަށް ދަތުރު ކުރަން ޖެހުނު ސާވޭ ކުރުމަށާއި މަސްވެރިންގެ ދުވަސް ބޭއްވުން ފަދަ ކަންކަމުގައި،" ފިޝަރީޒް މިނިސްޓްރީގައި އޭރު ކުރި މަސައްކަތާ ބެހޭ ގޮތުން މުނާ ބުންޏެވެ.

"ސާވޭ ކުރުމުގައި މަސްވެރިންގެ ގޭގެ އަށް ޒިޔާރަތްކޮށް އެމީހުންނާ ވާހަކަ ދައްކާ ހާލުއަހުވާލު އަހާ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ޖެހުނު. ހަތް އަހަރުން ފެށިގެން މާލޭގައި ބޮޑުވަމުން އައި ކުއްޖަކަށް އަސްލު ދިވެހިން ފެނި ކަންކަން އެނގުނީމާ ބައެއް ކަންކަން އިހްސާސްވީ ކަމަށް ވެދާނެ."

އޭގެ ފަހުން މެލޭޝިއާ އާއި އޮސްޓްރޭލިއާގައި ހިންގުމުގެ ދާއިރާއިންނާއި މާލީ ދާއިރާ އިން ކިޔަވައި މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މުނާ އަށް އިހުސާސްކުރެވުނީ "ދިވެހިންގެ ދިރިއުޅުން މިއަށް ވުރެ ރަގަޅު ކުރެވޭނެ" ކަމެވެ. އަދި އެކަން ހާސިލްކުރުމުގައި ފަޅުރަށްތަކާއި ދަތުރުފަތުރު ވަރަށް މުހިއްމުކަން އޭނާ އަށް ވިސްނުނެވެ.

"މަސައްކަތްތެރިންނާއި ފައިސާ އާއި ބިމާއި ގަންނަ މީހުންނާ ދިމާވާނެ އަދި ދައުރުވާނެ ގޮތެއް ނެތި އިގްތިސާދެއް ކުރިނާރާނެ. މި ގުޅުން ފަހުގެ ތާޜީޚުގައި ނެތި، އިންތިހާއީ އެކަހެރިކަމުގައި، ރަށު ފާލަމަށް އަރާ ޖެހިގެން އޮތް ރަށަށް ބަލާލާފައި ފުއްދާލައިގެން ދިވެހިން ސަލާމަތުން ތިިބިކަން ވެސް ނަސީބުތާއޭ ހިތަށް އެރި،" ކިޔަވައިގެން ރާއްޖެ އައި އިރު ކުރެވުނު އިހުސާސްތައް މުނާ ކިޔައިދިނެވެ.

ބިން ބޮޑު ހއ. އުލިގަން: ތަރައްގީ ގެންނަން ބޭނުންވާ ވަސީލަތްތައް އަތޮޅުތަކުގައި އެބަހުރި.-- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

އޭނާ ގަބޫލުކުރާ ގޮތުގައި މަރުކަޒީ ސަރުކާރަށް ބާރުތައް ޖަމާކޮށް ވަސީލަތްތަކުގެ މިލްކުވެރިކަން ރަށްރަށުގެ މީހުންގެ ކިބައިން ނިގުޅައިގަތުމުގެ ނަތީޖާއަކީ އަމިއްލަ އަތޮޅުގައި ނުވަތަ "ގޭ ދޮރުމަތީގައި" ހުރި ފަޅުރަށްރަށުގެ ސީދާ މަންފާ އިން އެ މީހުން މަހުރޫމްވުމެވެ.

"ރާއްޖޭގައި ވަޒީފާ، އިގްތިސާދީ އަދި ތަރައްގީގެ ސިޔާސަތުތައް ފަރުމާކޮށްފައި ހުރީ އެ ކަންކަމުގެ ފައިދާ ރަށްރަށުގެ މީހުންނަށް ވީހާ ވެސް ކުޑަވާނެ ފަދަ ގޮތަކަށް. އެއީ އުފައްދާފައި އޮތް ކަމެއް. އަމިއްލަ ޒާތުގައި އުފެދުނު ކަމެއް ނޫން،" މުނާ ބުންޏެވެ.

ރާއްޖޭގެ ތިންބައިކުޅަ އެއްބައި މީހުން ތޮއްޖެހިފައި އޮތް "ކޮންކްރީޓް ޖަންގަލި": މި ސަރުކާރުގެ ސިޔާސަތަކީ 70 ޕަސެންޓް މީހުން މާލެ ސަރަހައްދަށް ޖަމާކުރުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބޭނުންވި ކޮންމެ ގޮތަކަށް އަތޮޅު ތަރައްގީކުރެވޭ ފަދަ ވަސީލަތްތައް އަތޮޅުގައި ހުރި އިރު އަދި އަމިއްލަ ރަށުގައި މާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެވެން އޮތް އިރު، ލިބޭ ހުރިހާ އެއްޗެއް ކުއްޔަށް ދީގެން މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ރަށްރަށުގެ މީހުން ގަނަތެޅެން ޖެހިގެންވާނެ ކަމަކަށް މުނާ ނުދެކެ އެވެ. އެކަމާ ފުދިގެން ކަމެއް ނުކޮށް ތިބެން ބޭނުން ނުވާ އެހެން މީހުން ވެސް އުޅޭކަން އެންމެ ބޮޑަށް އެނގެން ފެށީ މި ފަހުގެ އަހަރުތަކުގައި ސޯޝަލް މީޑިއާގައި ފެށިގެން އައި ހަރަކާތްތަކުންނެވެ. ހާއްސަކޮށް، ވިއްސަކަށް ޒުވާނުން ވެގެން ހިންގަން ފެށި "ރާއްޖެތެރޭ މީހުންގެ ޕާޓީ"އަކީ ގިނަ ބަޔަކު މި މައްސަލައާ ދެކޮޅަށް ތެދުވުމުގެ ފެށުން ކަމަށް މުނާ ދެކެ އެވެ.

"ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރެވިފައި ހުރީމާ 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ވަރަށް އިންތިޒާރުކޮށްގެން ހުރީ. އެހެން ހުއްޓާ ރާއްޖެތެރޭ މޫވްމެންޓާއި ފަޅުވުމާ މިފަދަ ވާހަކަތައް ވެސް ދެކެވެން ފެށީ،" މިހާރު ހައި ކޯޓުގެ އެޑްމިނިސްޓްރޭޓަރެއްގެ ވަޒީފާ އަދާކުރާ މުނާ ބުންޏެވެ.

"ދެން ހިތަށް އެރީ މި ދައްކާ ވާހަކައިގެ ގުޅޭ ތަސްވީރެއް ބޯހިމެނުމުން ފެންނާނޭ. ބޯހިމަނައި ނަތީޖާ އިއުލާން ކުރުމުން އެ ބެލިއިރު މުޅި ރާއްޖެ ކަހަލަ ގޮތަކަށް އާދަޔާ ޚިލާފަށް މާލެ އަށް މިއޮތް ހިޖުރަ ކުރަނީ."

އެހާރާއި މިހާރު އަޅާކިޔާލުމުގެ ޝައުގުވެރިކަމުގައި މުނާ ހުޅުވާލީ ރާއްޖެއާ ބެހޭ ގޮތުން އެޗްސީޕީ ބެލް ލިޔެފައިވާ މޮނޮގްރާފެވެ. އަދި މީގެ 90 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ އާބާދީ އަތޮޅުތަކަށް ބެހިފައިވާ ގޮތް ބެލި އިރު އޭނާ އަށް އެނގުނީ އޭރު މާލޭގައި އުޅުނީ އާބާދީގެ އެންމެ ނުވަ ޕަސެންޓް މީހުން ކަމެވެ.

"އެއީ ހަޔާތުގެ ވަރަށް މުހިއްމު ސިކުންތުކޮޅެއް. އެހިސާބުން ނިންމީ އަޅުގަނޑު އެކަނި މިބަލައިގެން ހައިރާންވެ ކަންބޮޑުވެ އިނުމުގެ ބަދަލުގައި އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް މިކަން މިގޮތަށް ވާކަން ތަންކޮޅެއް ބޮޑަށް އެނގެން ޖެހެޔޭ،" އޭނާ ކިޔައިދިނެވެ.

އެއާއެކު މުނާ އޭނާގެ "ފޮތް ލިޔެ ވަރަށް އަވަހަށް ނިންމާލީ" އެވެ. އެކަމަކު ބައެއް މީހުންނަށް ފޮތް ދައްކާލީމާ އެ މީހުންގެ ލަފަޔަކަށްވީ އޭގައި ހިމަނާފައި ހުރި ތަފާސްހިސާބުގެ ދިރާސާއެއް ތަފްސީލްކޮށް ލިޔުމެވެ.

"އެއީ ވަރަށް އުނދަގޫ ކަމެއް. އަލުން ކިއެވުން ކަހަލަ ކަމެއް. އެހެން ނަމަވެސް ފެށީ ފޮތުގެ ދެވަނަ ބައި. ފަށައިގެން ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދީ ތާރީޚް ކީވަރަކަށް އެނގުނީ ފަގީރުކަމަކީ އިންސާނާ އުފައްދާ ކަމެކޭ! އަމިއްލަ ޒާތުގައި އުފެދޭ ކަމެއް ނޫނޭ!" ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ ބަސްފުޅަކަށް ނިސްބަތްކޮށް މުނާ ބުންޏެވެ.

ރަށްފުށުގެ ސާދާ ދިރިއުޅުން: ތަރައްގީގެ މަންފާ ލިބުމުގައި މާލެ އާއި އަތޮޅުތަކުގެ ފަރަގު އިންތިހާ އަށް ބޮޑު. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ނޮވެލްޓީ އިން ޗާޕުކޮށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން 240 ރުފިޔާ އަށް ވިއްކަމުން އަންނަ 341 ސޮފްހާގެ "ފަޅު އަލި ރަންމުތް"އަކީ މުނާގެ ދެވަނަ ފޮތެވެ. މީގެ 10 އަހަރު ކުރިން އޭނާ ލިޔުނު "ވިޔަފާރި: ފެށުން. ތަންފީޒުކުރުން. ކާމިޔާބު ވަޒަންކުރުން" ވެގެންދިޔައީ އެ ދާއިރާ އިން ރާއްޖޭގައި ދިވެހި ބަހުން ނެރުނު ފުރަތަމަ ފޮތަށެވެ.

"ފަޅު އަލި ރަންމުތް"ގައި "ރާއްޖޭގެ އެންމެހާ ރަށްރަށުގެ މައުލޫމާތާއި އާބާދީ އާއި އިގްތިސާދީ މަސައްކަތްތަކަށް އައި ބަދަލާއި އަތޮޅުތައް ފަޅުކޮށް ހިޖުރަކުރަން މަޖުބޫރުވުމުގެ އަގާއި އަދި ރާއްޖޭގެ ކުރިމަގުގެ މައްޗަށް އަލިއަޅުވާލާފައި"ވެ އެވެ. ފޮތުގެ ފުރަތަމަ ބައިގައި ގެނެސްދީފައި ވަނީ ރަށްރަށުގެ ބޮޑުމިނާއި އަތޮޅުތަކުގެ އާބާދީ އަތޮޅުގައި އުޅޭ ނޫޅޭ މިންވަރާއި ޒަމާންވީ އިގްތިސާދީ މަސައްކަތްތަކުގައި މީހުންގެ ބައިވެރިވުން އޮތް މިންވަރާއި ކަނޑާއި ވައިގެ ދަތުރުފަތުރު ކޮށްފައިވާ މިންވަރާ ބެހޭ މައުލޫމާތުތަކެވެ. ދެވަނަ ބައިގައި، ރާއްޖޭގެ ވިޔަފާރީގެ ތާރީޚާއި ޒަމާންވީ އިގްތިސާދީ މަސައްކަތްތައް ބަދަލުވި ގޮތާއި ރަށްރަށުގެ މީހުން އެކި ބޭނުންތަކަށް މާލެ އަށް ހިޖުރަކުރަން ޖެހުމުގެ ނަތީޖާ އަށް ބަލާލާފައިވެ އެވެ. ފޮތް ނިންމާލާފައި ވަނީ "ރައްޔިތުންނަށް އިގްތިސާދީ އިންސާފު ލިބޭ، ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް އެޅިދާނެ ފިޔަވަޅުތައް" ހުށަހަޅަމުންނެވެ.

ގްރީސްގައި ބޭއްވި އިންޓަނޭޝަނަލް ސްމޯލް އައިލެންޑްސް ސްޓަޑީޒް އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ ބައްދަލުވުމުގައި ފޮތާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު މުނާ އަށް ވަނީ ލިބިފަ އެވެ.

ރަށްފުށުގެ ހިތްގައިމުކަން: މިފަދަ މާހައުލުތައް ދޫކޮށް މާލެ އަށް ހިޖުރަކުރަނީ ޚިދުމަތްތަކާއި ފުރުސަތުތައް ހޯދަން. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު

ހުރިހާ ކަމެއް މާލެ އަށް ތޮއްޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަތޮޅުތަކުގައި ސަރަހައްދުތަކެއް ކަނޑައަޅައިގެން ރަށްރަށުގެ މީހުންނަށް ތަރައްގީ ގެެނެސްދޭން ގޮވާލާ އަޑުތައް ކުރިއާ ޚިލާފަށް މިހާރު އިވެ އެވެ. އެކަމަކު މުނާ ދެކޭ ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއަކީ ކޮބައިކަމާއި ތަރައްގީ ގެނައުމުގައި އާއްމުން ބައިވެރިކުރުމުގެ މުހިއްމުކަން މީހުންނަށް ރަނގަޅަށް ފަހުމްވާން ފަށާނީ ހޭލުންތެރިކުރަން އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.

"މިހާރު ވަރަށް ބޮޑަށް މި އޮތީ މަތިން ތިރި އަށް ކަންކަން ކުރާ ގޮތަށް. ހުރިހާ ނިންމުންތަކެއް ނިންމައި ތަންފީޒުކުރަނީ ސަރުކާރުން. އެކަން އޮންނަން ޖެހޭނީ އޭގެ އަނެއްކޮޅަށް،" މުނާ ބުންޏެވެ.

މުނާ ދެކޭ ގޮތުގައި ކުރިއާ އަޅާބަލާ އިރު "މާލެ-ރާއްޖެތެރެ" ބަހުސް މިހާރު ވަރަށް ހަރުދަނާ ހިސާބަކަށް އަތުވެއްޖެ އެވެ. އޭނާ ގަބޫލުކުރަނީ ތަރައްގީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވާހަކަދައްކަން މި އުފެދުނު ޖާގައިގައި ޒުވާނުންގެ އަޑު ވަރުގަދަވަމުން ގޮސް ނަތީޖާ ނުކުންނަން ފަށާނެ ކަމަށެވެ. ކަންކަން ބަދަލުވުމުގެ ކޮޅުމަތި އޭނާ އަށް މިހާރު ވެސް އެބަ ފެނެ އެވެ. ފަހަރެއްގައި، މުނާ ލިޔުނު ފަދަ ފޮތެއް ޝާއިއުވެގެން ދިޔުމަކީ ވެސް އޭގެ ނިޝާނެކެވެ.

"ކުރިން ރާއްޖެތެރޭ މީހެކޭ ބުނަން ބައެއް ފަހަރު އަޅުގަނޑުމެން ފަސްޖެހޭ ނޫންތޯ؟ ފަސްކުޅަނދު މަދުވުމާއި އަދި އަތުވެދާނެ ޒާތީ ފާޑުކިއުންތަކަކާ ހެދި. އެކަމަކު މިހާރު ކޮންމެ މީހަކު ވެސް ފަޚުރުވެރިކަމާ އެކު އެ ބުނަނީ ރާއްޖެތެރޭ މީހެކޭ. އަދި ފާޅުގައި ޝަކުވާ ވެސް ކުރަނީ ތަފާތު ކުރާތީ،" މުނާ ބުންޏެވެ.

"ޕޮލިސީތަކާއި ދައުލަތުގެ ހިންގުމަށް ވެސް މިކަމުގެ ސަބަބަން ކޮންމެވެސް އަސަރެއް ކޮށްފި ކަމަށް ގަބޫލުކުރަން. އެ އަސަރަކީ އިނގިރޭސިބަހުން ކިޔާ މެޓީރިއަލް އިފެކްޓަކަށް ނުވިޔަސް ދެއްވާ ސްޕީޗްތަކުގައި ތަފާތު ނުކުރާ ކަމަށް ޑިފެންޑް ކުރޭ ނޫންތޯ؟ މިއަޑު ދެނެއް މަޑެއް ނުވާނެ. ހައްތާ ވާނީ ގަދަ."