މަޖިލީހުގައި ހުރިހާ ކަމެއްގައި "ސްޓޭމްޕް" ޖެހުން، ޒިންމާއެއް ނެތް؟!

މިހާރުގެ ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އެހެންވެ ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ރިޔާސީ ނިޒާމަށެވެ. ދައުލަތުގެ ތިން ބާރު ވަކިވެ، އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ފަދަ ގޮތަކަށް ގާނޫނު އަސާސީ ވަނީ ބައްޓަންކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހަކީ އޭގެ ތެރެއިން އެއް ބާރެވެ. ގާނޫނު ހެދުމުގެ ހުރިހާ ބާރެއް އޮތީ އެ މަޖިލީހަށެވެ.


ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ އެންމެ ބޮޑު ތަފާތަކީ ރިޔާސީ ނިޒާމުގައި ސަރުކާރާއި މަޖިލީހަކީ މުޅިން ވަކިވެފައިވާ ދެ ބާރަށް ވުމެވެ. އޭގެ އިދިކޮޅަށް، ބަރުލަމާނީ ނިޒާމުގައި ސަރުކާރާއި މަޖިލީހަކީ ގުޅި ލާމެހިފައިވާ ދެ ބާރެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔާ ކަމަށްވާ، ބޮޑުވަޒީރަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ މީހުން ހޮވާ މެމްބަރެކެވެ. ސަރުކާރު ހިންގަން ކެބިނެޓްގައި ތިބޭނީ ވެސް މަޖިލިސް މެމްބަރުންގެ ތެރެއިން ބައެކެވެ.

ކުރުކޮށް ބުނާ ނަމަ، ބަރުލަމާނީ ނިޒާމުގައި ސަރުކާރު އުފެދޭނީ މަޖިލީހުގެ ތެރެއިންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކީ ސަރުކާރު ހިންގާނެ މީހުންނެވެ. އެހެންވެ، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުން ބޭނުންވާ ކޮންމެ ކަމަކަށް މަޖިލީހުން އާބަސް ބުނާނެ އެވެ. މަޖިލީހުގެ ތެރެއިން ހުރިހާ ކަމެއް ނިންމަން ސަރުކާރަށް ފަސޭހަވާނެ އެވެ.

ރިޔާސީ ނިޒާމް މުޅިން ތަފާތެވެ. ސަރުކާރު ހިންގުމުގައި މަޖިލީހުގެ ސީދާ އެއްވެސް ދައުރެއް ނޯންނާނެ އެވެ. ސަރުކާރާއި މަޖިލީހުގައި ވެސް ތިބޭނީ މުޅިން ތަފާތު ބައެކެވެ. އެއް ބާރުގެ އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ފަދައިން، އޮންނާނީ ވަކިވެފަ އެވެ. ނަމަވެސް މިއަދު މަޖިލީހުގައި ކަންކަން ހިނގަނީ މި ގޮތަށްތޯ މިއީ އުފެދޭ ސުވާލެކެވެ.

ސަރުކާރުން ހުށަހަޅާ އެއްޗެއް ނަމަ މަޖިލީހުންގެ ތެރެއިން ނިމިގެން ދަނީ ހުށަހެޅި ގޮތަކަށް "ސްޓޭމްޕް" ޖެހިގެންނެވެ. ސަރުކާރުން ހުށަހަޅާ އެއްޗެއް ފާސް ވެގެންދަނީ އެހާ އަވަހަށެވެ. އެކަމެއް އޮތީ ރަނގަޅަށްތޯ ނޫންތޯ ބަލާލަން ވެސް ބޭނުން ނުވާ ކަހަލަ އެވެ. ކަމަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން ވެސް ފެންނަނީ މަދު ފަހަރެއްގަ އެވެ. މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ތައުލީމީ އަދި ގާބިލް ބޭފުޅުން ތިއްބެވިޔަސް އެއްވެސް އިލްމީ މަސައްކަތެއް މަޖިލިސް ތެރެއަކުން ނުފެނެ އެވެ.

ސަރުކާރުން ހުށަހަޅާ ބޮޑެތި ކަންކަން މަޖިލީހުން ނިންމާއިރު ކަމާ ބެހޭ އިދާރާތަކުގެ ނުވަތަ ފަންނީ ބޭފުޅުންގެ ބަހެއް ހޯދާލުން ވެސް މުހިންމު ކަމަކަށް ނުވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދާދި ފަހުން ފާސްކުރިއިރު އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްގެ ލަފާ ވެސް މަޖިލީހުން ހޯދީ ލިޔުމުންނެވެ. ކުރިން ނަމަ ކޮންމެ އަހަރަކު ވެސް ބަޖެޓް ފާސްކުރާއިރު ގަވަރުނަރާއި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދަމުން އައީ އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކޮށް، ސުވާލު ކޮށްގެންނެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރަން މިދިޔަ ހަފުތާގައި މަޖިލީހަށް ފޮނުވުމުން އެ އެއްބަސްވުމަށް ރުހުން ދޭން ނެގީ މަދު ވަގުތު ކޮޅެކެވެ. އިކޮނޮމިކް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ފިޔަވައި، އެހެން އެއްވެސް ބޭފުޅަކު ކޮމެޓީއަށް ހާޒިރުކޮށް، ސުވާލެއް ވެސް ކޮށްނުލަ އެވެ. އެ އެއްބަސްވުމާ ގުޅޭ އެތައް ސަތޭކަ ސަފުހާގެ ލިޔުން ދިރާސާކޮށް، ކޮމެޓީން ނިންމާލީ ބައި ގަޑިއިރު ވެސް ނުވަނީހެވެ. ނުވިތާކަށް ކޮމެޓީ ކުރިއަށް ގެންދިޔައީ ވެސް ސިއްރު ކޮށްގެންނެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމުން ރާއްޖެއަށް ހުރި ފައިދާތަކަކީ ކޮބައިތޯ ބަލައި، ދިރާސާކޮށް އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު ދީގެން އެކަން ކުރިއަށް ގެންދިޔަޔަސް ލިބޭނެ ގެއްލުމެއް ނެތެވެ. އިދިކޮޅަށް ނުކުންނެވި މެމްބަރުންގެ ގޮނޑިތައް ގެއްލުމުން މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ސަރުކާރު ހިންގާ ޕީޕީއެމަށެވެ. އެހެންވެ، ކޮންމެ ގޮތެއް ވިޔަސް އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ލިބޭނެ އެވެ. އެހެންވީއިރު އަވަސް އަރުވާލައިގެން މިކަން ނިންމަން ޖެހޭ ސަބަބެއް އެބަ އޮތްތޯ ސުވާލު އުފެދެ އެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދޫކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ނެގީ މަދު ދުވަސްކޮޅެކެވެ. އުމުރުން 65 އަހަރު ވީ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ވެސް ހަމަ މިފަދަ ގޮތަކަށެވެ. އިދިކޮޅު މެމްބަރުން ދެކޭ ގޮތް ބަލާލުން ވެސް ގިނަ ފަހަރަށް މުހިންމެއް ނުވެ އެވެ. ސަރުކާރާ ދެކޮޅު ގަރާރެއް ހުށަހެޅިޔަސް ގިނަ ފަހަރަށް ބޭރުކޮށްލަނީ އެވެ.

މަޖިލީހުގެ ކޮމެޓީއެއް: ބޮޑެތި ކަންކަން ނިމިގެންދަނީ އެހާ އަވަހަށް --މިހާރު ފޮޓޯ/ހުސެއިން ވަހީދު

ގާނޫނު އަސާސީން މަޖިލީހަށް މަތިކޮށްފައިވާ އެންމެ ބޮޑު އެއް ޒިންމާއަކީ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމެވެ. އެކަމަކު ޚުދު މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުމަށް ފަހު ގާނޫނުގައި ބުނާ މުއްދަތު ފަހަނަ އަޅައިގެން ދިޔައިރު ވެސް އެ ގޮނޑިތަކުގެ އިންތިޚާބު ނުބާއްވާތީ އެކަމަށް މަޖިލީހުން ފިޔަވަޅެއް އެޅިތަނެއް ނުފެނެ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެގޮތަށް އަމަލުކުރަނީ އެ މެމްބަރުންނަށް ފިއްތުންތަކެއް އޮތުމުންނެވެ. އެކަމަކު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބުނަނީ ސަރުކާރުން ހުށަހަޅާ ކަންކަމަށް އެއްބާރުލުން ދެނީ ރައްޔިތުންނަށް ފައިދާ ހުރުމުން ކަމަށެވެ.

ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމަކީ މައްސަލައެއް ނޫނެވެ. އެހެނީ، މަޖިލީހަށް މެމްބަރުން ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވެފައި ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނަސް ލިބޭނީ ރައްޔިތުން އެގޮތަށް ބޭނުންވެގެން ކަމަށްވާތީ އެވެ. ނަމަވެސް އަޣުލަބިއްޔަތު އޮތުމުގެ މާނައަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް މަޖިލީހުން ކުރަން ޖެހޭ ވާހަކައެއް ވެސް ނޫނެވެ.

ސަރުކާރުން ވެސް ރަނގަޅު ކަމެއް ހުށަހަޅައިފި ނަމަ އެކަމަކަށް މަޖިލީހުން އެއްބާރުލުން ދޭން ޖެހޭނެ އެވެ. އެކަމާ މެދު ދެބަސްވާކަށް ނެތީމެވެ. އެކަމަކު މައްސަލައަކީ ގިނަ ފަހަރު ކަންކަން ނިންމާއިރު ގޯހެއް، ރަނގަޅެއް ބެލުމެއް ނެތި އަވަސް އަރުވާލައިގެން ހުރިހާ ކަމެއް ނިންމާލާތީ އެވެ. މިއީކީ ރައްޔިތުންގެ މަޖިލީހެއްގައި ކަންކަން ހިނގަން ޖެހޭ ގޮތެއް ނޫނެވެ.

ވަކިން ޚާއްސަކޮށް، ރިޔާސީ ނިޒާމެއްގައި މިގޮތަށް ކަންކަން ހިނގުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ވެސް ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮވެ އެވެ. އެކަމަކު ސަރުކާރުން ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް މަޖިލީހުގެ ތެރެއިން ނިމިގެނެއް ނުދެ އެވެ. މިސާލެއްގެ ގޮތުން އެމެރިކާ ބަލަމާ ހިނގާށެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެ ގައުމުގެ ރައްޔިތުންނަށް ހިލޭ ސިއްހީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވުޖޫދަށް ގެނައި ގާނޫނު، "އޮބާމާ ކެއާ" އުވާލައި، އާ ގާނޫނެއް ވުޖޫދަށް ގެންނަން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވީ ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮތް ކޮންގްރެސްއަށެވެ. ކެމްޕެއިންގައި ޓްރަމްޕް ވެވަޑައިގަތް އެ ވައުދު ފުއްދަން ކޮންގްރެސްއަށް ބިލް ހުށަހެޅުއްވުމުން ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ބިލާ ދެކޮޅު ހެދުމުން އެ ބިލް ފާސްވާނެ ކަމުގެ ޔަގީންކަން ގެއްލި، އެންމެ ފަހުން ޓްރަމްޕް ބިލް އަނބުރާ ގެންދެވީ އެވެ.

އެ ބިލް ފާސްކުރަން ރިޕަބްލިކަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓު ދޭން އެއްބަސްވި ނަމަ ޔަގީނުން ވެސް ބިލު ފާސްވީހެވެ. އެހާ ވެސް ބޮޑު އަޣުލަބިއްޔަތެއް އޮތެވެ. އެކަމަކު އޮބާމާ ކެއާ އުވާލުމަށް ފަހު ވުޖޫދަށް ގެންނަން ޓްރަމްޕް ހުށަހެޅުއްވި ބިލަކީ އެތައް ބަޔަކު ސިއްހީ ޚިދުމަތުން މަހްރޫމް ކޮށްލެވޭ ފަދަ ބިލަކަށް ވާތީ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ބިލަށް ވޯޓު ދޭން ދެކޮޅު ހެދީ އެވެ. މި ފާހަގަކޮށްލީ ރާއްޖެ ފަދައިން ރިޔާސީ ނިޒާމެއް އޮތް ގައުމެއްގެ މިސާލެވެ.

މަޖިލީހަކީ ސިޔާސީ ގޮތުން އިންތިޚާބުވެފައި ތިބޭ މެމްބަރުންތަކެއްގެ ތަނެކެވެ. ސިޔާސީ އެކި ފިކުރުގެ ބޭފުޅުން މަޖިލީހުގައި ތިބޭނެ އެވެ. އެކަމަކު ޑިމޮކްރަޓިކް އުސޫލަކީ ތަފާތު ޚިޔާލަށް ވެސް ޖާގަ އޮތްކަން ދައްކައި ދީގެން، މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމެވެ. އެ އުސޫލުތަކުން މަޖިލީހުގެ ތެރެއިން ކަންކަން ހިނގާ ނަމަ މަޖިލީހާ މެދު ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދާނެ އެވެ.

މަޖިލީހަކީ ރައްޔިތުންގެ ތަމްސީލު ކުރުމުގެ އެންމެ ބޮޑު ބާރެވެ. އަދި މުއައްސަސާތަކާ މެދު ފާރަވެރިވުމުގެ ޒިންމާ އޮތް ބާރު ވެސް މެ އެވެ. އެހެންވެ، ސަރުކާރުން ބޭނުންވާހާ ގޮތަށް ކަންކަން ނިންމުމަށް ވުރެ މަޖިލީހުގެ ހައިބަތާއި ގަދަރު މާ ބޮޑެވެ. ބޮޑެތި ބާރުތަކާއި ޒިންމާތަކާ އެކު، ގާނޫނު އަސާސީން މަޖިލިސް ތަސައްވުރު ކޮށްފައިވަނީ ވެސް އެގޮތަށެވެ.

އެކަމަކު މިއަދު މަޖިލީހުން އެ މަންޒަރެއް ނުފެނެ އެވެ. ހިތާމަހުއްޓެވެ.