ޑޮކްޓަރުންތަކެއްގެ ޝަކުވާ: މިހާ ތަފާތު ކުރަނީ ކީއްވެ؟

ސިއްހީ ދާއިރާ އަށް އަންނަނީ ބޮޑެތި ބަދަލުތަކެކެވެ؛ މި ކުރިއެރުންތަކާ އެކު ވެސް އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ނުލިބުމުވެ. ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ދިވެހި، މޮޅު ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރުގައި ނުވަތަ ރާއްޖެ ދޫކޮށް އެހެން ގައުމުތަކުގައި މަސައްކަތް ކުރުމަކީ މި ދާއިރާ އަށް ކުރިމަތިވެފައި އޮތް ބޮޑު އެއް މައްސަލަ އެވެ.


ހާއްސަ އިސްކަމެއް ދީގެން، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑު ދިރާސާކޮށް، ހެޔޮ ބަދަލެއް 2014 ގައި ސަރުކާރުން ގެނެސްދިނީ ވެސް މި ސަބަބާ ހެދި އެވެ. އާ އޮނިގަނޑުގެ ދަށުން ޖުމްލަކޮށް، ހުރިހާ ޑޮކްޓަރުންގެ މުސާރަ ބޮޑުވި ކަމަށް ނިންމައިގެން ތިއްބަސް އެ އޮނިގަނޑުގެ ހަގީގީ ފައިދާ ނުލިބޭ ޑޮކްޓަރުންތަކެއް އެބަ ތިއްބެވެ. އެ ބޭފުޅުންގެ ޝަކުވާތައް ވެސް ގިނަ އެވެ.

ޝަކުވާ ކޮށްކޮށް "ބަލިވެއްޖެ"!

އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ މެޑިކަލް އޮފިސަރުންތަކެއް "މިހާރު" އަށް ކިޔައިދެއްވި ގޮތުގައި، އެތަނުގެ ދިވެހި ޑޮކްޓަރުންނާއި ބިދޭސީ ޑޮކްޓަރުންގެ މުސާރައިގެ ފަރަގު ވަރަށް ބޮޑެވެ. ބިދޭސީ ޑޮކްޓަރުންނަށް ހާއްސަކޮށްފައިވާ ގިނަ އެލަވަންސްތަކެއް، ދިވެހި މެޑިކަލް އޮފިސަރުންނަކަށް ނުލިބެ އެވެ. ލިވިން އެލަވަންސާއި ފުޑް އެލަވަންސާއި އައިލެންޑް އެލަވަންސްގެ އިތުރުން ފެރީ އެލަވަންސް ބިދޭސީ ޑޮކްޓަރުންނަށް ލިބޭއިރު އެއީ ދިވެހި ޑޮކްޓަރުންނަށް ލިބޭ އެއްޗެއް ނޫނެވެ.

މުސާރައިގެ ފަރަގު އިންތިހާ އަށް ބޮޑުވެގެން އުޅެނީ ވެސް މި ސަބަބާ ހެދި ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އައިޖީއެމްއެޗުގައި ބަލި މީހަކަށް ފަރުވާ ދެނީ: ސިއްހީ ދާއިރާ އަށް އަންނަ ކުރިއެރުންތަކާ އެކު ޑޮކްޓަރުންގެ ޝަކުވާތަކަށް ވެސް ހައްލު ހޯދައިދޭން ޖެހޭ.--. ފޮޓޯ:ނިޝާން އަލީ/މިހާރު

ޑޮކްޓަރުންގެ މި ޒަޚަމްތައް މީޑިއާއާ ހަމައަށް ތިލަވީ ހައްލު ހޯދަން ކުރި މަސައްކަތަށް ފަރުވާއެއް ނުލިބުމުންނެވެ. ތަފާތުކުރުންތައް ބަލައި ނުގަތަސް، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ އުދާސްތައް ބޭރުނުކޮށް ހިފަހައްޓައިގެން ތިބެވިއްޖެ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ. ދިވެހި ޑޮކްޓަރުން "ނިކަމެތިވާ" ގޮތަށް އުސޫލްތައް ނުވަތަ އޮނިގަނޑެއް އެކުލަވާލާފައި އޮތުމަކީ އެ ބޭފުޅުންނަށް ބަލައިގަންނަން އުނދަގޫ ކަމެކެވެ.

މެޑިކަލް އޮފިސަރުންގެ ޝަކުވާތަކަކީ، އިންސާފު ލިބެން ޖެހޭނެ މައްސަލައެއް ކަމުގެ ހެއްކެއްގެ ގޮތުން ދެއްކެވި މުސާރަ ސްލިޕްތަކަށް ބަލާއިރު، އެއް ފަންތިއެއްގައި އެއް މަސައްކަތެއް ކުރައްވާ ބިދޭސީ ޑޮކްޓަރުންނާއި ދިވެހި ޑޮކްޓަރުންގެ މުސާރައިގައި ވަރަށް ބޮޑު ފަރަގެއް ހުއްޓެވެ. އެ ސްލިޕްތަކުގައިވާ ގޮތުން، އެއް ފަންތިއެއްގެ ބިދޭސީ އަދި ދިވެހި ޑޮކްޓަރުންގެ ވެސް އަސާސީ މުސާރަ އެއްވަރެވެ. އެކަމަކު ކަނޑައަޅާފައިވާ އިނާޔަތްތަކުގެ ތަފާތުތަކާ އެކު ލިބޭ ޖުމްލަ އާމްދަނީގެ ފަރަގު ބޮޑުވަނީ އެވެ.

އެ ސްލިޕްތަކުން އެނގޭ ގޮތުގައި، އިތުރު ގަޑީގެ ފައިސާ، ގާތްގަނޑަކަށް އެއްވަރަކަށް ލިބިފައިވާ ދެ ޑޮކްޓަރުންގެ ތެރެއިން ބިދޭސީ ޑޮކްޓަރު ގެއަށް ގެންދަން ޖުމްލަ 40،991ރ. ލިބުނުއިރު ދިވެހި ޑޮކްޓަރަށް ލިބުނީ 27،600ރ. އެވެ. މިއީ، 13،300ރ. ގެ ތަފާތެކެވެ.

"މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އެއް ފަންތިއެއްގެ އެއް މަސައްކަތެއް ކުރަން ޖެހޭއިރު ދިވެހިންނަށް މިހާ ބޮޑަށް ތަފާތު މިކުރަނީ ކީއްވެހޭ؟ މި ސުވާލަށް އަޅުގަނޑުމެން ޖަވާބު ނުލިބިގެން މިއުޅެނީ،" އެއް ޑޮކްޓަރަކު ވިދާޅުވި އެވެ.

އައިޖީއެމްއެޗު: މުސާރައިގެ މައްސަލާގައި ދިވެހި ބައެއް ޑޮކްޓަރުންގެ ޝަކުވާތައް ގިނަ ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ބިދޭސީ ޑޮކްޓަރުންނަށް ކޮންމެ މަހަކު ލިވިން އެލަވަންސްގެ ގޮތުގައި 7،000ރ. އަދި ކެއުމަށް 1،800ރ. އޮނިގަނޑުގެ ދަށުން ލިބޭއިރު ދިވެހި ޑޮކްޓަރުންނަށް މި އެލަވަންސްތަކެއް ނުލިބެ އެވެ. ދިވެހި ޑޮކްޓަރުންގެ ތެރެއިން ވެސް ގިނަ ބޭފުޅުން ދިރިއުޅުއްވަނީ މާލޭގައި ކުއްޔަށެވެ. ބްރޭކަށް ލިބޭ ކުޑަ ވަގުތުކޮޅުގައި ކާން ގެއަށް ވަޑައިނުގެންނެވޭއިރު ވެސް އެ ބޭފުޅުންނަށް ފުޑް އެލަވަންސެއް ނުލިބެ އެވެ. މިއާ އެކު، ރިސްކު އެލަވަންސް ނުދިނުމަކީ ވެސް އެ ބޭފުޅުންގެ ނަޒަރުގައި އިންސާފެއް ނޫނެވެ.

"ޑޮކްޓަރަށް ދައްކަން އަންނަ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވޭ، ދިވެހި ޑޮކްޓަރަކު ފަރުވާ ދިނީމަ. ވަރަށް ގިނަ މީހުން ބުނާނެ، ބޭނުންވަނީ ދިވެހި ޑޮކްޓަރަކަށޭ ދައްކަން. އެގޮތަށް އެދުނީމަ ވެސް ބިދޭސީ ޑޮކްޓަރު ކުރަން ޖެހޭ މަސައްކަތާ ހަވާލުވެގެން ދިވެހި ޑޮކްޓަރުން ދާނީ، އެ ޕޭޝަންޓެއްގެ ކައިރިއަށް. ދެން މިވާ ގޮތަކީ އެ މީހުން ކުރާ މަސައްކަތް ދިވެހި ޑޮކްޓަރު ކުރީމަ ވެސް ބިދޭސީ ޑޮކްޓަރަށް މުސާރަ ގިނައިން މި ލިބެނީ،" އެއް ޑޮކްޓަރަކު ވިދާޅުވި އެވެ.

އާ އޮނިގަނޑާ އެކު 6،000ރ. މަދުވޭ

"މިހާރު"އާ ވާހަކަ ދެއްކެވި ޑޮކްޓަރުން ވިދާޅުވި ގޮތުގައި އާ އޮނިގަނޑުގެ ދަށުން މުސާރަތައް ބޮޑުކޮށްފައިވީ ނަމަވެސް އެ ކުރިއެރުން އެ ބޭފުޅުންގެ މުސާރައަކުން ނުފެނެ އެވެ. އެކަން އެގޮތަށް ދިމާވަނީ ކީއްވެތޯ އައިޖީއެމްއެޗުގެ މެނޭޖްމެންޓާ ސުވާލުކުރާ ކޮންމެ ފަހަރަކު ދައްކަނީ އެތަނުގައި އޮންނަ އިންޓާނަލް އޮނިގަނޑެއްގެ ވާހަކަ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވި އެވެ.

އެކަމަކު، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، އެ އޮނިގަނޑެއް ދުވަހަކު ވެސް ޑޮކްޓަރުންނަކަށް ނުފެނެ އެވެ.

"މުސާރަ ބޮޑުކުރިއަސް އަޅުގަނޑުމެންގެ އަތަށް އަރާ އެއްޗެއް ގިނައެއް ނުވޭ. ދުވަހެއް ދުވަހަކަށް މަދު ވަނީ. އާ އޮނިގަނޑާ އެކު މުސާރަ ބޮޑުކުރިއިރު ލިބޭ ވަރަށް ވުރެން މިހާރު އަޅުގަނޑުމެންގެ ކޮންމެ ޑޮކްޓަރަކަށް ލިބެނީ ކުރިން ލިބެމުން އައި ވަރަށް ވުރެ ގާތްގަނޑަކަށް 6،000ރ. މަދުން،" ޑޮކްޓަރަކު ވިދާޅުވި އެވެ.

"މިވީ ގޮތެއް އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކަށް ނޭނގުނު. ކުއްލިއަކަށް ހަމަ ލިބޭ އެތިކޮޅު ދަށްވަމުން ގޮސް ދަށްވީ. އެކަމަކު މަސައްކަތަށް އެއްވެސް ބަދަލެއް ނާދޭ."

ޑޮކްޓަރުންގެ މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް ނުލިބުނެވެ.

ސަރަހައްދީ ފެންވަރުގައި ކުރީ ސަފުން ޖާގަ ހޯދާ މިންވަރަށް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާތީ، އެ ޑޮކްޓަރުން ވެސް ތިއްބެވީ އުފަލުންނެވެ. މި ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރައްވާނެ އެއް ބަޔަކީ ދިވެހި ޑޮކްޓަރުންނެވެ. ސިއްހީ ދާއިރާއާ ދިވެހި ޑޮކްޓަރުން ގުޅެން ސަރުކާރުން ދައުވަތު ދެމުން އަންނައިރު، އެ ބޭފުޅުންނަށް މިހާރު ކުރިމަތިވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް ޑޮކްޓަރުން ދެކެވަޑައިގަންނަވަ އެވެ.