ގްރީން ޒޯންގެ ބިރުވެރިކަން ވަރަށް ބޮޑު

ރާއްޖޭގައި ގްރީން ޒޯންތަކަކީ ކޮބައިކަން ސާފުކޮށް ބުނަން އެނގޭނެ ބަޔަކު ތިބޭނެހެން ހިއެއް ނުވެ އެވެ. ބައެއް ކަހަލަ ހާލަތްތަކުގައި ގްރީން ޒޯނަށް ބަދަލުވާ ސަރަހައްދުތައް ގިނަކަމުން، އެކަން ސާފުކޮށް ދެނެގަންނަން ހަމަ ދަތިވަނީ އެވެ. ފުލުހެއްގެ ކައިރިން އެއް ފަހަރަކު، ގްރީން ޒޯނަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ، ޖުމްހޫރީ މައިދާން ސަރަހައްދުން ފެށިގެން ރައީސް އޮފީހާ ހަމައަށް އެއީ ގްރީން ޒޯން ކަމަށެވެ. އެހެން ފުލުހުންތަކެއްގެ ކައިރިން، އެއްވުމެއްގެ ތެރެއިން، ގްރީން ޒޯނަކީ ކޮބައިތޯ އެހުމުން އެ ސަރަހައްދު އެއަށް ވުރެ ފުޅާވެއްޖެ އެވެ. އެ ފުލުހުން ބުނިގޮތުން ނަމަ ހޮޓެލް ޖެންއާ ހަމައަށް ވެސް އެއީ ގްރީން ޒޯނެވެ. މިއީ ގްރީން ޒޯނަކީ ކޮބައިކަން އެންމެ ރަނގަޅަށް ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ތިބި ސަލާމަތީ ހިދުމަތްތަކުގެ މީހުންގެ ހާލަތު ހުރި ގޮތެވެ.


މިފަދަ ގޮތަކަށް މިކަން މިހެން އޮއްވައި، ޑިފެންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ބްރޯޑްކާސްޓަރުންނަށް ފޮނުވި ސިޓީއަކާ ގުޅިގެން އަދި މާ ބޮޑަށް ކަންބޮޑުވާންޖެހެ އެވެ. ޓީވީ ސްޓޭޝަންތަކަށް ފޮނުވި އެ ސިޓީގައި ވަނީ، އެމްއެންޑީއެފުން ސިކިއުރިޓީ ބަލަހައްޓާ ގްރީން ޒޯނުގެ މަންޒަރުތައް ޓެލެކާސްޓް ކުރާ ނަމަ ލިޔުމަކުން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. ސިފައިން ބަލަހައްޓާ ގްރީން ޒޯންތަކަކީ ކޮބައިކަން ސާފުކޮށް ބުނެފައެއް ނެތެވެ.

ނަމަވެސް އާންމު އުސޫލަށް ބަލާއިރު، ސިފައިން ބަލަހައްޓާ ގްރީން ޒޯނެއްގެ ގޮތުގައި އެނގެން އޮންނަނީ ސިފައިންގެ މައި މަރުކަޒާއި ޖުމްހޫރީ މައިދާން ސަރަހައްދެވެ. އެކަމަކު ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިހާއި މުލީއާގެ އާއި ހިލާލީގެ އަދި ސުޕްރީމް ކޯޓަކީ ވެސް ސިފައިން ސިކިއުރިޓީ ބަލަހައްޓާ ތަންތަނެވެ. ނަމަވެސް ސިފައިންގެ މައި މަރުކަޒު ހިމެނޭ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ފިޔަވައި، ސިފައިން ސިކިއުރިޓީ ބަލަހައްޓާ އެހެން ތަންތަން ހިމެނޭ ސަރަހައްދުތައް ގްރީން ޒޯންގެ ތެރޭގައި ހިމެނޭ ކަމެއް ސާފެއް ނޫނެވެ. ގާނޫނެއް، އަދި ގަވައިދެއްގައި ވެސް އެކަން ލިޔެ އާންމުކޮށްފައެއް ނެތެވެ.

މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި ފުލުހުން. --ފޮޓޯ: އަހްމަދު އަންވަރު (ސިމް)

ސިފައިންގޭގައި ފުލުހުންގެ ތެރޭގައި ކުރިން އުޅުއްވި އިސް އޮފިސަރަކު ވިދާޅުވި ގޮތުގައި ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެމްއެމްއޭ އިން ފެށިގެން ރައީސް އޮފީހާ ހަމައަށެވެ.

އެއީ ގްރީން ޒޯނުގެ ގޮތުގައި އާންމު އުސޫލުން ބެލި ކަމުގައި ވިިޔަސް، ލިޔުމަކުން ހުއްދަ ހޯދައިގެން ނޫން ގޮތަކަށް، އެ ސަރަހައްދުގައި ހިމެނޭ ތަންތަން ޓެލެކާސްޓް ނުކުރެވުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފްގެ އިމާރާތުގެ ފޮޓޯ ނެގުމަކީ މިހާރު ވެސް މަނާ ކަމެކެވެ. އެކަމަކު ހިތްގައިމު ފެންއަރުވާވަޑާމަކާ އެކު ތަރައްގީ ކޮށްފައިވާ ޖުމްހޫރީ މައިދާނާއި ފުލުހުންގެ އިމާރާތާއި، ރައީސް އޮފީހާއި ޣާޒީ ބިލްޑިންގާއި އިސްލާމީ މަރުކަޒާއި ހުރަވީ ބިލްޑިންގްގެ މަންޒަރުތައް ވެސް ޓީވީތަކުން ދެއްކުމުގައި ބޮޑު ހުރަހެއް ކުރިމަތި ކުރުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. ޖުމްހޫރީ މައިދާނުގެ ކުރިމަތިން ބޮޑު ތަކުރުފާނު މަގަށް ވާ ގޮތަށް އެހެރަ ހައިބަތު ބޮޑު، ޣިއްޒުއްދީން ފާލަން ވެސް މި ގްރީން ޒޯންގެ ތެރެ އަށް ނުވަންނަ ކަމެއް ސާފެއް ނޫނެވެ.

ސިފައިން ސިކިއުރިޓީ ބަލަހައްޓާ ގްރީން ޒޯން ކަމަށް ބެލެވޭ ސަރަހައްދުގައި މުހިންމު އިމާރާތްތަކާއި ތަންތަން ހިމެނޭއިރު، އެ ތަންތަނުގެ މަންޒަރެއް ބްރޯޑްކާސްޓަރުން ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު، ޑިފެންސް މިނިސްޓްރީން ލިޔުމަކުން ހުއްދަ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ.

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އިސްލާމީ މަރުކަޒު: މިތަން ހިމެނެނީ ގްރީން ޒޯނުގެ ތެރޭގައި ކަމަށް ބެލެވޭއިރު، މިތަނުގެ މަންޒަރު ޓީވީތަކުން ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން މިހާރު ވެސް ސުވާލު އުފައްދާ.---ނިޝާން އަލީ/މިހާރު
ސިފައިންގެ މައި މަރުކަޒު ހިމެނޭ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ފިޔަވައި، ސިފައިން ސިކިއުރިޓީ ބަލަހައްޓާ އެހެން ތަންތަން ހިމެނޭ ސަރަހައްދުތައް ގްރީން ޒޯންގެ ތެރޭގައި ހިމެނޭ ކަމެއް ސާފެއް ނޫނެވެ. ގާނޫނެއް، އަދި ގަވައިދެއްގައި ވެސް އެކަން ލިޔެ އާންމުކޮށްފައެއް ނެތެވެ.

ރާއްޖޭގެ ބޮޑު ބްރޯޑްކާސްޓިން ސްޓޭޝަނެއްގެ އިސްބޭފުޅަކު ވިދާޅުވީ މާލޭގެ އެންމެ ހިތްގައިމު އަދި އާންމުން ގިނަ އަދަދަކަށް އެއްވެ އުޅޭ ސަރަހައްދު ގްރީން ޒޯންގެ ތެރޭގައި ހިމެނޭ އިރު، އެތަނުގެ މަންޒަރުތައް ޓީވީތަކުން ދައްކަން ހުއްދައެއް ނަގަން ޖެހުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޑިފެންސް މިނިސްޓްރީގެ ނިންމުމަކީ، ނޫސްވެރިން ލިޔާ އެއްޗަކުން ޖިނާއީ ދައުވާ ކުރެވޭ ގޮތަށް އެންމެ ފަހުން ތައްޔާރު ކުރި ބިލަށް ވުރެ މާ ނުރައްކާތެރި ކަމެކެވެ.

"އެހެންވީމާ އަބުރުގެ ބިލާ ގުޅިގެން، ނޫސްވެރިން މަސައްކަތްކުރި މިންވަރަށް، މި މައްސަލާގައި [ގްރީން ޒޯންގެ މަންޒަރުތައް ޓެލެކާސްޓް ކުރުމުގައި ޑިފެންސްގެ ހުއްދަ ހޯދުން] އުޅެން އެބަޖެހޭ. ގައުމުގެ އެންމެ ބޮޑު މިސްކިތް މިހުރީ އެ ބޭފުޅުން އެ ވިދާޅުވާ ގްރީން ޒޯންގައި. އެންމެ ބޮޑު ޕަބްލިކް ޕްލޭސް ހުރީ ގްރީން ޒޯންގައި. އެކަމަކު އެ ތަނުގެ މަންޒަރު ދައްކަން ވެއްޖިއްޔާ މިޖެހެނީ ބޮޑު ތަކުލީފެއް އުފުލަން،" ނަން ހާމަކުރަން ބޭނުން ނުވާ ބްރޯޑްކާސްޓިން މީޑިއާގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ގްރީން ޒޯނަކީ ކޮބައިކަން ސާފުކޮށް ނޭނގުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އޭގެ ސަބަބުން ބަޔަކު "ގޮޅިއަކަށް" ފައްތާލުމަކީ ވެސް ފަސޭހަ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ބޮޑު ބްރޯޑްކާސްޓިން ސްޓޭޝަނެއްގެ އިސްބޭފުޅަކު ވިދާޅުވީ މާލޭގެ އެންމެ ހިތްގައިމު އަދި އާންމުން ގިނަ އަދަދަކަށް އެއްވެ އުޅޭ ސަރަހައްދު ގްރީން ޒޯންގެ ތެރޭގައި ހިމެނޭއިރު، އެތަނުގެ މަންޒަރުތައް ޓީވީތަކުން ދައްކަން ހުއްދައެއް ނަގަން ޖެހުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވީ ކަންކަން މަނާ ކުރަން ޖެހެނީ ގާނޫނަކުން ނުވަތަ ގަވައިދަކުން ކަމަށް ވާއިރު، ޑިފެންސް މިނިސްޓްރީގެ އެންގުން ނަފީވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ސާފުކޮށް ކަންކަން ބަޔާންކޮށްފައި އޮންނަން އެބަޖެހޭ. ގްރީން ޒޯންގެ މަންޒަރުތައް ހުއްދަ ނަގައިގެން ނޫނިއްޔާ ނުނެގޭނެއޭ ބުނާއިރު އެއީ ކޮން ތަނެއްކަން ވަރަށް ސާފުވާން ޖެހޭނެ. އަނެއްކާ ބްރޯޑްކާސްޓަރުންނަށް ވަކި އެންގުމެއް ޑިފެންސް މިނިސްޓްރީން އެންގުމުން މީގެ މަގުސަދު ވަރަށް ސާފު. ނޫސްވެރިންނަށް އިތުރު އުނދަގޫތަކެއް މި ކުރިމަތި ކުރުވަނީ،" މަޖިލިހުގެ މެމްބަރު ވިދާޅުވި އެވެ.

މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މި ދަނޑިވަޅުގައި، ސިފައިން ސިކިއުރިޓީ ބަލަހައްޓާ ގްރީން ޒޯންތަކުގެ މަންޒަރުތައް ޓީވީތަކުން ޓެލެކާސްޓް ކުރުމުގައި އިތުރު އުނދަގޫތަކެއް ކުރިމަތި ކުރި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު އެ ނިންމުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ވެސް އެހާ ބޮޑެވެ. ގްރީން ޒޯނަކީ ކޮބައިކަން އާންމުކޮށް ނޭނގޭއިރު، ޓީވީ ސްޓޭޝަނަކުން ދެއްކޭ މަންޒަރަކުން ބޮޑު އަދަބަކާ ކުރިމަތިލާން ޖެހިދާނެ އެވެ. މިހާރު ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން އެއީ ނުވާނެ ކަމެއް ނޫނެވެ.