ޖިނާއީ އިޖްރާއާތުގެ ގާނޫނުން ގެނައި އެންމެ މުހިންމު އެއް ބަދަލު

މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ގާނޫނެކެވެ. ކުރިން ރާއްޖޭގައި ތައާރަފްވެފައި ނެތް އެތައް ކަމެއް އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަނީ ތައާރަފްވެފަ އެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިން، ހަރުދަނާ ގޮތެއްގައި ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގުމުގެ އުސޫލުތައް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.


އެ ގާނޫނުގެ ދަށުން އައި ބަދަލުތަކުގެ ތެރެއިން ވެސް އެންމެ ފާހަގަކުރެވޭ އެއް ބަދަލަކީ ވަކި މުއްދަތެެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވާ ގޮތަށް ގެނައި ބަދަލެވެ. މީގެ ސަބަބުން ލިބޭ އެންމެ ބޮޑު ފައިދާއަކީ ޝަރީއަތުން ހުކުމް ކުރުުމުގެ ކުރިން ހައްޔަރުކޮށް، ބަންދުކުރާ ކުރާ ކުރުން (ޕްރީ ޓްރަޔަލް ޑިޓެންޝަން) މަދުވުމެވެ.

އެ ގާނޫނު އައުމުގެ ކުރިން އަބަދުވެސް ބޮޑުވެފައި އޮންނަ ޝަކުވާއަކީ ތަހުގީގު މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެން ޖެހުމާއި ދައުވާ ކުރުން ލަސްވުމެވެ. ތަހުގީގުގައި ބަންދުކޮށް، ދުވަސްތަކެއް ބަންދުގައި ހޭދަކުރާ ފަހުން ދައުވާއެއް ނުކޮށް، ދޫކޮށްލަން ޖެހޭ ފަހަރުތައް ވެސް އައިސްފައި އެބަ ހުއްޓެވެ. މީގެ ސަބަބުން ބަންދު ކުރެވޭ މީހާއަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޭރު އޮތީ ހުޅުވިފަ އެވެ. އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތީ އެ ފުރުސަތުތައް ވަރަށް ހަނިވާ ގޮތަށެވެ.

ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވާ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ކަނޑައެޅި އުސޫލަކީ ތަހުގީގު މަރުހަލާގައި ހައްޔަރުކޮށް، ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރާ މީހުންނާއި ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ކޯޓުން ދޫކޮށްލާ މީހުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމް ކުރުމެވެ.

އެ ގާނޫނުގެ 94 ވަނަ މާއްދާ ބުނާ ގޮތުން ބަންދުގައި ހުރި މީހަކު ނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވެ އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމަން ފުރަތަމަ ފަހަރަށް ކޯޓަށް ގެންދިއުމުން ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ، އެދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މީހަކަށް ދައުވާ ކުރަން އެ މާއްދާ ލާޒިމް ކުރެ އެވެ. މިދެންނެވި ދެ މުއްދަތު ގުނަނީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާ ހިމެނޭ ގޮތުންނެވެ.

މައްސަލައެއްގެ ބާވަތުން ތަހުގީގު ނިންމަން އިތުރު މުއްދަތު ބޭނުންވާ ހާލަތުގައި ވެސް މިދެންނެވި މުއްދަތަށް އިތުރު ކުރެވޭނެ އެންމެ ދިގު މުއްދަތު އެ ގާނޫނުުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން، ތުހުމަތުކުރެވޭ މީހާ ހުރީ ބަންދުގައި ކަމަށްވާ ނަމަ އެ ތަހުގީގެއް ނިންމަން އިތުރު 30 ދުވަހުގެ މުއްދަތެއް ޕްރޮސެކިއުޓާ ޖެނެރަލަށް އިތުރުކޮށް ދެވެ އެވެ. އަދި ތުހުމަތު ކުރެވޭ މީހާ ހުރީ ކޯޓުން ދޫކޮށްލާފައި ކަމަށްވާ ނަމަ ތަހުގީގު ނިންމަން އިތުރަށް ދެވެނީ 45 ދުވަހެވެ. މިގޮތަށް މުއްދަތު އިތުރުކޮށް ދެވެނީ ވެސް ހަމައެކަނި ޖިނާއީ ބޮޑެތި ކުށްތަކުގެ ތަހުގީގަށެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރަނީ:- ފޮޓޯ: ޕޮލިސް

އެކަމަކު މިދެންނެވި މުއްދަތުތަކަކީ ހައްޔަރު ނުކުރާ މީހުންނާއި ހައްޔަރު ކުރުމަށް ފަހު އެކަމަކު ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމެއް ނެތި ދޫކޮށްލާ މީހުންގެ މައްސަލަތަކަށް ހިނގާނެ އުސޫލެއް ނޫނެވެ. ތަހުގީގު މަރުހަލާގައި މީހުން ބަންދު ކުރާ ކުރުން މަދު ކުރަން ބާރު އެޅެނީ މި ސަބަބާ ހެދި އެވެ.

މިގޮތަށް ގާނޫނުގައި އޮތުމުން ތަހުގީގީ އިދާރާތަކަށް އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ކޯޓުގައި އެދުމަށް ފަހު، ގާނޫނުގައި ބުނާ 30 ދުވަސް ނުވަތަ 45 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމެވެ. އަނެއް ގޮތަކީ ތުހުމަތު ކުރެވޭ މީހާ ބަންދުކުރަން ކޯޓުގައި އެދުމެއް ނެތި އަދި އޭނާ މިނިވަންކޮށް ބަހައްޓައިގެން އެކަށީގެންވާ މުއްދަތެއްގައި ތަހުގީގު ހިންގުމެވެ. މިއީ ތަހުގީގު މަރުހަލާގައި ބަންދު ކުރާ ކުރުން އަދި ދުވަސްތަކެއް ވަންދެން ތަހުގީގު މަރުހަލާގައި ބަންދުގައި ތިބެން ޖެހޭ ޖެހުން މަދުކުރަން އެޅޭ ވަރަށް ބޮޑު ބާރެކެވެ.

ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންގޮސްފި ނަމަ އެ މީހަކާ ދެކޮޅަށް ހެކި ލިބުނަސް އަދި ނުލިބުނަސް، ގާނޫނުގައި ބުނާ އެ މުއްދަތުތަކުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ލާޒިމް ވެ އެވެ. އެހެންވުމުން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދާއިރު ގާނޫނުގައި އެ ބުނާ މުއްދަތުގައި ހެކި ހޯދައި، ތަހުގީގު ނިންމޭނެ ކަމުގެ ޔަގީންކަން ތަހުގީގީ އިދާރާއަށް އެބަ އޮންނަން ޖެހެ އެވެ.

އޭގެ ބަދަލުގައި، ތުހުމަތުކުރެވޭ މީހާ ހައްޔަރު ކުރުމެއް ނެތި، ތަހުގީގު ކުރާ ނަމަ އެ މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބެންދެން އެ ތަހުގީގެއް ހިންގަން ފުރުސަތު ލިބެ އެވެ. ބަންދު ކުރުމެއް ނެތި ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭނީ ގާނޫނުލް އުގޫބާތުގައި ބުނާ ދައުވާ ކުރުމުގެ އާންމު މުއްދަތުތަކުގެ ތެރޭގަ އެވެ. އެއީ ޖުނަހް ދަރަޖައިގެ ކުށެއް ނަމަ ތިން އަހަރުގެ ތެރޭގައި އަދި ޖިނާޔަތުގެ ދަރަޖައިގެ ކުށެއް ނަމަ އަށް އަހަރު ދުވަހުގެ ތެރޭގަ އެވެ.

ގާނޫނުގައި ކަނޑައެޅި މި އުސޫލުގެ ހެޔޮ ބަދަލު މިހާރު އެބަ ފެނެ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދާ މީހުންގެ އަދަދު ކުރިއާ އަޅާބަލާއިރު ނިސްބަތުން މިހާރު މަދެވެ. މިހާރު އަމަލު ކުރާ ގާނޫނު އަސާސީގެ ރޫހަކީ ވެސް އެއީ އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ އާންމު އުސޫލަކީ ސާބިތުވާ ކަމަށް ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން އެއްވެސް މީހަކު ބަންދު ނުކުރުމެވެ. ނަމަވެސް މި އުސޫލުން އިސްތިސްނާވާ ޚާއްސަ ހަތަރު ހާލަތެއް އެ މާއްދާގައި ބުނެފައިވެ އެވެ. އެއީ ހެކި ނައްތާލަފާނެ ކަމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަފާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

އެ ހަތަރު ހާލަތުން ކުރެ ހާލަތެއް ނެތް ނަމަ، ކުށް ސާބިތުވުމުގެ ކުރިން އެއްވެސް މީހަކު ބަންދުން ކުރަން ގާނޫނު އަސާސީ ހުއްދައެއް ނުކުރެ އެވެ. ކުރުކޮށް ބުނާ، ގާނޫނު އަސާސީ ބައްޓަން ކޮށްފައި އޮތީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތުވެ، ހުކުމް ކުރުމާ ހަމައަށް އެ މީހާގެ މިނިވަންކަން ދަމަހައްޓައި ދިނުމަށެވެ. އަދި ކޮންމެހެން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ނަމަ، ތުހުމަތު ކުރެވޭ މީހާ މިނިވަންކޮށް ބަހައްޓައިގެން ތަހުގީގާއި ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު އައި ފަހުން ވޭތުވެދިޔަ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހާ ބަންދު ކޮށްގެން ތަހުގީގު ހިންގި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކެއް ޝަރީއަތުގައި މިހާރު ދަނީ ހިނގަމުންނެވެ. މިއީ ތަހުގީގު މަރުހަލާގައި ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެން ޖެހޭ މައްސަލައަށް އޮތް ހައްލަކަށް ވުމުގެ އިތުރަށް، ގިނަ ދުވަސްވުމުގެ ސަބަބުން ހެކި ގެއްލުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް ކުޑަ ވެގެން ދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ވެސް އެންމެ ބޮޑު އެއް ފައިދާއަކަށް ވާނީ ނުވަތަ އެންމެ ފުރިހަމަ ނަތީޖާ ފެންނާނީ އެކަށީގެންވާ މުއްދަތެއްގައި ޝަރީއަތްތައް ވެސް ނިމިގެންނެވެ.