އަބަދުވެސް މިހެން، އެކަމަކު ކަންބޮޑުވާން ޖެހޭ ކަމެއް؟

މާލޭ ބާޒާރުމަތިން ލާފައި ބޮޑުތަކުރުފާނުމަގުން ދާ ކޮންމެ މީހަކަށް ވެސް މި މަންޒަރު ފެންނާނެ އެވެ. ފަޅުގައި އަޅައިފައި އޮންނަ ބޯޓު ފަހަރަށް މުދާ އަރުވައި ބާލަނީ އެއްގަމުން ބޯޓަށް އަޅާފައި އޮންނަ ހަނި ފިލާގަނޑެއްގެ މަތިންނެވެ. ވަރަށް ބަރު އެއްޗެހި ކޮނޑަށް ލައިގެން ބޯޓުތަކުގެ ފަޅުވެރިން، ގިނައިން ބިދޭސީން، އެ ފިލާތަކުގެ މަތިން ހިނގާފައި ދާ ތަން އަބަދުވެސް ފެނެ އެވެ. އެހެންވެ މިއީ، ގިނަ މީހުންނަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ވަރަށް ވުރެ މާ އާއްމު، "އާދައިގެ" ކަމެކެވެ.


އެކަމަކު ސޯޝަލް މީޑިއާގައި މިކަމާ މެދު ކަންބޮޑުވުން ފާޅުކުރި އެކަކަށް، މިއީ އެހާ ކުޑަކުޑަ ކަމެއް ނޫނެވެ. އެ ގޮތަށް މަސައްކަތުގައި އުޅުނު މީހަކު މޫދަށް ވެއްޓުނު މަންޒަރު ފެނިފައި، ޓްވިޓާގައި އިބްރާހިމް ތައްޔިބު (ތަޑޫ) ފާހަގަކުރި ގޮތުގައި މީހުންގެ ރައްކާތެރިކަމަށްޓަކައި މިކަން ބަދަލުވާން ޖެހެ އެވެ.

ބޯޓަކުން މުދާ ބާލަން އުޅެނިކޮށް އެ ފަހަރު ވެއްޓުނު ބިދޭސީ މީހާގެ ނަސީބު ރަނގަޅުކަމުން ފަތަން އެނގޭތީ އާއި އަނިޔާއެއް ނުލިބޭތީ އޭނާ ސަލާމަތް ވިޔަސް، އޭނާ ނޫން ކިތަންމެ ބަޔަކު އެ ގޮތަށް ވެއްޓޭ ކަމަށް ތަޑޫ ލިޔެފައިވެ އެވެ. އޭނާ ވަނީ ބިދޭސީން ބޮޑެތި ކާށި ބަސްތާތަކާއި ފެން ކޭސްތައް ކޮނޑަށާއި އުނަގަނޑު މައްޗަށް ލައިގެން އުފުލާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް ޓްވީޓްކޮށްފަ އެވެ.

އެކަމާ މެދު ޚިޔާލުފާޅުކުރި މީހުންގެ ތެރެއިން އެކަކުގެ ނަޒަރުގައި މިއީ ބޯޓުތަކަށް މުދާ އަރުވައި ބާލަން ފަސޭހަ ގޮތަކަށް ވެފައި، އެ މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމާ މެދު މިހާތަނަށް މާ ބޮޑު ކަންބޮޑުވުމެއް އުފެދިފައެއް ވެސް ނެތެވެ. އެހެންވެ އޭނާ ދެކެނީ މިއީ މައްސަލައެއްގެ ގޮތުގައި ނަގަން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.

އެކަމަކު އޭގެ ރައްދުގައި އެހެން މީހަކު ބުނީ ހުރީ ކޮން ފެންވަރެއްކަން ވެސް ނޭނގޭ ހަ އިންޗި ފުޅާ ފިލާގަނޑެއްގެ މަތިން، 50 ކިލޯ އަށް ވުރެ ބަރު އެއްޗެއް ކޮނޑަށް ލައިގެން ހިނގާފައި ދިޔުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވީމާ ފިޔަވަޅު އަޅަން މަޑުނުކޮށް އެކްސިޑެންޓެއް ނުހިނގާނެކަން ކަށަވަރުކުރުން މުހިއްމުކަން އޭނާ ފާހަގަކުރި އެވެ.

"ބާޒާރުމަތީގައި ވަރަށް ގިނަ ވަގުތު ހޭދަކޮށް އުޅޭ މީހެއްގެ ހައިސިއްޔަތުން" ޓްވީޓްކުރި މީހަކު ބުނީ ގިނައިން މިކަން ކުރަނީ އައްޑު އާއި ފުވައްމުލަކުގެ ބޯޓުތަކުން ކަމަށެވެ. އޭނާގެ ނަޒަރުގައި އެއް މައްސަލައަކީ، މުދާ އަރުވައި ބާލަން ފަސޭހަވާނެ ގޮތަށް ބޯޓުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ދެކުނުގެ އޮޑިވެރިން ނޫޅޭ ކަމެވެ.

މި ސަބަބުތައް މިހެން ހުއްޓަސް، އެހެން މީހަކު ފާހަގަކުރި ގޮތުގައި، މިއީ އާ ކަމެއް ނޫނެވެ؛ މިކަން މި ގޮތަށް ކުރާތާ އެތައް ޒަމާނެއް ވެއްޖެ އެވެ. އެހެންވީމާ މިކަން ބަދަލުވެދާނެ ހެއްޔެވެ؟ އަދި މި ބޯޓުފަހަރަށް މުދާ އުފުލަން މި އަށް ވުރެ ރައްކާތެރި ގޮތަކީ ކޮބާ ހެއްޔެވެ؟