ރިޕޯޓް / ގޭންގް ހަމަނުޖެހުން

ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟

ދަރުމަވަންތަ ދަރިވަރުގެ ގަޔަށް ވަޅިހެރުމުން ޒަހަމްވެފައި--

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންގެ ޑިސިޕްލިން ހިފެހެއްޓުމަށް ޓަކައި އެޅޭ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ ހެއްޔެވެ؟ އެ ކުދިން އިސްލާހު ކުރުމަށް ތައުލީމީ ނިޒާމުގައި މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟ ޓީޗަރުންނަށް ރައްކާތެރި މާހައުލެއް އެބައޮތް ހެއްޔެވެ؟ ބޮޑު ހަރަދުތަކެއް ކޮށްގެން ދަރިންގެ ތައުލީމަށް ގުރުބާން ވަމުން އަންނަ މައިންބަފައިންނަށް ރާއްޖޭގެ ތައުލީމީ ނިޒާމުގައި އެއްވެސް އުންމީދެއް އެބައޮތް ހެއްޔެވެ؟

ހަމައެކަނި މި އަހަރަށް އެކަނި ބަލާލިޔަސް ބިރުން ފިތްކަނޑައިގެންދާ ވަރުގެ، ވަރުގަދަ ތިން މާރާމާރީއެއް ހިންގައިފި އެވެ. އެއީ، ގޭންގު ކުށްތަކެވެ. މި އަހަރުގެ ކިޔެވުން ފެށިގެން އައީ ސްކޫލެއްގެ ތެރޭގައި ދަރިވަރެއްގެ ގަޔަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލި ހާދިސާއިންނެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ ދަރިވަރެއްގެ ގަޔަށް އަނެއްކާ ވެސް ވަޅި ހަރައި، ހުރިހާ ސްކޫލުތަކެއް އެލާޓަށް އައެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަގާ ދޭތެރޭ އެތަކެއް ސުވާލުތަކެއް ބެލެނިވެރިން ކުރަން ފެށި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މީގެ ދެތިން ދުވަސް ކުރިން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެއްގެ ސަބަބުން ބެލެނިވެރިން މި ވަނީ ރަތަށް އަރައިފަ އެވެ. އެކަން ހިނގައިދިޔަ ގޮތާއި ސްކޫލުތަކުގެ ހާލަތު އޮތް ހިސާބު މި ހާދިސާއިން ވަރަށް ސާފުކޮށް ދައްކާލަދިނެވެ. ކުށް ކުރި ދަރިވަރުގެ މައްސަލަ ބާއްވާފައި، ފެނިގެން މިދިޔައީ އަމިއްލަ ޑިފެންސަށް މަސައްކަތް ކުރި ކަމަށް ބުނާ ޓީޗަރު ސަސްޕެންޑް ކުރި ތަނެވެ. މިއީ ކިހާ ނުރައްކާތެރި މެސެޖެއް ހެއްޔެވެ؟

Dharivarah hamalaa dhinee gang akah nisbaiy veyey bunefai!

Dharivarah hamalaa dhinee gang akah nisbaiy veyey bunefai!

The most trusted news source in the Maldives

Mihaaru

ދަރުމަވަންތަ ދަރިވަރެއްގެ ގަޔަށް ވަޅިހެރުން--

މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީޗަރަަކާ މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެ، އެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކަން ފެށުމާ އެކު ބިދޭސީ ޓީޗަރު މިހާރު ވަނީ 12 އަހަރަށް ފަހު ރާއްޖެ ދޫކޮށްލައިފަ އެވެ. އޭނާ ރާއްޖެ ދޫކޮށް ދަމުން ރޮވިފައި ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. ރަހުމަތްތެރިން ގާތު ބުނަމުން ދިޔަ ކަމަށް ވަނީ ސްކޫލުތަކުގައި ބައެއް ދަރިވަރުންގެ ސަބަބުން ޓީޗަރުންނަށް ރައްކާތެރިކަން ގެއްލި ފުރާނަ މަރަށް ހުށަހެޅިފައިވާ ކަމަށެވެ. -- މިއީ ހަގީގަތުގައި ވަރަށް ވާހަކަ އެވެ.

އޭނާ އެ ހަދަނީ ތެދެއް ނަމަ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެހެންވިއްޔާ ސްކޫލުތަކުގެ ހާލަތު އެ ހިސާބަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ މިހާ ވަރުވީ އިރު އެޑިއުކޭޝަން މިނިސްޓްރީ އާއި ގަވައިދުތައް ތަންފީޒު ކުރާ ފަރާތްތައް ތިބީ ނިދާފައި ހެއްޔެވެ؟ ސްކޫލުތަކުގެ ޑިސިޕްލިން ކޮމެޓީތަކާއި ހަދާފައިވާ ގަވައިދުތައް ވީ ކޮންތާކު ހެއްޔެވެ؟

މަޖީދިއްޔާ ސްކޫލުގެ ހާދިސާ އަށް ބަލާއިރު މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތައް ބުނާ ގޮތުން އެ ކުއްޖާ އަކީ ސްކޫލުގައި މާރާމާރީ ހިންގުމުގެ ރެކޯޑު އޮތް ކުއްޖެކެވެ. އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. ބެލެނިވެރިން އުފައްދާ ސުވާލަކީ މި އެވެ؛ ދަރިވަރަކު އާދަޔާ ހިލާފަށް ގޯސްކޮށް އުޅޭކަން ސްކޫލުތަކަށް އެނގި އެކަމާ ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟

"ބައެއް ދަރިވަރުން ސްކޫލުތަކުގައި ވަރަށް ބޭއަދަބީކޮށް ވާހަކަ ދައްކައި، އެހެން ކުދިންނަށް ޖެއްސުންކޮށް ޓީޗަރުންނަށް ފުރައްސާރަކޮށް ބިރު ދައްކާ ހަދާކަން އެއީ ސްކޫލުތަކަށް ނޭނގި ހުންނަ ކަންކަމެއް ނޫން. ސްކޫލުތަކުގެ މެނޭޖްމަންޓަށް ދަރިވަރުންޏާއި ޓީޗަރުން ވެސް ހުންނަނީ އެ މައުލޫމާތު ހިއްސާކޮށްފައި. އެކަމަކު ވަރަށް މަދު ހާލަތެއްގައި ނޫނީ ފިޔަވަޅެއް ނޭޅޭ،" ސްކޫލެއްގެ ޕީޓީއޭ އަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައި ބެލެނިވެރިއަކު ބުންޏެވެ. "ފިޔަވަޅު އަޅަން ތަކުރާރުކޮށް ޕީޓީއޭތަކުން ވެސް މަސައްކަތް ކުރަމުން ދޭ. އެކަމަކު ތަފާތު ކަންކަން ދިމާވެގެން މައްސަލަ އޮންނަނީ ހުއްޓިފައި."

އެހެން އެކަން ދިމާވާ ސަބަބުތައް އެންމެންނަށް ވެސް އެނގެ އެވެ. ސްކޫލުތަކުގައި ގޭންގު ކުށްތައް އިތުރުވާ ކަމާއި ސީދާ ގޭންގުތަކުގައި އުޅޭ ކުދިންނާއި މާރާމާރީ ހިންގާ ކުދިން ސްކޫލުތަކުގެ ގްްރޭޑް 6-7 ގައި ވެސް އުޅޭކަން އެންމެންނަށް އެބަ އެނގެ އެވެ. އެކަމަކު ބައެއް ކުދިންގެ މައްސަލަތައް ބަލަން ސްކޫލުތަކަށް ފަސް ޖެހެން އޮންނަނީ މަޖުބޫރުވެފަ އެވެ. އޭގެ އެއް ސަބަބަކީ ދަރިވަރާއި އެ ދަރިވަރުގެ ބާރާއި ނުފޫޒެވެ. އަނެއްކޮޅުން މި މުޖުތަމައުގައި ކަންކަން ހިނގާ ނުރައްކާތެރި ގޮތެވެ. އަމިއްލަ ރައްކާތެރިކަން ކަށަވަރުވެފައި ނެތުމެވެ.

"ދަރިވަރަށް ފިޔަވަޅު އަޅަން ހިތަށް އަރާއިރު ވެސް ދަރިވަރު މި އޮންނަނީ ޓީޗަރަށް އިންޒާރު ދީފައި ހޭއަރުވާލާނެ ކަމަށް،" ޓީޗަރަކު ބުންޏެވެ. "ޑިސިޕްލިން ރަނގަޅު ކުރުމަށް ހެޔޮ ނިޔަތެއްގައި ފިޔަވަޅު އެޅޭކަށް ވެސް ނޯވޭ. މި ހާލަތުގައި އޮތީ ޓީޗަރު އެކަންޏެއް ނޫން. ސްކޫލާއި އެޑިއުކޭޝަން ވެސް އޮތީ މި ބިރުވެރިކަމުގެ ތެރޭގައި."

"ނިކަން ބައްލަވާ ސްކޫލުތަކަށް ގުރޫޕު ގުރޫޕުން ވަޅި ހިފައިގެން ގޮސް ކުދިންގެ ގަޔަށް ވަޅި ހަރާ ހިސާބަށް ދިޔައީމަ ކާކަށް ކޯއްޗެއްތޯ ދެން ބުނަން ކެރޭނީ."

ޓީޗަރުންނާއި ފުލުހުންގެ ފަރާތުން ލިބޭ މައުލޫމާތަށް ބަލާއިރު ސްކޫލުގައި ކުށްކުރުމަކީ އާންމު ކަމެކެވެ. ސްކޫލުތަކުގެ ތެރެއިން ގޭންގުތައް އުފެދި އެ ގޭންގުތައް ހެދި ބޮޑުވެ، އެ ކުދިން އޭގެ ފަހުން ގޭންގު ކުށްތަކުގައި ރާއްޖެ ސިއްސުވާލައިފައި ވެސް އެބަހުއްޓެވެ. ސްކޫލުތަކުގައި އުޅޭ ބައެއް ކުދިން ގޭންގު ހަމަލާތަކުގައި މަރުވެފައި ވެސް އެބަހުއްޓެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުން ފެށިގެން ގޮސް ބަދުއަހުލާގީ އަމަލުތައް ހިންގުމާއި މާރާމާރީ ހިންގުން ސްކޫލު ކުދިންގެ ތެރޭގައި މި ވަނީ އާންމުވެފަ އެވެ. ހަގީގަތަކީ، ސްކޫލުތަކުގައި ޕްްރިންސިޕަލުންނާއި ޓީޗަރުންނާއި މެނޭޖްމަންޓު އިހުލާސްތެރި ކަމާ އެކު ހޭބޯނާރައި ކިޔަވައިދެމުން އަޔަސް، އަނެއްކޮޅުން ސްކޫލު މާހައުލު ބިރުވެރި ތަނަކަށް ވެސް ބަދަލުވަމުންދާ ކަމެވެ. ނުވަތަ، ސްކޫލުތައް ވެސް ގޭންގުތަކަކަށް ބަދަލުވެ ނިމިއްޖެ ކަމެވެ.

ހައްލަކީ ކޮބާ؟

ޓީޗަރުން ތަމްސީލްކުރާ، ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވި ގޮތުގައި ޓީޗަރުންނަށް ރައްކާތެރިކަމާއި މިނިވަންކަމާ އެކު ކިޔަވައިދެވޭނެ ފުރުސަތެއް ނެތެވެ. އެކަންކަން އެޑިއުކޭޝަން މިނިސްޓްރީން ހައްލުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތެރޭގައި 19 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވާފައިވާ ކްރައިމް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ޅައުމުރުގައި ކުށްކުރާ ކުދިން ހުއްޓުވޭނީ ދިގު މުއްދަތަކަށް އަމާޒުކޮށް ކަންތައްތަކެއް ކޮށްގެންނެވެ. އެފަދަ ކުދިންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެ ކުދިން ލައްވާ ކުށްކުރުވުމުގެ އަޑީގައި ތިބި މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Biru dhahkaathee teacher furaifi

Biru dhahkaathee teacher furaifi

The most trusted news source in the Maldives

Mihaaru

މަޖީދިއްޔާ ޓީޗަރަށް ބިރުދެއްކުމުން ޓީޗަރު ގައުމު ދޫކޮށް ގޮސްފި--

ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ޖިނާއީ ކުށްތައް ކުރާ ކުޑަކުދިންނާ ދޭތެރޭ ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުގައި ކަމަށް ބުނެ މަސައްކަތް ކުރާ ބައެއް ޔުނިޓްތަކުގެ ސަބަބުން އެ ގާނޫނުތައް ތަންފީޒުކުރަން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އުޅެނީ ޕޮލިސީ މައްސަލައެއް. ކުއްޖަކު ޖިނާއީ ކުށްތައް ކުރާއިރު ފިޔަވަޅު ނޭޅި، ނުވަތަ ރިހިބިލިޓޭޓް ނުކުރެވެންޏާ އެއީ ޕޮލިސީ މައްސަލައެއް،" ފުލުހުންގެ އިދާރާގައި ވެސް މަސައްކަތް ކުރައްވާފައިވާ ވަކީލް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ހިދުމަތްކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޓީޗަރަކު ވިދާޅުވި ގޮތުގައި ސްކޫލުތަކުގައި މައްސަލަތައް އިތުރުވެ ނުރައްކާތެރި ބަޔަކަށް އެ ކުދިން ވެގެން ދަނީ ކުށްކުރަން ފަށާ ހިސާބުން ފިޔަވަޅު ނާޅާތީ އެވެ. މިހާރު ފެންމަތިވަމުން މިދަނީ އެތައް ދުވަހެއްވެފައިވާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިޔަވަން ބޭނުންވާ ކުދިންނާ އެކު މިނިވަން ކަމާ އެކު ކިޔަވައިދެވޭނެ ފުރުސަތެއް ނެތް. ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވިފައެއް ވެސް ނެތް،" ކަންބޮޑުވުން ހިއްސާކުރި ދިވެހި ޓީޗަރަކު ބުންޏެވެ. "އެއްވެސް ކުއްޖަކު ބާކީ ނުކުރާނަމޭ ކިޔައިފައި ކުށްކުރާ ކުދިން ކްލާހުގައި ބޭތިއްބީމަ އެހެން ކުދިންނަށް މީގެ ނޭދެވޭ އަސަރު މިކުރަނީ."

މާރާމާރީތަކުގެ މައްސަލާގައި އެޑިއުކޭޝަނުން ދައްކަނީ އުންމީދީ ވާހަކަތަކެކެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން އިސްކަންދެނީ ކުށްކުރާ ކުދިން ވެސް ބާކީނުކޮށް އިސްލާހު ކުރުމަށް ކަމަށެވެ. ނަމަވެސް ދަރިވަރަކު ޖިނާއީ ކުށެއް ކޮށްފި ނަމަ ފިޔަވަޅު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ބެލެނިވެރިންގެ ވާހަކަތަކާ ޝަފީއު ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދޭތެރެދޭތެރެއިން މާރާމާރީއެއް ހިންގި ނަމަވެސް އެއީ އާންމުކަމެއް ނޫނެވެ. އޭނާ ވިދާޅުވަނީ ސްކޫލުތައް ރައްކާތެރި ކަމަށެވެ. ސްކޫލު ވެށި ނުރައްކާތެރި ކަމަށް އެޑިއުކޭޝަނުން ގަބޫލެއް ނުކުރެ އެވެ.

"ފާހަގަ ވެފައިނެތް ކުދިންގެ ސަބަބުން ޓީޗަރުންނަށް ނުރައްކާވެދާނެ އެގޮތަށް. އެ ކުދިން ގަވައިދާ ހިލާފަށް އުޅޭ ނަމަ ފިޔަވަޅުތައް އެޅޭނެ އުސޫލުތަކެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ކުދިންގެ އަހުލާގީ މައްސަލަތައް ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީ އެއް އެކުލަވާލައިފަ އެވެ. އެ ޕޮލިސީގައި ކުއްޖެއްގެ މައްސަލަ ފާހަގަވާ ހިސާބުން އަމަލުކުރާނެ ގޮތާއި ކަންކަން ތަންފީޒު ކުރާނެ ގޮތް ތަފްސީލުކޮށް ބުނެދީފައިވެ އެވެ.

ކުދިން އިސްލާހު ކުރުމަށް ތަފާތު ނަންނަމުގައި އެކިއެކި ޕްރޮގުރާމްތައް ހިންގައި ސްކޫލުތަކަށް ސަޕޯޓިން ނިޒާމެއް އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކުށްކުރާ ނުވަތަ އަހުލާގު ގޯސް ކުދިން އާންމު ދަރިވަރުންނާއި ވަކިން ކްލާސްތަކެއްގައި ކިޔަވައިދިނުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ. އެގޮތަށް އަމަލު ކުރުން މުހިންމު ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޓީޗަރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.

އެކަމަކު، ބެލެނިވެރިންނާއި ޓީޗަރުން ބުނަނީ ގަވައިދުތައް މަތިމައްޗަށް ހެދިފައި ހުއްޓަސް އެ ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ. ގޭންގުތަކާއި ގުރޫޕުތައް އުފެދެނީ އެހެންވެ ކަމަށް އެ މީހުން ދެކެ އެވެ. ސްކޫލުގެ މާހައުލަށް ވަދެ ޓީޗަރުން ދައްކާ ވާހަކަތަކާއި ދަރިވަރުންގެ ވާހަކަތައް އަހާލީމަ، ސްކޫލުތައް އޮތީ ކޮން ހާލަތެއްގައި ކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އަހުލާގު އޮތީ ބޮއްސުން ލައިފައި ކަމެވެ.

61 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 9%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަމަ މީހެއް

26 April 2018

ރާެްޖޭގައި އޭޖް އޮފް ކްރިމިނަލް ރެސްޕޮންސިބިލިޓީ މި އޮންނަނީ ކުއްޖާއަށް 16 އަހަރުގައި ކަމަށް.. އިސްލާމީ ޝަރީޢާ ބުނާ ގޮތުންނަމަ ކުއްޖާ 8 ނުވަތަ 9 އަހަރުގައި ބޮޑު މީހަކަށް އެބަވޭ. ބެލްޖިއަމް ކަހަަލަ ކްރައިމް ރޭޓް ދަށް ތަންތަނަށް ބަލާއިރު އެތާގެ އޭޖް އޮފް ކްރިމިނަލް ރެސްޕޮންސިބިލިޓީ މި އިންނަނީ 7 އަހަރު ކަމަށް. ރާއްޖޭގެ ކްރިމިނަލް ރެސްޕޮންސިބިލިޓީ މިޙާރަށް ވުރެ ދައްކުރުމަކީ ކުށް ކުރުމުގެ މިންވަރު ދަށް ކުރެވޭނެ ކަމެއް. އަދި މީގެ އިތުރުން ކުދިން ކުރާ ކުށުގެ ޒިންމާ ބެލެނިވެރިފަރާތް ނަގަން ޖެހޭ ގޮތުގައި ކަނޑަ އެޅުމަކީ ބެލެނިވެރިން މިހާރަށްވުރެ ޒިންމާދާރު ވާނެ ކަމަށް ދެކެން..

The name is already taken The name is available. Register?

ޜޫމާ

26 April 2018

އަޅުގަނޑު ދެކޭ ގޮތުގަ މިހާރުގެ ކިޔަވާ ދިނުމުގެ ނިޒާަމްގަ ލީޑް ކުރާ ބަޔަކީ ދަރިވަރުންނާއި ބެލެނިވެރިން. މުދައްރިސުން އެއީ އެއްވެސް ބައެއް ނޫން. ކުއްޖާ ކައިރީގަ ބަހައްޓައިގެން މުދައްރިސުންނާދިމާލަށް ކިޔަނީ ކިޔާނއެ އެއްޗެއް. ޑެން ވިސްނަވާ. ކުދިން މުދައްރިސުންނަށް އިހްތިރާމް ކުރާނެތޯ.

The name is already taken The name is available. Register?

އަބްދުއްލާ

25 April 2018

މައްސަލަޔަކީ ޓީޗަރުން ނޫން އެޑިޔުކޭސަންވެސް ނޫން . ފުލުހުންވެސް ނޫން .ސިފައިންނެއްވެސް ނޫން .ހުރިހާވެސް މައްސލަޔަކީ ދަރިވަރުންގެ މައިންބަފައިން. ދަރިފުޅު އުޅޭގޮތެއް މަންމަޔަކަށް ބައްޕަޔަކަށްވެސް ނޭގެ ދަރިފުޅުގެ އަތުގާ މައިންބަފައިންނުދޭ ގިނަ އަދަދެއްގެ ފައިސާ ގެންގުޅެއިރު އެފައިސާ ހޯދާގޮތެއް ބަލާލަން ބޭނުމެއްނުވޭ. އެފައިސާގެ ބޭނުން ކޮށްގެން ނޫންކަމެއްނޭގެ މައިންބަފައިން ދިރިއުޅެނީވެސް .

The name is already taken The name is available. Register?

ވެރިޔާ

25 April 2018

މަށައް 24ގަޑި އިރަށް ފުލުހުން މުއައްސަސާ ހަވާލުކުރިޔަސް ގޭންގުތައް ނިމުމަކަށް ގެންނާނަން

The name is already taken The name is available. Register?

ރާބޮޑޭ

25 April 2018

މި ހުރިހާ މައްސަލައެއްދިމާވާން ޖެހޭ މައިގަނޑުސަބަބަކީ ތަޢުލީސިޔާސަތު ކަނޑައަޅާ ރާވާ ހިންގަންތިބޭ އިސްވެރިންނަކީ ޢަލްމާނިއްޔަތަށް ގޮސް ހުސްވެފައިވާ ބަޔަކަށް ވާތީއެވެ.

The name is already taken The name is available. Register?

އައިމިނަނިކެ

25 April 2018

މިދިޔަ އަހަރު އިސްކަންދަރު ކުއްޖަކަށް ފުރައްސާރަކޮށް ބްލީޗް ގަޔަށް ޖަހާ ހެދީ އަންހެން ކުދިންތަކެއް. ގޭންގްތަކަށް ނިސްބަތްވާ ބަޔެއް ނޫން. އެކަމަކު އެކަންވެސް ފަސް އަޅާފައި ފޮރުވީ ސްކޫލުގެ ނަން ހަޑިވެދާނެތީ އެކުދިންގެ އާއިލާތަކުގެ ނުފޫޒުން. ކުދިން ހަލާކު ކުރަނީ ހަމަ މައިންބަފައިން ދޮންފުތު ކުރާވަރުން !!

The name is already taken The name is available. Register?

އެލެކްސަ

25 April 2018

ގޭންގްތަށް މައިތިރިކޮށް ކުށްކުރާ ކުދިން މައިތިރި ކުރެވޭނެ ހަމައެކަނި މީހަކަށް މިގައުމުގައި ހުރީ އުމަރު ނަސީރު. ވާނީއަށް އެކަހަލަ ކުދިން ފޮނުވައިގެން އޭނާ އެކަން ވަނީ ސާބިތުކޮށްދީފަ.

The name is already taken The name is available. Register?

1010

25 April 2018

އައިޝާތު ޝިހާމޫ އިސްތިއުފާދޭކަށް ނުވޭތަ؟

The name is already taken The name is available. Register?

ބުލްބުލް

25 April 2018

ދަރިވަރުންގެ އަހުލާގު ގޯސްވުމުގައި ޓީޗަރުންގެ އިހުމާލުވެސް އެބަވެއެވެ. އެޑިއުކޭޝަން ސެކްޓާގައި އަދި ޓީޗަރުން އަބަދުވެސް ވިސްނުން ގެންގުޅެނީ, އެމީހުންގެ އަމިއްލަ މުސާރަ ބޮޑުކުރުމާ ފަސޭހަތައްހޯދުމާ ވަޒީފާގެ މާހައުލުގައި އަމިއްލަ ނަފްސަށް އިސްކަންދިނުން. ދުވަހަކުވެސް ދަރިވަރުންނަށް ކަމެއް ފަސޭހަކޮށް ރަނގަޅު ކުރުމުގެ ވިސްނުމެއް ޓީޗަރުން ނުގެންގުޅޭ. ދަރިވަރުންގެ އަހުލާގާ ގުޅޭ ކަމެއް ނޫސްތަކަށް މިއައީވެސް ޓީޗަރެއްގެ ކަންތަކުގައި. އެހެންވެ ހެލްތް ސެކްޓަރ ގެ މީހުން ރަނގަޅީ. އެމީހުން އަބަދުވެސް އުޅޭނީ ބަލިމީހުންނަށްޓަކައި. ކިތައް ޑޮކްޓަރުންނާތޯ ބަލިމީހުން މާރާމާރީ ހިންގީ. މީން އެއްވެސް ފަހަރެއްގާ ހުރިހާ ޑޮކްޓަރުން ހަޅުތާލުކުރިތޯ. ޓީޗަރުން ސައިޒްކުރުން މުހިންމު.

The name is already taken The name is available. Register?

ދޮނާ

25 April 2018

ކަލޭ ދުވަހަކުވެސް މުދައްރިސަކު ދެކުނިންތަ؟

The name is already taken The name is available. Register?

ދޮންދީދީ

25 April 2018

އެއްދުވަހު ހަތަރުދަމު ނިކަން މުދައްރިސުން ކުރާ މަސައްކަތް ބަލަން ގޮސް ހުރެބަލަަ ދަރިން ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރެވޭތީ.ހުރިހާމައްސަލައަކީވެސް

The name is already taken The name is available. Register?

ބުލްބުލާ

26 April 2018

ޓީޗަރުންގެ އިހުމާލު އޮވޭ މިކަމުގަ.. ހާސަކޮއް ކުދިން ތަފާތު ކުރުން ވަރަށް ބޮޑު ....

The name is already taken The name is available. Register?

ތުނިޔަ

26 April 2018

ޓީޗަރުންނަށްވުރެ ބުރަ މަސައްކަތްކޮށް ލިބޭ މުސާރަ ކުޑަބައެއް މިގައުމުން ދައްކަބަލަ! އަމިއްލަ ދަރިފުޅަށް ތިބޭފުޅާ ކިޔަވަދެނީ ގޭގަ ބަހައްޓައިގެންތޯ؟

The name is already taken The name is available. Register?

ަހަލާކު ތިޔަ

26 April 2018

މަށަށް ހީވަނީ ސައިޒު ކުރަންވީ ކަލޭމެން ކަހަލަ ތަންދޮރު ނުދަންނަ މީހުންހެން.

The name is already taken The name is available. Register?

ބުލްބުލް

25 April 2018

ދަރިވަރުންގެ އަހުލާގު ގޯސްވުމުގައި ޓީޗަރުންގެ އިހުމާލުވެސް އެބަވެއެވެ. އެޑިއުކޭޝަން ސެކްޓާގައި އަދި ޓީޗަރުން އަބަދުވެސް ވިސްނުން ގެންގުޅެނީ, އެމީހުންގެ އަމިއްލަ މުސާރަ ބޮޑުކުރުމާ ފަސޭހަތައްހޯދުމާ ވަޒީފާގެ މާހައުލުގައި އަމިއްލަ ނަފްސަށް އިސްކަންދިނުން. ދުވަހަކުވެސް ދަރިވަރުންނަށް ކަމެއް ފަސޭހަކޮށް ރަނގަޅު ކުރުމުގެ ވިސްނުމެއް ޓީޗަރުން ނުގެންގުޅޭ. ދަރިވަރުންގެ އަހުލާގާ ގުޅޭ ކަމެއް ނޫސްތަކަށް މިއައީވެސް ޓީޗަރެއްގެ ކަންތަކުގައި. އެހެންވެ ހެލްތް ސެކްޓަރ ގެ މީހުން ރަނގަޅީ. އެމީހުން އަބަދުވެސް އުޅޭނީ ބަލިމީހުންނަށްޓަކައި. ކިތައް ޑޮކްޓަރުންނާތޯ ބަލިމީހުން މާރާމާރީ ހިންގީ. މީން އެއްވެސް ފަހަރެއްގާ ހުރިހާ ޑޮކްޓަރުން ހަޅުތާލުކުރިތޯ. ޓީޗަރުން ސައިޒްކުރުން މުހިންމު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!