ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުން އުނދަގޫ ކަމަކަށް!

އަބަދުވެސް ހުންނަނީ ހިތް ބިރުގެންފަ އެވެ. ކުރާ އެއްވެސް ކަމެއް ކާމިޔާބު ވެދާނެ ކަމުގެ އުންމީދެއް ނެތެވެ. ތިމާއަކީ ބޭކާރު މީހެއްގެ އިހުސާސް އަބަދުވެސް ކުރެވެ އެވެ. މީހަކު އެއްޗެއް ބުނެފި ނަމަ ނުވަތަ ކަމެއް ހިނގައިފި ނަމަ އެކަމެއް މާނަކުރެވެނީ އަމިއްލަ މީހާ ކުށްވެރި ކޮށްގެނެވެ. އަބަދުވެސް ބޭނުންވަނީ އެހެން މީހުންނާ އެކަހެރިވެ އުޅޭށެވެ. ބައެއް ފަހަރު މީހާގެ އަތްފައި ފިނިވެ ގައިން ވަރުދާހެން ހީވެ އެވެ. ބޯ އަނބުރާ ކޮޅަށް ނުހުރެވޭ ފަހަރު ގިނަ އެވެ. ނޭވާލުމަށް ދަތިވެ އެވެ.


މިއީ ދެކުނު ރަށެއްގެ ސުކޫލުގައި މަސައްކަތް ކުރާ ޒުވާނެއްގެ ހާލެވެ.

އާންމު ބަލީގެ އެތައް ޑޮކްޓަރަކަށް ދައްކައިފި އެވެ. އެތައް ޓެސްޓެއް ހަދައިފި އެވެ. ބުނަނީ މައްސަލައެއް ނެތް ކަމަށެވެ. ފަންޑިތަ ވެސް ހެދި އެވެ. ދިން ފެން ބޮއެ ކިޔަވާ ހެދި އެވެ. އެކަމަކު ލިބުނު ލުޔެއް ނެތެވެ.

އެ ހުރިހާ ކަމަކީ ވެސް ނަފްސާނީ ބައްޔެއްގެ އަލާމާތްކަން އެނގުނީ އެކަމުގައި އުޅޭތާ އެތައް އަހަރެއް ވީ ފަހުން ނެވެ. އެވާހަކަ އާއިލާއާ ހިއްސާ ކުރުމުން ނަފްސާނީ ބައްޔެއް ނުހުންނާނެ ކަމަށް އެންމެން ވެސް ބުންޏެވެ.

ވާ އުނދަގޫ ބޮޑުކަމުން ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ބެލިއިރު ރަށުން އެކަންޏެއް ނޫނެވެ. އަތޮޅުން ވެސް އެކަމެއް ނުވި އެވެ. މާލެ އައުން ނޫން ގޮތެއް ނެތެވެ. މާލެ އައިސް ޑޮކްޓަރަށް ދައްކަން ބެލިއިރު ނަމްބަރެއް ލިބުނީ އެތައް މަސައްކަތެއް ކޮށްގެންނެވެ. ޑޮކްޓަރަށް ދައްކައި ވާ އުނދަގޫތައް ބުނުމުން ޑޮކްޓަރު ލިޔެދިން ބޭސް ގަންނަން މުޅި މާލެ ކުޑަކުރިއިރު ވެސް ނުލިބުނެވެ. އެހެންކަމުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުން ވީ އިތުރު ބައްޔަކަށެވެ.

ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް--

ރާއްޖޭގައި ނަފްސާނީ ބަލިޖެހިފައިވާ މީހުންގެ ތަފާސްހިސާބެއް ހެދިފައި ނެތް ނަމަވެސް އެ ދާއިރާގައި ހަރަަކާތްތެރިވާ މީހުން ބުނާ ގޮތުން އާބާދީގެ ކޮންމެ ހަތަރު މީހަކުން އެކަކު ވަނީ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފަ އެވެ. މާޔޫސްވުމާއި ބިރުވެރި ކަންތައްތަކެއްގެ ތެރޭގައި މީހާ އުޅެން ޖެހޭ އެ ބަލި ރާއްޖޭގައި ކިތަންމެ އާންމު ނަމަވެސް އެކަށޭނަ ފަރުވާއެއް ހޯދުމަކީ އުނދަގޫ ކަމެކެވެ.

ރާއްޖޭގެ ކޮންމެ ރީޖަނަލް ހޮސްޕިޓަލެއްގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ޑޮކްޓަރެއް ހުރުން ގާނޫނުން ލާޒިމްކުރެ އެވެ. ނަމަވެސް އެކަން ތަންފީޒެއް ނުކުރެވެ އެވެ. ރީޖަނަލް ހޮސްޕިޓަލެއްގައި ނަފްސާނީ ޑޮކްޓަރެއް ހުންނަނީ މަދު ފަހަރެއްގަ އެވެ. އެހެންކަމުން ފަރުވާ ހޯދަން އެންމެން އަންނަން ޖެހެނީ މާލެ އަށެވެ. މާލެ އައިސް ރަނގަޅު ޑޮކްޓަރަކަށް ދައްކަން ނަމްބަރެއް ލިބޭނީ މަދުވެގެން ތިން މަސް ދުވަހުގެ ކިޔޫއެއްގައި ޖެހިގެންނެވެ. އެ ދާއިރާގެ ޑޮކްޓަރުން މަދީ އެވެ. ދެން އޮތީ ފަރުވާ ހޯދަން ކާ ބޭހުގެ ވާހަކަ އެވެ. އޭގެ ސުޓޮކެއް ނުހުރެ އެވެ.

ބޭހެއް ނުލިބޭ

ދޭތެރެ ދޭތެރެއިން ނަފްސާނީ ބައްޔަށް ދޭ ބޭސްތައް ހުސްވުމުގެ މައްސަލައަށް އެތައް އަހަރެއް ވީ އިރު ވެސް އެކަން ހައްލެއްނުވެ އެވެ. ކޮންމެ އަހަރެއްގެ ސުކޫލް ބަންދަކީ ނަފްސާނީ ބޭސް ހުސްވާ ދުވަސްވަރެއް ކަމަށް އެ ބައްޔަށް ފަރުވާ ދޭ ފަރާތްތަކުން ބުނެ އެވެ. ޑިޕްރެޝަނަށް ދޭ ބޭހާއި ބޭސް ދޭން އުނދަގޫ ހާލަތުގައި ތިބޭ މީހުންނަށް ދޭ އިންޖެކްޝަން ހުސްވުމަކީ ވެސް އާންމު ކަމެކެވެ. ދާދި ފަހުން ވެސް ވަނީ ބުއްދި ފިލައިގެން ދާ މީހުންނަށް ދޭ ބޭހެއް ކަމަށްވާ "އެންޓި ސައިކޮޓިކްސް" ކުލާހުގެ ހުރިހާ ބޭހެއް ހުސްވެފަ އެވެ.

މުޖުތަމައުއަށް ފައިދާ ހުރި އެކި ކަންކަމުގައި ހިލޭ ސާބަހަށް ހަރަކާތްތެރިވާ މުހައްމަދު ޝިހާބު ވިދާޅުވީ ނަފްސާނީ މައްސަލަތައް ރާއްޖޭގައި އިންތިހާއަށް ބޮޑު ކަމަށެވެ. ނަމަވެސް އެފަދަ މީހުން ކާން ޖެހޭ ބޭސް ގަވައިދުން ލިބުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭސް ހުސްވެގެން ބޭސް ނުލިބުމަކީ ވަރަށް އާންމު ކަމެއް. ދެން ކޮންމެ ކޮންމެ އާއިލާއަކަށް ރާއްޖެއިން ބޭރުން އަމިއްލައަށް ބޭސް ގެނައުމަކީ ވާނެ ކަމެއް ނޫން ދެއްތޯ،" ޝިހާބު ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަޝްހޫރު ޑޮކްޓަރު އާރިފް މުހައްމަދު ވިދާޅުވީ ބޭސް ހުސްވުމަކީ އެފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އޭގެ ސަބަބުން އެބަލިން އަރައި ނުގަނެވި އެތައް ދުވަހެއް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންޓި ޑިޕްރެޝަން" އަށް ދޭ ބޭސްތަކުގެ އަސަރު ކުރަން ފަށަނީ އެބޭސް ކާތާ މެދުނުކެނޑި ހަތަރު ހަފްތާ ނުވަތަ ހަ ހަފްތާ ވުމުންނެވެ. އާރިފް ވިދާޅުވީ އެމުއްދަތު ހަމަނުވަނީސް ބޭސް ހުސްވުމުން ބަލިމީހާ އުފުލަން ޖެހޭ ތަކުލީފް ބޮޑު ކަމަށެވެ.

"ހުސްވީމަ އަނެއްކާ މިޖެހެނީ އަލުން ފަށަން. އެހެން ކާން ފެށީމަ ބޭހުގެ އަސަރު އެބަ ދޭ. ބުއްދި ފިލާދާ މީހުން ކާ ބޭސް ނުކާން ފަށާއިރަށް އެމީހުންނަށް އެ އުނދަގޫތައް ކުރިމަތިވާން ފަށާ،" ބޭސް ހުސްވުމުން ދިމާވާ ސިއްހީ މައްސަލައަށް އިޝާރާތް ކުރައްވާ އާރިފް ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ދޭ ބޭސްތަކުގެ ތެރެއިން "ކޮންޓުރޯލް ޑުރަގްސް" ފިޔަވާ އެހެން ބޭސްތައް އެތެރެކުރުމުގެ ހުއްދަ ބޭސް އެތެރެކުރާ ހުރިހާ ފަރާތްތަކަށް ވެސް އޮވެ އެވެ. ކޮންޓުރޯލް ޑުރަގްސް އެތެރެކުރުމުގެ ހުއްދަ އޮންނަނީ އެސްޓީއޯ އާއި އޭޑީކޭ އަށެވެ.

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ބޭހުގެ ސުޓޮކް ލިބޭނެ ގޮތެއް ހަމަ ޖެއްސުމަށް އެފަދަ ބޭސް އެތެރެ ކުރުމުގެ ހުއްދަ ވަކި ބަޔަކަށް ދިނުމުގެ ބަދަލުގައި ގިނަ ބަޔަކަށް ދިނުން މުހިންމެވެ. އަދި ސަރުކާރުގެ ކުންފުނި އެސްޓީއޯއިން އެފަދަ ބޭސްތަކުގެ ސުޓޮކް ހުސްވިޔަ ނުދީ ބަލަހައްޓަން މަޖުބޫރު ކުރުވަން ޖެހޭ ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވެ އެވެ.

ތެރަޕީތަކުގެ އަގު އަތްނުފޯރާ ފަށުގައި

ނަފްސާނީ ބަލިތަކުން ސަލާމަތްވުމަށް އެއް ބަޔަކު ބޭސް ބޭނުން ކުރާއިރު އަނެއް ބަޔަކު ތެރަޕީތައް ނަގަ އެވެ. އަދި ހާލަތު ހުންނަ ގޮތުން ބައެއް މީހުން ބޭހާ އެކު ވެސް ތެރަޕީ ނަގަން ޖެހެ އެވެ. ނަފްސާނީ މައްސަލަތަކަކީ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަކަށް ވާއިރު ތެރަޕީގެ އެހީގައި ރަނގަޅަށް ވިސްނަން ދަސްކޮށްދެ އެވެ.

ނަފްސާނީ މައްސަލައަކަށް ތެރަޕީ ދެނީ-- ފޮޓޯ: އައިސީޕީ

ހިލޭ ކައުންސިލިން ދޭ ތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. ނަމަވެސް ތެރަޕީ ލިބެނީ ބޮޑު ހޭދައެއް ކޮށްގެންނެވެ. ތެރަޕީތައް ދޭ ފަސްވަރަކަށް ކްލިނިކް މާލޭގައި ހުންނައިރު އެއް ގަޑިއިރުގެ ތެރަޕީއެއްގެ އަގު އުޅެނީ 300 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގަ އެވެ. ބައެއް މީހުން ހަފްތާއަކު އެއް ތެރަޕީ ނަގަން ޖެހޭއިރު، ހަފްތާއަކު ތިން ތެރަޕީ ނުވަތަ ދެ ތެރަޕީ ނަގަން ޖެހޭ ހާލަތުގައި ތިބޭ މީހުން ވެސް އުޅެ އެވެ. އެފަދަ ބޮޑު ހޭދައެއް ކުރުމަކީ އެތައް ބަޔަކަށް އޮތް ގޮންޖެހުމެކެވެ.

"ހަފްތާއަކު އެއް ތެރަޕީ ނެގިޔަސް މަހަކު ތެރަޕީއަށް އެބަ ދޭ 4000 ރުފިޔާ. އާސަންދައެއް ނުލިބޭ. ކިހިނެއް ކޮންމެ މީހަކު ހަފްތާއަކު 500 ރުފިޔާ ނުވަތަ 1000 ރުފިޔާ ދީގެން ތެރަޕީ ނަގާނީ؟" ނަފްސާނީ ބައްޔެއް ކަމަށްވާ "އެންޒައިޓީ" އަށް ފަރުވާ ހޯދާ ޒުވާނަކު ބުންޏެވެ.

އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ކޯޕަރޭޓިވް ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު އިރާޝް ވިދާޅުވީ ތެރަޕީތަކުގެ އަގު ބޮޑުވަނީ އެ ހިދަމަތަށް އާސަންދަ ނުދޭތީ ކަމަށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ތެރަޕީ ނަގަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނާ މީހުންނަށް އާސަންދަ ދޭ ނަމަ އެކަމަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން އޮތީ ހޭލުންތެރިކުރުމުގެ ވާހަކަ އެވެ. ހަށިގަނޑުގެ އެހެން ގުނަވަނަކަށް ޖެހޭ ބައްޔެއްގެ ވާހަކަ ދައްކަން މީހުން ފަސް ނުޖެހުނު ނަމަވެސް ނަސުފާނީ މައްސަލަތަކުގެ ވާހަކަ ދެއްކުން އޮންނަނީ ލަދު ކަމަކަށް ވެފަ އެވެ. ނަފްސާނީ ބަލީގެ ތަފާތު ވައްތަރުތަކާއި ތަފާތު ސުޓޭޖްތައް ހުރި ނަމަވެސް މީހުންނަށް ވިސްނިފައި އޮންނަނީ އެއީ ސިކުނޑި ފިލާ ދިއުން ކަމަށެވެ. މުޖުތަމައުގެ ވިސްނުން އެގޮތައް ހުރުމުގެ ސަބަބަކީ ހޭލުންތެރިކަން ކުޑަވުމެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭ މީހުން އެޑްމިޓް ކުރުމަށް ކަނޑައަޅާފައިވަނީ އެންމެ ހަތަރު އެނދެވެ. އެއީ މުޅި ރާއްޖެއަށް ކަނޑައަޅާފައިވާ ވަރެވެ. ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ، އެބައްޔަށް މީހުން ހޭލުންތެރިކުރުުގެ ޒިންމާ ހަވާލުކޮށްފައިވާއިރު އެމަސައްކަތް ކުރާ ސެކްޝަނުގައި ހުންނަނީ އެންމެ މުވައްޒަފެކެވެ. އެކަށޭނަ އެއްވެސް މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ. އެއީ ކުރިންސުރެ ވެސް އެކަން އޮތް ގޮތެވެ.

މި ރިޕޯޓަށް ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖޭގައި މިހާރު ގިނަ ބަޔަކު ތަހައްމަލްކުރަމުން އަންނަ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން އުނދަގޫވުމަކީ އެތައް ބަޔަކު ވޭނެކެވެ. އެފަދަ މައްސަލަތަކާ މެދު ހޭލުންތެރިކުރެވިފައި ނެތުމުން ބަލީގެ ހަގީގަތް ދެނެގަނެވޭއިރު އޮންނަނީ ހާލަތު މާ ގޯސްވެފަ އެވެ. ޑޮކްޓަރަކަށް ދެއްކުން އެހާ އުނދަގުލެވެ. ދެން އޮތީ ބޭސް ހޯދުމުގެ އުނދަގުލެވެ. މިއީ ހައްލެއް ބޭނުންވާ މައްސަލައެކެވެ.