ސުނާމީއަށް 13 އަހަރު، އަޑުއަހަން ޖެހޭ ޝަކުވާތަކެއް

މީގެ 13 އަހަރު ކުރިން ކުރިމަތިވި ސުނާމީގައި އެންމެ ބޮޑު ގެއްލުމެއްވި އެއް ރަށް ކަމަށްވާ ތ. ވިލިފުށީ، ޕެރިސް ވިލާ، މުހައްމަދު އަކްރަމް، 37، އޭރު ދިރިއުޅެމުން ދިޔައީ އަށް މީހުންނާ އެކު އަމިއްލަ ގޭގަ އެވެ. ސުނާމީގެ ބިޔަ ރާޅުތަކުގެ ދަށުވެ އެމީހުންގެ ދެ ގެ ހަލާކުވި އެވެ. އެއީ މަންމަގެ ގެ އާއި ބައްޕަގެ ގެ އެވެ. އެ ހާދިސާއަށް ފަހު ވަގުތީ ގޮތުން ދިރިއުޅެން ޖެހުނީ ތ. އަތޮޅުގެ އެކި ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގަ އެވެ. އޭރު އޭނާ ކައިވެންޏެއް ވެސް ނުކުރެ އެވެ.


ސުނާމީ އެރިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އަކްރަމް ވަނީ ކައިވެންޏެއްކޮށް އަމިއްލަ ދިރިއުޅުމެއް ފަށާފަ އެވެ. މިހާރު އޭނާއަކީ ދެ ކުދިންގެ ބައްޕައެކެވެ. ސުނާމީއަށް ފަހު ވިލިފުށި ތަރައްގީކޮށް ދާއިމީ ބޯހިޔާވަހިކަން ދިނުމަށް އެރަށުގައި އެޅި 309 ގެ 2009 ގައި ބެހިއިރު އަކްރަމްގެ އާއިލާއަށް ލިބުނީ ތިން ކޮޓަރީގެ އެންމެ ގެއެކެވެ.

ސުނާމީގައި ތ. ވިލިފުއްޓަށް ލިބިފައިވާ ގެއްލުން-- ފޮޓޯ: ޔުނެސްކޯ

"މަންމަ އަށް ލިބުނީ ގެ. މަންމަ އުޅެނީ މީހަކާ އިނދެގެން އެގޭގައި. އަޅުގަނޑުމެން މިއަދު މީހުންނާ އިނދެގެން އުޅެން ބަލާއިރު ވަންނާނެ ދާއިމީ ބޯހިޔާވަހިކަމެއް ލިބިފައެއް ނެތް،" އަކްރަމް ބުންޏެވެ.

އޭނާ އާއިލާ ގޮވައިގެން މިހާރު ދިރިއުޅެމުން އަންނަނީ ދައްތައެއްގެ ގޭގައި އެންމެ ކޮޓަރިއެއްގެ ތެރޭގަ އެވެ.

"ދޮށީ ދަރިފުޅަށް 12 އަހަރު. ދެ ކުދިން ގޮވައިގެން ދިރިއުޅެން މި ޖެހެނީ އެއް ކޮޓަރީގައި. ވަންނާނެ އެހެން ތަނެއް ނެތް. ދެން ވިސްނަވާ އުޅޭނެ ދަތި ހާލު،" އަކްރަމް ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ސުނާމީގައި އެއް ގެ ހަލާކުވި ބައެއް އާއިލާތަކަށް އެއަށް ވުރެ ގިނައިން ގެ ލިބިފައިވެ އެވެ. އެކަމަކު އެއީ ނުފޫޒް ބޭނުންކޮށްގެން ހޯދި ގެތައް ކަމަށް އަކްރަމް ދެކެ އެވެ. އަދި އަށް މީހުންގެ އެ އާއިލާއަށް ތިން ކޮޓަރީގެ އެންމެ ގެއެއް ދިނުމަކީ އިންސާފު ނޫން ކަމަށާއި އޭގެ ސަބަބުން އެމީހުން މިހާރު ބިކަވެފައިވާ ކަމަށް އޭނާ ބުނެ އެވެ.

ހަމަ އެފަދަ އެހެން އާއިލާއެކެވެ. ސުނާމީގެ ކުރިން އެއާއިލާ ދިރިއުޅެމުން ދިޔައީ 1200 އަކަފޫޓްގެ ގެއެއްގައި އަށް ކޮޓަރީގަ އެވެ. އެގޭގައި އެއްބަނޑު އެއްބަފާ އަށް ބެއިންނާއި 24 ކުދިން ދިރިއުޅުނެވެ. ސުނާމީގައި އެގެ ހަލާކުވެ ހާލުގައި ޖެހުނު އިރު އެއާއިލާއަށް ވެސް ލިބުނީ ތިން ކޮޓަރީގެ އެންމެ ގެއެކެވެ. ނަތީޖާއަކަށް ވީ އާއިލާގެ ގިނަ ބަޔަކު މަގުމަތިވުމެވެ.

ސުނާމީގައި ވިލިފުށިގެ ގެއެއް ހަލާކުވެފައި - ފޮޓޯ: ޔުނެސްކޯ

"ކިހިނެއް ތިން ކޮޓަރީގައި ހުރިހާ އާއިލާއެއް އުޅޭނީ. އެންމެ ފަހުން އެކި ކުދިން އެކި ތަންތަނަށް ދާން ޖެހުނީ. އެއްބަޔަކު މާލޭގައި ކުލި ދައްކައިގެން. އަނެއް ބަޔަކު ރަށުގައި ކުލި ދައްކައިގެން. ދާއިމީކޮށް ވަންނާނެ ހިޔާވައްސެއް ނެތް. ވަރަށް ދަތިކޮށް އުޅެމުން މިދަނީ،" އެއާއިލާގެ ޒިންމާތަކާ ހަވާލުވެގެން ހުރި ފިރިހެނަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ސުނާމީ އެރިއިރު 40 ހެކްޓަރުގެ ވިލިފުށި ފަހުން ތަރައްގީކުރީ ހިއްކައިގެން 61 ހެކްޓަރުގެ ބިމެއް އޮތް ރަށެއްގެ ގޮތުގަ އެވެ. ނަމަވެސް އެރަށުން އާންމުންނަށް ގޯތި ދުލެއް ނުކުރެ އެވެ. ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެޅި ގެތައް ނުލިބޭ މީހުންނަށް އަމިއްލަ ގެއެއް އަޅާނެ ފުރުސަތެއް ނެތެވެ. އެރަށުގައި އަޅަން ފަށާފައިވާ 100 ގޭގެ މަސައްކަތް ވެސް ހުއްޓިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ވިލިފުށީގައި 309 ގެ އިމާރާތްކުރި އެވެ. ނަމަވެސް ގެއެއް ނުލިބޭ އެތައް ބަޔަކު އެރަށުގައި ދިރިއުޅެ އެވެ. އޭރު ގެ ދޫކުރީ ކޮންމެ ހަ މީހަކަށް ގެއެއްގެ އުސޫލުންނެވެ. ނަމަވެސް ސުނާމީ އެރި އިރު ރަށުގެ އާބާދީ އާއި އަމިއްލަ ދިރިއުޅުން ފަށާފައިވާ މީހުންގެ އަދަދު 2009 ގައި އޮތީ ބަދަލުވެފަ އެވެ. އާ ކައިވެނިތަކާ އެކު އިތުރު އެތައް އާއިލާއެއް އޮތީ އުފެދިފަ އެވެ. ކުރިން ނަމަ މައިންބަފައިންގެ ގޭގައި ކޮންމެވެސް ތަނެއް ހަދައިގެން އުޅެވެން އޮތް ނަމަވެސް ސުނާމީއާ ގުޅިގެން އެޅި ގެތަކުގައި އެ ފުރުސަތެއް ނެތެވެ.

ވިލިފުށީ ކައުންސިލްގެ ރައީސް ހުސެއިން އަބްދުލްސަލާމް ވިދާޅުވި ގޮތުގައި އެއްވެސް ގޮތަކަށް ގެއެއް ނުލިބޭ ފަސް އާއިލާ އެރަށުގައި އުޅޭ ކަމަށެވެ. ގެދޮރު ލިބުނު ފަރާތްތަކުގެ ތެރެއިން ވެސް ގިނަ ބަޔަކު އުޅެނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިފުށީގައި އަލުން ގެތައް އިމާރާތްކޮށްފައި: ރަށަށް 20 ހެކްޓަރުގެ ބިން ވެސް އިތުރުކުރި

"ގިނަ ބަޔަކު އުޅެނީ ވަރަށް ދަތިކޮށް. ޗުއްޓީއަށް ރަށަށް ނާދެވޭ އުޅޭނެ ތަނެއް ނުހުންނާނެތީ. އެއް ކޮޓަރީގައި ދެމަފިރިންނާއި އެތައް ބަޔަކު އެކުގައި ނިދައިގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.

ބޭރު ފަރާތްތަކުގެ ހިލޭ އެހީގައި އެޅި ގެތައް ނުލިބޭއިރު ރަށުން ގޯތި ދޫނުކުރާ ސަބަބާ ގުޅޭ ގޮތުން ސަލާމް ވިދާޅުވީ އެރަށު ބިމުގައި ޖާގަ އޮތް ނަމަވެސް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ގޯތި ދޫކުރުން ނުހިމެނޭތީ ބިން ދޫކުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

އިޖުތިމާއީ މައްސަލަތައް ގިނަ

އެއް ގެއެއްގެ ތެރޭގައި އެތައް ބަޔަކު ދިރިއުޅެން ޖެހުމާއި ބޮޑެތިވެފައިވާ ކުދިންނާ އެކު ދެމަފިރިން އެއް ކޮޓަރިއެއްގައި ނިދަން ޖެހުން ފަދަ ކަންކަމުން ވިލިފުށީ އާބާދީގެ ތެރޭގައި އުފެދޭ އިޖުތިމާއީ މައްސަލަތައް ގިނަ އެވެ. ހާއްސަކޮށް އާއިލީ މައްސަލަތަކެވެ.

"ކުދިން ލިބުނީމަ އެކިއެކި މައްސަލަތައް އެބަ ކުރިމަތިވޭ އާއިލާތަކަށް. އޭގެ ސަބަބުން އާއިލާތަކުގެ ތެރޭގައި މައްސަލަތައް ޖެހޭ،" ސަލާމް ވިދާޅުވި އެވެ.

ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހިގެން ދިރިއުޅެން ޖެހުމުގެ ސަބަބުން ކުދިންގެ އަހުލާގަށް ބަދަލުތައް އަންނަ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ.

ސަރުކާރުން ބުނަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފިކަމަށް

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން މި ސަރުކާރުން މިހާރު ފޯރުކޮށްދީފަ އެވެ.

ކުރިން ހުރި ބޮޑެތި ގެތަކަށް އެންމެ ގެއެއް ދިނުމުން ދާއިމީ ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް ހިޔާވަހިކަން ހޯދައިދޭން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި ނުވި އެވެ.

ސުނާމީގައި ހާލުގައި ޖެހުނު މީހުން ރާއްޖޭގެ އެކި ރަށްރަށުގައި ގެތައް އިމާރާތްކުރިއިރު އެތައް ގޮންޖެހުމެއް ކުރިމަތިވި އެވެ. ސުނާމީގެ ހިތްދަތި ހާދިސާއަށް މިއަދު 13 އަހަރު ވެގެން ދާއިރު، ވިލިފުށީގެ ބައެއް އާއިލާތަކުގެ އިތުރުން ބޮޑެތި ގެއްލުންތައް ލިބުނު އެހެން ރަށްރަށުގެ ބައެއް އާއިލާތަކަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބަ އޮތެވެ. އެހެންކަމުން އަމިއްލަ ރަށުން އަމިއްލަ ބޯހިޔާވަހިކަމަކަށް އެދިއެދި އެތައް ބަޔަކު އެބަ ތިއްބެވެ. އެމީހުން ބޭނުންވަނީ އެ ހިތްދަތިކަމަށް ހައްލެއް ލިބުމެވެ. އަދި އެ ޝަކުވާތައް އަޑުއެހުމެވެ.