އަނިޔާގެ ހަގީގީ ތަޖުރިބާތަކަކުން އަންހެނުންގެ ހާލަތު

ރާއްޖޭގައި ކޮންމެ ތިން އަންހެނަކުން އެކަކަށް އަނިޔާއާ ކުރިމަތިލާން ޖެހޭ އިރު ގެވެށި އަނިޔާ ހުއްޓުވުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ގެވެށި ގުޅުމުގެ ތެރެއިން ނުވަތަ އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން ކުރިމަތިވާ ޖިސްމާނީ، ޖިންސީ، ނަފްސާނީ އަދި ބަހުގެ އަނިޔާތައް ތަހައްމަލްކުރާ މީހުންނަށް ކުރިމަތިވާ ހުރަސްތައް ގިނަ އެވެ. އެފަދަ ބައެއް މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެކި ކަހަލަ މަޖުބޫރީ ހާލަތްތަކާއި އާއްމުކޮށް މީހުން ދެކޭ ގޮތްތަކުގެ ސަބަބުން އަނިޔާ އިން މިންޖުވުމުގެ ދޮރު ބަންދުވެ އެވެ.


އަންހެނުންނަށާއި އަންހެންކުދިންނަށް ކުރާ އަނިޔާ ނައްތާލަން ވަކާލާތުކުރުމަށް ނޮވެމްބަރު 25 އިން ޑިސެމްބަރު 10 އަށް ދުނިޔޭގެ ފެންވަރުގައި އދ އިން ފާހަގަކުރާ 16 ދުވަހުގެ ކެމްޕެއިންގައި، ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުތެމަ އިން މި އަހަރު ވަނީ އަނިޔާގައި ފަސް ދިވެއްސެއްގެ ތަޖުރިބާ ވީޑިއޯ ސްޕޮޓްތަކެއްގައި ގެނެސްދީފަ އެވެ. ޚިޔާލީ ނަންތަކެއް ބޭނުންކޮށްގެން ނެރޭޝަންތަކަކުން ކިޔައިދީފައިވާ ހަގީގީ ހާދިސާތަކުގައި، މައިންބަފައިންނާއި ފިރިންގެ ފަރާތުން އަނިޔާ ލިބެމުންދާ އަންހެންކުދިންނާއި އަންހެނުންގެ ޝުއޫރުތައް ހިމަނާފައިވެ އެވެ.

މިހާރު ބޮޑުވެފައިވާ ތިން ދަރިން ތިބި ފާތުމާމަނިކެ އަށް، ފިރިމީހާ ރިޔާޒް ކިތަންމެ ވަރަކަށް އަނިޔާކުރިޔަސް، އޭނާގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއް ފެންނާކަށް ނެތެވެ. ފާތުމާމަނިކެ ކިޔައިދީފައިވާ ގޮތުގައި ރަށުގައި އެ ދެމަފިރިންގެ ކައިވެނި މިހާތަނަށް "ކިތަންމެހާ ވެސް އުފާވެރި" އެވެ؛ އެކަމަކު ރިޔާޒްގެ އުޅުމަށް އައި ކުއްލި ބަދަލަކާ އެކު "އޭނާގެ ޖިންސީ އެދުން ފުއްދުމުގައި އަހަންނަށް ބޮޑެތި އަނިޔާ ލިބޭ ގޮތަށް ވެސް އަމަލުކުރަން ފަށައިފި" އެވެ. އެ އަނިޔާތަކުގެ ސަބަބުން ގައިގައި އަޅާ ވޭންތަކަށް ކެތްނުކުރެވޭ ފަހަރުތަކުގައި ޑޮކްޓަރަށް ދައްކަން ދިޔަޔަސް، ރިޔާޒު އޭނާއާ އެކީގައި ދާތީ، ޑޮކްޓަރަށް ހަގީގަތް ކިޔައިދޭން ފާތުމާމަނިކެއަކަށް ނުކެރެ އެވެ. އަދި އޭނާ އަށް ކުރެވެނީ ހެދޭނެ ގޮތެއް ނެތް ކަމުގެ އިހުސާސެވެ.

"އަހަންނަކީ ވަންނާނެ އިތުރު ތަނެއް ވެސް ހުރި މީހެއް ނޫން. އެހެންވެ އޮތް ގޮތަކީ މިކަން ތަހައްމަލުކޮށްގެން ހުރުން. މި އުމުރުގައި، 25 އަހަރު ވީ ކައިވެއްޏެއް ރޫޅާލައިގެން އަހަރެން ވަކި ދާނީ ކޮން ތާކަށް؟" ފާތުމާމަނިކެގެ ޝުއޫރަކީ މި އެވެ.

އުތެމަ އިން ފާހަގަކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ ފަސް އަންހެނަކުން އެކަކީ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އަނިޔާ ތަޖުރިބާކުރާ މީހެއް ކަމަށް ތަފާސްހިސާބުން ދައްކާ އިރު، އޭގެ 35.5 ޕަސެންޓް މީހުންގެ ހަށިގަނޑު، އަނިޔާގެ ހާދިސާއެއްގެ ސަބަބުން، ޒަޚަމްވި އެވެ. އަދި އެފަދަ އަނިޔާ ތަޖުރިބާ ކޮށްފައިވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރިޕޯޓްކޮށްފައި ވަނީ އެ މީހުންގެ ޒަޚަމްތައް ސީރިއަސް ކަމަށެވެ. އޭގެ ތެރޭގައި ކަށީގައި ރެނދުލުމާއި ތަންތަން ބިނދުމާއި އެތެރެހަށި ޒަޚަމްވުން ފަދަ އަނިޔާތައް ހިމެނެ އެވެ. އެކަމަކު ވެސް، އަނިޔާ ތަޖުރިބާ ކުރާ މީހުންގެ 39 ޕަސެންޓް ބުނެފައިވަނީ އެއްވެސް މީހަކާ އަނިޔާގެ ވާހަކަ ހިއްސާ ނުކުރާ ކަމަށެވެ.

ބައްޕަގެ އަނިޔާތައް ތަހައްމަލްކުރަމުން ގޮސް ގޮތް ހުސްވެގެން ބައެއް ފަހަރު، އަމިއްލަ އަށް މަރުވުމުގެ ޚިޔާލުތަކުގެ ތެރެއަށް ގެނބިގެންދާ 16 އަހަރުގެ އިނާޔާ އެންމެ ފަހުން ގެއިން ނުކުމެގެން ދިޔައީ އެވެ. "ނުވަ މީހުން އެއް ކޮޓަރިއެއްގައި ދިރިއުޅެމުން އަންނަ އިރު ލޯ މަރާލައިގެން ނިދަން އޮންނަން ނުކެރޭ" އަންހެންކުއްޖާ އޭނާގެ ބައްޕަ އަށް ފިލީ ގޭގައި އުޅެވޭ ވަރު ނުވެގެން ކަމަށް ވިޔަސް މީހުންގެ ތެރޭގައި އޭނާ ވެގެންދިޔައީ "ވިޔާނުދާ، އެއްވެސް ގޮތެއް ފޮތެއް ނެތް ކުއްޖަކަށެ"ވެ.

އައިޝާ އާއި އަހުމަދު ކައިވެނިކުރީ ގޭތެރޭގެ މަސައްކަތްތައް ދެ މީހުން ބަހާލައިގެން ކުރަން އެއްބަސްވެގެންނެވެ. އެކަމަކު ކައިވެންޏަށް ފަހު ކަންވީ އެހެނެއް ނޫނެވެ. ދެ މީހުންގެ ތެރެއިން އާމްދަނީ ހޯދަން މަސައްކަތްކުރަނީ އައިޝާ އެކަނި ކަމަށް ވިޔަސް ގޭގެ އެހެން ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ އޭނާ އަށެވެ. ނުވިތާކަށް، ވަޒީފާގައި އުޅެމުން ގަޑިންގަޑި އަށް ކާންހަދާ ނުދެވޭތީ ފިރިމީހާ އަބަދު މައްސަލަ ޖައްސަ އެވެ. އަދި ކާން ހަދައިދިނަސް، "ތީ ކޯއްޗެއްހޭ ކިޔާ ސިންކަށް ތަށި އެއްލާލާ ފަހަރު މަދެއް ނޫނެ"ވެ. ފިރިމީހާ ކިޔާ އެއްޗެއްސާ ހެދި، އައިޝާ އަށް އަމިއްލަ އަށް ވެސް، ކުށްވެރިޔަކީ އޭނާ ކަމުގެ އިހުސާސްކުރެވެ އެވެ. އަދި އަހުމަދު "ރުޅިނައިސް ހުންނަ އިރުތަކުގައި ވަރަށް ރަނގަޅު" ވީމަ އާއި މީހުން އޭނާއާ މެދު ދެކޭނެ ގޮތް ހިތަށްއަރާފައި ވަރިވާން އައިޝާ ފަސްޖެހެ އެވެ.

"ގޭތެރެ ހަޑިވީމަ ވެސް ގޯސްވަނީ އަހަރެން. އަހަރެން ވަރުގެ ވިޔާނުދާ އަތްބެއް ނުދެކޭ ކަމަށް އަހުމަދު ބުނޭ. އަދި އެއީ ތެދެކޭ ވެސް ބައެއް ފަހަރު ހިތަށްއަރާ،" އައިޝާގެ އިހުސާސްތައް ހުރި ގޮތަކީ މި އެވެ.

"އަހުމަދުގެ އުޅުން މިގޮތަށް ހުއްޓަސް އޭނާ ރުޅިނައިސް ހުންނަ އިރުތަކުގައި ވަރަށް ރަނގަޅު. މާ ގެނެސްދޭނެ. އަދި ރުޅި އައިސްގެން ކުރާ ކަންތަކަށް މާފަށް ވެސް އެދޭނެ. އަހަރެން ވެސް އަހުމަދު ދެކެ ލޯބިވާތީ މާފުނުކޮށް ނުހުރެވޭ. އެހެންވެ ވަރިވާން ވެސް ހިތަށްނާރަނީ. ވަރި ވިޔަސް މީހުން ބުނާނެ އަހަންނަށް ރަނގަޅު އަތްބަކަށް ނުވެވުނީމައޭ ކައިވެނި ރޫޅުނީ."

އުފާވެރި ހަޔާތަކަށް ރުގިއްޔާ އަށް ވެސް އޮތް ހުރަހަކީ މީހުން ދެކޭ ގޮތެވެ. ފިރިމީހާ ކިޔާ ހުތުރު އެއްޗެހި ތަހައްމަލްކޮށްލައިގެން އޭނާ ހުންނަނީ "ވަރިވުމަކީ އަހަރެންގެ އާއިލާއިން ވެސް އަދި މުޖުތަމައު އިން ވެސް ބަލައިގަންނަ ކަމަކަށް ނުވާތީ" އެވެ. ކައިވެންޏަށް ދެ އަހަރު ވީ އިރު ވެސް އަލީ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ރުގިއްޔާ ގިނަ ވަގުތު އުޅެން ޖެހެނީ އާމްދަނީ ހޯދުމުގަ އެވެ. ދެ މީހުންގެ ދެމެދުގައި މައްސަލަ ޖެހެން ފެށީ އެކަމާ ހެދި އެވެ.

"އަލީ އަބަދު މިހާރު ކިޔަނީ ދަރިއެއް ހޯދާ ވާހަކަ. މިކަމަށް އަހަރެން އިންކާރު ކުރިން. އެއީ އަހަރެން ބޭނުންވަނީ ފުރަތަމަ ލާރި އެއްކުރަން،" ރުގިއްޔާގެ ވިސްނުމަކީ މި އެވެ.

"އޭނާގެ އުޅުން ވަރަށް ބޮޑަށް ބަދަލުވެ، އަހަރެން ދެކެ އަބަދު ހުންނަނީ ރުޅިއައިސްފައި. ވަރަށް ހުތުރުކޮށް އަހަންނާ ދިމާލަށް އެއްޗެހި ކިޔަން ވެސް ފަށައިފި...މި ހުރިހާ އެއްޗެއް ކީ ނަމަވެސް އަހަރެން އެކަން ތަހައްމަލުކޮށްގެން މި ހުންނަނީ."

ވަރަށް ހިތްވަރުކޮށް ކިޔަވައިގެން އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދި 17 އަހަރުގެ ފާތިމަތު ގަސްދުކޮށްގެން ހުރީ ސައިކޮލޮޖީގެ ދާއިރާ އިން ކުރިއަށްދާށެވެ. އެކަމަކު އޭނާގެ މައިންބަފައިން ބޭނުންވީ އަތްމަތި ތަނަވަސް، އުމުރުން 40 އަހަރުގެ މީހަކާ ތިން އަތްބަށް އޭނާ ދެވާށެވެ. "އެ މީހާއާ ނީންނަންވެގެން ރޮއެ އާދޭސް ކުރިޔަސް"، "އަންހެން ކުއްޖަކަށް ވީތީވެ، މީހަކާ ނީނދެ ހުންނާކަށް" ފާތިމަތުގެ މައިންބަފައިން "ހަމަ ހިލާ އެއްބަހެއް ނުވި" އެވެ. އެންމެ ފަހުން، އެކަމުން ސަލާމަތްވާން ފާތިމަތު ވަނީ އޭނާއާ އެއް އުމުރެއްގެ ކުއްޖަކާ އިންނަން އެއްބަސްވެފަ އެވެ. އެކަމަކު އެއީ ވެސް އޭނާގެ ހަގީގީ ރުހުމެއް އޮތް ކައިވެންޏެއް ނޫނެވެ.

"އެއް ކައިވެނިން ސަލާމަތްވާން ވެގެން އެހެން ކައިވެންޏެއް ކުރީ. ހަގީގަތަކީ މިއީ،" ފާތިމަތު ބުނެފައިވެ އެވެ.

މި ހާދިސާތައް ކިޔައިދެމުން އުތެމަ އިން ފާހަގަކޮށްފައިވާ ގޮތުގައި "ކޮންމެ އިންސާނަކީ ވެސް ޖިންސުގެ ތަފާތުކުރުމެއް ނެތި އިންސާނީ ކަރާމާތް ލިބިގެންވާ" މީހެކެވެ.

"މާތްވެގެންވާ އިސްލާމްދީނުގައި އިންސާނާއަށް މަގުދައްކަވާފައިވަނީ ސުލްހަވެރިކަމާއި އަމާންކަމާއި އެކުވެރިކަމާއި އޯގާތެރިކަމާއި ކުލުނުވެރިކަމާއި އަދި އިންސާފުވެރިކަމުގެ މަތީގައި ދެމިތިބުމަށް. މި އެންމެހާ ސިފަތަކަކީ އަނިޔާވެރިކަމާ ދިމާ އިދިކޮޅު ސިފަތަކެއް،" ފޭސްބުކް ޕޯސްޓެއްގައި އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

"އެހެންކަމުން އުފެދޭ ސުވާލަކީ ދިވެހި މުޖުތަމައުގައި މިފަދަ އަނިޔާވެރި، ލާއިންސާނީ އަމަލުތައް އަށަގަންނަމުންދަނީ ކީއްވެބާއޭ؟"