މަހްލޫފް ގޮތްދޫނުކޮށް ޖަލަށް، ހިތްވަރުގަދަ

ބައެއް މީހުން ސިފަކުރާ ގޮތުގައި މި ފަހުން ރާއްޖެ އިން ފެނުނު އެންމެ ހިތްވަރުގަދަ، އެންމެ ކެރޭ ސިޔާސީ ބޭފުޅަކީ އަހުމަދު މަހުލޫފެވެ. ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވުމުގެ މާ ކުރިން ވެސް އޭނާ އަށް އޮތީ ޖަލުކަން މަހުލޫފް ގަބޫލުކުރެއްވި އެވެ. އެކަމަކު އޭނާ ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައެއް ނުގަންނަވަ އެވެ. ނުވަތަ ހުކުމުން ސަލާމަތްވާން އެންމެ ފަހު ވަގުތު ކޮޅު ބަދަލެއް ވެސް ނުކުރައްވަ އެވެ.


އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ސިފަކުރެއްވި ގޮތުގައި މަހުލޫފް ޖަލު ގޮޅިއަށް ވަޑައިގަތީ "ރައްޔިތުންގެ ހައްގުގަ" އެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި އިސްލާހަށް ފެއްޓެވި މަސައްކަތުގައި ބިރުން ފަހަތަށް ޖެހިވަޑައިގެން، "މައިދާން ދޫކޮށްލައްވަން ބޭނުން ނުވީ" އެވެ.

"ހުކުމް އިއްވުމުގެ އެއް ދުވަސް ކުރިން މަހްލޫފަށް ކޮންމެވެސް ގޮތަކުން ވަނީ އެނގިފައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާނެކަން. އޭނާ ހުރީ އެކަމަށް ތައްޔާރުވެގެން. ފަހަތަށް ޖެހެން ބޭނުންނުވީ،" ނަޒޫ ވިދާޅުވި އެވެ.

"ރައީސް ޔާމީން ސަރުކާރުގައި ހުކުމަކީ އެއްވެސް ހެއްކަކަށް ބިނާކޮށްފައި ކުރާ އެއްޗެއް ނޫން ކަން އެނގޭ. މަހްލޫފަށް އެނގޭ އަވަސް އަރުވާލާފައި ހުކުމްކުރީ ރައީސް ޔާމީންގެ އޯޑަރަށް ކަން ވެސް."

މަހްލޫފާއި އަނބިކަނބަލުން ނަޒޫ އަދި ދަރިފުޅު ލައިބާ. - ފޮޓޯ: ފޭސްބުކް/މަހްލޫފް

ނާޒިމް ހައްޔަރުކުރުން: މަހްލޫފުގެ ކެތްތެރިކަން ކޮޅުންލުން

ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. ރިޔާސީ އިންތިހާބު ތެރޭގައި ވެސް އޭނާ ދެ ފަހަރެއްގެ މަތިން ޕީޕީއެމް ދޫކުރައްވަން އުޅުއްވި އެވެ. އޭރު ޕީޕީއެމްގައި އޭނާގެ އެންމެ ކައިރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި "މަހޭ އުޅުނީ ފައިސާ އަށް އެމްޑީޕީ އަށް ދާށެ"ވެ.

އެނގޭ ކަމަކީ އޭގެ ފަހުން ރައީސް ޔާމީނާ މެދު ހިތްހަމަޖެހިވަޑައިނުގެން، ފާޅުގައި ފާޑުވިދާޅުވި ޕީޕީއެމްގެ މަޖިލިސް ފުރަތަމަ މެމްބަރަކީ އޭނާ އަށް ވުމެވެ. ނަޒޫ ވިދާޅުވި ގޮތުގައި މަހުލޫފް ފުރަތަމަ އުޅުއްވީ ހިމޭނުން ހުންނަވާށެވެ. އެކަމަކު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް "ފްރޭމްކުރި" ހިސާބުން އޭނާ އަށް ކެތްނުކުރެއްވުނީ ކަމަށް ނަޒޫ ވިދާޅުވި އެވެ.

"އެކަން ހިނގީމަ ބުނި ދެން ނުހުންނާނަމޭ، ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަމޭ،" މަހްލޫފާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ނަޒޫ ވިދާޅުވި އެވެ.

އޭގެ ފަހުން މަހްލޫފް ފެނުނީ އިދިކޮޅު މުޒާހަރާތަކުގެ އެންމެ އިސް ސަފުންނެވެ. ހައްޔަރުކޮށްފާނެތީ ބިރަކުން އޭނާ ނޫޅުއްވަ އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އޭނާ އަށް ނިސްބަތްކޮށް "ހައްޔަރުވެގެން ބަތަލަކަށް ވާން" އުޅެނިއްޔޭ ވިދާޅުވިޔަސް، މަހްލޫފް އަޅައެއް ނުލައްވަ އެވެ. ބައެއް މުޒާހަރާތައް ރޫޅާލިއަސް، ގެއަށް ވަޑައިނުގެން ވަކި ހިސާބަކުން އަނެއްކާވެސް ނުކުމެވަޑައިގަންނަވަ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒޫ "މިހާރު"އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"މުޒާހަރާ އަށް މަހްލޫފް ދަނީ ހައްޔަރުކޮށްފާނެ ކަން އެނގި ހުރެ. ޖުޑިޝަރީ ކޮރަޕްޓްވެފައި އޮތް ކަމާއި ގޯސްކޮށް ކަމެއް ނުކުރިއަސް އެތަނުން ސަލާމަތް ނުވެވޭނެކަން ވެސް އެނގި ހުރެ. ސިޔާސީ ކަމަކަށް ނުކުމެގެން ދާއިރު ބުނޭ ނޭނގެއޭ އެނބުރި އާދެވޭނެ ކަމެއް،" ނަޒޫ ވިދާޅުވި އެވެ.

ސިޔާސީ މައިދާނުން ފަހަކަށް އައިސް ފެނުނު އެންމެ ޖެހިލުންކުޑަ ޒުވާން ބޭފުޅަކީ މަހްލޫފެވެ. އޭނާ ހުންނެވި ކޮޅެއްގައި ސާބިތުކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެކަން، ގާތް އެކުވެރިންނަށް ޔަގީނެވެ. މެމްބަރު ކަމުގެ ގޮނޑި ގެއްލިދާނެތީ އޭނާ ހާހެއް ނުވެ އެވެ. ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދެވީ، މަހުލޫފްގެ ބައެއް އެކުވެރިން ސިފަކުރާ ގޮތުގައި، "ކޮންމެ ފަދަ ހިތްދަތިކަމެއް ލިބުނަސް ވަރިހަމަކަމަށް" ބައްލަވައިގެންނެވެ.

މަހްލޫފު އާއިލާއާ އެކު - ފޮޓޯ: ފޭސްބުކް/މަހްލޫފް

މަހުލޫފަކީ ހިތްވަރެއް، ނަމޫނާއެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ނެތި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ޖޯޝާއި ފޯރި ގެނެސްދެއްވީ މަހްލޫފް ކަން، އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލުކުރެ އެވެ.

ކުރިން ސިޔާސީ ދެ ޚަތުރުންގެ ގޮތުގައި ތިއްބެވި އެކަމަކު ފަހުން މަހްލޫފާ އެކު ސިޔާސީ ގިނަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި މަހްލޫފް އިސްލާހަށް މަސައްކަތް ފެއްޓެވުމަކީ ޕީޕީއެމް ސަރުކާރުގެ ޖަރީމާތަކާ މެދު މާޔޫސްވެފައި ތިބި އެތައް ބަޔަކަށް ލިބުނު ދިރުމެކެވެ. އިދިކޮޅު ހަރަކާތާ މަހްލޫފް ގުޅިވަޑައިގެންނެވި ހިސާބުން އޭނާގެ ބައިވެރިވުމެއް ނެތި ކުރިއަށް ގެންދިޔަ އެއްވެސް ހަރަކާތެއް ނެތް ކަން އީވާ ފާހަގަކުރެއްވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަހްލޫފާއި އީވާ، ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ކައިރިއަށް ޑޮލަރު ސިފާގައި ހަދާފައި ހުރި ކަރުދާސްތަކެއް އުކަނީ - ފޮޓޯ: ފޭސްބުކް/މަހްލޫފް

"މަހްލޫފަކީ އެތައް ބަޔަކަށް ހިތްވަރެއް. މަގުމައްޗަށް ނުކުމެވަޑައިގެން މަހްލޫފް ދެއްކެވި ހިތްވަރުން އެތައް ބަޔަކަށް ހިިތްވަރު ލިބުނު. މަހްލޫފް ނުކުންނެވީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ކެރިގެން. އޭނާ ދައްކަވާ ސާބިތުކަމަކީ އެހެން މީހުންނަށް ނަމޫނާއެއް،" އީވާ ވިދާޅުވި އެވެ.

"މޭޑޭ މުޒާހަރާ އާއި ޖޫން 12، 13 މުޒާހަރާގައި ވެސް މަހްލޫފް ނަމޫނާ ދެއްކެވި."

ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދު އުފެއްދި ފަހުން މަހްލޫފްގެ އެންމެ ގާތް އެއް ބޭފުޅެއް ކަމަށްވާ އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ޓްރޭޑް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު އާދަމް އާޒިމް، މަހުލޫފް އެއްވަރުކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޒުވާން ދުވަސްވަރާ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަހްލޫފަކީ "އަނިޔާވެރިކަން ބަދަލުކުރަން އުފެދުނު ޒުވާން ލީޑަރެ"ކެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި މަހްލޫފަކީ ސިޔާސީ ކަންތައްތަކުގައި ދެކޮޅު ފެނިފައި ހުރި ބޭފުޅެއް -- އާޒިމް

ސަރުކާރާ ދެކޮޅަށް މަހްލޫފް ފާޅުގައި ނުކުންނެވުމަކީ ޒުވާނުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ނިގުޅައިގެންފައިވާ ހައްގުތައް އިއާދަކުރެވޭނީ ޒުވާނުން މަހްލޫފް ނަމޫނާއަކަށް ނަގައިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ޒުވާނުންނަށް ކަންތައްތައް ބަދަލުކުރެވޭނީ. ކަންކަން ބަދަލުކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވަމުން ގެންދެވި، ބިރު ފަހަނައަޅާ ގޮސްފައިވާ ލީޑަރުންގެ ތެރެއިން ލީޑަރެއް މަހްލޫފަކީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަހްލޫފްގެ މައުލޫމާތުގެ "ހަޒާނާ" އިން ކަންކަން ކުރިއަށް ގެންދަވަނީ ހިކުމަތްތެރިކަމާ އެކު އެވެ. އިދިކޮޅު ހަރަކާތްތައް ރާވައި ހިންގުމުގައި އެފަދަ ދެވަނައެއް ނެތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"ރައީސް މައުމޫނާއި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރެއްވި މަހްލޫފަކީ ސިޔާސީ ކަންތައްތަކުގައި ދެކޮޅު ފެނިފައި ހުރި ބޭފުޅެއް،" ރައްޔިތުންގެ މަޖިލީހުގައި ގާތްގަނޑަކަށް އަށް އަހަރު ހޭދަކުރައްވާފައިވާ މަހްލޫފާ ބެހޭ ގޮތުން އާޒިމް ވިދާޅުވި އެވެ.

މަހުލޫފަށް ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔައިރު އަނބިކަނބަލުން ނަޒޫ (މ) ކޯޓު ކައިރީގައި .-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޝަރުއީ ދާއިރާއަށް މަހުލޫފްގެ ހަމަލާ

އޭނާ އަކީ ފާޅުގައި ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޖަލު ހުކުމް އައުމުގެ ކުރިން ރެކޯޑްކުރެއްވި އަދި ރޭ އޮތް އިދިކޮޅު އިއްތިހާދުގެ ފުރަތަމަ ޖަލްސާގައި އާންމުކުރި އޭނާގެ ވާހަކާގައި ވެސް އެކަން ހިމެނުއްވި އެވެ.

"މި ގައުމުގެ ޖުޑީޝަރީއަކީ މި ގައުމުގެ ވެރިކަން ކުރާ ޕާޓީ އަށް ތާއީދުކުރީމަ ހުކުމްނުކޮށް، އިދިކޮޅު މީހުންނަށް ހުކުމްކުރާ ތަނަކަށް ވެގެން ނުވާނެ. ރިޝްވަތުގެ ހަރާން ހުކުމްތައް ނެރޭ ބަޔަކަށް ވެގެން ނުވާނެ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާގެ މައްޗަށް އުފުލި އެހެން ދައުވާއެއްގައި މިހާރު އޮތީ ހުކުމް އިއްވުމެވެ. ކުރިން އިއްޔެ އެ ޝަރީއަތް ބާއްވަން ތާވަލްކުރިޔަސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. ފުލުހުންގެ ބެރިކޭޑް ފާޅާލިކަމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަ މަހުގެ ޖަލު ހުކުމެއް އައުން ގާތެވެ. ނަމަވެސް އެކަމާ މަހުލޫފް ޖެހިލުންވެވަޑައިނުގަންނަވާނެކަން ނަޒޫ އަށް ޔަގީނެވެ. އޭނާ ވިދާޅުވީ "ފަތިފައްޗަށް ހުކުމް އަމުނައި 15 އަހަރު ޖަލަށް ލިއަސް މަހްލޫފްގެ އަޒުމެއް ނުގުޑާނެ" ކަމަށެވެ.

"ކިތަންމެ އަނިޔާއެއް ދިނަސް މަހްލޫފް ހުރީ ގޭގައި ފިލާ އޮންނަ ވިސްނުމުގައެއް ނޫން. އޭނާ ނުކުތީ ރައްޔިތުންގެ ހައްގުގައި. އެކަން ކާމިޔާބު ނުވަނީސް މަހްލޫފް ހުއްޓައެއް ނުލާނެ. އެއީ ޔަގީންކަމެއް،" ނަޒޫ ވިދާޅުވި އެވެ.

"މަހްލޫފް އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު."

ދަރިން ދެކެ ލޯބިވާ އެހެން ބަފައިންނެކޭ އެއްގޮތަށް މަހުލޫފް އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ތިން އަހަރުގެ އަންހެން ދަރިފުޅާ ދުރުގައި ހުންނަވަން ޖެހޭތީ އެވެ.

"މަހްލޫފަށް އެންމެ އުނދަގޫވީ ދަރިފުޅު ކަންތަކާ. ދަރިފުޅު ނޫން އެހެން އެއްވެސް ކަމަކާ މަހްލޫފްގެ ކަންބޮޑުވުމެއް ނެތް،" ނަޒޫ ވިދާޅުވި އެވެ.

ޖަލަށް ވަޑައިގަތުމުގެ ކުރިން ޅެން ބައިތަކުން މަހްލޫފް އޭނާގެ އަޒުމް ސިފަކުރެއްވީ "ފިޔަތައް ކޮށައި ކޮއްޓަށް ލިޔަސް، ދުލުގައި ހިފާ އަނބުރާލިޔަސް،" ފަހަތަށް ފިޔަވަޅު ނާޅުއްވާނެ ކަމަށް ވިދާޅުވެ އެވެ. އޭނާގެ ސިޔާސީ އެކުވެރިންނަށް އެއީ ކަށަވަރު ވާހަކައެކެވެ. އޭނާގެ އާއިލާ އަށް އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ.

"އަޅުގަނޑު އެނބުރި އައިސް މިއަށް ވުރެ ވަރުގަދަކުރާނަން،" އިއްތިހާދުގެ ސަޕޯޓަރުންނަށް ރޭ އޭނާ ވިދާޅުވި އެވެ.