ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟

ރާއްޖެ އިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަ އެވެ. އޭގެ ގިނަ ބަލިތަކުގެ މައިގަނޑު އެއް ސަބަބަކަށް ދުންފަތް ވެ އެވެ. ސިނގިރޭޓު ބުއިމާއި އޭގެ ދުމުން ކުރާ ނޭދެވޭ އަސަރެވެ. ކެންސަރާއި ހިތުގެ ބަލިތަކާއި ނޭވާލާނިޒާމަށް ކުރިމަތިވާ މައްސަލަތަކެވެ. ފަރުވާއަށް އާސަންދައިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހިފައިވާއިރު ގައުމު ބިނާކުރަން ތިބި ޒުވާނުން ވަނީ އެވަބާގެ ތެރޭގައި ބަނދެވިފަ އެވެ.


ގައުމުގެ އުފުއްދުންތެރިކަން ދަށަށް ގޮސް އަދި އަންނަން އޮތް ޖީލްތަކަށް އޭގެ ނޭދެވޭ އެތައް އަސަރެއް ކުރުމުގެ މައިގަނޑު ސަބަކަށް ދުންފަތް ވާނެ އެވެ. އެވަބާ ހުއްޓުވުމަށް ކޮންމެހެން ފިޔަވަޅުތަކެއް މިވަނީ އަޅަން ޖެހިފަ އެވެ. ނަމަވެސް ހިތާމައަކީ ވިޔަފާރިވެރިންގެ ނުފޫޒު ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ވަނުމެވެ.

ގަވައިދުތައް ރައީސް އޮފީހުން "ހިފަހައްޓާފައި"

ދުންފަތުގެ ގާނޫނު އޮގަސްޓް 2010 ގައި ތަންފީޒު ކުރަން ފެށިިއިރު އޭގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެއް އަހަރު ތެރޭގައި ހަދައި ނިންމަން ޖެހޭ ކަމަށް ގާނޫގައި ބުނެފައިވެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ 2012 ގައި އާންމު ގަވައިދު ހަދައި ގެޒެޓް ކުރުމަށް ރައީސް އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ގެޒެޓްކޮށްފައެއްނުވެ އެވެ. މިހާތަނަށް ތަންފީޒުކުރަން ފެށީ ބައެއް ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރި ގަވައިދު އެކަންޏެވެ. ނަމަވެސް އެ ގަވާއިދު ވެސް ރަނގަޅަކަށް ތަންފީޒެއް ނުކުރެވެ އެވެ.

ރައީސް އޮފީސް: ދުންފަތުގެ ގަވާއިދު އަދިވެސް ތަންފީޒެއް ނުކުރެވޭ -- މިހާރު ފައިލް ފޮޓޯ

ސިނގިރޭޓް ވިއްކޭނެ ގޮތާއި އެހެން ވެސް ބައެއް ހައްދުތައް ހިމެނޭ ގޮތަށް ހަދާފައިވާ ގަވާއިދު އަދިވެސް ގެޒެޓެއް ނުކުރެވެ އެވެ. ދުންފަތާ ދެކޮޅު ކެމްޕޭންތައް ހިންގާ ފަރާތްތަކުން ދެކޭ ގޮތުގައި އޭގެ ސަބަބަކީ ވެސް ވިޔަފާރިވެރިންގެ ނުފޫޒެވެ. މިއީ ދުންފަތުގެ ބޮޑެތި ކުންފުނިތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ފަތުރާފައި އޮންނަ ކަހަލަ ނުފޫޒުގެ ދަލެއް ކަމަށް، އެއް ބަޔަކު ދެކެ އެވެ. އެކަމަކު ސަރުކާރުގެ ވިސްނުން ތަފާތެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ އެގަވައިދު ގެޒެޓް ނުކުރެވި ވަނީ ވަކި ހާއްސަ ސަބަބެއް ދިމާވެގެން ނޫން ކަމަށެވެ. އަދި "އާންމު އުސޫލުގެ މަތިން އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް،" އިތުރު އެއްވެސް ތަފްސީލެއް ނުދެއްވައި، އޭނާ ވިދާޅުވި އެވެ.

އަހަރެއްގެ މައްޗަށް ރާއްޖެއަށް 462 މިލިއަން ސިނގިރޭޓް އެތެރެކުރެ އެވެ. އެކަމަކު ދުންފަތުގެ ބާވަތްތައް ވިއްކައިގެން ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ ފަދަ ތަންތަނަށް މާ ބޮޑު ނަފައެއް ނުލިބޭ ކަމަށްވެ އެވެ.

"ހަގީގަތުގައި މީގައި ފައިދާ އޮތީ ދުންފަތް އެތެރެކުރާ ދެތިން ކުންފުންޏަށް. ކަންމަތީ ފިހާރަތަކުން ސިނގިރޭޓް ވިއްކައިގެން މާ ބޮޑު ފައިދާއެއް ނުވޭ. އަނެއްކޮޅުން ޖީލެއް ނެތި ގައުމަށް ލިބެނީ ގެއްލުން،" ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ދުންފަތް ކޮންޓުރޯލް ކުރުން ހުއްޓުވަން ދުންފަތުގެ އިންޑަސްޓްރީން އަންނަނީ ސިޔާސީ އެކިއެކި ފަރާތްތަކަށް ހަރަދުކޮށް، ކެމްޕެއިންތަކަށް ފައިސާ ދެމުންނެވެ. ރާއްޖޭގައި ވެސް އެކަން ނުހިނގާ ކަމެއް ސީދާ ބުނާކަށް ނޭނގެ އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރު ވިދާޅުވީ ދުންފަތް ވިއްކާ ފަރާތްތަކުން އެކަން ހުއްޓުވަން މަސައްކަތް ކުރާ ފަރާތްތަކަށް ފާޅުގައި ގޮންޖަހާ ކަމަށެވެ. އަދި އެމީހުން ކުރާ ކަންކަމުގެ ނަތީޖާ ނެރުނަ ނުދޭނެ ކަމަށް ބުނެ، ބައެއް ވިޔަފާރިވެރިން އިންޒާރު ވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ ފިޔަވާ މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ދުންފަތް ކޮންޓުރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. މުޅި ދުނިޔެއަށް ބަލާއިރު ވެސް ދުންފަތް ކޮންޓުރޯލް ކުރުމުގެ ފިޔަވަޅުތައް ރަނގަޅަށް ނޭޅެނީ ތަރައްގީނުވާ އަދި ހަނގުރާމަތަކުގެ ސަބަބުން ހަމަނުޖެހުންތައް ބޮޑު އެފްރިކާގެ ގައުމުތަކުގަ އެވެ.

އެޅުނީ މަދު ފިޔަވަޅެއް އެކަމަކު ނަތީޖާ އެބަ ފެނޭ

ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވަން ކުރެވޭ މަދު މަސައްކަތްތަކުން ކޮންމެވެސް ވަރެއްގެ ނަތީޖާއެއް މިހާރު ވެސް އެބަ ނެރެވެ އެވެ. ދުންފަތުގެ ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ. އަދި 2015 ގައި ދަމަނަވެށިން ފަރުވާ ހޯދި ތިން މީހަކު ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލައިފަ އެވެ. މިދިޔަ އަހަަރު ހަތް މީހުން އަދި މި އަހަރުގެ މިހާތަނަށް 31 މީހަކު ވެސް ވަނީ ދުންފަތާ ދުރަށް ގޮސްފަ އެވެ.

ގެޒެޓްކުރަން ފޮނުވާފައިވާ ގަވައިދުގައި ރަނގަޅު ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުން ދުމުން ރައްކާތެރިކުރުމުގެ ފިޔަވަޅު އެޅުމާއި ވަކިން ސިނގިރޭޓް ނުވިއްކުން ފަދަ ބައެއް ކަންކަން ހިމެނެ އެވެ.

އެ ގަވައިދު ހަދާފައިވަނީ ދުންފަތް ކޮންޓުރޯލް ކުރުމުގެ ބޯޑުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ އެއްބަސްވުމާއި އެޓާނީ ޖެނެރަލްގެ ހުއްދައިގެ އިތުރުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވެސް ތާއީދާ އެކުގަ އެވެ. ނަމަވެސް ރައީސް އޮފީހަށް ފޮނުވި ހިސާބުން އަދި ހަބަރެއް ނުވެ އެވެ.

"ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުން ވެސް ގަވައިދު ރަނގަޅުކަމަށް އަންގާފަ އޮތީ. އެކަމަކު ރައީސް އޮފީހާ ހިސާބުން ހުއްޓޭ ސަބަބެއް ނޭނގެ،" ދުންފަތާ ދެކޮޅު ހަރަކާތްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މިހާރު ސިނގިރޭޓް ފޮށިގައި ޖަހާ އިންޒާރަކީ 2004 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ލިޔުންކޮޅެކެވެ. ބައިނަލްއަގުވާމީ މިންގަނޑަށް ބަލާއިރު އެންމެ ލަސްވެގެން ކޮންމެ ދެ އަހަރުން އެއަށް ބަދަލު ގެންނަން ޖެހެ އެވެ. ހަމައެކަނި ލިޔުންކޮޅެއް އިނުމުގެ ސަބަބުން އެއިން ދޭން ބޭނުންވާ މެސެޖް ނުދެވޭ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ލިޔުން ކޮޅު އިނުމުން އޭތި މާ ބޮޑަކަށް އަޅައެއް ނުގަނޭ. އެހެންވީމަ ދޭން ޖެހޭ މެސެޖެއް ނުދެވޭ. އެހެން ނަމަވެސް ލިބޭ ގެއްލުންތައް ފެންނާނެ ފޮޓޯ ސިނގިރޭޓް ފޮށީގެ ބޭރުގައި ޖެހުމުން މެސެޖް ވަރަށް ސާފްކޮށް ދެވޭ،" އެޗްޕީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

"އެއީ އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާފާނެ ފަރާތްތައް އެކަމުން ދުރުކޮށްދޭނެ ސަބަބެއް."

ދެން އޮތީ ވަކި ސިނގިރޭޓްގެ ވާހަކަ އެވެ. ދުންފަތަށް ދެވިހިފާފައިވާ މީހަކަށް ސިނގިރޭޓަކުން އެއް ރުފިޔާ ނުވަތަ ދެ ރުފިޔާ އަގު ބޮޑުވުމަކުން މާ ބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ސިނގިރޭޓް ފޮށި ގަންނަން ޖެހުމުން ކުރަން ޖެހޭ ހޭދައިގެ ސަބަބުން އުނދަގޫވެ، ދުންފަތާ ދުރަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ އެވެ. ހާއްސަކޮށް އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ ޒުވާނުންނަށް ފޮށި ގަނެގެން އެކަން ކުރަން އުނދަގޫވާނެ އެވެ.

"މިހާރު ގެޒެޓްކުރުމަށް ހުށަހެޅި ގަވައިދު ތަންފީޒްކުރަން ފަށައިފި ނަމަ ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލާ މީހުންގެ ނިސްބަތް އެތައް ގުނައެއް ބޮޑުވާނެ،" ހަސަން ވިދާޅުވި އެވެ.

ދުންފަތަކީ އެތައް ބަޔަކު ބަލިއެނދަށް ދާން ޖެހޭ މައިގަނޑު އެއް ސަބަބެވެ. އެކަމަކު އެ ވަބާއިން ރައްޔިތުން ސަލާމަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް އަދިވެސް ނޭޅެ އެވެ. އެހެންކަމުން މިކަމުގައި ރައީސް އޮފީހުގެ އިހުލާސްތެރިކަން ފެންނަން އެބަ ޖެހެ އެވެ. ވަކި ބައެއްގެ ނުފޫޒުގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުން ހުރި ކަމެއް ކޮށްގެން ނުވާނެ އެވެ.