ހައި ސީޒަނަށް މުއްސަނދިން ރާއްޖޭގެ ރިސޯޓުތައް ފުރާލަނީ

މިއީ ޓޫރިޒަމަށް އަންނަ ބޮޑު އީދެއް ކަހަލަ ދުވަސްވަރެކެވެ. ކްރިސްމަސް އާއި އާ އަހަރު ފެށޭ ދުވަސްވަރަށް ރާއްޖޭގެ ގިނަ ރިސޯޓްތަކުން ކޮޓަރިތައް ދުރާލާ ވިއްކަ އެވެ. ފާއިތުވި އަހަރުތަކުގައި ގިނަ ރިސޯޓުތައް ސީޒަނަށް ފުލްނުވި ނަމަވެސް މި އަހަރު ތަފާތެވެ. ރޭ ކްރިސްމަސް ފާހަގަކުރިއިރު ރާއްޖޭގެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތައް ވަނީ ފުލްވެފަ އެވެ. އަދި އާ އަހަރާ ދިމާކޮށް ކުރިޔަށް އޮތް ދުވަސްތަކަށް ގިނަ ރިސޯޓުތަކުގެ އެނދުތައް ވަނީ ވިކިފަ އެވެ.


ކޮންމެ އަހަރެއްގެ މިދުވަސްރަކީ ރިސޯޓުތަކުގެ ވެރިންނާއި އެކި ފެންވަރުގެ މުވައްޒަފުންނަށް އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި ދުވަސްވަރެވެ. މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް އަހަރުގެ ފަހު ދެ މަހު ސާވިސް ޗާޖުގެ ގޮތުގައި ހާހަކަށް ވުރެ ގިނަ ޑޮލަރު ލިބެ އެވެ.

މާލެ އަތޮޅުގައި ހިންގާ އެންމެ އަގު ބޮޑު އެއް ރިސޯޓުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހަށް މުޅި ރިސޯޓު ފުލްވެފައިވާ ކަމަށެވެ.

ރާއްޖޭގައި ހިންގާ މަތީ ފެންވަރުގެ ރިސޯޓެއް ކަމަށްވާ ފޯ ސީޒަން ރިސޯޓު ކުޑަހުރާ: މި އަހަރުގެ ސީޒަންގައި އޮކިއުޕަންސީ މަތި ކަމަށް ގިނަ ރިސޯޓުތަކުން ފާހަގަކުރޭ. ފޮޓޯ: ފޯސީޒަން

މަހުޖަނުންނާއި މަޝްހޫރު މީހުން ގިނަ އަދަދަކަށް ޗުއްޓީ ހޭދަކުރާ 122 ކޮޓަރީގެ ރިސޯޓުން ބުނީ މިދުވަސްވަރު އެވްރެޖްކޮށް ކޮޓަރިއެއް ވިއްކަނީ ރެއަކަށް 4،000 ޑޮލަރު (61،680ރ) އަށްވުރެ މަތިން ކަމަށެވެ.

"މިދުވަސްވަރު މިރަށުގައި ގިނައިން ޗުއްޓީ ހޭދަކުރަން ތިބީ ރަޝިއާ މީހުން. އެ މީހުންގެ ޑިމާންޑްތަކާ އެއްވަރަށް ހިދުމަތް ދޭން ރަށުގެ ހުރިހާ ލެވެލެއްގެ މުވައްޒަފުން ވެސް ވަރަށް ބިޒީކޮށް އުޅެމުން ދަނީ،" އެ ރިސޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ލަފާކުރާ ގޮތުގައި މި ފަހަރުގެ ސީޒަންގައި މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ހާހަކަށް ވުރެ ގިނަ ޑޮލަރު ލިބޭނެ އެވެ.

"މިދިޔަ މަހު ވެސް ސާވިސް ޗާޖާއި ޓިޕްސްގެ ގޮތުގައި ދެ ހާހެއްހާ ޑޮލަރު ލިބުނު. ކޮންމެ އަހަރެއްގެ މިދުވަސްވަރު ހުރިހާ މުވައްޒަފުން ވެސް ތިބޭނީ ތައްޔާރުވެގެން. އެއްވެސް މުވައްޒަފަކަށް ޖެނުއަރީ ނިމުމުގެ ކުރިން ޗުއްޓީއެއް ނުނެގޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ އެނދު ހުރި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ގްރޫޕްގެ ޖެނެރަލް މެޖޭނަރު ގައިސަރު ނަސީމް ވިދާޅުވީ އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ސީޒަންގައި އޮކިއުޕަންސީ ރަނގަޅު ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ އެނދުތައް ފުރާލަން ކުރިއާލައި ޑިސްކައުންޓް ދީފައި. އޭގެ ސަބަބުން ކްރިސްމަސް އަދި ނިއު އިޔާގައި އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ އޮކިއުޕަންސީ ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ. މިހާރު ގިނަ މީހުން ގެންނަ ކަމަށްވަންޏާ އަގު ހެޔޮނުކޮށް މިކަން ކުރެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ކުންފުނިތަކުން ހިންގާ ރިސޯޓުތަކުގައި ބޮޑު ޑިސްކައުންޓް ދީގެން ގެސްޓުން ގެނައި ނަމަވެސް ފޯ ސީޒަން ރިސޯޓްސް ކަހަލަ އެންމެ މަތީ ފެންވަރުގެ ރިސޯޓުތަކުގައި ޑިސްކައުންޓް ނުދީ ވަނީ އެނދުތައް ފުރާލައިފަ އެވެ. އެ ރިސޯޓުން ވެސް މިދުވަސްވަރު ކޮޓަރިއެއް ވިއްކާ އަގު އުޅެނީ ރެއަކަށް 4،000 ޑޮލަރުން މަތީގަ އެވެ.

އެންމެ މަތީ ފެންވަރު ދެ ރިސޯޓާއި ޕްރައިވެޓް އައިލެންޑެއް ހިންގާ ފޯ ސީޒަން ރިސޯޓްސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެއް އިރެއްގައި ވެސް އެ ކުންފުނިން ހިންގާ ރިސޯޓަކުން ޑިސްކައުންޓެއް ނުދޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ރިސޯޓުތަކުން ތައާރަފްކުރާނީ ވެލިއު އެޑެޑް ޕެކޭޖްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުންތަކެއް ދަނީ: ސީޒަނާ ދިމާކޮށް ކުރިޔަށް އޮތް ދިހަ ވަރަކަށް ދުވަހު ގިނަ ރިސޯޓުތައް ވަނީ ފުރިފައި.-- މިހާރު ފޮޓޯ

"އަޅުގަނޑުމެންނަށް އަގު ތިރިކޮށް މަތިކޮށް ހެދުމަކީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން މިދަނީ އަބަދުވެސް ކޮލިޓީއާ އެއްވަރުގެ ހިދުމަތްތަކެއް ދެމުން. އޭގެ ސަބަބުން މި ކުންފުނީގެ ރިސޯޓުތަކަށް ޗުއްޓީއަށް އަންނަ މީހުން ތިބެނީ ވަރަށް ހިތްހަމަޖެހިގެން،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ލިބުނު ކަމަށެވެ.

"މި ކުންފުންޏަކީ ވެސް ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ސާވިސް ޗާޖެއް ލިބޭ އެއް ރިސޯޓަށް ވާނެ. މިދިޔަ މަހަށް ވުރެ މި މަހުގެ ސާވިސް ޗާޖު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު އެއް ރިސޯޓު، ވެލާ ޕްރައިވެޓް އައިލެންޑަކީ މިދުވަސްވަރު ވަރަށް ބިޒީ ރިސޯޓެކެވެ. ފެސްޓިވް ސީޒަނާ ދިމާކޮށް އެ ރިސޯޓު ވެސް ވަނީ އެއްކޮށް ފުލްވެފަ އެވެ. އެ ރިސޯޓުން ފެސްޓިވް ސީޒަންގެ ގޮތުގައި ބަލަނީ ޑިސެމްބަރު 20 އިން ފެށިގެން ޖެނުއަރީ 12އާ ދެމެދު އެވެ.

"އޮޕަރޭޝަނަލް ހުރިހާ މުވައްޒަފުން މިވަގުތު ތިބީ ވަޒީފާގައި ވަރަށް އަވަދި ނެތި. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން އައިސް މުޅި ރިސޯޓު މިވަނީ ފުލްވެފައި،" ވެލާ އިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ވެލާއިން މިދުސްވަރު އެވްރެޖްކޮށް ކޮޓަރިއެއް ވިއްކަނީ ރެއަކަށް 5،000 ޑޮލަރު (77،100ރ.) އަށް ވުރެ މަތިންނެވެ.

"މިދުވަސްވަރު އެއްވެސް ޑިސްކައުންޓެއް ނޯންނާނެ. އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ ސީޒަންގައި އޮކިއުޕަންސީ ވަރަށް ރަނގަޅު. އެއާ އެކު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބޭ އެއް ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ ގޮތުގައި 1،100 ޑޮލަރު ލިބިފައިވެ އެވެ. އަދު މިމަހު ވެސް އެއަށް ވުރެ ބޮޑުވާނެ ކަމަށް އެ ރިސޯޓުން ލަފާކުރެ އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ސީޒަންގައި ވަނީ މަތިވެފަ އެވެ. އެކަމަކު ގިނަ ރިސޯޓުތައް އެނދުތައް ފުރާލާފައި ވަނީ ބޮޑެތި ޑިސްކައުންޓްތައް ދީގެންކަން ޓޫރިޒަމް އިންޑަސްޓްރީގެ ކުންފުނިތަކުންނެވެ.

މިދިޔަ އަހަރުގެ އާ އަހަރާ ދިމާކޮށް އައި ޕްރައިވެޓް ޖެޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި. މި އަހަރު ވެސް އާ އަހަރާ ދިމާކޮށް 38 ބޯޓު އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނޭ.

ކޮންމެ އަހަރެއްގެ ސީޒަނާ ދިމާކޮށް ގިނަ އަދަދެއްގެ މުއްސަނދިން ރާއްޖެއަށް ދަތުރުކުރަނީ ޕްރައިވެޓް ޖެޓްތަކުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެކި ރިސޯޓްތަކަށް އައި 26 ޕްރައިވެޓް ޖެޓް މިވަގުތު އެ އެއާޕޯޓުގައި އެބަ އޮތެވެ. އަދި އާ އަހަރާ ދިމާކޮށް ކުރިޔަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި 130 ޖެޓް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިދިޔަ އަހަރުގެ ސީޒަނާ ދިމާކޮށް އެއާޕޯޓަށް ޖެނުއަރީ 1 ގައި 53 ޕްރައިވެޓް ޖެޓް ޖައްސާފައިވެ އެވެ.

"މިދިޔަ އަހަރުގެ ސީޒަނަށް ވުރެ މި އަހަރުގެ ކްރިސްމަސް އަދި ނިއު އިޔާއަށް އަންނަ ޕްރައިވެޓް ޖެޓްގެ އަދަދު މަދު. ނަމަވެސް ޖެޓްގެ ސައިޒްތައް ބޮޑު. އެކަމަކު ދުވާލަކު އެވްރެޖްކޮށް ބާރަ ޖެޓް އެބަ ޖައްސާ. އޭގެ ސަބަބުން ޕާކިން ޖާގައަށް ވެސް ވަނީ ބާރުބޮޑުވެފައި،" އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް އެންމެ ބިޒީ ސީޒަނަކީ ޔޫރަޕަށް ފިނި މޫސުން ކަމަށްވާ ނޮވެމްބަރުން އޭޕްރީލް މަހާ ދެމެދެވެ. ހާއްސަކޮށް، މި ދުވަސްވަރު އަންނަ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އާދެ އެވެ.