ތަހުގީގުގައި ހެދޭ ކުޑަ ގޯހަކުން ވެސް ކުށްވެރިޔާ ދޫވެދާނެ!

ކުރިން ނަމަ ޖިނާއީ ތަހުގީގުތައް ހިންގުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގަމުން އައީ ކަމާ ބެހޭ މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެކަމަކު މިދިޔަ ޖުލައި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއާތުގެ ގާނޫނާ އެކު އެ ހުރިހާ ކަމެއް މިވަނީ ބަދަލުވެފަ އެވެ.


ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ހައްޔަރު ކުރުމާއި ބަލައި ފާސްކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގެ ހުރިހާ އިޖްރާއާތެއް ބަޔާންކޮށްފައިވެ އެވެ. ހައްޔަރު ކުރުމާއި ބަލައިފާސް ކުރުން ފަދަ އާދައިގެ ކަންކަމުގައި އަމަލު ކުރަން ޖެހޭ އެންމެ ކުދިކުދި ކަންކަން ވެސް އެ ގާނޫނުގައި އޮތީ ތަފްސީލު ކޮށްދީފަ އެވެ. އެހެންވެ، ކުރީގެ ހުރިހާ އުސޫލުތަކެއް ދޫކޮށްލުމަށް ފަހު މިހާރު ބަލަން ޖެހެނީ އެ ގާނޫނަށެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުން ފަސްކުރީ ވެސް ގާނޫނަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އޭގެ ބޭނުމަކަށް ވީ އެ ގާނޫނު އައުމާ އެކު، ކުރީގެ އެތައް އުސޫލެއް ދޫކޮށްލައި، އެ ގާނޫނުގައި ބުނާ އިޖްރާއާތުތަކަށް އަމަލު ކުރަން ޖެހޭތީ އެކަމަށް އަހުލުވެރިވާން މުއައްސަސާތަކަށް އިތުރު ވަގުތު ދިނުމެވެ. އެކަމަކު ބައެއް ފަހަރު ހެދޭ ކުދި ގޯސްތަކުގެ ސަބަބުން ބައެއް މީހުން މަދުން ނަމަވެސް ދޫވަމުންދާ މަންޒަރު އެބަ ފެނެ އެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް މިދިޔަ ނޮވެމްބަރު މަހު މެޖިސްޓްރޭޓް ކޯޓަކުން ބާތިލްކުރީ ގާނޫނުގައި ބުނާ ގޮތަށް، ގާނޫނީ އިންޒާރު ދީފައި ނެތުމުންނެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 44 ވަނަ މާއްދާ ބުނާ ގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި ނަމަ ހަ ކަމެއް ހިމެނޭ ގޮތަށް ގާނޫނީ އިންޒާރެއް އެ މީހަކަށް ދޭން ޖެހެ އެވެ. އެގޮތުން ދޭ ގާނޫނީ އިންޒާރުގައި އެއިން އެންމެ ކަމެއް މަދުވި ނަމަވެސް އެ ގާނޫނީ އިންޒާރު ފުރިހަމަ ނުވާނެ ކަމަށް ބުނެފައިވެ އެވެ.

މިދެންނެވި މައްސަލާގައި ހައްޔަރުކުރި މީހާއަށް ގާނޫނީ އިންޒާރު ދިންއިރު، ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮތްކަން އޭނާއަށް އެންގި އެވެ. އެކަމަކު އަމިއްލަ އަށް ވަކީލަކު ހަމަޖެއްސޭ ފަދަ މާލީ ތަނަވަސްކަން ނެތް ނަމަ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން އެދެވިދާނެ ކަން އެ އިންޒާރުގައި އޭނާއަކަށް ނާންގަ އެވެ. އެހެންވެ، ކޯޓުން ނިންމީ ގާނޫނުގައި ބުނާ ގޮތަށް ގާނޫނު އިންޒާރު ފުރިހަމަ ނުވާތީ އެ ދައުވާ ބާތިލް ކުރުމަށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރު ދެ ދައުވާއެއް ވެސް މިދިޔަ އޮކްޓޫބަރު މަހު ކްރިމިނަލް ކޯޓުން ބާތިލްކުރީ ތުހުމަތުކުރި މީހާ ހައްޔަރު ކުރިއިރު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ އިޖްރާއާތާ އެއްގޮތަށް އަމަލު ކޮށްފައި ނެތުމުންނެވެ. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި ނަމަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންގޮސް ހައްޔަރާ މެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ލާޒިމް ކޮށްފައި ވިޔަސް، އެ މައްސަލާގައި އެގޮތަށް އަމަލު ކޮށްފައި ނެތުމުން ކޯޓުން އެ ދައުވާ ވެސް ބާތިލްކުރީ އެވެ.

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ސަފާރީއަކުން ފުލުހުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ކޭސްތަކެއް އޭގެ ވެރިފަރާތާ އަނބުރާ ހަވާލު ކުރަން ކުރި އަމުރުންނެވެ. ކޯޓުގެ ނިންމުމުގައިވާ ގޮތުން އެ ތަކެތި ފުލުހުން ހިފެހެއްޓީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށެވެ. ކޯޓުން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ސަފާރީން ހިފެހެއްޓި ތަކެތީގެ އިންވެންޓްރީ ލިސްޓް ވެރިފަރާތާ ހަވާލުކުރީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ލަސް ކަމަށެވެ.

ޖިނާއީ މައްސަލައެއްގައި ތަނެއް ނުވަތަ އުޅަނދެއް ފާސްކޮށް މުދަލެއް ހިފަހައްޓާ ނަމަ ހިފަހައްޓާ ތަކެތީގެ މައުލޫމާތު ހިމެނޭ އިންވެންޓްރީ ލިސްޓެއް ވެރިފަރާތަށް ދޭން ޖެހެ އެވެ. އެ ލިސްޓް ދޭން ޖެހޭ ވަކި މުއްދަތެއް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ނެތަސް، އެ ގާނޫނުގެ ދަށުން ބާރު ލިބިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ ޕްރޮސެކިއުޓް ކުރުމުގެ ގަވާއިދު ބުނާ ގޮތުން މުދާ ހިފަހައްޓާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ވެރިފަރާތަށް ލިސްޓް ދޭން ޖެހެ އެވެ.

އެކަމަކު ސަފާރީން އަތުލައިގަތް ބަނގުރަލާއި ބިޔަރު ކޭސްތަކުގެ އިންވެންޓްރީ ލިސްޓް ފުލުހުން ދިނީ 48 ގަޑިއިރު ހަމަވިތާ އެއް ދުވަސް ފަހުންނެވެ. މިއީ އެ ތަކެތި އަނބުރާ ހަވާލުކުރަން ކޯޓުން އެންގި އެންގުމުގައި ފާހަގަކުރި އެއް ސަބަބެވެ.

ކްރައިމް ސީނެއް ބަންދު ކޮށްފައި: އިޖްރާއާތުގައި މައްސަލަ ހުރުމުން ބައެއް ދައުވާތައް ކޯޓުން ކުރިން ވަނީ ބާތިލް ކޮށްފައި -- ފޮޮޓޯ/މިހާރު

ފުލުހުން ބުނެފައިވާ ގޮތުގައި އެ ތަކެތި ހިފެހެއްޓީ ގަވާއިދާ ޚިލާފަށް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެގޮތުން އެ ތަކެތީގެ ހިސާބުތައް އެނގޭނެ ލިޔުންތައް ފެންނަން ނެތުމާއި ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް އެ ސަފާރީގައި ބަނގުރަލާއި ބިޔަރު ދަޅު ހުރިކަން ފާހަގަވި ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ކޯޓުގެ ނިންމުމުގައި ވަނީ ސަފާރީގައި ބަނގުރަލާއި ބިޔަރު ގެންގުޅުމުގައި ގަވާއިދާ ޚިލާފް ކަމެއް ކުރާ ނަމަ އެކަމެއްގެ ތުހުމަތު އެންމެ ފުރަތަމަ ކުރެވެން ވާނެ ފަރާތަކީ ސަފާރީގެ ވެރިފަރާތް ކަމަށާއި އެކަމަކު އެފަދަ ތުހުމަތެއް ވެރިފަރާތުގެ މައްޗަށް ފުލުހުން ކޮށްފައި ނެތް ކަމަށެވެ. ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ހިފެހެއްޓުމުގެ ބާރު ގާނޫނުން ފުލުހުންނަށް އޮތަސް، އެގޮތަށް ހިފެހެއްޓޭނީ އެ އެއްޗެއް ނިސްބަތްވާ ފަރާތާ މެދު ތުހުމަތެއް އޮންނަ ހާލަތުގައި ކަމަށް އެ ނިންމުމުގައި ބުނެ އެވެ.

މި ފާހަގަކޮށްލީ ތަހުގީގު މަރުހަލާގައި ހެދިފައި ހުންނަ އާދައިގެ ގޯސްތަކުގެ ސަބަބުން ދިމާވެފައި ހުރި މައްސަލަތަކެވެ. ތަހުގީގު މަރުހަލާއަކީ ޖިނާއީ މައްސަލައެއްގައި އެންމެ މުހިންމު އެއް މަރުހަލާ އެވެ. އެ މައްސަލައަކާ ގުޅޭ ހެއްކާއި ގަރީނާއެއް ހޯދައި، ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، މައްސަލައާ ގުޅުން ހުރި މައުލޫމާތު އެއްކުރަނީ ތަހުގީގު މަރުހަލާގަ އެވެ. ދައުވާ އުފުލާނީ ތަހުގީގުން ލިބޭ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްގެންނެވެ. ކުރުކޮށް ބުނާ ނަމަ، ތަހުގީގު މަރުހަލާއަކީ ބިންގާ އަޅާ މަރުހަލާ އެވެ.

އެހެންވެ، އެ މަރުހަލާގައި ހުރިހާ ކަމެއް ވެސް ހިނގަނީ ކަނޑައެޅިފައިވާ އިޖްރާއާތާ އެއްގޮތަށް ކަން ކަށަވަރު ކުރުން މުހިންމެވެ.

ފާސްކޮށް ހެކި ހޯދުމާ ގުޅޭ އުސޫލުތައް ޖިނާއީ އިޖްރާއާތުގައި ބަޔާން ކޮށްފައި އޮވެ އެވެ. އެކަމަކު އެ އިޖްރާއާތާ ޚިލާފަށް ހެކި ހޯދައިފި ނަމަ، އެއީ ކިތަންމެ ވަރުގަދަ ހެއްކަކަށް ވިޔަސް އެ ހެކި ކޯޓަށް ބަލައިނުގަތުމުގެ ފުރުސަތު އޮންނާނެ އެވެ. ސަބަބަކީ ގާނޫނާ ޚިލާފަށް ހޯދާ ހެކިތައް ޝަރީއަތަށް ބަލައިގަތުން ގާނޫނު އަސާސީން މަނާ ކުރާތީ އެވެ.

ހައި ކޯޓުން ކުރިން ކުރި ހުކުމެއްގައި ވަނީ "ބާތިލް ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމެއް ބާތިލް ވާނެ" ކަމަށެވެ. މާނައަކީ އިޖްރާއާތެއް ގޯސްކޮށް ހިންގައިފި ނަމަ، އެކަމަކާ ގުޅިގެން އޭގެ ފަހުން ކުރާ ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމެވެ. އޭގެ މިސާލެއް ފާހަގަ ކޮށްލާނަމެވެ.

މީގެ އަހަރުތަކެއް ކުރިން މާލޭގެ އޮފީހެއް ފާސްކޮށް ދެ ކިލޯއަށް ވުރެ ގިނަ ޑްރަގް ފުލުހުން ހޯދައި، މީހަކު ހައްޔަރުކުރި އެވެ. އެ އޮފީހުން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުން ތުހުމަތުކުރެވޭ މީހާގެ ފިންގަޕްރިންޓް ވެސް ފެނުނެވެ. އެ މައްސަލާގައި އެ މީހާ އުމުރަށް ޖަލަށް ލާފައި ވަނިކޮށް ހައި ކޯޓުން 2014 ގައި މިނިވަންކުރީ އެ މަސްތުވާތަކެތި ފެނުނު އޮފީހަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއް ނެތި ކަމަށް ވާތީ އެވެ. އެ އޮފީހުން ފެނުނު މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓުން ފެނުނު ފިންގަޕްރިންޓަކީ ކިތަންމެ ވަރުގަދަ ހެއްކެއް ކަމަށް ވިޔަސް، އެ ހެއްކާ ހަމައަށް ވާސިލްވި އިޖްރާއާތު ގޯސްވީ އެވެ.

މިއީ ތަހުގީގީ އިދާރާތަކުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވެސް ޒިންމާ އޮތް ކަމެކެވެ. އެހެނީ، ޕީޖީ އަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބެލެނިވެރި ފަރާތެކެވެ. މުޖްތަމައުގެ ހައްގުގައި ޖިނާއީ ދައުވާތައް އުފުލުމުގެ އިތުރުން، ޖިނާއީ ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށް ކަން ކަށަވަރު ކުރުމަކީ ގާނޫނު އަސާސީން ޕީޖީއާ ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތެކެވެ.