"ވިޝްކާ"ގެ މަންޒަރެއްގައި ރިޝްމީ ވިޝްކާގެ ގޮތުގައި: މި ފިލްމުން އޭނާ ވަނީ ސާކްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ހޯދައިދީފައި.
އޭރު މީހުން ދުށީ އޭލެވެލް ފެންވަރަށް ކިޔަވައިގެން ފިލްމު ކުޅެން ނުކުތުމަކީ "ދިރިއުޅުން ބޭކާރުކޮށްލުން" ކަމަށެވެ. ހަގީގަތުގައި، އައިޝަތު ރިޝްމީ ބޭނުންވީ ވެސް ޓީޗަރަކަށް ވާށެވެ. މަންމަ އާމިނަތު ރަޝީދާގެ ފިޔަވަޅުމަތިން އެކްޓިންގެ ތެރެއަށް އޭނާ ވަނީ ކެރިއަރެއްގެ ހުވަފެނަކު ނޫނެވެ؛ ރިޝްމީ ބޭނުންވީ އެންމެ ލަވައެއް ކުޅެލާށެވެ.
އެކަމަކު، މަންމަ އާއި ދޮންބޮއްޕަ އަހުމަދު ޝިޔާމް އަދި ކޮއްކޮ މަރިޔަމް އައްޒަ ހިމެނޭ ޔާރާ އާއިލާގެ ބިންގަލުން ލިބުނު ފުރުސަތުތަކާއި ފިލްމު އުފެއްދުމުގެ ފަންނަށް ކުޑައިރު އުފެދިފައި އޮތް ޝައުގުވެރިކަމުގެ ސަބަބުން ރިޝްމީގެ ވިސްނުން އެ ދިމާއަށް ދީލައިލުމުގެ ނަތީޖާއަކީ 13 އަހަރުވީ ކެރިއަރެކެވެ؛ ނެށުމާ އެކު ލަވަކުޅުމުގެ ތެރެއިން ތައާރަފްވެ، ޓީވީ ޑްރާމާތަކާއި ދިވެހި ސިނަމާގެ އެންމެ އާއްމު ބާވަތުގެ ރޯލުތަކުން ފެނުނު ބަތަލާއެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. ވަރުގަދަ އަންހެން ލީޑްތަކަކަށް ބިނާކޮށްފައިވާ ފިލްމުތަކަކުން ތަފާތު ދައްކައިދީ، ބައިނަލްއަގުވާމީ އެވޯޑެއް އުފުލައިލި ފުރަތަމަ ދިވެހި އެކްޓްރެސް އަށް ވުމުގެ ޝަރަފެވެ.
ސަތާރަ ފީޗާ ފިލްމު ވާދަކުރި ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓްރެސްގެ މަގާމް ރިޝްމީ ހޯދި "ވިޝްކާ"އަކީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ޚާއްސަ ފިލްމެކެވެ. އެއް ނޫސްވެރިޔަކު ސިފަކުރި ގޮތުން ނަމަ، އެ ފެސްޓިވަލުގައި ރިޝްމީ ވާދަކުރި ތިންވަނަ ފަހަރު މި ލިބުނު ކާމިޔާބީއަކީ، ފިލްމުގައި އޭނާގެ ކެރެކްޓާ ހާސިލްކުރި ފަދަ ބަދަލުހިފުމެކެވެ؛ އަމިއްލަ އަށް ޕްރޮޑިއުސްކުރި "ވިޝްކާ"ގެ މިލްކުވެރިކަން އަތުލަން އޭނާ ގޮވައިގެން ކޯޓަށް ދިޔުމާއި އެ ފިލްމުގެ ސްކްރީންޕްލޭގެ ކްރެޑިޓާ މެދު ޚިޔާލުތަފާތުވުން އުފެދި ކުރިމަތިވި ގޮންޖެހުމާއި ހުރަސްތަކާއި ބޯހާސްކަމަށް ރިޝްމީ ދިން ވަރުގަދަ ރައްދެކެވެ. އެކަމަކު "ވިޝްކާ" އިން ރިޝްމީ ދިން "ރައްދު" ފަހަރުގައި އަދި އެއަށް ވުރެ ބޮޑެވެ.
ރިޝްމީ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑާ އެކު.
މެލޮޑްރާމާތަކާއި ބިރުވެރި ފިލްމުތައް ރަސްކަންކުރަމުން އައި ދިވެހި ސިނަމާގައި އަންހެނުން ތަމްސީލްވަމުން ދިޔަ ގޮތް ކަމުނުދާ ގިނަ ބަޔަކު ފިލްމު އިންޑަސްޓްރީގައި ތިބި ނަމަ، އެފަދަ އެކަކީ ރިޝްމީ އެވެ. ރުއިމާއި ބަލިކަށިކަމުގައި އަވަދިވެ ހަފުސްވަމުންދިޔަ ކެރެކްޓާތައް ދޫކޮށްލައި މަސައްކަތުން ހުނަރާއި ގާބިލްކަން ދައްކައިދެވޭ ފަދަ ވަރުގަދަ، ތަފާތު ރޯލުތަކެއްގެ އިންތިޒާރުގައި އަންހެން ތަރިންތަކެއް ތިބި ނަމަ، އެފަދަ އެކަކީ ރިޝްމީ އެވެ. އަދި ޗެލެންޖިން ކެރެކްޓާތަކަށް ކަމުދާނެ އެހެން އަންހެނަކު ނުވަތަ އިތުރު އަންހެނުންތަކެއް ނެތް ކަމަށް ފިލްމު އިންޑަސްޓްރީގައި ގަބޫލުކުރެވިފައި އޮތް ވިސްނުން ބަލައިނުގަތް އެކަކު ވެސް ހުރި ނަމަ، އެ މީހަކީ ވެސް ރިޝްމީ އެވެ. މާޔޫސްކަމުގައި ހިތްވަރުއެލި، ވަގުތީ ގޮތުން ނަމަ ވެސް، ފިލްމީ ދާއިރާއާ ދުރަށް ދާން ރިޝްމީ ގަސްދުކުރި އެވެ. އެކަމަކު އެ ފިކުރުތަކުން އޭނާ ސަލާމަތްކޮށް އަނބުރާ އޯޑިއެންސާ ގާތަށް ގެނެސްދިނީ "މިކޮއެ ބައްޕަ ބައެބައޭ"ގައި ތަފާތު، ވަރުގަދަ ކެރެކްޓާއެއް ދައްކައިދޭން ލިބުނު ފުރުސަތެވެ.
"އެހާތަނަށް އިހުސާސްކުރެވުނީ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ފުރުސަތުތައް ވަރަށް މަދޭ. އެ ދުވަސްވަރު ސިޔާސީ ކަންތައްތައް ބޮޑުވެގެން ފިލްމީ މަސައްކަތްތައް ވަރަށް މަދު ވެސް މެ. ޔާރާ ޕްރޮޑަކްޝަންސް ވެސް ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތީ. އަނެއްކާ، ޔާރާގެ މަސައްކަތްތައް ރިޝްމީމެން ކުރިއަށް ގެންދަނީ ވަކި ތަރުތީބަކުން ވީމަ، އެއީ ބޮޑަށް އައްޒަ އަށް ފޯކަސްކުރަން ނިންމައިގެން ތިބި ދުވަސްކޮޅެއް ވީމަ، ޔާރާގެ ޕްރޮޖެކްޓެއްގެ ތެރެއިން އެކަހަލަ ކެރެކްޓާއެއް ކުޅުމުގެ ވިސްނުމެއް އެ ވަގުތަކު ނެތް،" ރިޝްމީ ބުންޏެވެ.
ފުރަތަމަ ފޮޅުވަތާ ހިސާބުން ފެށިގެން ވެސް، އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް "ވިޝްކާ"ގެ އަމާޒު ރިޝްމީ ދީލައިލީ "މިކޮއެ ބައްޕަ ބައެބައެ" ކުޅެ ނިންމާލި އިރު ލިބުނު ހިތްހަމަޖެހުމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެ އެވެ. ފިލްމުގެ އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގުގެ އަތް މައްޗަށް އޭނާ "ވިޝްކާ" ދޫކޮށްލީ ވެސް ސާކްގެ އެވޯޑެއްގެ ޝަރުތާ އެކުގަ އެވެ. ސާކް ފިލްމު ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދައި އަދި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެންމެ މޮޅު އެކްޓަރުގެ އެވޯޑް އުފުލާލި ފިލްމު "އިނގިލި"ގެ ޑައިރެކްޓަރަށް އަނެއްކާވެސް އެފަދަ ކާމިޔާބީއެއް ތަކުރާރުކުރެވިދާނެ ކަމުގެ އިތުބާރާ އެކުގަ އެވެ.
"ވިޝްކާ"ގެ ޕްރިމިއާ ހަފްލާގައި ރިޝްމީ އާއި ރަވީ ގްރޫޕް ފޮޓޯއެއްގައި.
ރާއްޖޭގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑެއް ނުލިބި ސާކްގެ އެވޯޑް އުފުލައިލި ރިޝްމީގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަށް "ވިޝްކާ" ވެގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެ އަމާޒެވެ. އޭނާގެ އަޒުމެވެ. އޭނާ އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމުގެ އިޚްތިޔާރު، ޕްރޮޑިއުސަރުގެ ހައިސިއްޔަތުން، އޮތުމެވެ. އެންމެ ފުރިހަމަ އަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރުމުގެ ވިސްނުމެވެ. ދެން، ވިޝްކާ އަކަށް ބަދަލުވާން އޭނާ ކުރި މަސައްކަތެވެ. އެއީ ފަހަރުގައި، ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ އެކްޓަރުން ނުލާ ފަދަ ހިތްވަރެކެވެ. ނުބަހައްޓާ ފަދަ ފަރުވާތެރިކަމެކެވެ. ނުގެންގުޅޭ ފަދަ އަޒުމެކެވެ.
"ވާހަކަ ލިޔުންތެރިޔާ، ސްކްރީންރައިޓަރު، ޑައިރެކްޓަރު، މި އެންމެން ގާތު ވަކިވަކިން އެހީ، އެ މީހުންގެ ނަޒަރުގައި، ވިޝްކާގެ ޕާސަނަލިޓީއަކީ ކޮބައިތޯ، ވިޝްކާ އުޅޭނީ ކިހިނެއްތޯ؟ މުހިއްމު ސީންތަކާ ބެހޭގޮތުން ވަކިވަކިން ސުވާލުކުރިން، މިސާލަކަށް މި ތަންކޮޅުގައި ވިޝްކާ އުޅޭނެ ގޮތް އެ މީހުންނަށް ސިފަވަނީ ކިހިނެއްތޯ، ވިޝްކާ ރިއެކްޓްކުރާނީ ކޮން ގޮތަކަށްތޯ، ވިޝްކާގެ އަޑުގެ ޓޯން ހުންނާނީ ކިހާ ވަރަކަށްތޯ. ވަރަށް ތަފްސީލްކޮށް އެ ހުރިހާ އެއްޗެއް އޮޅުންފިލުވައިގެން އެ އެއްޗެހި ނޯޓުކޮށްގެން، އެ ހުރިހާ އެއްޗެއް ވިޝްކާގެ ކެރެކްޓާ އަށް ފިޓްކުރީ،" މިދިޔަ އަހަރު ނުކުތް "ވިޝްކާ"އަށް ތައްޔާރުވި ގޮތް ރިޝްމީ ކިޔައިދިނެވެ.
އެއީ އޭނާ ވެސް ރޯލަކަށް ކުރި އެންމެ ބުރަ މަސައްކަތެވެ. އޭގެ ނަތީޖާއަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، "މިކޮއެ ބައްޕަ ބައެބައެ" އަށް ވުރެ ވެސް ފުރިހަމަ ޕާފޯމެންސެކެވެ. ވިޔަފާރި ދަށަސް ފިމްލުގެ ފެންވަރަށް ތައުރީފް ލިބިފައިވާ "ވިޝްކާ" އިން އޭނާ އަށް ސާކްގެ އެވޯޑް ލިބުމަކީ އޭގެ އެންމެ ބޮޑު ހެއްކެވެ.
ފަހަރުގައި، ރިޝްމީ، 32، ގެ ފަރާތުން މި ފެންވަރުގެ އެކްޓިންއެއް ފެންނަން ނެގި 12 އަހަރަކީ ދިގު މުއްދަތެކެވެ. އެކަމަކު އޭގެ ސަބަބަކީ، އޭނާގެ ފެންވަރަށް ވުރެ ބޮޑަށް، ޗެލެންޖިން ފުރުސަތެއް ލިބުން ލަސްވުމާއި ފިލްމީ ދާއިރާގެ ޖުމްލަ ހާލަތޭ ވެސް ބުނެވިދާނެ އެވެ. އެއްގޮތަކުން ބަލާ އިރު، "ވިޝްކާ"ގެ ކާމިޔާބީއަކީ، އެކްޓަރުންނަށް އަލަށް ޗެލެންޖިން ރޯލުތައް ދޭން ފަސްޖެހިފައި އޮތް ފިލްމީ ދާއިރާ އަށް ރިޝްމީ ދިން ރައްދެކެވެ. ނުވަތަ ހާމަކޮށްދިން ހަގީގަތެކެވެ.
އެކަމަކު ރިޝްމީ ފަޚުރުވެރިވަނީ ހަމައެކަނި "ވިޝްކާ"އާ މެދަކު ނޫނެވެ. އޭނާ ބުނަނީ މިހާތަނަށް ކުރި ހުރިހާ މަސައްކަތަކާ މެދު ވެސް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފޭނުންތަކެއް ތިބިކަން އެއީ، އޭނާ ދެކޭގޮތުގައި، އެވޯޑަށް ވުރެ ވަކި ކުޑަ ކާމިޔާބީއެއް ނޫނެވެ.
"ހުރިހާ އަތޮޅަކަށް މިހާރު ދެވިއްޖެ. ރިޝްމީ ނޭނގޭ މީހަކު ނެތް ރާއްޖެއަކު. އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް،" ރިޝްމީ ބުންޏެވެ.
"މުޅިން ވެސް ކުރެވިފައި ހުރީ ޕްރައުޑްވާ މަސައްކަތްތަކެއް. ކިތަންމެ ކުޑަ ރޯލެއް ވިޔަސް، ބޮޑު ރޯލެއް ވިޔަސް، އަބަދުވެސް ބޭނުންވަނީ ފިލްމު ބަލާފައި މީހުން ގެ އަށް ދާއިރު ރިޝްމީ މަތިން ހަނދާން ހުންނަން. އެކަން ހާސިލްކުރެވުނު، ކުޅުނު ހުރިހާ ފިލްމަކުން ވެސް."
ފަހަރުގައި ފިލްމީ ދާއިރާ އިން އެހެން އެކަކަށް ވެސް ލިބިފައި ނެތް ފަހިކަމެއް ރިޝްމީ އަށް ލިބިފައި އޮތީ އެވެ. މީހަކަށް މަސައްކަތްކޮށްދޭން ނުޖެހި، އާއިލީ ވިޔަފާރީގެ ތެރެއިން މި ދާއިރާ އަށް ނުކުންނަން ލިބުމާއި މަންމަ އެކްޓަރަކަށް ވުމުގެ އިތުރުން އުމުރުން އެންމެ 18 އަހަރުގައި ފިލްމެއް ޑައިރެކްޓްކުރަން ފުރުސަތު ދީ ރާއްޖޭގެ އެންމެ ހަގު އަންހެން ޑައިރެކްޓަރަށް އޭނާ ހަދައިދިން ދޮންބައްޕަ ކުރި އިތުބާރަކީ އެހެން މީހަކަށް ލިބިފައި ނެތް ފަދަ ނަސީބުތަކެކޭ ބުނެވިދާނެ އެވެ.
އަންހެން ތަރިންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމުގެ ސަގާފަތެއް ކުރިން އޮތް ކަމަށް ބުނެވޭ ފިލްމީ ދާއިރާގައި، ރިޝްމީ އަށް އެފަދަ ގޯނާއެއް ނުވަތަ ފުރައްސާރައަކާ ކުރިމަތިލާން ނުޖެހުނީ ވެސް "މަންމަގެ ދަރިއެއް ވީމަ" ކަމަށް ވެދާނެ ކަމަށް އޭނާ އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު "ހަމަ ފިލްމު ބަލައިގެން" ހުރިހާ ކަމެއް އަމިއްލަ އަށް ދަސްކުރި ރިޝްމީ ބުނަނީ ކާމިޔާބީއަކީ "މަސައްކަތަށް ވަފާތެރި" ކޮންމެ މީހެއްގެ ވެސް އެއްޗެއް ކަމަށެވެ.
"ވަކި މި ދާއިރާއެއް ނޫން. ކޮންމެ ދާއިރާއެއް ވިޔަސް، ސްމާޓް ނޫން ކުއްޖެއް ނޫން ވެއްޖެއްޔާ އެހެން ގޮތަކަށް އެޕްރޯޗްކުރުން، އެޑްވާންޓޭޖް ނެގުން އެއީ އޮތް ކަމެއް. އެކަމަކު މިހާރު ފިލްމީ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރު މި ދާއިރާގައި ތިބީ މުޅިން ވެސް ޕްރޮފެޝަނަލް މީހުން. އެ ބުނާ ކަހަލަ ގޮތްގޮތަށް ނޫޅުނަކަސް މި ދާއިރާގައި ޕެޝަން އަށް ލޯޔަލް ވެގެން މަސައްކަތްކޮށްފިއްޔާ ކާމިޔާބީ ލިބޭނެ،" ރިޝްމީ ބުންޏެވެ.
"ވިޝްކާ"ގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީން ޝޮޓެއްގައި ރިޝްމީ ވިޝްކާގެ ގޮތުގައި
ރިޝްމީގެ ކެރިއަރުގައި ޔާރާގެ ދައުރު ކިތަންމެ ބޮޑަސް "ވިޝްކާ"އަކީ އޭނާގެ އަމިއްލަ، ވަކި އުފެއްދުމެކެވެ. ފަހަރުގައި އޭގެ ކާމިޔާބީއަކީ ވެސް އެ އަމިއްލަވަންތަކަމެވެ. ވިޝްކާ ފަދައިން، އަމިއްލަ އިޚްތިޔާރާއި ބާރުވެރިކަމުގައި އަމިއްލަ ފައިމައްޗަށް ތެދުވެ ހުންނަ އަންހެނަކަށް އޭނާ ވުމެވެ. ރިޝްމީ ބުނާގޮތުގައި އޭނާ "އަބަދުވެސް އުޅެން ބޭނުންވަނީ އިންޑިޕެންޑެންޓް"ކޮށެވެ. އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ)އާ ކުރި ކައިވެނި ހަ އަހަރު ފަހުން ރޫޅުނު އިރު އަނބުރާ މަންމަ ގާތަށް ދިޔުމުގެ ބަދަލުގައި، އަހަރަކަށް ވުރެ ގިނަ ދުވަހު މާކެޓިން މެނޭޖަރެއްގެ ވަޒީފާ އަށް ގޮސްގެން ދަރިފުޅާ އެކު ވަކި ދިރިއުޅުމެއް ފެށި ސަބަބަކީ އެއީ އެވެ. ރިޝްމީ ދެކޭގޮތުގައި މީހަކާ އިންނަ ހިސާބުން މައިންބަފައިންގެ ޒިންމާ ނިމުނީ އެވެ. އެކަމަކު މަސައްކަތުގައި އުޅެން ޖެހޭ ވަގުތު ދަރިފުޅު ބަލައިދޭ މަންމަގެ އެހީތެރިކަމާ ނުލައި އޭނާ އަށް މިހާ ހިސާބަށް އާދެވިދާނެ ކަމަކަށް ރިޝްމީ ގަބޫލެއް ނުކުރެ އެވެ.
އެކްޓިންގައި އޭނާގެ އެންމެ ބޮޑު އަމާޒު ހާސިލްވީ އެވެ. ކުރިން ނަމަ، ރިޝްމީ އެންމެ ބޮޑު ތަސައްވުރަކީ ބައިނަލްއަގުވާމި އެވޯޑަކުން ކެރިއަރު ނިންމާލުމެވެ. އެކަމަކު މިހާރު، ކުރަން ބޭނުންވާ އެހެން ކަންކަން އެބަހުއްޓެވެ. ޑައިރެކްޓަރެއްގެ ގޮތުގައި ވެސް ދާން ބޭނުންވާ ހިސާބުތަކެއް އެބަހުއްޓެވެ. މިއީ ސްކޫލް ދައުރުގައި ރިޝްމީ އަށް އޭނާގެ ކުރިމަގު ފެނުނު ގޮތް ކަމަށް ނުވެދާނެ އެވެ. އެކަމަކު ހިންދީ ފިލްމުތައް ޕޯޒްކޮށް، ސްލޯކޮށްގެން، މަންޒަރުތައް ނަގާފައި ހުރި ގޮތް ބަލައި ދިރާސާކުރަން އުޅުނު ކުއްޖަކަށް، ފިލްމީ ދާއިރާ އަށް ވުރެ އެކަށޭނަ އެހެން މަސައްކަތެއް އޮންނާނެ ހެއްޔެވެ؟
"ރިޝްމީ މި ދާއިރާ އަށް ނުކުތް އިރު އެންމެންގެ ސުވާލަކަށްވީ އޭލެވެލް ނިންމާފައި ކީއްކުރަންހޭ، މީހާގެ ލައިފް ތި ބޭކާރުކޮށްލަނީ. އެކަމަކު އެ މީހެއްގެ ޕެޝަން އަށް މަސައްކަތްކުރުން އެއީ ލައިފް ބޭކާރު ކުރުމެއް ނޫން،" ރިޝްމީ ބުންޏެވެ. ގައިމު ވެސް، އޭގެ އެންމެ ބޮޑު ހެއްކަކަށް އޭނާ ދައްކާނީ "ވިޝްކާ"ގެ ކާމިޔާބީ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ނަނސބވނ
05 December 2017
ރިޝްމީ ހަމަ ވަރަށް މޮޅު ވިޝްކާގަ.. ޔޫ ޑިޒަރވް މަޗް މޯ.. އަދިވެސް ވިޝްކާ ކަހަލަ މޮޅު ފިލްމެއްގެ އިންތިޒާރުގައި ހުރިން
ނައީމް
03 December 2017
ވިޝްކާގައި ރިޝްމީގެ އެކްޓިން އެހާ މޮޅެއްނޫން. ހަމައެކަނި ރުޅިގަދަ ސީންތަކުގަ މޮޅީ. ޝީލާ އަދި ނިއުމާމެންނާ އެއްފެންވަރަށް އެކްޓެއްނުކުރެވޭނެ
ތާޢީދު
03 December 2017
އަހަނ! ނިއުމާމެން ވަރުގެ މީހަކު ދެން ލިބިދާނެތަ؟ ނުލިބޭނެ!