ކުށްވެރިން އިސްލާހުވާން ލިބޭ ފުރުސަތު

ޖިނާއީ އަދުލުގެ ނިޒާމެއްގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމާ އެކު، އެ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ގެނައުމެވެ. އެކަމަކު ކުށަށް އަރައިގަންނަ ކޮންމެ މީހަކީ މިދެންނެވި ގޮތަށް އަދަބު ދޭން ޖެހޭ މީހެއް ކަމަށް ބަލައި، އެ މީހަކަށް އަދަބު ދިނުމަކީ އެކަމުން އިޖްތިމާއީ މައްސަލަތަކެއް ނިކުންނަ ކަމެކެވެ. އަދި އެގޮތަށް އަދަބު ދޭ މީހުން ބަލަހައްޓަން ދައުލަތުން ގިނަ ޚަރަދުތަކެއް ކުރަން ޖެހޭއިރު، އެފަދަ މައްސަލަތަކުގައި ދައުލަތާއި ކޯޓުތަކުން ހޭދަ ކުރަން ޖެހޭ ވަގުތު ވެސް ގިނަ އެވެ.


އެހެންވެ، ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ މައިގަނޑު ސިޔާސަތަކީ ބޮޑެތި އަދި ސީރިއަސް ކުށްތައް ފިޔަވައި، އެހެން ކުށްތަކުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވައްދާ މީހުންގެ އަދަދު ނިސްބަތުން މަދު ކުރުމެވެ. އަލަށް ކުށްކުރާ މީހުންނަށް އަދި ކުދި ކުށްތަކުގައި ހިމެނޭ މީހުންނަށް، މިދެންނެވި ސިޔާސަތުގެ ދަށުން، ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމެކެވެ.

ލުއި ގޮތްތަކެއް ކުރިން ހަމަޖައްސައި ދެމުން އައީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. ފަހުން 2014 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފެށި އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ވެސް ލުއިތަކެއް ދިޔައީ ދެމުންނެވެ. އޭގެ ފަހުން، މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނުން ވެސް ވަނީ ކުދި ކުށްތަކުގައި ދައުވާ ނުކުރުން އަދި ދައުވާކުރާ ހާލަތުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެވޭނެ ގޮތަށް ފުރުސަތު ތަނަވަސްކޮށްފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ލުއި ގޮތްތައް ހަމަޖައްސައި ދެނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލުމެވެ. އަނެއް ގޮތަކީ ކުށްކުރާ މީހާ ކޯޓުގައި ކުށަށް އިއުތިރާފްވާނެ ކަމަށް އެއްބަސްވުމުން އެ މީހެއްގެ އަދަބު ލުއިކޮށް ދޭން ދައުލަތުން ކޯޓުގައި އެދުމެވެ. މިއީ އިސްލާހުވެ، އަނބުރާ މުޖްތަމައަށް އަންނަން ބޭނުންވާ މީހުންނަށް އޮތް ފުރުސަތެކެވެ.

ޝަރުތުތަކާ އެކު، ދައުވާ ނުކޮށް ދޫކޮށްލުން

ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކުރާ އުސޫލަކީ ހަމައެކަނި ކުދި ކުށްތައް ކުރާ މީހުންނަށް އޮންނަ ފުރުސަތެކެވެ. އެ އުސޫލުގެ ދަށުން ދައުވާ ނުކޮށް ދޫކޮށްލާނީ އެއް އަހަރަށް ވުރެ ކުރު އަދަބު އަންނަ ކުށްތަކުގައި ހިމެނޭ މީހުންނެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުން ހިފަން ބޭނުންވާ ނަމަ ތަހުގީގު މަރުހަލާގައި އެ މީހަކު އެ ކުށަށް އިއުތިރާފް ވާން ޖެހޭނެ އެވެ. ޕީޖީ ކަނޑައަޅާ ޝަރުތުތަކަށް އެ މީހަކު އެއްބަސްވާން ޖެހެ އެވެ.

މީގެ އިތުރުން އެ މީހަކަށް ދައުވާ ކުރަން ނިންމާ ދުވަހުން ފެށިގެން ތިން އަހަރު ތެރޭގައި އިތުރު ކުށެއް ނުކުރުމަކީ ވެސް ޝަރުތެކެވެ. އެ މުއްދަތުގައި އިތުރު ކުށެއް ކުރީ ކަމަށް ބަލާނީ، އެ މީހެއްގެ މައްޗަށް އިތުރު މައްސަލައެއް ދައުވާ ކުރަން އެދި ތަހުގީގީ އިދާރާއަކުން ފޮނުވާ މައްސަލައެއްގައި ދައުވާ ކުރަން ޕީޖީ ނިންމާ ހިސާބުން ފެށިގެންނެވެ.

އެ އުސޫލުގެ ދަށުން ފުރުސަތު ދޭ ނަމަ، ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދުގެ ދަށުން ޕީޖީގެ ފަރާތުން ތިން ޝަރުތެއް އެ މީހަކަށް ކަނޑައަޅާނެ އެވެ. އެއީ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އިތުރު ކުށެއްގެ ތުހުމަތުގައި ތިން ފަހަރަށް ވުރެ ގިނައިން އެ މީހަކު ހައްޔަރުކުރާ ފަދަ ކަމެއް ނުކުރުން އަދި ދައުވާ ނުކުރަން ނިންމި މައްސަލާގައި ގެއްލުމެއް ލިބުނު ފަރާތެއް ހުރި ނަމަ އެ މީހެއްގެ ފަރާތުން ޝަކުވާއެއް އަންނަ ފަދަ ކަމެއް ނުކުރުމުގެ އިތުރުން އެއްވެސް ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި އެ މީހަކު ބައިވެރިވެފައިވާ ނަމަ އެ ޕްރޮގްރާމެއް ފުރިހަމަ ކުރުމެވެ.

ހެކި ހޯދުމަށް ކްރައިމް ސީނެއް ބަންދު ކޮށްފައި: ކުށަށް އިއުތިރާފްވާ ނަމަ އަދަބު ލުއިކޮށްދެވިދާނެ .--ފޮޓޯ/މިހާރު

މިދެންނެވި ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތަކާ ޚިލާފްވެއްޖެ ނަމަ، ދައުވާ ނުކުރަން ނިންމާފައި އޮތް މައްސަލާގައި އެ މީހަކަށް ދައުވާ ކުރާނެ އެވެ. މިއީ އެ ފުރުސަތުގެ ބޭނުން ހިފާ މީހުން އަދި ޚާއްސަކޮށް އަލަށް ކުށްކުރާ މީހުން އިތުރު ކުށެއް ނުކުރަން ބާރު އެޅޭ ކަމެކެވެ.

މި އުސޫލުގެ ދަށުން ނަސޭހަތް ދިނުމަށް ފަހު ދައުވާ ނުކޮށް، ދޫކޮށްލަން ބާރު އަޅާ ކަންކަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން، ކުށުގެ ސަބަބުން ލިބުނު ގެއްލުން ކުޑަވުމާއި އެ ގެއްލުމަށް ބަދަލު ދީފައި ވުމާއި އެ މީހަކީ އަލަށް ކުށެއް ކުރި މީހަކަށް ވުން ނުވަތަ އެހެން ކުށެއްގެ ދައުވާ އުފުލިފައި ނެތް މީހަކަށް ވުމާއި ޒިންމާދާރުކަމާ އެކު އާއިލާއެއް ބަލަމުން ދިއުމަކީ އެ ގާނޫނު ބުނާ ގޮތުން ނަސޭހަތް ދިނުމަށް ފަހު، ދައުވާ ނުކޮށް ދޫކޮށްލަން ބާރު އަޅާ ކަންކަމެވެ. އެކަންކަމަށް ބަލައި، އެ މީހަކަށް އެ ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނީ ޕީޖީ އެވެ.

ކުށަށް އިއުތިރާފްވެގެން އަދަބު ލުއި ކުރެވިދާނެ

ބައެއް ކުށްތަކަކީ އޭގެ ޒާތުގައި، ކުރިން މިދެންނެވި އުސޫލުން ދައުވާ ނުކޮށް ދޫކޮށްލެވެން ނޯންނަ ބާވަތުގެ ކުށްތަކެވެ. މިސާލަކަށް، އެއް އަހަރަށް ވުރެ ދިގު ހުކުމެއް އަންނަ ބާވަތުގެ ކުށެއްގައި ހިމެނޭ މީހަކަށް، އެ އުސޫލުން ދައުވާ ނުކޮށް ދޫކޮށްލެވޭކަށް ނޯންނާނެ އެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުން ނުހިފޭ މީހުންނަށް ވެސް ޖިނާއީ އިޖްރާއާތުގެ ގާނޫނުން މަގެއް އެބަ އޮތެވެ.

އެއީ ކޯޓުގައި ކުށަށް އިއުތިރާފްވާނެ ކަމަށް ދުރާލާ އެ މީހަކު އެއްބަސްވުމުން، އެ މީހެއްގެ އަދަބު ލުއިކުރަން ދައުލަތުން ކޯޓުގައި އެދޭ އުސޫލެވެ. މިގޮތަށް އަދަބު ލުއިކުރަން ބޭނުން ނަމަ އެ މީހަކު ޖެހޭނީ ޕީޖީ އޮފީހުގައި އެކަމަށް އެދޭށެވެ. ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު، އެ މީހަކަށް އެ ފުރުސަތު ދޭން ޕީޖީ ނިންމައިފި ނަމަ އެކަމުގެ އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރާނެ އެވެ.

އެފަދަ އެއްބަސްވުމެއް ހަދައިފި ނަމަ، ތުހުމަތުކުރެވޭ މީހާގެ ޒިންމާއަކީ ކޯޓުގައި އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވުމެވެ. އޭރުން ޕީޖީން ކޯޓުގައި އެދޭނީ އެ މީހާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ލުއި އަދަބު ދިނުމަށެވެ. އެކަމަކު، ތުހުމަތުކުރެވޭ މީހާ ކޯޓުގައި ދައުވާ އަށް އިންކާރުކޮށްފި ނަމަ، އަދަބު ލުއިކޮށް ދިނުމުގެ އެއްބަސްވުން ބާތިލްވާނެ އެވެ. އޭރުން އެ މީހަކަށް ކުށް ސާބިތުވާ ހާލަތުގައި، އެއްބަސްވުމުގައި އޮތް ލުއި އަދަބެއް ނުލިބޭނެ އެވެ.

އެފަދަ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށް ދެވޭނީ އެ ކުށަކަށް އޮންނަ އެންމެ ލުއި އަދަބަކާ ހަމައަށެވެ. އޭގެ މާނައަކީ، މިސާލަކަށް ކުށެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާ ނަމަ، އެފަދަ އެއްބަސްވުމެއްގެ ދަށުން އެންމެ ބޮޑު ލުޔެއްގެ ގޮތުގައި ޕީޖީއަށް ކޯޓުގައި އެދެވޭނީ 10 އަހަރަށް އަދަބު ކުޑަކޮށް ދިނުމަށެވެ. އެއަށް ވުރެ އަދަބު ކުޑައެއް ނުކުރެވޭނެ އެވެ.

އެކަމަކު ބައެއް ކުށްތަކުގައި ލުއި އަދަބެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެފަދަ ކުށެއްގައި ނަމަ، އެ ކުށެއްގެ އަދަބުގެ ދެ ބައި ކުޅަ އެއްބަޔަށް ވުރެ ކުޑަ ނުވާ މިންވަރަކަށް އަދަބު ލުއި ކޮށްދޭން ޕީޖީއަށް އެދެވިދާނެ އެވެ. މާނައަކީ މިސާލަކަށް، ކުށަކަށް ގާނޫނުގައި އޮންނަ ހަމައެކަނި އަދަބަކީ 10 އަހަރަށް ޖަލަށް ލުން ކަމަށްވާ ނަމަ، ފަސް އަހަރަށް ވުރެ ކުޑަ ނުވާނެ ފަދަ އަދަބެއް އިއުތިރާފްވާ މީހާއަށް ދިނުމަށް ޕީޖީއަށް އެދެވިދާނެ އެވެ.

އެފަދަ އެއްބަސްވުމެއް ހެދިޔަސް، ފަހަރެއްގައި ކޯޓުން އެ އެއްބަސްވުން ބަލައިނުގަތުމުގެ ފުރުސަތު އޮވެދާނެ އެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ދެ ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރިޔަސް، އެފަދަ އެއްބަސްވުމެއް ބަލައިނުގަތުމަށް ނިންމުމުގެ ބާރު ކޯޓަށް ލިބެ އެވެ. އޭގެ ބަދަލުގައި، އެއްބަސްވުން ކޯޓުން ބަލައިގެންފި ނަމަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހިންގައި، އެއްބަސްވުމުގައި ބުނާ ލުއި އަދަބު ކަނޑައަޅާނެ އެވެ.

އިއުތިރާފްގެ އެއްބަސްވުމެއް ބަލައިނުގަތުމަށް ކޯޓުން ނިންމިޔަސް، އެ ހާލަތުގައި ވެސް އަމަލު ކުރާނީ ތުހުމަތު ކުރެވޭ މީހާގެ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތަށެވެ. އެ ހާލަތުގައި އޮތް ފައިދާއަކީ އެ މީހަކު ވެފައިވާ އިއުތިރާފް އަނބުރާ ގެންދިއުމުގެ ފުރުސަތު އޭނާއަށް ލިބުމެވެ. އޭރުން ދައުލަތާ އެކު އެ މީހާ ހެދި އެއްބަސްވުން ވެސް އެ މީހަކާ ދެކޮޅަށް ބޭނުމެއް ނުކުރެވޭނެ އެވެ.

ކުށާއި އަދަބު ބަޔާންކޮށް، ގާނޫނުތައް ހަދަނީ ކޮންމެހެން ބަޔަކަށް އަދަބުތަކެއް ނުދެވިގެނެއް ނޫނެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމެއްގެ މަގްސަދެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ ނިޒާމުގެ މަގްސަދަކީ ކުށަށް އަރައިގަންނަ މިންވަރު މަދު ކުރުމާއި ކުށްކުރާ މީހުން އިސްލާހުކޮށް، އަނބުރާ މުޖްތަމައަށް ގެނައުމެވެ. ކުށަށް އަރައިގަތުމުން ދުރުވެ، އިސްލާހުވާން ބޭނުންވާ މީހުންނަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެ ފުރުސަތު މި އޮތީ ހުޅުވާލައިފަ އެވެ.