ރިސޯޓްތަކުގެ ސާވިސް ޗާޖުން އެއް ބަޔަކަށް ބޮޑު އުފަލެއް

ބައެއް ރިސޯޓުތަކުގައި ސާވިސް ޗާޖުގެ ގޮތުގައި ދޭ މިންވަރު އެވްރެޖް މުސާރައަށް ވުރެ ބޮޑެވެ. ހާއްސަކޮށް އެންމެ މަތީ ފެންވަރުގެ ބައެއް ރިސޯޓުތަކުގެ މުވައްޒަފުން މުސާރައަށް ވުރެ ބޮޑަށް އިންތިޒާރުކުރަނީ ސާވިސް ޗާޖަށެވެ.


ސާވިސް ޗާޖުގެ ގޮތުގައި އާއްމުކޮށް ރިސޯޓުތަކުން މުޅި ސޭލްސް އިން ދިހަ ޕަސެންޓް ނަގަ އެވެ. ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ އާމްދަނީ އެއްކޮށް މުވައްޒަފުންނަށް ބަހާއިރު ބައެއް ރިސޯޓުތަކުން ބަހަނީ މެނޭޖްމަންޓަށް ޕަސެންޓް ނެގުމަށް ފަހު އެވެ.

ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް: ރާއްޖޭގައި ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ބަހާ ރިސޯޓުތަކުގެ ތެރޭގައި އެ ރިސޯޓު ހިމެނޭ. ފޮޓޯ: ޝެވަލް ބްލޮންކް

ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ. ނަމަވެސް ގިނަ ރިސޯޓުތަކެއްގެ މުވައްޒަފުން ގުޅިގެން ދަނީ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކު ބަހާ މިންވަރު ވެބްސައިޓެއް މެދުވެރިކޮށް އާއްމުކުރަމުންނެވެ. އެ ވެބްސައިޓްގައި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފޭސްބުކް ޕޭޖެއް މެދުވެރިކޮށް ވެސް އެ މައުލޫމާތު އާއްމުކުރެ އެވެ.

މަތީ ފެންވަރުގެ ރިސޯޓެއްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ވެބްސައިޓް މެދުވެރިކޮށް ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރަން ފެށުމުން ރަނގަޅު މުވައްޒަފުން ހޯދަން ވަރަށް ބޮޑަށް ފަސޭހަވާ ކަމަށެވެ.

"އަޅުގަނޑުމެން ރިސޯޓުގެ ވަޒީފާއަށް ގެންނަން ބޭނުންވާ މުވައްޒަފު އެހެން ރިސޯޓެއްގައި ހުއްޓާ ގެންނަން ވަރަށް ބޮޑަށް ފަސޭހަވޭ ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ލިބޭ މިންވަރު ފެންނަން ހުރުމުން. ގިނަ މީހުންނަށް އެނގޭނެ އާއްމުކޮށް މިތަނުން މަހަކު ހާހަކަށް ވުރެ ގިނަ ޑޮލަރު މީހަކަށް ބަހާނެކަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ ބޭރުގެ މެނޭޖްމަންޓްތަކުން ހިންގާ ރިސޯޓުތަކުންނެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ބަހާފައި ވަނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓާއި ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ދެ ރިސޯޓުން އެ މުއްދަތުގައި ކޮންމެ މަހަކު އެވްރެޖްކޮށް 1،300 ޑޮލަރު (20،046ރ.) ބަހާފައިވާ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ވެލާ ޕްރައިވެޓް އައިލެންޑްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ކޮންމެ އަހަރެއްގެ ހައި ސީޒަނަށް ތިބެނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

"ސީޒަންގައި އެވްރެޖްކޮށް މަހަކު ދެ ހާސް ޑޮލަރަށް ވުރެ މަތިން ލިބޭ. އެއީ އަޅުގަނޑުމެން އެންމެ އުފާވާ ދުވަސްވަރު. ރެކޯޑްތަކުން ވެސް ހުންނާނެ އެކަން އެނގެން،" އޭނާ ބުންޏެވެ.

ބޭރުގެ ކުންފުނިތަކުން ހިންގާ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ބަހާއިރު ރާއްޖޭގެ ކުންފުނިތަކުން ހިންގާ ރިސޯޓުތަކުން ބަހާ މިންވަރު މަދުވުމުން އެކަމާ ގިނަ ބަޔަކު ޝަކުވާކުރެ އެވެ. ހާއްސަކޮށް ރާއްޖޭގެ ބޮޑެތި މަހުޖަނުން ހިންގާ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު މަދުވުން އެކަން ފާހަގަކުރެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ އިސް ވެރިޔަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ ބޭރުގެ ކުންފުނިތަކުން ހިންގާ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރަށް އެހެން ރިސޯޓުތަކުން ބެހުމަކީ ވަރަށް ދަތި ކަމެއް ކަމަށެވެ.

"ވެލާ ކަހަލަ ރިސޯޓުތަކުން ކޮޓަރިއެއް ވިއްކާ އަގުގައި އަޅުގަނޑުމެންގެ ރިސޯޓުތަކުން ކޮޓަރިއެއް ނުވިއްކޭނެ. އަދި ރެސްޓޯރަންޓްތަކާއި ބާތަކުން ވިއްކާ ތަކެތީގެ އަގު ވެސް ތަފާތު. އެހެންވީމަ އެތަންތަނަށް އާމްދަނީ ލިބޭ މިންވަރަށް އަޅުގަނޑުމެންނަކަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ސަން އައިލެންޑް ރިސޯޓުގެ ސްޕާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް

ރިސޯޓް ހިންގާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރުމަކީ ބޮޑު "ފިތުނައެއް" ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކުގެ މެނޭޖްމަންޓާ މެދު ތަފާތު ތުހުމަތުތައްކޮށް މަސްލަހަތު ގެއްލޭކަމަށް ބުނެ އަޑުފަތުރަ އެވެ.

"އަހަރެމެންގެ ރިސޯޓުގައި ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އެހެން ރިސޯޓެއްގެ ބަޔަކަށް ކިޔައިދީފި ނަމަ އެކަން ވަރަށް ބޮޑު މައްސަލައަކަށްވޭ. ނަމަވެސް ކޮންމެ މަހަކު ނުކުންނަ ލިސްޓުގައި ވެސް މި ރިސޯޓުގެ ނަން މިހާރު އޮވޭ،" ސާވިސް ޗާޖުގެ ގޮތުގައި ބޮޑު އަދަދެއް ކޮންމެ މަހަކު ވެސް ބަހާ ރިސޯޓަކުން ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.

"މި ޒަމާނުގައި ކަންކަން ސިއްރުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން."

ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ ގޮތުގައި އެކަށީގެންވާ ރަނގަޅު އަދަދެއް ގިނަ ރިސޯޓުތަކުން ބަހާ ކަމަށެވެ. ނަމަވެސް ވަޒީފާތަކުގައި ބިދޭސީން ގިނަވުމުން ޓޫރިޒަމް އިންޑަސްޓްރީން ދިވެހިންނަށް ލިބެން ޖެހޭ ހަގީގީ ފައިދާ ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ފަންސާސް ޕަސެންޓަށް ވުރެ ބޮޑު. އެހެންކަމުން އިންޑަސްޓްރީން ދިވެހިންނަށް ލިބެން ޖެހޭ ހަގީގީ ފައިދާ ނުލިބޭ. ހާއްސަކޮށް މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކުގައި އެންމެ އާދައިގެ ވަޒީފާތަކުގައި ވެސް ގިނައިން ތިބީ ބިދޭސީން،" އޭނާ ވިދާޅުވި އެވެ.

ސާވިސާ ޗާޖުގެ ގޮތުގައި ބަހާ މިންވަރާ މެދު މަތީ ފެންވަރުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އުފަލުން ތިބި ނަމަވެސް ގިނަ ރިސޯޓްތަކުގެ މުވައްޒަފުން އަދިވެސް ދަނީ މުސާރައިގެ އިތުރުން ސާވިސް ޗާޖު ކުޑަވުމުގެ ޝަކުވާކުރަމުންނެވެ.