ވަކި ބަޔަކަށް ފްލެޓް ޚާއްސަކުރުން އިންސާފުވެރި ބާ؟

ގެދޮރުވެރިކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ބަދަލުން ހަމަހަމަކަން ގެއްލޭ

އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ބުރު ނިމިގެންދިޔައީ އެތައް ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އެވެ. އަމިއްލަ ގެދޮރު ނެތުމުގެ "ކާރިސާއެއް" ކުރިމަތިވެފައި އޮތް ގައުމެއްގައި މިފަދަ މަޝްރޫއުއެއް ހިންގާ އިރު ހާމަކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން ކިތަންމެ ބޮޑަސް، ސަރުކާރުގެ ސިޔާސަތުގައި އެކަން ފުރިހަމައެއް ނުވެ އެވެ. އަދި ފްލެޓް ދިނުމުގެ ދެވަނަ ބުރަކަށް ދިޔަ އިރު ގެނައި ކުއްލި ބަދަލާ އެކު ފެނުނީ އެ ސިޔާސަތާ މެދު ކަންބޮޑުވުން އިތުރުވެގެން ދިޔަ ތަނެވެ.


ބޯހިޔާވަހިކަމުގެ މައްސަލަ އަށް އެކަށޭނަ ހައްލެއް ނުލިބި، ސަރުކާރަށް ފަސާދައިގެ ތުހުމަތު ކުރެވިފައިވާ އިރު، އަލަށް އިއުލާން ކުރި އުސޫލުގައި ހުރި ކަންކަމަށް ބަލައިލުން މުހިންމެވެ. އެގޮތުން، ހަމައެކަނި ވަކި ކެޓެގަރީތަކެއްގެ މީހުންނަށް ފްލެޓް ދިނުމަކީ ގާނޫނުއަސާސީ އަށް ބަލާ ނަމަ ތަފާތުކުރުންތޯ އާއި ސަރުކާރުން ކެޓަގަރީތަކަކަށް ޚާއްސަކޮށްގެން ފްލެޓް ބެހުމުގެ ބޭނުމާއި މި ގޮތަށް ފްލެޓް ދިނުމުން ކުރާނެ އިގްތިސާދީ އަދި އިޖްތިމާއީ އަސަރުތަކަކީ ކޮބައިތޯ އާއި ހަމަހަމަކަމާ އެކު ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސިޔާސަތެއް ގާއިމްކުރުމުގައި ވިސްނުން ބެހެއްޓުން މުހިންމު ކަންކަމަށް ބަލައިލާނަމެވެ.

"ސަރަހައްދީ ތަރައްގީ އަށް އިސްކަންދިނުމާ އެކުއެކީގައި، ކުރު މުއްދަތުގައި ވެސް، ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނީ ހާމަ އަދި އިންސާފުވެރި ގޮތުގަ އެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތަށް ޖުމްލަކޮށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ޖެހިފަ އެވެ. އެކަމުގައި އާންމުންނާއި ޖަމިއްޔާތައް ފަދަ ފަރާތްތަކުގެ ބައިވެރިވުން ހޯދުން ކޮންމެހެން މުހިންމެވެ. އެއީ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި ހުރިހާ ރައްޔިތުން ޝާމިލްކުރާ، ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅެން ޖެހޭތީ އެވެ."

އާ އުސޫލު

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މި ހަފްތާގައި އިއުލާންކުރައްވާފައިވާ ގޮތުގައި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އަޅާ 7،000 ފްލެޓް ކެޓެގަރީތަކަކަށް ބަހާލުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ނިންމަވައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 11 ކެޓެގަރީއަކީ:

- ސިވިލް ސާވިސް މުވައްޒަފުން: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ މީހުން: 1،000

- މާލޭ ރަށްވެހިން: 1،000

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން: 1،044

- ޑޮކްޓަރުންނާއި ނަރުހުން: 475

- ޓީޗަރުން: 625

- ފުލުހުންނާއި ސިފައިން: 600

- އެކަނިވެރި މައިންނާއި ބަފައިން: 400

- ނުކުޅެދުންތެރިކަން ހުރި އާއިލާތައް: 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުން: 300 (މިނިސްޓަރު ވިދާޅުވީ މި އަދަދު މަދުވެދާނެ ކަމަށް)

- މާފަންނު ހުޅަނގު ދާއިރާގައި ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

ފްލެޓް ދިނުމުގެ އާ އުސޫލެއް ހާމަކުރި އިރު، 2014 އާއި 2015ގައި 15،000 މީހުން ފްލެޓަށް ފޯމު ލައިގެން ފްލެޓް ލިބުނީ އެންމެ 661 މީހުންނަށެވެ. އަދި އެ ފްލެޓްތައް ލިބުނީ ކޮން ބަޔަކަށްކަން ނޭނގޭ ގޮތަށް ލިސްޓް އާންމުކުރުމަކީ ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރުމަށް ހުޅުވުނު ދޮރެކެވެ. ހަމަ އެހެންމެ، ފްލެޓަށް ފޯމު ލުމުގައި ހުރި ދަތިތަކުގެ ވާހަކަ އަށް ރައްދު ދެއްވަމުން 2014ގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓް ހޯދަން އަލުން ފޯމު ލާން ނުޖެހޭނެ ކަމަށާއި ކުރިމަތިލާފައި ތިބި މީހުން އޮޓޮމެޓިކުން ދެވަނަ ބުރަށް ގޮސްފައިވާ ކަމަށެވެ. ފޯމް ހުށަހަޅާފައި ތިބި މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުގެ މައުލޫމާތު އިތުރުކޮށްލީމާ ނިމުނީކަން މުއިއްޒު އޭރު ވަނީ ފާހަގަކުރައްވައިފަ އެވެ. އެކަމަކު އާ އުސޫލު އިއުލާންކުރައްވަމުން އޭނާ ވިދާޅުވީ ކުރިން ފޯމު ލާފައިވާ މީހުންގެ ދިރިއުޅުމަށް ބަދަލު އައިސްފައި ހުންނާނެތީ އެންމެ އިންސާފުވެރި އުސޫލަކުން ފްލެޓްތައް ދިނުމަށްޓަކައި އަލުން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖެއްސީ ކަމަށެވެ.

ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ ފްލެޓްތައް: މި ފްލެޓްތައް ދިން ގޮތާ ގުޅޭ ގޮތުން ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައި. ފައިލް ފޮޓޯ: ހުސެން ވަހީދު/މިހާރު

ފްލެޓްތައް ބައިބަޔަށް ބެހުމަކީ ތަފާތު ކުރުންތަ؟

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޑޮކްޓަރުންނާއި ފުލުހުންނާއި ސިފައިން ފަދަ ފަރާތްތަކަކީ ގައުމުގެ އެހެން ރައްޔިތުންނަށް ވުރެ ބޮޑަށް ހާއްސަ އެހީތެރިކަން ބޭނުންނުވާ ބައެއްކަން އެނގެން ނެތް އިރު، އެ ފަރާތްތަކަށް އިސްކަން ދީގެން ފްލެޓް ބެހުމަކީ ތަފާތު ކުރުން ކަމަށް ބައެއް މީހުން ދަނީ މީޑިއާގައި ވާހަކަ ދައްކަމުންނެވެ. ގާނޫނުއަސާސީ އަށް ބަލާ އިރު މި ވާހަކަ އަށް ބާރު ލިބެ އެވެ.

ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާގައި ބޯހިޔާވަހިކަމުގެ ހައްގު ހިމެނިފައިވަނީ ރަނގަޅު ކާނާ އާއި ސާފު ފެނުގެ ހައްގާ އެއް ދަރަޖައެއްގަ އެވެ. އަދި ގާނޫނު އަސާސީގެ 17ވަނަ މާއްދާގައިވާ ގޮތުން، ދެވަނަ ބާބުގެ ހައްގުތައް އެއްވެސް ތަފާތު ކުރުމެއް ނެތި، ކޮންމެ މީހަކަށް ލިބެންވާނެ އެވެ. އަދި ދައުލަތުން އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި މާލީ ފުދުންތެރިކަމަށާއި ނިސްބަތްވާ އާއިލާ އާއި އުފަން ރަށަށް ބަލައި ތަފާތު ކޮށްގެން ނުވާނެ ކަމަށް ލިޔެފައިވެ އެވެ. ނަމަވެސް، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ސިޔާސަތުތަކާއި އެހީ ފޯރުކޮށްދިނުމަކީ ތަފާތު ކުރުން ކަމަށް ނުބެލޭނެ ކަމަށް އެ މާއްދާގައިވެ އެވެ.

އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހައްގުތައް ފޯރުކޮށްދޭން ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވީ ހިނދު، ވަކި ވަޒީފާތަކެއް އަދާކުރާ ފަރާތްތަކަށާއި ވަކި އުމުރުފުރައަކަށާއި މާލޭގެ ރަށްވެހިންނަށް ފްލެޓްތަކެއް ހާއްސަކުރުމަކީ ތަފާތު ކުރުން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ވަކި ބަޔަކަށް ފްލެޓް ޚާއްސަކުރުމުން ކުރާނެ ނޭދެވޭ އަސަރު

ކުރިން ބުނި ފަދައިން ދިވެހި ރައްޔިތުންގެ ތެރެއިން، ގާނޫނުއަސާސީގައި ބުނާ ނާޒުކު ނުވަތަ ހާއްސަ އެހީތެރިކަން ބޭނުން ނުވާ ފަރާތްތައް ކަމުގައިވާ ނަރުހުންނާއި ޑޮކްޓަރުން، ސިފައިންނާ ފުލުހުން، އަދި މަދަނީ ހިދުމަތްތެރިންނަށް ހާއްސަ ކުރެވިގެން ފްލެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބުނަނީ ފުލުހުންނާއި ސިފައިންނާއި ނަރުހުންނާއި ޑޮކްޓަރުންގެ ތެރޭގައި އިޖްތިމާއީ އަދި މާލީ ގޮތުން ދަތި ހާލުގައި އުޅޭ ފަރާތްތަކެއް ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް، އެއީ އެހެން ރައްޔިތުންނާ އަޅާބަލާއިރު، ވަކިން ހާއްސަކޮށް ނާޒުކު ހާލަތެއްގައި ތިބި ފަރާތްތަކެއްކަން ކަނޑައެޅެން ނެތުމުންނެވެ.

މި ގޮތަށް ސިޔާސަތު ބައްޓަން ކުރުމުން ބައެއް ވަޒީފާތައް އަދާކުރާ މީހުން އަސާސީ ހައްގަކުން ބާކީވުމުގެ ފުރުސަތު ބޮޑެވެ. މި ބުނެވުނު ބާކީވާ މީހުންގެ ތެރޭގައި ރިޒޯޓު މަސައްކަތްތެރިންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނާއި އަމިއްލަ ފަރާތްތަކުގެ ވިޔާފާރީގައި ވަޒީފާ އަދާކުރާ ފަރާތްތައް ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ފުލުހުންނާއި ސިފައިންނަކީ ރިޒޯޓް މަސައްކަތްތެރިންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓާގައި އުޅޭ މުވައްޒަފުންނަށް ވުރެ ޖުމްލަކޮށް ނާޒުކު ނުވަތަ ހާއްސަ އެހީއެއް ބޭނުންވާ ބައެއް ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ސަރުކާރުން ނުދައްކަ އެވެ. މީގެ އިތުރުން، ކައިވެނިކޮށްގެން އުޅޭ 18-40 އަހަރުގެ ރައްޔިތުންނަށް ހާއްސަކޮށްގެން އުމުރު ކަނޑައެޅުމަކީ ކައިވެނިކޮށްގެން އުޅޭ 40 އަހަރުން މަތީގެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދަން އޮތް ހުރަހަކަށް ވާނެ އެވެ.

ފަހުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު އޮތް ކެޓަގަރީތަކުގައި ނުހިމެނޭ އެންމެންނަށް ވެސް ކުރިއަށް އޮތް ތަނުގައި ފްލެޓް ލިބޭނެ ކަމަށެވެ. އެކަމަކު މިހާރު ވެސް އެގޮތަށް ވަކި އުމުރު ފުރައެއް ހާއްސަކުރުމުން އޭގައި މައްސަލަތަކެއް އުފެދެ އެވެ.

ވަކި ސަރަހައްދުތަކާއި ވަކި އުމުރުފުރާތަކާއި އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ވުރެ ވަކި ނާޒުކު ނޫން، ހާއްސަ އެހީތެރިކަން ބޭނުން ނުވާ ފަރާތްތަކަކަށް ފްލެޓް ހާއްސަ ކުރުމަކީ ތަފާތު ކުރުމަކަށް ނޫނީ ނުވާނެ އެވެ. މިސާލަކަށް، މާފަންނު ހުޅަނގު ސަރަހައްދުގައި ދަތި ހާލުގައި އުޅޭ މީހުންނަށް 256 ފްލެޓް ކަނޑައަޅާފައިވާ އިރު، މައްޗަންގޯޅި، މާފަންނު، އަދި ހެންވޭރުގައި މިފަދަ ހާލުގައި އުޅޭ ފަރާތްތައް ނޫޅެނީތޯ އެވެ؟ މިއީ މާލޭގައި ވެސް ވަކި ސަރަހައްދަކަށް ހާއްސަ ސަމާލުކަމެއް ދިނުން ނޫންތޯ އެވެ؟ ހަމަމިއާ އެކު، ފްލެޓް ދިނުމުގެ އާ އުސޫލު އިއުލާނު ކުރުމުގެ ކުރިން ސިވިލް ސާވަންޓުން ނުވަތަ މަދަނީ ހިދުމަތްތެރިންނާއި ފުލުހުން ފަދަ ފަރާތްތަކަށް ވަކިން ބޯހިޔާވަހިކަން ފޯރޮކޮށްދޭނެކަން އިއުލާންކޮށް އެކަމުގެ އަމަލީ މަސައްކަތް ވެސް އެބަ ކުރިއަށްދާކަން ފާހަގަކުރަން ޖެހެ އެވެ. މަދަނީ ހިދުމަތްތެރިންނާއި ފުލުހުން ފަދަ ފަރާތްތަކަށް ވަކިން ފްލެޓް އެޅުމުގެ އިތުރުން، 7،000 ފްލެޓްގެ މަޝްރޫއުން ވެސް އެ ފަރާތްތަކަށް ފްލެޓް ފޯރުކޮށްދިނުމަކީ އިންސާފުވެރި ގޮތެއްތޯ އެވެ؟

ހަމަ އެހެންމެ، އާ އުސޫލުގެ ސަބަބުން، މާލެ ނޫން ރަށްރަށަށް ނިސްބަތްވާ މާލޭގެ ރަށްވެހިންނަށް ގެދޮރު ހޯދުމުގެ ދަތިކަން ކުރިމަތިވެ، ނިސްބަތުން ހާއްސަ އެހީތެރިކަން ބޭނުން ނުވާ ފަރާތްތަކަކަށް ފްލެޓް ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން، ވަކި ފަރާތްތަކަކާ މެދު ތަފާތުކުރުމަކީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، އަވަށްތަކާއި ރަށްތަކުގެ މެދުގަ އާއި، އެކި ވަޒީފާތަކުގައި ތިބޭ ފަރާތްތަކުން އެހެން ވަޒީފާތަކުގައި ތިބި ފަރާތްތަކާ މެދު ނަފްރަތު އުފެދުމަށް ޖާގަ ލިބޭނެ ކަމެކެވެ.

ބައިބަޔަށް ފްލެޓްތައް ބެހުމުގެ ބޭނުމަކީ ކޮބާ؟

ވަކި ކެޓެގަރީތަކެއްގެ މީހުންނަށް ފްލެޓް ދޭން ނިންމިކަން އިއުލާންކުރުމަކީ ގެދޮރުވެރިކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނައި ކުއްލި ބަދަލެކެވެ. ޕީޕީއެމް ސަރުކާރުގައި ބޯހިޔަވާހިކަން ހޯދަން ކުރިމަތިލި 15،000 މީހުންގެ ތެރެއިން ފްލެޓް ނުލިބުނު މީހުން މި ބުރުގައި ހިމެނޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު މުއިއްޒު ކުރިން ދެއްވުމަށް ފަހު އެ ކަން ބަދަލުކުރެއްވީ ކޮން ގޮތަކަށް ވިސްނަވާފައި ކަމެއް ވިދާޅެއް ނުވެ އެވެ. އަދި 7،000 ފްލެޓަށް ކެޓެގަރީތަކެއް ކަނޑައެޅިކަން އިއުލާންކުރެއްވީ ސުވާލުކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ބަންދުކޮށްގެން ކަމަށް ވާތީ އެކަން އޮޅުންފިލުވުމުގެ ފުރުސަތެއް މީޑިއާއަކަށް ވެސް ނުލިބުނެވެ. އެހެންކަމުން 7،000 ފްލެޓް އެންމެ ބޮޑަށް ހައްގުވަނީ މި ދާއިރާތަކަށް ފެތޭ މީހުންނަށްކަން ސަރުކާރުން ކަނޑައެޅި ގޮތެއް ސާފެއް ނުވެ އެވެ.

އެކަމަކު ފަހުން މުއިއްޒު ވަނީ ޕީއެސްއެމްގައި ވަރަށް ތަަފްސީލުކޮށް ވާހަކަ ދައްކަވައިފަ އެވެ. ކުރިއަށް އޮތް ތަނުގައި އެއްވެސް "މީހަކު ބާކީނުކޮށް" ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

މިނިސްޓަރު މުއިއްޒު: ކެޓެގަރީތަކެއް ކަނޑައެޅީ ކޮން ވިސްނުމެއްގައި ކަމެއް ހާމައެއް ނުކުރައްވާ. ފޮޓޯ: ހައުސިން މިނިސްޓްރީ

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާމަކަން ކުޑަވުމަކީ ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކުން ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލަ އެވެ. އޭގެ ނަތީޖާ ވަރަށް ގޯސްކަން މިހާރު ވެސް ވަނީ ތަޖުރިބާކުރެވިފަ އެވެ. އެގޮތުން ފުރަތަމަ ބުރުގައި 661 ފްލެޓް ދިނީ އެންމެ ހައްގު މީހުންނަށް ނޫން ކަން މީޑިއާ އިން ފާހަގަކުރެވިފައި ވަނިކޮށް، 'މިނިސްޓާސް ލިސްޓް'ގެ ނަމުގައި ލިސްޓެއް އާއްމުވެ ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ސީރިއަސް ވެގެން ދިޔަކަން ފާހަގަކުރެވެ އެވެ. އަދި އެ ފްލެޓްތައް ބެހީ އިންސާފުންކަން ސަރުކާރަށް ޔަގީންކޮށް ނުދެވި ހުއްޓާ ވަކި ކެޓެގެރީތަކެއް ކަނޑައެޅުމާ އެކު، ޝައްކުތައް ވަނީ ހައްތަހާ އިތުރުވެފަ އެވެ. ހާމަކަން ކުޑަވުމުގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ މަގްސަދާ މެދު ސުވާލު އުފެއްދުމުގެ ޖާގަ އާއްމުންނަށް ވަނީ ލިބިފަ އެވެ.

އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ކުރިން ބެލެވިފައި އޮތް 7،000 ފްލެޓް ވަކި ބަޔަކަށް ޚާއްސަކުރުމުން އެކަން އަނެއްކާ ވެސް ބޮޑު ބަހުސަކަށް ދިޔައީ އެވެ.

ހައްލަކީ ކޮބާ؟

ގެދޮރުވެރިކުރުމުގެ ސިޔާސަތުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރުކުރެވޭނީ ހާމަކަން ބޮޑު އަދި ޖަވާބުދާރީކުރެވޭ އިންތިޒާމެއްގެ ތެރެއިން އެ ސިޔާސަތު ތަންފީޒުކޮށްގެންނެވެ. ފްލެޓް ލިބެނީ ކޮން ބަޔަކަށްކަން ހާމަކުރަން ޖެހެ އެވެ. ޕޮއިންޓް ސިސްޓަމެއްގެ ތެރެއިން އެކަން ކުރާ ނަމަ ޕޮއިންޓް ކަނޑައެޅޭ ގޮތް ސާފުވެ، އިންސާފުވެރިވާންވާނެ އެވެ. ޕޮއިންޓް ލިބުމުގެ ނިޒާމް ވަކި ބަޔަކަށް ފައިދާވާނޭހެން އެކަށައަޅައިގެނެއް ނުވާނެ އެވެ. އަދި ޝައްކު އުފެދޭ ހިނދު، ޝަކުވާ ހުށަހަޅައި، އެ ޝަކުވާތަކަށް އެކަށޭނަ ހައްލު ހޯދުމުގެ ހަރުދަނާ އަދި އިތުބާރު ހިފޭ ނިޒާމެއް ގާއިމްކުރަން ޖެހެ އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތު މި ނޫން ގޮތަކަށް އެކުލަވާލުމަކީ ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކަށް ސަރުކާރު އިތުރަށް ހުށަހެޅިގެންދާ ކަމަކަށް ނޫނީ ނުވާނެ އެވެ.

ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ކާރިސާއަކީ ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރުތަކުން ގެންގުޅުނު މަރުކަޒީ ސިޔާސަތުތަކުގެ ނަތީޖާ އެވެ. ސަރަހައްދީ ތަރައްގީ އަށް އިސްކަންދިނުމުގެ ބަދަލުގައި، މާލެ ސަރަހައްދަށް އިގްތިސޯދީ، ތައުލީމީ، އަދި ސިއްހީ ވަސީލަތްތައް މަރުކަޒުކުރުމުގެ ސަބަބުން މާލެ ސަރަހައްދު ވަނީ އާދަޔާހިލާފަށް ތޮއްޖެހިފަ އެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގައި ސަރަހައްދީ ތަރައްގީގެ ބަދަލުގައި، މާލެ ސަރަހައްދުގެ ތަރައްގީ އިސްކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުން މި ސަރަހައްދަށް ޖަމާކުރުމުގެ ސިޔާސަތެއް ސަރުކާރުން ތަންފީޒުކުރަމުންދާކަމީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އޭގެ ސަބަބުން ދިވެހިންގެ ސަގާފަތާއި ސާދާ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތައް ފަދަ މައްސަލަތަކާ މެދު ވިސްނައި އާ ސިޔާސަތަކަށް ދިޔުން މުހިއްމެވެ.

މެދު އަދި ދިގު ރާސްތާގެ ތަރައްގީގެ މައްސަލަތަކާއި ބޯހިޔާވަހިކަމުގެ ކާރިސާ އަށް ހައްލެއް ލިބެން އޮތީ ހަގީގީ މާނައިގައި ލާމަރުކަޒުކޮށް, މާލެ އާއި އަތޮޅުތަކުގެ މެދުގައިވާ ފަރަގު ކުޑަކުރުމަށް ސަރަހައްދީ ތަރައްގީ ތަންފީޒު ކޮށްގެންނެވެ. އަދި ސަރަހައްދީ ތަރައްގީ އަށް އިސްކަން ދިނުމުގައި، ރަށްރަށުގައި އާއިލާ ބިނާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުން އެއީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެމެވެ.

ސަރަހައްދީ ތަރައްގީ އަށް އިސްކަންދިނުމާ އެކުއެކީގައި، ކުރު މުއްދަތުގައި ވެސް، ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނީ ހާމަ އަދި އިންސާފުވެރި ގޮތުގަ އެވެ. ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތަށް ޖުމްލަކޮށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ޖެހިފަ އެވެ. އެކަމުގައި އާންމުންނާއި ޖަމިއްޔާތައް ފަދަ ފަރާތްތަކުގެ ބައިވެރިވުން ހޯދުން ކޮންމެހެން މުހިންމެވެ. އެއީ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި ހުރިހާ ރައްޔިތުން ޝާމިލްކުރާ، ހަމަހަމަ ސިޔާސަތުތަކެއް ގެންގުޅެން ޖެހޭތީ އެވެ.